ހިތުގެ ރިހުން (11)
“މި ކަލޭއާ ހެދި ވާ ގޮތް.. ކަލެއާ ކަލޭ މަންމަ އަކީ މަގޭ ހަޔާތަށް އައިސް ތިބި ދެ ހަރުފަ” އާތިކާ ޔާސިންއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޔާސިން ހުރީ އާތިކާ ދައްކާ ވާހަކަ އެއް ނޭގިފައެވެ. ކުއްލިއަކަށް އޭނާގެ މަންމަ މި ދޭތެރެއަށް ވެއްދީ ކީއްވެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ޔާސިރު އަތުގެ އިޝާރާތުން އާތިކާ ގެންދިއުމަށް ބުނެލިއެވެ. ހުޝާމް އާތިކާގެ ކޮޑުގައި ހިފައިން އެމެޖެންސީ ރޫމް އިން ނިކުންނަން ހިގައިގަތެވެ.
“ޔާސިން.. ޔާސިން ގާތު ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެފައެބައޮތް..” ޔާސިރު ބުނެލިއެވެ. ނައިރާ އުރާލައިން ހުރި ޔާސިން ޔާސިރާ ކުޑަކޮށް ކާއިރިވެލިއެވެ.
“ޔާސިންތީ އަހަރެންގެ ދަރިއެއް..” ޔާސިރު މިހެން ބުނުމުން ޔާސިންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މަޖަލަކަށް ނަމަވެސް އެދުވަހު އެމީހާ އެބުނި އެއްޗަކީ ހަގީގަތަކަށް ވެދާނެ ކަމަށް އޭނާ ހިތަކަށްވެސް ނާރައެވެ. އޭނާގެ އުމުރުން 25 އަހަރުވެގެން މިދިޔައީ ބައްޕަ އަކީ ކާކުކަން ނޭގިއެވެ. މަރީގެ އޯގާތެރިކަމާ ލޯބި އޭނާއަށް ލިބުނީ ބައްޕައެއްގެ ލޯބި އުނިނުވާ ވަރަށެވެ. އެ ހުރިހާ ދުވަސްވިއިރުވެސް އޭނާގެ ބައްޕަ އަކީ ގޯސްމީހެކޭ އެންމެ ފަހަރަކުވެސް ބުނެފައި މަރީ ނެތެވެ. އަބަދުވެސް މަރީ ބުނަމުން ދިޔައީ ޔާސިންގެ ބައްޕަ ދާން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އޭނާއާ ޔާސިން ދެކެ ޔާސިން ބައްޕަ ވަރަށް ލޯބިވާ ކަމަށެވެ.
“އަހަރެން ކިހިނެއް ތިވާހަކަ ގަބޫލު ކުރާނީ..” ޔާސިން އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ޔާސިރު ދިއްކޮށްލީ އޭނާގެ ޑީއެންއޭ ރިޕޯޓެވެ. އެ ކިޔާލުމަށްފަހު ޔާސިންގެ ލޮލުން ކަރުނަ ހިލުނެވެ. އަދި ބައްޕާއޭ ކިޔާ ޔާސިރުގެ އަތުގައި ހިފާލިއެވެ.
*****
“އައްސަލާމް އަލައިކުމް. މިންހާ މަންސޫރު އެބައުޅޭތޯ؟” އެތެރެއަށް ވަދެގެން އައީ ޕޮލިހުންގެ ދެމީހެކެވެ.
“މެޑަމް ހުންނަނީ މަތީގަ” ޕްރިޔާ ބުނެލިއެވެ. ޕޮލިހުން މައްޗަށް އަރަން ހިގައިގަތުމުން ޕްރިޔާ އަވަހަށް މަންސޫރަށް ގުޅިއެވެ.
“ހަލޯ ބޮސް.. ވަރަށް ސަކަރާތް ވަނީ… މިންނު މެޑަމް ގެންދަނީ ޕޮލިސް” ޕްރިޔާ މިހެން ބުނުމުން މަންސޫރު ވަޤުތުން ފޯނު ކަޑާލިއެވެ.
“މިންހާ މަންސޫރު ހެންވޭރު ޕޮލިހުން މިއައީ… އަޅުގަނޑުމެންނަށް މިގޭގައި މާރާމާރި ހިންގިކަމަށް ހަބަރުލިބުމުން.. ދޮރު ހުޅުވާ.. ނޫނީ އަޅުގަނޑުމެން މިދޮރު ހަލާކުކޮށްލާފަ ވިއަސް އެތެރެއަށް ވަންނާނަން” ދޮރުގައި ޖަހާ ޖަހާވެސް މިންހާ ދޮރު ނުހުޅުވުމުން ޕޮލިސް މީހާ ބުނެލިއެވެ.
މިންހާގެ ހަބަރެއް އެއްގޮތަކަށްވެސް ނުވިއެވެ. ފަސް ވަރަކަށް މިނިޓު މަޑުކުރުމަށްފަހު ދޮރު ފަޅާލަން ޕޮލިސްމީހާ ހިފާލިއެވެ.
“ކޯޓު އަމުރެއް އެބައޮތްތޯ؟” ފަހަތުން އައި މަންސޫރުގެ ލޯޔަރު އަދުނާން ބުނެލިއެވެ. ޕޮލިސްމީހާ އަދުނާން އަތަށް ކޯޓު އަމުރު ދިއްކޮށްލިއެވެ. އަދި ދޮރުގައި ޖެހިޖެހީނުން ދޮރު ފަޅާލިއެވެ. ކުރިމަތީގައި ފެންނަން ހުރި މަންޒަރުން ޕްރިޔާއަށް އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަނެވުނެވެ. ޕޮލިސްމީހާ އާއި އަދުނާނުއާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށްވަދެ ފަންކާގައި ދަންޖެހިފައި ހުރި މިންހާގެ ދެފައިގައި ހިފާ ހިއްލާލިއެވެ. އިތުރަށް ކަރަށް ވާން ވިޔަ ނުދިނުމަށެވެ. ދެން ހުރި ޕޮލިސްމީހާ ގޮސް ވަޅިން ބެޑްޝީޓު ކަފާ މިންހާ ވައްޓާލިއެވެ.
“އަދި ވިންދު އެބަހުރި.. އަވަސް ކުރޭ..” މިންހާގެ ކަރުގައި ވިންދު ހުރިތޯ ބަލަން އަތްޖައްސާލުމަށްފަހު އަތްދަނޑި މައްޗަށް ލައިން ޕޮލިސް ކާރަށް އަރުވަން ޕޮލިސްމީހާ ދުއްވައިގަތެވެ.
*****
“މަންމާ… އަޅެ އަދިވެސް ޔާސިން ފޯނެއް ނުނަގައޭ.. މިހާރު ރިންގުވޭ.. އަހަރެން ވަރަށް ދެރަވޭ އެބަ…” މިއަދު ވީ ގޮތް އައިޝާއަށް ކިޔާ ދެމުން ނޫރާ ބުނެލިއެވެ.
” ދަރިފުޅާ ކެއްތެރިވޭ… އެއީ ޔާސިން ބޭނުންވި ދިރިއުޅުން… މިންހާ އެކަންތައް ކުރީ ރަގަޅަކަށް ނުން..” އައިޝާ ބެލީ ނޫރާއަށް ވިސްނަދެވޭތޯއެވެ.
“އެކަމް މަންމާ މިންހާ ޔާސިންއާ އަހަރެން އަޅުވާކީ އިރު އޭނަ އެއުޅެނީ ވަކި ރަގަޅަކަށް ނުން… ނައިރާ ކިހާ ހާލުގަ ޖެހޭނެ އެދެމީހުން ވަކި ވެއްޖެޔާ.. އަހަންނާ ހެދި އެހެން މީހެއްގެ ދިރިއުޅުން ހަލާކުވަކަށް އަހަރެން ބޭނުމެއް ނުން..” ނޫރާ އިސް ޖަހާލިއެވެ.
“ކާކުތަ ބުނީ ދަރިފުޅާ ހެދިއޭ އެދިރިއުޅުން ހަލާކުވާނީ… ދަރިފުޅު ތިއުޅެނީ ޔާސިން އާ ރައްޓެހިވެގެންތަ؟ ނޫނެއް ނުން.. އެ ދިރި އުޅުން ހަލާކު ވާނީ މިންހާ އާ ހެދި.. ” އައިޝާ ބުނެލިއެވެ. އައިޝާ ރިމޯޓު ނަގާ ޓީވީ ހުޅުވާލީ ނޫރާގެ ވިސްނުންތަ ދުރު ކުރުމަށެވެ. ނަމަވެސް ނޫރާގެ ހިތް ނުތަނަވަސްކަން ވީ އިތުރެވެ. އޭރު ޓީވީން އަވަސް ހަބަރު ދައްކަމުން ދިޔައެވެ.
ހ.ބްލޫބްރީޒްގައި ހިގި ހަމަ ނުޖެހުމެއްގައި ފިރިހެނަކަށް ކަތުރުން ހަމަލާދީ އަވަސް ފަރުވާއަށް ގެންދިޔަ ހަބަރެވެ. ނޫރާ ވަގުތުން ސޯފާއިން ތެދުވެގެން ދުއްވައިގަތެވެ. އައިޝާވެސް ނޫރާ ފަހަތުން ދިޔައެވެ. ލިފްޓުން ފައިބަމުން ހުޝާމްއަށް ނޫރާ ގުޅާލިއެވެ.
“ކޮންތާކު؟” ހުޝާމް ހުންނާނީ ޔާސިން ގާތުކަން އިނގިހުރެ ނޫރާ އަހާލިއެވެ.
“ނޫރާ ހަމަ ޖެހިބަލަ އިހަށް..” އަވަސް ހަބަރު އަޑުއެހުމަށްފަހު ނޫރާ ގުޅިކަން ހުޝާމްއަށް އިނގެއެވެ.
“މަމިއަހަނީ ކޮންތާކުހޭ” ނޫރާގެ ކެއްތެރިކަން ކޮޅުންލިއެވެ.
“އޭޑީކޭގަ.. ނޫ…” ހުޝާމްއަށް އިތުރު އެއްޗެއް ނުބުނެވެނީސް ނޫރާ ފޯނު ކަޑާލިއެވެ.
*****
“ނޫރާ އެގުޅީ ހަބަރު އަޑު އަހާފަ… އަހަރެން ކިޔާ އެއްޗެއް އަޑުވެސް ނާހާ ފޯނު އެބޭއްވީ..” ހުޝާމް އެމެޖެންސީ އިން ނިކުތް ޔާސިން ގާތު ބުނެލިއެވެ. އޭރު އާތިކާ ފެންނާކަށް ނެތެވެ.
“މަންމަ ގެޔަށް ފޮނުވާލައިފިން” ޔާސިން ހޯދަނީ އަތިކާކަން އެގޭތީ ހުޝާމް ބުނެލިއެވެ.
ޔާސިންގެ ކޮޑުގައި ނިދިފައި އޮތް ނައިރާ އަށް ހޭލެވުނީ ސައިރަންގެ އަޑަށެވެ. ހުޝާމް ފެންނަން ހުރުމުން އަންކަލްއޭ ކިޔާ ހުޝާމް ގާތަށް ދިޔައެވެ. އެމެޖެންސީ ރޫމްއިން ހުސް އެދެއް ނެރެގެން ދެ ނަރުހަކާ ޑޮކްޓަރު ބޭރަށް ދުވެފައި ދިޔައެވެ.
އެވަޤުތަކީ މިންހާ ގޮވައިން ދެ ޕޮލިހުންނާ އަދުނާނާއި ޕްރިޔާ އައި ވަގުތެވެ.
“ބައްޕީ…. މަންމި… މަންމި..” ހޭނެތިފައި އޮތް މިންހާ އެދަށް ލާތަން ފެނުމުން ނައިރާ ރޯން ފެށިއެވެ. ކުޑަކުދިންނަކީ މިފަދަ ބައެކެވެ. ކިތަންމެ ނުބައިކޮށް ކަންތައް ކުރިއަސް ކިތަންމެ އަނިޔާއެއް ދިނަސް މަންމައިން ދެކެ އެވާ ލޯބި ފަޑެއް ނުވެއެވެ.
ނައިރާ ހުޝާމްގެ އުގުން ވީއްލިގެން ދުއްވައިގަތީ އެމެންޖެންސީއަށް ވައްދަން އައި އެދާ ދިމަލަށެވެ. ޔާސިން ނައިރާ ފަހަތުން ގޮސް އުރާލިއެވެ. އަދި އެ އެދު ފަހަތުން ގޮސް އެމެޖެންސީއަށް ވަނެވެ.
ކާޓެންތައް ކަހަލަމުން ނަރުސް އެންގީ އެންމެން ބޭރުގައި މަޑުކޮށްލުމަށެވެ.
“ކިހިނެއްތޯވީ..” ޔާސިން ކަންބޮޑުވެފައި އަހާލިއެވެ. މިންހާ އަކީ ކޮންމެ ފަދަކަމެއްވެސް ކުރަން ގާބިލް މީހެއްކަން ޔާސިންއަށް އިނގެއެވެ.
“ތީ ކޮންބޭފުޅެެއް؟” ޕޮލިސް އަހާލިއެވެ.
“އަޅުގަނޑުމީ…” ޔާސިންއަށް ދެން ފިރިމީހާއެކޭ ނުބުނެވޭނެއެވެ. އޭނާ ވަނީ މިންހާ ވަރިކޮށްފައެވެ.
“ފިރިމީހާއާ ދަރިފުޅު..” އަދުނާން ބުނެލިއެވެ. މިންހާ ވަރިކުރިކަމެއް ޔާސިރުނުން އެކަކަށްވެސް ނޭގޭނެއެވެ. ޕޮލިސް ކަންވިގޮތް ކިޔާދިނެވެ. މިންހާ ދަންޖެހިފައި ހުއްޓާ ފެނުނުކަމެވެ. ޔާސިން ބޮލުގައި އަތް އަޅާލިއެވެ. މިންހާ އެވަރަށްވެސް ސިކުޑި ހަމަ ނުޖެހެނީ ބާވައެވެ. އެކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަމެއް އޭނާއަށް ނޭގެނީ ހެއްޔެވެ؟
“މިންހާގެ އެހީތެރިޔާ…” ޑޮކްޓަރު ނިކުމެ ބުނެލިއެވެ. ޔާސިން ހުރި ފިޔަވަޅު މަތީ ހުއްޓި ހުރުމުން އަދުނާން ޔާސިން އަށް ގޮވާލިއެވެ. އަދި ޑޮކްޓަރު ގޮވާ ކަމަށް ބުނެލިއެވެ.
” ދެންމެ ކާޑިއަކް އެރެސްޓްއަކަށް ދިޔައީ.. ކިރިޔާ އަޅުގަނޑުމެންނަށް މިންހާ ސަލާމަތް ކުރެވުނީ… އަދި ހޭ ނާރާ..” ޑޮކްޓަރު ބުނެލިއެވެ. އަދި އެތެރެއަށް ވަދެލުމަށް ބުނެލިއެވެ.
ޔާސިން އެއްގޮތަކަށްވެސް މިންހާ ހުރި ތަނަކަށް ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މަންސޫރު މިވަގުތު ރާއްޖޭގައި ނެތުމާއި މިންހާ އަށް އަޅާލާނެ އިތުރު މީހަކު ނެތުމުން ހިތާދެކޮޅަށް ގޮސް މިންހާ އޮތް ތަނަށް ވަނެވެ.
ޔާސިން އަށް މިންހާ އޮތް ހާލު ފެނިފައި ހަމްދަރުދީ ވެވުނެވެ. ކަރުގައި ދަންޖެހިފައި ހުރި ނިޝާންތައް ރަތްވެފައި ހުއްޓާ ފެނުނެވެ. ޔާސިންއަކީ މަރީއެކޭ އެއްފަދައިން ވަރަށް ހިތް ބަލި މީހެކެވެ. ނައިރާ އައިސް މިންހާގެ ފައިކޮޅުގައި އަރާ އިށީނެވެ. އަދި މިންހާގެ ފައިގަ ހިފާ މަޑުމަޑުން ގޮވަން ފެށިއެވެ. ޔާސިން އަވަހަށް ނައިރާ ނެގިއެވެ. މިންހާއަށް މިވަގުތު އުދަގޫ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
މިންހާ އަރާމް ކުރުމަށް ބޭއްވުމަށް އެތަނުން ނިކުންނަން ޔާސިން ހިގައިގަތެވެ.
“ތީކާކު” ހޭވެރިކަންވި މިންހާ ކުރަކި އަޑަކުން ޔާސިން އަށް ބަލަހައްޓައިން އޮވެ ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



