Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

11 – މަލަކާ

ishko Level 110 Stories
June 29, 2025 5 Mins Read
0 Comments

އެގާރަ ވަނަ ބައި

ތަނަށްވެރިވެފައިވަނީ ހަނދުގެ ފަނޑު އަލިކަމެވެ. އަތިރިމަތީގައި ސަނާހް އާއި މަލަކާ ވާހަކަ ދައްކަން ތިބި އިރު އެދެމީހުންގެ ދެމެދުގައިވާ ބީރަށްޓެހިކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަނީ ރައްޓެހިކަމަށް ބަދަލުވެފައެވެ. އެކަކުގެ ދިރިއުޅުން އަނެކަކަށް ހިއްސާކުރުމުގައި ވަގުތު ގުނަމުން ދާ އިރު ގޭގައި އެކަނި މާ އެކަނި އައިމަން އިނީ ބަނޑުހައި ވެގެން ހަލާކުވާ ވަރުވެފައެވެ. މަލަކާގެ އިންތިޒާރުގައި އިން އައިމަން އިރު އިރު ކޮޅާ ދޮރާއްޓާ ދިމާލަށް ކަޅި ހިންގާލައެވެ. އެކަނި މާ އެކަނި މިހެން މާ ގިނަ އިރަކު އައިމަން އަކަށް އިނދެވޭގޮތެއް ނުވިއެވެ. ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. މިހެން ކަމުން މަޑުމަޑުން ހިނގާފައިގޮސް އުނދޯލީގައި އޮށޯތެވެ.
ކުއްލިއަކަށް މަލަކާ ފުންމައިގެން ތެދުވިއެވެ. “އަނެއްކާ ގަޑިން ކިހާ އިރެއްބާ..މިހާރު އައިކޮ..” މަލަކާ ހިގައިގަންނަމުން ބުންޏެވެ. “މަޑުކޮއްބަލަ މަލަކާ.. ” ސަނާހް މަލަކާގެ އަތުގައި ހިފިއެވެ. އެއާއި އެކު މަލަކާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ނޭނގޭ ކަހަލަ އިހުސާސް ތަކެއް ވެރިވެގެން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލެވުނެވެ. ސަނާހް އައިސް މަލަކާގެ ކުރިމަތީ ހުއްޓިލިއެވެ. މަލަކާ އަބަދުވެސް ކުރިމަތީ ހުރުމަށް ސަނާހް އެދެއެވެ. މިރޭ މަލަކާގެ ގާތުގައި ސަނާހްގެ ހިތުގެ އަޑު އިއްވުމަށް ސަނާހް ނިންމިއެވެ. “މަލަކާ.. އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން ބޭނުން..” ސަނާހް މިހެން ބުނުމުން މަލަކާ ދެލޯ ހުޅުވާލިއެވެ. އަދި ސަނާހްގެ އަތުތެރޭގައިވާ މަލަކާގެ އަތް ފޮޅުވާލުމަށްފަހު ކުރިއަށް ދިޔުމަށްޓކައި ހިނގައިގަތެވެ. ސަނާހް ހީކުރީ މަލަކާ ރުޅިއައީ ކަމަށެވެ. މިހެން ކަމުން އަނެއްކާވެސް މަލަކާ އަށް ގޮވާލިއެވެ. މަލަކާ ފަސްއެނބުރި ބަލައިލިއެވެ. “މަޑެއް ނުކުރެވޭނެތަ..” ސަނާހް ބުންޏެވެ. “އާން.. މިހާރު މާ ލަސްވެއްޖެ. އައިކޮއްކޮ އަދި ނުވެސް ކައި ހުންނާނީ.. ނޭނގެ މިހާރު އެކަނި މާއެކަނި ގޭގަ ކީއްކުރަނީ ކަމެއްވެސް..” މަލަކާ މިހެން ބުނުމުން ސަނާހް ވަރަށް ދެރަވިއެވެ. “އެންމެ ރަނގަޅު.. އެކަމަކު އަހަރެން މަލަކާ އާއި އެކީ މަލަކާގެ ގެއާ ހަމައަށް ދިޔަސް އެންމެ ރަނގަޅުތަ؟..” ސަނާހް މިހެން ބުނުމުން އާނއެކޭ ބުނުމުގެ ގޮތުން މަލަކާ ބޯ ޖަހާލިއެވެ. އަދި ކުރިއަށް ދާން ހިނގައިގަތެވެ. ގެއަށް ދިޔަ މަގުމަތިން ދެމީހުންކުރެ އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. މަލަކާގެ އަތުގައި ހިފުނީތީ ސަނާހް ހުރީ ލަދުންނަމަވެސް ސަނާހް އެކަން ކުރީ އަމިއްލަ އިޙްތިޔާރު ގައެއް ނޫނެވެ. އަނެއްކޮޅުން މަލަކާގެ ހިތުގައިވެސް ސަނާހް އާއި ދޭތެރޭ ވިސްނެމުން ދިޔައެވެ. ސަނާހް ކައިރީގައި ހުރުމުން މަލަކާގެ ވިންދު އަވަސްވެއެވެ. ގެއާ ހަމައަށް އާދެވުމުން މަލަކާ ދޮރުމަތީގައި މަޑުކޮށްލިއެވެ. “ޝުކުރިއްޔާ މިހާހިސާބަށް އައީތީ..” މަލަކާ ރަކިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. “މާދަމާވެސް ހަމަ އެގަޑިއަށް އަންނައްޗޭ.. އަހަރެން އިންތިޒާރު ކުރާނަން..” މަލަކާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި މިހެން ބުނުމަށްފަހު ސަނާހް ވެސް ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ސަނާހް ދިޔުމުން މަލަކާ އަވަހަށް ގެއަށް ވަނެވެ. އޭރު އުނދޯލީގައި އައިމަން ނިދާފައި އޮތެވެ. މަލަކާ ގަޑިއަށް ބަލާލިއެވެ.ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. މަލަކާ މީ ހަވީރު އަތިރިމައްޗަށް ދިޔަ މީހާއެވެ. ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނީތީ މަލަކާ ހައިރާންވިއެވެ. މަލަކާ އަވަސްއަވަހަށް ކާން ހެދުމަށްފަހު އައިމަން އަށް ގޮވިއެވެ. ނުތެދުވާން އައިމަން ވަރަށް ގަދަހެދި ނަމަވެސް ގަދަކަމުން އައިމަން ނެގިއެވެ. “ދޮންތަ ހާދަލަހަކުން.. ވަރަށް ބަނޑުހައި..” ދެލޯނުހުޅުވޭ ހާލު އައިމަން ވާހަކަދެއްކުމުން މަލަކާ ކައިރިއަށް ހިނިއައެވެ. “ސޮރީ އައިކޮއްކޯ.. ދޮންތި މާލަސްވީދޯ.. ހިނގާ ކާން ދަމާ…” އައިމަން ގޮވައިގެން މަލަކާ ކާން ދިޔައެވެ.

ރޭގަނޑުގެ ކެއުމަށްފަހު މަލަކާ ނިދަން ދިޔައިރު އެގާރަ ޖަހަނީ އެވެ. ވަރުބަލި ވެފައިވާ ނަމަވެސް ލޮލަކަށް ނިންޖެއް ނާދެއެވެ. ދެލޯ މަރާލާއިރަށް ފެންނަނީ ސަނާހްގެ އެހިތްގައިމު ސޫރައެވެ. އެފިރިހެން ވަންތަ އަޑު މަލަކާގެ ކަންފަތުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ގަޑިއިރެއްވީ އިރުވެސް މަލަކާގެ ލޮލަށް ނިންޖެއް ނައެވެ. އެންމެ ފަހުން ތެދުވީ އައިމަން ނިދާފައިއޮތް ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އައިމަން ނިދާފައި އޮތް އެނދުގައި އިށީއިނެވެ. މަންމަ އާއި ބައްޕަ އެއްގެ އަޅާލުން އެންމެ ބޭނުންވި ދުވަހު އެ ނަސީބުންވެސް މަހުރޫމްވެފައިވާ ކުޑަކުޑަ އައިމަންގެ ބޮލުގައި މަލަކާ ފިރުމާލިއެވެ. އެހިނދު ބައްޕަގެ ހަނދާންތައް މަލަކާގެ ކުރިމައްޗަށް ފިލްމެއްގެ މަންޒަރު ތަކެއްހެން ސިފަވާން ފެށިއެވެ. ލެއިން ފޯވެފައިވާ ބައްޕަގެ ހަށިގަނޑު ހިތައްއެރުމާއި އެކު މަލަކާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. އައިމަންގެ އެނދުގައި ބޯޖަހާލައިގެން އޮތުމަށްފަހު ތެދުވިއެވެ. އައިމަންގެ ގައިމަތީގައި ބެޑްޝީޓް އަޅާ ނިވާކުރުމަށްފަހު ކޮޓަރިން ނިކުތީ އަނެއްކާވެސް ނިދޭތޯއެވެ.
ކޮޓަރީގެ ކަނެއްގައި ބަހައްޓާފައިވާ ފޮތް ހަރުގަނޑުން ފޮތެއް ނެގިއެވެ. އެފޮތަކީ މަލަކާ ކުޑައިރު މަލަކާގެ މަންމަ ވަރަށް ގިނައިން ކިޔާ ފޮތެކެވެ. ފޮތުގައި ވަނީ ދީނީ ޢިލްމެވެ. ފޮތް ހިފައިގެން މަލަކާ އެނދާދިމާލަށް ހިނގައިގަތެވެ. އަދި އެނދުގައި އޮށޯތުމަށްފަހު ފަހަރަކު ގަނޑެއް ކިޔަމުން ގޮސް އެންމެ ފަހުން ދެލޮލަށް ނިދި ސަވާރުވުމުން އަވަހަށް ފޮތް ލައްޕާލުމަށްފަހު ދެލޯމަރާލިއެވެ.

ފަތިހުގެ ބަންގީގެ އަޑަށް އައިމަން ހޭލައިގެން ފުރަތަމަވެސް އައީ މަލަކާގެ ކޮޓަރިއަށެވެ. “ދޮންތީ.. ބަންގި ގޮވަނީ.. ތެދުވެބަލަ..” އައިމަން ހުއްޓުމެއްނެތި މަލަކާ އަށް ގޮވަމުން ދިޔައެވެ. ލަހުން ނިދުމުގެ ސަބަބުން މަލަކާ އަށް ހޭލެވުނީ މަލަކާގެ އަތުގައި އައިމަން ވިކައިގަތުމުންނެވެ. “ސާބަހޭ ކޮއްކޯ.. މިތެދުވީ އޭ..” އަތުގައި އަތްކާއްތާ ލަމުން މަލަކާ ތެދުވިއެވެ. “މިރޭ ދޮންތި ހާދަވަރަކަށް ނިދަނީ..މިހާރު އައިކޮ ކޮންއިރެއް ގޮވަނީ..” އައިމަން މިހެން ބުނުމަށްފަހު ނަމާދުކުރުމަށްޓަކައި ކޮޓަރިއާ ދިމާލަށް ދިޔައެވެ. މަލަކާވެސް ތެދުވެ ދަތް އުނގުޅާ ވުލޫ ކޮށްލައިގެން ނަމާދުކުރުމަށްޓަކައި ތައްޔާރުވެލިއެވެ.

ފަތިހުގެ ހާ ގޮވާލުމާއި އެކު އެކި އެކި ދޫނިސޫފާސޫފިތައްވެސް އެސޮރުމެންގެ މަސައްކަތާއި ގެން މަސްއޫލު ވާން ފެށިއެވެ. ދުނިޔެ މައްޗަށް އިރުގެ އަލިކަން ފާޅުވީއިރު އެކިދިމަ ދިމާލުން މީހުންގެ އަސަރުވެސް ފެންނަންފެށިއެވެ. ހެނދުނު ހަތެއްޖެހި އިރު މަލަކާ ސައި ހަދާ ނިންމާލުމަށްފަހު ގޯތިތެރެ ކުނިކެހުމުގައި އަވަދިނެތި އުޅުނެވެ. ޗުއްޓީ ދުވަސް ވަރު ކަމުން ފަތިސްނަމާދުކޮށްލައިގެން އައިމަން އަނެއްކާވެސް ނިދީއެވެ. މިބޮޑުގޭގައި މަލަކާ އާއި އައިމަން އުޅެމުން އައީ ވަރަށް އެކަނިވެރިކަމާ އެކީގައެވެ. މަލަކާގެ ބައްޕަގެ މަރަށްފަހު އަހުސަންގެ ހަބަރެއްނުވާތާ ލައްކަ ދުވަސް ވެއްޖެއެވެ. ތިން ކުދިން ދޫކޮށް މަންމަ އާއި ބައްޕަ މިދުނިޔެ ދޫކޮށް ދިޔުމުން އެ ކުޑަ އާއިލާ އަށް އިތުރު އެކަނިވެރިކަން ވަނީ ގެނެސްދީފައެވެ. އަނެއްކޮޅުން އަހުސަން ވެސް ދިޔައީ އެވެ. ދެން އަހުސަންގެ ފަރާތުން ހަބަރެއްވާނެ ކަމަށް މަލަކާ އުންމީދެއް ނުކުރެއެވެ. މަލަކާ ދެކޭ ގޮތުގައި އަހުސަން އަށް އެހެން ގޮތެއް ފެނުމުން ކޮއްކޮ މެން މަތިން ހަނދާން ނައްތާލީއެވެ.

ގޭތެރޭގެ މަސައްކަތް ނިންމާލުމަށްފަހު މަލަކާ އަވަސްވެގަތީ އައިމަން އަށް ގޮވުމަށެވެ. އެވަގުތު މުނީރާ އައިސް ގެއަށް ވަނެވެ. “ދަރިފުޅާ ކޮބާ ކޮއްކޮ..” ގޭތެރެއަށް ވަންނަމުން މުނީރާ ބުންޏެވެ. “ކޮއްކޮ އަށް ގޮވަން ދާން އުޅެނިކޮއް މާމަ ތިޔައީ..” މަލަކާ ގޮސް އުނދޯލީގައި އިށީނުމުން މުނީރާވެސް މަލަކާގެ ކައިރީ އިށީނެވެ. “ދަރިފުޅު ދިރިއުޅުމާ ދޭތެރޭ ނުވިސްނަންތަ..” ކުއްލި އަކަށް މުނީރާ ދެއްކި ވާހަކައަކުން މަލަކާ ހުރީ ވަރަށް ލަދުގަނެފައެވެ. “އަނެއްކާ ސަނާހް..ނޫން ނޫން.. ސަނާހް ގެ ހިތުގައި އަހަރެން…” މަލަކާ ހިތައް އެތަކެއް އެއްޗެއް އަރަމުން ދިޔައެވެ. މަލަކާ ހީކުރަމުން ދިޔައީ މުނީރާ ގާތު ސަނާހް ވާހަކަ ދެއްކީ ކަމުގައެވެ. އެހެންނަމަވެސް މި މޮޔަ ހިޔާލު ހިތައް އެރުމުން އަމިއްލަ އަށް ބޮލުގައި ޖަހާލެވުނެވެ. މަލަކާ ބަހެއް ނުބުނުމުން މުނީރާ އިތުރަށް އެވާހަކަ އެއް ނުދައްކައެވެ.

މަލަކާ އަށް ނޭނގި ނަމަވެސް އިންތިޒާރު ކުރެވެމުން ދިޔައީ ހަވީރު ވާނޭ ވަގުތަކަށެވެ. ގޭގައި ކުރާނޭ މާ ބޮޑު މަސައްކަތެއް ނެތުމުން ފޫހިވެގެން އެންމެ ފަހުން މަލަކާ ބޭރަށް ދާން ހިނގައިގަތެވެ.

 

 

 

ޗުއްޓީ ދުވަސްވަރު ކަމަށްވެފައި އައިމަންވެސް ގިނަ އިން ހޭދަކުރަނީ އެކުވެރިކުދިންނާއި އެކު ކުޅުމުގައެވެ. އައިމަންވެސް ނެތުމާއި އެކު މަލަކާ މަޑުމަޑުން އަތިރިމައްޗާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ހަވީރުވާން ވެސް ކައިރިވަނީ އެވެ. ހީވަނީ ދަގައްފާނަށް ދަމާހެން މަލަކާ ގެންދާހެނެވެ. ސަނާހް ބުނި ގަޑީގެ މާކުރިން މަލަކާ ގޮސް ހުރީ ކުރިން ރޭގައި މަލަކާ އާއި ސަނާހް ބައްދަލް ވި ތަނުގައެވެ. މަލަކާ ދެކޮޅު ހޯދާ ބަލާލިއެވެ. ކޮންމެވެސް މީހަކު ހޯދާ ކަހަލަ ގޮތަކަށް ވަށައިގެން ބަލަން ފެށިއެވެ. ހަމަ ޔަގީނުންވެސް މަލަކާ އެހޯދަނީ ދެވަނަ މީހެއް ނޫނެވެ. ސަނާހް އެވެ. މަލަކާ އަށް އިންތިޒާރު ކުރެވެމުން ދަނީ ސަނާހް އަންނާނޭ ވަގުތަކަށެވެ.
ހަވީރު ވަމުން އައި އިރު އަތިރިމަތީގައި މީހުން ގިނަ ވާން ފެށިއެވެ. ކުޑަކުދިން ގޮވައިގެން ކުޅެލަން އައިސް ތިބި މައިންނާއި ޅަފުރާގެ ފިރިހެން ކުދިންނެވެ. ހަވީރުގެ ފިނި ކަން އިހުސާސް ކުރެވުމުން ބުނަންވެސް ނޭނގޭ ކަހަލަ ފިނި ކަމެއް ވެރިކުރުވައެވެ. އިރުގެ އަލިން ވިދާ ބަބުޅަމުންދާ މާސިންގާ ކަނޑަށް ބަލަހައްޓައިގެން މަލަކާ އިނީ ގެއްލިފައެވެ. އެވަގުތު މީހަކު އައިސް މަލަކާގެ މޫނުމަތީގައި އަތް އެޅިއެވެ. އެ އަތުން ދުވި މަޑުމަޑު ސެންޓުގެ ވަހުން މަލަކާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ގެނެސްދިނެވެ. މަލަކާ އަވަހަށް އަތް ނައްޓުވާ ބަލައިލިއެވެ. އެއީ ހަމަ ސަނާހް އެވެ. “ހާދަ އަވަހަކަށް އައިސް ތިއިނީ… މަށަށް ދޯ ތި އިންތިޒާރު ކުރަނީ..” މަލަކާ ކައިރީ އިށީންނަމުން ސަނާހް ބުނެލިއެވެ. އެހިނދު މަލަކާ ލަދުން އިސްޖަހާލިއެވެ. “ހާދަ ލަދުން ތިއިނީ.. ހީވަނީ ނުދަންނަ މީހަކު އައިސް އިންހެން..” މަލަކާގެ މޫނުމަތީގައިވާ ލަދުރަކިކަން ފެނި ސަނާހް ސުވާލުކުރިއެވެ. ސަނާހް ވާހަކަ ދައްކަމުން ދިޔަ ވަރަކަށް މަލަކާގެ މޫނު މައްޗަށް އަރަމުންދާ ޖަންބުކުލަ އިތުރުވަމުން ދިޔައެވެ.
މަލަކާ ލަދުން އިންތަން ފެނުމުން ސަނާހް އެހެންވާހަކަ އެއް ފެށިއެވެ. ކުޑައިރު ސްކޫލްގައި ކިޔަވަން އުޅުނު ދުވަސް ވަރުގެ ވާހަކައިން މަލަކާ ހެއްވަމުން ދިޔައެވެ. އެދުވަސްވަރު ދިމާވެފައި ހުރި މަޖާވާހަކަ ތައް ދެމީހުން ހިއްސާކުރަމުން ދިޔައެވެ. ވާހަކައިގެ ތެރެއިން ސަނާހް ބުނަން ބޭނުންވާ އެންމެ މުހިއްމު ވާހަކަ ބުނުމަށްޓަކައި ސަނާހް ތެދުވިއެވެ. “ގެއަށްދަނީތަ؟..” ސަނާހް ތެދުވުމުން މަލަކާ އަހާލިއެވެ. ސަނާހް ކަކޫ ބިއްމަތީ ޖައްސާލުމަށްފަހު އެއްއަތުން މަލަކާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. “ވިލް ޔޫ މެރީ މީ މަލަކާ..” ސަނާހް ދިއްކޮށްލީ ފިނިފެން މަލެކެވެ. އެވަގުތު މަލަކާ ލަދުން ފަރާތް ފަރާތް ބަލާލިއެވެ. ބައެއް މީހުން އެވަގުތު މަލަކާ މެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “މީހުން ބަލަނީ އޭ.. ދެން ސަނާހް ..” މަލަކާ ލަދުން އިސްޖަހާލިއެވެ. “މީ ހަމަ ހަގީގަތް.. އަހަރެން މަލަކާ ދެކެ ވަރަށް ލޯބިވޭ.. ބޭނުން މަލަކާ އާ މެރީކުރަން..” ސަނާހް އަނެއްކައިވެސް ފިނިފެންމާ ދިއްކޮށްލިއެވެ. މަލަކާ ލަދުން ހުރެ މަލުގައި ހިފިއެވެ. އަދި ސަނާހް އަތުގައި ހިފާ ބޭންދިއެވެ. “ތިމަލުގަ ހިފީ، އޭގެ މާނަ އަކީ އާނއެކޭތަ؟..” ސަނާޙް އަހާލިއެވެ. “އާން”.. މަލަކާ ދިނީ ވަރަށް ކުރު އެހެންނަމަވެސް ސަނާހް އެންމެ ބޭނުންވި ޖަވާބެވެ. އެވަގުތު ސަނާހްގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. އިރު އޮއްސުމާ ހަމައަށް ދެން ކުރިއަށްދިޔައީ ދެ ލޯބިވެރިންގެ ލޯބީގެ ވާހަކަ ތަކުގައެވެ. މީގެ އިރުކޮޅެއް ކުރިން އެއީ ދެ އެކުވެރިން ކަމުގައި ވިޔަސް މިހާރު ރައްޓެހިކަން މިވަނީ ލޯތްބައް ބަދަލުވެފައެވެ. އިރު އޮއްސިގެން ދިޔައީ އެހެންދުވަސް ދުވަހާ ހިލާފަށް ދެހިތެއްގެ ހިތަށް އަލިކަމެއް ގެނެސްދީފައެވެ. އޮއްސުނު އިރާއި އެކު މަލަކާ އާއި ސަނާހް ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. މިއަދު މަލަކާގެ އަތުގައި ހިފައިގެން ކުރިއަށް ދާނެ ހަރުދަނާ ބައިވެރިއަކު ލިބިއްޖެއެވެ. މަލަކާގެ ހުވަފެން ހަގީގަތަކަށްވާނީ ސަނާހްގެ މީހަކަށް އަބަދުގެ އަބަދަށް ވީ ދުވަހަކުންނެވެ. އޭރުން އައިމަން އަށް ބައްޕަ އެއް ނޫންކަމުގައި ވިޔަސް ބައްޕައެއްގެ ވެސް ލޯބިދޭނެ މީހަކު ލިބުނީއެވެ. އަދި މަލަކާގެ އެކަނިވެރި ހަޔާތް ފަޅުފިލުވާލަދޭނެ ފިރިއަކުވެސް ލިބުނީއެވެ. މި ހުރިހާ ހުވަފެން ތަކަކާއި އެކު މަލަކާ ގެއަށް ދިޔައީ ވީ އެންމެ އަވަހަކަށް މަލަކާގެ އާއިލާއަށް މިއުފާވެރި ހަބަރު ދިނުމަށް ސަނާހް ކައިރީ ބުނުމަށްފަހުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

އަބަދަށް-23

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 1

Next
June 29, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 1

Previews
June 29, 2025

އަބަދަށް-23



All Right Reserved!