އެހަނދާން 4
ރައިލީން ލޫތު އާއި ދިމާލަށް ބަލާލިއެވެ. އަދި ކަމެއް ނުވާކަމަށް ބުނެފައި ހިނގައިގަތެވެ. ނަމަވެސް ލޫތު ރައިލީންގެ އަތުގައި ހިފިއެވެ. އެހެންކަމުން ރައިލީން އަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާލާކަށް ނުކެރުނެވެ.
******
“ކަމެއް ވީތޯ އެއް ނޫނެއްނު އެހީ. އޭގެ މާނައަކީ ކަމެއް ވީއޭތަ؟” ރައިލީން އަށް ދެލޯމަރާ ބާރު ކޮށްލެވުނެވެ. އަދި އޭނާގެ އަތް ލޫތުގެ އަތުތެރެއިން ދަމައިގަނެވޭތޯ ބެލިއެވެ. ނަމަވެސް ރައިލީން, އަތް ދަމައިގަންނަން އުޅުމުން ލޫތު ރައިލީންގެ އަތަށް ބާރުކޮށްލިއެވެ. ރައިލީން މަޑުމަޑުން ލޫތު އާއި ދިމާލަށް އެނބުރުނެވެ. އަދި އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް ނައުރާ, ދެމީހުން ފަހަތުގައި ކީއްހޭ ތިކުރަނީ ކިޔާފައި ކުޑަކޮށް ހަޅޭއް ލަވައިގަތުމުން ދެމީހުންގެ ސަމާލުކަންވެސް ދިޔައީ ނައުރާ މެނަށެވެ. އަދި ވަގުތުން ރައިލީން އޭނާގެ އަތް ލޫތުގެ އަތުތެރެއިން ދަމައިގަތެވެ. އެމީހުނަށް ފާހަގަ ނުވާނޭ ގޮތަކަށެވެ. އަދި އެތަނުން ފެނުނު ދޫންޏެއްގެ ފޮޓޯ ނަގަން މަޑުކުރީ ކަމަށް ބުނެ ރައިލީން މަޑު ދުވުމެއްގައި ގޮސް އެމީހުނާއި އެއްވަރު ކުރިއެވެ. ރައިލީން އެހެން ބުނުމުން އެކަކުވެސް މާބޮޑަކަށް އެކަމަކާ އަޅައެއް ނުލައެވެ. ނަމަވެސް ޒިއުނާ ރައިލީން އަށް ދިމާކުރާ ފަދަ ނަޒަރެއް ދިނެވެ. ލޫތުވެސް ފަހަތުން އައިސް އެމީހުނާއި އެއްވަރު ކުރިއެވެ.
ބީޗް އަށް ދެވެންދެންވެސް އެންމެން ތިބީ އެކި ވާހަކައިގައެވެ. އިރު އިރުކޮޅުން ނައުރާ އާއި ޒައުލްގެ ކުދި ކުދި ޒުވާބު, ދެއެވެ. ލޫތުގެ ނަޒަރުވެސް އިރު އިރުކޮޅުން ރައިލީންއަށް ދަތުރުކޮށްލައެވެ. އެންމެން ވާހަކަ ދައްކަ ދައްކާފައި އުޅުނު އިރުވެސް ރައިލީން ހުރީ މަޑުމަޑުންނެވެ.
ހިތްގައިމު ހެނދުނެކެވެ. ބަނދަރުމަތީގައި އެންމެން ހަމަވެފައި ތިބި އިރުވެސް, މަދީ ރައިލީންމެންނެވެ. އެންމެން އެއްކޮށް އަންނަން ހިނގައިގަތް ނަމަވެސް އެމީހުން ތިބީ ވާހަކަ އަޅުވައިލައިގެން އެންމެ ފަހަތުގައިކަމުން, އަދިވެސް ބަނދަރުމަތިން ދައްކާ ނުލައެވެ. ގެއާއި ބަނދަރާއި ހުންނަނީ ރަށުގެ ދެ ދިމާލުގައެވެ. އެހެންނަމަވެސް އެންމެން ހިނގާފައި އައުމަށް ނިންމީއެވެ. ގެންދާ ސާމާނު ޒާލިމުމެން ކުރީބައިގައި ގެނެސްފައިވާތީ އާއިވެސް އެކުގައެވެ.
“އެކަމަކުވާ, ފައިގައި ތެރަސް ހާކައިގެންތަ ތިއުޅެނީ އެންމެން” ޒިއުނާމެން އައިސް އެމީހުން ކައިރި މަޑުކޮށްލުމުން ލާމިއު ބުނެލިއެވެ. ލާމިއުމެން ހަމަ ޔާސިރުމެނާއި އެއްވަރަށް އައިސްފިއެވެ. “ހެވެއްނު, ޕިކަޕެއްގަ އަންނަން ބުނީމަވެސް ތިބޭފުޅާ އެއްނު ބުނީ ހިނގާފައި ދިޔައިމައި މާ މަޖާވާނޭ” ޒިއުނާވެސް ލާމިއު އަކަށް ދޫނުކުރިއެވެ. އައިމާވެސް ހިނިއައިސްފައި ހުރެ ދެފަރާތައް ބޯހޫރާލީ އޭނާގެ ދަރިންގެ ސިޔާސަކަން ފެނިފައެވެ.
އަމާން ދަތުރަކަށްފަހު, އެރަށަށް ދެވިއްޖެއެވެ. ރީތި ދޮންވެލިގަނޑެއްގައި ފައި އެޅުމުން ރައިލީން އަށް ކުރެވުނީ މުޅީން އައު އިހުސާސެކެވެ. ވަށައިގެން ބަލާލެވުނީ ތަނުގައިވާ ގުދުރަތުގެ ރީތިކަމުންނެވެ. ރީތި ތުނޑިއެއްވާ އެ ރަށަކީ ވަރަށް ގިނަ މީހުން ޕިކްނިކް އަންނަ ރަށެކެވެ.
އެންމެ ފުރަތަމަވެސް ޔާސިރުމެނާއި އެކު ލާމިއުމެން އުޅެގަތީ ޓެންޓުތައް ޖެހުމުގައެވެ. މައިރީންމެން އުޅެގަތީ ހެނދުނުގެ ނާސްތާ ހަދާށެވެ. ރައިލީންމެންވެސް މައިރީން މެނަށް އެހީވުމުގައި އުޅުނެވެ. “ދަރިންނޭ ދޭބަލަ ނިކަން ކުޅިވަރެއް ކުޅެން” އެކުދިން ލައްވާ މަސައްކަތް ކުރުވަން ބޭނުން ނުވުމުން ޒުލައިހާ ބުނެލިއެވެ. “އެކަމް މާމާ…” ރައިލީން ބުނެލީ އެމީހުނަށް ނުހަނު އެހީވާ ހިތުން ހުރުމުންނެވެ. ނަމަވެސް އެންމެ ފަހުން އެންމެން ޖެހުނީ މާމަގެ ބަސްއަހާށެވެ.
ރައިލީންމެން ގޮސް ޖައްސާލީ އެތާހުރި ރުއްބުޑެއް މަތީގައެވެ. އެތަނަށް އެތާ ހުރި ބޮޑު ގަހުން ހިޔާ އެޅިފައިވާއިރު ވަރަށްވެސް ހިތްގައިމެވެ. ރައިލީންމެން ނިންމައިގެން ތިބީ ލާމިއުމެން އެމީހުންގެ މަސައްކަތް ނިމުމުން, ފައިގަތަޅާ ކުޅޭށެވެ. އެހެންކަމުން އެތާ ފޫހިވެފައި ތިބުމުގެ ބަދަލުގައި ގެނައި އޫނޯ ކާޑުތައް ގެނެސްފައި ފެށީ އޫނޯ ކުޅޭށެވެ.
****
“އުޅޭ ފައިގަތަޅާ ކުޅެން” އެހެން ތިއްބާ ލާމިއު އައިސް އެތާ މަޑުކޮށްލުމުން ޝުބާ ބުނެލިއެވެ. “ބޯޅައެއް ގެނައިންތަ” މާޒިންވެސް ބުނެލީ އައިސް އެތާ ދޮންވެލިގަނޑު މަތީ އިށީންނަމުންނެވެ. “ބޯޅަ ނުގެނެސް ހުންނާނެތަ ދޯ ޒައުލް” ލޫތު, ފައިން ބޯޅަ ‘ޖަގްލް’ ކުރަމުން އައިސް ޒައުލް އަށް ދޯދިނެވެ. “ތެދެ މިސޮރު ހުއްޓަ ބޯޅައެއް ނޯވެ, ދާނެތަ” ހިނިގަނޑެއް ޖަހާލާފައި ޒައުލްވެސް ބުނެލިއެވެ. އަދި ގޮސް ނައުރާގެ އަތްބައި ނައުރާގެ އަތުން ދަމާއިގަނެފައި, އެ ކާޑުތަށް ކިޔަންފެށިއެވެ. “ޕިސް ޕިސް. ޒައުލް ކައެއަށް އެކުއްޖަ އާއި ބެހިނުލާ ހަމަ ކެއްނުވަނީ ދޯ” ލޫތު ދެފަރާތައް ބޯހޫރާލަމުން ބުނެލިއެވެ. “ބަހައްޓަ, ހުރެދާނެނު އެ ކިޔަ ކިޔާ” ނައުރާ މިފަހަރު އެކަމަކާ މާ ބޮޑަކަށް ނޫޅުނެވެ. “އައްދެ, މިއަދު މޫސުން އެހާ ރަނގަޅު ހެނެއް ހިޔެއްނުވެ” ލޮލުގެ ހިމަކޮޅުން ނައުރާ އަށް ބަލާލަމުން ޒައުލް ބުނެލިއެވެ. ނަމަވެސް ނައުރާ އަޅާނުލާ އިނީއެވެ.
އެންމެން ކުޅެން ތައްޔާރުވި ނަމަވެސް ހުރިހާ ކުދިން ސައިބޯން އައުމަށް ޒުލައިހާ ގޮވުމުން ފުރަތަމަ ދިޔައީ ސައިބޯށެވެ. ސައިބޮއި ނިމިގެން ކުޅެން ފެށިއިރު, އެއް ފަރާތުގައި ބޯޅަ އުކަން ހުރީ މާޒިންއެވެ. އަދި އަނެއް ފަރާތުގައި ހުރީ ޒައުލްއެވެ. ދެންތިބި އެންމެން ތިބީ މެދުގައެވެ. އެންމެ ފުރަތަމަ ވެސް ޒައުލް އެއްލި ބޯޅަ ގޮސް ޖެހުނީ ނައުރާގެ ގައިގައެވެ. ވަގުތުން ޒިއުނާ ހޭންފެށިއެވެ. ދެން ތިބި އެންމެނަށްވެސް ހެވުނެވެ. “ޔޫ!!!!. ސޯ ނޮޓް ފެއަރ” ބިމުގައި ދެފައި ތަޅައިގަނެފައި ނައުރާ ބުނެލިގޮތުން ޒައުލް އަށްވެސް ހެވުނެވެ. “އަމިއްލަ އަކަށްނު ބޯޅަ ކުރިމައްޗައް އެރީ” ޒައުލް ހީވަނީ ނައުރާ ރުޅި އަރުވަން އުޅޭހެންނެވެ. “ނޯވޭ!!, ޔޫ ލިޓްރެލީ ޑިޑް އިޓް އޮން ޕާޕަސް. ލީންމެން އެތިބީ ހެކިވެރިންނަށް” އެހެން ބުނުމުން ޒައުލް ބަލާލީ ރައިލީން އަށެވެ. “ލީން ނުވައްދަ ތި ދޭތެރެއަށް” ރައިލީންވެސް އަރާނެ ކޮޅެއް ނޭނގުމުން ބުނެލިއެވެ. މައިރީންމެން އެންމެން ސައިބޮއި ނިމުމުން ދިޔައީ ރަށުތެރެ ބަލާލާށެވެ. އެހެންކަމުން އެވަގުތު އެ ދިމާލުގައި ތިބީ ރައިލީންމެން އެކަންޏެވެ. ރައިލީން އެހެން ބުނުމުން ޒައުލް ނައުރާ އާއި ދިމާލަށް ދޫ ނެރެލިއެވެ. “ލީންވެސް ތިއެރީ ޒައުލްގެ ކޮޅަށް, ނޮޓް ފެއަރ” މޫނު އަނބުރާލާފައި ނައުރާ ބުނެލީ ލޯބި ގޮތަކަށެވެ. “އަޅެ ލީން ނާރަމެއްނު އެއްވެސް ކޮޅަކަށް. އޯކޭ, އުޅޭ އަލުން ފަށަން” ރައިލީން ބޭނުންވީ ނައުރާ ހިތްހަމަޖައްސަ ދޭށެވެ. ރައިލީން އެހެން ބުނުމުން ނައުރާވެސް ހަމަ ޒައުލް ހެދި ފަދައިން ޒައުލް އާއި ދިމާލަށް ދޫ ނެރެލިއެވެ. ބަލި ގަބޫލު ކުރާށޭ ބުނާފަދަ ގޮތަކަށެވެ.
އަނެއްކައިވެސް އަލުން ކުޅެންފެށިއެވެ. ނަމަވެސް މިބުރު އެންމެ ފުރަތަމަ ބޯޅައިން ޖެހުނީ ރައިލީންގެ ގައިގައެވެ. އެހެންކަމުން ރައިލީން ގޮސް ޖައްސާލީ އެތާހުރި ރުއްދަށުން އެޅިފައިވާ ހިޔާގަނޑުގައެވެ. އަދި އެމީހުން ކުޅޭތަން ބަލަން އިނެވެ. ނަމަވެސް ރައިލީން އަށް ނޭނގުނު ކަމަކީ ރައިލީންގެ އެ ހަރަކާތްތައް ބަލަން ލޫތު ހުރިކަމެވެ.
ލޫތުވެސް ލިބުނު ފުރުސަތު ނަގާލާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ގަސްތުގައި މާޒިން އެއްލި ބޯޅަ ކުރިމައްޗައް އެރިއެވެ. ނަމަވެސް އެއްވެސް މީހަކަށް ޝައްކު ނުވާނޭހެންނެވެ. އޭނާ ރައިލީން އާއި އެކަނިން ބައްދަލުވާނޭ އިރަކަށް އިންތިޒާރުކޮށްގެން ހުންނަތާ ކޮންއިރެއް ހެއްޔެވެ.
ކައިރީގައި އައިސް މީހަކު އިށީނުމުން ރައިލީން އިސްއުފުލާ ބަލާލިއެވެ. ލޫތުގެ ސޫރަ ފެނުމުން ހިތް ތެޅެންފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ރައިލީން ލޫތުއަށް ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ނަމަވެސް ރައިލީން އަވަސް އަވަހަށް ދުރު ބަލާލިއެވެ. “ލީން ހާދަ ދުރުވެއްޖޭ މިހާރު” ލޫތު ބުނެލީ މިފަހަރު ރައިލީންގެ ފަރާތުން އެދެވޭ ކަހަލަ ޖަވާބެއް ލިބޭނޭކަމަށެވެ. “ހީވާގޮތް” އެއްވެސް އަސަރެއް ނެތް ގޮތަކަށް ރައިލީން ބުނެލިއެވެ. “އެދުހު ޒައުލް އެހެން ބުނީމަތަ؟ ލޫތު ދުވަހަކުވެސް ކުއްޖަކާ ރައްޓެއްސެއް ނުވަން” ދުރުބަލާލަމުން ލޫތު ބުނެލިއެވެ. ރައިލީން ލޫތުއަށް ބަލާލީ ގަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. “އެކަމް.. އެކަމް އެދުހު އެހެން ބުނި ގޮތުން ހީވީ ލީންމެނަށް އެނގެން ބޭނުން ނުވީހެން ޖީއެފް އެއް ހުންނަކަން” ލޫތު ފެށީހޭށެވެ. “ސޯ އެދުހު ދޮގު ހެދީކަމަށްތަ އެހާ ދުރުން ތިއުޅެނީ” ލޫތު އެހެން ބުނެލުމުން ރައިލީން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. ލޫތު އެއްވެސް ކުއްޖަކާއި ރައްޓެހި ނުވާވާހަކަ ބުނުމުން އޭނާގެ ހިތުތެރޭގައި ނޭނގޭ އުފާވެރިކަމެއް ދުވެލިއެވެ. ނަމަވެސް ލޫތު މީގެ އިދިކޮޅެވެ. ރައިލީން އޭނާ އާއި ދުރުން އެ އުޅުނީ އޭނާ އެދުހު ދޮގުހެދީ ކަމަށް ވިއްޔާއެވެ. ނަމަވެސް އޭނާ ހީކޮށްގެން އުޅުނީ އެހެން އެއްޗެއް ވިއްޔާއެވެ. އެކްސްޕެކްޓޭޝަން މާ ހައި ވީމަވެސް އެންމެ ފަހުން ދެރަވާން ޖެހެނީ ތިމާ މީހާއެވެ. ދެމީހުންވެސް ވާހަކަ ނުދައްކާ ސިކުންތުކޮޅެއް ދިޔައެވެ.
“ޕޮއް!!” ކުއްލިއަކަށް އައިނައިތަނެއް ނޭނގި ޒިއުނާ, ދެމީހުން ސިއްސުވާލިއެވެ. “ޒިއު. ކޮންއިރަކު މިތަނަށް އައީ؟” ރައިލީން މޭގައި އަތްއަޅައިގެން އިނދެ ބުނެލިއެވެ. “ވަޓް. ތިމީހުން ކުރިމަތިން އައީވެސް” ޒިއުނާ އެހެން ބުނުމުން ރައިލީން އޯއޭ ބުނެލިއެވެ.
“ދެމީހުން އެކަނި މިތާ ކީއް ތިކުރަނީ” ޒިއުނާ ދިމާކުރާފަދަ ގޮތަކަށް ބުނެލިއެވެ. “އަހަރުން ކަމެއް ކުރަންތަ އެބަ. ލޮލުގަ މައްސަލަ އެއް އުޅެނީދޯ, އެހެންވެނު އަހަރުން މިތާ ރީތިކޮށް ތިބިއިރުވެސް ކީއްހޯ ތިކުރަނީ” ލޫތު މަޖާ ރާގަކަށް ފަތިވަރެއް ދަމާލިއެވެ. “ހިހިހި. އޯކޭ ބައީ!! އެންޖޯއި ޔުއަރ ޓައިމް” ދިމާކުރާފަދަ ރާގަކަށް ޒިއުނާ އެހެން ބުނެލިއެވެ. އަދި ދެމީހުނަށް އެއްލޯމަރާލާފައި އެތަނުން ދިޔައެވެ. ޒިއުނާ ދިޔުމުން ރައިލީން އަށް ދެފަރާތައް ބޯހޫރާލެވުނެވެ. ލޫތުވެސް ފަހަތުގައި ދެއަތް ވިއްދާލާފައި ރައިލީން އަށް ނިކަން ލޯބިން ބަލާލިއެވެ. “ތުއްތުމެން ނާދެ ދޯ އަދިވެސް” ލޫތު ބަލާކަން އެނގުމުން ލަދުގަނެފައި އިނދެ ރައިލީން ބުނެލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ލޫތުގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ރައިލީން ލޫތު އިން ފަރާތައް އެނބުރި ބަލާލިއެވެ. އެއިރުވެސް ލޫތު އިނީ އެސްފިޔަވެސް ޖަހައިނުލާ ރައިލީން އަށް ބަލާށެވެ. “ލީންގެ މޫނުގަ އެއްޗެއް ހުރީތަ ތިހާވަރަށް ތިބަލަނީ” ލަދުގަނެފައި އިންނަމަވެސް އެކަން ނުދައްކަން ރައިލީން ބުނެލިއެވެ. “ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނުންގެ ޡަބީއަތް” ލޫތު ބުނެލީ ހިޔާލީ ގޮތަކަށެވެ. ވަގުތުން ރައިލީންގެ ކޯތާފަތައް ފަނޑު ރަތްކަމެއް ވެރިވިއެވެ. ހަމަ އެވަގުތު ނައުރާވެސް އައިސް އެމީހުން ގާތު ވެލިގަނޑުމަތީ އިށީނެވެ. “ސުބްހާނަﷲ. ލީނު މޫނަށް ކިހިނެތް ހަދާފަ ތިހުރީ” އެތާ ހަމަޖެހިލިއިރަށް ރައިލީންގެ މޫނު ފެނުމުން ދެލޯ ބޮޑުކޮށްލާފައި ނައުރާ ބުނެލިއެވެ. “ލޫތު އެކުއްޖައަށް ކީއްކުރީ އަނެއްކަ. ބަލާބަލަ ބްލަޝްވެގެން ތިއޮއް ޓޮމާޓޯއަކަށްވި މޫނު” ރައިލީން ލަދުގަނެފައި އިންވަރު ފެނުމުން ލޫތުއަށް ހެވުނެވެ. އަދި ދެއަތް މައްޗައް ނަގާފައި ނައުރާ ބުނި އެއްޗައް އަމާން ދިނެވެ. އޭރުވެސް ދެންތިބިމީހުން ފޯރީގައި ކުޅެމުން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ގަޑިން 10 ޖަހަނީއެވެ. އޭރު ބޮޑެތިމީހުންގެ އެކަކުވެސް ނެތެވެ. އެންމެންވީ ނިދަން ޓެންޓުތަކުގައެވެ. ނަމަވެސް ރައިލީންމެން އަދިވެސް ތިބީ އަތިރިމަތީގައެވެ. ‘ބޮންފަޔާ’ ހަދައިގެން ތިބިއިރު ވަރަށްވެސް ހިތްގައިމެވެ. ރެއަކީ ހަނދުވަރުވެސްދޭ ރެއެއްކަމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “ބޭނުމެއްނޫން ދެން އިރުވެސް އަރާކަށް, ހަމަ މިހެން އިންނަހިތް ވަނީ” ނައުރާ ބުނެލީ އެހެންތިބެން ނުހަނު ހިތްގައިމު ކަމުންނެވެ. “ދެން އިނީމަ ވީނު” ޒައުލް އަށް އެއްޗެކޭ ބުނެނުލާ ނީނދެވުނެވެ. ޒައުލް އެހެން ބުނުމުން ނައުރާ ދަތްކުނޑި ވިކާލިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. “އޭ! ވެއިޓް. ކޮބާ ލަވަ” ޒިއުނާ އެއްޗެއް ހަނދާންވި ފަދަ ގޮތަކަށް ބުނެލިއެވެ. “ލަވަ ދޯ.. އެބަ އަންނަން, ގިޓާ ހިފައިގެން”
ލޫތު މަޑުމަޑުން ގިޓާގެ ނަރުތަކުން ރީތި ރާގެއް ކުޅެން ފެށިއެވެ. ވަގުތުން އެންމެން ހިމޭންވިއެވެ.
ނުދެކެން މި ދުނިޔޭން ތިޔަހާ އަސަރް….
މޫނެއް ތިނޫނީ ހިތްހަމަ ޖެހޭ…
ފުރަތަމަ ކަލާޔާ ބައްދަލުވުމުން….
މިހިތައް އެވީގޮތް ދުވަހަކު ނުވޭ…
ހިތް އެދެނީއޭ.
ބޭނުންވަނީއޭ..
ހިނިތުންވެލާތަން ލޯބިން ދެކެން..
ކަލާޔައް މަގޭހިތް, ދެވޭގޮތް ވަނީބާ.
ލަވަކިޔަމުން ދާއިރު ލޫތުގެ ނަޒަރު އިރު އިރުކޮޅުން ރައިލީން އަށް ދަތުރުކޮއްލައެވެ. ރައިލީންވެސް އިނީ ލޫތުގެ ލަވަކިޔުންފެނި އާޝޯހުވެފައެވެ. ދުވަހަކުވެސް އެހާ ރީތިކޮށް މީހަކު ލަވަކިޔަނިކޮށް ރައިލީން އަކަށް ނުފެނެއެވެ.
(ނުނިމޭ)
2 Comments!
Comments are closed.


mashallah dear mi part ves vrhh reethi
i appreciate your good work
keep it up
when is next?
Masha Allah 😍 haadha reehchey 🥰❤️ thisss my favv couple zaul n nau Soo cute together 🥹