7 – މަލަކާ
ހަތްވަނަ ބައި
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެހިތާމަވެރި ދުވަސްތައް ވެސް މަޑުމަޑުން ނެތެމުން ގޮސް އެންމެންވެސް ހަމަޔަކަށް އެޅިއްޖެއެވެ. ޒާހިދާ ނިޔާވިފަހުން މިހާރު އަށްއަހަރު ފާއިތުވެގެން ދިޔައީ އެވެ. އެހެންނަމަވެސް ޒާހިދާގެ ހަނދާންތައް އާޒިމްގެ ހިތުން ފިލައިގެންނުދެއެވެ. އެހަނދާންތައް އަބަދުވެސް އާވެއާވެ ހުރެއެވެ. އާޒިމް ތިންކުދިން ބަލަމުން ގެންދިޔައީ ކެތްތެރިކަމާއެކީ ގައެވެ. ލޯބިވާ ތިން ކުދިންގެ މަންމަގެ ހައްގުގައެވެ. އެކުދިންނަށް ޓަކައެވެ.
ފުރާވަރަށް އަޅަމުން އައި އިރު މަލަކާ ހީވަނީ މަލަކާގެ މަންމަ ހެންނެވެ. އެއްވެސް ތަފާތެއްނެތެވެ. ހަމަ އެދެލޮލެވެ. އެ ބުޅި އިސްތަށިގަނޑާއި އެ ދޮންކަމެވެ. މަލަކާގެ އުޅުމުންވެސް ފެންނަނީ ޒާހިދާގެ އެ ހީވާގިކަމެވެ. ޒާހިދާ ނިޔާވިފަހުން މަލަކާ ވަނީ އަމިއްލަ އަށް އުޅެން ދަސްކޮށްފައެވެ. މާމަގެ އެހީތެރިކަމާއެކީ ގޭތެރޭގެ ކުދި ކުދި މަސައްކަތްތައް ކުރަމުން އައިސް ފުރާވަރަށް އެޅިއިރު މަލަކާއަށް ކުރަންނޭނގޭ ކަމެއްނެތެވެ. މާމަ އަށް އެއްވެސް ކަމެއްނުޖައްސާ އަހުސަން އާއި ބައްޕަގެ ހުރިހާ ކަމެއް ކޮށްދެއެވެ. އަދި ކޮއްކޮގެ ޒިންމާވެސް ނަގަނީ ޙުދު މަލަކާ އަމިއްލައަށެވެ. ސްކޫލަށް ދާ ގަޑިތަކުގައި ގޭގެ ކަންތަކުގައި އުޅެނީ އާޒިމްއެވެ. އާޒިމްގެ ދެ އަންހެން ކޮއްކޮވެސް ކިޔަވާ ނިމިގެން ރަށަށް ބަދަލްވިފަހުން މިހާރު ފަސްވަރަކަށް އަހަރުވެދާނެއެވެ. އެދެކުދިންވެސް މީހާކާ އިނދެގެން އުޅެނީ އަމިއްލަ ގޭގައެވެ. ދޮށީ ކުއްޖާއަށް ދަރިއަކު ލިބުމުން މުނީރާވެސް ގެއަށް ބަދަލުވި ނަމަވެސް މަދުމަދުން ނަމަވެސް އާޒިމްގެ ކުދިންގެ ކައިރިއަށް ވެސް ދެއެވެ.
ދުވަސްތައް ފާއިތުވެގެން ދަނީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. އެކިދުވަހު އެކިދަޅަ ދައްކަމުންނެވެ. ދުވަހަކީ އިރުވައި މޫސުންގެ ތެރެއިން ފާހަގަކޮށްލެވޭ ރީތި ދުވަހެކެވެ. ބަންދު ދުވަހެއްކަމުން މަލަކާ އުޅުނީ ދޮވެފައި ހުރި އެއްޗެހިތައް އިސްތިރި ކުރުމުގައެވެ. އޭރު އައިމަން ގޮވައިގެން އަހުސަން އުޅެނީ ގޭތެރޭގައި ހުރި މަސްޓޭންކަން ކާނާ އެޅުމުގައެވެ. އާޒިމް ވީ މަހަށް ގޮސް ކަމުން ބައްޕަ މަހުން އަންނަން ވާއިރަށް ގޭގެ ކަންތަކުގައި މަލަކާ އަވަދިނެތި އުޅެމުން ދިޔައެވެ. “އައްސަލާމް އަލައިކުން” މީހަކު ސަލާމް ގޮވާ އަޑު އިވުމުން މަލަކާ ކުރަމުން އައި މަސައްކަތް ބެހެއްޓުމަށްފަހު ދޮރާދިމާލަށް ހިނގައިގަތެވެ.”ވަޢަލަޔަކުމުއް ސަލާމް”. މަލަކާ ސަލާމް ބަލައިގަތެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރީ އަރީޝް އެވެ. މަލަކާގެ ކުލާސް ކުއްޖެކެވެ. “ފޮތް ހިފައިގެން ދޯ ތިއައީ”. މަލަކާ މިހެން ބުނުމުން އަރީޝް ބޯޖަހާލިއެވެ. އަދި ފޮތް ހަވާލުކުރަމުން ޝުކުރު އަދާކުރިއެވެ. އެއަށްފަހު އަވަސްއަވަހަށް ނިކުމެގެން ގޮސް އޮބާލައިފިއެވެ. މަލަކާ އަށް ފޮތް ލިބުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުލޮށްލިއެވެ. އެއީ އާދިއްތަ ދުވަހަކީ އެ މާއްދާއިން ޓެސްޓް އޮންނަ ދުވަސްކަމަށްވާތީ ދަސްކުރަންޖެހޭ އެތަކެއް ނޯޓްސް އެއް އެފޮތުގައި ވާތީއެވެ. ފޮތް މޭޒްމަތީގައި ބެހެއްޓުމަށްފަހު މަލަކާގެ މަސައްކަތާއި ގެން ކުރިޔަށް ދިޔައެވެ.
އިރު އޮއްސެމުން އައި ވަގުތު އިރު ހީވަނީ ރަން ބޯޅައެއްހެންނެވެ. އިރުގެ ދޯދިތަކުން ކަނޑުގެ ލޮނުގަނޑު ބަބުޅަމުން ދިޔައިރު ދޫނި ސޫފާސޫފި އެސޮރުމެންގެ ހާލިތަކަށް މިސްރާބު ޖަހަމުން ދިޔައެވެ. ޖެހޭފިނި ވައިރޯޅި ތައް ހަންގަނޑުގައި ބީހިލާއިރު ހިތަށް ލިބޭ ފިނިކަން ބުނެދޭން ވެސް ނޭނގެއެވެ. މިހިތްގައިމު ވަގުތު އުދަރެހާ ދިމާލަށްބަލަހައްޓައިގެން އަހުސަން އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. ކިޔެވުމުގެ އެންމެ ފަހު ހަރުފަތަށް ގުނަމުން ދާއިރު އަހުސަން ބޭނުންވަނީ އިތުރަށް ކިޔެވުމަށްޓަކައި ރާއްޖޭން ބޭރަށް ދާށެވެ. އެހެންނަމަވެސް މަލަކާ އާއި އައިމަން ދޫކޮށް ދާން ޖެހޭތީ އެކަމާ ފިކުރުބޮޑުވަނީ އެވެ. ހުވަފެނީ ދުނިޔޭގައިވާ އަހުސަން އަށް ހޭވެރިކަން ވީ ކޮނޑުގައި އައިމަން އެލިގަތުމުންނެވެ.”ދޮންބެ ހިނގާ ގެއަށްދާން. މިހާރު ޑެޑީ ވެސް ދުރުވާނެ”. އައިމަން ގޮވައިގެން އަހުސަން ގެއަށް ދާން ހިނގައިގަތީ އަހުސަންގެ ޙިޔާލުކުރަމުން އައި ކަންތައް ބައްޕަ އަށް ހިއްސާކޮށްލުމަށް ނިންމައިގެންނެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެންމެސް ވެސް ތިބީ ހަމަހިމޭނެވެފައެވެ. އެހެންދުވަސް ދުވަހާ ޙިލާފަށް އަހުސަން މިރޭ އިނީ ވަރަށް ސީރިއަސް ވެފައެވެ. ކޮންމެ ރެއެއްގެ ކާގަޑީގައި އެކިވާހަކަތަކުގައި މަޖާވެފައި އިންނަ އަހުސަން މިރޭ ބަހެއްވެސް ނުބުނެ އިނުމުން އެންމެން އަހުސަން އަށް ބަލަން ފެށިއެވެ. “ދޮންބެ މިރޭ ކިހިނެތްވެފަބާ އެއިނީ” އައިމަންގެ ގައިގައި ކޮއްޓާލަމުން މަލަކާ ބުންޏެވެ. އަނގަގަދަ އައިމަން އަކަށް މަޑަކުން ނުހުރެވުނެވެ. ދޮންބެ ކިހިނެތްވެފަހޯ ދޮންތި އެބަ އަހާ ކޮއްކޮ ކައިރީގަ. ދެން ކޮއްކޮ ކީކޭތަ ބުނަންވީ”. އައިމަން މިހެން ބުނުމުން އާޒިމް ގާތަށް އައީ އަމަށަކު ހިންޏެއް ޏުނެވެ. އެހެންނަމަވެސް އާޒިމްވެސް އިނީ އެހެން އަހަންބޭނުން ވެފައި ނަމަވެސް އަހުސަން އާ އެކަހެރިކޮށް އަހަން މަޑުކޮށްގެން ހުރީއެވެ. “ދޮންބެ މިދުވަސް ކޮޅު މާގަދަ އަށް ކިޔަވަނީ ކަންނޭގެ ދޯ”. އާޒިމް މިހެންބުނީ މަލަކާ އާއި އައިމަން އިތުރު ސުވާލުތަކެއް ކޮށްފާނެތީއެވެ. ކައި ނިމުމުން އަހުސަން ނިކުތީ ބޭރު ފެންޑާއަށް ފިނިކޮށްލުމަށެވެ. މަލަކާ ތަށިތައް ނެގުމަށްފަހު އައިމަން ގޮވައިގެން ގޭތެރެއަށް ދިޔުމުން އާޒިމް އައިސް އަހުސަން އާއި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އަހުސަން ވެސް އާޒިމްވެސް ބަހެއްނުބުނެ އެހެން ހުރުމަށްފަހު އެދެމެދުގައިވާ ހަމަހިމޭންކަން ގެއްލުވައިލީ އާޒިމްއެވެ. “ދަރިފުޅު އެއްޗެކޭ ބުނޭތޯ ބައްޕަ މިއިންނަނީ. އެކަމަކު ..”. އާޒިމް ބަހެން ބުނަން ވާއިރަށް އާޒިމްގެ މޫނަށް އަހުސަން ބަލައިލިއެވެ. މަންމަ އަކާ ނުލައި މިއަދާ ހަމައަށް ބަލާބޮޑުކުރި ބައްޕައާއި ދުރަށް ދާން ބޭނުން ވާ ވާހަކަ ބުނަން އަހުސަން ފަސްޖެހެނީ އެވެ. އެހެންނަމަވެސް ވަރަށް ހިތްވަރު ކޮށްލާފައި އާޒިމްގެ މޫނަށް ނިކަންރަނގަޅަށް ބަލަން އިނދެ ބުންޏެވެ. “ބައްޕާ! އަހަރެން ބޭނުން ޑޮކްޓަރުކަން ކިޔަވަން ރާއްޖެއިން ބޭރަށްދާން.” އަހުސަން އަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. “ދަރިފުޅު ކިޔަވަން ބޭނުންވާ ވާހަކަތަ ނުބުނެވިގެން ތިއުޅެނީ. ބައްޕަވެސް ވިސްނައިގެން މިހުރީ ހަމަތިހެން. ދަރިފުޅު އޭލެވެލް ނިމުނީމަ ކިޔަވަން އޮސްޓްރޭލިޔާ އަށް ފޮނުވަން”. އާޒިމް މިހެންބުނުމުން އަހުސަން އަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އުފަލުން ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. “ޝުކުރިއްޔާ ބައްޕާ. އެކަމަކު ވަރަށް ދެރަވޭ މަލަކާ އާއި ކޮއްކޮ ދޫކޮށްފަ ދާން ޖެހޭތީ. ކޮއްކޮ ވަރަށް ދެރަވާނެ”. އުފަލުން ފޮޅިފައިން އަހުސަންގެ ސިކުނޑިއަށް ކޮއްކޮމެން ދޫކޮށްފަ ދާންޖެހޭ ކަމުގެ ހިޔާލު އައުމުން އެމޫނުގައިވާ އުފާވެރިކަން ބަދަލްވިއެވެ. “ބައްޕަ މިހުރީއެއްނު. ބައްޕަ މިގަސްތު ކުރަނީ ގޭގައި ވިޔަފާރިއެއް ހުޅުވަން. އޭރުން ދެން ގޭގަވެސް މަޑުކުރެވޭނެ އެންނު.” އާޒިމް ހިތުގައިވާ ޝުއޫރުވެސް ފާޅުކޮށްލިއެވެ. ދެބަފައިންގެ އޮލަ ވާހަކަ މެދުކަނޑާލީ މަލަކާގެ އަޑަށެވެ. “ދޮންބޭ، މަލަކާ ނިދަން މިދަނީ. ކޮއްކޮ ވެސް ނިދައިފި. ޑެޑީ ދަނީ އިނގޭ ނިދަން”. މަލަކާ މިހެން ބުނުމުން އާޒިމް އާއި އަހުސަން ވެސް ތެދުވީ ނިދަން ދިއުމަށް ޓަކައެވެ.
ބޯޓުދަތުރު ކުރުން ހުއްޓާލުމަށްފަހު އާޒިމް ކުރާ މަސައްކަތަކީ މަހަށްދިއުމެވެ. އެހެންނަމަވެސް މަހަށްދިއުމުގެ އިތުރުން ރަށުގައި ހުންނަ ދުވަހަކު އަމިއްލަ އެކި އެކި މަސައްކަތް ކޮށްވެސް ހަދައެވެ. މިހެން ކަމުން ދިރިއުޅުމަށް އެއްވެސް ކަހަލަ ދަތިކަމެއް މިހާތަނަށްވެސް އާޒިމްއަށް ކުރިމައްޗެއް ނުވެއެވެ.
މެންދަމުގެ ހަމަހިމޭންވަގުތެވެ. އެހެންނަމަވެސް ބުޅަލުގެ ހޭރުމުގެ އަޑާއި ވާ ގޮވާއަޑު މި ހަމަހިމޭންކަން ގެއްލުވާލައެވެ. މަލަކާ އަދިވެސް އޮތީ ކިޔަން ފެށިފޮތް އަތަށްލައިގެން މީގެ ދެގަޑިއިރު ކުރިން އޮތްގޮތަށެވެ. ފޮތްހުޅުވައިގެން އޮތް ނަމަވެސް ވިސްނަމުންދިޔައީ ބަލަހައްޓައިގެން އޮތް ފޮތަކަށް ނޫނެވެ. ފޮތްތެރޭގައި އޮތް ކުޑަކުޑަ ގަނޑުކޮޅަށެވެ. އެގަނޑުކޮޅުގައި ވާ އިބާރާތްކޮޅަށެވެ. “އައި ލަވް ޔޫ މަލަކާ”. މަލަކާ އަނެއްކައިވެސް ގަނޑުކޮޅުގައި ލިޔެފައިވާ އިބާރާތް ކިޔާލިއެވެ. އަރީޝް ފަރާތުން މިކަހަލަ ކަމެއް ފެންނާނެ ކަމަށް މަލަކާ އުންމީދެއްވެސް ނުކުރެއެވެ. އެހެންނޫނަސް އަދި މަލަކާ މިކަހަލަ ކަމެއްކުރާކަށް ވިސްނާފައެއް ނެތެވެ. ބޭނުމެއްވެސް ނޫނެވެ. މަލަކާ ވަރަށް ވިސްނުމަށްފަހު ގަނޑުކޮޅުގެ އަނެއްފަރާތުގައި މަލަކާގެ ޖަވާބް ލިޔެލިއެވެ. އަދި ފޮތް ބޭއްވުމަށްފަހު ދެލޯމަރާލިއެވެ.
ހަފްތާބަންދަށް ސްކޫލްބަންދުވުމަށްފަހު ސްކޫލް ހުޅުވިއްޖެއެވެ. ދެން ފެށިގެން ދިޔައީ ފަހު އިމްތިހާނުގެ ދުވަސްތަކެވެ. އިމްތިހާނަށް ތައްޔާރީވުމަށްޓަކައި އެންމެ ގަދައަޅާ މަސައްކަތް ކުރި އެކަކީ އަހުސަން އެވެ. މިއަހަރަކީ އަހުސަންގެ ހަޔާތުގެ އެންމެ މުހިއްމު އެއްދުވަސް ވަރެވެ. އަހުސަން އެކޭ އެއްވަރަށް މަލަކާވެސް ވަރަށް ހިތްވަރުކުރަމުން ދިޔައެވެ. ކުދިންގެ އިމްތިހާނު ދުވަސްވަރުކަމުން އާޒިމްވެސް ގިނަވަގުތު ހޭދަކުރަމުން ދިޔައީ ގޭގައެވެ. ކުދިންނަށް ހިތްވަރުދީ އެކުދިންނަށް އެހީތެރިވުމުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

