ހިތުގެ ރިހުން (10)
ގެޔަށް ގޮސްވެސް ނޫރާ އަށް ވިސްނެމުން ދިޔައީ ޔާސިން އާ ދޭތެރޭ އެވެ. މިންހާ މިއަދު ކަންތައް ކުރި ގޮތުން ނޫރާގެ ހިތުގައި އަދިވެސް ވޭން އަޅަމުން ދިޔައެވެ. ފޯނު ނަގާ ޔާސިން އަށް ގުޅާލީ އަދިވެސް އެހިތުގައި ޔާސިން އަށް ލޯތްބެއްގެ ބޮޑުކަމުންނެވެ. ޔާސިންގެ ފޯނު ނިއްވާލާފައި އޮތުމުން ނޫރާގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.
*****
ޔާސިން ގެޔަށް ދިޔަގޮތަށް ގޮސް ދަބަހަށް އޭނާގެ އަންނައުނާއި ނައިރާގެ ބައެއް ހެދުންތައް އަޅައިން ގެއިން ނިކުންނަން ސިޑިން ފޭބިއެވެ. އެވަޤުތަކީ މިންހާ އަބުރާ ގެއަށް އައި ވަގުތެވެ. ޔާސިންގެ އެއް އަތުން ދަބަސް ހިފައިން އަނެއް އަތުން ނައިރާ އުރާލައިން ހުއްޓެވެ. މިންހާއަށް ޔާސިން އަތުގައި ދަބަސް އޮތްތަން ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ޔާސިން އަތުގައި ހިފައިގަތެވެ.
“ޔާސިން… އަހަރެން ދޫކޮށްފަ ނުދޭ… ހެޔޮނުވާނެ… އަހަރެން މޮޔަވެދާނެ… ” މިންހާ ރޯން ފެށިއެވެ.
“ކަލޭ ތިހިރީ ރަގަޅަށްވެސް މޮޔަވެފަ.. ތިހިރީ ގުރައިދޫއަށް ލާން ވެފަ..” ޔާސިން ދަތްކުދި ވިކާލަމުން ބުނެލިއެވެ. މިންހާގެ ރުއިމުގެ އަޑަށް ގޭގައި ގެންގުޅޭ ބޭރު ދެމީހުން ވެސް އެތަނަށް އައެވެ. ދެމަފިރިންގެ ކޯޅުން ތެރޭ ރޮއެ ރޮއެ ހުރި ނައިރާ އުރާލައިން ޕްރިޔާ ގޮސް ނައިރާގެ ކޮޓަރިއަށް ވަނެވެ.
“ޔާސިން ޕްލީސް… ޔާސިން ކީއްވެތަ އަހަރެން ރުޅިއަރުވަނީ.. ކީއްވެތަ އަބަދު ނޫރާ ފަހަތުން އުޅެނީ… އަހަރެންގެ ނެތީ ކޯންޗެއް އޭނަގެ ހުރެފަ..” މިންހާ ޔާސިން ގައިގާ ހުރި ބާރެއް ލާފައި ބައްދައިގަތެވެ.
“ދުރައްދޭ.. އަހަންނަށްވެސް ކެއްވާނީ ވަކި ވަރަކަށް… މިންހާ ބައްޕަ އަހަންނަ ކިތަންމެ ހަރަދެއް ކުރިޔަސް މި އަޅުވެތި ކަމުގަ އަހަންނެއް ނުހުންނާނަން.. އަހަރެން މިދަނީ އަހަރެން ދަރިފުޅު ގޮވައިން..” މިންހާ ދުރަށް ކޮއްޕާލަމުން ޔާސިން ނައިރާ ނަގަން އެކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. މިންހާ އަނެއްކާވެސް އައިސް ޔާސިން ގައިގާ އޮޅުލައިގަތެވެ.
“ކިހާ ދެރަކަމެއް… މިންހާ ހީނުކުރައްޗޭ އަހަރެން މިގޭގަ މިހުންނަނީ ގޮތެއް ނެތިގެންނޭ… އަހަރެން މިއޮއްހާ ދުވަހު ހުރީ ނައިރާ އަށް ޓަކާ… އެކަމް މިންހާ ނައިރާ އާ ދޭތެރޭވެސް ތި ކަންތައް ކުރަނީ ހިތު ހުރި ގޮތަކަށް.. ހެޔޮ ނުވާނެ އެއީ މާތް ﷲ އަހަރެމެންނަށް ދެއްވާފަ އޮތް އަމާނާތެކޭ…” ޔާސިން ބުނެލިއެވެ.
“އަހަރެން ނުކުރަން ކަމެއް.. ނައި ބަސްނާހަތީއޭ އެއީ…” މިންހާ ރެކެން މަސައްކަތް ކުރިއެވެ.
“ދެން އަހަންނޯ .. ބަލަ އަހަރެން މި މިންހާގެ ފިރިމީހާއޭ… އަހަރެން ބަސްނާހާތީތަ އަހަރެންނަށް ތި އަނިޔާ ކުރަނީ…” ޔާސިން އަނެއްކާވެސް މިންހާ ދުރުކޮށްލިއެވެ.
“އާން.. ކަލެޔާ ކަލެ ދަރި ކަމަކީ އަހަރެން ރުޅިއެރުވުން.. ރުޅި ނާރުވާށޭ ބުނީމަވެސް.. ހެޔޮ ޔާސިން އަކަށް ނުދެވޭނެ މިގެއަކުން…” މިފަހަރު މިންހާ ބިންމަތީ އިށީދެ ޔާސިން ދެފައިގާ ހިފެހެއްޓިއެވެ.
“ބުނަން.. އަހަރެން އަތުން ފައިން ގޯހެއް ހެދިދާނެ.. ދުރައްދޭ.. މިއަދަށް ފަހު މިންހާ ތީ އަހަރެން އަންބެއް ނުން.. ތިހިރީ ވަރިކޮށްފަ” ޔާސިން މިންހާ ވަރިކޮށްލިއެވެ. އެވަޤުތަކީ ޔާސިން އާ ބައްދަލު ކުރަން ޔާސިރު އެގެއަށް އައިސް ވަތް ވަޤުތެވެ. މަންޒަރު ފެންނަ މީހަކަށް ހީވާނީ ޔާސިން އަކީ ވަރަށް ނުބައި ނުލަފާ މީހެއް ކަމަށެވެ.
“ޔާސިން” ބިންމަތީގައި އިށީދެގެން އިދެ މިންހާ ރޮމުން ދިޔައެވެ. އޭނާއަށް ޔާސިން ގެއްލުނީއެވެ. ދެން ޔާސިން އަބުރާ ނާންނާނެއެވެ. ކޮޓަރިއަށް ވަދެ ނައިރާ ގޮވައިން ގެއިން ނިކުންނަން އެބުރިލި ޔާސިން އަށް ޔާސިރު ފެނުނެވެ. މިގެއަށް ޔާސިރު އަންނަން ޖެހޭ ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ.
“ބޭބޭ.. ކޮންކަމަކު” ޔާސިން އަވަސް ވެގަތީ އެ ގެއިން ނިކުންނަންށެވެ. ހުޝާމްގެ ބައްޕައަށް މިފަދަ މަންޒަރެއް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ޔާސިން” ޔާސިރު ޔާސިންގެ އަތުގައި ހިފައި އެއް ކައިރި ކޮށްލިއެވެ. މިންހާ ދުވެފައި އައިސް ޖެހި ކަތުރު ވަނީ ޔާސިރުގެ އަތަށެވެ. މުޅިތަނަށް ލޭ ބުރައިން ދިޔައެވެ. ޔާސިންއަށް ހަޅޭއް ލަވައިގަނެވުނެވެ. ނައިރާގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެތުއްތު ކުއްޖާ ކުރިމަތީ ފެންނަން ނުޖެހޭ އެތައް މަންޒަރެއް މިއަދު ފެނިއްޖެއެވެ.
“އެހެންނޭ ވާނީ ކަލޭ މިދޭތެރެއަށް ވަނީމަ” މިންހާ ބިރުން ދުވެފައި މައްޗަށް އެރިއެވެ. ޔާސިން އަވަހަށް އެންބިއުލާންސަށް ގުޅަން އުޅުނެވެ. އޭރުވެސް ޔާސިރުގެ އަތުގައި މިންހާ ޖެހި ކަތުރު އެއިން ގޮތަށް އިނެވެ. ޔާސިރުގެ ކާރު ޑްރައިވަރު ލަސްވެގެން އެގޭ ދޮރުމައްޗަށް އައީ ނަސީބެކެވެ.
*****
“ހުޝް.. މިއުޅެނީ ޔާސިންއަށް ނުގުޅިގެން.. އަޅެ ޕްލީސް ބަލާދީބަ ވީ ގޮތެއް..” ނޫރާ ހުޝާމްއަށް ގުޅައިން ވާހަކަ ދެއްކިއެވެ.
“ނޫރާ ހަމަޖެހިބަލަ.. ކިހިއްނެއްތަވީ” ރޮމުން ދިޔަ ނޫރާ ކުރެން ހުޝާމް އަހާލިއެވެ. ނޫރާ ވީ ގޮތް ހުޝާމް އަށް ކިޔާ ދިނެވެ. އެބަ ބަލަމޭ ބުނެ ހުޝާމް ފޯނު ބޭއްވިއެވެ.
ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު ޔާސިން އަށް ހުޝާމް ގުޅާލިއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިއަސް ހުޝާމްގެ ހިތުގައި ޔާސިން އަށް ދެވިފައި އޮތް ލޯތްބާއި ގަދަރު އަދިވެސް އެގޮތުގައި ހުއްޓެވެ. މި ހިނގައިދިޔަ ކަންތައްތަކުގައި ޔާސިންވެސް އަދި އޭނާގެ ވެސް އެއްވެސް ކުށެއް ނެތެވެ. ހުރިހާވެސް މައްސަލައަކީ އޭނާގެ މަންމަ އާތިކާއެވެ.
“ހަލޯ… ޔާސިން ކައެ ކޮންތާކު ހާދަ ގުޅައިފީމޭ..” އެތައް ފަހަރަކު ގުޅި ފަހުން ޔާސިންގެ ފޯނަށް ގުޅުނެވެ.
“ހަލޯ އަންކަލް… ނައިއާ ބައްޕި ހޮސްޕިޓަލްގަ…. ބައިވަރު ބްލަޑް.. އައްދޮވީ… ސިޒާ އައްދޮވީ ހޭންޑް..” ނައިރާ އޭނާއަށް އިނގޭ ގޮތަށް ކިޔާދިނެވެ. ހުޝާމްއަށް ހާސްކަން ލިބުނެވެ. ނައިރާގެ ވާހަކަ ތަކުން ހީވީ ޔާސިންއަށް ބޮޑު އަނިޔާއެއް ވެގެން އުޅޭ ހެންނެވެ.
“ނައިއްކޯ ކޮން ހޮސްޕިޓަލްއެއް؟ އަންކަލް އަށް ކިޔާދީބަ.” ނައިރާ އަބަދުވެސް ހުޝާމްއަށް ކިޔަނީ އަންކަލްއެވެ.
“ނައި އަކަށް ނޭގޭ.. ވެއިޓް އޭ.. ޑީ..ކޭ..” އެމެންޖެންސީ ކައިރި ޖަހާފައި ހުރި އަކުރު ތަކަށް ބަލަމުން ކިޔޭތޯ ނައިރާ މަސައްކަތް ކުރިއެވެ.
ހުޝާމް ވަޤުތުން ފޯނު ބާއްވާފައި އޭޑީކޭއަށް ދާން މިސްރާބު ޖެހިއެވެ.
އޭޑީކޭގެ ދޮރުން ވަދެގެން އައި ހުޝާމްގެ މޫނު މަތީގައި ވީ ހާސްކަމެވެ. ނިދިފައި އޮތް ނައިރާ ކޮޑު މައްޗަށް ލައިން ދެކޮޅަށް ހިނގާލަ ހިގާލަ ހުރި ޔާސިން ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޔާސިން އޭނާއާ ދިމާލަށް އަބުރާލިއެވެ.
“ޔާސިން.. ކިހިއްނެއްވީ… ނައި ބުނީ ކަތުރުން އަތަށް ކަމެއްވީއޭ…” ޔާސިންގެ ދެއަތް ބަލަމުން ހުޝާމް ބުނެލިއެވެ. ހުޝާމްގެ ހާސްކަން ފެނުމުން ޔާސިންއަށް ކުޑަވެސް ހިތްވަރެއް ލިބުނެވެ. އޭނާއާ ދޭތެރޭ ވިސްނާ އެކަކުވިޔަސް ހުރިކަމުގެ އިހުސާސް ކުރެވުނެވެ.
“އަހަންނަކަށް ނުވޭ ކަމެއް.. ހުޝާމް ބައްޕަ އަށް…” ޔާސިންއަށް މިހެން ބުނެވުނު ތަނާ އެމެޖެންސީއިން ނަރުހަކު ނިކުމެ ޔާސިރުގެ އެހީތެރިޔަކަށް ގޮވާލިއެވެ.
ހުޝާމް އާ ޔާސިންއާ އެކު އެކީ އެދިމާލަށް ހިގައިގަތެވެ.
“24 ސްޓިޗެސް ޖަހަން ޖެހުނު… ނާރަކަށް ނެތް އެއްވެސް ކަމެއް ވެފަ.. އެކަމް އެބަ ޖެހޭ ބަލަން ހޭންޑް މޫވްމަންޓް…” ޑޮކްޓަރު ވާހަކަ ދެއްކީ ޔާސިން އާ ހުޝާމް އާ އެވެ. އޭރު އެދުގައި އޮތް ޔާސިރުގެ މޫނު މަތިން ހަމަ ޖެހުން ފެންނަމުން ދިޔައެވެ. އޭނާ ހީކޮށްގެން ހުރީ ހުޝާމް ޔާސިން އާ ދޭތެރޭ ކަންތައް ކުރާނީ ވަރަށް ގޯސްކޮށް ކަމެވެ. ނަމަވެސް އެ ދެބެންގެ ގުޅުން ފެނުމުން ޔާސިރުއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
” އެޑްމިޓް ވާންތޯ ޖެހޭނީ؟” ދެމީހުންނަށް އެއްފަހަރާ އަހާލެވުނެވެ.
“ލެޓްސް ސީދޯ ޓޫ ތްރީ ޑޭސް…” ދޮކްޓަރު މިހެން ބުނުމަށްފަހު ހިގައްޖެއެވެ.
“ޔާސިރޫ… ޔާސިރޫ” އަޑުގެ ކޮޅަށް ގޮވަމުން އާތިކާ މޮޔައެއް ހެން ދުވަމުން އައެވެ. ހުޝާމް ކާޓެން ކަހާލީ އޭނާގެ މަންމަގެ އަޑު އިވުމުންނެވެ.
“ކާކު މަންމަ އަށް ގުޅީ” ހުޝާމް ޔާސިރު ގާތު އަހާލިއެވެ. ޔާސިން އޭނާއޭ ބުނެލީ ހިގައިން ދާ އެއްވެސް ކަމެއް ނޭގޭތީއެވެ.
އާތިކާ އައިގޮތަށް އައިސް ފޮތިގަނޑުތެރެއިން ދެމިލައިން ޔާސިރުގެ އަތް ނަގާ ބޮސްދޭން ފެށިއެވެ. އާތިކާ އަށް ހަބަރު އެގެއެވެ. ހިގާދިޔަ ހުރިހާ ކަމެއްވެސް އެގެއެވެ. އެވަގުތު ޔާސިން އެނދު ކަނުގައި ހުއްޓާ އޭނާ އަށް ފެނުނެވެ. އާތިކާ ގެ ރުޅިގަނޑު ދިޔައި ކޮންޓްރޯލުން ނައްޓައިންނެވެ. ކުއްލިއަކަށް…
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



