ފޮހެވޭނޭ ބާއޭ… 38
މިޝްޔާ އިޒްކާން ގާތު ހުރިހާ ވާހަކައެއް ހާމަކުރިއެވެ. އިޒްކާންއަށް ޝޮކެއް ލިބުނެވެ. އޭނަގެ ނިތަށް އަރައިގެން ދިޔަ ރޫތަކާއި ގޮށްޖެހިގެން ދިޔަ ބުމައިން އިޒްކާން ރުޅިއައިސްފިކަން މިޝްޔާއަށް ނަގައިގަންނަން ގިނަ އިރެއް ނުނެގިއެވެ.
”މިޝޫ ކީއްވެތަ އަހަރެން ގާތު ނުބުނީ؟، އެހާ ބޮޑަށް އަހަރެން ދުރުކޮށްލީތަ؟…” މުށްކެވިފައިވާ އިޒްކާންގެ އަތުގައި މިޝްޔާ ހިފިއެވެ. ”މިހާ ހިސާބަށް ގޮސްފާނެއެކޭ ހިތަކަށް ވެސް ނާރާ، ޒޭން ޕްލީޒް ރުޅި ފިނިކޮށްބަލަ، ރުޅި އިސްކޮށްގެން އެއްވެސް ކަމަކާ މެދު ރަގަޅަކަށް ނުވިސްނޭނެ…” މިޝްޔާ ވިސްނައިދޭ ރާގަކަށް ބުންޏަސް އިޒްކާންއަށް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. އިޒްކާން ހުރީ އެރާކިންއެއް ދެކެ އިންތިހާއަށް ރުޅި އައިސްފިއެވެ. އެމީހަކު ހުރިތަނަކުން ހޯދައި ހޭއަރުވާލަން ވެސް ހިތަށް އެރިއެވެ.
”އަހަރެން އޭނަ ދޫކޮށްނުލާނަން….” އިޒްކާން ބޭނުންވީ ފުލުހަށް ރިޕޯޓްކުރާށެވެ. ނަމަވެސް މިޝްޔާ އެކަމަށް ހުރަސް އެޅިއެވެ. އެމައްސަލަގަނޑު އިތުރަށް ބޮޑުވެގެން ދާން އޭނަ ނޭދޭތީއެވެ. އިޒްކާންއަށް ގެއްލުމެއް ލިބެން ނޭދޭތީއެވެ. ރާކިން އަކީ ޕާޓޭއެކެވެ. އެޖާހިލު މީހާ ކޮންމެ ފަދަ ކަމެއް ވެސްކޮށްފާނެއެވެ.
”ޒޭން، ޕްލީޒް އެގޮތަށް ކަންތައް ނުކުރައްޗޭ، އަހަރެން ބޭނުމީ އެހުރިހާކަމެއް މަތިން ހަނދާން ނައްތާލަން، ޖޮބުން ވަކިވާން އަހަރެން ވާނީ ސިޓީވެސް ލާފަ… އަހަރުމެން އެހެންތަނަކަށް ބަދަލުވާނީ، އޭރުން އޭނަގެ އުނދަގުލެއް ނުފޯރާނެ، ޒޭން ޕްރޮމިސް މީ ޔޫ ވޯންޓް ޑޫ ސަމްތިންގް ސްޓުޕިޑް، އަހަންނަށް ކެތްނުވާނެ ޒޭންއަށް ކަމެއް ވެއްޖެއްޔާ، ޒޭންއާ ނުލާ އަހަންނަކަށް ނޫޅެވޭނެ، އަހަރުމެން ބޭރަށް ބަދަލުވާނީ، މިތަނުން ދާނީ… އިތުރު އެއްވެސް މީހަކަށް އެނގެން ވެސް އަހަރެން ބޭނުމެއް ނޫން…” މިޝްޔާ އިޒްކާންގެ ޓީޝާޓް އަތަށް ބޮނޑިކޮށްލަމުން ބުންޏެވެ. މިޝްޔާ އޭނަގެ ކަރުނައިގެ ބާރުގައި އިޒްކާން ވައުދުކުރުވިއެވެ. ނަމަވެސް އެއީ އިޒްކާން ހިތުގެ އަޑިން ބުނިއެއްޗެއް ނޫންކަން އޭނައަށް ހީވިއެވެ. ބިރުގަތީ އެހެންވެއެވެ.
”ޒޭން ޕްރޮމިސް މީ…” މިޝްޔާ އިޒްކާންއާއި ހަތަރުކަޅިހަމަކޮށްލިއެވެ. އިޒްކާންއަށް މިޝްޔާ ގާތު ދޮގު ހުވާ ކުރާކަށް ނުކެރުނެވެ. އޭނަ އެއްބަސް ވިއެވެ. މިޝްޔާ އެދުނު ފަދައިންނެވެ. ނަމަވެސް އޭނަގެ ރުޅިގަނޑު ފިނިވާ ގޮތެއް ނުވިއެވެ. އެރާކިންގެ ދުވަސް ދުއްވާލަން ހިތަށް އެރިއެވެ. ހަޔާތުގައި ވެސް މީހަކު ދެކެ އެހާ ގަދަޔަށް ރުޅި އައި ހަނދާނެއް ނުވެއެވެ.
”މާދަމާ މަންމައާއި ވާހަކަ ދައްކާނަން، ވީ ވިލް ގޯ ޓު ސިންގަޕޯރ…” އިޒްކާން މިޝްޔާގެ ހިތްހަމަޖައްސާލަދޭން ބޭނުންވިއެވެ. މިޝްޔާ ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ވެއްޖެނަމަ އޭނަގެ ހިތް ހަލާކުވެގެން ހިނގައިދާނެއެވެ. މިޝްޔާ ސިހޭ ސަބަބުވެސް މިއެނގުނީ އަދި ކިރިޔާއެވެ. އަމިއްލަ ނަސްފު ދެކެވެސް އިޒްކާން ރުޅިއައެވެ. އޭނަގެ ލޯބިވާ އަނބިމީހާއަށް ފުރިހަމަ ރައްކާތެރިކަން ނުދެވުނީތީއެވެ. ދެން އޭނަ މިޝްޔާއާއި ދުރަކަށް ނުދާނެއެވެ. އަބަދު ހުންނާނީ މިޝްޔާއަށް ފެންނަ ހިސާބުގައެވެ. ހިޔަނިހެން ގާތުގައެވެ.
”އައި ލަވް ޔޫ ޒޭން…” މިޝްޔާ އިޒްކާންގެ ތުންފަތާއި ލޯބިކޮށްލިއެވެ. އޭނަ ބޭނުންވީ އިޒްކާންގެ ސިކުނޑީގައިވާ ޚިޔާލުތަކާ އިޒްކާން ދުރުކުރުވާށެވެ. އެކަން އެންމެ ފަސޭހައި ހާސިލް ވާނެ ގޮތް ވެސް އޭނައަށް އެނގެ އެވެ.
****
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ނާސްތާ ކުރިއަށް ދިޔަ ވަގުތު އިޒްކާންގެ ދެމަފިރިން ސިންގަޕޫރަށް ބަދަލުވާން އުޅޭކަން ހާމަކުރިއެވެ. ކާމޭޒު ދޮށުގައި އެޚަބަރާއެކު ބޮމެއް ގޮއްވާލެވުނުހެން ވެސް ހީވިއެވެ. ބޮޑަށް ސިހިގެން ދިޔައީ ބަލްޤީޝް އެވެ. ތުނބުގައި ޖޫސްތަށި ޖައްސާލި ގޮތަށް އޭނަ އިނީ ގަނޑު ވެފައެވެ.
”ދަރިފުޅުމެން ކުއްލިގޮތަކަށް އެކޮޅަށް ބަދަލުވާން ބޭނުންވަނީ ކީއްވެގެންތަ؟” އިޒްކާން އޭނައާއި ހިނދުކޮޅަކަށް ވެސް ދުރަށް ދާން ނޭދޭ ބަލްޤީޝް ބުންޏެވެ.
”މަންމާ، މިޝޫ ބޭނުންވަނީ އިތުރަށް ކިޔަވަން، އެފުރުސަތު މިޝޫއަށް ހޯދައިދޭން އަހަރެން ބޭނުންވަނީ، މަންމަ ޤަބޫލު ދޯ؟….” އިޒްކާންގެ ދެލޮލުގައި ވާ ވިދުވަރަކުން ދަރިފުޅު ދެރަކޮށްލާކަށް ބަލްޤީޝްއަށް ނުކެރުނެވެ. އެހެންނޫނަސް އޭނައަށް ތާއަބަދު އިޒްކާން ނުހިފެހެއްޓޭނެއެވެ. އިޒްކާން އެހުރީ ބޮޑުވެފައެވެ. ދުވަސްކޮޅަކުން އިޒްކާންގެ ޢާއިލާއެއް ވެސް އޮންނާނެއެވެ. މިޝްޔާ އިޒްކާންއާއެކު ވުމުން އޭނައަށް ހަމަޖެހިލައިގެން އުޅެވިދާނެއެވެ. އޭނަ މިޝްޔާއަށް އިތުބާރު ކުރެއެވެ. އިޒްކާންގެ އުފާތައް ވަނީ މިޝްޔާއާއެކު ކަން ބަލްޤީޝްއަށް އެނގެއެވެ.
”ޖޫން މަހުގަ ކުންފުނީގެ އައު އާއިމާރަތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ، ބައްޕަ ބޭނުންވަނީ އެރަސްމިއްޔާތަށް ފަހު ދަރިފުޅުމެން އެކޮޅަށް ބަދަލުވާން، އޭރަށް ފުރުމުގެ ހުރިހާކަމެއް ވެސް ހަމަޖެހިގެން ދާނެ…” ރަސަލް އޭނަގެ ޚިޔާލު ފާޅުކުރިއެވެ. އިޒްކާން ބަލަލީ މިޝްޔާ އަށެވެ. އެކަމުގައި މިޝްޔާގެ ޚިޔާލު ބޭނުންވެފައި ވާތީއެވެ. މިޝްޔާ ބައްޕަގެ ނިންމުމާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
އެދުވަހު އިޒްކަން އޮފީހަށް ދިޔައީ ދާހިތަކުން ނޫނެވެ. މިޝްޔާ އެކަނިކޮށްލާފައި ދާން ޖެހުމުން ދެރަވެސް ވިއެވެ. ނަމަވެސް އިތުރު އެއްވެސް ގޮތެއް ނެތީއެވެ.
މިޝްޔާ ދުވަހުގެ ބޮޑުބައި ހޭދަކުރީ ބަލްޤީޝްއާއި ދީމްއާ އެކީގައެވެ. ތިން މައިން ބަގީޗާގައި ތިބީ އަނބުމަޖާ ތައްޔާރުކުރާށެވެ. ޖެހިލާ ފިނިރޯޅިތަކުގެ އަޑު ފަޒާގައި ގުގުމާލަމުން ދިޔައެވެ. ދުވަހަކީ އުޑުމަތީ ސާފު ހިތްގައިމު ދުވަހެކެވެ. މެންދުރު އަތަށް އެޅިގެން އައިއިރު އިރުގެ ހޫނުކަން ދައްކާލައިފިއެވެ. ބޭރުތެރެ ހީވަނީ ދޮންކުރެވިފައިވާ އަވަނެއް ހެންނެވެ.
މިޝްޔާ ހުރީ ބަދިގޭގައެވެ. އޭނަ ދިޔައީ ކޮންމެވެސް އެއްޗެއް ތައްޔާރުކުރަމުންނެވެ. މާހުތާބް ދޭތެރެއަކުން މިޝްޔާއަށް އޭނަގެ ސަމާލުކަން ދޭނެއެވެ. ބަލްޤީޝް ބަދިގެއަށް ވަނީ އެދަނޑިވަޅުގައެވެ.
”ދަރިފުޅު ހޮސްޕިޓަލަށް ނުދާ ދުވަހަކީތަ؟…” ބަލްޤީޝްއަށް ލިބިގެން ދިޔަ ހައިރާންކަމާއެކު އޭނަ ސުވާލުކޮށްލިއެވެ. އާންމު ގޮތެއްގައި މިޝްޔާގެ ޑިއުޓީ އޮންނަނީ މެންދުރު ގަޑީގައެވެ.
”މަންމާ، އަޅުގަނޑު ވަޒީފާއިން ވަކިވެއްޖެއިން، ފުރުމުގެ ކުރިން އެކަންތައް ނިންމާލަން…” މަޑުމައިތިރި ކަމާއެކު މިޝްޔާ ޖަވާބު ދިނެވެ. ބަލްޤީޝް ދެން ސުވާލުކުރީ މިޝްޔާ ތައްޔާރުކުރާ އެއްޗަކާ ބެހޭ ގޮތުންނެވެ. މިޝްޔާ ޖަވާބުގައި ލަޒާންޔާއޭ ބުންޏެވެ. ބަލްޤީޝް އިރުކޮޅެއް ވަންދެން އެތާ ހުރުމަށްފަހު ދިޔައީއެވެ.
****
ވަޒީފާއިން ވަކިވިފަހުން ރާކިންގެ އުނދަގުލެއް މިޝްޔާއަކަށް ނުފޯރައެވެ. އޭނަ އެކަމާމެދު އުފާކުރިއެވެ. އިޒްކާން ”ނައިޓިންގޭލް” ގެ ސެކިއުރިޓީ ވަރުގަދަ ކުރުމުން ރާކިންއަށް ހުރިހާ ދޮރެއް ބަންދުވެގެން ދިޔަ އެވެ. އެއާއެކު ރާކިންގެ ރުޅިގަނޑު ވެސް ހައްދުން ނައްޓާ ހިސާބަށް ދިޔައެވެ. މިޝްޔާގެ ރީތި ސޫރަ ނުފެނި ގިނަ ދުވަސް ވުމުން މީހާގެ ކެތްތެރިކަން ކުޑަވިއެވެ. އަބަދު ހުންނަނީ ރުޅިއައިސްފައެވެ. އޭނައަށް ”ނައިޓިންގޭލް” މަގުން މުގޯޅިއެޅުނު އަދަދެއް ވެސް ނޭގެއެވެ. އެގެއަށް ވަންނާނެ ގޮތެއް ފެނޭތޯ އޭނަ ވަރަށް ރަގަޅަށް ބަލައެވެ. ނަމަވެސް އަލިމަގެއް ފެންނަ ގޮތެއް ނުވިއެވެ.
ދުވަސްތައް އުފަލާއެކު ފާއިތުވަމުން ދިޔައެވެ. މިޝްޔާ ހުންނަނީ އިޒްކާން އޭނައަށް ވަގުތު ހުސްކުރަމުން ދާތީ ނުހަނު އުފާވެފައެވެ. އިޒްކާންގެ ލޯތްބާއި އަޅާލުމާއެކު އޭނަގެ ހިތުގައިވާ ބިރު ފިލައިގެން ދާން ނެގީ މަދު ދުވަސްކޮޅެކެވެ. ގެއްލިގެން ދިޔަ ހިނިތުންވުން އެރީތި ތުންފަތަށް ވެރިވެގެން ދިޔައެވެ.
ހަފްތާއެއް ފަހުން މިޝްޔާއަށް ތަފާތު އުނދަގޫތަކެއް އިހުސާސް ކުރެވެން ފަށއިފިއެވެ. ހެނދުނު ތެދުވާއިރު މޫނު މައްޗަށް ހުންނަނީ އަނދިރިވެފައެވެ. ބޮލަށް ބަރުވެފައެވެ. އަދިހަމައެއާއެކު ހަށިގަނޑުގައި ވަރެއް ނުހުރެއެވެ. ހެނދުނު އަރުތެރެއިން އެއްޗެއް ފޮނުވާލެވޭ ކަމަކަށް ނުވެއެވެ. ފޮނުވާލެވިއްޖެއްޔާ އެބޭރުވެގެން ދެއެވެ. މިޝްޔާ ހުންނަނީ އިޒްކާން ގާތު ޕްރެގްނެންސީ ކިޓެއް ގެނެސްދިނުމަށް ބުނަންކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު އޭނަ ހަނދާން ނެތެނީއެވެ.
މިޝްޔާއަށް އަންނަމުން ދިޔަ ބަދަލުތައް ބަލްޤީޝްއަށް ފާހަގަ ކުރެވިގެން ދިޔަ އެވެ. އޭރު އޭނައަށް އުފަލުން ގޮސް ފައި ބިމުގައި ހަރުނުލައެވެ. އަވަސް އަވަހަށް ޢާއިލީ ޑޮކްޓަރަކަށް ގުޅާލަމުން ގެއަށް ގެނައެވެ.
ޑޮކްޓަރު އެދިލެއްވީ ޓެސްޓްތަކެއް ހަދާލުމަށެވެ. ލޭގެ ސޭމްޕްލްއެއް ނަގަމުން ޑޮކްޓަރު އެދިލެއްވީ މިޝްޔާ ގާތު އަރާމުކުރުމަށެވެ. މިޝްޔާ އެކަމަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ޑޮކްޓަރު ދުރުވުމާއެކު ބަލްޤީޝް އުފަލުން ގޮސް މިޝްޔާގެ ގައިގައި ބައްދާލިއެވެ. އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ.
”މަންމާ…” މިޝްޔާއަށް ގޮވާލެވުނެވެ.
”މަންމައަށް ނޭގޭ ދަރިފުޅަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް. މިއީ މަންމަ ހާދަ ދެކެން ބޭނުންވި ދުވަހެކޭ… މަންމަ ވަރަށް ބޮޑަށް އުފާވެއްޖެ، މިރޭ ރިޕޯޓްތަކުގެ ނަތީޖާ ލިބޭނެ އޭރުން ގޭ އެންމެނަށް މަންމަ މިކަން އިއުލާން ކުރާނަން، މަންމަ ވަރަށް ބޮޑަށް އުފާވެއްޖެ…” ބަލްޤީޝް ބުންޏެވެ. އަދި ކޯތާފަތުން ރޮނގުދަމާލަމުން ދިޔަ ކަރުނަތައް ފޮހެލައިފިއެވެ.
ޓެސްޓްތަކުގެ ރިޕޯޓްއައީ ބަލްޤީޝް އުއްމީދު ކުރިފަދައިންނެވެ. އޭނަ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. އުފަލުން ގޮސް ލޮލުން ކަރުނަ ނީރާލައިފިއެވެ.
މުޅި ރޭގަނޑު ފާއިތުވެގެން ދިޔައީ އުފަލާއި އެކުގައެވެ. ޔޫޝައު އިޒްކާންގެ ދެމަފިރިންނާ ވަރަކަށް ދިމާކޮށްލިއެވެ. މިޝްޔާ ލަދުން ގޮސް މޫނު ރަތްވެގެން ދިޔައެވެ. މިމަންޒަރު ފެނި ޔޫޝައުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިޒްކާން ޔޫޝައުގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ.
”ކޮންގްރާ…” ދީމް ކޮއްކޮގެ ގައިގައި ބައްދާލިއެވެ. ”މަންމަވެސް ހުރީ ވަރަށް އުފަލުން ބުނި އެއިޓް ވާއިރު އަންނާނަމޭ…” ދީމް ބުންޏެވެ.
”މިޝްޔާ ވިހާ ގަދަވުމުން ދެން ސިންގަޕޫރަށް ދިޔުމުގެ ހުއްދަ ދެވޭނީ…” ބަލްޤީޝް ބުންޏެވެ. އިޒްކާން މަންމަގެ ނިންމުމާ ޤަބޫލުވީ އެކަމާ މިޝްޔާގެ ރުހުން ފާޅުކުރުމުންނެވެ. އޭރު އިޒްކާންގެ ދެލޮލުގައިވި ނުތަނަވަސްކަން ފެނި މިޝްޔާ އެއަތުގައި ހިފާލިއެވެ. އެކަން މާޒީއާއެކު ވެގެން ހިނގައްޖެޔޭ ބުނެލި ފަދައެވެ.
****
އިޒްކާން އާއި މިޝްޔާ އެކަނި ވުމާއެކު އިޒްކާން މިޝްޔާގެ މެދުހަށީގައި ހިފާ އުފުއްލާލިއެވެ. އަދި ކުޑަކޮށް އެނބުރިލިއެވެ. ”އައެމް ސޯ ހެޕީ…” މިޝްޔާއާއެކު އެނދަށް ވެއްޓި ގަތް އިޒްކާން ބުންޏެވެ. އޭނަ މިޝްޔާގެ ބަނޑުގައި ފިރުމާލިއެވެ. ބޮސްދެވުނު އަދަދެއް ނޭގެއެވެ. ނުވީތާކަށް ކަންފަތްވެސް ޖައްސާލިއެވެ. މިޝްޔާ އޮތީ އިޒްކާންގެ ހަރަކާތްތަކަށް ގެއްލިފައެވެ.
މިޝްޔާގެ އަތުގެ އިނގިލިތަކުން އިޒްކާންގެ އިސްތަށިގަނޑު ކުޅެލަމުން ދިޔައެވެ. ދެމަފިރިންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.
”ކޭން ޔޫ ބިލީވް އިޓް؟…” އިޒްކާން ހުވަފެނީ ރާގަކަށް ބުނެލިއެވެ. މިޝްޔާ ހިނިތުންވެލިއެވެ. ”އަހަރެން ބައްޕައަކަށް އަދި މިޝޫ މަންމައަކަށް… ހެހެހެ، ކޮންކަހަލަ ބޭބީ އެއްތަ ލިބޭނީ؟…” އިޒްކާން ސުވާލުކޮށްލިއެވެ. ހިނދުކޮޅަކަށް ވެސް އެ ހިނިތުންވުން ގެއްލިގެން ނުދެއެވެ.
”ބޯއިއެއް…” މިޝްޔާ ވެސް އިޒްކާންއާއި ބައިވެރިވެލިއެވެ. ދެމަފިރިންގެ ހުރިހާ އުއްމީދެއް ގުޅިފައި ވަނީ އެދަރިފުޅާއެވެ. އެދަރިފުޅު ދުނިޔެއަށް އުފަން ވާނެ ދުވަހަކަށް އިންތިޒާރު ކުރެވެން ފެށުނީ ކެތްތެރިކަމެއް ނެތިއެވެ.
”އަހަރެން ބޭނުމީ ގާރލްއެއް، އޭރުން މިޝޫގެ ކުޑަ ވާޝަންއެއް ހުންނާނެ އެއްނު…” މިޝްޔާގެ ނޭފަތުގައި ހިފާލަމުން އިޒްކާން ބުންޏެވެ.
”މާދަމާ މެންދުރަށް އެޕޮއިންޓްމެންޓް ހައްދާފަ ވާނީ…” އިޒްކާން ބުނެލިއެވެ. ދެމަފިރިންނަށް ނިދުނީ ވެސް ވާހަކައިގައި ތިއްބާއެވެ.
އިޒްކާންގެ ފޯނު ރިންގްވާން ފެށުމުން އޭނަ ނިކަން އަވަހަށް ދެލޯހުޅުވާލަމުން އެލާރމް ކެންސަލްކޮށްފިއެވެ. އޭނަ ކަންބޮޑުވީ މިޝްޔާ ހޭލަފާނެތީއެވެ. އިޒްކާން ތެދުވުނުތާ އެތައް އިރެއް ވަންދެން މިޝްޔާގެ މޫނަށް ގެއްލިފައި އޮތެވެ. ނިފާދައި އޮންނައިރު މިޝްޔާ ވަކިން ރީތިކަމަށް ދައްކައެވެ. އިޒްކާން އޮތީ ހުވަފެނީ އާލަމެއްގައެވެ. މިޝްޔާގެ މޫނަށް ފައިބާފައި ހުރި އިސްތަށިކޮޅުތައް އޭނަ އެއްފަރާތްކޮށްލަދިނެވެ. އިޒްކާންގެ އަތުގެ ބީހުމާއެކު މިޝްޔާ ނިދީގެ ތެރޭން ކޮންމެވެސް އެއްޗެކޭ ބުނެލައިފިއެވެ. އަދި އިޒްކާންގެ މުލައްދަނޑީގައި ބައްދާލިއެވެ. އިޒްކާންއަށް ހިނިތުންވެވުނެވެ. އޭނަ ފޫހިކަމެއް ނެތި މިޝްޔާއަށް ބަލަން އޮތެވެ.
****
ފުރަތަމަ ފަހަރަށް ދަރިފުޅުގެ ހިތުގެ ވިންދު އަޑު އިވުނު ހިނދު މިޝްޔާއަށް ބާރުކޮށްލެވުނީ އިޒްކާންގެ އަތަށެވެ. އިޒްކާން އުފާވެފައިވާ މިންވަރު އެމޫނުމަތިން ހާމަކޮށްދެއެވެ. ޑޮކްޓަރު މިޝްޔާގެ ބަނޑުގައިވާ ދަރިފުޅު މޮނީޓަރުން ދެއްކިއެވެ. އަދި ދަރިފުޅު އުފެދުމުގެ ފުރަތަމަ މަރުހަލާއަށް ވުމުން ފެނުނީ އުނދަގުލުންނެވެ. ސްކޭންކޮށް ނިމުނުއިރު މިޝްޔާއާއި އިޒްކާންއަށް އަލަށް ކުރެވުނު އިހުސާސްތަށް ބަޔާންކޮށްދެވޭނެ ހެނެއް ހިޔެއްނުވެއެވެ.
އިޒްކާންގެ ދެމަފިރިން ހޮސްޕިޓަލުން ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ރާކިންގެ ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އޭނަގެ ދެލޮލުން އަލިފާން ކަނި ބުރާލި ކަހަލަ އެވެ. މުށްކެވިފައިވާ ދެއަތް ޖިންސްގެ ޖީބަށް ކޮށްޕާލަމުން އޭނަ ފޫންނޭވާތަކެއް ދޫކޮށްލިއެވެ. ނަފްސަކަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވުނެވެ. ރުޅި އައިސް މުޅި މީހާ ތުރުތުރުއަޅައިގެން ދިޔައެވެ. މިޝްޔާ ގޮސް ގެއްލެން ދެން ރާކިންއަށް ބަލަން ހުރެވުނީއެވެ.
”އަހަރެން ތިހާ ފަސޭހައިން މިޝާ ދޫކޮށްނުލާނަން!…” ރާކިން ރުޅިއައިސް ރަތް ވިއެވެ.
****
ބަލްޤީޝް ހުންނަނީ މިޝްޔާއަށް ބޭނުންވާ ހުރިހާކަމެއް ދުރާލާ ހަމަޖައްސާދީފައެވެ. އެއްވެސް ކަމެއް އުނިވިޔަކަ ނުދެއެވެ. މިޝްޔާއަށް މާވަރަކަށް ބަލްޤީޝް ސަމާލުކަން ދޭތީ މާހުތާބް ހުންނަނީ ތުންއަނބުރާލައިގެންނެވެ. އޭނައަކީ ދުވަހަކުވެސް މިޝްޔާ ދެކެ ހިތްހަމަޖެހޭ މީހެއް ނޫނެވެ. މިޝްޔާ ދެކެ އޭނަ އަންނަނީ ކޫސަނި ރުޅިގަނޑެކެވެ. އޭނަ އަބަދު ވެސް ދިޔައީ ބަލްޤީޝްގެ ދެދަރިންކުރެ ކުއްޖަކާ ފަލަކްގެ ކައިވެނި ކުރުވުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ޔޫޝައު ކައިވެނި ކުރުމުން އޭނަގެ އުއްމީދުތަށް ހަނިވެގެން ދިޔަކަމުގައި ވިޔަސް އިޒްކާންއާ އެކު އޭނަގެ އުއްމީދުތައް ގުޅެވުނެވެ. ނަމަވެސް އެހުވަފެނުގެ ގަނޑުވަރު ވެސް މިޝްޔާގެ ސަބަބުން ބިމާ ހަމަވެގެން ދިޔައީއެވެ. އޭނަ ބަލްޤީޝް ކުރިމަތީގައި ތިމާވަރުގެ ހެޔޮ މީހެއް ނެތްކަމުގައި ހެދިގެން އުޅޭއިރު އެހިތުގައި ވަންހަނާ ވެފައިވާ އެއްޗެއް ބަލްޤީޝްއަކަށް ނޭގެއެވެ.
އަލީއަށް އެކްސިޑެންޓެއް ދިމާވުމާ ގުޅިގެން ގެއަށް އައު ޑްރައިވަރަކު ގެނެވުނެވެ. އެއީ ދިގު ތުނބުޅިއެއްލައިފައި ހުންނަ ޒުވާން ފުރައިގެ މީހެކެވެ. ހަށިގަނޑު ހުންނަނީ އާދައިގެ ވަރަކަށެވެ. ނަމަވެސް ދިގު އިސްކޮޅެއް ލިބިފައި ވެއެވެ. އެއީ ސަމީރު ކަމުގައި އޭނަ ބުންޏެވެ.
އާންމު ގޮތެއްގައި ކޮޓަރީގައި އޮންނަ މިޝްޔާއަށް ގޭތެރޭގައި ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. އޭނަ ވަގުތު ހޭދަކުރަމުން ދިޔައީ އިޒްކާންއާއެކު އަމިއްލަ ދުނިޔެއެއްގައެވެ. ރާކިންގެ އުނދަގޫ މަތިން އޭނަ ހަނދާން ނެތިގެން ދިޔަތާ ކޮން ދުވަހެއް ހެއްޔެވެ؟
ބޯމަތިކުރަމުން އައި ބޮޑު ތޫފާނުގެ ހިލަމެއް އެއްވެސް މީހަކަށް ނުވެއެވެ. އޮޅުމެއްގެ ތެރޭން ދުޝްމަނަކު ގެއަށް ވެއްދިއްޖެކަމެއް އެއްވެސް މީހަކަށް ނޭގެއެވެ. އެމީހާ ދިޔައީ ފުރުސަތަކަށް ބަލަމުންނެވެ. އޭނަގެ ހަމަލާ ޝިކާރައަށް އަމާޒުކޮށްލާނެ ފުރިހަމަ ދަނޑިވަޅަކަށެވެ. ވިސްނުންތެރިކަމާއެކުގައެވެ.
****
އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ. މިޝްޔާ ދީމްއާއެކު ގެއަށް ދާން ރާވައިގެން ކޮޓަރިން ނުކުތެއް ކަމަކު ދަތުރުފަށަން ޖެހުނީ އެކަނިއެވެ. ދީމްގެ ފޯނު ގެއްލިގެން އޭނަ އުޅުނީ އެހޯދުމުގެ މަސައްކަތުގައެވެ. އޭނަ މިޝްޔާ ގާތު ބުނީ ފޯނު ފެނުނުހާ އަވަހަކަށް އަންނާނެ ކަމަށެވެ.
މިޝްޔާ ގޮސް ކާރަށް އެރިއެވެ. އެވަގުތު ސަމީރުގެ ތުންފަތްމަތީގައި ދުވެލި މަކަރުވެރި ހިނިތުންވުން މިޝްޔާއަކަށް ނުފެނުނެވެ. އޭނަ ސަމީރުއަށް ސަމާލުކަމެއް ވެސް ނުދިނެވެ. ނަމެވެސް ސަމީރު އަކީ ގެއަށް އަލަށް ގެނައި ޑްރައިވަރުކަން މިޝްޔާއަށް އެނގިފައި ވުމުން އޭނަ ގެހުންނަ މަގު އޮޅުން ފިލުވާލަ ދިނެވެ. ސަމީރު ވާހަކައެއް ނުދެއްކިއެވެ. ހަމައެކަނި ބޯޖަހާލީއެވެ.
މިޝްޔާ ބުނެދިން މަގު ފަހަނައަޅާ ދިޔުމާއެކު މިޝްޔާ ސަމީރުގެ ސަމާލުކަމަށް އެކަން ގެނެއެވެ. ނަމަވެސް ސަމީރުއަކަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. މިޝްޔާ ތަކުރާރުކޮށް ބުންޏެވެ. ކާރު އަނބުރާލުމަށެވެ. އެއިން ހުރިހާ ވާހަކަތަކަށް ސަމީރު ދިނީ ބީރު ކަންފަތެކެވެ. އޭނަ ވަދެގެން ދިޔައީ މިޝްޔާ ނުވެސް ދަންނަ ގޯޅިއަކަށެވެ. މިޝްޔާގެ ހިތުގައި ބިރުވެރިކަން އުފަދެން ފެށީ ދެނެވެ. އޭނަ ކާރު ހުއްޓުމަށް ތަކުރާރުކޮށް ބުންޏެވެ. ނޫނީ ކާރުގެ ދޮރުހުޅުވާލާފައި ފުންމާލާނެ ކަމަށް ވެސް ބުންޏެވެ. އެއާއެކު ސަމީރު ޖެހީ ހިނިގަނޑެކެވެ. މިޝްޔާގެ ހުރިހާ ހިއްސުތަކެއް ހުއްޓުމަކަށް އައިކަހަލައެވެ. އެއީ އޭނަ ދަންނަ އަޑެކެވެ.
”ރާކިން…” މިޝްޔާއަށް ބުނެވުނެވެ. އޭނަގެ އަޑު ތުރުތުރުއަޅައެވެ. ރާކިން ކާރުގެ ދުވެލި މަޑުކޮށްލަމުން ގޮސް ހަނި މަގުގެ އެއްފަރާތުގައި ކާރު ޕާރކުކޮށްލައިފިއެވެ. އޭނަ ކާރު ޕާރކްކުރީ މިޝްޔާ އިން ފަޅިން ދޮރު ނުހުޅުވޭނެ ހެންނެވެ. އަނެއްފަޅިން ހުޅުވަން އުޅެފިއްޔާ އޭނައަށް ހުއްޓުވޭނެ ފަދައިންނެވެ. ފަތަހައިގެ ހިނިތުންވުމަކާއެކު ރާކިން މިޝްޔާއަށް ބަލާލައިފިއެވެ. ދެލޮލުގައިވާ ރުޅިވެރިކަމުން މިޝްޔާ ފިއްސާލަން ބޭނުންވާ ފަދައިންނެވެ.
”ރާކިން… ކިހިނެއް؟…” މިޝްޔާއަށް ވާހަކަ ނުދެއްކުނެވެ. ރާކިންގެ ބޭނުން ފަހުމު ވުމާއެކު ތެޅިގަނެވުނެވެ. އޭނަ ކާރުގެ ދޮރު ހުޅުވަން އުޅުމާއެކު އެކަމަށް ހުރަސް އެޅީ ރާކިން އެވެ. މިޝްޔާގެ އަތުގައި ހިފާ ލުއްކިއެއް ޖެހީނުން މިޝްޔާ އައިސް ތަތްވީ ރަކިންގެ މޭގައެވެ. މިޝްޔާ ތެޅި ފޮޅިގަތެވެ. ކާރުގެ ބިއްލޫރިތަކުގެ ސަބަބުން އެތެރެ ނުފެންނާނެކަން އެނގުމުން މިޝްޔާ ވަކިން ބޮޑަށް ކަންބޮޑު ވިއެވެ. އޭނަ ސަލާމަތަށް އެދި ހަޅޭއްލަވަން އުޅުމުން ރާކިން މިޝްޔާގެ ނޭވާއާއި އަނގަމަތީގައި އަތްއެޅިއެވެ. މިޝްޔާގެ ނޭވާ ހާސްވިއެވެ. ރޯމަހެއް ތެޅޭހެން އޭނަ ތެޅިގެންފިއެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެތީ އޭނައަށް ބާރުބާރަށް ރޮއިގަނެވުނެވެ.
”ހީކުރީތަ އަހަރެން ބަލި ޤަބޫލުކުރީކަމަށް؟، އަހަރެން ހުރީ މިފަދަ ފުރުސަތަކަށް ބަލަބަލާ… އަހަރެން މިޝްޔާއަށް ހާދަވަރަކަށް އިންތިޒާރު ކުރީމޭ، އެކަމަކު މިޝްޔާއަކަށް އެކަން އިހުސާސެއް ނުކުރެވުނު، މިޝްޔާ އަހަންނާ މެދު ކަންތައް ކުރި ގޮތުން ދެރަވެސްވި، އަހަރެން މިޝްޔާ ދެކެ ވާ ލޯބި އަންދާޒާ ނުކުރެވެނީތަ؟… މިއަދު މިޝްޔާއަށް މިހެން ހަނދަން އަހަންނަށް މަޖުބޫރުކުރީ ވެސް މިޝްޔާ، އަހަރެންގެ ކެތްތެރިކަން އިމްތިހާނުވެސް ކުރީ މިޝްޔާ….” މިޝްޔާއަށް ކުޑަ ލުޔެއް ދެމުން ރާކިން ވާހަކަ ދެއްކިއެވެ. އޭނަ މިޝްޔާގެ މޭމަތީގައި އަތްލަން އުޅުނެވެ. މިޝްޔާ ލައިގެން ހުރި ގަމީސް ކޮޅުގެ ގޮށްތައް ނައްޓަން އުޅުނެވެ. މިޝްޔާގެ ބުރުގާގައި ހިފާ ދަމައިގަތީނުން އޭގައި ހުރި ޕިންތަކުން މިޝްޔާގެ އޮމާން ހަންގަނޑުގައި ކޫރުން އަޅުވާލައިފިއެވެ. މިޝްޔާ ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. ނަމަވެސް އެއަޑު ބޭރުވެގެން ނުދިޔައެވެ.
”އަހަރެން މިޝްޔާ ދެކެ ވަރަށް ލޯބިވޭ…” ރާކިން މިޝްޔާގެ ގަމީސްކޮޅު ހިއްލާލަން އުޅުނެވެ. މިޝްޔާ ރާކިންގެ އަތް ފޮޅުވާލަން މަސައްކަތްކުރިއެވެ. މިޝްޔާއަށް ހީވަނީ އޭނަގެ ގައިގައި އަލިފާން ހިފާފައި ވާހެންނެވެ.
”ހެޔޮނުވާނެ އަހަރެން ދޫކޮށްލާ…” މިޝްޔާ އާދޭސްކުރިއެވެ. އޭނަގެ ބަނޑުގައިވާ ދަރިފުޅާ މެދު ރަހުމުކުރުމަށް ބުންޏެވެ. އެދަރިފުޅަށް ގެއްލުމެއް ނުދިނުމަށް އެދި އާދޭސް ކުރިއެވެ.
”އަހަންނާ މިޝްޔާއާ ދެމެދު އެޅިފައިވާ ހުރަހަކީ ބަނޑުގައި ތިއޮތް އެތި، ތިއެތި އަހަރެން މިޝާގެ ހަށިން ސާފުކުރާނަން!…” ރާކިން ރުންކުރު ރާގަކަށް ބުންޏެވެ.
”ނޫން..ނޫން…” މިޝްޔާއަށް ރޮވުނެވެ. ގިސްލެވުނެވެ. ރާކިންގެ އަތްދަށުން ސަލާމަތްވާން މަސައްކަތްކުރެވުނު އަދަދެއް ނޭގެއެވެ.
”މިޝްޔާ އެންމެ ކަމެއް މަތިން ޝަރުތު ވަނިކޮށް އަހަރެން މިޝްޔާ ދޫކޮށްލަފާނަން، އެކަމަކު އަހަންނަށް އޮޅުވާލަން އުޅެފިއްޔާ އޭގެ ނަތީޖާ ހިތިވާނެކަން ދަންނާތި… އަހަރެން ބޭނުމީ މިޝްޔާ އެއިޒްކާން އާއި ވަރިވާން، އެނޫންގޮތަކަށް އަހަރެން މިޝްޔާ ދޫކޮށްނުލާނަން، ބަނޑުގައި ތިއޮތް ދަރިފުޅަށް އަނިޔާއެއް ލިބެން ނޭދެންޏާ އަހަރެންގެ ޝަރުތާ ޤަބޫލުވޭ، އެއްބަސް ނުވެއްޖެނަމަ މިޝްޔާއަށް މިދުނިޔެއާ ކުރިމަތި ލުމުގެ ފުރުސަތެއް ވެސް ނުދޭނަން… މުޅި ރާއްޖެއަށް ބަދުނާމުކުރާން….. ބުނޭ އަހަރެން ޝަރުތާ އެއްބަސް ވަމޭ….” ރާކިން އިއްވާލިއެވެ. އެޖުމްލަވެގެން ދިޔައީ މިޝްޔާގެ ކަންފަތް ދޮށުގައި ގޮއްވާލެވުނު ބޮމަކަށެވެ. އޭނަގެ ހިތަށް އިތުރު ޒަހަމްތަކެއް ލިބުނެވެ. އޭނައަށް ގިސްލެވުނީއެވެ. އޭނައަށް އިޒްކާންއާއި ދުރުގައި ނޫޅެވޭނެއެވެ. އެއީ އޭނަގެ ހިތުގެ ވިންދެވެ. ވިންދާ ނުލާ އޭނަގެ ހިތް މަސައްކަތް ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން ލޯބިވާ ދަރިފުޅެވެ. ދެމީހުން ވެސް ދޫކޮށްލެވޭކަށް ނެތެވެ. މިޝްޔާގެ ސިކުނޑި ސުމަކަށް ދިޔައެވެ.
”ޖަވާބު…” ރާކިން އަމުރުކޮށްލި އެވެ.
”އާނ..އާނ…. އެއްބަސްވަން….” މިޝްޔާ ރޮމުން ރޮމުން ބުންޏެވެ. އޭނަ އެޖުމްލަ ބޭރުކޮށްލީ ހިތާއި ދެކޮޅަށެވެ. ރާކިން ހިނިތުންވުމަކާއެކު ވަގުތުން މިޝްޔާގެ ގައިން ދޫކޮށްލައިފިއެވެ. މިޝްޔާ ފަހުތު ސީޓުގެ ކަނަކަށް ގުރުގެޅިގަތެވެ. އަދި ގިސްލަ ގިސްލާފައި ރޯން ފެއްޓިއެވެ. އޭނަ ކެތްކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ މިއަނިޔާ ވެރިޔާގެ އަތްދަށުން ސަލާމަތްކޮށްދެއްވުމަށް އެދި މާތް ﷲއަށް ދުޢާކުރެވުނެވެ.
(ނުނިމޭ)
5210 Comments
Comments are closed.
Wow wow it’s so nice…… I love it….. Hama dhen awesome…….. Alhe ven nxt prt…….
vvvvv vvvvvvvvvvvvv nice. next part kon irakun. plx avahah up kurahche. n jahilu aee thandhoru nudhanna. rakin aky jahilu myhekey buneveynetha. think abt it. good luck
Varah reethi..plx mirey aneh part genesdhehchey
v v v v reethi
Raakin gandr..
Meena dhn haadhr kanthah vx bodey dhww..
Foohi meehr gandeh.
Btw story v habeyx..
Varah reeethi ?☺?
Mi story ah kurin faadu ky myhun nan writer hama ragalhah vx gon jahaalaifi. In my way dis is one of da bst story in dis site. Kyp it up. I really like dis story.
woww varah reethi
Alhey aneh bai thankolheh avahah up kohdhybala pls
Salhi