އަމްޖަދު ފެނުމާއެކު ހިތައް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބިގެންދިޔަ ނަމަވެސް، އެކަން ފޮރުވަމުން ޒީނިޔާ ހަމަ ގަސްތުގައި އޭނާގެ ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް އަމްޖަދު ޒީނިޔާއާ އަރާހަމަކުރުމަށް ކުރިހޯދިއެވެ. “ޒީ… ޕްލީސް މަޑުކޮށްބަލަ. ހަމަ އެންމެ ފަސްމިނިޓް.” ޒީނިޔާއާ އެއްހަމައެއްގައި ހިނގަން މަސައްކަތްކުރަމުން އަމްޖަދު ވާހަދެއްކިއެވެ. ޒީނިޔާއަށް އެއަޑު އިވޭކަމަކަށްވެސް ނުވިއެވެ. “ޒީ.. ޒީ… ޕްލީސް އަހަންނަށް ވާހަކަ ދައްކަން ހަމަ އެންމެ ފުރުޞަތެއް ދީބަލަ. އާދޭސްކޮށްފަ މިބުނަނީ. އަހަންނަށް ކުރެވުނު އެންމެ ކުށެއްގެ އަދަބު ތިހާ ބޮޑުކޮށް ނުދީބަލަ.” އަމްޖަދު އަށް ބުނެވުނީ އެހީސާބަށެވެ. ކުއްލިއަކަށް ހިނގުން ހުއްޓާލަމުން ޒީނިޔާ އަމްޖަދުއާ ދިމާއަށް ބަލާލީ އަލިފާނުގެ ބެލުމަކުންނެވެ. އެދެލޮލުން ހީވީ އަމްޖަދުގެ ހިތުގެ އެންމެ ހިމަ ނާރުވެސް އަނދާ އަޅިޔަށް ހަދާފާނެހެންނެވެ. އެދުލުން އަމްޖަދުއާ ދިމާއަށް ބުނަންހުރި ވާހަކަތައް ގިނަކަމުން ނޫންކަމެއްވެސް ނޭނގެއެވެ. އެކައްޗެކޭވެސް ބުނުމެއްނެތި އަނެއްކާވެސް ޒީނިޔާ ހިނގައިގަތެވެ. “ޒީ… މާތްރަސްކަލާނގެއަށްޓަކައި ކޮންމެވެސް އެއްޗެކޭ ބުނެބަލަ. ހެޔޮ ކޮންމެ އެއްޗެކޭ އަހަންނާ ދިމާއަށް ކިޔަސް. އަހަރެން އަޑުއަހާނަން. އެކަމަކު ޕްލީސް. އަހަންނަށް ހަމަ އެންމެ ފުރުޞަތެއް ދީބަލަ ޒީ އާ ވާހަކަ ދައްކާލަން. އަހަރެން ޒީ އާ ދައްކަން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް އެބައޮތް.” ހިއްވަރުކޮށްފައި އަނެއްކާވެސް އަމްޖަދު އޭނާގެ މަޤްޞަދު ޙާޞިލްވޭތޯ މަސައްކަތްކުރިއެވެ. އަމްޖަދުގެ އަޑުގައިވި އާދޭހާއި އެއަޑުގައިވި ވޭން ޒީނިޔާގެ ހިތައް ތޫނު ކަށިތަކެއްހެން ހެރެމުން ދިޔައެވެ. އޭނާގެ ހިތް އަމްޖަދުއަށްޓަކައި މަޑުފުށްކޮޅަކަށްވި ކަހަލައެވެ. އަމްޖަދުއާ ވާހަކަދައްކަން ހިތް އެދި ރޮމުން ގެންދިޔައެވެ. އޭރު ސްކޫލްގެ ގޭޓާ އަރާ ހަމަވީއެވެ. “ޒީ ނުކުންނާނެ އިރަކަށް އަހަރެން އިންތިޒާރުކުރާނަން.” ޒީނިޔާ ދެން ސްކޫލްތެރެއަށް ވަދެގެންދާނީކަން އެނގުމުން، ނާއުއްމީދާއެކު އަމްޖަދު ބުނެލިއެވެ. “އަހަރެންގެ ހުސްގަޑިއެއް 11ޖަހާއިރު އޮންނާނެ. އެގަޑީގައި ސައިބޯން ނުކުންނާނަން.” ފަސްއެނބުރި ބަލާލުމެއްނެތި ޒީނިޔާ އިއްވާލި ސްކޫލްތެރެއަށް ވަދެގެންދިޔައިރު އަމްޖަދު ހުރީ އޭނާގެ ކަންފަތަށް އިވުނު އިވުން ޤަބޫލުނުކުރަން ދަތިވެފައެވެ.
އެގާރަޖެހިއިރު ޒީނިޔާ ބޭރަށް ނުކުތްއިރު އަމްޖަދު ހުރީ އިންތިޒާރުގައެވެ. އަމްޖަދުއަށް ބަލާބަލުން ޒީނިޔާ ކުރިއަށް ހިނގައިގަތުމާއެކު ފަހަތުން ކަހަލަގޮތަކަށް އަމްޖަދު ވެސް ހިނގައިގަތެވެ. ދެމީހުން މަޑުމަޑުން ހިނގަމުންދިޔައީ ދެބީރައްޓެހިން ފަދައިންނެވެ. ދާދި ކައިރީގައިހުރި “އޮރިގާނޯ” އަށް ވަދެގެންގޮސް ތަންކޮޅެއް ވަކިންހުރި މޭޒެއްގައި ދެމީހުން ގޮސް އިށީދެއްޖެއެވެ. ވޭޓަރު އައިސް އޯޑަރު ނަގައިގެން ދަންދެން ދެމީހުންވެސް އެކަކު އަނެކަކަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. “ސޯ.. ހިޔަރ އައެމް. ތި ދައްކަންބޭނުންވާ ވާހަކައެއް ދައްކަންވީނު؟” އިސްވެ ފަށަމުން ޒީނިޔާ ވާހަކަދެއްކިއެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި ކުޑަ ހިނދުކޮޅަކު ތިބެވުނެވެ. އެހަމަހިމޭން ހިނދުކޮޅަށް ނިމުންއައީ ޒީނިޔާގެ ފޯނުން ކުޅެނި މަޑު މިޔުޒިކެއްގެ އަޑުންނެވެ. ފޯނާދިމާއަށް ބަލާލެވުނީވެސް ދެމީހުންނަށް އެއްފަހަރާއެވެ. ފޯނުކުރީ ޒީނިޔާގެ ރަޙްމަތްތެރިއެކެވެ. ސައިބޯންދާން ޒީނިޔާ ކޮބައިތޯ ބެލުމަށެވެ. ކުޑަކަމެއްގައި މީހަކާ ބައްދަލުކޮށްލަންވެފައި އޮތުމުން އަވަހަށް ނުކުތީ ކަމަށާއި، މިހާރު އިނީ އޭނާއާއެކުގައިކަމަށް ބުނެ ރަޙްމަތްތެރިޔާއަށް ޖަވާބުދިންއިރު ޒީނިޔާގެ ނަޒަރު އަދިވެސް ހުރީ އަމްޖަދުގެ މޫނަށެވެ. އެމޫނުން އެއްޗެއް ދިރާސާކުރަމުންދާ ފަދައެވެ. އެހެންނަމަވެސް އަމްޖަދުގެ ތޫނު ބެލުމުން އޭނާ ރަކިވާގޮތްވިއެވެ. އިސްޖަހާލަން މަޖުބޫރުވީ އެހެންވެއެވެ. ޒީނިޔާ މޭޒުމަތީގައި ބޭއްވި ފޯނުގެ ދިއްލިފައިވާ ސްކްރީންގައި އިން ފޮޓޯ އެނހިދު އަމްޖަދުގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ބޭއިޚްތިޔާރުގައި އޭނާގެ ހިތް އުފަލުން ފޮޅިގެންދިޔައެވެ. މިކަމުގެ އެއްވެސް ހިލަމެއް ޒީނިޔާއަކަށް ނުވެއެވެ.
ހިއްވަރުކޮށްފައި އަމްޖަދު ޒީނިޔާގެ ކިބައިން ތަކުރާރުކޮށް މަޢާފަށް އެދުނެވެ. އަދި ޒީނިޔާއާމެދު ކަންތައްތައް ކުރެވުނުގޮތުން އެކަމާ އިންތިހާ ދަރަޖައަށް ހިތާމަކުރާކަން ހާމަކުރަމުން ދިޔައިރު، ޒޯޔާ އާއި ޒީނިޔާއަކީ އޭނާގެ ދިރިއުޅުންކަމާއި، ޒީނިޔާ ފުރުޞަތު ދީފިނަމަ އެދެމައިންނަށް މިހާތަނަށް ނުދެވުނު ލޯތްބާއި އަޅާލުން ޢުމުރުގެ ބާކީ އޮތްތަނުގައި ދީގެން އެކުގައި އުޅެން ބޭނުންކަމުގައި ބުނަމުން ދިޔައެވެ. އަދި ކުރެވުނު ކުށަށް މަޢާފްދީ ޒޯޔާއަށް މަންމައާއި ބައްޕަގެ ލޯބި ކުރިއަށް އޮތްތަނުގައި ލިބޭނެ ފުރުޞަތު ދިނުމަށް އެދި އާދޭސްކުރަމުން ދިޔައެވެ. އަމްޖަދުގެ އާދޭސްތަކުން ޒީނިޔާގެ ނާޒުކު ހިތައް ކުރަމުންދިޔަ އަސަރުތައް ބަޔާންކުރަންވެސް ދައްޗެކެވެ. ޒީނިޔާއަށް ހަމަ ރަނގަޅަށްވެސް ރޮވެން ފެށިއިރު ތަނުގައިތިބި އެހެން މީހުންނަށް ވީހާވެސް ވަރަކުން އެކަން ނުދައްކައިވޭތޯ އޭނާ އިނީ އިސްޖަހައިގެންނެވެ. އެހެން އިންއިރު މޭޒުމަތީގައިހުރި ޓީޝޫ އެތިން ޓީޝޫއެއްނަގައި އިރުއިރުކޮޅުން ދެލޯ ފޮހެލައެވެ. ޒީނިޔާ ރޮނީކަން އެނގުމުން އަމްޖަދުގެ ހިތް ބޭނުންވީ އެތުނިތުނި ހަށިގަނޑު އޭނާގެ އަތުގެތެރޭގައި ލައި ބޮނޑިކޮށްލުމަށެވެ. އެއަތުގެ ޙިމާޔަތުގައި އަބަދަށްޓަކައި ގައިދުކުރުމަށެވެ. އެހެންނަމަވެސް އޭނާގެ އިޙްސާސްތަކަށް އުނދަގުލުންނަމަވެސް ބާރުފޯރުވުމުގައި ކާމިޔާބު ހޯދީ ވަގުތާއި ތަނުގެ ގޮތުންނެވެ. “ޒީ.. ޕްލީސް ހުއްޓާލަބަލަ.” ޒީނިޔާގެ ގާތުގައި ހުއްޓާލުމަށް ބުނަމުންދިޔައިރު އޭނާގެ އަޑުވެސް ވަނީ ކުރެހިފައެވެ. އޯޑަރުކުރި އެއްޗިހި އައީ ނަސީބެކޭ އަމްޖަދުގެ ހިތަން އެރިއެވެ. ގަދަކަމުން އިޙްސާސްތައް ހަމައަކަށް އަޅުވާލަމުން ކާއެއްޗިއްސަށް އިންސާފްކުރަމުންދިޔައިރު އިރެއް އިރަކަށް ޒީނިޔާގެ މޫޑު ދިޔައީ ރަނގަޅުވަމުންނެވެ. މިތަން ފެނިފައި އަނެއްކާވެސް އަމްޖަދު އޭނާގެ އެދުން ހާމަކޮށްލިއެވެ. އަދި ޒީނިޔާގެ ޖަވާބަކީ ކޮބައިތޯ ސުވާލުކޮށްލިއެވެ. “އަހަރެން ކީއްކުރަން އަލުން އަމްޖަދުއާ ގުޅެންވީ. ހަމައެކަނި ދަރިފުޅަށްޓަކައޭ ކިޔާފައި ބޭނުން ނުވާ މީހަކާއެކު ދިރިއުޅެން މަސައްކަތްކުރާނީވެސް ކިހިނެތް.” ސަމާސާގޮތަކަށް ޒީނިޔާ ބުނެލިއެވެ. “ހަމައެކަނި ޒޯޔާއަށްޓަކައެއް ނޫން. އެއީ އަދިވެސް ޒީ އަހަރެންދެކެ ލޯބިވާތީ.” ޒީނިޔާގެ ސަމާސާގައި ބައިވެރިވެލުމުގެ ގޮތުން އަމްޖަދުވެސް ބުނެލިއެވެ. “ނުވޭ މިހާރު. އަހަރެން ލޯބިވާ މީހަކު ހުރޭ މިހާރު.” ފުދޭވަރަކަށް ސީރިޔަސްވެލަމުން ޒީނިޔާ މިހެން ބުނެލުމާއެކު އަމްޖަދުގެ ހިތް ހީވީ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހުއްޓުނު ހެންނެވެ. އެހެންނަމަވެސް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަމައަކަށް އެޅިލަމުން އަމްޖަދު އަނެއްކާވެސް ވާހަކަދެއްކިއެވެ. “އެހެންވެ ދޯ ފޯނު ޑިސްޕްލޭގަވެސް މަގޭ ފޮޓޯއެއް ލާފަ އިނީ.” ޒީނިޔާއަށް ލިބުނު ޙައިރާންކަމާއެކު އޭނާ ރަނގަޅަށް ބޭޒާރުވީކަން އެނގުމުން ވަރަށްބޮޑަށް ލަދުގަތެވެ. މިތަން ފެނުމުން އަމްޖަދުގެ ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
އެއުފާވެރި ވަގުތުކޮޅުގެ ނިމުން އައުމުން އަމްޖަދު އަދިވެސް އެއްފަހަރު، ސީރިޔަސް ކަމާއެކު އޭނާ ކުރިން ކުރި ސުވާލު ޒީނިޔާއާ ކޮށްލިއެވެ. ޒީނިޔާގެ ޖަވާބު ވަރަށްވެސް ކުރެވެ. އަމްޖަދުއާ ދޭތެރޭގައި ހިތް ހަމަ ސާފުކަމާށާއި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން ޤާބޫކުރާކަމަށާއި، ހިތުގެ އަޑިން އަމްޖަދުއަށް މަޢާފްދިންތާ މިހާރު ކޮންދުވަހެއް ހޭ ބުނެލީ އަސަރާއެކުގައެވެ. ޒޯޔާއަށް މަންމައާއި ބައްޕަގެ ލޯބި ބޭނުންވާނެކަންވެސް ޤަބޫލުކުރާކަމަށާއި، އެހެންނަމަވެސް، އަލުން އަމްޖަދުއާ ގުޅެވެން އޮތީ ޒީނިޔާގެ މައިންބަފައިންގެ ރުހުމާއެކުގައި ކަމުގައި ބުނެލިއިރު ޒީނިޔާގެ ދެލޯހުރީ ފެންކަޅިވެފައެވެ. އެއީ، އެމީހުންނަކީ އަމްޖަދުގެ އެހީ އެންމެ ބޮޑަށް ބޭނުންވި ހިނދު އަމްޖަދު ޒީނިޔާ ދޫކޮށްލާފައިދިއުމުން މިހާދުވަސްވަންދެން އަމްޖަދުގެ ދަރިފުޅާއި ޒީނިޔާގެ ހުރިހާ ޒިންމާއެއް އުފުލި މީހުންކަމުގައި ވާތީއެވެ. އަދި ދެންވެސް އެފަދަ ދުވަހެއް އަތުވެއްޖެނަމަ ޒީނިޔާގެ ގިލަންވެރިކަން ހިފައިގެންގޮސް އަރަންޖެހޭނީ އެދެމީހުންގެ ކުރިމައްޗަށް ކަމުގައިވާތީއެވެ. އެއީ ވަރަށްވެސް ބޮޑު ތެދެކެވެ. “އެހެންވީމަ މަންމައާއި ބައްޕަގެ ރުހުން ހޯދުމަކީ އަމްޖަދުގެ ޒިންމާއެއް. އަމްޖަދުއާ އަލުން ގުޅުމާމެދު އެދެމީހުންގެ ބަސް އެއީ އަހަރެންގެ ޖަވާބު.” ހިތާ ދެކޮޅަށް ނަމަވެސް ޒީނިޔާ ސާބިތުކަމާއެކު އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ. އަމްޖަދު ބޯޖަހާލީ އޭނާވެސް އެކަން ހިތުގެ އަޑިން ޤަބޫލުކުރާތީއެވެ.
ރެސްޓޯރެންޓުން ނުކުމެގެން އެކިވާހަކަ ދައްކަމުން ޒީނިޔާއާއެކު އަމްޖަދު ސްކޫލާ ހަމައަށް ދިޔައެވެ. ވަކިވުމުގެ ކުރިން އެންމެ ފަހު ވާހަކައަކަށް ޒީނިޔާ ބުނެލީ އަމްޖަދު އަށް ކޮންމެ ވަގުތަކުވެސް ޒޯޔާ އާ ބައްދަލުކޮށް އޭނާ ގާތަށް ދެވޭނެކަމުގައެވެ. އެދެބަފައިންގެ ގުޅުމަށް އެއްވެސް ހުރަހެއް ޒީނިޔާގެ ފަރާތުން ނޯންނާނެކަމުގައެވެ. މިކަމާ އަމްޖަދު އިންތިހާއަށް އުފާވިއެވެ. ތެދެކެވެ. މައިންބަފައިން ވަކިވިޔަސް ދަރިންނަށް އެކަން ދައްކައި، ދެމީހުންގެ ލޯބިން އެކުދިން މަޙްރޫމް ނުކުރުމަކީ ކޮންމެ މަޔަކާ ބަފަޔަކުވެސް ވިސްނަންޖެހޭނެކަމެކެވެ.
ޒީނިޔާއާ ގުޅެން ކިތަންމެ ބޭނުންވި ނަމަވެސް އަމްޖަދުއަށް އެވާހަކަ ޒީނިޔާގެ ބައްޕަޔާ ސީދާ ސީދާ ދައްކާކަށް ނުކެރުނެވެ. އަނެއްކޮޅުން އަމްޖަދު އެވާހަކަތައް ނުބުނި ކަމުގައިވިޔަސް ޔާސިރުއަށް ހުރިހާކަމެއްވެސް ވިސްނެއެވެ. އެހެންކަމުން އޭނާ އޮތީ އަމްޖަދުއަށް އާނބަސް ނުބުނެ އެހެންނަމަވެސް ސީދާ އޭނާގެ ފުށުން ނޫނެކޭ ބުނެ އިންކާރުނުކޮށް އެކަން ހަމަޖައްސާނެ މޮޅު ރޭވުމެއް ރާވާފައެވެ. އެއީ، ޔާސިރުގެ އޮފީހުގެ އިސްވެރިއެއް ކަމުގައިވާ ވަޙީދުގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު އަމީން އާ ޒީނިޔާގެ ކައިވެނި ކުރުމުގެ ހުވަފެން ޔާސިރު ދެކެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ވަޙީދު އާއި ޔާސިރު އަކީ ވަޒީފާގެ ގޮތުން ކިތައްމެ ތަފާތު ދެފަންތީގެ ދެމީހުންނަށްވީނަމަވެސް އެދެމީހުންގެ ދެމެދުގައި ވަރަށް ގާތް ރަޙްމަތްތެރިކަމެއް ވަނީ އުފެދިފައެވެ. އެންމެފަހުން ޒޯޔާގެ އުފަންދުވަހުގައި ބޭއްވުނު ޕާޓީގެ ތެރެއިން ވަޙީދުއަށް ވަނީ ޒީނިޔާ ފެނިފައެވެ. އެދުވަހުން ފެށިގެން ޔާސިރުގެ ފަރާތުން އެކިފަހަރުމަތިން އޮޅުން ފިލުވައި އޭނާވަނީ ޒީނިޔާއާގުޅޭ ގިނަ މަޢުލޫމާތުތަކެއް އޮޅުން ފިލުވާފައެވެ. ވަޙީދު ޒީނިޔާއާ ދޭތެރޭގައި ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓާކަން ފާހަގަކުރެވިގެން އެކަމާ ސުވާލުކުރުމުން ވަޙީދު ވަނީ އޭނާގެ ހިތުގެ އެދުން ޔާސިރުއާ ޙިއްޞާކޮށްފައެވެ. އެހެންނަމަވެސް އޭނާ ބޭނުންވަނީ އަމީން މާސްޓަރސް ހެދުމަށްޓަކައި ރާއްޖެއިން ބޭރުގައި ހުރުމާއެކު އޭނާ އެނބުރި އައުމުން ޒީނިޔާއާއި އަމީން އެކަކު އަނެކަކަށް ތަޢާރަފްވެ އެދެމީހުންގެވެސް ރުހުމާއެކު އެކަން ކުރުމަށެވެ. އަމީންއަކީވެސް ޒީނިޔާ ފަދައިން ފުރަތަމަ ކައިވެނީގައި ހެކިވެރި ހިތި ތަޖުރިބާއެއް ކުރެވިފައިވާ މީހެކެވެ. ތަފާތަކީ އޭނާގެ ދަރިއަކު ނެތްކަމެވެ.
އަމްޖަދު ޔާސިރުއާ ވާހަކަ ދައްކާނެ ގޮތެއް އެންމެފަހުން ހޯދިއެވެ. އެއީ އަމްޖަދުގެ ގާތް ރައްޓެއްސެއް މެދުވެރިކޮށެވެ. އަމްޖަދުގެ ރަޙްމަތްތެރިޔާ ދެއްކި ވާހަކަތަކަށްފަހު ޔާސިރު އޭނާގެ ހުށަހެޅުން ހުށަހެޅިއެވެ. އެއީ، ޔާސިރުއަށް އޭނާގެ މައިންބަފައިންގެ ގޯތިން ދީފައިވާ ބިމާއި، އެބިމުގައި ޢިމާރާތްކޮށްފައިވާ ގެ ޒޯޔާގެ މައްޗަށް އެއްމެދު ކޮށްދިނުމެވެ. އެއަށްފަހު އަމްޖަދުއާ ޒީނިޔާއާ ދެމީހުން ގުޅުމާމެދު ޔާސިރުގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ޔާސިރުމެންގެ ނުރުހުމުގައި އަމްޖަދުއާ އަލުން ގުޅިއްޖެނަމަ އޭގެފަހުން ޒީނިޔާއާއި ޒޯޔާއަކީ އެދެމީހުންނަކީވެސް އެޢާއިލާގެ މައްޗަށް މަރުވެފައިވާ ބައެއްކަމުގައި ނޫނީ ނުދެކޭނެކަމަށްވެސް ޔާސިރު ބުންޏެވެ. ޔާސިރުގެ އެހުށަހެޅުން އަމްޖަދުގެ ރަޙްމަތްތެރިޔާއަށްވީ ވަރަށް ހެއްވާ ކަމެއްކަމުގައެވެ. އެހެންނަމަވެސް ޔާސިރު އެހުށަހެޅުން އޭނާގެ ހަތިޔާރަކަށް ހެދީ އޭގެ ނަތީއްޖާ އަންނާނެގޮތް މާބޮޑަށްވެސް ލަފާކުރެވިފައިވާތީއެވެ.
ކަންތައް ވެގެންދިޔައީވެސް ޔާސިރު އުއްމީދު ކުރިގޮތަށެވެ. އަމްޖަދު އޭނާގެ ގެއިން އެންމެ ކައިވަތެއްވެސް ޒޯޔާއަށް ދޭކަށް ބޭނުމެއް ނުވިއެވެ. ޔާސިރުގެ އެނިންމުމަނީ ދެކޮޅު ނުޖެހޭ ނިންމުމެއްކަމުގައި ބުނަމުންނެވެ. ސަބަބަކީ ޔާސިރުގެ އެހެން ބަނޑެއްގެ ދަރިއެއް އަދި ނެތުމާއެކު ޔާސިރުގެ ނަމުގައި އޮތަސް އާޚިރުގައި އެއީ ހަމަ ޒޯޔާގެ ތަކެތި ކަމުގައި ވާތީއެވެ. ނަމަވެސް ޔާސިރު ބުނަމުންދިޔައީ ޒޯޔާއަށް އެފަދަ ކުޑަ ޤުރުބާނީއެއް ވާންނުކެރުނު މީހަކު ޒީނިޔާއަށް ވަކި ހެޔޮ ނޭނދޭނެކަމަށެވެ. އެހެންކަމުން އަމްޖަދުއާ އަލުން ގުޅިއްޖެނަމަ ޒީނިޔާއަށް ދެން ލިބޭ ދެރަ މާދެރަވާނެކަމުގައެވެ.
ހިތް ކިތަންމެ ނޭނދުނު ނަމަވެސް، ބައްޕައާ ދެކޮޅަށް ތެދުވަން ޒީނިޔާގެ ޟަމީރު އޭނާއަށް ތަނެއް ނުދިނެވެ. އެހެންނަމަވެސް، ސިއްރު ސިއްރުން އޭނާ އަމްޖަދުއާ ވާހަކަ ދައްކަމުން ދިޔައެވެ. ކޮންމެވެސް ދުވަހަކުން ބައްޕަގެ ވިސްނުން ބަދަލުވާނެކަމުގެ އުއްމީދުގައެވެ. ޒީނިޔާއަށް ނޭނގުނު ކަމަކީ ފަރުދާގެ ފުރަގަހުގައި އެހެން ކަންތައްތަކެއް މުޅިން އެހެން މިސްރާބަކަށް ބަދަލުކުރުމަށްޓަކައި ރޭވެމުންދާކަމެވެ.
3މަސް ފަސް
އަމީން ކިޔެވުން ނިންމާލުމަށްފަހު މާލެ އައުމާއެކު ރަނގަޅު ދަނޑިވަޅެއް ބަލާފައި ވަޙީދު އޭނާގެ ދަރިފުޅުގެ ގާތުގައި އަލުން ކައިވެއްޏެއް ކުރުމަށް ބާރުއަޅައި ވިސްނައިދޭން މަސައްކަތް ކުރިއެވެ. އާދައިގެމަތިން ކަމުދާ ކުއްޖަކު އަދި ނުފެންނަނީއޭ އަމީން ބުނެލީ ފަސޭހައިން ސަލާމަތްވެވޭނެކަމަށެވެ. “ބައްޕަ ދަންނަ އެބަހުރި ރަނގަޅު ކުއްޖެއް. އެކަމަކު ގޮތެއް ނިންމާނީ ދަރިފުޅު. ދަރިފުޅު އެކުއްޖާއާ ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ އެކަކު އަނެކަކަށް ކުޑަކޮށް ދަސްވެލީމަ ގޮތެއް ނިންމުމާމެދު ބައްޕަގެ މައްސަލައެއް ނެތް. އަދި ދަރިފުޅުގެ ކޮންމެ ނިންމުމަކަށް ބައްޕަ މަރުޙަބާ ކިޔާނަން.” ވަޙީދު އޭނާގެ އެދުން ދަރިފުޅުގެ ކުރިމަތީގައި ހާމަކުރިއެވެ. ކުޑައިރުއްސުރެ މަންމައަކާ ނުލައި ބަލައި ބޮޑުކޮށް، ދުނިޔެއިން ހޯދައިދެވޭނެ ހުރިހާ އުފަލަކުން ހިތް ފުރާލަދީގެން އަމީން ބަލާބޮޑުކުރީ އޭނާގެ ބައްޕައެވެ. އަދި ދެވަނަ ކައިވެއްޏެއް ކުރުމެއްނެތި ދިރިއުޅުގެ އަމިއްލަ އުފާތައް ޤުރުބާންކޮށްލައިގެން އެބައްޕަ އެހުންނަނީވެސް ހަމައެކަނި އަމީނަށްޓަކައެވެ. އެހެންކަމުން ބައްޕަގެ އެދުމާ ސީދާ އިންކާރުކޮށް ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަން އަމީނަކަށް ނުކެރުނެވެ. “އެކަކު ބައްޕާ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު ދެކެ ލޯބިވާ މީހެއް ނޫން. އަޅުގަނޑުގެ ނަމާއި، ނަސަބާއި ހަސަބު އަދި އަޅުގަނޑުގެ އަތުގައިހުރި ފައިސާއާއި މުދާ ދެކެ ލޯބިވާ މީހެއް ނޫން.” އަމީން މަޑުމައިތިރި ކަމާއެކު އޭނާގެ ބައްޕައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. “ތިވާހަކަ ރަނގަޅޭ ދަރިފުޅާ! ބައްޕަ ތިކަމަކާ ދެކޮޅެއް ނޫން. އެހެންވީމަ ދަރިފުޅު އެކަން ކުރާނީ ބައްޕަމެން ދެއްކި ކުއްޖެއްގެ ގޮތުގައެއް ނޫން. އަދި އެކުއްޖާއަށް ވެސް އެގޮތަށް އެކަން އިޙްސާސް ނުވާގޮތަށް ދަރިފުޅު އެކަން ކުރިއަށް ގެންދިއުން މީގަ އެންމެ ރަނގަޅު ގޮތަކީ.” ވަޙީދު އޭގެ ޚިޔާލު އަމީނަށް ހުށަހެޅިއެވެ. “އޯކޭ ބައްޕާ!.. ބަޓް ހޫ އީޒް ޝީ؟ އަދިވެސް އެއީ ކޮންކުއްޖެއްކަމެއް ނުބުނުއްވަމެއްނޫންތޯ.” އަމީންގެ މާބޮޑު ޝަޢުޤުވެރިކަމެއް ނެތަސް ބައްޕަގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން އެކުއްޖާއާބެހޭ މަޢުލޫމާތު އޮޅުން ފިލުވިއެވެ.
ޒީނިޔާއާއި އަމްޖަދުގެ ގުޅުންވެސް ލޯތަކަށް ސިއްރުން މަޑުމަޑުން ތަރައްޤީވަމުން ދިޔައެވެ. ފާއިތުވި 3މަސްދުވަހުގެ ތެރޭގައި އެގުޅުން އޮތީ ވަރަށްވެސް ހަރުދަނާ ކަންމަތީގައެވެ. އެހެންނަމަވެސް، އެގުޅުން ސިއްރު ގުޅުމެއްގެ ގޮތުގައި ކުރިއަށް ގެންދަން އަމްޖަދު ވަރަށްބޮޑަށް ދެކޮޅު ހަދަމުން ގެންދިޔައެވެ. އަދި ޒީނިޔާގެ ބައްޕަގެ ރުހުން ދުވަހަކުވެސް އަމްޖަދުއަށް ނުލިބޭނެ ކަމަށާއި، ބައްޕަގެ ރުހުމާ ދެކޮޅަށްވެސް ޒީނިޔާ ކައިވެނިކުރަން ބޭނުންނަމަ އެކަން ކުރަން ތައްޔާރަށް ހުރިކަމަށް އަމްޖަދު ޒީނިޔާއަށް ވިސްނައިދެމުން ދިޔައެވެ. އެހެންނަމަވެސް، ޒީނިޔާއަށް އެފަދަ ނިންމުމެއް ނިންމާކަށް ނުކެރުނެވެ. ހަމައެއާއެކު މަޑުމަޑުން އެގުޅުން ހީނަރުވާންފެށިހެން ޒީނިޔާއަށް ހީވާންފެށިއެވެ. ކުރާ އެސް.އެމް.އެސް ތަކަށް އަމްޖަދުގެ ޖަވާބުދިނުން ބައެއްފަހަރު ލަސްވާންފެށިއެވެ. ޒީނިޔާގެ ކޯލްތަކަށް ޖަވާބު ނުދިނުމާއި ބައްދަލުނުވެ ތިންހަތަރު ދުވަސް ވާންފެށިއެވެ. އެކަމާ ސުވާލުކުރުމުން އަމްޖަދު ބުނަނީ މާލެއާ ތަންކޮޅެއް ދުރު ރިސޯޓެއްގެ ވަޒީފާއަކަށް ބަދަލުވުމާގުޅިގެން ކުރިން އަންނަގޮތަށް މާލެއަށް ނާދެވޭތީކަމަށެވެ.
ދުވަސްތަކެއް ފާއިތުވުމަށްފަހު އަމްޖަދު މީހަކާ އިންނަންއުޅޭ ޚަބަރު ޒީނިޔާއަށް ލިބުނެވެ. ކުއްލި ގޮތަކަށް އެޚަބަރު ލިބުންވީ ޒީނިޔާއަށް ޙައިރާންކަން ގެނުވި ކަމަކަށެވެ. އެވާހަކަ ޤަބޫލުކުރުންވެސް ވީ ދަތިކަމަކަށެވެ. އެހާމެ ދެރަވެސް ވިއެވެ. އެހެންނަމަވެސް އެކަން އެއްވެސް މީހަކާ ޙިއްސާކުރާކަށްވެސް ޒީނިޔާއަށް ނުކެރުނެވެ. އެއީ އޭނާ ސިއްރިޔާތުގައި އަމްޖަދުއާ ގުޅުން ބާއްވަމުން އައުމާއެކު އެކަން ފަޅާއަރާފާނެތީއެވެ.
8 Comments!
Comments are closed.
V interesting
Yay.. Me first ?
nice
reethi
Vvvvv reethi khon erakun aneh part genesdenee
Thank u all. Iraadhakurehviyyaa tnght upkohdheynan
މިބައި ވެސް ޝައުގުވެރިކަމާއެކު ކިޔާލެވުނު. ޖުމްލަ ގޮތެއްގައި ކުށް މަދު ރީތި ބަސްމަގަކުން ލިޔުއްވަމުން ތިޔަ ގެންދަވާ ވާހަކައަށްޓަކައި ފަށްފަށުން ޝުކުރިއްޔާ
Anonymous o…. haaaahaaahaa….Heyo shukuru nukuriyas ???