8 – މަލަކާ
އަށްވަނަ ބައި
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ ބާރުމިނެއްގައެވެ. ކިޔެވުމުގެ ދުވަސްތައް ފަހަނައަޅާގޮސް އިންތިޒާރުގެ ދުވަސްތައް ގުނަންފެށިއްޖެއެވެ. އަހުސަން އިންތިޒާރުކުރަމުން އައި ވަގުތު ޖެހިއްޖެއެވެ. ސްކޫލް ހޯލްތެރޭގައި އަހުސަން އެއްކޮޅުން އަނެއްކޮޅަށް ހިނގަމުން ދިޔައިރު މީހާ ވަނީ ހިތްއަވަސް ވެފައެވެ. ނަތީޖާ ނަގަން ސްކޫލަށް އައިސް ތިބި ކުދިންގެ ތެރެއިންވެސް އަހުސަން ފެންނަމުން ދަނީ މުޅިން ތަފާތުގޮތަކަށެވެ. ނަތީޖާ ނަގައިގެން ނިކުމެގެންދާ ކުދިންގެ މޫނުމަތިން ފެންނަމުން ދާ ކުލަވަރުގެ ސަބަބުން އަހުސަންގެ ހިތަށްވެސް ވަނީ ހާސްކަމެއްވެރިކުރުވާފައެވެ. އެއްބައިކުދިން ނަތީޖާ ހިފައިގެން ދަނީ މޮޅިވެރި މޫނަކާ އެކުގައެވެ. އަނެއްބައިކުދިންގެ މޫނުމަތީގައި ވަނީ ހިނިތުން ވުމުގެ އަސަރެވެ. އަހުސަންގެ ނަން ގޮވާލުމާއި އެކު ބާރުބާރަށް އޮފީސްތެރެއަށް ވަނެވެ. މަޑުމައިތިރިކަމާއެކީ ގޮސް ގޮނޑީގައި ހަމަޖެހިލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “ހާދަ ހާސްވެފައިން ހެން ހީވެޔޭ” ޕްރިންސިޕަލް މިހެން ބުނުމުން އަހުސަން ހަމަޖެހޭގޮތް ދެއްކިނަމަވެސް އަހުސަން ގެ ހިތް އަދިވެސް ބާރުބާރަށް ތެޅެއެވެ. ބަންދުކޮށްފައިވާ ސިޓީއުރަ ނަގާ އަހުސަން އަށް ދިއްކޮށްލަމުން ޕްރިންސިޕަލް ހީލިއެވެ. އަހުސަން އަވަސް އަވަހަށް ސިޓީއުރަ ކަނޑާލިއެވެ. މާކްސް ޝީޓް ފެނުމާއި އެކު އަހުސަންގެ މޫނުމަތީގައިވާ ކުލަވަރު އަލިވެގެން ދިޔައެވެ. “ކޮންގްރާޖްލޭޝަންސް އަހުސަން. އަހުސަން އަށް ލިބުނު މާކްސް އަހަރެމެން ވަރަށް ކުރިން ބަލާފައިވާނީ. ސްކޫލުންވެސް އަހުސަން އަށް ލިބުނީ އެއްވަނަ. އަދި ރާއްޖެއިން އަހުސަން އަށް ވަނީ ދެވަނަ ލިބިފައި” ޕްރިންސިޕަލް މިހެން ބުނުމުން އަހުސަން އަށް ލިބުން އުފާވެރިކަން ދެގުނައަށް އިތުރުވިއެވެ. ބުނާނެ އެއްޗެއް ނޭނގި ހުރުމަށްފަހު ޕްރިންސިޕަލް އާ ސަލާމް ކުރިއެވެ. އަދި އަވަސް އަވަހަށް ގެއަށްދިއުމަށްޓަކއި ހިނގައިގަތެވެ.
މެންދުރުގެ އެންމެ އަވިގަދަ ގަޑިކަމުން މަލަކާ އާއި އައިމަން ތިބީ ގޭގެ ފެންޑާގައި ބަހައްޓާފައި ހުރި އުނދޯލީގައެވެ. އާޒިމް އުޅެނީ ގޭގެ ކުޑަމަސައްކަތެއް ކުރުމުގައެވެ. އެވަގުތު އުފަލުން ދުވަމުން އަހުސަން އައިސް އާޒިމްގެ ކުރިމައްޗަށް ހުއްޓުމަށްފަހު އަތުގައި އޮތް ކަރުދާސް ތައް އާޒިމްއަށް ދިއްކޮށްލިއެވެ. “ދަރިފުޅު ނަތީޖާ ނަގައިގެންދޯ ތިއައީ” އާޒިމް މާކްސް ޝީޓަށް ބަލައިލިއެވެ. އެހިނދު އާޒިމްގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. މިކަރުނަ އަކީ އުފާވެރިކަމުގެ ކަރުނައެވެ. ޒާހިދާގެ އުންމީދުތަކުގެ ތެރެއިން އެއް އުންމީދު ފުރިހަމަވި ކަމުގެ އިހުސާސް އާޒިމްއަށް ކުރެވުނެވެ. އެހިނދު މާތް ރަސްކަލާނގެ ކިބައަށް ހަމްދުކުރިއެވެ. “މަރުހަބާ ދަރިފުޅާ، ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. ” އާޒިމް އުފަލުން އަހުސަންގެ ގައިގައި ބައްދާލިއެވެ. އެވަގުތު އުނދޯލީގައި އިން މަލަކާގެ ލޮލުންވެސް ކަރުނަ އައެވެ. ކިހާ އުފާވެރި އާއިލާ އެއް ހެއްޔެވެ. މަލަކާ ހިތާހިތުން ކިޔާލިއެވެ. “ދޮންބެ ކޮބާ ޗޮކްލެޓް”. އެވަގުތު އައިމަން އައިސް އަހުސަންގެ ގައިގައި އޮޅުލައިގަންނަމުން ބުންޏެވެ. “ހޫމް، ޗޮކްލެޓްވެސް އޮންނާނެ. އާދޭ”. އައިމަން ގޮވައިގެން އަހުސަން ބޭރަށް ނިކުތެވެ. އެހިނދު އުނދޯލީގައި ހެއްލަ ހެއްލާ އިން މަލަކާ އަށް އާޒިމް ބަލާލިއެވެ. “ދަރިފުޅާ ކިހިނެތްވެފަ ތިއިނީ. ދަރިފުޅު ނުކާނަންތަ ޗޮކްލެޓެއް”. އާޒިމް އުނދޯލިކައިރިއަށް އައިސް ހުއްޓިލަމުން ބުނެލިއެވެ. “އަޅުގަނޑު މިހާރު ބޮޑު ކުއްޖެކޭ. ޗޮކްލެޓް ކާވަރަށް ވުރެ”. މަލަކާ ލަދުގަތެވެ. ބައްޕަ ކައިރީގައި މިހާރު މަލަކާ އެއްޗެކޭ ބުނަން ލަދުގަންނަނީ ކީއްވެގެން ކަމެއް މަލަކާ އަކަށް ނުވިސްނުނެވެ. އެކަމަކު އާޒިމް އަށް މިކަން ފާހަގަ ކުރެވުނެވެ. އަދި އެއީ ކީއްވެގެން ކަންވެސް އާޒިމްއަށް އެނގެއެވެ. މިއީ ކޮންމެ އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ ދުވަސް ވަރެއްކަން އާޒިމް އަށް ވިސްނުނެވެ. އެހެންނަމަވެސް އާޒިމްގެ ދެލޯފަދަ ތިންކުދިން އާޒިމް މިދުނިޔޭގައި ހުރިހާ ދުވަހަކު އުފަލުގައި ބެލުމަށް އަދި އެކުދިންނަށް ލޯބި ދިނުމަށް އާޒިމް ވަނީ ވައުދުވެފައެވެ. . . . . . . . . . . .
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. އަހުސަން ކިޔެވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެނިމިފައެވެ. ފުރަން ދެދުވަހަށް ވެފައިވާ އިރު އެންމެންގެ މޫނު މަތިންވެސް ފެންނަނީ ހިތާމައިގެ ކުލަވަރެވެ. މިހާތަނަށް އައި އިރު އާއިލާގެ މެމްބަރަކު ވަކިވެފައެއް ނުވެއެވެ. އަހުސަން ދާތީ މިކަމާ އެންމެ ހިތާމަ ކުރާ އެކަކީ އަހުސަންދެކެ އެންމެ ލޯބިވާ އައިމަންއެވެ. ހުރިހާ ވަގުތެއްގަވެސް އަހުސަން އާއި އެކީ ހޭދަކުރާ އައިމަންގެ މޫނުމަތީގައިވަނީ ހިތާމައިގެ ކުލަވަރެވެ. ކުޑަ ނަމަވެސް ގިނަ ފަހަރަށް ވާހަކަ ދައްކާއިރު އައިމަން ހީވަނީ އައިމަންގެ އުމުރުފުރާ އަށްވުރެ ދެތިން އަހަރު ދޮށީ ކުއްޖަކު ވާހަކަ ދައްކާ ހެންނެވެ.
ދުވަހަކީ ހުކުރު ދުވަސްކަމުން މަލަކާ އުޅެނީ ހުކުރުން އަންނަން ވާއިރަށް ކާއެއްޗެއް ތައްޔާރުކޮށްލެވޭތޯއެވެ. ބަދިގޭގައި އެކަނިމާ އެކަނި ހަލަބޮލިވެގެން އުޅެނިކޮށް ގެއަށް އައިސް ވަނީ މުނީރާއެވެ. “ދަރިފުޅު މިހާރު ހާދަ ފައްކަލޭދޯ. މާމަ ނަޔަސް މިހާރު ދަރިފުޅު ހުރިހާ ކަމެއް ކުރަނީ ވިއްޔަ”. ބަތްތަވާ ހަލާލަމުން މުނީރާ ބުންޏެވެ. “ކާކު ތަ ދަސްކޮށްދިނީ. “. މަލަކާ ހިނިތުންވެލިއެވެ. “ގެނޭ މާމަ ވެސް އެހީތެރިވާނަން. މިހާރު ބައްޕަ މެން ހުކުރުން އަންނަ ގަޑި ކައިރިވަނީނު”. މަލަކާ އަށް އަތް ގާތް ކޮށްދިނުމުގައި މުނީރާވެސް އަވަދިނެތި އުޅުނެވެ.
ބަނޑުހައިވެފައި ހުރި ވަރުން ހުކުރުން އައި ގޮތަށް އަހުސަން އައީ ކާކޮޓަރިއަށެވެ. “މަލަކާ ކޮއްކޯ. ވަރަށް ބަނޑުހައި. ” ގޮނޑިގައި ހަމަޖެހިލަމުން އަހުސަން ބުންޏެވެ. “އެއްކަލަ ދޮންބެ. އަބަދުވެސް ހުންނާނީ ބަނޑުހައިވެފަ. ދެން މަޑުކުރޭ ބައްޕަ އަންނަންދެން”. މަލަކާ މިހެން ބުނި އިރު އާޒިމް އާއި އައިމަންވެސް އައިސް ކާކޮޓަރިއަށް ވަންނަނީ އެވެ. “މިއޮތް އައީ އެންނު މިގޭ ސުޕަމޭން”. އައިމަން އާ ދިމާކޮށްލަމުން އަހުސަން ހިނިތުންވެލިއެވެ. އައިމަންގެ މަޖާ ވާހަކަތަކުން އެންމެންގެ މޫނުމަތިން އަބަދުވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އެންމެން ކާންފެށުމާއި އެކު އާޒިމް ވާހަކަ ދައްކަންފެށިއެވެ. “ދަރިފުޅާ، ދަރިފުޅު ފުރުމުގެ ހުރިހާ ކަމެއް ނިމުނީތަ މިހާރު”. އާޒިމް ފެށި ވާހަކަ އަކުން މުޅި މާހައުލުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “ލައްބަ ބައްޕާ، ހުރިހާ ކަމެއް ނިމިއްޖެ. ދެން ހަމަ ފުރަންވީ އާދިއްތަ ދުވަހުން”. އަހުސަން އަށް މިހެން ބުނެވުނު އިރު އިނީ ފެންކަޅިވެފައެވެ. “ދޮންބެ ދެން ނުވާނެ ހަނދާނެއް ދިޔައީ މަ”. އަހުސަން އާ ދިމާލަށް ބަލާލަމުން މަލަކާ ބުންޏެވެ. “ނޫނޭ ކޮއްކޯ، ދޮންބެ އަބަދުވެސް ހަނދާންވާނެ. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. ” އައިމަން ގެނެސް ބައްދާލަމުން އަހުސަން ބުންޏެވެ. ކައިނިމިގެން ދިޔައީ މިފަދަ ވާހަކަތަކެއްގައެވެ.
ސިކުންތު ގަޑިއަށް، ގަޑި ދުވަސްތަކަށް ބަދަލް ވެގެން ދިޔަ ގޮތެއްވެސް ނޭނގެއެވެ. އާދިއްތަ ދުވަހަށް އިރު އެރީ އަހުސަން ގެ ހަޔާތަށް އަނެއްކައިވެސް އައު ސަފުހާތަކެއް ހުޅުވިގެންނެވެ. ދުވަހަކީ އުޑުމަތި ސާފް ދުވަހެއް ނަމަވެސް އެދުވަހަކީ އަހުސަންގެ ހަޔާތުގައި އައި އެންމެ ބަނަ އެއްދުވަހެވެ. އާއިލާ އާއި ވަކިން ތާކަށް ދާން ޖެހޭކަމުގެ ހިތި ތަޖުރިބާ ލިބިގަންނަ ދުވަހެވެ. ފޮއްޓަށް އެއްޗެހި އެޅުމަށްފަހު އެންމެ ފަހުން ޒާހިދާގެ ފޮޓޯ ގަނޑުގައި ބޮސްދިނެވެ. އަދި ދަބަހައްލާ ޒިބު އަޅުވާލިއެވެ. ދަބަސް ހިފައިގެން ކޮޓަރިން ނިކުތް އިރު އެންމެން ތިބީ އަހުސަންގެ އިންތިޒާރުގައެވެ. އަހުސަން ފެނުމާއި އެކު އައިމަން އައިސް އަހުސަންގެ ގައިގައި ބައްދާގަތެވެ. އެވަގުތު އަހުސަންގެ ލޮލުން ކަރުނަ ފައިބައިގަތެވެ. “ދޮންބެ ނުދޭ އައިކޮ ދޫކޮށްފަ. ކޮއްކޮ ވަރަށް ފޫހިވާނެ”. އައިމަން ގިސްލާން ފެށިއެވެ. އެވަގުތު މަލަކާ އައިސް އައިމަން އުރާލިއެވެ.” ދޮންބެ އަންނާނޭ ވަރަށް އަވަހަށް. އެހެންނޫނަސް ދޮންތި ވެސް މިހުރީނު. ބައްޕަ ވެސް ހުރީނު. ” އައިމަން ހަމަޔަކަށް އެޅުވޭތޯ މަލަކާ މަސައްކަތް ކުރަމުން ދިޔައެވެ. ފުރުމަށްޓަކައި ބަނދަރަށް ދެވުނު އިރު ބަނދަރުގައި އަހުސަން އާއި އެކީ އެއްކުލާހެއްގައި ކިޔެވި ބައެއްކުދިންނާއި ރައްޓެހި ކުދިން އައިސް ތިއްބެވެ. ފަހަރަކު ކުއްޖަކާ ސަލާމް ކުރުމަށްފަހު އެންމެ ފަހުން އާއިލާ މީހުންނާ ސަލާމް ކުރަންފެށިއެވެ. އަދި އާޒިމް ކުރިމައްޗަށް ހުއްޓުމަށްފަހު އާޒިމްގެ ގައިގައި ބައްދާލިއެވެ. “ބައްޕާ، އަހަރެން ވަރަށް ހަނދާން ވާނެ. ބައްޕަ ގުޅައްޗޭ ކޮންމެ ދުވަހަކުވެސް”. ދެބަފައިންނަށްވެސް ރޮވިއްޖެއެވެ. އެހެންނަމަވެސް އަހުސަން ދާ ގަޑި އައިސް ޖެހިއްޖެއެވެ. އެންމެ ފަހުން އަހުސަން އައިސް އައިމަން އުރާލިއެވެ. “ދޮންތި އާއި ބައްޕަ ގެ ބަސް އަހާ މޮޅު ކުއްޖަކަށް ވާތި. “. މިހެން ބުނުމަށްފަހު އައިމަންގެ ކޮލަށް ބޮސްދިނެވެ. އަދި މަލަކާ އާއި ސަލާމް ކުރިއެވެ. ” މަލަކާ ކޮއްކޮ ވެސް ބަސް އަހައިގެން ކިޔަވާ މޮޅު ކުއްޖަކަށް ވާތި. ދޮންބެ ދެން ދަނީ”. އެންމެ ފަހުގެ ސަލާމް ކުރުމަށްފަހު އަހުސަން ލޯންޗަށް އެރިއެވެ. ލޯންޗް ނައްޓާލުމާއި އެކު އައިމަން ރޯން ފެށިއެވެ. އެންމެންގެ ލޯމަތިން އަހުސަން ގެއްލުނީއެވެ.، އެހެންނަމަވެސް ހިތްތަކުގައި އަބަދުވެސް އަހުސަން ވާނެއެވެ. ލޯންޗް ގޮސް އޮބާލުމާއި އެކު ގެއާ ދިމާލަށް ދިއުމަށްޓަކައި އެންމެން ހިނގައިގަތެވެ.
އަހުސަން ފުރައިގެން ދިޔަފަހުން ގޭތެރެއަށް ވެރިވެފައިވަނީ ވަރަށް ވެސް ހަމަހިމޭންކަމެވެ. ފޫހިކަމެވެ. މަޖާ ކޮށް ސަކަރާތްޖަހާ މީހަކު ނެތުމުން ގޭތެރެވަނީ ފަޅުވެފައެވެ. މިގޮތުގައި ދުވަސްތައްފާއިތުވަމުން ދެއެވެ. މާލެ ދިޔަތާ ދެތިން ދުވަސްތެރޭގައި އަހުސަން ވެސް ކިޔެވުމަށްޓަކައި އޮސްޓްރޭލިޔާ އަށް ފުރިއެވެ. އާ ބަޔަކާ އެކު އާ މާހައުލަކަށް، އާ ކަންތައްތަކެއް ތަޖުރިބާ ކުރެވޭތީ އަހުސަން ހުރީ ވަރަށް އުފާވެފައެވެ. އެހެންނަމަވެސް އާއިލާ މަތިން ހިނދުކޮޅަކަށްވެސް ހަނދާނެއް ނުނެތެއެވެ. ވަގުތެއްވާ ކޮންމެ ފަހަރަކު ގެއަށް ގުޅާ ހަދައެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

