ހިތް ހިނގުން އަވަސްވޭ-4
އުމްނާ މަގުމަތިން ހިނގާފައި ދަނިކޮށް، ކުއްލިއަކަށް މައްޗަށް ބަލާލެވުނު ވަގުތު، ފެނުނު މީހެއްގެ ސަބަބުން އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ހިތް ހިނގުން އަވަސްވިއެވެ. އެއީ އިތުރު މީހެއް ނޫނެވެ. އޭނާއަށް ދެވަނަ ފަހަރަށް ލޯއަޅާލެވުނުއިރު، އެއީ އިވާންކަން އޭނާއަށް ޔަޤީންވިއެވެ.
އުމްނާ ފެނުމާއެކު އިވާންގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. އޭނާގެ ދެލޯ ރަތްވެފައި ހުއްޓެވެ. “ކަލޭ މިތާ ކީއްކުރަނީ؟” އިވާން ވަރަށް ރުޅިއައިސްފައި އަހާލިއެވެ.”އީޝާއާ އެކީ ހިނގާލަން ދާން މިއައީ.” އުމްނާ މަޑުމަޑުން ޖަވާބު ދިނެވެ.
މިހެން ދެމީހުން ދައްކަން ތިއްބާ، ހީނލަމުން އީޝާ ގާތަށް އައެވެ. “ދާން ހިނގާ!” އީޝާ އުމްނާގެ އަތުގައި ހިފާލަމުން ބުންޏެވެ. އީޝާ އޭނާގެ ދޮންބެ އިވާންއަށް ލޯއަޅާލާފައި، އުމްނާއާއެކު ހިނގާގަތެވެ.
ދެކުދިން އާޓިފިޝަލް ބީޗަށް ގޮސް، އައިސްކްރީމް ގަނެގެން، އެކި ވާހަކަ ދައްކަމުން އައިސްކްރީމް ބޮއެ ނިންމާލިއެވެ. އެމީހުންގެ ވާހަކަތަކުގައި އިވާންގެ ހިޔާލެއްވެސް ނެތެވެ. އިރުއޮއްސި، ދުނިޔެ އަނދިރިވުމުން އެމީހުން ގެއަށް ދިޔައީއެވެ.
އުމްނާ ގެއަށް ދިޔައިރު، މަންމަމެންނާއެކު މީހަކު ވާހަކަ ދައްކާ އަޑުއިވުނެވެ. އެތަނަށް ދިޔައިރު، އޭނާއަށް ފެނުނު މީހެއްގެ ސަބަބުން އުފަލުން ހަޅޭއްލަވައިގަނެވުނެވެ! އެތާ ހުރީ އުމްނާގެ ދޮންބެ ނުހައިކެވެ. ނުހައިކް ލޯބިން އޭނާގެ ކޮއްކޮ ގައިގަ ބައްދާލިއެވެ.
ބަންގި ގޮވުމުން އެންމެން ނަމާދު ކުރަން ދިޔައެވެ. އުމްނާ ވެސް ނަމާދުކޮށްގެން ޤުރައާން ކިޔެވިއެވެ. އިޝާ ނަމާދުކޮށްގެން އާއިލާ އެންމެން ކާން އެރިއެވެ.
ކައިގެން ނުހައިކްއާއި އުމްނާ ބޭރަށް ނުކުތެވެ. “އުމްނު ކޮބާތަ އީޝާ؟”ނުހައިކް އެހެން އެހުމުން އުމްނާ ހައިރާންވިއެވެ. “ދޮންބެ އެކީތްވެ އީޝާ ވާހަކަ ތިއެހީ؟ ދޮންބެ ކުރިން ދުވަހަކުވެސް އަހަރެންގެ އެކުވެރިންގެ ވާހަކައެއް ނާހަމެންނު.” އުމްނާ ހައިރާންވެ ހުރެ އެހިއެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އޭނާގެ މޫނަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.”ދޮންބޭ އަނެއްކާ އީޝާއާ ހިތާވީތަ.” ލާނެއް ކަމާއެކު އުމްނާ އަހާލިއެވެ. “ނު..ނޫން. އުމްނު ކީކޭ ތިކިޔަނީ.” ނުހައިކް ހީވީ މީހަކު އޭނާ ވައްކަން ކުރަނިކޮށް އަތުލައިގައިން ހެންނެވެ. ދެން އުމްނާ އޭނާއަށް ދިމާކުރުން ހުައްޓާ ނުލާނެކަން ނުހައިކްއަށް އިނގެއެވެ. “އެހެން ވިއްޔާ ދޮންބެ ކީއްވެ އަޅައަޅައި ގަންނަމުން ތި ވާހަކަ ދައްކަނީ؟”އުމްނާ އަހާލިއެވެ.”އެއީ… އުމްނު ކުއްލިއަކަށް ހުރެފަ އެހެން އަހާލީމަ އޮފްގާޑުވީ.”ނުހައިކް ބޯކަހާލަމުން ބުންޏެވެ.
އެވަގުތު ދާއިން ބޭރަށް ނުކުތެވެ.”ދަރިފުޅުމެން ދެން ދޭނިދަން. މިހާރު ވަރަށް ލަސްވެއްޖެ.” “ލައްބަ ބައްޕާ.”އުމްނާއާއި ނުހައިކް އެކީ ބުންޏެވެ. އަދި ނިދަން ދިޔައެވެ.
ދަންވަރު އަބުރާ އެކެއް ޖެހީއެވެ. ނުހައިކް އޮތީ އަދިވެސް ހޭލައެވެ. ނިދި ވަނީ އޭނާއާ މާދުރުގައެވެ. އޭނާއަށް ސިކުނޑި ވަނީ އީޝާގެ ހިޔާލުތަކުން ފުރިފައެވެ. އޭނާއަށް އީޝާގެ އެރީތި ސޫރަ ނުފެންނަތާ މިހާރު ތިން އަހަރު ވީއްޔެއެވެ. އެމޫނު ދެކިލުމަށް އޭނާ ވަނީ ކެތްމަދުވެފައެވެ. އެންމެ ފުރަތަމަ އީޝާއާ ދިމާވި ދުވަސް އިއްޔެ ވީކަމެއް ހެން ނުހައިކްގެ ހަދާނުގައި އެބަހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
