އެހަނދާން 1
ކަނޑުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ދުއްވާފައި އައި ލާންޗު މަޑުކޮށްލީ ރަށުގެ ފަޅުތެރެއަށެވެ. ޒައިހާމެންގެ ކުޑަ އާއިލާ ރަށަށް އެ އައީ ދުވަސް ތަކަކަށް ފަހުގައެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ މި ވީ މަދު އަހަރުތަކުގެ ތެރޭގައި ރަށަށް އައިސްފައިވާ ބަދަލުތަކެވެ. ޒައިހާމެން ރަށަށް އެއައީ ޢީދު ބަންދަށެވެ. ލާންޗުން އެންމެން ފޭބި އިރު އެމީހުންގެ އިސްތިގުބާލުގައި ބަނދަރުމަތީގައި މާމަ މެން ތިއްބެވެ. މާމަ ފެނުމާއެކު މާމަ ކައިރިއަށް އެންމެ ފުރަތަމަ އައީ ރައިލީންއެވެ. އަދި މާމަ ގައިގައި ވަރަށް ލޯބިން ބައްދާލަމުން މާމަ މަތިން ވަރަށް މިސްވި ކަމަށް ބުންޏެވެ. “ދޮންތި ދެން އާޔާގެ ޓާން” ލޯބި ގޮތަކަށް އާޔާ ބުނެލީ އާޔާ އައިސް އެތަނަށް ހުއްޓުނު އިރުވެސް ރައިލީން މާމަ ގައިން ދޫނުކޮށް ހުރުމުންނެވެ. ރައިލީން އަކީ ޒައިހާ އާއި އަހްމަދުގެ ދޮށީ ދަރިފުޅެވެ. ރައިލީންގެ އުމުރުން 19 އަހަރު ވެފައި ވާއިރު އާޔާގެ އުމުރުން 5 އަހަރެވެ. އާޔާ އަކީ ޒައިހާ އާއި އަހްމަދުގެ ހަގު ދަރިފުޅެވެ. ރައިލީން ފަހަތް ބަލާލިއެވެ. ފަހަތުގައި ތުންކޮޅު އޫކޮއްލައިގެން އާޔާ ހުއްޓެވެ. “ދޮންތިގެ ޓާން އަދި ނުނިމެ” ބޮޑަށް ޒުލައިހާގެ އަތުތެރޭގައި ބޮނޑިވެލަމުން ހަމަ އާޔާ ބުނި ރާގުގައި ރައިލީން ބުނެލިއެވެ. އެންމެން ހިނި އައިސްފައި މަންޒަރު ބަލަން ތިއްބެވެ. އަހްމަދު ވެސް އައިސް ޔާސިރު އާއި ޒާލިމް އާއި ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ. “ކޮބާ ތުއްތު އެންޑް ތިއްތިގެ ކުދިންކޮޅު؟” ޔާސިރު އާއި ޒާލިމް އަށް ނިސްބަތްކޮށް ޒައިހާ އަހާލިއެވެ. “ކުދިންކޮޅު ވެއްޖެ ގޭގައި. އައިމާމެން އެބަ އުޅޭ ސައިހެދުމުގަ” ޔާސިރު ހިނިތުން ވުމަކާއިއެކު ޖަވާބު ދިނެވެ. ޒައިހާމެން ބޭލުމައް އައީ ހަމަ އެކަނި ޒުލައިހާ އާއި އެ ދެބެންނެވެ. ޒައިހާ އާއި ޒާލިމް އަދި ޔާސިރު އަކީ ޒުލައިހާގެ 3 ކުދިންނެވެ. އެ ކުދިންގެ ބައްޕަ ވަނީ މާ ކުރިން މި ދުނިޔެ އާއި އަލްވަދާއު ކިޔާފައެވެ. “ހިނގާ ދަމާ އަވަހަށް. ވަރުބަލި ވެފައެއްނު ތިބޭނީ” އާޔާ އުރާލައިގެން ހުރެ ޒުލައިހާ ބުނެލިއެވެ. ގެއަށް ދިޔަ މަގުމަތީގައި މައިގަނޑު ދެކެވުނު ވާހަކަ އަކީ ޢީދުގައި ކުރިއަށް ގެންދިޔުމައް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ވާހަކައެވެ. ހެނދުނު ގަޑި ކަމުން މަގުމަތީގައި މީހުން އެހާ ގިނައެއް ނޫނެވެ.
ގެއަށް ދެވުމާއެކު އެންމެ ފުރަތަމަ ވެސް ރައިލީން އޭނާގެ ޕްލޭނާއި އެއްގޮތައް ކަން ކުރަން ފެށިއެވެ. އެމީހުން މިއަދު އަންނަކަން ހަމަ އެކަނި އެނގޭނީ ޒުލައިހާ މެނަށެވެ. އެ ގެ އަކީ ދެބުރިއަށް ނަގާފައިވާ ގެއެކެެވެ. މަތީ ފްލޯ ހަމަ ޖައްސާފައިވަނީ ކުދިންނަށެވެ. އެ ގެއަށް ބަލާލިއަސް އެއީ ފުދިގެން އުޅޭބައެއްކަން އެނގޭހާވެއެވެ. ގޭތެރޭގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސާފުޡާހިރު ކަމެވެ. އެ ގެއަކީ ޔާސިރު އާއި ޒާލިމްގެ ބުރަ މަސައްކަތެވެ. ރައިލީން ސިޑީގެ ހަރުފަތްތައް ގިރާކުރުމަށް ފަހު ގޮސް އެންމެ ފުރަތަމަ ހުރި ކޮޓަރި ކުރިމަތީ ހުއްޓިލިއެވެ. ޒުލައިހާ ބުނިގޮތުންނަމަ އެއީ ނައުރާގެ ކޮޓަރިއެވެ. ނައުރާއަކީ ޒާލިމް އާއި މައިރީންގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ރައިލީން މަޑު މަޑުން ދޮރު ތަޅުގައި ހިފާލިއެވެ. ހީކުރި ގޮތާހިލާފަށް ފަސޭހަކަމާއެކު ދޮރު ހުޅުވުނެވެ. ރައިލީން ކޮޓަރި ތެރެއަށް ބޯ ދިއްކޮއްލިއެވެ. ރައިލީން ހީކުރި ގޮތައް ނައުރާ އޮތީ ނިދާފައެވެ. ރައިލީން މަޑު ހިނގުމެއްގައި ގޮސް ނައުރާގެ އެނދުކައިރި ހުއްޓުނެވެ. އަދި ގުދުވެލާފައި ނައުރާގެ ކަންފަތް ބުޑުގައި ގުޑް މޯނިން އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. ފޫކޮޅަށް ކައްޓެއް ހެރުނު ފަދައިން ނައުރާ ތެދުވެއްޖެއެވެ. ރައިލީން ގާތައް އައީ ލާނެތް ހިންޏެކެވެ. “ލީނޫ!!!!! އަންގާވެސް ނުލާ ބަލާބަލަ އައިސް ހުރިވަރު” ރައިލީން އާއި ދިމާލަށް ދެލޯ އަޅައިގެން އިނދެ ނައުރާ ބުނެލިއެވެ. “މި ނައު އަށް ސަޕްރައިޒް އެއްވެސް ދޭން އުޅޭނެ ކަމެއް ނެތް. އުފަލެއް ވެސް ނުވޭނު އެހާ ދުވަސް ފަހުން ފެނުނީމަ” ފޫހި ރާގަކަށް ރައިލީން ބުނެލީ ހަށަންބަނދެގެން ހުރެއެވެ. “އާނވ. ލީން ރުޅި އައީތަ. ލީން އަކާ ނުގުޅެ ތި ފޭސް އެއް” ނައުރާ ބުނެލީ އައިސް ރައިލީންގެ ކޮނޑަށް އަތް ވައްޓާލަމުންނެވެ. “ދާން އުޅޭ ރެޑީވާން، އަދި އެބަ ޖެހޭ އެއުޅޭ ޒިއުނާގަނޑު ކޮބާތޯ ބަލަން ދާން” އޭނާގެ ކޮނޑުން ރައިލީން ނައުރާގެ އަތް ނަގަމުން ބުނެލިއެވެ. އެހެން ބުނެ ރައިލީން އެ ކޮޓަރިން ނުކުތީ އަވަސް ކުރުމަށް ބުނެފައެވެ. ރައިލީން އަށް ނިކުމެވުނީ ޒިއުނާގެ ކުރިމައްޗަށެވެ. ޒިއުނާގެ ދެ ލޯ ބޮޑުވިއެވެ. އަދި ހަމަ ހޭވެރިކަންވި މީހަކު ފަދައިން ހަޅޭއްލަވައި ގަނެފައި ރައިލީންގެ ގައިގައި ބައްދާލިއެވެ. އެ ހަޅޭކުގެ އަޑަށް ޖެހިގެން ހުރި ކޮޓަރިން ލާމިއުވެސް ނިކުމެއްޖެއެވެ. ނިކުމެފައި ބަލައިލާފައި އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ. ޓީޝާޓެއް ނުލާ ހުރީމައި ކަމަށްވެސް ވެދާނެއެވެ. ޒިއުނާ އާއި ލާމިިއު އަކީ ޔާސިރު އާއި އައިމާ ގެ ދެ ކުދިންނެވެ. ރައިލީން މާލޭގައި އުޅުނު ކަމުގައި ވިޔަސް ރައިލީން އާއި ނައުރާ އަދި ޒިއުނާގެ މެދުގައިވަނީ ވަރުގަދަ އެކުވެރިކަމެކެވެ. އެކުދިން އަބަދުވެސް ގުޅައިގެން ނުވަތަ މެސެޖު ކޮއްގެން އެކުދިންގެ ދިރިއުޅުމުގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާކުރެއެވެ. ރައިލީން އާއި ނައުރާ އަށް ވުރެ ޒިއުނާ އެއް އަހަރު ކުޑަވާނެއެވެ. ލާމިއު ޒިއުނާ އަށްވުރެ 3 އަހަރު ބޮޑެވެ. ތިންކުދިންނަކީވެސް ހެޔޮވަރު އިސްކޮޅެއް ލިބިފައިވާ ތިންކުދިންނެވެ. އެތަނުން ބުރުގާއަޅައިފައިވަނީ ހަމައެކަނި ނައުރާއެވެ. ރައިލީން ހައި ދޮން ނުވިޔަސް އެ ކުދިންނަކީވެސް ފިރިހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ސިފަތަކެއް ލިބިގެން ވާ ދެ ކުދިންނެވެ. ހަމަ އެފަދައިން ލާމިއު އަކީވެސް އަންހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ސިފަތަކެއްގެ ވެރިއެކެވެ. “ޒިއު ތިއުޅެނީ ލީން މަރާލަންތަ” އުނދަގޫ ގޮތަކަށް ރައިލީން ބުނެލިއެވެ. ރައިލީން އެހެން ބުނުމުން ޒިއުނާ އަށް އެ ހުރެވުނީ ވަރަށް ބާރަށް ރައިލީން ގައިގައި ބައްދައިގެންކަން ރޭކާލިއެވެ. އެހެން ކަމުން ދުރަށް ޖެހިލާފައި ސޮރީ އޭ ނިކަން ހިނިއައިސްފައި ހުރެ ބުނެލިއެވެ. ރައިލީން ވެސް ހިނިގަނޑެއް ޖަހާލިއެވެ. “ބުނެވެސް ނުލާ ތިއައީ” ތުންކޮޅު އޫކޮށްލަމުން ޒިއުނާ ބުނެލިއެވެ. “ބުނެފަ އައިނަމަ ސަޕްރައިޒް އަކަށް ވާނެތަ. އެހުރީ ޒިއުދައްކާ މޮޔަ ވާހަކަ ދޯ ލާމިއޫ” ޓީޝާޓެއް ބޮލަށް މަހާލައިގެން އިސްތަށިގަނޑު އަތުން ރީތި ކުރަމުން ނިކުތް ލާމިއު އަށް ރައިލީން ދޯ ދިނެވެ. “މޮޔަ މީހުން ދައްކާނީ މޮޔަ ވާހަކަ އެއްނު” ޒިއުނާ އަށް ސައިޑް އައި ދީފައި ލާމިއު ބުނެލިއެވެ. ރައިލީންވެސް ހިނިގަނޑެއް ޖަހާލިއެވެ. ޒިއުނާ ލާމިއު އަށް ލޯ އަޅާލާފައި ތިރިއަށްދާން ހިނގާށޭ ބުނެލިއެވެ.
އެމީހުން ތިރިއަށް ފޭބި އިރު ގޭތެރޭގައި އަޑުގަދަވެލާފައި އޮތެވެ. މަންމަމެން ވެސް އެހާ ދުވަސްފަހުން ފެނުނީމައި ދައްކާނެ ވާހަކަ ހުންނާނެތާއެވެ. ލާމިއު އެންމެ ފުރަތަމަވެސް ދިޔައީ މައިރީންގެ އުނގުގައި އިން އާޔާގެ ގާތަށެވެ. ކުޑަކުދިންނަށް މާ ފޯރި ހުންނަ ސޮރަކީއެވެ. “ކޮބާ މިއޮއް އައީނު އެކުދިން. އުޅޭ ހުރިހާކުދިން އަވަހަށް ސައިބޯންދާން” ރައިލީންމެން ފެނުމުން އައިމާ ބުނެލިއެވެ. “ކޮބާ ނައު؟” ޒައިހާ އެހެން ބުނެލީ ނައުރާ ފެންނަން ނެތުމުންނެވެ. “ނައު މިހުރީނު” ނައުރާ އައިސް ރައިލީންމެންގާތު ހުއްޓިލަމުން ބުނެލިއެވެ. އެންމެން ދެން އުޅެގަތީ ސައިބުއިމައިގެންނެވެ. އުފާވެރި މާހައުލެކެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ދުވަހަކީ އަލްޙާ ޢީދު ދުވަހެވެ. ޒައިހާމެން ރަށަށް އައީ ޢީދުގެ އެއް ހަފްތާ ކުރިންނެވެ. ގޭތެރެ ވަނީ ނުހަނު ހަލަބޮލި ވެފައެވެ. ހުރިހާ ފިރިހެންވެރިން ޢީދު ނަމާދަށް ދިޔައިރު ވެސް މި އަންހެންވެރިންނަށް ތައްޔާރު ނުވެވެއެވެ. ތަކުބީރުގެ އަޑު އިވެން ފެށުމުން ރައިލީން އާއި ނައުރާ އަދި ޒިއުނާ ހަލުވި ހިނގުމެއްގައި ސިޑިން ފައިބައިގެން އާދެއެވެ. އޭރު މައިރީންމެން ލަސްވެފައި ސޯފާގައި ތިއްބެވެ. ތިން ކުދިން ފެނުމާއެކު ލަސްވެގެން އެއްޗެކޭ ބުނަން އުޅުނު އައިމާ ގެ ދުލުން ނުކުތީ މާޝާ ﷲ, މިބަހެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިން ކުދިންވެސް ހީވަނީ ހޫރުޕަރީން ތަކެއް ހެއްނެވެ. ޒުވާން ފިރިހެން ކުދިންގެ ހިތްތައް ކަތިލެވޭނެކަން ގައިމެވެ.
ޢީދު ނަމާދުކޮށް ނިމުމުން އެންމެން ސީދާ އައީ ގެއަށެވެ. ޒައިހާމެން ފަތިހު ވަނީ ސައި ހަދާފައި ކަމުން އެންމެން ކުޑަކޮށް ގެއިން ސައިބޮއިގެން ދިޔައީ ޢީދު ސަޔަށް ލިބިފައިހުރި ދައުވަތު ތަކަށެވެ. އެކި ގޭގެއިން ސައިބޮއިގެން އެންމެ ފަހު ގެއަކަށް ދިޔައީ ނައުރާ އަދި ޒިއުނާގެ އެކުވެރިއެއް ކަމަށްވާ ޝުބާގެ ގެއަށެވެ. އޭރު ގަޑިން 9.30 ވަނީއެވެ. އެގެއިން ސައިބޮއި ނިމިގެން ޒައިހާމެން ގެއަށް ދިޔައިރުވެސް ރައިލީންމެން ތިބީ ޝުބާ އާއި ވާހަކަ އަޅުވައިލައިގެން އެގޭ ބޭރުގައި ހުރި ހެއްލާޖޯލީގައެވެ. ރައިލީން ވަނީ ޝުބާ އާއި ދެތިން ފަހަރަކު ދިމާވެފައިކަމުން ދެ މީހުންގެ މެދުގައި ވަނީ އެކުވެރިކަން އުފެދިފައެވެ. “އޯޝިޓް. މިގަޑިއަކީ ކުލަ ކުޅެން ފަޝާގަޑި” ޒިއުނާ އެއްޗެއް ހަނދާންވާ ފަދައަކުން ބުނެލިއެވެ. އެ އެންމެން ވެސް ތިބީ ހުދު ހެދުމުގައެވެ. ފިރިހެން ގުރޫޕު ގަނޑަކާއި ޖެހިއްޖެއާ ނިމުނީއެވެ. “ކިހިނެތް ހަދާނީ ދެން؟” ރައިލީން ވެސް ހުރީ ހާސްވެފައެވެ. އެއީ އޭނާ އަށް ވަރަށް ރީތި ވެގެން ޢީދައް ގަތް ހެދުމެއްވިއްޔާއެވެ. “ހިނގާ ތަންކޮޅެއް މީހުން މަދު ގޯޅިއަކުން ގެއާ ހަމަ އަށް ފޯރާތޯ ދަމާ. ޝުބާ އާދޭ އިނގޭ ޗޭންޖް ކޮއްލައިގެން” ނައުރާ އަވަސް އަވަހަށް ބުނެލިއެވެ. ޝުބާ ގެއަށް ވަނުމުން ތިންމީހުން އެންމެ ކައިރީގައި ހުރި ގޯޅިން އަޅާލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ދެން އިން މަގަށް ނުކުތެވެ. ކަމަކު ދާކަށް ނެތެވެ. އެ މަގުގައި ފިރިހެން ގުރޫޕެއް އަންހެން ކުދިން ތަކެއް ހިފަހައްޓައިގެން އުޅެއެވެ. އެ މީހުނަށް ރައިލީން މެން ފެނިއްޖެޔާ ކަންތައް ދިޔައީއެވެ. އެހެން ކަމުން ވަރަށް ބާރަށް ތިންމީހުން އެ މީހެއްގެ ސަލާމަތައް ދުއްވައިގަތެވެ. އެވަރުން ވެސް އެ ގުރޫޕުގަނޑައް ފެނިއްޖެ ވިއްޔާއެވެ. ރައިލީން އަށް މާ ބޮޑަށް އެ ރަށުގައި ހިނގަން ނޭނގުނުނަމަވެސް ކޮންމެވެސް ވަރަކަށް މިހާރު އެނގެއެވެ. އެހެންކަމުން ދުވަމުން ދުވަމުން ގޮސް ގޭ ހުންނަ މަގާ ހަމައަށް ދެވިއްޖެއެވެ. އޭރު ރައިލީން ހުރީ މާނޭވާ ލެވި ލެވިއެވެ. ރައިލީން ފަހަތުން ވެސް ކޮންމެވެސް ފިރިހެން ކުއްޖަކު އައެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ދިޔަތަނެއް ރައިލީން އަކަށް ނޭނގެއެވެ. ރައިލީން ފަހަތް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެ ކުއްޖާ ކައިރި ގޯޅިއަކުން އަންނަތަން ފެނިއްޖެއެވެ. އެހެން ކަމުން ރައިލީން އަނެއްކައި ވެސް ދުއްވައިގަތީ ގެ ހުރީ މާ ދުރުގައި ނޫންކަމުންނެވެ. މިފަހަރު ރައިލީންގެ ނަސީބު އަތުގައި ހިފީއެވެ. ރައިލީން އަށް ސަލާމަތުން ގެއަށް އާދެވިއްޖެއެވެ. ރައިލީން ދޮރާށިން ވަނުމުން އެކުއްޖާ އަނބުރާ ގޮސްފިއެވެ. އޭރު ގޯތިތެރޭގައި ހުރި އަނބުގަސްތަށުގައި ހުރިހާ އަވަށްޓެރިން ވެގެން ކައްކަން އުޅެއެވެ. ފިރިހެންވެރިން އަންހެން ވެރިންނަށް ފާޑު ކިޔުމުގައި ޖޯލީގައި ތިއްބެވެ. މާމަ ބުނި ގޮތުގައި މިރަށުގައި ކޮންމެ ޢީދު ދުވަހެއްގެ މެންދުރުގެ ކެއުން ތައްޔާރު ކުރާނީ ހުރިހާ އަވަށްޓެރިން އެއްކޮށެވެ. އެކުވެރިކަމުން ފުރިގެންވި މާހައުލެކެވެ. ރައިލީން އަށް މިއީ އައުކަމެކެވެ. “ކޮބާ އެކޮއެ، ސަލާމަތުން އާދެވިއްޖެ ދޯ” އެތާ ތަރުކާރީ ކޮށަން އިން ދައްތަ އަކު ބުނެލިއެވެ. ރައިލީން އެމީހާއަށް ހިނިތުންވުމެއް ދީފައި ދިޔައީ އަވަހަށް ހެދުން ބަދަލު ކުރުމަށެވެ.
ރައިލީން ހެދުން ބަދަލު ކޮއްގެން ބޭރަށް ނުކުތް ވަގުތު ފެނުނު މަންޒަރުން ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޒިއުނާ އާއި ނައުރާ ތިބީ ކުލަ އިން ފެންވެރިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެމީހުން މޫނު ކުނިކޮއްގެން ތިބި އިރު ވަރަށް މަޖަލެވެ. މަންމަ މެންވެސް ހީހީފައި އުޅެއެވެ. ޒިއުނާ ހުރެގެން ޝަކުވާ ކުރެއެވެ. “ލީން، ދައްތަ ބުނާނެ ވާހަކައެއް ނެތް، ލީންގެ ސަލާމަތް ލީން ހޯދާތި” މައިރީން ބުނެލީ ހެމުންނެވެ. އެމީހުން އެހެން ތިއްބާ ދެން އައީ ޝުބާއެވެ. ޝުބާވެސް ހުރީ ހަމަ އެހާލެއްގައެވެ. “ލީނޫ!! ތިހެނެއް ނުހުރެވޭނެ އިނގޭ” ނައުރާ ބުނެލީ އިންޒާރެއް ދޭފަދަ އަކުންނެވެ. އެބުނި އެއްޗެއްގެ މާނަ އެނގުމުން ރައިލީން އަވަހަށް ދުއްވައިގަތީ މަގުމައްޗާ ދިމާލަށެވެ. ރައިލީން ގެ ފަހަތުން ޒިއުނާ، ޝުބާ އަދި ނައުރާވެސް ދުއްވައިގަތެވެ. ރައިލީން ފިލަންވެގެން ދުވެފައި ކައިރީގައި ހުރި ގޯޅިއަކަށް އަޅާލީ ފަހަތް ބަލަމުންނެވެ. ރައިލީން ގޮސް ޖެހުނީ މީހެއްްގެ ތަނަވަސް މޭމަތީގައެވެ. ޖެހުނުލެއް ބާރު ކަމުން ރައިލީން އަށް އައުޗް އޭވެސް ބުނެވުނެވެ. އަދި މަޑުމަޑުން އިސް އުފުލައި ބަލާލިއެވެ. ދުވަހަކުވެސް ފެނިފައިނުވާ ޒުވާނެކެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ކަޅުކަންގަދަ ކަޅިރަވައެކެވެ. އޮޅަލި ހަންގަޑެއްގެ ވެރިއެކެވެ. އަންހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ފިރިހެންވަންތަ ކަމެކެވެ. ތުނިކޮށް ފަޅާފައިވާ މަތިމަހުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ނިތްމައްޗައް ވެރިފައެވެ. ލާފައިހުރީ ހުދު ޓީޝާޓަކާއި ކަޅު ސޯޓެކެވެ. ލާފައި ހުރި ޓީޝާޓުގައި ވަނީ ހުސް ކުލައެވެ. ފުރަތަމަ ފެނިލުމުންވެސް އެ ޒުވާނާ ރައިލީންގެ ހިތް އަތުލައިފިކަންގައިމެވެ. ރައިލީން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނާގެ މޫނުގައި ކުލަ ހޭކުމުންނެވެ. ފަހަތް ބަލާލިއިރު ފަހަތުގައި ހުރީ ލާމިއު އެވެ. މަންޒަރު ބަލަން ހިނިއައިސްފައި ނައުރާ އާއި ޝުބާ އަދި ޒިއުނާ ތިއްބެވެ. ރައިލީން ލާމިއު އަށް ލޯ އަޅާލައިފައި ގޮސް ނައުރާ އަތުން ކުލަކޮޅެއްނަގައިގެން ލާމިއު ފަހަތުން ދުއްވައިގަތެވެ. “ލޫތޫ!! ބަލަން ނުހުރެ މަ ސަލާމަތް ކުރަން އާދެބަލަ!” ލޫތުވެސް ހިނިއައިސްފައި ހުރެ އެމީހުން ފަހަތުން ދުއްވައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Masha Allah 😍 vrh furihama vrh reethi when’s next? Curiously waiting for next ep? Waiting waiting for next vrh inthizaaru ga ingeyyyy 😘🥹🥰
Awwn thankyouu girl 💗
its prettyyyy guuud gurrrlyyy
i hope you will write adhi miahh vure ves furihama yahh inshallahh I ge support alwys libeyne
☺
Thankyouu girl🎀💗