Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

6 – މަލަކާ

ishko Level 110 Stories
June 25, 2025 5 Mins Read
0 Comments

ހަވަނަ ބައި

ޑޮކްޓަރުން މަސައްކަތް ކުރަމުންދަނީ ޒާހިދާ އާއި ދަރިފުޅު ސަލާމަތްކުރެވޭތޯއެވެ. ނަމަވެސް ޒާހިދާގެ ހާލު ދަނީ ސީރިއަސް ވަމުންނެވެ. ޒާހިދާގެ ރިޕޯޓްތަކުން ޑޮކްޓަރުންނަށް މާބޮޑު ކަމެއް ފާހަގަ ނުކުރެވުނު ކަމުގައި ވިޔަސް ޒާހިދާގެ ބައްޔަކީ މީގެ އެތަކެއް އަހަރެއް ކުރިން ޖެހިފައިވާ އެއަށް ފަރުވާ ނުލިބިފައިވާ ބައްޔެކެވެ. ޑޮކްޓަރާއި ނަރުހުން އެމީހުންގެ އުއްމީދު ކަނޑާލީ ދެން އިތުރަށް ކުރެވޭނެ މާބޮޑުކަމެއް ނެތީމައެވެ. ޒާހިދާ އޮޕަރޭޝަން ކުރެވުނެވެ. ދަރިފުޅުގެ ފުރަތަމަ ރޮއެ ލެވުނު ވަގުތާ ޒާހިދާ މިދުނިޔެ އަށް ލާ އެންމެ ފަހު ނޭވާ ލީ ހަމަ ދާދި އެއްވަގުތެއްގައެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން..

 

 

އޮޕަރޭޝަން ތިއެޓަރުގެ ދޮރު ހުޅުވުމާއި އެކު އެންމެންހެން އެދިމާލަށް ދުއްވައިގަތެވެ. ނަރުސްކުއްޖާގެ އަތުގައި އޮތް ލޯބި ލޯބި ކުއްޖާ ގެނެސް އާޒިމް އަތަށް ލައިދިނެވެ. އަދި އެއާއި އެކު ހުދު ފޮތިގަނޑަކުން ނިވާ ކުރެވިފައިވާ ޒާހިދާގެ ހަށިގަނޑުވެސް ނެރެވުނެވެ. “އަޅުގަނޑުމެންނަށް ޒާހިދާ ސަލާމަތެއް ނުކުރެވުނު” ޑޮކްޓަރުގެ މި ބަހުން އާއިލާގެ އެންމެންގެ މޫނު ބަނަވެގެން ދިޔައެވެ. އާޒިމް އަށް ވީގޮތެއްވެސް ނޭނގުނެވެ. ފެން ކަޅިވެފައި ހަރަކާތެއް ނެތި ލޯބިވާ ދަރިފުޅު އަތް މައްޗަށް ލައިގެން ހުރެވުނީ އެވެ. ހޭވެރިކަން ވީ މުނީރާ އައިސް ދަރިފުޅު އަތުލުމުންނެވެ. އެހިނދު ދުވެފައި ގޮސް ނިވާ ކުރެވިފައިވާ ޒާހިދާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަތެވެ. “އަހަރެން ދޫކޮށްފަ ނުދޭ. މަލަކާ، އަހުސަން މި ލޯބި ލޯބި ދަރިފުޅު އަހަރެން ކިހިނެތް..” އާޒިމް އަށް ބުނެވުނީ މިހާ ހިސާބަށެވެ. އިތުރަށް އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. އާޒިމް އަށް ކުރެވުނު ހާ ވެސް ކަމަކީ ގިސްލުމެވެ. އެފަކީރުގެ ހިތް ވަނީ ފަޅައިގެން ދާން ކައިރިވެފައެވެ. މީހާ ތުރުތުރު އަޅައެވެ.

 

އަހުސަން އާއި މަލަކާ ހޮސްޕިޓަލް ބޭރުގައި ތިބީ މަޖުބޫރުންނެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް މާގިނަ އިރަކު އަހުސަން އަކަށް އެހެން ނުހުރެވުނެވެ. ހިތައް އަރަމުން ފައިބަމުންދާ ޙިޔާލުތަކާއި ހެދި މީހާ ނުތަނަވަސް ވާންފެށިއެވެ. ކޮންމެވެސް ކަމެއް ހިނގައިފިކަމުގެ އިހުސާސްތައް ވާންފެށިއެވެ. އެއާއިއެކު މަލަކާގެ އަތުގައި ހިފައިގެން ހޮސްޕިޓަލް ތެރެއަށް ވަދެއްޖެއެވެ. މަލަކާ އާއި އަހުސަން އަށް އެހިސާބަށް އާދެވުނު އިރު ޒާހިދާގެ ފުރާނަނެތް ހަށިގަނޑު ހިނެވުމަށްޓަކައި ގެންދިއުމުގެ ކަންތައް ހަމަޖައްސަނީއެވެ. އަހުސަން އަށް އަދިވެސް މިވެގެން އުޅޭގޮތެއް ނޭނގެއެވެ. އެއްވެފައިވާ މީހުންގެ ތެރެއިން މުނީރާ ފެނުމާއި އެކު ދުވެފައި ކަހަލަގޮތަކަށް ގޮސް މުނީރާގެ އަތުގައި ހިފާލިއެވެ. މުނީރާގެ ފޯވެފައިވާ ދެލޮލުން އެ މައުސޫމް ދެ ކުދިންނަށް ބަލައިލީ އަސަރާއި އެކުގައެވެ. މުނީރާ ވަރަށް ސާބިތުވެ ހުރެ އަހުސަންގެ ބޮލުގައި ފިރުމާލިއެވެ.” ދަރިފުޅާ، ދަރިފުޅުގެ މަންމަ ނިޔާވެއްޖެ. ” މިހެން ބުނުމާއި އެކު އަހުސަންގެ ބަޑި ފަޅައިގެން ދިޔައެވެ. މުނީރާގެ އަތުން ދުކޮށްލުމަށްފަހު އޭނާގެ ލޯބިވާ މަންމަ ހޯދުމަށްޓަކައި ދުއްވައިގަތެވެ. އަހުސަން އަށް އެހިސާބަށް ދެވޭވަރެއްނުވިއެވެ. މުޙައްމަދު ހުށިޔާރު ކަމާއެކީ އަހުސަން ހިފެހެއްޓިއެވެ. އަދި ގަދަކަމުން އެއްވެފައިވާ މީހުންގެ ތެރެއިން އަހުސަން ގޮވައިގެން ނިކުތެވެ.

 

 

 

މަލަކާ އަށް އޭނާގެ މަންމަގެ މަރުގެ ހަބަރު ލިބިގެން ދިޔައީ އެ މައުސޫމްކުއްޖާގެ ހިތަށް ހަރާލި ތީރެއްގެ ސިފައިގައެވެ. މުނީރާ އެއް އަތުން ކުޑަކުޑަ ދަރިފުޅު ގޮވައިގެން އަނެއް އަތުން މަލަކާގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. މަލަކާ ގަދަހަދަމުން ދިޔައީ މަންމަ ކައިރިއަށް ދިއުމަށެވެ. ނަމަވެސް މިވަގުތަކީ މާރަނގަޅު ވަގުތެއް ނޫން ކަމުން މުނީރާވެސް ދެކުދިން ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.

ހައްވާ މަނިކެއަށް ޒާހިދާގެ މަރުގެ ހަބަރު ލިބުމާއި އެކު ހަބަރު ހުސްވެގެން ވެއްޓުނެވެ. ހޭއަރާ ފަހަރެއް ވިއްޔާ ޒާހިދާ އޭ ކިޔާ ގޮވަން ފަށައެވެ. މިހެންކަމުން ހައްވާ މަނިކެ ޖެހުނީ ހޮސްޕިޓަލުގައި އެނދުމަތިކުރާށެވެ.

އާއިލާގެ ގިނަ މީހުންގެ ހާލަތަކީ މިއީއެވެ. ކިރިޔާވެސް ރަނގަޅަށް ހުރީ މުނީރާ އާއި މުހައްމަދެވެ. އެދެމީހުންނަށް އެނޫން ގޮތެއް ނެތީއެވެ.

 

ޒާހިދާގެ ހަށިގަނޑު ހިނެވުމަށްފަހު މޫނު ދެއްކުން ސަހަރާގައި އޮތެވެ. ރަށުގެ ކުދި ބޮދު އެންމެންހެން އެ މައްޔިތާގެ މޫނު ދެކިލުމަށްޓަކައި އައިސް ތިއްބެވެ. ކޮންމެ މިހެއްގެ މޫނު މަތިންވެސް ފެންނަނީ ހިތާމައިގެ ކުލަވަރެވެ. ކޮންމެ މީހަކުވެސް އާޒިމްއަށް ހަމްދަރުދީ ވާ ހާލު އާޒިމްގެ ކޮނޑުގައި ފިރުމާލައެވެ. ދެން ވަކި ކުރާނީ ކީއްހެއްޔެވެ.

 

އަހުސަން ހަމަ އަކަށް އެޅުވުމަށްފަހު ޒާހިދާގެ މޫނު ދެއްކުމަށްޓަކައި އަހުސަން ގޮވައިގެން ސަހަރާއަށް ދިޔައީ އަހުސަން އަށް އެތަކެއް ނަސޭހަތެއް ދިނުމަށްފަހު އެވެ. އެހެންނަމަވެސް ޒާހިދާގެ މޫނު ފެނުމާއި އެކު އަހުސަން އަށް އަނެއްކައިވެސް ރޮވޭގޮތް ވިއެވެ. އެހެންކަމުން މާގިނަ އިރުވަންދެން އަހުސަން އެތާ ނުބަހައްޓާ ގޮވައިގެން ގެއަށް ދިޔައެވެ.

މަލަކާ އަށް އޭނާގެ މަންމަގެ މޫނު ފެނުމުގެ ނަސީބުވެސް ނުލިބުނެވެ. ރޮއެ ރޮއެ މަލަކާގެ ގައިގަ މިހާރު ވަރެއްނެތެވެ. އެހެން ރޮމުން ގޮސް އެންމެ ފަހުން މަލަކާ އަށް ނިދުނު އިރެއްވެސް ނޭނގެއެވެ. . . . . . . .

 

އުޑުމަތި ބަނަ ރެއެކެވެ. ކަޅުވިލާތަކުން މުޅި އުދަރެސް ވަނީ ބައްދާލާފައެވެ. ދެންމެ ދެންމެ ހީވަނީ ވިއްސާރަވެހިދާނެހެންނެވެ. ޖެހެމުންދާ ގަދަ ވައިރޯޅި އައިސް ރުއްތަކުގެ ފަންތަކުން އެކިޔާ އަޑުން މުޅި މާހަލު ވަނީ ހަލަބޮލިކޮށްލާފައެވެ. މަގެއްގެ މަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މިގަދަ ތޫފާނީ ރޭގައި އެކަޅުފޮއެ އަނދިރިކަމުގެ ތެރޭގައި ޖެހެމުންދާ ވަޔަކަށް ބެލުމެއްނެތި އަހުސަން ހިނގަމުން ދަނީ ރަށުގެ އަތިރިމައްޗާ ދިމާލަށެވެ. އެފިނި ރޭގެ އެ ގަދަވައިގެ ތެރޭގައި ހިނގަމުން ދިޔައިރު އަހުސަންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހޯސްލާފައި ކޯތާފަތްމަތިން ފައިބަމުން ދެއެވެ. މިރޭގެ ފިނިކަންވެސް އަހުސަންގެ ހިތައް ވެރިކުރުވަމުން ދިޔައީ ހޫނު އަލިފާން ފަދައިންނެވެ. ދެރަވާ ކޮންމެ ފަހަރަކު އަހުސަން އައިސް އިންނަނީ މި ހިތްގައިމު އަތިރިމަތީގައެވެ. ހިތުގައި އުފެދިފައިވާ ޖަޒްބާތުތައް ބޭރުކޮށްލުމަށްޓަކައި އޭނާ އާއި އެކު އެވަގުތު ވަނީ އެކަނު އަނދިރިކަމެވެ. ޖެހެމުންދާ ގަދަ ވައިރޯޅިއެވެ. ކަނޑުގެ ބިޔަ ރާޅުތަކެވެ. ވަށައިގެންވަނީ އެކަނިވެރިކަމެވެ. މާޔޫސްކަމެވެ. ހިތްދަތިކަމެވެ. އަހުސަންގެ އެންމެ ލޯބިވާ އެކަކު ދުނިޔެ ދޫކޮށްދިއުންވީ އަހުސަންގެ މުޅި ހަޔާތަށްވެސް އައި އެންމެ ތަހައްމަލް ކުރަންދަތި ކަންތަކަށެވެ. ކޮންމެ ކަމެއް ދިމާވިޔަސް އަހުސަންގެ ހުރިހާ ވާހަކައެއް ހިއްސާކުރާ އޭނާގެ ލޯބިވާ މަންމަ އަހުސަން މިދުނިޔެ އަށް އެކަނިކޮށްފަ ދިޔައީއެވެ. މިއީ މިއަދު އަހުސަންގެ އެކަނި އުދާސްތަކެއް ނޫނެވެ. އެ އާއިލާގެ އެންމެންގެ ހާލަތަކީ ވެސް މިއީއެވެ.

 

އާޒިމް ކޮޓަރީގެ އެއްކަނެއްގައި އިން އިރު ކޮޓަރިތެރޭގައި ވަނީ ޒާހިދާގެ ހަނދާންތަކެވެ. ވަށައިގެންވާ ކޮންމެ އެއްޗަކުންވެސް ޒާހިދާގެ ހަނދާންތައް އައުވަމުން ދިޔައެވެ. ޒާހިދާގެ މަރުގެ ސަބަބުން އާޒިމްގެ ދިރިއުޅުން ވަނީ ބަނަވެފައެވެ. ގޭތެރޭގެ ދިރުންވަނީ ގެއްލިގެން ގޮސްސައެވެ. އެވަގުތު އާޒިމްގެ ހިތައްއައީ ޒާހިދާ އެންމެ ފަހުން އާޒިމްކައިރީ ދައްކަމުންދިޔަ ވާހަކަތަކެވެ. ފޯނުން ޒާހިދާ ދެއްކި ވާހަކަ ތަކެވެ. ޒާހިދާ ޑޮކްޓަރަށް ދެއްކުމުން ލިބުނު ނަތީޖާ އަކީ ކޮބައިތޯ އެހުމުން ޒާހިދާ ވާހަކަދެއްމަށް އައި ބަދަލެވެ. ހީވަނީ ކަމެއް ސިއްރުކުރަންވެގެން އުޅޭހެންނެވެ. ވަގުތުން ޒާހިދާ ވާހަކަ ބަދަލްކޮށްލި ގޮތެވެ. ޒާހިދާ ބުނި ޖުމްލަ އާޒިމްގެ ކަންފަތުގައި އަދިވެސް ގުގުމާލަ ގުގުމާލަ ހުއްޓެވެ.” ދެން އެރިޕޯޓްތައް ބަހައްޓާ. އެއަކުން ވާނީ ކޮންކަމެއް. އަހަރެން ވިހަން ވާއިރަށް އާދެވޭތޯ ބަލާ. ނޭނގެ އެންނު ދެން ވާނެގޮތެއްވެސް “. މިއީ ޒާހިދާ އެންމެ ފަހުން އާޒިމްއާ ދެއްކި ވާހަކަ ތަކެވެ. އާޒިމް ރަށަށް އައިފަހުން ދެމީހުންނަށް އެކުގައި މާގިނަ ވަގުތެއް ހޭދަކުރާނޭ ފުރުސަތެއް ނުލިބެއެވެ. ރިޕޯޓްތައް މަތިން ހަނދާންވުމުން އާޒިމް ކޮޓަރި އެތަންމިތަން ބަލަން ފެށިއެވެ. މުޅިކޮޓަރި އެފުއްމިފުށައް ޖެހިއިރުވެސް ނުފެނުނެވެ. ކުއްލިއަކަށް އާޒިމްގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައި ހުރި ކުޑަކުޑަ އަލަމާރި އަށެވެ. އެއަލަމާރި އަކީ ޒާހިދާ ބަލިވެ އިންކަން އެނގުމުން އާޒިމް ފޮނުވި އަލަމާރިއެވެ. އަލަމާރި ފުރާފައިވަނީ ކުޅޭތަކެތިންނާއި ކުޑަކުދިންގެ އެކި އެކި އެއްޗެހިންނެވެ. އާޒިމް އަލަމާރީގެ ދޮރު ހުޅުވާލުމަށްފަހު އެއްޗަކަށްފަހު އެއްޗެއް ނަގަމުން ދިޔައެވެ. އަލަމާރީގެ ކުޑަވަތްގަނޑުގެ ތެރެއިން ފެނުނު ނުކުލައިގެ ފައިލް ފެނުމުން އަވަސް އަވަހަށް ފައިލް ނަގާ ހާވަން ފެށިއެވެ. އޭގައިވަނީ ޒާހިދާގެ ބޭސް ސިޓީތަކެވެ. ޒާހިދާގެ ބަލި ދެނެގަތުމަށްކުރި ތަހުލީލް ރިޕޯޓް ތަކެވެ. ރިޕޯޓަކަށްފަހު ރިޕޯޓެއްބަލަމުން ދިޔައިރު އާޒިމްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދިޔައެވެ. މިހުރިހާ ދުވަހު ލޯބިވާ އަންހެނުން އުޅެމުންދާނެ ހިތްދަތި ދުވަސްތައް ހިތައްއަރާ އަމިއްލަ ނަފްސު ކުއްވެރިކުރެވެން ފެށިއެވެ. ޒާހިދާ މިބައްޔަށްފަރުވާ ކުރަމުންދާތާ އެތަކެއް އަހަރުވީ އިރުވެސް އެއިން އެއްވެސް ކަމެއް ނޭނގުނީތީ އާޒިމް ހިތާމަ ކުރިއެވެ. ޒާހިދާގެ ކޮންމެ ހިތާމައެއް ހިއްސާކުރަން ކައިރީގަ ނުހުރެވުމުން އެކަމާ އަމިއްލަ ޒާމީރް ކުއްވެރިކުރިއެވެ.”އަޅެ އަހަންނަށް މިހުރިހާ ކަމެއް ނޭނގެންވީ ކީއްވެބާ؟ ” އާޒިމްގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ. ޒާހިދާ އެކަން ސިއްރުކުރީ ކީއްވެބާއެވެ؟. ފައިލް ލައްޕާލުމަށްފަހު އަލަމާރިއަށް ފައިލް ލިއެވެ. އެވަގުތު ފައިލްތެރެއިން ކަރުދާސް ކޮޅެއް ވެއްޓުނެވެ. ފަތްޖަހާފައިވާ ކަރުދާސް ކޮޅުނަގާ ހުޅުވާލިއެވެ. އެއީ ޒާހިދާގެ ސިޓީއެކެވެ. އޭގައި ލިޔެފައިވާ އެއްޗެއް ކިއުމަށްޓަކައި އާޒިމް އަވަސްވަގަތެވެ. ” ފުރާނަ ފަދަ ލޯބިވާ އާޒިމްއަށް. މިސިޓީ ކިޔާއިރުވެސް ޒާހި އަށް އެނގޭ އާޒިމްގެ ހިތުގައި އުފެދިފައިވަނީ ކޮންސުވާލެއްކަން. ޒާހިއަށް މަޢާފް ކުރޭ. ޒާހި ބޭނުން ނުވީ މިއުފާވެރި އާއިލާ އަށް އެއްވެސް ހިތާމައެއް ގެންނަން. ޙާއްސަ ކޮށް އާޒިމް ތިހާ ދުރުގައި އުޅެނިކޮށް މިކަހަލަ ހަބަރެއް ލިބުމުން އާޒިމް މަސައްކަތަށް ބުރޫ އަރާފާނެތީ ޒާހި މިކަން ސިއްރުކުރީ. ކޮންމެވެސް ދުވަހަކުން އާޒިމް އަށް ވެސް މިކަން އެނގޭނެތީ. ޒާހި އަށް އެނގޭ ޒާހި މިދުނިޔޭގައި އުޅޭކަށް މާގިނަ ދުވަހެއް ނެތްކަން. ޒާހީގެ މިލޯބި ލޯބި އާއިލާ ރަނގަޅަށް ބަލާތި. މަލަކާ އާއި އަހުސަން އަށް ޒާހި ނެތްކަމުގެ އިހުސާސް ވިޔަ ނުދޭތި. އެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދަދޭނެ ކަމަށް ވަޢުދުވޭ އާޒިމް. މިއީ ޒާހިގެ އެންމެ ބޮޑު އެދުން. މިއެދުން ފުއްދައިދޭނަން ދޯ. އާޒިމް.! ޒާހި ނެތަސް އާޒިމް އުފަލުގައި ހުންނާތި. ” އާޒިމް ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އާޒިމް ކިޔަމުން އައި ސިޓީ ފޭދެމުން ދިޔައެވެ. “އާޒިމް ހިތްވަރު ކުރަންވާނެ. މާތްﷲ ވަނީ ކެތްތެރީންނާއި އެކު ކަން އަބަދުވެސް ހަނދާން ކުރާތި. ” އާޒިމްގެ ޒާހި. ސިޓީ ކިޔާ ނިމުނު އިރު އާޒިމްގެ ހިތްވަނީ ކުދިކުދި ވެފައެވެ. “އަހަރެން ޒާހި ގެ އުންމީދުތައް ފުއްދަދޭނަން”. ޒާހިދާގެ ހިތްވަރު ގަދަކަން އެނގުމުން އާޒިމް ވެސް ޒާހިދާކަހަލަ ހިތްވަރު ގަދަ މީހަކަށް ވުމަށް އަޒުމް ކަނޑަ އެޅިއެވެ. ޒާހިދާ އަށްޓަކައެވެ. މަލަކާ އާއި އަހުސަން އަދި އައިމަން އަށް ޓަކައެވެ. އާޒިމް އެތަނުން ތެދުވީ ޒާހިދާގެ އެންމެ ފަހު ވަޞިއްޔަތް ފުއްދުމަށް ޢަޒުމް ކަނޑަ އަޅައިގެންނެވެ. އާޒިމް ހަޔާތުގެ ބާކީ އޮތްދުވަސް ތައް ދެން ހޭދަކުރާނީ ލޯބިވާ ތިންކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދަދިނުމަށްޓަކައެވެ. އެކުދިންނަށް ހެޔޮ ތަރުބިއްޔަތެއް ދިނުމަށް ވެވެން އޮތް މަސައްކަތެއް ކުރުމަށް އާޒިމް ނިންމިއެވެ. ބޯޓު ދަތުރު ކުރުން ދޫކޮށްލުމަށްފަހު އާޒިމް ދެން ހޭދަކުރާނީ ތިން ކުދިންނާއި އެކު އަމިއްލަ ރަށުގައެވެ.

 

ވަގުތަކީ މެންދަމުގެ އެންމެ ހަމަހިމޭން ގަޑިއެވެ. އިރާކޮޅު ޖެހެމުން އައި ވައި މިހާރު ވަނީ އެއަށް ވުރެ ގަދަކޮށްލާފައެވެ. ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. އަހުސަން ގެއަށް އައިސް ވަން ވަގުތަކީ ވިއްސާރައިގެ ތޫފާން މިދުނިޔެ މައްޗަށް އޮއްސާލި ވަގުތެވެ. އަހުސަން ހުރީ ހީކަރުވައި ގަނެގެން ހަލާކުވާ ވަރުވެފައެވެ. ގޭތެރެއަށް ވަދެގެން އައިއިރު ގޭތެރޭގައި މީހަކު ފެންނަން ނެތުމުން އެންމެން ނިދީކަން އެނގުނެވެ. އެހެންކަމުން ވަގެއްފަދައިން މަޑުފިޔަވަޅުމަތީ ކޮޓަރިއާ ދިމާލަށް ހިނގައިގަތް ވަގުތު އަހުސަން ބައްޕަގެ ކޮޓަރި ހުޅުވިފައި ހުރުމުން ދޮރުކައިރި އަށް މަޑުކޮށްލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އެހިނދު އެނދުގެ ކޮޅުގައި ކަކޫޖައްސައިގެން އިން ބައްޕަ ފެނުމުން އަހުސަން ގެ ހިތައް ވަރަށް އަސަރުކުރިއެވެ. ޒާހިދާގެ ފޮޓޮއަށް ބަލަހައްޓައިގެން މޮޔައެއްފަދައިން އާޒިމް އިނީ ފެންކަޅިވެފައެވެ. އަހުސަން އެތެރެއަށް ވަންނަން ހިތަށްއަރާފަ ވެސް ބައްޕަ އަށް މިވަގުތު ބޭނުންވާނީ އެކަނިވެލަން ކަން ވިސްނިގެން މަޑުމަޑުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޖެހިގެން ހުރި މަލަކާގެ ކޮޓަރި އާ ހަމަވުމުން ކޮޓަރީގެ ދޮރުހުޅުވާ ބަލައިލިއެވެ. އެމަޢުސޫމް ކުއްޖާ އޮތީ ރޮއެ ރޮއެ ވަރުބަލިވެގެން ނިދުނު ގޮތަށެވެ. އަހުސަން ގޮސް މަލަކާ އެނދުކައިރިއަށް ހުއްޓުނެވެ. ނިދީގަވެސް ކޮއްކޮގެ ގިސްލުމުގެ އަޑު އަހުސަން އަށް އިވުނެވެ. އަހުސަން ލޯތްބާއި އެކު ކޮއްކޮގެ ބޮލުގައި ފިރުމާލިއެވެ. އަދި ބެޑްޝީޓް ގެނެސް ގައިމަތީގައި އަޅާލުމަށްފަހު ޖެހިގެން ނިދާފައި އޮތް ކުޑަކުޑަ އައިމަން އަށް ބަލާލިއެވެ. މަންމަ މިދުނިޔެއިން އެދިޔައީ އެކުޑަކުޑަ އާއިލާއަށް ލޯބި ކޮއްކޮއެއް ހަވާލުކޮށްފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

ލޯބި-2

Next

އޭލިއަން ސިލްސިލާ: ހިރާސް – 2

Next
June 25, 2025

އޭލިއަން ސިލްސިލާ: ހިރާސް – 2

Previews
June 24, 2025

ލޯބި-2



All Right Reserved!