
ޝެރިން (30 ވަނަ ބައި)
ބައްޕަ ދަރިފުޅުގެ މަރުގެ ބަދަލު ހިފާނަން… އަހަރެން މި ޖަރނަލް ގައި މިލިޔަނީ އަހަރެންގެ ހަޔާތުގެ ވޮއް ކަމަށްވާ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ލޯބިވި، ދަރިފުޅު މައިކަލްގެ ހަނދާނުގަ. މި ޖަރނަލް ލިޔުމަށް އަހަންނަށް މަޖުބޫރުވީ ދުވަހަކު ހަނދާން ނުނެތޭނެ ކަންތައްގަނޑެއް އަހަރެންގެ ދިރިއުޅުމަށް ކުރިމަތި ވުމުން… އެދުވަސް އަހަރެންގެ ހަނދާނަކުން ނުފުހެވޭނެ. އެދުވަސް ވަނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފަ…
ބައްޕައަށް މާފް ކުރޭ.=
ޝެރިން ދެން ނަޒަރު ހިންގާލީ އެބާބުގެ އެންމެ ތިރީ ކަނުގައި ލިޔެލާފައިވާ ތާރީޚަށެވެ. އޭގައިވަނީ 23 ޖުލައި 1980 އެވެ. މިއީ 2010 ވަނަ އަހަރުކަމުން ޝެރިން ހިތު ހިސާބެއް ހަދާލި އެވެ. މީގެ ތިރީހަކަށް އަހަރު ކުރި އެވެ. ކޮންމެއަކަސް ވަރަށް ކުރީގެ ކަމެކެވެ. ރޮބިންގެ ދަރިފުޅުގެ ވާހަކަ އައިސްފައި އޮތުމުން ޝެރިން ވަރަށް ކިޔާ ހިތްވި އެވެ. އަނެއްކާ މިއީ ކޮން ކަމެއް ހެއްޔެވެ؟ ރޮބިން އެއީ ކުޑަކުދިން ދެކެ އެހާ ރުޅި އަންނަ މީހަކަށް ވާއިރު، އޭނާގެ ދަރިފުޅުގެ ހަނދާނުގައި ފޮތެއް އެލިޔަނީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ޖަވާބު ބޭނުން އެތަކެއް ސުވާލެއް ޝެރިންގެ ބޮލުތެރޭ އެނބުރިގަތެވެ.
ޖެހިގެން އޮތް ބާބަށް ޝެރިން ނަޒަރު ހިންގާލި އެވެ. އޭގައި ވަނީ ބޮޑު ޕެރެގްރާފެކެވެ. މިފަދައިންނެވެ:
“އެހުވަހަކީ އަހަރެންގެ ޙަޔާތް އެއްކޮށް ބަދަލުވި ދުވަހެވެ. އަހަރެންގެ މިޒާޖާއި، އެހެން މީހުންނާއި މެދު އަހަރެން ދެކޭ ދެކުން އެއްކޮށް ބަދަލުވި ދުވަހެވެ. އެއީ މީގެ ތިން ހަފްތާ ކުރި އެވެ.
ނުވަ އަހަރުގެ މައިކަލް އާއި އަހަރެން ގޮސް ތިބީ ޕާކެއްގެ ފެން ގަނޑެއް ކައިރީގައި ހުރި ބެންޗެއް ގައެވެ. ހަވީރުގެ ވަގުތު ކަމުން، ގިނަ އަދަދެއްގެ ކުޑަކުދިންވެސް އެޕާކަށް އައިސް އުޅެ އެވެ. ވަށައިގެންވަނީ ޤުދުރަތުގެ ލާމަސީލު މިސާލެކެވެ. ފެހިކަން ގަދަ ގަސްތަކުން ޕާކުގެ ބޮޑުބައި ވަނީ ހިޔާ ވެފަ އެވެ. ބިންމަތީ ހުރި ވިނަތަކުން ހައިކަން ފިލުވަމުން ދިޔަ މުސަޅުތަކާއި ކޮތަރުތައް ފައްސަމުން ބައެއް ކުދިން ދިޔައިރު، އަނެއްބައި ކުދިން އެސޮރުމެންނަށް ކާންދެމުން ގެންދެ އެވެ. އަހަރެމެން ގެނައި ޕާން ކޮތަޅުން ޕާން ކުދިކޮށް ކުރިމަތީ އޮތް ފެންގަނޑުގައި ފަތަމުން ގެންދިޔަ ބޮޑެތި އަސްދޫނިތަކަށް އުކަމުން ގެންދިޔައީމެވެ. ބައެއް އާއިލާތައް ގަސްގަހުގެ ހިޔަލުގައި ކުނާ އަޅައިގެން ޕިކުނިކު ހަދައިގެން ތިއްބެވެ.
މައިކަލް ދެފަހަރަކަށް ޕާކުގައި ކުޅެން އުޅުނު ކުދިންނާއިއެކު ދުވެލާފައި އައިސް އަހަރެންގާތު ގެއަށް ދާންވީ ކަމަށް ބުނުމުން އަހަރެން ތަންކޮޅެއް ހައިރާންވި އެވެ. ސަބަބަކީ އެހެން ދުވަސްދުވަހު ޕާކުން ގެއަށް މައިކަލް ގެންނަން ޖެހެނީ އެތަށް މަސައްކަތަކުން ކަމަށްވާތީ އެވެ. ނަމަވެސް މައިކަލްއާއި ދެކޮޅު ވުމުގެ ގޮތުން އެކައްޗެކޭވެސް އަހަރެން ނުބުނަމެވެ. މައިކަލްގެ މަންމަ ނިޔާވި ދުވަހުން ފެށިގެން އަހަރެން މައިކަލް ގެންގުޅެމުން އައީ ވީހާވެސް ބޮޑަށް އޭނާއަށް އުފާވެރިކަން ލިބޭ ގޮތަށެވެ. ދުވަހަކުވެސް އަހަންނެއް އޭނާއަކަށް ދެރައެއް ދީފައެއް ނޯންނާނެ އެވެ. އަދި ނުވެސް ދޭނަމެވެ.
އެދުވަހު ގެއަށް އައިއިރު މައިކަލް ހުރީ ވަރަށް ދެރަވެފަ އެވެ. ވީކީއްތޯ ސުވާލު ކުރުމުންވެސް ޖަވާބެއް ނުދިނެވެ. ވަގުތުން އަހަރެން ހާސްވި އެވެ. ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ގަޔާއި ކައިރި ކޮށްލަމުން އަނެއްކާވެސް އަހަންނަށް ސުވާލު ކުރެވުނެވެ. އެވަގުތު މައިކަލް ރޯން ފެށުމުން އަހަންނަށް ބުނެދޭން ނޭނގޭ އިޙުޞާޞެއް ކުރެވުނެވެ. އަހަރެންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އެހެނަސް އެވަރުންވެސް މައިކަލް، އޭނާ ރޯ ސަބަބެއް ނުބުންޏެވެ. އަހަރެން ސުވާލު ކުރާ ކޮންމެ ފަހަރަކު އޭނާގެ ރުއިން ގަދަ ވާތީ އަހަންނަކަށް އިތުރަކަށް ސުވާލު ކުރާކަށް ނުކެރުނެވެ.
އެރޭ މައިކަލް ނިންދެވުމަށްފަހު އަހަރެން އޭނާ ކުޅެން ގެންގުޅޭ ސާމާނުތައް ނަގަމުން ދަނިކޮށް އޭނާ ކުރަހާފައިވާ ކުރެހުމެއް ފެނުނެވެ. އޭގައި ކުރަހާފައިވަނީ ދަނޑި ކުދިން ތަކެކެވެ. އެއްފަރާތެއްގައި ފަސްކުދިން ކުރަހާފައިވާއިރު އަނެއް ފަރާތުގައި ދެރަވެފައި އެކަނި މާއެކަނި ހުރި ކުއްޖެއް ކުރަހާފައި ވެއެވެ. އެކުއްޖާ އަށް ތީރަކުން ގުޅުވާފައި އިނގިރޭސި ދެއަކުރު އިނެވެ. އެމް އީ އެވެ. “އަހަރެން” އެވެ. ހީވަނީ އެކުވެރިންގެ ތެރޭގައި ބާކީވެފައި ހުރި ކުއްޖެއް ހެންނެވެ. ދެން އަނެއް ފަސް ކުދިންނާއި ގުޅުވާފައި ލިޔެފައި ވަނީ “ބުލީސް” އެވެ. ވީގޮތް އަހަންނަށް އެނގުނީ ދެނެވެ. މިހާރަކަށް އައިސް މައިކަލް އެހާ މަޑުމަޑުން އެހުންނަނީ އެހެންވެތާ އެވެ. ހަމަ އެހެންމެ އެކުދިންދެކެ ރުޅި އާދެވުނެވެ. މައިކަލް ކުޑަކޮށް ހުންނާތީ އެހެން ކުދިން އޭނާ ތަފާތު ކުރަނީ އެވެ.
ޖެހިގެން އައި ދުވަހު ޕާކަށް ގޮސް އުޅެނިކޮށް މައިކަލްގެ ބޮލުގައި ކުއްޖަކު ވަރަށް ބާރަށް ގާގަނޑަކުން ޖެހި އެވެ. އެވަގުތު އަހަންނަށް ވީގޮތެއްވެސް ނޭނގުނެވެ. މައިކަލްގެ ބޮލުން ހޯސްލާފައި ލޭތައް ފައިބަމުން ދިޔަ ވަގުތު، އަހަންނަށް ނިކަން ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. މައިކަލްގެ ބޮލުގެ ވާތްފަޅި އޮތީ ނުހަނު ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އެވަރަށް ފަޅައިގެން ގޮސްފައި ވާނަމަ، ހަމަ ޔަޤީނުންވެސް ނާށިގަނޑަށް ނުރައްކާތެރި ގެއްލުމެއް ލިބިފައި ވާނެ އެވެ. އެވަގުތު އެތަނަށް ޕާކުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ޖަމާވި އެވެ. އޭރު މައިކަލް އަށް ހަމަލާ ދިން ފަސް ވަރަކަށް ކުދިން އެތަނުން ދުވެ ފިލާ ތަން އަހަރެންގެ ދެލޮލުން އަހަރެން ދުށީމެވެ. އެކުދިން ހުއްޓުވާށޭ ގޮވުމުން، ދެތިން މީހަކު އެކުދިންގެ ފަހަތުން ދިޔަތަން ފެނުނެވެ. އޭރު މައިކަލް އޮތީ އަހަރެންގެ އަތްދަނޑި މަތީގަ އެވެ. އޭނާ އޮތީ ޚަބަރު ހުސްވެފަ އެވެ. އެނިކަމެތި މަޢުޞޫމް މޫނު ވަނީ މިލާ ހުދުވެފަ އެވެ. މޯޅިވެފައިވާ ފިނިފެންމަލެއް ފަދައިންނެވެ.
ލަސް ނުކޮށް އަހަރެން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް އައީމެވެ. އެތަނުގައި ގާތްގަނޑަކަށް ފަސްގަޑިއިރު އަހަރެން މަޑުކުރީމެވެ. ހާސްވެ، އެހެނަސް ކެތްތެރި ކަމާއިއެކުގަ އެވެ. ދެން އައީ ހުދު ޔުނީފޯމުގައި ހުރި ނަރުސް ކުއްޖެކެވެ. އޭނާގެ ދުލުން އެވަގުތު ބޭރުވި ބަސްތަކަކީ އަހަރެންގެ ހަޔާތަށް ހޮނު ފަދައިން އެޅުނު ބަސްތަކެކެވެ. އަހަރެންގެ ދެލޮލުގެ ނޫރު ފަދަ ދަރިފުޅު އަލްވަދާޢުކީ އެވެ. އެއީ އަހަރެންގެ ޙަޔާތުގައި ހޭދަ ކުރެވުނު އުފާވެރި ދުވަސްތަކުގެ ނިމުމެވެ. ފޮނިފޮނި އަވާމެންދުރެއްގެ ނިމުމެވެ. ބަހާރު މޫސުން ނިމި، ހަރީފު މޫސުން ލައިގަތީ އެވެ. މިދުވަސް ދެންމެ ވީކަމެއްހެން އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ.
އެދުވަހަށްފަހު ދެހަފްތާ ވަންދެން އަހަރެން އެއްވެސް މީހަކާއެއް ވާހަކައެއް ނުދައްކަމެވެ. ގޭގައި އަހަރެންގެ ކޮޓަރީގައި އެކަނިމާ އެކަނި އޮތީ މިވީކަންތަކަކީ ނުބައި ހުވަފެނެއް ކަމުގައި ހީކޮށް، ޙަޤީޤަތް ޤަބޫލު ނުކުރާން ވެގެންނެވެ. ނަމަވެސް ދެހަފްތާ ފަހުން އަހަރެން ނުހަނު ބަދަލު ވެއްޖެ އެވެ. އަހަރެންގެ މިޒާޖާއި އުޅުމަށެވެ. ބަދަލު ހިފުމުގެ ނުރައްކާތެރި ރޫޙު އަހަރެންގެ ހިތާއި ސިކުނޑި ހިޞާރު ކޮށްފި އެވެ. އަހަރެންގެ ސިކުނޑި އަހަރެންގެ އަމިއްލަ ބާރުން ދޫވި އެވެ. ދެހަފްތާ ފަސްކޮށްފައި އަހަރެން ބޭރަށް ނިކުތީމެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅުގެ މުޅި ދިރިއުޅުން ނިންމާލި އެނުބައި ތެޔޮޅުވާ ކުދިންނަށް އަހަރެންގެ ހިތް ނުބައިވި ވަރު އެނގޭނީ ހަމަ އަހަންނަށެވެ.
އޭގެފަހުން އަހަރެން މަސްތުވާ ތަކެތީގެ ޝިކާރައަކަށްވި އެވެ. އުޅުމާއި އަޚުލާޤު އެއްކޮށްހެން ބަދަލުވެގެންދިޔަ އެވެ. ލޮނު ފެނަށް ގިރިގެންދާ މިސާލުން ކުރިން އަހަރެންގެ ގައިގައި ހުރި މަޑުމައިތިރިކަމުގެ ސިފަ، އެއްކޮށް ފުހެވިއްޖެ އެވެ. ކައިރި ހިސާބުތަކުން ވިޔާނުދާ މީހުން އެއްކޮށް ބޮޑު ގުރޫޕެއް ހެދީމެވެ. މަގުމަތިން ފެންނަހައި ކުޑަކުއްޖަކަށް އަނިޔާ ކުރަން ފެށީމެވެ. އަހަންނަކަށް އަހަރެންގެ ދަރިފުޅުގެ ގާތިލުން އަދިވެސް ނޭނގެ އެވެ. ނަމަވެސް އަހަރެން އައިސްފައި ހުރި ރުޅިއާއި، އެކުދިންނަށް ކުރެވުނު ނަފްރަތުން އަހަރެންގެ ހިތް މުޅީންހެން ކަޅުވެ، ހަރު ހިލަގަނޑަކަށް ވެއްޖެ އެވެ. އެކަމަކު އަހަންނަށް ހެވެވެ… އަހަރެން ބޭނުންވަނީ ބަދަލު ހިފާށެވެ…”
ޝެރިން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ރޮބިންގެ ބާރު ހަޅޭކުގެ އަޑަށެވެ. އޭނާ ހީކުރީ ރޮބިންގެ ފޮތް ނެތްކަން އެނގުނީ ކަމަށެވެ. އެހެން ވެއްޖެ ނަމަ…
ނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އެތަނަށް އައީ އަލާރިކާއި، ފްރާންޒެވެ.
“އަލާރިކް!” ހީވީ ސިންގާއެއްގެ ގަދަ ފަދަ އަޑު ހެންނެވެ. ރޮބިން ހުރީ ރުޅިއައިސްގެން ގޮސް ފަޅައިގެންދާވަރު ވެފަ އެވެ. “އެމީހުން ދެވަނަ ފަހަރަށް ފިލައިގެން ދިޔަދީގެން ނުވާނެ. އަދި ހަމައެފަދައިން ފިލައިގެން އުޅޭ ދެކުދިންވެސް ހޯދާތި ހަމަ މިހާރު!”
“ސަރ… އަޅުގަނޑު މިދަންނަވަނީ-”
“މިހާރު ކޮން މައްސަލައެއް ދިމާވީ؟؟” ރޮބިންގެ އަޑު މުޅި ކޮޓަރީގައި އަނެއްކާވެސް ގުގުމާލި އެވެ.
“އަތުލައިގަނެވުނީ ފަސް މީހުން… އަންހެން ކުއްޖާއެއް އަތުލައެއް ނުގަނެވުނު…”
“ކީކޭ؟؟” ރޮބިން އެހި އެވެ. “އެއީ ކުރިންވެސް ފިލާ އުޅުނު ކުއްޖާއެއްނު. އެލްބިނޯ ކުއްޖާ ދޯ.”
“އާދެ! އެކުއްޖާ… އެމީހުންގެ ތެރެއަކު އެކުއްޖާއެއް ނެތް…” އަލާރިކް ޖަވާބުދާރީ ވިއެވެ.
“ދެން މަކައިރީތަ ތިވާހަކައެއް ތިބުނަނީ؟؟ ތިމީހުންނަށް މަސައްކަތް ހަވާލު ކޮށްފަ ހުންނަނީ ސަބަބެއް އޮވެގެންދޯ!” ރޮބިން ހަޅޭއްލަވައިގަތެވެ. އޭނާ ވަނީ ނުހަނު ހާސްވެފަ އެވެ. އެހާސްކަން ދިޔައީ އޭނާގެ އަނދައަނދާ ހުރި ހިތަށް ސާފުތެޔޮ އަޅަމުންނެވެ. އެހެންކަމުން ނުރައްކާތެރި ހިސާބަކަށް އޭނާގެ ރުޅި ހިނގައްޖެ އެވެ.
………………………………
“ބައްޕާ… ކިހިނެތްވީ އަޅުގަނޑަށް މިކަހަލަ ވަގުތެއްގަ ތިގުޅުއްވީ؟” ގަރޑަން ވޭލީގެ ޓެރަސް މަތީ ހުރި މޭޒެއް ދޮށުގައި އިށީންނަމުން، ކައިލް އެހި އެވެ. އޭރު ސުޖާޢު އިންނެވީ އޭނާގެ ލެޕްޓޮޕުން ކޮންމެވެސް ކަމެއް ކުރައްވާށެވެ. އޭނާގެ މޫނު އެހެން ދުވަސް ދުވަހަށްވުރެން އަލިކަމަށް ދައްކަ އެވެ. ރޭގަނޑުގެ ފިނިފިނި ވައިރޯޅިތައް ހުޅުވިފައިވާ ބެލްކަނީގެ ދޮރުން ވަދެގެން އާދެ އެވެ. އުޑުމަތީގައި އުކާލެވިފައިވާ ޖަވާހިރު ތަކެއްހެން ތަރިތައް ވިދާ ބަބުޅަމުން ގެންދެ އެވެ.
“މިކްޔާލްގެ މެސެޖެއް ބައްޕައަށް ލިބިއްޖެ…” ސުޖާޢުގެ މިޖުމުލައިން ކައިލްގެ ހިތް އުފަލުން ފުރުނެވެ.
“އެހެންތަ؟ ކޮން އިރަކު؟ ކީކޭ ބުނެފަ އިނީ؟” ކައިލް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލީ، އޭނާގެ ބޭބެގެ ޙާލެއް ނޭނގޭތާ ފަސް އަހަރު ވެއަތު ވުމުންނެވެ.
“މިދިޔަ ހަފްތާ… ހޮޓް މެއިލުން. ބައްޕަ މެއިލް ޗެކް ނުކުރާތާ ދެތިން މަސް ވެދާނެ… މިހާރު ޖީ.މެއިލް ބޭނުން ކުރަން ފެށިފަހުން ހޮޓް މެއިލަކަށް ނުވަދެވޭ…” ސުޖާޢު ކިޔާދިނެވެ. ކައިލް ސުޖާޢު އިން ފަރާތަށް ޖެހިލީ ލެޕްޓޮޕް ސްކްރީނުން ފެންނަ އެއްޗެއް ކިޔާލުމުގެ ނިޔަތުގަ އެވެ. މެއިލްގައި އިނގިރޭސިން ލިޔެފައިވަނީ މިހެންނެވެ؛
‘ލޯބިވާ ބައްޕައަށް،
ހެޔޮދުޢާ އާއި ސަލާމް… ބައްޕަމެންގެ ޙާލު ކިހިނެތް ހެއްޔެވެ؟ ކައިލަށާއި، ނީމަށާއި، ދާނިޔާއަށާއި، މަންމައަށް ސަލާމް ބުނެދެއްޗެވެ. މިކޮޅުގައި ވަރަށް ކަންތައް އެބަ ހިންގާލަ އެވެ. ބައްޕަ ހާސް ނުވާށެވެ. ޝެރިން ކޮއްކޮ މިހާރު ހުރީ އަޅުގަނޑުމެން ގާތުގަ އެވެ. މިފަހަރު މިވަނީ ސަތޭކަ ޕަސަންޓްގެ ގެރެންޓީ އަކާއިއެކު ޕްލޭނެއް ހަދާފަ އެވެ. މިޕްލޭން ނިމިގެންދާނީ ދެގޮތަކަށެވެ. އެއްގޮތަކީ އަހަރެމެން އެއްކޮށް މިތަނުގައި އުމުރަށް ބަންދުވުމެވެ. ނޫނީ ދެވަނަ ގޮތަކީ، ބޭއިންސާފުން ކަންތައް ކުރަމުން އައި އެތަކެއް ކުދިންނަށް އިންސާފު ލިބި، އައިރިސް ކޮންޕެނީގެ އެންމެން ހައްޔަރުކޮށް، އަދި ޝެރިން ކޮއްކޮއާއި، ޔައިން އަދި އަޅުގަނޑުވެސް މިނިވަން ކަމާއިއެކު ބައްޕަމެން ގާތަށް މާލެ އާދެވުމެވެ…
މިކަމުގައި ބައްޕައާއި ކައިލްގެ އެއްބާރުލުން ވަރަށް ބޭނުމެވެ…’
ދެން އޮތް ޕެރެގްރާފް ތަކުގައި ވަނީ މިކްޔާލްމެންގެ ޕްލޭން ތައްޔާރު ކޮށްފައިވާ ގޮތެވެ. އޭތި ކިޔަމުން ގެންދިޔަ އިރު، ކައިލްގެ އިތުރުން ސުޖާޢުގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުން ވުމެކެވެ. މަޖުބޫރީ ހިނިތުން ވުމެއް ކަމެއް، ކާމިޔާބުގެ ހިނިތުން ވުމެއް ކަމެއް، ނުވަތަ ހިތި ހިނިތުން ވުމެއް ކަމެއް ނޭނގެ އެވެ.
………………………………………….
ކޮޓަރިތެރެ ހިމޭން ވެއްޖެ އެވެ. އަޑެއް ބަޑެއް ނީވުނު ތާންގައި، މީހެއްގެ ހިލަމެއްވެސް ނުވެ އެވެ. ޝެރިން އިންތިރާޒު ކުރަމުން އައީ މިދަނޑިވަޅަށް ކަންނޭނގެ އެވެ. މަޑުމަޑުން އަލަމާރި ތެރެއިން ނިކުމެއްޖެ އެވެ. އޭރު ޝެރިން ހުރީ ދަލުން ފެންވެރިފަ އެވެ. އަލަމާރި ތެރޭގައިވި އުދާސް ގަނޑުގެ ސަބަބުން އޭނާގެ ހެދުންވެސް ވަނީ ގައިގައި ތަތްލަވާފަ އެވެ. އޭނާ އެފޮތް މަތިމަތިން ބަލާލައިފި އެވެ. ދެން އޮތީ ރޮބިންއަށް އެނގުމުގެ ކުރިން އެފޮތް ކުރިން އޮތް މޭޒުމަތީގައި ބޭއްވުމެވެ.
ޝެރިން މަޑުމަޑުން ހުރެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި އެވެ. ރޮބިން މިވަގުތު ކޮޓަރީގައި ނެތުމުން ޝެރިނަށް ވަނީ އެތަން ހިތަކަށް ލިބިފަ އެވެ. ލުއިލުއިކޮށް ދުވެލާފައި ގޮސް އެފޮތް މޭޒުމަތީ ބާއްވާލި އެވެ. އޭރު އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހެ އެވެ. އައިކޮޅަށް އެނބުރިލި ތަނާ ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވިއްޖެ އެވެ.
17 Comments!
Comments are closed.
varah reethi mibaivex… n suspense bai boduveema adi maa reethi! eagerly waitin fo the next part… plx plx plx…. avaha nxt part up kodey thi faxoo… i luv this stry a lot…..
hehe ^^ oh my. thanks a lot Mice! 😀 dhen oi bai vx up kuraanan mianna hafthaa thereyga InShaAllah 😉
aslu vx? 😮 😀 dhen oi baiga vaane kanthah huriha readers ah vx uncertain tha? ?
n thankolhe kuru mibai nxt prt dhigu koladeathi….
yup okay Mice ^w^ i will try my best! 😉
Wowwwwww ♥♥♥♥♥♥ vrh vrh vrh vrh reethi….dhn kihineh baa vaany…. 😉 😉 when is the next part?????? 😀 😀 😀
awwwn thanks so much Maalu ? next part up kuraanan varah avahah InShaAllah! 😉
oh my… dhn kihinehbaa vaany?? anehkaa sherin fenunybaa? omg vrh kiyaa hiyyvehje nxt prt heheh.. gud lck faxu. waitin fr the nxt prt curiously 😉
heheh Ryyn, dhww.. anekka fenijjeyya kihineh hadhaany vx. 😮 heheh keep waiting 😉 and thanks for the cutest comment!! 😀
?
Oh my goodness 😛 😛 sherin fenuneetha 🙂 I love the suspense in the story 😀 😀 best of luck when is the next part 😉 😉
aww thanks Kai 😀 ! maybe sherin fenuny dhw ? heheh!
next part vx up koddheynan varah avahah inShaAllah ^v^
thanks for waiting!!
Fazoo den ememm kiyaa hisaabah diya irah nimaalee dhw.anyway v v nice k p
oh thanks Faathun! dhen eheheh nu vaany dhw.. 😉 vaahaka ekkoh nugenesdheveyne ehnu dhw 😉 😉 hehe part by part genaima kiyan vx faseyha vaane (maybe) ;P next part vx varah avahah up koddheynan InShaAllah <3 thanks
Nice mi part ves.dhen faxoo kon irakun next part up kuranee
next part up kureveyne dhuvaheh adhi neynge, Nish… but InShaAllah varah avahah up koddheynan 😉 😉 😉
thanks for commenting Nish 😀 😀
nice…. waiting 4 next part…best of luck :p
😛 😛 😛
thaaaaaanks alooo!! 😀 mihaaru innaane up kollaafa, thanks for the lovely comment 😉