ކުށްވެރިޔަކީ… (4)
ޓެކްސީ އައިސް މަޑުކޮށްލުމުން މާޔޫސްކަމާއެކު ޒީނިޔާ ޓެކްސީއަށް އެއީ އަދިވެސް އެއްފަހަރު ވަށައިގެންވާ މާޙައުލަށް ރަނގަޅަށް ބަލާލަމުންނެވެ.
ގެއަށް އައުމާއެކު ޒީނިޔާ ބޭނުންވީ ނިދާލުމަށެވެ. ކޮޓަރީގެ އެނދާހަމައަށް ދެވުނުކަމެއް ނޭނގެއެވެ. އެދަށްވެއްޓިގެންފައި އޮވެވުނީ އެއްޗިހިވެސް ބަދަލުނުކޮށެވެ. ބޮލުގައި ރިއްސާވަރުން އޭނާއަށް ހީވީ ނިކަން އަވަހަށް ނިދިދާނެކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ފަސޭހަ ރަޙްމަތަކުން ލޮލަކަށް ނިންޖެއް ނައެވެ. ވޭތުވެދިޔަ 5އަހަރުގެ ތެރޭގައި އޭނާ އަމްޖަދުގެ މަތިން ހަނދާން ނެތުނު އެންމެ ދުވަހެއްވެސް ފާއިތުވެގެން ގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް، އަމްޖަދުއާ ނުލައި އުޅެން އޭނާ ވަނީ ދަސްކޮށްފައެވެ. އަމްޖަދުގެ ހަނދާންތަކުގައި ދިރިއުޅުން ބޭކާރުކުރަން އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް، މިއަދު އަމްޖަދު ފެނިގެން ހިތުގައި ވަޅުޖެހިފައިވާ ހިތި ހަނދާންތައް އަނެއްކާވެސް އާވެއްޖެއެވެ. މިވީ ކީއްހެއްޔެވެ! އަމްޖަދު އޭނާ ބޭނުން ނެތިގެން އެއްލާލީއެވެ. ނުވިތާކަށް މިހާދުވަސް ވީއިރުވެސް ކުޑަމިނުން ދަރިފުޅު ހުރިތޯވެސް ބަލައެއް ނުލައެވެ. އަދިވެސް އޭނާގެ ހިތުގައި އަމްޖަދު އަށްޓަކައި ލޯބި ފޮރުވިފައިވަނީ ހެއްޔެވެ؟ ފަތިސް ނަމާދަށް ބަންގޮވިއިރުވެސް ޒީނިޔާ އޮތީ ނުނިދިފައެވެ. އެންމެފަހުން ތެދުވެގެން ގޮސް ވުޟޫކޮށްލައިގެން އައިސް ނަމާދުކުރުމަށްފަހު ލެޕް ހުޅުވާލައިގެން އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ހަމަޖެހިލީ، ޚަބަރުތައް ބަލާލައި ބައެއް އޮންލައިން ސައިޓްތަކުގައި އޭނާ ކިޔަމުންދާ ވާހަކަތަކުގެ އަޕްޑޭޓްސްތައް ބަލާލުމަށެވެ. 6:30އަށް ސްކޫލަށް ދާންޖެހޭތީ އިތުރަށް ނިދާނެ ވަގުތެއްވެސް ނެތުމާއެކުގައެވެ.
ސްކޫލްދޮށަށް ދިއުމަށްޓަކައި ޒީނިޔާ ގެއިން ނުކުތީ 6:20 ވެސް ވީފަހުންނެވެ. ގެއާއި މާދުރުނޫން ހިސާބެއްކަމުން ދެތިން މިނިޓްއިން ސްކޫލާ ހަމައަށް ފޯރާނެތީއެވެ. އާދައިގެ ހިނގުމެއްގައި ހިނގާލައިފައިގޮސް އޭނާ ޢިމާދުއްދީން ސްކޫލްގެ ގޭޓުން ވަންނަންދެން މީހަކު އޭނާގެ ފަހަތުން އައިކަމެއް އޭނާއަކަށް ނޭނގެއެވެ. ޒީނިޔާ ގޮސް ލޯމަތިން ނިވާވަންދެން ބަލަންހުރެފައި ތަންކޮޅެއްދުގައި ހުރި އަމްޖަދު ހިނގައިގަތްއިރު އޭނާގެ ތުންފަތްމަތީގައި ކާމިޔާބީގެ ފަނޑު ހިނިތުންވުމެއްވިއެވެ.
އާދައިގެމަތިން ޒޯޔާ ސްކޫލްއިން ނިމޭގަޑިއަށް މިއަދުވެސް ބަލާދިޔައީ ޒީނިޔާއެވެ. ޒޯޔާގެ އަތުގައި ހިފައިގެން ޒީނިޔާ ހިނގާލާފައިއައިއިރު، ސްކޫލްއިން ނުކުތީއްސުރެ، ގެއާހަމައަށް އައިއިރުވެސް ކުޑަކުޑަ ޒޯޔާގެ އަނގަ ހުއްޓާއެއްނުލައެވެ. ބައެއްފަހަރު އޭނާގެ ވާހަކަ އެއީ ހުސްވުމެއް ނެތް އެއްޗެކެވެ. އެދެމައިންގެ ޙަރަކާތްތަކަށް ބަލަމުން އެމީހުންނަށް ނޯޓިސްނުވާނެހެން ދުރުން ދުރުން އައި އަމްޖަދުއަށް ކުޑަކުޑަ ޒޯޔާ ފެނިގެން އެއީ އޭނާގެ ދަރިފުޅުކަން ވިސްނައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ދަރިފުޅު ގެނެސް މެޔާލާ ބޮނޑިކޮށްލަން ކިތަންމެ ވަރަކަށް ހިތް އެދުނުނަމަވެސް އެހިއްވަރެއް އޭނާއަކަށް ނުލިބުނެވެ. މިއަދު އޭނާ އެދަރިފުޅުގެ ކުރިމައްޗަށް އަރާނީ ކޮން މޫނަކާއެކު ހެއްޔެވެ؟ އޭނާއަކީ ކުށްވެރިއެކެވެ.
ތިންދުވަސް ވަންދެން ޒީނިޔާއާއި ދަރިފުޅުގެ ބޯކޮޅު ބަލަމުން އެމީހުންނަށް ނުފެންނަ ހިސާބުގައި އަމްޖަދު އުޅުނެވެ. އެއަކުން ހިތައް ލިބުނު ފިނިކަމެއް ނެތެވެ. ޒީނިޔާއާ ވާހަކަ ދައްކައި އޭނާގެ މަޢާފު ލިބުމުން ނޫނީ އަމްޖަދުގެ ހިތައް ފިނިކަމެއް ލިބެން ނެތްކަން އަމްޖަދުއަށް އެނގެއެވެ. އަނެއްކޮޅުން ޒީނިޔާ މިފަހަރު ފެނުނު ދުވަހުން ފެށިގެންވެސް އަމްޖަދުގެ ހިތުގައި ޒީނިޔާއަށް ކުރިން ދެވެނު މަޤާމަށްވުރެ މާ މަތިވެރި މަޤާމެއް ވަނީ ދެވިފައެވެ. ޒީނިޔާގެ މުރާލިކަމާއި ދަރިފުޅާމެދު ބަހައްޓާ އޯގާތްތެރިކަމާއި ދިރިއުޅުމުގެ ކަންތައްތަކުގައި ހުރި ހަރުދަނާކަން ވޭތުވެދިޔަ ދެތިން ހަތަރު ދުވަހު އެކަނިވެސް އަމްޖަދުއަށް ވަނީ މަދު ކަންތައްތަކަކުން ނަމަވެސް ވަރަށް ފުރިހަމައަށް ފެނިފައެވެ. އެހެންކަމުން، އަމިއްލައަތުން ނަގާލެވުނީ ކިހާވަރެއްގެ ޖަވާހިރެއްކަން މިއަދު އަމްޖަދުއަށް އިޙްސާސް ކުރެވެއެވެ.
އާވާރާއަކު ފަދައިން ޒީނިޔާގެ ދެމައިންގެ ބޯކޮޅު ބަލަމުން ވޭތުވެދިޔަ ދުވަސްތަކުގައި އަމްޖަދު އުޅެމުންދާއިރު، އޭނާއަށް ނޭނގިނަމަވެސް އެ ހިތުގައި ޒީނިޔާއަށްޓަކައި އާވިންދެއް ޖަހަންފަށައިފިއެވެ. ޚާއްޞަކޮށް ކުރީރޭ ޒީނިޔާ ދަރުބާރުގެއަށް ޖަލްސާއަށް ދާން ތައްޔާރުވެގެން ހުއްޓައި ފެނުނުފަހުންނެވެ. އެރޭ ޒީނިޔާ ތައްޔާރުވެގެން ގެއިން ނުކުމެ ކާރު އަންނަންދެން ގޯޅި ކަންމަތީގައި މަޑުކޮށްލައިގެން 10ވަރަކަށް މިނިޓްވަންދެން ހުއްޓެވެ. މަޑު ނޫކުލައިގެ މެކްސީއެއްގައި ރަންކުލައިގެ ޝޯލްއެއް އަޅައިގެން ހުރިހުރިއިރު ޒީނިޔާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ސާދާކޮށް ކުރެވިފައިވާ ލުއިލުއި މޭކަޕްއިން އެރީތިކަން ފުރިހަމަކޮށްދީފައިވާއިރު އާކައިވެއްޏަކަށް ތައްޔާރުކޮށްފައިވާ އަރޫޝާއެއް ފަދައެވެ. އެރޭ ޒީނިޔާ ފެނިގެން ހިތުގެ ހިނގުންވެސް އަވަސްވެލިގެން އަމްޖަދުއަށް ހީވިއެވެ. އާޝޯޚުވެފައި އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ހުރެވުނީ ކިހާއިރެއްވަންދެއްކަމެއް ޚުދް އަމްޖަދަކަށްވެސް ނޭނގެއެވެ. ޒީނިޔާއަށް ނޭނގި އެރީތި ސޫރަ އަމްޖަދުގެ ފޯނުގެ ކެމެރާގައި ރައްކާކުރެވުނީ ބޭއިޚްތިޔާރުގައެވެ. ޒީނިޔާ ޙާޞިލްކުރުމުގެ އެދުން އޭނާ ސިކުނޑިއަށް ސަވާރުވެފައިވާއިރު، ހިތުގެ އެއްކަނެއްގައި އުއްމީދުގެ ހުޅުކޮޅު ވަނީ ދިއްލިފައެވެ. އެއީ މިދެތިން ދުވަސްތެރޭގައިވެސް ޒީނިޔާ އެހެން ފިރިހެނަކާއެކު އުޅޭތަނެއް ފެނިފައިނުވާތީ، އެފަދަ ޚާއްޞަ މީހެއް ޒީނިޔާގެ ނެތްކަމުގައި އޭނާގެ ހިތުގެ އަޑީގެ ކޮންމެވެސް ހިސާބަކުން ޔަޤީންކޮށްދޭތީއެވެ. ނަމަވެސް، އޭގެކުރިން ޒީނިޔާގެ މަޢާފަކީ އޭނާ ހޯދަންޖެހޭ އެއްޗެކެވެ. އަދި އެއާއިލާގެ އިތުބާރު އަނބުރާ ޙާޞިލްކޮށްގެން ނޫނީ އޭނާއަށް ޒީނިޔާ ޙާޞިލްކުރުމަކީ މުޅިން ނާދިރުކަމެކެވެ.
ޖެހިގެންއައި ދުވަހެވެ. އަމްޖަދު އޭނާގެ އެދުން ފުރިހަމަކުރުމަށްޓަކައި ސިނކުޑީގައި ޕްލޭންތައް ރާވާލީ ވަރަށްވެސް މޮޅަށެވެ. ޒީނިޔާ ސްކޫލްގައި އުޅެފައި ސައިގަޑިއަށް ބޭރަށް ނުކުންއިރު ސްކޫލްގެ ގޭޓް ކުރިމަތީގައި ސައިކަލެއްގެ މަތީގައި އިން އަމްޖަދު ފެނިގެން ހީވީ ބިރެއް ފެނުނުހެންނެވެ. ކައިރީގައި ތިބި ރަޙްމަތްތެރިންގެ ކައިރީގައި އެބައަންނަމޭ ބުނެފައި އޭނާ އަވަސްއަވަހަށް އެތެރެއަށް ދެމިގަތީ އަމްޖަދުއަށް ޒީނިޔާ ނުފެންނަކަމަށް ހީކޮށެވެ. އެހެންނަމަވެސް، އަމްޖަދު އަށް އެމީހުން މާކުރިން ފެނުނެވެ. ނުފެންނަކަމަށް ހަދައިގެން އިނީ ހަމަ ޤަސްތުގައެވެ. ސްކޫލްގެ ކައިރީގައިހުންނަ އޮރިގާނޯއަށް އެހެންމީހުން ގޮސްވަންއިރުވެސް ޒީނިޔާއެއް ނުނުކުމެއެވެ. ލަސްވެގެން އެމީހުން ގުޅަންފެށުމުން، ކަމެއް ލައިގަތީކަމަށް ބުނެ ޒީނިޔާ ދޮގުހެދިއެވެ. އަދި ބޭރަށް ނުގޮސް ސްކޫލް ތެރޭގައި މަޑުކުރީ ހިތުން އަމްޖަދު އެތަނުން ފެނުނީ އިއްތިފާގަކުންކަމަށެވެ.
ހުސްގަޑިއެއްކަމުން އިރުކޮޅެއްކޮށްލާފައި ޒީނިޔާ އަމްޖަދު އިންތޯ ސްކޫލް ޢިމާރާތުގެ މަތީ ފްލޯއަށް އަރައި ސިއްރު ސިއްރުން އެދިމާއަށް ބަލާލިއެވެ. ޙައިރާންކަން ލިބިގެންދިޔައީ އަދިވެސް އިންތަނުން ގުޑާވެސް ނުލާ އެއިންގޮތަށް އަމްޖަދު އިނުމުންނެވެ. އަނެއްކާވެސް ވިއްސަކަށް މިނިޓްކޮށްލާފައި ބަލާލިއެވެ. ހަމަ އެއިންތާނގައި އަމްޖަދު އެބައިނެވެ. އަމްޖަދު އެތާ އިނީ އިއްތިފާޤަކުން ނޫންކަން ޒީނިޔާގެ ހަވަނަ ޙިއްސު ބުނެދިންއިރު އޭނާއަށް ތެޅިގަނެވުނެވެ. އަމްޖަދު އެހެންވީމާ އޭނާއަށް ފާރަލަނީތާއެވެ. އަނެއްކާ ގެވެސް ނުހޯދާ ކަމެއް ނޭނގެއެވެ. ޒޯޔާއާ އަމްޖަދު ބައްދަލުވުމަކީ ޒީނިޔާ އެންމެ ބޭނުންނުވާ އެއްކަންތަކެވެ. އަމްޖަދު ފެންނައިރަށް ޒޯޔާއަށް އަމްޖަދު އެނގޭނެ ކަމާމެދު ޒީނިޔާ ޝައްކެއް ނުކުރެއެވެ. އެދެމީހުން ވަކިވެގެން އުޅޭކަން އަދި ޒޯޔާއަށް ނޭނގޭއިރު، ޒޯޔާއަށް އަމްޖަދު ފެނިއްޖެނަމަ ޒޯޔާއަށްޓަކައި އޭނާއަށް ކުރަން ބޭނުންނުވާ ކިތައްމެ ކަމެއް ކުރުމަށް މަޖުބޫރުވާނެއެވެ. އިރުއިރުކޮޅުން އަމްޖަދު އިންތޯ ބަލާއިރު އޭނާ އެއިންތަނުގައި އިންނާތީ އިތުރަށް ޒީނިޔާގެ ބޯ ހާސްވުން ނޫންކަމެއް ނުވިއެވެ. ހުސްގަޑި ނިމިގެން ކްލާހަށް ދާންޖެހުނީވެސް އެޙާލެއްގައި އުޅެނިކޮށެވެ. އަނެއްކޮޅުން ހައިވެގެން ގޮސް ފުރާނަ ބޭރަށް ނުކުމެދާނެހެން ހީވާއިރުވެސް ޒީނިޔާ ބޭރަށް ނުކުންނާކަށް ބޭނުމެއް ނުވިއެވެ.
ދެން ލައިގަތީ އަނެއްކަންތަކާއެވެ. ޒޯޔާ ބަލާ ސްކޫލްދޮށަށް ދާންޖެހުނު ގަޑީގައިވެސް ޒީނިޔާ ސްކޫލް އިން ބޭރަށް ނުކުންނާކަށް ބޭނުމެއް ނުވިއެވެ. އަމްޖަދު ބޭރުގައި އިނީމައެވެ. އެންމެފަހުން ކޮއްކޮއަކަށް ގުޅާފައި ޒޯޔާ ބަލާ ގޮސްދޭން އެދުނީ އެހެން ގޮތެއް ނެތިގެންނެވެ.
ސްކޫލް ނިންމާފައި ގެއަށް ދާންޖެހުނުއިރު ނަސީބަކުން އަމްޖަދު ފެންނާކަށް ނެތެވެ. އެހެންނަމަވެސް އޭނާ އެހެންތަނެއްގައި ނުހުންނާނެކަމުގެ ޔަޤީންކަމެއް ނެތެވެ. ކޮންމެގޮތެއްވިޔަސް ހަތަރުދަމު ސްކޫލްއިން ނުނުކުމެވެސް ޒީނިޔާ އަކަށް ނުހުރެވޭނެތާއެވެ. އަމްޖަދުއާ ދިމާނުވޭތޯ ހިތާހިތުން ދުޢާކުރަމުން ޒީނިޔާ ގެއަށްދާން ނުކުނީ ހަވީރު 4ޖެހިފަހުންނެވެ. ގެއާ ހަމައަށް ފޯރިއިރުވެސް އަމްޖަދުގެ ހިލަމެއް ނުވުމުން ފުންނޭވާއެއް ދޫކޮށްލަމުން ޒީނިޔާ އަވަސް އަވަހަށް ގޭޓުން އެތެރެއަށް ދެމިގަތެވެ. ގޭގެ ދޮރުހުޅުވާލުމާއެކު ދެލޯ ބޮޑުވެގެންދިޔައީ ސިޓީން ރޫމް ސޯފާގައި ޒޯޔާއާއެކު އިން އަމްޖަދު ފެނިފައެވެ. ޒީނިޔާ ހަމަފެނުމާއެކު ދުވަމުން ފުމެމުން އައިސް ޒޯޔާ ޒީނިޔާގެ އަތުތެރެއަށް ވަނެވެ. “ޑެޑީ އައީ ޔޯ… ޑެޑީ އައީ ޔޯ..” ކިޔަމުން އުފަލުން ނަށަމުން ކުޑަކުޑަ ޒޯޔާ މަންމިއަށް ހުރިހާ ރިޕޯޓެއް އެއްނޭވާއިން ކިޔައިދޭން އުޅުނު ކަހަލައެވެ. ގަދަކަމުން މޫނުމައްޗަށް ނިހިތުންވުމެއް ވެރިކޮށްލައިގެން ހުރިނަމަވެސް، އޭނާ ހުރީ ކިހާވަރަކަށް ހިތްހަމަނުޖެހިފައިކަން ޒީނިޔާގެ މަންމަ ސަބީހާއަށް ވިސްނައިގަނެވުނެވެ. އެހެންކަމުން ލޮލުގެ އިޝާރާތުން އެތެރެއަށް އައުމަން ބުނަމުން ސަބީހާ ވަނީ ޖެހިގެން ހުރި ކޮޓަރިއަށެވެ.
މަންމަގެ ފަސްފަހަތުން ޒީނިޔާވެސް ގޮސް ކޮޓަރިތެރެއަށް ވަނެވެ. “މަންމައަކަށް ނޭނގެ އޭނާއަށް މިގެ އެނގުނު ގޮތެއްވެސް، އައިގޮތެއްވެސް. މީހަކު ޓަކިދިނީމަ ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ އަމްޖަދު. މަންމައަކަށް ނޭނގުނު އެވަގުތު ބުނާނެ އެއްޗެއް. އަދި ހަދާނެގޮތެއްވެސް. ވަނަސް އެންމެ ރަނގަޅުހޭ އަހަމުން އޭނާ ގެއަށް ވަނީ. އެވަގުތު ޒޯޔާވެސް ސިޓީންގ ރޫމްގައިހުރި. އަތުގައިހުރި ހަދިޔާތަކާއެކު އަމްޖަދު ފެންނައިރަށް ޒޯޔާއަށް އެނގިއްޖެ އޭނާގެ ބައްޕަކަން. ދެން ވާނެވަރު ދަރިފުޅަށްވެސް އެނގެއެއްނު. ދަރިފުޅާ! މަންމަ އަށް މަޢާފުކުރޭ. މަންމައަށް ނުކެރޭނެ އަމްޖަދު އާދިމާއަށް ބުނަން ނުވަންނާށޭ.” ސަބީހާ ކަންބޮޑުވެފައިހުރެ ވާހަކަ ދެއްކިއެވެ. “އަހަންނަށް އެނގޭ މަންމާ. މަންމަ ކީއްކުރަން މަޢާފަށް އެދެންވީ.” ޒީނިޔާ އޭނާގެ މަންމަގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ. އެހެންނަމަވެސް އޭނާ ހުރީ ކަންބޮނޑުވެފައެވެ. ސަބީހާ ނުކުމެގެން ދިއުމުން ޒީނިޔާ ވަނީ ފާޚާނާއަށެވެ. އެއްޗިހި ބަދަލުކޮށްލައިގެންއައިސް ބޭރަށް ނުކުތުމުގެ ބަދަލުގައި އޭނާ މަޑުކޮށްލީ ކޮޓަރީގައެވެ. އެނދުގައި އިށީނދެގެން އިންއިރު ހިތްހީވަނީ އޭގެ މަޤާމުން ނުކުމެދާނެހެންނެވެ. އޭނާގެ ހިތް ނުތަނަވަސް ވާންވީ ކީއްވެހެއްޔެވެ. ޒީނިޔާގެ ހިތައް އަރަމުން ދިޔައެވެ. ކޮޓަރީގައި އިން ނަމަވެސް ހިތް ބޭނުންވީ އަމްޖަދު ދެކިލުމަށެވެ. ހިތްފުރެންދެން އޭނާއަށް ބަލާލުމަށެވެ. ކުޑަކުޑަ ޒޯޔާގެ ތުއްތު ހުނުމުގެ އަޑު ދޭތެރެއިން ޒީނިޔާގެ ކަންފަތާހަމައަށް ފޯރަމުން ދިޔައިރު އެއިން ކޮންމެ ވަގުތެއްގައި އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވެއެވެ. އެދެބަފައިން ޖަހަމުންދާ ސަކަރާތެއް ބަލާލުމަށް ހިތް އެދުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އިޚްތިޔާރަކާ ނުލައި އޭނާއަށް ހިނގައިގަނެވުނީ ސިޓިންރޫމަށް ހުންނަ ކޮޓަރީގެ ކުޑަދޮރާ ދިމާއަށެވެ. ފޮތިގަނޑާ ނިވާވެހުރެ މަޑުމަޑުން ފޮތިގަނޑުގެ އެއްފަރާތުން ކިރިޔާ ކިރިޔާ އެއްފަރާތްކޮށްލުމަށްފަހު އޭނާ ސިޓިން ރޫމަށް ބަލާލިއެވެ. ޒޯޔާ އަމްޖަދުގެ އުނގުތެރޭގައި އިނދެ ބްލޮކްސް ތަކެއް ރާވަމުން ދިޔައެވެ. އަމްޖަދުވެސް ދަރިފުޅުގެ މަސައްކަތުގައި ބައެއް ފަހަރު އެހީތެރިވަމުން ދިޔައެވެ. އެމަންޒަރުން ޒީނިޔާގެ ހިތައް ލިބިގެންދިޔައީ ބަޔާން ކުރަންވެސް ދަތި އުފަލެކެވެ.
ކުއްލިއަކަށް އަމްޖަދު ބަލާލީ ސީދާ ޒީނިޔާ ހުރި ދިމާއަށެވެ. ހީވީ ޒީނިޔާ އެތަނުގައި ބަލަންހުރިކަން އެނގިގެން އެދިމާއަށް ބަލާލިހެންނެވެ. ޒީނިޔާއަށް ތެޅިގެންފައި ފޮތިގަނޑުން ދޫކޮށްލެވުނުގޮތަށް ދެވުނު ނުދެވުނު ގޮތެއްނޭނގި އިނދެވުނީ އެނދުގައި އިށީދެގެގެންނެވެ. ވިއްސަކަށް މިނިޓް ފާއިތުވިފަހުން އަމްޖަދު ސިއްރުސިއްރުން ޒޯޔާ ގާތުގައި އެއްޗެއް ބުނެލިއެވެ. އެއާއެކު ޒޯޔާ ދުވެފައިގޮސް ޒީނިޔާގެ ކޮޓަރީގެ ދޮރުހުޅުވާލަމުން “މަންމީ…” އޭ ކިޔާ ގޮވާލިއެވެ. “މަންމީ ކޮއްކި މިހިރީ ނުކައި. މަންމި އަންނަންދެން.” ކުޑަކުޑަ ޒޯޔާ ދުވެލާފައި އައިސް އޭނާގެ މަންމަގެ އަތުތެރެއަށް ވަންނަމުން ބުނެލިއެވެ. “އެހެންތަ؟ މަންމި ބުނަމެއްނު ނުކައި ނުހުންނާށޭ. މަންމި ލަސްވީމަ ދަރިފުޅު ބަނޑުހައިވާނެއެއްނު؟” ލޯބިން ދަރިފުޅު ގަޔާލާ ބޮނޑިކޮށްލަމުން ޒީނިޔާ ބުނެލިއެވެ. “ޑެޑީ ބުނީ މަންމި އައިމަޔޯ ކާނީ. މިއަދު ކާނީ މަންމިއާއި ޑެޑީއާ ދެކުދިންގެ އަތުން.” ކުޑަކުޑަ ޒޯޔާ ފޮނިވެލަމުން ބުނެލި ޖުމްލައިން ޒީނިޔާގެ ޙަރަކާތްތައް ހުއްޓުނެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އޭނާއަށް އިނދެވުނެވެ. އެންމެ ފަހުން ޒޯޔާ އޭނާގެ އަތުގައި ހިފައި ދަމަން ފެށުމުން މަޖުބޫރުވެގެން އޭނާއަށް ޖެހުނީ ބޭރަށް ނުކުންނާށެވެ.
ބޭރަށް ނުކުތުމާއެކު އަމްޖަދުއާ ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަމްޖަދުގެ ތޫނު ދެލޮލުން ބުނަމުން އެތައް ވާހަކައެއް ބުނަމުން ދިޔަ ނަމަވެސް ޒީނިޔާއަށް އެވާހަކަތައް ތަރުޖަމާކުރުމަށް އުނދަގޫވިއެވެ. އޭނާ އިސްޖަހާލަމުން ކެއުމަށް ތައްޔާރުކުރުމަށް ކަމަށް ވަނީ ބަދިގެއަށެވެ. އެހެންނަމަވެސް ސަބީހާ ހުރީ މާކުރިން މޭޒުމަތި ތައްޔާރުކޮށްފައެވެ. މާކުރިން ސަބީހާއަށް އެކަން އެހެން ވާނެކަން އެނގޭފަދައެވެ. ޒޯޔާއަށް ކާން އަންނަން ގޮވަންވެސް ޒީނިޔާއަށް ވީ އުނދަގޫ ކަމަކަށެވެ. އަމްޖަދު އިނީމައެވެ. އެކަން ވިސްނިގެން ސަބީހާ ޒޯޔާއަށް ގޮވާލިއެވެ. “ޕްރިންސެސް އަވަހަށް އާދޭ ކާން.” ސަބީހާ ލޯބިން ޒޯޔާއަށް ކިޔަނީ ޕްރިންސަސް އެވެ. “މަންމާ.. ކޮއްކޮ އެކަންޏެއް ނޫނޭ. ޑެޑީއާ ދެކުދިންނޭ ކާނީ.” ކުޑަކުޑަ ޒޯޔާ މުސްކުޅި މާމައެއްހެން ބުނެލިއެވެ. “މަންމައަށް އެނގެޔޭ. ޑެޑީ ގޮވައިގެން އާދޭ އަވަހަށް ހެއެންވިއްޔާ.” ގޭގެ ހުރިހާ އެންމެންވެސް ސަބީހާއާއި ޖުނައިދު އަށް މަންމަ ބައްޕަ ކިޔާތީ ޒޯޔާވެސް ކިޔަނީ އެދެމީހުންނަށް މަންމަ ބައްޕަ އެވެ. އެއީ މާމައާއި ކާފަކަން މިހާރު އެނގުނު ނަމަވެސް އޭނާ އަދިވެސް ކިޔަން ބޭނުންވަނީ މަންމަ ބައްޕައެވެ.
ކެއުމުގެ ވަގުތު ދިޔައީ ވަރަށް ހަމަ ހިމޭންކޮށެވެ. ދޭތެރެއަކުން ޒޯޔާ ކުޑަކޮށް ވާހަކަ ދައްކާލިޔަސް ކާގަޑީގައި އެހާ ވާހަކަ ނުދައްކާނެޔޭ ޒީނިޔާ ބުނުމުން އޭނާވެސް ފަހުން އިނީ ބަސްއަހައިގެންނެވެ. ޒޯޔާ ހިތްހަމަ ޖައްސައިދިނުމަށްޓަކައި އަމްޖަދު އާއި ޒީނިޔާ ކެއުމުގައި ބައިވެރިވި ނަމަވެސް، އެދެމީހުންނަށްވެސް ވީ އެކަން ވަރަށް އުނދަގޫ ކަމަކަށެވެ. ދޭތެރެއަކުން ދެމީހުން ހަތަރުކަޅި ހަމަވިނަމަވެސް ކޮންމެ ފަހަރަކުވެސް އަވަސް އަވަހަށް ޒީނިޔާ އިސްޖަހާލައެވެ.
ކައިނިމުމާއެކު ޒޯޔާއާ އަމްޖަދު ގޮސް އަނެއްކާވެސް ސޯފާގައި މަޑުކޮށްލިއިރު ޒީނިޔާ މަޑުކުރީ ބަދިގެ ފަރާތުގައެވެ. ތަށިތައް ނެގުމަށްފަހު އޭނާވެސް ސިޓިންގރޫމުގައި މަޑުކޮށްލިއެވެ. އެހެންއިނދެ ފޯނާކުޅޭކަމަށް ހަދައިގެން އިނދެ އޭނާ ސިއްރު ސިއްރުން ޒޯޔާއާއި އަމްޖަދުގެ އެތައް ތަސްވީރެއް ނެގިއެވެ. އެތަސްވީރުތަކަށް ބަލަންއިންއިރު ޒީނިޔާގެ ހިތައް ބަޔާންކުރަން ނޭނގޭފަދަ ފިނިކަމެއް ހިތައް ލިބެމުންދިޔައެވެ.
ހިނިތުންވުމާއެކު ގެއަށްވަދެގެން އައި ޔާސިރުގެ މޫނުމަތީގައިހުރި އުފާވެރިކަން އުނދުހިގެންދިޔައީ ސޯފާގައި ޒޯޔާއާއެކު އިން އަމްޖަދު ފެނިފައެވެ. ޔާސިރު އައީ ޑިއުޓީ ނިންމާލާފައެވެ. ޒީނިޔާއަށް ބައްޕަގެ މޫނަށް ބަލާލެވުނެވެ. އެހިނދު އެމޫނުގައިވި ރުޅިވެރިކަން ޒީނިޔާއަށް ނަގައިގަނެވުނެވެ. ޒީނިޔާ އެތާއިނުން އަދި މާބޮޑަށް ޔާސިރު ހިތްހަމަނުޖެހޭނެކަން ޒީނިޔާއަށް ވިސްނުނެވެ. އެއާއެކު ކުށްވެރިޔަކު ފަދައިން އިސްޖަހާލެވުނެވެ. އެދެބަފައިން ގެ މޫނުމަތީގެ ކުލަވަރުތަކުން އަމްޖަދުއަށް ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލް ލިބިގެންދިޔައެވެ. އެއާއެކު އޭނާ ޒީނިޔާގެ މޫނަށް ބަލާލިއެވެ. އެމޫނުމަތީގައިވީ ހާސްކަމާއި ކަންބޮޑުވުމެވެ. އަމްޖަދުއަށް އެއްޗެއް ވިސްނިގެންކަންނޭނގެއެވެ. ޒޯޔާގެ ކަންފަތްދޮށުގައި ސިއްރެއް ބުނެލުމުން ޖަވާބުގައި ޒޯޔާ ބޯޖަހާލާފައި އޭނާގެ ބައްޕަގެ ގައިގައި ބައްދާލިއެވެ. އަދި އަމްޖަދު ތެދުވެގެން ދާން ހިނގައިގަތުމުން “އަވަހަށް އަންނައްޗޭ” އޭވެސް ބުނެލިއެވެ.
ވިއްސަކަށް މިނިޓްފަހުން ޔާސިރު ސިޓިންގ ރޫމަށް ނުކުތީ ހަވީރު ސައިބުއިމަށެވެ. އަމްޖަދު ފެންނަން ނެތުމުން ކުޑަކޮށް ހައިރާންވިއެވެ. މޭޒުކައިރީގައި އިށީންނަމުން އޭނާ ޒީނިޔާއަށް ގޮވާލިއެވެ. ޒީނިޔާއާ ވާހަކަ ދައްކަން ބޭނުންވިނަމަވެސް ޒޯޔާއަށް އަޑުއިވޭ ހިސާބުގައި އެކަން ކުރަން ބޭނުންނުވާތީއެވެ. ކިޔަމަންތެރިކަމާއެކު ޒީނިޔާ މޭޒުކައިރިން ގޮނޑިއެއް ދުރުކޮށްލަމުން އިށީދެލީ ޔާސިރު އިށީގެއިން ފަޅީގައެވެ. ބައްޕަގެ ކުރިމަތީގައި އިށީންނަން ޖެހިލުންވާތީއެވެ. އަދި ޔާސިރު ދައްކަން އެއުޅެނީ ކޮންވާހަކައެއްކަންވެސް ޒީނިޔާއަށް ވިސްނޭތީއެވެ. “ބައްޕަ އެހާ ހިތްހަމަޖެހޭ މަންޒަރެއް ނޫން މިފެނުނީ” ފުރަތަމަވެސް ޔާސިރުބުނެލިއެވެ. ޒީނިޔާ އިނީ ޔާސިރުއާ ދިމާއަށް ބަލަންވެސް ނުކެރިފައެވެ. “އެންމެ ހިތްހަމަ ނުޖެހުނީ ދަރިފުޅު އެތާ އިނނީމަ. ބައްޕަ އެއްގޮތަކަށްވެސް ޤަބޫލެއް ނޫން ދެން އަމްޖަދުގެ ފަރާތުން ދަރިފުޅަށް ދެރައެއް ލިބޭކަށް.” ޒީނިޔާގެ މޫނުމަތި ދިރާސާކުރަމުން ޔާސިރު ވާހަކަދެއްކިއެވެ. އޭނާ ވާހަކަދެއްކީ ވަރަށްވެސް މަޑުންނެވެ. ތަށިތައް ކައިރިކޮށްލަދެމުން ސަބީހާވެސް މޭޒުދޮށުގައި އިށީދެލިއެވެ. މަންމަ މިހާރު ބައްޕައަށް ވީގޮތް ކިޔައިދީފިކަން ޒީނިޔާއަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް ބައްޕަ އޭނާ ކުށްވެރިކުރީތީ ޒީނިޔާ ދެރަވިއެވެ. ޒީނިޔާގެ ހަމަހިމޭންކަން ވަރަށްގިނަ ވާހަކަތައް ޔާސިރުގެ ދެމަފިރިންނަށް ވިސްނައިގަނެވުނެވެ. އެހެން ނަމަވެސް ޔާސިރުހުރީ ހަތިޔާރު ބަހައްޓާފަދަ ގޮތަކަށް ނޫންކަން އޭނާގެ ވާހަކަތަކުން ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެއެވެ. “ބައްޕަ އުއްމީދުކުރަން ދަރިފުޅަށް ވިސްނޭނެކަމަށް ބައްޕަ ހިތްހަމަޖެހޭ ގޮތް. އެއްފުޅައްމަތިން ފުއްމާލި ބަކަރި ހާސްފުޅައްމަތިންވެސް ފުއްމާލާނެ.” ޔާސިރު އޭނާގެ ފަހުގެ ނިންމުން އިއްވިފަދައެވެ. މަޑުމަޑުން ބޯޖަހާލަމުން ޒީނިޔާ ތެދުވެގެން ދިޔައީ ކޮޓަރިއާ ދިމާއަށެވެ.
އާދުވަހަކަށް އިރުއެރިއިރު ފުރަތަމަ ލޯހުޅުވާލުމާއެކުވެސް ޒޯޔާގެ ޝަކުވާތައް ފެށުނެވެ. ހަވީރު އަމްޖަދު ދިޔަފަހުން ގެއަށް ނާންނާތީ ރޭގަ އޭނާއަށް ނިދުނީވެސް އެކަމާ ކުސްތަޅައި ބޮޑާހާކާފައެވެ. އެތައް މަސައްކަތަކުންވެސް ޒީނިޔާއަށް އޭނާ ނިންދެވުމުގައި ކާމިޔާބު ނުކުރެވުމުން ޔާސިރުގެ ދެމަފިރިން އޭނާ އެކޮޓަރިއަށް ގެންދިޔައެވެ. އެވަރުންވެސް ނިދިގެން ވެއްޓެންދެން އޭނާގެ ޝަކުވާތަކަށް ނިމުމެއް ނައެވެ. ޔާސިރުއަށް އޭނާގެ ވިސްނުމާމެދު ފުންކޮށް ވިސްނަން މަޖުބޫރުވީ ޒޯޔާގެ މި ޢަމަލުތަކާ ގުޅިގެންނެވެ. އެއާއެކު ސަބީހާވެސް ޔާސިރަށް ވިސްނައިދެވޭތޯ އެތައް ވާހަކައެއް ދެއްކިއެވެ. ސަބީހާގެ ވިސްނުންހުރީ މީހަކަށް އެއްފަހަރު ނޭނގިގެންވެސް ކުށެއް ކުރެވިދާނެކަމާއި އޭނާއަށް މަޢާފްދީ އެއްފުރުޞަތު ނަމަވެސް ދޭންވާނެކަމަށެވެ. އަންހެން ދަރިއެއްގެ ހިތުގެ އަޑު އެންމެ ރަނގަޅަށް އެނގޭނެ އެކަކީ މަންމަ ކަމުގައިވާތީ، ޒީނިޔާގެ ހިތުގައި އަދިވެސް އަމްޖަދު ނޫން މީހަކު ނުވާކަން ސަބީހާއަށް ހަމަ ރަނގަޅަށް އެނގެއެވެ. ޒީނިޔާ ކިތަންމެ ވަރަކަށް ފޮރުވައިގެން އުޅުނުކަމުގައިވިޔަސް އެކަން ސަބީހާއަށް ސިއްރުވެފައެއް ނުވެއެވެ.
އާދައިގެމަތިން ސްކޫލަށްދާން ޒީނިޔާ ނުކުތީ ގަޑިޖެހެން 5 މިނިޓަށް ވީމައެވެ. ގޭގެ ދޮރާށިން ބޭރަށް ނުކުތުމާއެކު އޭނާ ދެކޮޅު ހޯދާ ބަލާލީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ދެލޯ ހޯދަމުންދިޔައީ ހަމަ އެންމެ ފަރާތެކެވެ. އުއްމީދުކުރިފަދައިން އަމްޖަދު ފެންނަން ނެތުމުން މާޔޫސްކަމާއެކު ޒީނިޔާ ހިނގައިގަތީ ކަންނެތްކަމާއެކުގައެވެ. ރޭ ހަތަރުދަމު ނުނިދިފައި އޮންނަންޖެހުމުން ހަށިގަނޑުގައި ވަރުދެރަކަމެއް އިޙްސާސްކުރެވެމުން ދިޔައެވެ. އޭނާގެ ދެލޯ ހުރީ ހިސާބަކަށް ދުޅަވެސް ވެފައެވެ. އެގެއާ ތަންކޮޅެއް ދުރުގައިހުރި އަމްޖަދުއަށް ޒީނިޔާ އަންނަތަން ފެނުމުން އޭނާއާ ދިމާއަށް ހިނގައިގަތެވެ. ޒީނިޔާއަށް އަމްޖަދު ފެނުނީ ދާދިކައިރިއަށް އަމްޖަދުއަށް އާދެވުނު ފަހުންނެވެ.
8 Comments!
Comments are closed.
!ހަމަ ވަރަށް ވެސް ރީތި
Ohh wow 🙂 this prt is also awesome 😀
Khon erakun aneh part vvvvv reethi vaahaka
Insha allah sat ga next part upkuraanan Thanks all.
NICE
Wow vvvv reethi waiting for the next part
alheyyy vrhhh reethiiiii….
wen nxt prt??????? cnt waitttttt
plxxxxxx vrh avahah nxt prt vx up kohdhehchey……
insha allah sat dy nght ga. Thanks all.