Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

12 – މަލަކާ

ishko Level 110 Stories
June 30, 2025 5 Mins Read
0 Comments

ބާރަ ވަނަ ބައި

ރޭގަނޑުގެ އަނދިރިކަން ދުނިޔެ ރަސްކަން ކުރަމުން ދިޔައެވެ. އެހެންނަމަވެސް މިއަދު މަލަކާ އަށް ފެންނަނީ އެ އަނދިރިކަމުގެ ތެރެއިންވެސް އަލިކަމެވެ. ކުރިއަށް ދާން އޮތް މަގެވެ. ބާލީހުގައި ބައްދާލައިގެން އޮތް މަލަކާގެ ތުންފަތް މައްޗަށް އެތައް ދުވަހަކަށްފަހު މިއަދު ވެރިވެފައިވަނީ އާދަޔާހިލާފު ރީތި ހިނިތުންވުމެކެވެ. މަލަކާ ދެލޯ މަރާލީ މާދަމަޔަށް ކުރާ އިންތިޒާރެއްގެ ބޮޑުކަމުންނެވެ.
މުނީރާ އާއި ހައްވާމަނިކެ ވާހަކަ ދައްކަމުން ދިޔައީ ހައްވާ މަނިކެ ގޭގެ ޖޯލިފަތީގައި ތިބެގެންނެވެ. އެތައްދުވަހަކަށްފަހު މުނީރާ އެ ގެއަށް އައީ ހައްވާ މަނިކެ ގެ ހާލު ދެކިލުމަށެވެ. އާޒިމް އާއި ޒާހިދާ ނިޔާވިއެއް ކަމަކު ދެ އާއިލާގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ހައްވާ މަނިކެގެ ބަލިހާލު ހުރި ގޮތުން މާމަ ދަރިން ކައިރިއަށް ނުދެވުނަސް މަލަކާ އާއި އައިމަން އެމީހުންގެ ކައިރިއަށް އައިސް ހަދައެވެ. “ހައްވާ މަނިކެ މިހާރު ބަލިގަނޑު ކިހިނެތްތަ؟” މުނީރާ ވާހަކަ ދައްކަމުން އަހާލިއެވެ. “ދެން އެކަހަލަގޮތެއް.. މީހުންގެ އެހީތެރިކަމުގަ އުޅެން މިޖެހެނީ.. ދެން މިގޮތަށް ވެސް މާގިނަ ދުވަހު އުޅޭކަށް ނުޖެހޭނެ ހެން ހީވަނީ.. މިހާރު ދެން މުސްކުޅި ވީ ވިއްޔާ..” ހައްވާ މަނިކެ މިހެން ބުނުމުން ގެއަށް ވަދެގެން އައި މަލަކާ އައިސް މާމަގެ ގާތުގައި ހުއްޓުނެވެ. “މާމާ.. ތިކަހަލަ ވާހަކަ ނުދައްކަބަލަ.. މާމަ އަދި ރަނގަޅުވާނެ..” މަލަކާ ދެރަވެލާފައި ބުންޏެވެ. “ނޫނޭ.. ދަރިފުޅު މެން ދެކޭ ކަށް ދެން މާމަ އަކަށް މާގިނަ ދުވަހެއް ނެތް ހެން ހީވަނީ.. ދަރިފުޅުގެ ކައިވެނީގަ ވެސް..” ހައްވާމަނިކެ އަށް މިހެން ބުނެވުމާއި އެކު ކޮށިއަރައި ގަނެއްޖެއެވެ. މަލަކާ ދުވެފައިގޮސް މާމަ އަށް ފެންގެނެސް ދިނެވެ. ހައްވާ މަނިކެ އަށް މިހާރު މާ ގިނައިން ވާހަކަ އެއްވެސް ނުދެއްކެއެވެ. ގިނަ ފަހަރަށް ކެއްސާ ވަރުން ދެތިން ބަހެއް ބުނެވެނީ ހަމަ ކިރިޔާއެވެ. ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން މުނީރާ އާއި ހައްވާމަނިކެގެ މޫނަށް މަލަކާ ވަރަށް ފަރުވާތެރި ކަމާއި އެކީ ބަލާލިއެވެ. “ދަރިފުޅު ހާދަ ހީވޭ އެއްޗެކޭ ބުނަން އުޅޭހެން..” މަލަކާ އާ ދިމާލަށް ބަލާލަމުން މުނީރާ އެހިއެވެ. “މާމާ.. އަހަރެން ބޭނުން ވަރަށް އަވަހަށް މީހަކާ އިންނަން..އެވާހަކަ ބުނަންވެގެން މިއައީ ވެސް..” މަލަކާ މިހެން ބުނީ އިސްޖަހާލައިގެން ހުރެއެވެ. މިއީ މަލަކާ މިކަހަލަ ވާހަކައެއް ދައްކާ ފުރަތަމަ ފަހަރު ކަމުން މަލަކާ އިނީ ކުޑަކޮށް ފިނިވާ ގޮތްވެފައެވެ. ލަދުން އިން މަލަކާ ސިއްސައިގެން ދިޔައީ މުނީރާ އައިސް މަލަކާގެ ބޮލުގައި ފިރުމާލުމުންނެވެ. “މާމަ ވަރަށް އުފާވެއްޖެ..އަވަހަށް ކާފަ ކައިރީ ތިވާހަކަ ދައްކައިގެން ނިންމަންވީ ހަމަ..” މުނީރާ ހުރީ ވަރަށް އުފާވެފައެވެ. ހައްވާމަނިކެ ވެސް މުސްކުޅިވީ ދުވަހު މަލަކާގެ ފަރާތުން ލިބުނު ހަބަރަކުން އުފަލުން ލޮލުން ކަރުނަ ފައިބައިގެން ދިޔައެވެ. ޝުކުރުވެރިކަމާ އެކީ މަލަކާގެ އަތުގައި ބޮސްދިނެވެ.

މަލަކާ ވިސްނަމުން ދިޔައީ އަހުސަން އަށް މިހަބަރު ދޭނެ ގޮތަކާއި މެދުއެވެ. ކޮންމެ ގޮތެއްވިޔަސް އަހުސަން އަކީ މަލަކާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އަހުސަން ނައެއް ކަމަކު މިހަބަރު އަހުސަން އަށް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގއި މަލަކާ ދެކުނެވެ. އަހުސަން ގެ ނަމްބަރަށް މަލަކާ ޑައިލް ކުރިއެވެ. ދެތިން ފަހަރަކު ނަމްބަރ ވެސް ޖެހިއްޖެއެވެ. އެހެންނަމަވެސް އަހުސަން ފޯނެއް ނުނަގައެވެ. ކައިރިގައި އިށީނދެގެން އިން ސަނާހްގެ އަތަށް މަލަކާ ފޯނު ދިނެވެ. ސަނާހް ވެސް އެތަކެއް ފަހަރު ގުޅިއެވެ. އެހެންނަމަވެސް ފޯނެއް ނުނަގައެވެ. “ދޮންބެ އަނެއްކާ ބަލީބާ؟ ދޮންބެ އަށް ކޮންމެ ކަމެއް ވިޔަސް ނޭނގޭނެ.. ނުގުޅާތާ މިހާރު ވީ ޒަމާނެއްވެސް ނޭނގެ..” މަލަކާ ނުރުހިފައި ބުންޏެވެ. “ދެން އަޅާނުލާ.. ވެދާނެ އެއްނު ދޮންބެ މާ ބިޒީކަމަށްވެސް… މެސެޖެއް ކޮށްލާފަ ބައިންދާ.. އޭރުން ކޮންމެވެސް ވަގުތަކުން ފެންނާނެ އެއްނު..” ސަނާހް އަށް ފެންނަ ގޮތެއް ހިއްސާކޮށްލިއެވެ. ސަނާހް އާއި މަލަކާ ތިބީ މަލަކާ ގެ ގޭގެ ފެންޑާގައި އެލުވާލާފައިވާ އުނދޯލީގައެވެ. “މަލަކާ ބޭނުމެއްވެސް ނުވޭތަ އަހަރެން ދަސް ކުރާކަށް..” މަލަކާ އެހާ އަވަހަށް އިންނަން އެއްބަސް ވުމުން ސަނާހް އަށް ގަބޫލް ނުކުރެވުމުން އަހާލިއެވެ. ” ހާސް އަހަރު ރައްޓެހިވެގެން އުޅުނަސް މީހެއްގެ ގޮތެއް ނޭނގޭނެ..” މަލަކާ ދިނީ ކުރު އެހެންނަމަވެސް މާނަ ފުން ޖަވާބެކެވެ. “އަހަރެން ސުވާލެއް ކޮށްލަންތަ؟..” މަލަކާގެ އަތުގައި ހިފާލަމުން ސަނާހް އެހިއެވެ. “ހޫމް.. އަހާބަލަ..” މަލަކާ ބުންޏެވެ. “އަހަރެން ހީކުރީ މަލަކާ ރައްޓެހިވީ އަރީޝް އާ ކަމަށް..” ސަނާހް މިހެން ބުނުމުން މަލަކާ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. ހީވަނީ އެނަމުގެ ފަހަތުގައި ސިއްރުން ފޮރުވިފައިވާ އެތަކެއް ހަގީގަތެއް ވާހެންނެވެ..

 

 

މަލަކާ ގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ތިކިތައް މުތީތަކެއް ފަދައިން ފައިބައިގެންދިޔައެވެ. އެހިނދު ސަނާހް އަށް އެ މައުސޫމް ކުއްޖާގެ ހިތުގައި ޖެހިއްޖެކަން އެނގުނެވެ. އަދި ކަރުނަތައް ފޮހެދިނުމަށްފަހު މަލަކާގެ އަތުގައި ހިފާ ބާރުކޮށްލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. “އަހަރެން ބޭނުމެއްނޫން މަލަކާ ރޮއްވާކަށް… ދެން އެވާހަކަ ނުދައްކަމާ ދޯ..ދެން ހީލާ..އަބަދު ތިހުންނަނީ ދެރަވެފައެއްނު..” ސަނާހް މިހެން ބުނުމުން މަލަކާ ގަދަކަމުން ހީލިއެވެ. “އަދި އެބައޮތޭ ސުވާލެއް ކޮށްލަން..” އެއްޗެއް ހަނދާންވެގެން މަލަކާ ބުންޏެވެ. “ކޮށްބަލަ އަވަހަށް..އަނެއްކާ މާ އުނދަގޫ ސުވާލެއް ނުކުރައްޗޭ އިނގޭ..” ސަނާހް ސަމާސާކޮށްލަމުން ބުންޏެވެ. “އަސްލު އަހަރެން މާމަ ކައިރީ އިންނަން ބޭނުންވާހަކަ ބުނީމަ މާމަ އެހާ ފަސޭހައިން އެއްބަސްވި.. މީގަ މަޖާ ކަމަކީ މާމަ ނާހާ ކާކާ ތޯ އިންނަން ބޭނުންވަނީ ކީވެސް..” މަލަކާ މިހެން ބުނުމުން ސަނާހް ގާތަށް ލާނެއް ހިންޏެއް އައެވެ. “އެހެންތަ؟..ތި ހާދަ ހެއްވާ ކަމެކޭދޯ.. ސަނާހް ނޭނގޭ ކަމަށް ހަދާލާފައި މިހެން ބުނުމުން މަލަކާ އަދިވެސް އިނީ ނޭނގުމެއްތެރޭގައެވެ. “ސާބަހޭ ދޫންޏާ.. ތިދެން އެވަރަށް ވިސްނަންވީ ކަމެއްދޯ.. އަސްލު އަހަރެން މާމަ ޔާ މާކުރިން ވާހަކަ ދައްކާފައޭ އޮންނާނީ..ކާފަ ކައިރީވެސް ބުނިން.. އެހެންވެ މާމަ ނޭހީ ކަމަށްވާނީ..” ސަނާހް މިހެންބުނުމުން މަލަކާ ގާތަށްވެސް ހިނިއައެވެ.
އެހަފްތާއަކީ މަލަކާ އަށް ވަރަށްވެސް ބުރަ ހަފްތާއެކެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ކަމުން ގޭތެރެ ސާފްކުރުމާއި އެކިކަންކަމަށް ތައްޔާރުވުމުގައި މުޅި ދުވަސް ފާއިތުވެގެން ދާގޮތް ނޭނގެއެވެ. މަލަކާގެ މިމަސައްކަތުގައި އެހީވުމަށްޓަކއި އައިކޮއްކޮ އާއި ސަނާހްވެސް ބައިވެރިވެއެވެ.
ދުވަހަކީ މަލަކާގެ ހަޔާތުގައި އައި ވަރަށްވެސް އުފާވެރިދުވަހަކެވެ. ގޭތެރޭގެ މާހައުލު ވަނީ މީހުންނާއި ގެން ފުރިފައެވެ. ކައްކާ މީހުންނާއި ގެ ޒީނަތްތެރި ކުރާމީހުންތައް ހޭލަމޭލަ އަށް އުޅެނީ ރޭގަނޑުގެ ހަފްލާ އަށް ތައްޔާރުކުރުމަށްޓަކައެވެ. ޕާޓީ އޮންނަނީ ރޭގަނޑު ކަމަށްވިޔަސް ކައިވެނި ކުރަން ހަމަޖެހިފައި އޮތީ މެންދުރު އެއްގަޑި ބައިގައެވެ. މަލަކާ ލައިގެން ހުރީ މަޑު ފިޔާތޮށިކުލައިގެ ހެދުމެކެވެ. ހެދުމާއި ގުޅުވައިގެން ބޮލުގައި މަލެއްވެސް ޖަހާފައިވާއިރު މަލަކާ ވަރަށް ވެސް ރީއްޗެވެ. “ދަރިފުޅު އަވަސްކުރޭ.. މިހާރު ދިހަމިނެޓައް ވީއްޔޭ..” މުނީރާ ކޮޓަރިތެރެއަށް ވަންނަމުން މަލަކާ އަށް ބުންޏެވެ. “މިނިމުނީ އޭ މާމާ.. ކޮބާތަ އައި ކޮއްކޮ ތައްޔާރުވެއްޖެ ތަ؟..” ގޮނޑިން ތެދުވަމުން މަލަކާ ބަލައިލީ އައިމަން ފެނެތޯއެވެ. “އައިކޮ މިހިރީއޭ.. ” ކޮޓަރިތެރެއަށް ވަންނަމުން އައިމަން ބުންޏެވެ. ” ވާއޮ ދޮންތީ..ޔޫ ލުކް ސޯ ޕްރެޓީ..” އައިމަން އައިސް މަލަކާގެ އަތުގައި ހިފާލިއެވެ. “ހޫމް.. މިކުއްޖާ ގަނޑުވެސް މިހާރު ހާދަ ނޯޓީ އޭ ދޯ..” އައިމަންގެ ކޮލުގައި ހިފާލަމުން މަލަކާ މިހެން ބުނުމަށްފަހު ކޯޓަށްދިއުމަށްޓަކައި އެންމެންނާ އެކީ ދާން ހިނގައިގަތެވެ. މަލަކާގެ ދޮރޯށިން ނިކުނަން އެޅިފިޔަވަޅު ހުއްޓުނީ ދޮރޯށި ކުރިމަތީ ހުއްޓިގެން ހުރި ހިމަތޮޅި ޒުވާނާ އަށެވެ. ކިތަންމެ ދުވަސްތަކެއް ވިޔަސް މަލަކާ އަށް އެއީ ކާކުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެހެންނަމަވެސް އައިމަން އާއި މުނީރާ އާއި ދެންތިބި މީހުންނަށް އެ މީހަކު ފާހަގަ ކުރާކަށް ނޭނގެ އެވެ. އެންމެންވެސް ބަލަހައްޓައިގެން ހުރި ގޮތުން އެ ޒުވާނާ އިސްޖަހާލިއެވެ. މަލަކާ އަށް ރޮވެން ފެށުނީ ކުރިމަތީގައި ހުރި މީހާގެ ސިފަފެނުމުންނެވެ. ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑުވެސް ދިގުވެފައި ދެލޯވަނީ ވަޅުވަދެފައެވެ. މޫނުގައި އެއްވެސް ދިރުމެއްނެތެވެ. ކުރިމަތީގައި ހުރި ޒުވާނާ އައިސް މަލަކާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ސަލާމް ކޮށްލުމަށްޓަކއި އަތްދިއްކޮށްލިއެވެ. މަލަކާ އަށް އެވަގުތު އެޒުވާނާގެ ގައިގައި ބައްދާގަނެވުނެވެ. އަދި ބާރުބާރަށް ރޯން ފެށިއެވެ. އޭރުވެސް ކައިރީގައި ތިބި އެހެން އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. “ދޮންބޭ.. ކީއްވެ.. ކީއްވެ ” މަލަކާ އަށް ރޮވޭވަރުން ވާހަކަވެސް ދެއްކޭވަރެއްނުވެއެވެ. އަހުސަން ދެކެ ކިތަންމެ ރުޅިއައިސް ހުރި ނަމަވެސް އަހުސަން ފެނުމުން ކެތްނުކުރެވުނީ އެވެ. އަމިއްލަ ބޭބެ އެތަކެއް އަހަރުދުވަސް ފަހުން ފެނުމުން ކެތްކުރެވޭނީ ކާކަށް ހެއްޔެވެ. މަލަކާ ދޮންބެ އޭ ބުނުމުން އެހެންމީހުންނަށްވެސް އެއީ އަހުސަން ކަން އެނގުނެވެ. “މީ ރޯންވީ ވަގުތެއް ނޫނެއްނު.. މިހާރުވެސް މާ ލަސްވެއްޖެ. ދެން ހިނގާ އަވަހަށް..” މަލަކާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަންނަމުން އަހުސަން ބުންޏެވެ.
އޭރު ގަޑިން އެއްގަޑި ތިރީސްވާން އިނީ ތިންމިނެޓަށްވެފައެވެ. މިހެންކަމުން މަލަކާގެ ކައިވެނި ކުރާގަޑި ޖެހެމުން އަންނާތީ އެންމެންވެސް އަވަސްވެގަތީ އެކަމައިގެންނެވެ.
ކޯޓާ ހަމައަށް ދެވުނުއިރު ސަނާހް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ހީވާގޮތުން ސަނާޙް އައިސް ހުންނަތާ ވަރަށް ގިނައިރުވެދާނެއެވެ. ސަނާހް އަށްވެސް މަލަކާގެ އަތުގައި ހިފައިގެން ހުރި މީހާ ފެނުމުން ކުއްލި ސިހުމެއް ލިބުނެވެ. “މަލަކާ..މީ..މީ ކާކު..” ސަނާހް ހައިރާންވެފައި އަހާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. “މީ އަހުސަން ދޮންބެ… އިތުރަށް ސުވާލު ކުރާނީ ފަހުން..” ސަނާހް އަށް އެއީ އަހުސަން ކަން އެނގުމުން އިތުރަށް ހައިރާންވިއެވެ. އެހެންނަމަވެސް މިވަގުތު ކުރަން ހަމަޖެހިފައިވާ ހަޔާތުގެ އެންމެ މުހިއްމު އެއްވަގުތުކޮޅާއިގެން ކުރިއަށް ހިނގައިގަތެވެ. މަލަކާގެ އާއިލާ މީހުންނާއި ރައްޓހިން ކޯޓަށް ވަދެވެން އޮތްވަރަކުން ވަދެ ގޮނޑިތަކުގައި އިށީނދެ ހަމަޖެހުނެވެ. އެވަގުތު ގާޒީ ކުރިއަށް ގެންދިޔައެވެ. މަލަކާ ގެ ހަޔާތުގެ މި އުފާވެރި ވަގުތު ހިތުގެ ތެޅުން ދެގުނަ އަށް އތުރުވެފައިވަނީ ކީއްވެ ކަމެއް މަލަކާ އަކަށް ނޭނގެއެވެ. އަތްފައި ފިނިވެފައިވާ އިރު އިސްއުފުލާ ބަލައިލާންވެސް މަލަކާ އަށް ނޭނގި އިނދެވުނީ އެވެ. “އަނބި ގަބޫލްކޮށްފިން..” ސަނާހް ގެ މި ޖުމްލަ އާއި އެކު މަލަކާ އިސްއުފުލާ ބަލައިލިއެވެ. އެވަގުތު މޫނުމައްޗަށް ޖަންބުކުލަ އަރައިގެން ދިޔުމާއި އެކު އަނެއްކާ ވެސް އިސްޖަހާލެވުނެވެ. ކައިވެނި ކޮށް ނިމުމުން އެންމެނާ ސަލާމް ކުރުމަށްފަހު ގެއަށް އާދެވުނީ ދޭއްޖަހަން ކައިރިވެފައި ހުއްޓައެވެ.
އަހުސަން ގެއަށް ވަނުމަށްފަހު އެންމެ ފުރަތަމަ ވެސް ދިޔައީ އާޒިމްގެ ކޮޓަރިއަށެވެ. މާޒީގެ އެތަކެއް ހަނދާންތަކެއް އެކުލެވިގެން އެކޮޓަރީގެ ދޮރުހުޅުވާލުމާއެކުވެސް އެންމެ ފުރަތަމަ އަހުސަންގެ ލޮލުގައި އަޅައިގަތީ ކުޑަ މޭޒްމަތީގައި ބަހައްޓާފައިވާ މަންމަ އާއި ބައްޕަގެ ތަސްވީރަށެވެ. މަޑުމަޑުން ހިނގާފައި ގޮސް ތަސްވީރު ނަގާ މޭގައި ޖައްސާލިއެވެ. “މަންމަ..ބައްޕަ.. އަހަންނަށް މަޢާފް ކުރޭ..އަހަރެން މީ ކުއްވެރިޔަކީމް..މަންމަ އާއި ބައްޕަގެ އުންމީދުތައް ފުރިހަމަނުކޮށްދެވުނު ބަސްނާހާ ކުއްޖަކީމް..” އެކަނި ހުރެ އަހުސަން ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ. މިމަންޒަރު ބަލަން ދޮރުކައިރީ ހުރި މަލަކާ އަށްވެސް އެވަގުތު ރޮވުނެވެ. “ދޮންބޭ..ދޮންބެ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން މައާފް ކޮށްފިން ދޮންބެ އަށް.. މަންމަ އާއި ބައްޕަގެ މައާފް ބޭނުމިއްޔާ ދެން އޮތް ދުވަސްތައް އެދެމީހުންނަށް ހެޔޮދުޢާ ކުރުންމަތީ ދެމިހުރޭ..” ކޮޓަރިތެރެއަށް ވަންނަމުން މަލަކާ ބުނެލިއެވެ. މިހާރު އަހުސަން އަށް ވުރެ މަލަކާ މާ ހަރުދަނާއެވެ. އަހުސަން އެނދުގައި އިށީނެވެ. އަދި މަލަކާ އާ ދިމާލަށް އެނބުރިލީ ކުއްވެރިޔަކު ފަދައިންނެވެ. “ސޮރީ މަލަކާ.. ދޮންބެ އަށް އުޅެވުނުގޮތުން އެކަމުގެ އަދަބު ދޮންބެ އަށް ލިބިއްޖެ..” އަހުސަން މިހެން ބުނުމުން މަލަކާ އަށް އަހުސަން އެދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގުނެވެ. މަލަކާ ހީކުރަމުން އައީ އަހުސަން ރާއްޖެން ބޭރަށްގޮސް އާއިލާ މަތިން ހަނދާން ނައްތާލާ އަދި ބައްޕަގެ މަރުގެ ހަބަރުލިބުމުން އެކަމަށް އަޅާނުލެވި ހުރުމުން އެކަމުގެ ވާހަކަ ދައްކަނީ ކަމަށެވެ. އެހެންނަމަވެސް އަދަބުގެ ވާހަކަ ދެއްކުމުން މަލަކާ ގެ ހިތުގައި އިތުރު ސުވާލު ތަކެއް އުފެދުނެވެ. “ދޮންބެ އަށް އެނގޭ ދޮންބެ މީ ވަރަށް ގޯސް މީހެއްކަން..ކިޔަވަން ގޮސް ދޮންބެގެ އެންމެ ލޯބިވާ ކޮއްކޮމެން މަތިން ހަނދާން ނައްތާލީ..އެވަރުނުވެގެން ބައްޕަގެ މަރު..” އަހުސަންގެ އަޑު ބެދިގެން ދިޔައެވެ. “ދޮންބޭ..ދެން އެކަމާ އަޅާނުލާ..އެކަމަކު އެހާ ހިކިވެ އަނަރޫފަ ވެފަ ހުރީ ކީއްވެ؟.މަލަކާ އަނެއްކާވެސް ސުވާލުކުރިއެވެ. އަހުސަން ދެލޯފޮހެލިއެވެ. އަދި އަހުސަންގެ ހިތި ތަޖްރިބާ ކިޔައިދޭންފެށީ ދެލޮލުން ކަރުނަ އޮހޮރޭ ހާލްގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

އޭލިއަން ސިލްސިލާ: ހިރާސް – 8

Next

ހިތް އެދެ ޔާރާ ތިއޭ – 20

Next
June 30, 2025

ހިތް އެދެ ޔާރާ ތިއޭ – 20

Previews
June 30, 2025

އޭލިއަން ސިލްސިލާ: ހިރާސް – 8



All Right Reserved!