އެހަނދާން 2
ރައިލީން ލާމިއު އަށް ލޯ އަޅާލައިފައި ގޮސް ނައުރާ އަތުން ކުލަކޮޅެއްނަގައިގެން ލާމިއު ފަހަތުން ދުއްވައިގަތެވެ. “ލޫތޫ!! ބަލަން ނުހުރެ މަ ސަލާމަތް ކުރަން އާދެބަލަ!” ލޫތުވެސް ހިނިއައިސްފައި ހުރެ އެމީހުން ފަހަތުން ދުއްވައިގަތެވެ.
******
ހަތަރު މީހުން ގެއަށް އައިއިރު ބަލާލަން ކެރޭ އެކަކުވެސް ނެތެވެ. އެންމެން ތިބީ ކުލައިން ފޯވެފައެވެ. “ސުއްބު، މިތިބަ ކުދިންތަކެއް. ކުލަވެސް ކުޅެލައިފިއެއްނު ގައިމު” ޒުލައިހާ ބުނެލީ ދެފަރާތައް ބޯހޫރާލަމުންނެވެ. އެމީހުން ފެނުމުން އެތާ ތިބި ކުދިންކޮޅަކާއި އެކު ކުޅެން އިން އާޔާ ފެށީ ހޭށެވެ. “ދޮންތިމެން ހީވަނީ މާލިތަކެއްހެން” އާޔާ އެހެން ބުނެލި ކަމެއް ނޭނގި ރައިލީން ބުނެލިއެވެ. “އާޔާ ވެސް މާއްޔަކަށް ހަދާލަ ދޭންވީތަ ދޮންތި” އެހެންބުނެ ރައިލީން އައީ އާޔާ އާއި ދިމާލަށެވެ. އަދި އައިސް އާޔާގެ ނޭފަތުގައި ކުލަކޮޅެއް އުނގުޅާލާފައި, ވަނީ ގެއަށެވެ.
ރޭގަނޑުގެ ވަގުތެވެ. ގޭގައި އެކަކުވެސް ނެތެވެ. ރައިލީން އަށް ހަވީރު ނިދުނުގޮތައް ހޭލެވުނީ ރޭގަނޑު 8.15 ވަނިކޮށެވެ. އެންމެން ވީ މިރޭ ކުޅޭ ފުޓްބޯޅަ މެޗު ބަލަން ގޮހެވެ. ރައިލީން އަކީ ވެސް ފުޓްބޯޅަ ބަލަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ނަމަވެސް ރައިލީން ތައްޔާރު ނުވެ ހުރުމުން ރައިލީން ބަހައްޓާފައި އެންމެން ދިޔައީއެވެ. އެހެންކަމުން ރައިލީން އަވަހަށް ނަމާދުކޮށް ހަދައިގެން ތައްޔާރުވީ އެކަނި ދިއުމަށެވެ. ދަނޑު ހުންނަނީ ގެއާއި މާދުރުގައި ނޫންކަމުން ރައިލީން އެކަނި ދިއުމަށް ނިންމީއެވެ.
ރައިލީން އަށް ދަނޑައް ދެވުނު އިރު ދެވަނަ ހާފް ފަށައިގެން ކުޅެނީއެވެ. ރައިލީން އަށް ފަސޭހަކަމާއެކު ނައުރާމެން ތިބި, ތަން ފެނިއްޖެއެވެ. އެހެންކަމުން ރައިލީންދިޔައީ އެމީހުން ކައިރިއަށެވެ. މެޗުގެ ފޯރި ވަރަށް ގަދައެވެ. ރައިލީން އަށް މުޅި ދަނޑުންވެސް ފެންނަނީ އެންމެ ސޫރައެކެވެ. އާނއެކެވެ. ލޫތުއެވެ. އިސްތަށިތައް ނިތް މައްޗައް ވެރިފައި ވާއިރު ބަލާ ފޫހިނުވާނެވެ. ލޫތުގެ މޮޅު ކުޅުންފެނި ރައިލީން ހުރީ ހިތާ ހިތުން ތައުރީފު ކޮށްލަ ކޮށްލައެވެ. އެންމެ ކުރީގައި އޮތީވެސް ލޫތުމެންގެ ޓީމެވެ. އެ ޓީމުގައި ލާމިއު ވެސް ހުއްޓެވެ. ލާމިއުގެ ކުޅުންވެސް ވަކި ދެރައެކޭ ނުބުނެވޭނެއެވެ.
ވަގުތު ދަމުން ގޮސް މެޗުނިމެން ކުޑަވަގުތު ކޮޅަކަށް ވީއެވެ. ލޫތުޖެހި ގޯލާއެކު މެޗު ނިމުނީ ލޫތުމެންގެ ޓީމު މޮޅުވެގެންނެވެ. މުޅިތަން ގުގުމާލާފައިވަނީ ސަޕޯޓަރުންްގެ އަޑުންނެވެ. ޒިއުނާމެން ކައިރީގައި ތިބެގެން ހަޅޭއްލާވާތީ ރައިލީން ހުންނަން ޖެހުނީ ކަންފަތުގައި އަތްއަޅައިގެންނެވެ.
ލާމިއު އާއި ލޫތު ދަނޑުން ނުކުތުމުން އެމީހުނާ އެއްކޮށް ރައިލީންމެންވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ. އޭރު ޒައިހާމެން ގެއަށް ގޮސްފިއެވެ. ރައިލީން ލޫތުއާއި ދިމާ ބަލާލިއެވެ. ކުޅުމުގެ ސަބަބުން ހިއްލާފައިވާ ދަލުން ޖާޒީ ލޫތުގެ ގައިގައި ތަތްލާފައިވާއިރު, ލޫތުގެ ވަރުގަދަ ހަށިގަނޑު ހުރީ އެނގޭށެވެ. އެހެންކަމުން ވަރަށް ހަށިގަނޑަށް ބަލައިގެން އުޅޭ ޒުވާނެއްކަން ހާމަވެއެވެ. މޫނުމަތީގައި ވެސް ދާތިކިތައް ވިދަމުންދެއެވެ. ބަލާފޫހިނުވާނެއެވެ. ރައިލީންގެ ހިތައް އެރިއެވެ. ރަައިލީންއަށް ލަދުން އިސްޖަހާލެވުނެވެ. އެ އެންމެން ލޫތު އާއި ވާހަކަ ދެއްކި އިރުވެސް ރައިލީން ހުރީ މަޑުމަޑުންނެވެ. މިއަދު ހެނދުނު ލާމިއު ވަނީ ރައިލީން އާއި ލޫތު އަށް އެކަކު އަނެކަކު ތަޢާރަފު ކޮށްދީފައެވެ. ނަމަވެސް ރައިލީން އަކަށް ވާހަކަ ދައްކާކަށް ނުކެރެއެވެ. ލޫތު އަކީ ލާމިއުގެ ގާތް ރަހުމަތްތެރިއެކެވެ. ލޫތު ލާމިއުމެންގެއަށް މަދުން ނަމަވެސް ގޮސް ހަދައެވެ. އެހެން ކަމުން ޒިއުނާ އާއި ނައުރާ އާއި ލޫތު ގެ މެދުގައި ވެސް އެކުވެރިކަން އޮވެއެވެ. ގެއަށް ދެވުމާއިއެކު ފަސް މީހުން ގޮސް ޖައްސާލީ ގޯތިތެރޭގައި ހުރި އަނބުގަސްތަށުގައި ހުރި ޖޯލިފަތީގައެވެ. ކަން ދިމާކުރިގޮތުން ރައިލީން އިންނަން ޖެހުނީ ލޫތު އާއި ޖެހިގެންއިން ޖޯލީގައެވެ. ލޫތުގެ ކައިރީގައި އިންނަން ޖެހުމުން ރައިލީންގެ ހިތް ވަނީ އަވަަސްވެފައެވެ. ނައުރާ ޖޯލީގައި އިށީނދެފައިވެސް އަނެއްކައި ތެދުވެ އެބަ އަންނަމޭބުނެ، ވަނީ ގެއަށެވެ. ލާމިއުވެސް ދިޔައީ ފެންފުޅިއެއް ބަލައެވެ. ހަމަ އެވަގުތު ޒިއުނާ އަށް ފޯނެއްއައެވެ. އެހެންކަމުން ޒިއުނާވެސް އެމީހުނާ ތަންކޮޅެއްދުރަށް ޖެހިލިއެވެ. ރައިލީން އާއި ލޫތު އެކަނިވީއެވެ. ރައިލީން އިނީ ދެއަތްތިލަ މޮޑެލަ މޮޑެލައެވެ. ރައިލީންގެ ހިތްވެސް ހީވަނީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. ލޫތު ރައިލީން އާ ދިމާލަށް ބަލާލިއެވެ. ރައިލީންގެ ލޯބި މޫނުގައި ކަންފަތް ކައިރިއަށް ލައްވާލާފައި އިން އިސްތަށިކޮޅު އުނދަގޫ ކުރަމުންދެއެވެ. ރީތި ކަމުން ފުރިގެންވި ޕަރީއެކެވެ. ބޮޑު ދެލޮލެކެވެ. ފަނޑު ރަތްކަމެއް ވެރިވެފައިވާ ތުންފަތެކެވެ. ކުޑަކުޑަ ނޭފަތެކެވެ. އެއްވެސް މޭކަޕެއް ކޮއްފައިނުވާއިރުވެސް ހަމަ އެހާ ފުރިހަމައެވެ. އިސްތަށިގަނޑު ވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮއްލާފައެވެ. އެހާ ދިގު އިސްތަށި ގަނޑެއް ނޫނެވެ. ކުރެކޭވެސް ނުބުނެވޭނެއެވެ. ލޫތު ބަލާކަން އެނގުމުން ރައިލީން އިނީ ލަދުގަނެފައެވެ. “ހެއި، ހާދަ މަޑުން” ލޫތު އަށް ދެމީހުންގެ ދެމެދު އޮތް ހިމޭންކަން އުނދަގޫ ވުމުން ބުނާނެ އެއްޗެއް ނޭނގިފައި އިނދެ ބުނެލިއެވެ. ލޫތުގެ ޖާދޫވި އަޑު އިވުމުން ރައިލީންގެ ގައިގައި ހުރި ހުރިހައި ލޯލިތައް ކޮޅައް ޖެހުނުފަދައެވެ. ރައިލީން ލޫތު އާއި ދިމާލަށް ބަލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވީއެވެ. ރައިލީން ލޫތުއަށް ފަނޑު ހިނިތުންވުމެއް ދިނެވެ. ލޫތުވެސް ރައިލީން އަށް ބަދަލުގައި ހިނިތުންވުމެއް ދިނެވެ. ލޫތުގެ ހިނިތުންވުން ފެނި އަންހެން ކުދިންތައް މޮޔަވާނެކަން ގައިމެވެ. ދެމީހުނަށް ހޭވެރިކަންވީ ޒިއުނާ އައިސް ކަރުކެހިލުމުންނެވެ. ރައިލީން ލަދުން އިސް ޖަހާލިއެވެ. ލޫތުވެސް ނޭނގޭ ކަމަށް ހަދާފައި ބޯކަހާލިއެވެ. އެއޮއް ހުރިހާއިރު ތިބެވުނީ ދެ މީހުންގެ ލޮލައް ގެއްލިފައި ވިއްޔާއެވެ. އެހެންކަމުން ރައިލީން ލަދުގަންނާނެ ނޫންހެއްޔެވެ. އެވަގުތު ނައުރާވެސް އައިސް ޖޯލީގައި އިށީނދެލިއެވެ. “ހާދަ ‘އޮކްވާރޑް’ ވެފަ އެންމެން؟” ފަހަރަކު މީހެއްގެ މޫނައް ވަކިވަކިން ބަލާލަމުން ނައުރާ ބުނެލިއެވެ. “ކޮބާތަ ފެންފުޅި ބަލާދިޔަމީހަ. ފެންފުޅި ހަދަނީތަ”ޒިއުނާ އެއްޗެކޭ ބުނެފާނެތީ އަވަހަށް ލޫތު މައުލޫ ބަދަލު ކޮއްލުމަށް ބުނެލިއެވެ. ޒިއުނާވެސް އެކަމާ މާބޮޑަކަށް އަޅައެއްނުލައެވެ.
ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ ރައިލީން އޮތީ ނުނިދިފައެވެ. ސިކުނޑިތެރޭގައި ލޫތު އާއިއެކު މިރޭ ހޭދަކޮށްލެވުނު ވަގުތުތައް ދަނީ އެނބުރެމުންމެވެ. މިރޭ ދެމީހުންގެ ދެމެދުގައި ވަނީ ކޮންމެވެސް ވަރަކަށް އެކުވެރިކަން އުފެދިފައެވެ. 23.00 ޖަހަންދެން އެންމެން ވާހަކަ ދައްކަން ބޭރުގައި ތިއްބެވެ. ރައިލީން އިރުކޮޅަކައި ރައިލީން އާއި ލޫތު، ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި މަންޒަރު ހަނދާންވުމުން ބާހިލުގައި މޫނު ފޮރުވާލައެވެ. ރައިލީން އަށް މިއީ އައު އިހުސާސް ތަކެކެވެ. މި އިހުސާސައް ދޭނެ ނަމެއް ރައިލީން އަކަށް ނޭނގެއެވެ. އަނެއްކޮޅުން ލޫތުގެ ހާލަކީވެސް މިއީއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން މިހެނެއްނުވެއެވެ.
ޢީދުގެ ހަތަރު ދުވަސް ނިމިގެން ދިޔައީ އުފަލާއި މަޖަލުގައެވެ. ރައިލީން އާއި ލޫތުގެ އެކުވެރިކަންވެސް ދިޔައީ ކުރިލާ ފޯދެމުންނެވެ. އަންނަ ހަފްތާގައި އާޔާގެ ކިޔެވުން ފެށޭތީ، މާދަމާ ޒައިހާމެން މާލެ ދިއުމަށް ނިންމިއެވެ. ނަމަވެސް ރައިލީން ނިންމީ ރައިލީންގެ ޗުއްޓީ ނިމުނީމައި ދާން މަޑުކުރުމަށެވެ.
މައިރީންމެން ހަދިޔާ ހެދުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ފަތާއި ބަނބުކެޔޮ ތެލުލައި މަސްމިރުސް ހަދައި އަނބާއި ކުންނާރު އުފުރާ ހަދައެވެ. އަނބު ގަހަށްއަރާ އޮތީ ލާމިއުއެވެ. ތިރީގައި އަނބު ހޮވަން ނައުރާ އާއި ޒިއުނާ އަދި ރައިލީން ތިއްބެވެ. މިދުވަސްކޮޅަކީ އަނބު އަޅާ ދުވަސްކޮޅެއް ކަމުން އަނބުގަސް އޮތީ އަނބުން ފުރާލާފައެވެ.
އަނެއްދުވަހު ހެނދުނެވެ. ޒައިހާމެން ފުރުވާފައި އައިސްފައި އެންމެން ގެއަށް ވަނުމުން ރައިލީން އާއި ޒިއުނާ އަދި ނައުރާ ޖައްސާލީ ޖޯލިފަތީގައެވެ. އޭރު ގަޑިން 9.00 އެއް ޖަހަނީއެވެ. ދޭތެރެ ދޭތެރެއިން ފިނި ވައިރޯޅި ޖެހިލައެވެ. “އުޅޭ ހުތްއަނބާ ރިހާކުރާ ކާން” ރައިލީން ބުނެލީ ވަރަށް ފޯރިއާއި އެކުގައެވެ. އަނބުގަހުން ހިޔާއެޅިފައިވާއިރު އެ ތަނަކީ ނުހަނު ހިތްގައިމު ތަނެކެވެ. ޖޯލީގެ އިތުރުން އެތާ އިށީނުމަށް ރުއްބުރިން ހަދާފައިވާ ގޮނޑި ގޮނޑި ހުއްޓެވެ. އަދި އޭގެ އިތުރުން ކުޑަ މޭޒެއްވެސް އިނެވެ. ބަލާލަން ނުހަނު ހިތްގައިމެވެ. ތިންމީހުން ފުރަތަމަ އުޅެގަތީ އަނބު އުފުރުމަށެވެ. ތަންކޮޅެއް ތިރީގައި ހުރި އަނބުތަކެއް ކުޑަ ދަނޑިއަކުން އުފުރިއެވެ. އަދި ނިކަން މީރުކޮށް ތިންމީހުންވެގެން ރިހާކުރު ތަށި ހަދާލިއެވެ. ހުރިހާ އެއްޗެއް ރެޑީ ކޮށްފައި ރައިލީން އަނބު, ތައްޓަކަށް ކޮށިއެވެ. އެންމެ ފުރަތަމަ ކާލި އެެތިކޮޅާއިއެކު ރައިލީން އަށް ކުޅިވިއެވެ. ނަމަވެސް ރައިލީން އަށް ރަނގަޅީ ކުޅިވި ވަރެކެވެ. “ބައިދަވޭ، ވެން, ތިމީހުންގެ ކޯސް ފެށެނީ” ރައިލީން އަހާލީ އަނބު ފޮއްޗެއް އަނގައަށް ލަމުންނެވެ. “ނެކްސްޓް މަންތް 5 ހިސާބުގަ” ނައުރާ ޖަވާބު ދިނެވެ. ނައުރާ އާއި ޒިއުނާ، ދެމީހުންވެސް ކިޔަވަން ނިންމާފައި ވަނީ ނާރސިންއެވެ.
އެކި ވާހަކައިގައި ތިބެގެން ތިންމީހުން ޗޯސް ދަމަ ދަމާފައި ކަމުން ދިޔައެވެ. ދެން އިވުނީ ތިންމީހުންގެ ތޫލި ހަޅޭކުގެ އަޑެވެ. މީހަކު ބިރުނުގަތީ އާއި ދެރަ ހެއްޔެވެ. ލޫތު އާއި ލާމިއު އައިސް އެމީހުން ސިއްސުވާލީ ވިއްޔާއެވެ. އެ އަޑަށް އައިމާވެސް ނުކުތެވެ. ނަމަވެސް ވީގޮތް އެނގުމުން އަނބުރާ ވަނީ މި ކުދިން އުޅޭ ގޮތެއް ދޯއޭ ބުނެފައި ދެފަރާތައް ބޯހޫރާލާފައެވެ. އައިމާ ދިއުމުން ލޫތު އެންމެ ފުރަތަމަވެސް އައިސް ރައިލީން ރިހާކުރާއި ޖައްސާފައި އަނގަޔައްލާން ނެގި އަނބުފޮތި އަތުލާފައި ވަރަށް ވެލާފައި ކާލިއެވެ. ރައިލީން ލޫތުގެ މި ހަރަކާތުން ސިހުނެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކަންވެގެން ރުޅި އަންނަކަމަށް ހެދުނެވެ. ނަމަވެސް ރައިލީން އަކަށް އިރުކޮޅަކުވެސް އެހެނެއް ނީނދެވުނެވެ. ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެ ކާލާފައި ލޫތު ޗޯސް ދަމަން ފެށިގޮތުންނެވެ. އެތާ ތިބި ޒިއުނާމެނަށްވެސް ހެވުނެވެ. “މިހާ ކުޅިކޮށް އިންސާނުން ކައިތަ” ލޫތު ބުނެލީވެސް ޗޯސް ދަމަމުންނެވެ. “އެހެން ވާނީ އިނގޭ މީހުން ކައިކައި އިންނަ އެތިކޮޅު އަތުލަންޔާ” ރައިލީން ބުނެލީ މަލާމާތުގެ ރާގަކަށެވެ. ލޫތު ދެން ގެނައި ހަރަކާތުން ރައިލީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރިހާކުރު މާ ކުޅިކަމުން ކޮންމެ މީހަކުވެސް އިނީ ކުޑަ ފެންފުޅިއެއް ގެނެސްގެންނެވެ. ލޫތު ރައިލީން އަތުގައި އޮތް ކުޑަ ފެންފުޅި ނަގާފައި އޭގައި ތުންޖަހާފައި އެއްބުރުން ބޯލީއެވެ. ރައިލީން ލަދުވެސް ގަތެވެ. އެ ފުޅިން އޭނާވެސް ބޮއުނީ ތުންޖަހައިގެން ވިއްޔާއެވެ. ނައުރާމެންވެސް ތިބީ ކުޑަ ޝޮކެއްގައެވެ. ލާމިއުވެސް މަންޒަރު ބަލަން ހުރެފައި ފެށީ ހޭށެވެ. އަދި އައިސް އެތަނުން ޖޯއްޔެއްގައި އިށީންނަމުން އަނބު ފޮއްޗެއް ނަގާ ކާލިއެވެ. “ޔޫ ލިޓްލް….” ރައިލީން ދަތްކުނޑި ވިކާލާފައި ބުނެލިއެވެ. “ޔޫ ލިޓްލް؟” ލޫތު ހީވަނީ ރައިލީން ރުޅިއަރުވަން އުޅޭހެންނެވެ. ރައިލީން ވަރަށް ނޫންކަމަށް ހަދާފައި ކައިރީގައި އިން ނައުރާ އަތުގައި އޮތް ފެންފުޅި ނަގައިގެން ތެދުވިއެވެ. ރައިލީން ތެދުވުމުން ލޫތުގެ ސިކުނޑިއަށް އެއްޗެއް ނަގައިގަނެވުނު ފަދައިން ދުއްވައިގަތެވެ. ރައިލީން ވެސް ލޫތު ފަހަތުން ދުއްވައިގަތެވެ. މުޅި ގޯތިތެރޭގައި ދުވިއިރުވެސް ލޫތު އަތުނުވުމުން ރައިލީން ނިންމީ އެކްޓެއް ކޮއްލުމަށެވެ. ދުވެދުވެ ހުރެފައި ކުއްލިއަކަށް ރައިލީން ފަޔަށް ތަދުވާކަމަށް ހަދާލިއެވެ. އެތާ ތިބި ލާމިއުމެން ވެސް ހީކުރީ ހަމަ އަސްލުކޮށްވެސް ރައިލީންގެ ފަޔަށް ތަދުވީ ކަމަށެވެ. ވަގުތުން ލޫތު ރައިލީން ކައިރިއަށް އައިސްފިއެވެ. ކުއްލިއަކަށް ރައިލީން ތެދުވެފައި އަތުގައި އޮތް ފެންފުޅި ލޫތު ބޮލަށް އަޅާލިއެވެ. އަދި ހޭންފެށިއެވެ. ނައުރާ އަށް ދެފަރާތައް ބޯހޫރާ ލެވުނެވެ. މި މީހުން ކުޑަކުދިންނަކަށްވެސް ދޫނުކުރޭވިއްޔާއެވެ. ލޫތު ރައިލީން އާއި ދިމާލަށް ލޯ ކުޑަކޮށްލާފައި ބަލާލިއެވެ. ރައިލީންވެސް ލޫތު އާއި ދިމާލަށް ދޫ ނެރެލާފައި އައިސް ކުރިންވެސް އިންތާ ހަމަޖެހިލިއެވެ. ލޫތުވެސް އައިސް ރައިލީންގެ ކުރިމަތީގައި އިން ގޮނޑި އެއްގައި އިށީދެފައި ރައިލީން އާއި ކުޑަކޮށް ކައިރިވެލާފައި އިސްތަށިގަނޑުގައި ހުރި ފެންތައް ރައިލީންގެ މޫނަށް ފޮޅާލިއެވެ. ރައިލީން ލޫތު އަށް ދެލޯއަޅާލާފައި މޫނުގައި ހުރި ފެންތައް އަތުގައި އޮތް ޓިޝޫއިން ފޮހެލިއެވެ. “ޕިސް ޕިސް، މިތިބަ އުޅޭ ދެމީހުން ދޯ. މިހާރު މިހުރީ އުޅޭގޮތް، އެންމެ ފުރަތަމަ ދެމީހުން…” ޒިއުނާގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ލޫތު އާއި ރައިލީން އެއްފަހަރާ ބްލާ ބްލާ އޭ ކިޔަންފެށުމުންނެވެ. ޒިއުނާ އެރޭގެ ވާހަކަ ކިޔަން އުޅެނީކަން ދެމީހުންނަށް ވެސް އެނގުނީއެވެ. ލާމިއު އެވާހަކަ އަޑު އަހަން ވަރަށް ޝައުގުވެރިވިއެވެ. އެހެންކަމުން ޒިއުނާ ގާތު ކުރިއަށް ގެންދިއުމަށް ބުންޏެވެ. ޒިއުނާ އެވާހަކަ ކިޔަން އުޅުމުން ދެ މީހުންގެ އަޑު އެއަށްވުރެ ބާރު ކޮއްލިއެވެ. “އުޅިބަލަ ފަޅުރަށަކަށް ދަތުރެއްދާން” އެންމެ ފަހުން ނައުރާ ބޮލަށް އުނދަގޫވެގެން ބުނެލީ އެންމެންގެ ސަމާލުކަން ލިބޭނެކަން އެނގޭތީއެވެ. ވަގުތުން ލޫތު އުޅިބަލާށޭ ބުނެލިއެވެ. ދެން ދެކެވެން ފެށީ ދަތުރުގެ ވާހަކަ އެވެ. “ޒައުލް މެނަށް ގުޅާފައި ބުނެބަލަ އައިސްބަލާށެ މިގެއަށް” ލޫތު ލާމިއު ގާތު ބުނެލިއެވެ. ލޫތު އެހެން ބުނެލި ކަމެއް ނޭގި ނައުރާ ކަޅި މައްޗައް ހިންގާލިއެވެ. އެމަންޒަރު ފެނުނީ ކައިރީގައި އިން ޒިއުނާ އަށެވެ. “ނައޫ، މީހުންދެކެ ތިހާ ފޫހި ވާކަށްވެސް ނުވާނެ އިނގޭ. ނޭގޭނު އެންމެ ފަހުން ލޯބި ނޫންކަމެއްވެސް ވެވޭނީ” ޒިއުނާ އެހެން ބުނެލި އިރަށް ނައުރާ އައްޗީޑި އޭ ބުނެލިއެވެ. ރައިލީން އިނީ ވާނުވާ ނޭނގިފައެވެ. “ލީން އަށް އެނގޭތަ މި ނައު ނިކަން ލޯބިވާ ކުއްޖެއް ހުންނާނެ. އިނގޭތަ އެއީ ކާކުކަން. ޒައުލް އޯ” ޒިއުނާ ހޭން ފަށާފައި ބުނެލީ ނައުރާ ގެ ހަމަލާއަކަށް ތައްޔާރުވެ އިނދެއެވެ. ޒިއުނާ އަށް ދެން ފެނުނީ ނައުރާ އަރައިގެން އިން ފައިވާން ކިބަ އަތައް ނެގި ތަނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Masha Allah 😍 vrh reethi when’s next??? Curiously waiting for next ep 🥰❤️ Lysm Tc ❤️
Thankyouu💗.. next ep liyevunuha avahakah I’ll up kuraanan insha allah.
enme fahun nau aa zaul ves gulhuvaathi meehun buneynu nafrathakii loabeege feshumeyy ehn kanne dhww mi dhemeehunah ves mi vanii
btw mashallah vrh reethi hama Im so curious about next
when next….
waitinggggg
lyyy n tccc
Yess, thankyouu. I’ve posted 3rd vana ep but still not published