9 – މަލަކާ
ނުވަވަނަ ބައި
އޭގެ ފަސްއަހަރު ފަހެވެ. މަލަކާ ވެސް ކިޔަވާ ނިމުނު ފަހުން ދެ އަހަރު ފާއިތުވެގެން ދިޔައީ އެވެ. ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށްފަހު ރަށު ސްކޫލުން ވަޒީފާ އަށް ވަނެވެ. ކޮއްކޮ އާއި ބައްޕަ ދޫކޮށްލާފައި އިތުރަށް ކިޔެވުމަށް ދާނެ ހިތްވަރެއް މަލަކާ ގެ ނެތީމައެވެ.
ގޭތެރޭގެ ކަންތައް ބަލަހައްޓަމުން ވަޒީފާ އަދާކުރަމުން މަލަކާ އައީ ވަރަށްވެސް ކެތްތެރިކަމާއެކީ ގައެވެ. އައިމަން އާއި އާޒިމްގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ގެވެހި އަންހެން ކުއްޖެއް ފަދައިންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ އަނެއްކާ ވެސް މަލަކާގެ ހަޔާތަށް ހިތާމަވެރި ދުވަސްތަކެއް ގެނެސްދެމުންނެވެ. ފަހަކަށް އައިސް އާޒިމް އަށް ވަމުންދާގޮތް އެންމެ ގާތުން ދެކޭ އެކަކީ މަލަކާއެވެ. އާޒިމް ކިތަންމެ ފޮރުވަން އުޅުނަސް މަލަކާ އަށް އާޒިމްގެ ހާލު ހަމަރަނގަޅަށް ވެސް އެނގެއެވެ.
ދުވަހަކީ އާދައިގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މަލަކާ ސްކޫލަށް ދަނީ އައިމަން ގޮވައިގެން ކަމުން ގޭގައި އުޅެނީ އާޒިމް އެކަންޏެވެ. އަހުސަން ސްކޫލަށް ލާފައި މަލަކާ ގެއަށް އައީ މަލަކާގެ ޑިޔުޓީ ގަޑި އޮތީ މެންދުރު ފަހުން ކަމަށްވާތީއެވެ. ގެއަށް އައިސް ވަދެވުމާއި އެކު މަލަކާގެ ދެލޯބޮޑުވެގެން ދިޔައެވެ. ވެއްޓިފައި އޮތް އާޒިމް ފެނިފައި މަލަކާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އާޒިމްގެ އަނގައިން ފައިބަމުން ދިޔަ ލޭ ތަށް ފެނި މަލަކާ ބޮލަށް އެނބުރުން އަރައިގަތެވެ. އެހެންނަމަވެސް ހިތްވަރު ކޮށްލާފައި އާޒިމް ނެގިއެވެ. ވަރަށް އުނދަގުލުން އާޒިމް ގޮނޑީގައި ބޭންދުމަށްފަހު އަވަސް އަވަހަށް އެންބިއުލާންސަށް ގުޅިއެވެ.
ޑޮކްޓަރުން ބެލުމަށްފަހު އާޒިމް ގެއަށް ފޮނުވާލީ އިތުރަށް ދޭނެ ފަރުވާއެއް ނެތީމައެވެ. އާޒިމްގެ ލެޔަށް ވަނީ ކެންސަރު ޖެހިފައި ކަން ޑޮކްޓަރު ޔަގީން ކޮށްދިނުމާއި އެކު އާޒިމްގެ މޫނު މަތިން އެއްވެސް ކަހަލަ ހިތާމަވެރިކަމެއް މަލަކާ އަކަށް ނުފެނުނެވެ. އާޒިމް ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އެހެންނަމަވެސް އެހިތުގައި އަޅަމުންދާ ވޭން ހަމައެކަނި އެނގޭނެ މީހަކީ އާޒިމް އެވެ. ޑޮކްޓަރ ބުނިގޮތުންނަމަ އާޒިމްގެ ހަޔާތުގައި ދެން މާގިނަ ދުވަހެއް ނެތެވެ. ގިނަ އަދަދަކަށް ބޭސް ތަކެއް ދިނުމަށްފަހު އާޒިމް ގެއަށް ފޮނުވާލީ ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތީމައެވެ.
ގެއަށް އާދެވުމާއި އެކު މަލަކާ އަށް ގިސްލެވެން ފެށުނެވެ. އެހެންކަމުން މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އަދި އެނދަށްވެއްޓި ބާރުބާރަށް ރޯންފެށިއެވެ. އާޒިމްގެ ހާލަކީ ވެސް މިއީއެވެ. ލޯބިވާ ތިން ކުދިން މިދުނިޔެ އަށް ދޫކޮށްލާފައި ދާން ޖެހޭ ދުވަސް އައިސް ކައިރިވާތީ އާޒިމްގެ ހިތަށްވަނީ ވަރަށް އަސަރުކޮށްފައެވެ. މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި އާޒިމްގެ ހިތަށް އަންނަނީ ޒާހިދާގެ ހަނދާންތަކެވެ. ޒާހިދާގެ ހިތްވަރު ގަދަ ކަމެވެ. ޒާހިދާގެ ފޮޓޯ ލޯގަނޑާ މުހާތަބު ކުރަމުން ދިޔައިރު އާޒިމްގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔައެވެ. “ޒާހި ބުނި ފަދައިން ތިން ކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް ވަރަށް މަސައްކަތް ކުރެވިއްޖެ. އެކަމަކު އިތުރަށް އަހަރެންގެ ހަޔާތުގަ ނެތް ދުވަހެއް. އަހަންނަށް މަޢާފް ކުރޭ ޒާހި..” އާޒިމްގެ އަޑު ކުރަކިވެގެން ދިޔައެވެ.
އައިމަން ސްކޫލް ގޭޓް ކައިރީގައި ހުރީ މަލަކާ ބަލާ އަންނަން ދެނެވެ. އެހެންނަމަވެސް މާގިނައިރު ވާން ފެށުމުން ދަބަސް ކޮނޑުގައި އަޅުވައިގެން ގެއާދިމާލަށް ދިއުމަށްޓަކއި ހިނގައި ގަތެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ މުނީރާ މާދުރުން އަންނަތަން ފެނިގެން އައިމަންގެ މިސްރާބު ބަދަލް ކޮށްލިއެވެ. “މާމަ ކޮންތާކަށް ތިދަނީ. މިހާރު ނުވެސް އަންނަމެއްނު”. އައިމަން ޝަކުވާގެ ރާގަކަށް ބުނެލިއެވެ. “އައިމަން އެކަނިތަ ގެއަށްދަނީ..ކޮބާ ދޮންތި.. އާދޭ މާމަ އާ އެކީ ގެއަށްދާން..” މުނީރާ މިހެން ބުނުމަށްފަހު އައިމަން އަތުން ދަބަސް އަތުލިއެވެ. އަދި އައިމަން އަތުގައި ހިފައިގެން ގެއާ ދިމާލަށް ހިނގައިގަތެވެ. އައިމަން އާއި މުނީރާ އަށް ގެއަށް އާދެވެނު އިރު ގޭތެރޭގައި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހީވަނީ ފަޅު ގެ އެއްގެ ތެރެއަށް ވަދެވުނު ހެންނެވެ. އައިމަން ފަހަރަކު ކޮޓަރިއެއް ހުޅުވަމުން ގޮސް އާޒިމްގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އާޒިމް ނިދާފަ އޮތް ހެން ހީވެގެން މަޑުމަޑުން ދޮރު ލެއްޕުމަށްފަހު މަލަކާގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވާލުމާއި އެކު މަލަކާ ދިޔައީ ސިއްސައިގެންނެވެ. މަލަކާގެ ރަތްވެފައިވާ ދެލޯ ފެނުމާއި އެކު އައިމަން ދުވެފައި އައިސް މަލަކާގެ ގައިގައި ބައްދާލިއެވެ. “ދޮންތި ބަލީތަ”. މަލަކާގެ ކަރުނަތައް ފޮހެދެމުން އައިމަން ބުންޏެވެ. އެވަގުތު މުނީރާވެސް އައިސް ކޮޓަރިއަށް ވަންނެވެ. މުނީރާ ފެނުމުން މަލަކާ ގެ ގިސްލުން އިތުރުވިއެވެ. ދުވެފައި ގޮސް މުނީރާގެ އަތުތެރެއަށް ވަދެ ރޯންފެށިއެވެ. ވާނުވާ ނޭނގޭ ހާލުގައި މުނީރާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “ކޮއްކޮ ދޭ ޔުނީފޯމް ބަދަލް ކުރަން .. މާމަ ދޮންތި އާ ވާހަކަ ދައްކާނަން..” މުނީރާ މިހެން ބުނުމުން އައިމަން ނިކުމެގެން ދިޔައެވެ. އައިމަން ދިޔުމުން މަލަކާ އަތުގައި ހިފައިގެން މުނީރާ އެނދުގައި އިށީނެވެ. “ދަރިފުޅާ، ކިހިނެތްވީ.. ވެގެން އުޅޭގޮތެއް ބުނެބަލަ މާމަ ކައިރީގަ..”. މަލަކާގެ ބޮލުގައި ފިރުމާލަމުން މުނީރާ ބުންޏެވެ. “ބައްޕަ…” މަލަކާ އަށް ރޮވޭވަރުން ވާހަކަ އެއްވެސް ނުދެއްކުނެވެ. މަލަކާ ބުނަން އުޅެނީ އާޒިމްގެ ވާހަކަކަން އެނގުމުން މުނީރާ އިތުރަށް ހާސްވިއެވެ. “ބައްޕަ ކިހިނެތްވީ ދަރިފުޅާ.. ބައްޕަ ބަލިވީތަ..”މުނީރާ ސުވާލްކުރަން ފެށިއެވެ. “ބައްޕަ އަށް ކެންސަރު ޖެހިފަ..” މަލަކާ އަށް މިހެން ބުނެވުމާއި އެކު މުނީރާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އާޒިމް އާ ދޭތެރޭގައި ވިސްނި ވަރަކަށް މުނީރާ ދިޔައީ ހާސްވަމުންނެވެ. މަލަކާ އަށް ވަރަށް ވިސްނައި ދިނުމަށްފަހު އާޒިމް ކައިރިއަށް ދިޔުމަށްޓަކައި ތެދުވިއެވެ. ކަރުނަތަށް އަތުގެ ނުފުށުން ފުހެލުމަށްފަހު އާޒިމް ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ކޮޓަރި ހުރީ ތަޅު ލާފައެވެ. ދޮރުގައި ދެތިން ފަހަރު ޖަހާލުމުންވެސް އެތެރެއިން އެއްވެސް ހަބަރެއް ނުވިއެވެ. މުނީރާ އިތުރަށް ހާސްވިއެވެ. އަދި އާޒިމް އަށް ގޮވަން ފެށިއެވެ. މުނީރާ ގޮވާ އަޑަށް ޖެހިގެން ހުރި ކޮޓަރީގައި ހުރި އައިމަން އައިސް މުނީރާ ކައިރީގައި ހުއްޓުނެވެ. “ބައްޕަ ނިދަނީ ހެން ހީވަނީ…” އައިމަން މިހެން ބުނުމަށްފަހު ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް މުނީރާ އަތަށް ދިނެވެ. ތުރުތުރު އަޅާ ހާލު މުނީރާ ތަޅުދަނޑި ފަތިން ދޮރު ހުޅުވިއެވެ. އެނދުމަތީގައި ބަންޑުން އޮތް އާޒިމް ފެނުމުން މުނީރާ ކޮޓަރި ތެރެއަށް ވަނެވެ. އާޒިމް އޮތީ ނިދާފައިތޯ ޔަގީން ކުރުމުގެ ގޮތުން މުނީރާ އާޒިމް އަށް ދެފަހަރަކު ގޮވާލިއެވެ. އެހެންނަމަވެސް އާޒިމްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އާޒިމް އޮތް އެނދުގެ ބޯލާކޮޅަށް ގޮސް މުނީރާ ބަލާލިއެވެ. އެއާއި އެކު މުނީރާ އަޑުން އަޑު ނަގާ ރޯންފެށިއެވެ. “އާޒިމް…” މުނީރާ އަރި އަޅާލައިގެން ވެއްޓުނެވެ. ވާނުވާ ނެނގިފައި އައިމަން ދޮރުމަތީގައި ހުއްޓެވެ. މުނީރާ ވެއްޓޭތަން ފެނުމުން ދުވެފައި ގޮސް މުނީރާ ކައިރިއަށް އައެވެ. އެވަގުތު އެނދުގައި އޮތް އާޒިމް ގެ އަނގައިން ފައިބައިފައި ހުރި ލޭތަށް އައިމަން އަށް ފެނުނެވެ. އައިމަން އަށް އަދިވެސް ވެގެން އުޅޭގޮތެއް ނޭނގުނެވެ. އެއަށްވުރެ އައިމަން މާ ޅައެވެ. އެއްފަހަރު މުނީރާ އަށް ގޮވަމުން އަނެއްފަހަރު އާޒިމް އަށް ގޮވަމުން ދިޔައިރު އައިމަން ގެ ލޮލުންވެސް ކަރުނަފައި ބަމުން ދިޔައެވެ. އަހުސަން ދުވެފައި ގޮސް މަލަކާ ގެ ކޮޓަރިއަށް ވަނެވެ.
އައިމަން ކުއްލިއަކަށް ފެނުމުން މަލަކާ ދިޔައީ ސިއްސައިގެންނެވެ. މާނޭވާ ލެވިލެވި ހުރި އައިމަން އަށް އަނގައިން ނުބުނެވިގެން އުޅެނިކޮށް މަލަކާގެ ސުވާލުފަތި އަމުނާލިއެވެ. “ކޮއްކޮ ކިހިނެތްވީ.. އަނެއްކާ ބައްޕަ އަށް ކަމެއްވީތަ؟ މާމަ އަށް ކަމެއްވީތަ؟.. އަވަހަށް ބުނެބަލަ އައިކޮއްކޯ؟.. ” މަލަކާ ގެ ސުވާލުތަކުން އައިމަން އަށް އިތުރު ހާސްކަމެއް ލިބެމުން ދިޔައެވެ. އަނގައިން އެއްވެސް ބަހެއް ބޭރެއްނުވިއެވެ. އެންމެފަހުން މަލަކާ އަތުގައި ހިފައިގެން ކޮޓަރިންނިކުތެވެ. އަދި އާޒިމްގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އެހިނދު ތެޅިތެޅި އޮތް ހިތަކާއެކީ މަލަކާ ގޮސް ބައްޕަގެ ކޮޓަރިއަށް ވަނެވެ. ވެއްޓިފައިވާ މުނީރާ އާއި އެނދުމަތީގައި ލެޔާ ތަތްތެޅިފައި އޮތް އާޒިމް ފެނުމުން މަލަކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މީހާ ރޫރޫ އަޅައިގެން ދިޔައެވެ. ދުވެފައި ގޮސް އާޒިމް އަށް ގޮވަން ފެށިއެވެ. އެހެންނަމަވެސް ވަގުތުވަނީ ފާއިތުވެ ގޮސްފައެވެ. ދެން ކިތަންމެ ވަރަކަށް ގޮވިއަސް އާޒިމް މިދުނިޔެ އަކަށް ނާންނާނެއެވެ. އާޒިމްގެ އެ ދެލޯ ދެން މިދުނިޔެ ޓަކައި ނުހުޅުވޭނެއެވެ. އަބަދުގެ އަބަދަށް މިދުނިޔެ ދޫކޮށް ދިޔައީ އެވެ. “އިންނާލިއްﷲ ވައިންނާ އިލައިހި ރާޖިޢޫން”.. މަލަކާގެ އަނގައިން ބޭރުވީ ހަމަ އެކަނި މިހެންނެވެ. “އައި ކޮއްކޮ ދޭ ކާފަ ގެއަށް ގޮސް ކާފަ ގޮވައިގެން އަންނަން އަވަހަށް..” ރޮވެމުން ކަހަލަ ގޮތަކަށް މަލަކާ މިހެން ބުނުމުން ވައިސޫރި އެއްފަދައިން އައިމަން ދުވެފައި ދިޔައީ ކާފަ ބަލައެވެ. މުނީރާ ހޭ އެރުވޭތޯ މަލަކާ މަސައްކަތް ކުރަމުން ދިޔައެވެ. މުނީރާގެ މޫނުގައި ފެން ހާކަމުން ދިޔައިރު މަލަކާގެ ގިސްލުމުގެ އަޑުން އެ ހަމަހިމޭން ކޮޓަރިވަނީ ގުގުމާލާފައެވެ. މަލަކާގެ ވަރަށް މަސައްކަތުން މުނީރާ ހޭ އެރިއެވެ. ހަމަހޭ އެރުމާއި އެކު އަޑުން އަޑު ނަގާ ރޯންފަށައިފިއެވެ. “މަގޭ ދަރިފުޅު.. މަންމަ ދޫކޮށްފަ އެދިޔައީ.. ” މަލަކާ ގެ ގައިގައި ބައްދާލައިގެން އޮވެ މުނީރާވެސް ގިސްލަމުން ދިޔައެވެ. އިރުކޮޅެއްނުވެ ތެޅެމުން ފޮޅެމުން އައިމަން ވެސް ކާފަ ގޮވައިގެން ގެއަށް އަތުވެއްޖެއެވެ. ގެއަށް އާދެވުނު އިރުވެސް ހަސަންމަނިކަށް ވެގެން އުޅޭގޮތެއް އައިމަންގެ ކިބައިން އޮޅުން ފިލާވަރެއްނުވިއެވެ.
ހަސަންމަނިކު ދުވަމުން ކަހަލަގޮތަކަށް އައިމަންގެ ފަހަތުން އައިސް އާޒިމް އުޅޭ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަން އިރު މަލަކާ އާއި މުނީރާ އަޑުން އަޑު ނަގާ ރޮނީއެވެ. ބަންޑުން އެނދުމަތީގައި އާޒިމް އޮތް އިރު އާޒިމްގެ މޫނާ ދިމާވަނީ ލެއިން ފުރިފައެވެ. ވީގޮތެއް ނޭނގިފައި ހަސަންމަނިކު ގޮސް އާޒިމް އަނެއްފަރާތަށް އަނބުރާލިއެވެ. އާޒިމްގެ ގައިގައި ހަމައެއްވެސް ކަމެއްނެތެވެ. ހަސަންމަނިކު މޫނުގައި އަތްއަޅާލިއެވެ. އެހެންނަމަވެސް މިވަގުތަކީ ކެތްތެރިވުމުގެ ވަގުތެވެ. ރޯންވީ ވަގުތެއްނޫނެވެ. ކޮންމެ މީހަކީވެސް މިދުނިޔެ އާއި އަލްވަދާޢު ކިޔާނޭ މީހެކެވެ. އެމީހެއްގެ އަޖަލު ޖެހުމުން އެމީހަކު ދާންޖެހޭނެއެވެ. އާޒިމް ވެސް މިދުނިޔެ ދޫކޮށް އެދިޔައީ އެވެ. މާތް ﷲގެ ހަޟްރަތަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

