އެހަނދާން 3
“ލީން އަށް އިނގޭތަ މި ނައު ނިކަން ލޯބިވާ ކުއްޖެއް ހުންނާނެ. އެނގޭތަ އެއީ ކާކުކަން. ޒައުލް އޯ” ޒިއުނާ ހޭން ފަށާފައި ބުނެލީ ނައުރާ ގެ ހަމަލާއަކަށް ތައްޔާރުވެ އިނދެއެވެ. ޒިއުނާ އަށް ދެން ފެނުނީ ނައުރާ އަރައިގެން އިން ފައިވާން ކިބަ އަތައް ނެގި ތަނެވެ.
******
އެހެންކަމުން ޒިއުނާ އަވަހަށް ދުއްވައިގަތީ ނައުރާގެ ހަމަލާއިން ރެކިގަތުމަށެވެ. ނައުރާ ވެސް ޒިއުނާ ފަހަތުން ފައިވާންކިބަ ހިފައިގެން ދުއްވައިގަތެވެ. ލާމިއުވެސް އެމީހުނަށް ގުޅާފައި އަންނަން ބުނެފައި ޒިއުނާމެން ޖަހާ ސަކަރާތް ބަލަން އިނެވެ. ލާމިއު މެނަކަށް މިއީ އައު ކަމެއް ނޫނެވެ. ޒައުލް އާއި ނައުރާއަކީ ‘އެނެމީސް’ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލޫތުވެސް ދެފަރާތައް ބޯހޫރާލިއެވެ. ޒިއުނާ އެހެން ބުނުމުން ނައުރާ އަށް ވީގޮތް ފެނިފައި، ރައިލީން އަށް ވީ ގޮތް ފަހުމުވިއެވެ. އަދި ނައުރާމެން އުޅޭގޮތް މަޖާވެފައި ބަލަން އިނެވެ. ދެމީހުން ދުވެ ދުވެފައި ނައުރާ އަށް ޒިއުނާ އަތު ނުވުމުން, އަތުގައި ހުރި ބާރެއްލާފައި އަތުގައި އޮތް ފައިވާންކިބަ ޒިއުނާ އާއި ދިމާލަށް ނައުރާ އެއްލިއެވެ. ނަމަވެސް ދެންވީ އަދި މާ މަޖާކަމެކެވެ. އެ ފައިވާންކިބަ ގޮސް ޖެހުނީ ދޮރާށިން ވަދެގެން އައި ޒައުލްގެ ގައިގައެވެ. އެތަން ފެނި ޒިއުނާ ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ފެށީ ހޭށެވެ. ލާމިއު އަދި ލޫތުވެސް ހޭންފެށިއެވެ. ރައިލީން އިނީ އަނގަމަތީ އަތް އަޅައިގެން ހިނިގަނޑު ހިފަހައްޓައިގެންނެވެ. ޒައުލްގެ ކައިރީގައި ހުރި މާޒިންގެ ގާތައްވެސް ހިނިއައެވެ. ނައުރާވެސް ކަޑަ ނުވާންވެގެން، އައިސް އަހަރުން ކުރިމައްޗައް އަރަންޖެހޭ ހޭ ބުނެލިއެވެ. ޒައުލް އަކީވެސް ރީތި ޒުވާނެކެވެ. ނަމަވެސް މި ރީތި ކަމުގައި ނައުރާ އެއް ނުޖެހޭނެއެވެ. “މަ ދޯ އަދިވެސް ގޯސްވީ. ނުދޭނަން ދެން މި ފައިވާން ކިބައެއް” ޒައުލް އޭނާ ގައިގައި ޖެހިފައި ބިންމައްޗައް ވެއްޓުނު ފައިވާންކިބަ އަތައް ނަގަމުން ބުނެލިއެވެ. ޒިއުނާގެ ހެއުން ވީ އިތުރެވެ. “ތި ފައިވާން ތީ ތިބޭފުޅާގެ ރުފިޔާއިން ގަނެފައި އޮތް އެއްޗެއް ނޫން. ގެނޭ” ނައުރާ ބުނެލީ އެއް އުކުޅުގައި އަތް ވިއްދާލައިގެން ހުރެ މަޖާ ރާގަކަށެވެ. “އަމިއްލަ އަކަށްނު މަށާ ދިމާލަށް ފައިވާންކިބަ އެއްލީ” ޒައުލް އެއްބުމަ ހިއްލާލަމުން ބުނެލިއެވެ. “ޒައުލް ކައެ ހުއްޓާދެން. ތިދެމީހުންގެ ޒުވާބު އަޑުއަހާކަށެއްނޫން މަ ކައެ މިތަނަށް ގެނައީކީ” ލޫތު ބުނެލީ ދެން މިދެމީހުންގެ ޒުވާބު ނުނިމޭނެކަން އެނގޭތީއެވެ. ޒައުލް ނައުރާ އާއި ދިމާލަށް ލޯ އަޅާލައިފައި، ހުރިތަނަށް ފައިވާން ކިބަ ވައްޓާލާފައި ގޮސް ޖޯލީގައި އިށީނދެލިއެވެ. ރައިލީން ވަނީ ޢީދު ތެރެއިން ޒައުލް އާއި ދެ ތިން ފަހަރަކު ދިމާވެފައެވެ. ނަމަވެސް ޒައުލް އާއި ދިމާވި އެއްވެސް ފަހަރަކު ނައުރާ ނެތުމުން އެމީހުންގެ ގުޅުން ނޭނގުނީއެވެ. ނައުރާ ވެސް ތުން އަނބުރާލާފައި ގޮސް ފައިވާނަށް އަރާފައި ކުރިން ވެސް އިން ޖޯލީގައި އައިސް އިށީނެވެ. “ކޮބާ ޝުބާ؟” ޒިއުނާ އަހާލީ ޒައުލް މެން އައިރު ޝުބާ ނައުމުންނެވެ. “މަ ނުގުޅަން” ބޯކަހާލަމުން ލާމިއު ބުނެލިއެވެ. “ޕިސް ޕިސް، މަ ޒައުލް މެނަށް ގުޅާށޭ ބުނީމަ ހަމަ ގުޅީ ޒައުލް މެނަށް ދޯ” ލޫތު ލާމިއުގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. “މަށަށް ކިހިނެތްތަ އިނގޭނީ” އެހެން ބުނެ ލާމިއު ފޯނު ނަގާފައި ޝުބާ އަށް ގުޅިއެވެ. އޭގެ އިރުކޮޅެއް ފަހުން ޝުބާ އައުމުން އެންމެން ދަތުރުގެ ކަންކަން މަޝްވަރާ ކުރަން ފެށިއެވެ. “ހަމަ ފަޅު ރަށަކަށްތަ ދަނީ؟” ދައްކަމުންދިޔަ ވާހާކައިގެ ތެރެއިން ރައިލީން ގަޔާ ނުވެފައި އިންކަހަލަ ގޮތަކަށް ބުނެލިއެވެ. “ކަމޯން ގާލް, މަޖާވާނޭ” ޝުބާ ވަރަށް ފޯރިއާއެކު ބުނެލިއެވެ. ނަމަވެސް ރައިލީން އަށް އެއީ ރަނގަޅު ހިޔާލެއް ކަމަކަށް ނުފެނުނެވެ. އެތަނަށް ގޮސް ކަމެއް ވިޔަސް އެހީވާނެ ބަޔަކު ނުތިބޭނެއެވެ. އަދި އަމުދުން ރައިލީން އަށް މާމަ ކިޔައިދޭ ބިރުވެރި ވާހަކަ ތަކުންވެސް ދާކަށް ނުކެރޭނެއެވެ. އެހެންނޫނަސް ރައިލީންމެން އެކަނި ފަޅު ރަށަކަށް ދާކަށް ރައިލީންގެ ހިތް އެއްބަހެއްވެސް ނުވެއެވެ. “ތެދެ, ހިޔެއްނުވެ މަންމަމެން އަހަރެމެން އެކަނި ފޮނުވާނެ ހެނެއް” ޒިއުނާވެސް ރައިލީންގެ ކޮޅަށް އެރިއެވެ. “ސޯ, މަންމަމެންވެސް ދާގޮތައް؟ އޭރުން އޯވާ ނައިޓް އަކަށްވެސް މަޑުކުރެވިދާނެ އެއްނު” ލާމިއު ވަރަށް އެ ދަތުރު ދާން ބޭނުންވެފައިހުރިކަން އޭނާގެ ދެލޮލުން ހެކިދެއެވެ. “ވާވއު!!. އައި އޯލްވޭސް ހޭވް ޑްރީމްޑް ފަޅު ރަށެއްގަ އޯވާ ނައިޓް ހަދާލަށް” ހިޔާލަކަށް ގެއްލިފައި އިން މީހަކު ފަދައިން ނައުރާ ބުނެލިއެވެ. “އޫ!! އޭރުން ‘ބޮންފަޔާ’ ވެސް ހެދޭނެ ދޯ!؟” ޒިއުނާ އަށްވެސް މަޑަކުން ނީނދެވުނެވެ. “ލޫތު ކައެ ގިޓާ ގެންދަން ޖެހޭނެ, އެރެއަށް ކައެގެ ޖޮބަކީ އަހަރުންނަށް ލަވަ ކިޔާ ދިނުން” މާޒިން އެހެން ބުނީ ލޫތު އަކީ އަބަދުވެސް ގިޓާ ޖެހުމާއި ލަވަ ކިޔުމުގައި އެއްވަނަ އަށް ވާތީއެވެ. މަޑުމަޑުން އިން ރައިލީންގެ ސަމާލުކަން ވެސް އެ ކަމަށް ހުއްޓުނެވެ. މީގެ ކުރިން ރައިލީން އަކަށް ލޫތު ލަވަ ކިޔާ ކަމެއް ނޭނގެއެވެ. “ނުގެންގޮސްފިއްޔާ؟” ޖެއްސުން ކުރާ ކަހަލަ މޫޑް އެއްގައި ހުރުމުން ލޫތު ބުނެލިއެވެ. “ބިޓު ކޮޔަށް އެކަނިތަ ލަވަ ކިޔައިދޭން ވަނީ. އަހަރުން މީ އެއްވެސް ބައެއްނުން ދޯ. އޯކޭ އޯކޭ” ވަރަށް ދެރަވާކަމަށް ހެދެމުން ޒައުލް ބުނެލިއެވެ. ޒައުލް މިހެން ބުނެލި ކަމެއް ނޭނގި ރައިލީންގެ ނަޒަރު ގޮސް ހުއްޓުނީ ލޫތުއަށެވެ. ލޫތުވެސް ބަލާލީ ރައިލީން އަށް ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވީއެވެ. ނަމަވެސް ރައިލީން ވަގުތުުން އިސްޖަހާލިއެވެ. ޒައުލް އެހެން ބުނީ މަޖަހަލަކަށް ނަމަވެސް ރައިލީން އަށް އެކަން ނެގުނީ ސީރިޔަސްކޮށެވެ. ރައިލީން އަށް ވިސްނުނީ އެއީ އަސްލެއް ކަމުގައެވެ. ރައިލީން އަށް ލޫތު އޭނާއާއި ދިމާލަށް ބަލާކަން އިހުސާސް ވިޔަސް އަޅާނުލާ އިނީއެވެ. ލޫތުވެސް ނަޒަރު ޒައުލް އާއި ސީދާ ކޮށްލާފައި މަ ކޮންއިރަކުހޭ ބިޓެއް ގެންގުޅުނީ ބުނެލިއެވެ. އެހެން ބުނުމުންވެސް ރައިލީން އަށް ހީވީ ރައިލީންމެނަށް އެކަން އެނގެން ލޫތު ބޭނުން ނުވަނީ ކަމުގައެވެ. ރައިލީން އަށް ނުވިސްނުނު ކަމަކީ އޭނާ އެކަމާ ދެރަ ވާންޖެހޭ ސަބަބެވެ. ކޮންމެ މީހަކު ކޮންމެ މީހަކާ ރައްޓެހިވިޔަސް އޭނާއަށް ކީއްހެއްޔެވެ. “ދެން މިއަދު ހަވީރު ދޯ ދަތުރު ރާވާނީ ތިއްތިމެންނާ އެއްކޮށް” ރައިލީން އެކަނި ވެލަން ބޭނުންވެފައި އިނުމުން ބުނެލިއެވެ. އެންމެންވެސް އެކަމާ އެއްބަސްވީ ފުދޭވަރަކަށް ގިނައިރު އެތާ އެމީހުންނަށް ތިބެވިފައިވާތީއެވެ. އޭރު ގަޑިން އެގާރަގަޑި ބައި ވަނީއެވެ. ދިއްލާލާފައިވާ އަވިން ލޮލަށްވެސް އުނދަގު ވާނެކަން ގައިމެވެ.
އެންމެ ފުރަތަމަވެސް ގޮސް ގެއަށްވަނީ ރައިލީންއެވެ. އެހެން މީހަކަށް ރައިލީން އަށް އައި ބަދަލު ފާހަގަ ނުވި ނަމަވެސް ލޫތު އަށް ފާހަގަވިއެވެ. ލޫތުވެސް ރައިލީން ގެއަށް ވަތްތަން ބަލަން އިރުކޮޅަކު ހުރެފައި ލާމިއުމެން ގާތު ދަނީ އޭ ބުނެ ހިނގައިގަތެވެ. އޭނާގެ ފަހަތުން މާޒިން އާއި ޒައުލްވެސް ދިޔައެވެ. ޝުބާ ދިޔައީ އެމީހުން ދިޔަތާ އިރުކޮޅެއް ފަހުންނެވެ.
ހަވީރު އައިމާމެންނާ އެންމެން ދަތުރުގެ ވާހަކަ މަޝްވަރާކޮށްފައި ނިންމީ ހޮނިހިރު ދުވަހު ދަތުރު ދިއުމަށެވެ. ދުވަހަކީ ބުރާސްފަތިދުވަސްކަމުން ދެންއިންނާނީ ހުކުރަށްވީމައެވެ. އޭރުން ދަތުރުގެ ހުރިހާ ކަމެން ހުކުރުދުވަހު ނިންމާލެވޭނެތީއެވެ.
ފޯނު ރިންގުވާ އަޑަށް ނަމާދުން ސަލާމް ދީފައި ރައިލީން އެނދުމަތީ އޮތް ފޯނަށް ބަލާލިއެވެ. އޭރު ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ. ގުޅަނީ މަންމައެވެ. އެހެންކަމުން ރައިލީން އަވަސް އަވަހަށް ފޯނުނެގިއެވެ. ރައިލީން މަންމަ އާއި އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. އިރުކޮޅަކުން އެކޮޓަރިއަށް އައިސް ވަތް ނައުރާ ފެނި މަންމަ ގާތު ފަހުން ގުޅާނަމޭބުނެ ރައިލީން ފޯނު ބޭއްވިއެވެ. އަދި ނައުރާ އަށް އެއްބުމަ ހިއްލާލާފައި ބަލާލިއެވެ. ކިހިނެއް ވީތޯ އަހާލާފަދަ ގޮތަކަށެވެ. އަދި މުސައްލަ ނާގަފައި އެ އޮންނަ ތަނުގައި ބާއްވާފައި އައިސް އެނދުމަތީ ހަމަޖެހިލިއެވެ. ނައުރާވެސް ފޫހި ވަނީ އޭ ކިޔާ ޝަކުވާ ކުރަން ފެށިއެވެ. “ޒިއުނާ ކޮބާ؟” ރައިލީން އެހެން ބުނުމުން ނައުރާ މަޑުކުރުމަށް ބުނެ ރައިލީން ގާތު ފޯނު ދިނުމަށް ބުނެލިއެވެ. ރައިލީންވެސް ނައުރާއާއި ދިމާލަށް ލޯ ކުޑަކޮށްލާފައި ބަލާލާފައި ކީއްކުރަންތޯ އަހާލިއެވެ. “ތި ދީބަލަ ދޯ” ނައުރާ ރައިލީން އަތުން ފޯނު ދަމައިގަތެވެ. ނައުރާ އަށް ރައިލީންގެ ފޯނުގެ ޕާސްވޯޑް އެނގޭކަމުން ފަސޭހަ ކަމާއެކު ފޯނު އަންލޮކް ކޮއްލާފައި ޒިއުނާ އަށް އެ ކޮޓަރިއަށް އައުމަށް މެސެޖު ކޮއްލިއެވެ. ރައިލީންއަށް ދެފަރާތައް ބޯހޫރާލެވުނީ އެހާ ކައިރީގައި ކޮޓަރި ހުރިއިރުވެސް ފޯނުން މެސެޖު ކުރުމުންނެވެ. ޒިއުނާ އައުމުން ތިންމީހުން ތިބީ ވާހަކަ އަޅުވައިލައިގެންނެވެ. އެހެންތިއްބާ މައިރީން އައިސް ކާން ގޮވުމުން ތިންމީހުނަށް ޖެހުނީ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާފައި ތިރިއަށް ދާށެވެ.
ދުވަހަކީ ހުކުރުދުވަސްކަމުން އެންމެންވެސް ދަތުރުގެ ކަންކަމައިގެން ނުކުތީ މެންދުރުފަހުއެވެ. ލޫތުއަށް ރައިލީން އޭނާ އާއި ދުރު ދުރުން އުޅޭކަން ފާހަގަވިޔަސް އެކަން މާބޮޑު ކަމަކަށް ނުހަދާ ހުރީއެވެ. ގަންނަން ޖެހޭ އެއްޗެހި ގަތުމުގައްޔާއި އެކި ކަންކަމުގައި އެންމެން އުޅެމުން ދިޔައެވެ. ދަތުރު ދާނެ ޑިންގީ އާއި އެއްޗެހި ހަމަޖެއްސުމުގައި އުޅުނީ ޔާސިރު އާއި ޒާލިމް އެވެ. އޯވާ ނައިޓްވެސް ކުރާގޮތައްދާން އެހާ ފަސޭހައިން ޔާސިރުމެން އެއްބަސްވީ ކުދިން ބޭނުންވާގޮތައް ކަން ކޮއްދިނުމަށް ބޭނުންވާތީއެވެ.
ޒިއުނާމެން ފޫހިވެގެން އުޅޭތީ ރައިލީންމެން ނިންމީ ހަވީރު ބީޗާ ދިމާލަށް ހިނގާލަން ދިއުމަށެވެ. ދަތުރު ދިޔުމަށް ވާންޖެހޭ ތައްޔާރީތައް ބޮޑުބައި ނިމިފައިވާތީއެވެ. އެންމެން ތައްޔާރުވެގެން އެއްތަންވީއިރު ހުރީ 4.30 ވެފައެވެ.
އެންމެން ހިނގައި ގަނެފައިވެސް ޒިއުނާއަށް އެއްޗެއް ފާހަގަ ވުމުން އެއްޗެކޭ ބުނެނުލާ ނުހުރެވުނެވެ. “ހާދަ އެއްކުލަ ކުދިން ފެނެޔޭ އެބަ” އެންމެންގެ ސަމާލުކަން އައިސް ޒިއުނާ އަށް ހުއްޓުނެވެ. ނަމަވެސް ނައުރާ އަށް ކަޅި މައްޗައް ހިންގާހެވުނީ އެ ގާއުކަނީ އޭނާ އަށާއި ޒައުލްއަށްކަން އެނގުމުންނެވެ. “ކުލަ ކިޔައިގެން ކަންނެ ދޯ ބައެއް މީހުން” ރައިލީންވެސް ނައުރާ އަށް ޖެއްސުމަށް ބުނެލިއެވެ. “މަށެއް ނޫޅެން މީހަކާ ކުލަ ކިޔައިގެނެއް” ޒައުލްވެސް ބުނެލީ މިއަދު މިއޮތީ ކަންތަކާ ލައިގަނެފައޭ ހިތައްއަރާފައެވެ. “ކާކު, ކާޅެއްވެސް ބޭނުމެއް ނުވާނެ ތިމީހައާއި އެއްކުލަ ކުރާކަށް” ޒައުލް އާއި ދިމާލަށް ލޯއަޅައިގެން ހުރެ ނައުރާ ބުނެލިއެވެ. “އޯކޭ އޯކޭ ޑަން” ޒައުލް އެއްޗެކޭ ބުނަން އުޅުމުން އެދޭތެރެއަށް ވަނީ ލާމިއުއެވެ.
އެންމެން އެކި ވާހަކައިގައި ތިބެގެން ދިޔައިރު އޭގެ ބޭނުންހިފައި ތަންކޮޅެއް ފަހަތުގައި އެތަނުން ފެނުނު ދޫއްޏެއްގެ ފޮޓޯނަގަން ހުރި ރައިލީންގެ ކައިރިއަށް ލޫތު ޖެހިލިއެވެ. “ހާދަ ދުރު ދުރުންނޭ ތިއުޅެނީ” ރައިލީންއަށް ރަނގަޅަށް ބަލާލަމުން ލޫތު ބުނެލިއެވެ. އޭރު އެމީހުން ތިބީ ބީޗް އަށް ވަލުމަގުން ދެވެން އޮތް މަގުގައެވެ. އާދައިގެ މަގުން ދެވެން އޮތް ނަމަވެސް އެހެން ދިއުމުން މާ އަވަހަށް ދެވޭނެ ކަމަށް ލާމިއު ބުނުމުން އެހެން ދިއުމަށް އެންމެން ނިންމީއެވެ. ރައިލީން ލޫތު އާއި ދިމާލަށް ބަލާލިއެވެ. އަދި ކަމެއް ނުވާކަމަށް ބުނެފައި ހިނގައިގަތެވެ. ނަމަވެސް ލޫތު ރައިލީންގެ އަތުގައި ހިފިއެވެ. އެހެންކަމުން ރައިލީން އަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާލާކަށް ނުކެރުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


gurrrrl mashallah vrh reethi
when is next im so curious to know abt raileen n looth ge baiii n naura n zaul tooo
edhemeehun gulhuvahcheyy they both are made for each others
cant wait
keep it upp
love you 😍
Yess, thankyouu.. I’ll post liyevunuhaa avahakah Insha Allah.
When’s next??? Curiously waiting vrh reethi mi vhk ❤️
Thankyouu. I’ve posted 4th vana ep, publish v ma kiyaalan libeyne Insha Allah.