Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 18

މައިރީން ހިނގާލާފައި ގޮސް ކައިލްގެ ކޮނޑުގައި އަތް ބާއްވާލުމަށްފަހު އޭނަ ހުރި ދިމާލަށް އަނބުރައިލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކައިލް ހީވަނީ ހަރު ހިލަގަނޑެއްހެންނެވެ. ހުރިތާ އެއްވެސް ހަރަކާތެއް ކުރުމެއް ނެތި ކައިލް ހުއްޓެވެ. “ކައިލް؟ ކިހިނެތްވެފަ ތި ހުރީ؟” މައިރީން އަހައިލިއެވެ. ކައިލްގެ ތުނބުގައި އޮތް ސިނގިރޭޓް ފެނުމުން މައިރީން އޭތި ބިންމައްޗަށް އެއްލާލުމަށްފަހު ޗިސްޗިސްކޮށްލިއެވެ. “މިއީ ކީއްކުރަން މީހުން ބޯ އެއްޗެއްތަ އަޅެފަހެ.. ސްޓްރެސް ވިޔަސް ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ހުންނާނޭ..” މައިރީން ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ. “ކިހާ ބޮޑު އުނދަގުލެއް.. މަށާ ދުރުގަ ހުރެބަލަ..” ކުއްލިއަކަށް ކައިލް ހަޅޭއްލަވައިގަތުމުން މައިރީން ދިޔައީ ސިއްސައިގެންނެވެ.

***ޕާޓް 18**

މައިރީންއާއެކު އޮފީހުގައި ހުރި ކައިލްގެ ހަށިގަނޑު ދިޔައީ ރުޅިއައިސްފައި ހުރިވަރުން ތުރުތުރު އަޅަމުންނެވެ. “މާ ރަނގަޅުވެގެން އުޅޭނެ ކަމެއް ނެތް! މަގޭ ކޮއްކޮ މަރުވީ ހަމަ ކަލެޔާ ހުރެ!! ” ރުޅި އައިސް ރަތްވެފައި ހުރި ކައިލް ބުނެލިއެވެ. ކައިލްގެ ބަސްތަކުން މައިރީންގެ ހިތް ތޮރުފައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “ތިހެން ނުބުނޭ.. އެއީ މައިގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ އޭ… މައިވެސް މި މަސައްކަތް ކުރަނީ ކިޔާއަށް އިންސާފު ހޯދައިދޭށޭ..” ގިސްލަމުން މައިރީން ކައިލްއާއި ދިމާލަށް ބުންޏެވެ. “ހުރިހާ ކަމެއްވެ ނިމުނީމަ ކޮންމެހެން މާ ރަނގަޅު މީހަކަށްވާން އޭނައަށް އިންސާފު ހޯދައިދޭން އުޅޭނެކަމެއް ނެތް!! އަހަރެންގެ ކޮއްކޮ މަރުވީ ހަމަ ކަލެޔާ ހުރެ!! އޭނަގެ މަރަށް ޒިންމާ ވާން ޖެހޭނީ ހަމަ ކަލޭ!!” އެ ކައިލް ރުޅިއައިސްފައި ހުރެ މައިރީންއާ ދިމާލަށް އަންނަމުން ބުންޏެވެ.

ކައިލް ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް މައިރީން ދެފިޔަވަޅު ފަހަތައް އަޅަމުން ދިޔައެވެ. ކައިލް ކުރަން އުޅޭ ކަމެއް ނޭނގޭތީ މައިރީންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި ހަމަ އެހެންމެ ކައިލްގެ ބަސްތަކުން މައިރީންގެ ހިތުގައި ހުރި ފާރުތަކުގައި ލޮނުމިރުސް އެޅުން ފަދައެވެ. މައިރީން ފާރާއިލައި ފިއްތާލަމުން ކައިލް މައިރީންގެ ކޮލުގައި ހިފައި ފިއްތައިލިއެވެ. މައިރީންގެ ކޯތާފަތުން ތިރިއަށް ފިރުކިފައި ފައިބަމުން ދިޔަ ކަރުނައިގެ މުތީތައް ކައިލްއަށް ނުފެންނަ ފަދައެވެ. “އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން ކަލޭގެ ސޫރަ ފެންނާކަށް.. ތިއީ ކިޔާގެ ގާތިލަކީ.. ކަލޭ އެރޭ ކިޔާ އެތަނަށް ނުގެންދިޔަ ނަމަ ކިޔާ ހުންނާނީ އަހަރެންގެ ކުރިމަތީގަ.. އަހަރެން ކަލެޔަށް ނަފްރަތު ކުރަން.. ކޮންމެހެން ދެން ކިޔާއަށް އިންސާފު ހޯދައިދޭން އުޅޭނެކަމެއްނެތް.. ކަލޭ ޖަލަށް ނުލިޔަސް ތިއީ ކިޔާގެ ގާތިލަކީ.. ދެން އަހަރެން ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ.. މި ކޭސް އަދިވެސް ބަލާކަން އެނގިއްޖެއްޔާމުން ކަލޭގެ މުޅި ދިރިއުޅުން ހަލާކުކޮށްލާކަށް އަހަރެން ފަހެއް ނުޖެހޭނަން..” ކައިލް މަޑުމަޑުން މައިރީންގެ ކަންފަތާއި ގާތްވެލަމުން ސިއްރެއް ފަދައިން އެންމެ ފަހު ޖުމުލަ ބުންޏެވެ.

މައިރީންގެ ދެލޮލުން އޭރު ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. ކައިލްގެ ކޮންމެ ބަހަކުން މައިރީން ހިތަށް އެތައް ހާސް ހަންޖަރެއް ހަރާލާ ފަދައެވެ. “އަހަރެންގެ ކޮއްކޮއަށް އެމީހުން ހެދި ގޮތް އަހަރެން ކަލެޔަށް ނުހަދަނީސް މިތަނުން ދާން އުޅޭ..” މައިރީންއަށް ދާން ތަން ދައްކަމުން ކައިލް ބުންޏެވެ. ކައިލްގެ ޖުމުލައިން މައިރީންގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އެވަގުތު މައިރީންގެ ލޮލަށް އެމީހުން ކިޔާރާއަށް ހަދައިލި ގޮތް ފެންނަމުން ދިޔައެވެ. ކައިލްގެ ޖުމުލައިން މައިރީންގެ ސިކުނޑީގައި އެ މަންޒަރު ތަކުރާރުވެގެން ދިޔައެވެ. މައިރީންގެ ކަކުލުން ވާގިދާފަދަ އިހްސާސެއްކުރެވުނެވެ. މައިރީން ވެއްޓެން އުޅުންހެން ހީވެ ކައިލް ކުރިއަށް ޖެހިލީ މައިރީން ގައިގައި ހިފައްޓާށެވެ. އެހެންނަމަވެސް މައިރީންއަށް ކައިލްގެ މިއަމަލުން ނެގުނީ ނުބައި މާނައެކެވެ. ކައިލްގެ މޭގައި އަތް އަތްއަޅައި ކޮށްޕާލަމުން މައިރީން އެތަނުން ދުވެފައި ނުކުތުނެވެ.

މައިރީން ދުވެފައި ދިޔަ ތަން ބަލަން ހުރި ކައިލްގެ އަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އޭނައަށް ދެންމެ ބުނެވުނީ ބުނެގެން ވާނެ އެއްޗެއް ނޫންކަން ކައިލްއަށް އެނގެއެވެ. މައިރީންގެ މޫނަށް އަރައި ފޭބި ކުލަވަރުން މައިރީން ދެރަވެ ބިރުގަނެފައިވީ ވަރު ކައިލްއަށް ދޭހަވިއެވެ. “ޝިޓް..ޝިޓް..” ކައިލް އޭނަގެ އިސްތަށިގަނޑަށް އަތްމަހައިލަމުން އޭނަގެ ކޮޅުފައިން ކައިރީގައި ހުރި ގޮޑީގައި ޖެހިއެވެ. އަދި ބާރު ހިނގުމެއްގައި އެތަނުން ނިކުތުނެވެ. ކައިލް ސްޓޭޝަންއިން ބޭރަށް ނިކުތްއިރު މޭގައި އަތް އަޅައިގެން އުނދަގޫ ގޮތަކަށް ނޭވާލަމުން ދިޔަ މައިރީން އޭނަގެ ލޮލުގައި އަޅައިގަތެވެ. ވާރޭ ކަނީގެ ހަމަލައިގެ އަމާޒަކަށްވެފައިވި މައިރީން ހުރީ ތެމިފޯވެފައެވެ.

ފޯނު ނަގައި ކައިލް މަޔާންއަށް ގުޅައިލިއެވެ. “ކަލޭ ކޮއްކޮ ސްޓޭޝަންގަ ހުރީ.. އާދެބަލަ އޭނަ ބަލާ..” ކައިލް އާދައިގެ ގޮތަކަށް ބުންޏެވެ. މަޔާން މިއަންނަނީއޭ ބުނުމަށްފަހު ފޯނު ބޭއްވުމުން މައިރީންއާއި ދިމާލަށް ބަލަން ކައިލް ހުއްޓެވެ. ކައިލް އެތާ ހުރި ސެކިޔުރިޓީ ކެމެރާއަށް ފިނި ގޮތަކަށް ބަލައިލިއެވެ. އޭގެ ފަހަތުގައި އޭނަގެ ހަރަކާތަކަށް ފާރަވެރިވާން މީހެއް ހުންނާނެކަން އޭނައަށް އެނގޭ ފަދައެވެ. ކައިލް މަޑުމަޑުން ސެކިޔުރިޓީ ކެމެރާއަށް ނާރާނެ ފަދައަކުން މައިރީންގެ ކައިރިއަށް ދިޔައެވެ. މައިރީންގެ ހާލު ދިޔައީ ގޯސްވަމުންނެވެ. ވެފައި ހުރި ފިނިން ތުރުތުރު އަޅަމުން ދިޔައިރު މައިރީންގެ ގިސްލުން މަޑުމަޑުން އިވެމުންދިޔައެވެ. ކުއްލިއަކަށް މައިރީން އަރިއަޅައިލިއެވެ.

އެކަމަށް ހުށިޔާރުވެގެން ހުރި ކައިލް، މައިރީން ވެއްޓުމުގެ ކުރިން މައިރީންގެ ހަށިގަނޑުގައި ހިފެއްޓިއެވެ. ކައިލްގެ ސޫރަ ފެނުމުން މައިރީން ބިރުގަތެވެ. ހޭ ނެތެމުން ދިޔަ ވަގުތު މައިރީން ތެޅިގަތެވެ. “ޕްލީޒް ނޫން.. ޕްލީޒް.. މައިއަށް ގޮ..ތެއް ނަހަދާތި..” މައިރީންގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. މައިރިން އޭނައަށް ކުރި އިތުބާރު ފުޑުފުޑުވެފައިވި މިންވަރު ކައިލްއަށް އިހްސާސްވިއެވެ. މައިރީންގެ ހަށިގަނޑު ކައިލްގެ އަތްދަނޑި މައްޗަށް ދެމުނެވެ. “އައިމް ސޮރީ.. އައި ހޭޑް ޓޫ..” މައިރީންގެ ހޭވެރިކަން ދިޔުމުން ކައިލް މަޑުމަޑުން ބުނެލިއެވެ.

ކުޑައިރުކޮޅަކަށްފަހު މަޔާންގެ ކާރު ކައިލްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ކައިލްގެ އަތްދަނޑިމަތީގައި އޮތް މައިރީން ފެނުމުން މަޔާންގެ ހިތައް ބިރުވެރިކަން ވަދުނެވެ. “މައި؟؟ ކައިލް ކިހިނެތްވީ؟؟” ހާސްވެފައި ހުރެ މަޔާން އަހައިލިއެވެ. “ވާރެއާއި ތެމުނީއެއްނުން… ފިންޏަށް ބައްޔަކަސް ޖެހޭނެ ވާރޭކޮޅެއް ވެހިލަން ވާރައި އެޔާ ތެމެން..” ކައިލް ބޯ ހޫރުވައިލާފައި މައިރީން ކާރުގެ ފަހަތު ސީޓްގައި ބާއްވަމުން ބުންޏެވެ. “ހުރެބަލަ މަންމަ ކައިރީ ބުނެލާނަމޭ.. އެއޮއް ވަރަށް ވާރެއާ ނުތެމޭށޭ ބުންޏަކަސް މީނައަކަށް އަޑެއް ނީވޭނެ..” މަޔާން ބުންޏެވެ. ކައިލް ބޯޖަހައިލާފައި ކާރުގެ ދޮރުފަތް ލައްޕައިލިއެވެ. ސްޓޭޝަންއަށް ވަދުމަށްފަހު އޭނަގެ ކެބިންއަށް ވަދުނެވެ.

ކައިލް ގޮޑީގައި އިށީނނުމަށްފަހު އޭނަގެ އިސްތަށިގަނޑަށް އަތް މަހައިލިއެވެ. މީހަކު އޭނަގެ ކެބިންގައި ޓަކި ޖަހައިލުމުން ކައިލް ވާންނާށޭ ބުންޏެވެ. ދާރިއަން ކެބިންއަށް ވަދުމުން ކައިލް އިހްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. “އައްސަލާމު އަލައިކުމް ކައިލް.. އަހަރެން މިއީ ދާރިއަން.. ކައިލްއަށް އެނގޭނެ ކަންނޭނގެ އަހަރެން މިތަނަށް އަންނަން ޖެހުނު ސަބަބު.. އެހެންނުން؟” ދާރިއަން ކެބިންގެ ދޮރު ލެއްޕުމަށްފަހު ގޮޑީގައި އިށީނެވެ. ކައިލް މަޑުމަޑުން ބޯޖަހައިލިއެވެ. “ޑިޔުޓީގައި ހުރި އޮފިސަރެއްގެ ގައިގައި ޖެހުމަކީ ގާނޫނީ ކުށެއް ކައިލް.. މިފަދަ ކުށެއް ކުރި ފުރަތަމަ ފަހަރު އަހަރެންނަށް ލުއި ދެވެން އެބައޮތް.. އެކަމަކު އެއީ ޒާހިދު ކައިރިން ކައިލް މާފަށް އެދުނިއްޔާ..” ދާރިއަން ބުންޏެވެ.

ކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. “ތިއީ މަތީ މަގާމެއްގެ ބޭފުޅެއްވީމަ އަޅުގަނޑު މިހެން ބުނާކަށްވެސް ބޭނުމެއްނޫން.. އެކަމަކު އަޅުގަނޑު ބޭނުމެއްނޫން ޕްރޮވޯކްވެގެން ކުރިކަމެއްގެ ސަބަބުން މާފަށް އެދޭކަށް..” ކައިލް އޭނަގެ ގޮތުގައި ހިފައްޓައިލަމުން ބުންޏެވެ. ދާރިއަންއަށް އެއްމިޔަކަނުން ހީލެވުނެވެ. “ގުޑް.. އަހަރެންވެސް ގަބޫލު ކުރާ ގޮތް ތިއީ..” ދާރިއަން ބުންޏެވެ. ދާރިއަން އޭނައާއި އެއްބަސްވުމުން ކައިލްގެ މޫނަށް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. ދާރިއަން ކެބިންތެރެއަށް ނަޒަރު ހިންގައިލިއެވެ. ދާރިއަންގެ ލޮލުގައި ކެބިންގައި ހަރުކުރެވިފައިވި ސެކިޔުރިޓީ ކެމެރާ އަޅައިގަތެވެ. “އަޑު އިވޭ ކެމެރާއެއްތަ އެއީ؟” އެއްބުމަ އަރުވައިލަމުން ދާރިއަން އަހައިލިއެވެ. ކައިލް ބޯޖަހައިލިއެވެ.

ދާރިއަން ކެބިންއިން ނިކުންނަމުން ކައިލްއަށް ބޭރަށް ނިކުންނަން އިޝާރާތްކުރިއެވެ. ދާރިއަން ހަދަން އުޅޭ އެއްޗެއް ނޭންގޭތީ ކައިލް ދާރިއަންގެ ފަހަތުން ދިޔައެވެ. ބެލްކަންޏަށް ނިކުތުމަށްފަހު ރެއިލިންގައި ދާރިއަން އަތް އަޅުވައިލިއެވެ. “ހާރިޒް ނޫން އެހެންމީހަކަށް އެ ކޭސް ދޭނަންތަ؟” ދާރިއަން އަހައިލިއެވެ. “އެއީ އަހަރެންގެ ކޮއްކޮގެ ކޭސް.. އަހަރެންނަށް އިތުބާރެއް ނުކުރެވޭނެ އެ ކޭސް އެހެން މީހަކަށް ހަވާލު ކުރާކަށް..” ކައިލް މަޑުމަޑުން ދުރު ބަލައިލަމުން ބުންޏެވެ.

ދާރިއަން އޭނަގެ ތުނބުޅީގައި އަތްކާތްތާލިއެވެ. “ކައިލްއަށް އެނގޭތަ މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން އުޅުނެއްނުން ބްލަޑް މާފިޔާ ގޭންގޭ ކިޔުނު ގޭންގަށް ވިއްކާލާފަ ހުރި ކުއްޖެއް ސަލާމަތްކޮށްގެން..” ދާރިއަން މާޒީ ހަނދާންކޮށްލަމުން ބުންޏެވެ. “އެއީ ސާރ ސަލާމަތް ކުރި ކުއްޖެއްނުން.. އަޅުގަނޑު އަޑުއެހިން ސާރ އަންޑަކަވާގައި އުޅެގެން އެ ގޭންގް ހިފި ވާހަކަވެސް..” ކައިލް ވިސްނާލަމުން ބުންޏެވެ. “ޔެސް.. އެކުއްޖާއަކީ މިހާރު އަހަރެންގެ ލޯބިވާ ވައިފް..” ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން ދާރިއަން ބުންޏެވެ. އޭރު މިޔާގެ ސޫރަ ދާރިއަންގެ ލޮލަށް ފެންނަފަދައެވެ.

ކައިލްގެ ގާތަށް ހިނިއަންނަގޮތްވީ ދާރިއަން ހުރި ގޮތުންނެވެ. ކުއްލިއަކަށް މީހަކު ކަރުކެހިލުމުން ދާރިއަން ސިހުނެވެ. ދާރިއަން އަވަސް އަވަހަށް ހަށިގަނޑު ތެދުކޮށްލަމުން ކަރުކެހިލިއެވެ. “ކަލޭ މިހާރު އެންމެންނަށް ކަލެޔާ މަގޭ ކޮއްކޮގެ ލަވް ސްޓޯރީ ކިޔާދެނީތަ؟” ފާޑަކަށް ހިނިއައިސްފައި ހުރެ މާވިން އެއްސެވެ. ދާރިއަން ފާޑަކަށް ރަކިވިއެވެ. “ކައިލް މިއީ މާވިން.. އަހަރެންގެ އަނބީމީހާގެ ބޭބެ.. މާވިން މިއީ ކައިލްއަކީ..” ދާރިއަން ދެމީހުންނަށް އެކަކު އަނެކަކު ތައާރަފްކޮށްދިނެވެ. މާވިން ކައިލްއާ ސަލާމްކޮށްލިއެވެ.

މާވިން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “ކީއްވެއޭ މަ މިތަނަށް ގެނައީ؟” މާވިން އަހައިލިއެވެ. “ކައިލްއަށް ކަލޭގެ ވަޒީފާ ކުޑަކޮށް ކިޔާލަ ދޭންވީނުން..” ދާރިއަންގެ ޖުމުލައިން މާވިންގެ ދެލޯ ބޮޑުވިއެވެ. “ކަލޭ މޮޔަވީތަ؟” މާވިން އަހައިލިއެވެ. “ލުކް.. ކައިލް މަސައްކަތް ކުރަނީ އޭނަގެ ކޮއްކޮއަށް އިންސާފު ހޯދައިދޭން.. މާވިންވެސް މީގެ ފަސް އަހަރު ކުރިން ކުރީ ހަމަ އެމަސައްކަތެއްނުން..” ދާރިއަން ހަމަޖެހިލަމުން ބުންޏެވެ. “ކީއްވެ މިތާ ހުރެގެން އޭނައަށް އެ މަސައްކަތް ނުކުރެވެނީ..” މާވިން އެއްބުމަ އަރުވައިލަމުން ބުންޏެވެ.

ކައިލް ހުރި ވާނުވާ ނޭނގިފައެވެ. “ބޮކޯޒް ހީ ޕަންޗްޑް އަ ޕޮލިސް އޮފިސާރ.. އެންޑް ނައު ހީ އިޒް ސަސްޕެންޑެޑް..” ދާރިއަން ހަށަން ބަނދެލަމުން ބުންޏެވެ. “ވަޓް؟؟ ކިތައް ދުވަހަށް؟؟” ހާސްވެފައިހުރެ ކައިލް އަހައިލިއެވެ. “ތިރީސް ދުވަހަށް.. ޒާއިދު މައްސަލަ ޖައްސާވަރުން އެހާ ދުވަސް ގިނަވީވެސް.. އަނެއްކާ ކައިލް ޞޭނުމެއް ނުވި ވިއްޔާ މާފަށް އެދޭކަށްވެސް..” ދާރިއަން ބުންޏެވެ. “އެކަމަކު.. އަހަރެންގެ ކޮއްކޮގެ ކޭސްއޯ؟؟ އަހަރެން ބޭނުމެއް ނޫން ހާރިޒްއަކަށް އެކޭސް ދޭކަށް..” ކައިލް ބުންޏެވެ. “ތިކަމާ އެބައުޅޭ އުކައިލް..” ދާރިއަން ހަމަޖެހިލަމުން ބުންޏެވެ. “ދެން އަހަރެން ހުންނަންވީ މަހެއް ވަންދެން އަތް އުރައިލާގެން ކަލެމެންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެން..؟” ހަށަން ބަދެލަމުން ކައިލް އަހައިލިއެވެ. “ތިކަމާ އަހަރެން މި އުޅެނީ..” ދާރިއަން އޭނަ ކުރިން ވާހަކަ ދެއްކި ރާގުގައި ބުންޏެވެ.

ކައިލް ދެބުމަ ގޮށްޖަހައިލިއެވެ. ދާރިއަން ހަދަން އުޅޭ އެއްޗެއް އޭނައަކަށް އެއްވެސް ގޮތަކަށް ނޭނގުނެވެ. “އަހަރެންނަށް ވިސްނޭ ގޮތަށް އެއްޗެއް ކިޔާބަލަ..” ކައިލް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. aanaa

    Masha allah mi part vs vrh reethi
    alhey. Zaahidh mai ah kmh kohfaanethyve tha ehn e hedhy?dhn nufehnaane dhww mai mnge koalhun thkhvss.when next??lyy❤️

    1. Maash
      aanaa

      Thank you so much aanaa.. I’m happy U liked it.. vedhaane hama thihen vx.. let’s see kail and mai ge koalhun thah feneythw dhww..
      Next par insha Allah very soon.. love you more darling 💜🦋

  2. Shaf_maan

    Maasha Allah mi prt vx vrh reethi
    Kaill bro thi rulhigandu maithiri kuran dhaskuran vehje ehnun
    Mai haadha dhera vaaneyy😭
    Maavin mnge office ah kail gendhaany kahneynge I forgot that office name ingey hehe i only remember that it is a big boat or maybe a yacht..
    So dhaarian n ukail kail aa eh kolhah dhww
    Dhaarian miya ge vaahaka kail kaary dhehkyy😂😂
    Curiously waiting for the nxt prt.. How is ur exam?? Faseyha tha??
    Whn nxt???????
    Tc… Lysm Marsh 💜💜💜

    1. Maash
      Shaf_maan

      Thank you so much darll.. I’m happy u liked itt.. kail anger management class akah laan v dhww😭 hehe yes mai vrh dhera vefa hury.. it’s MVSA hehehe.. yes it’s a big boat.. yess ukail and dhaarian kail aa ehkolheh naseebakun.. dhaarian hunnany miya aa hure dheevaana vefa ey😂.. next part insha Allah very soon.. exam iraadha kurehveethi easy.. well marks libuneema engeyny dhen hehehe..
      Tc.. love you moree🦋💜

Comments are closed.