Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (5)

Maree Level 110 Stories
December 24, 2015 8 Mins Read
27 Comments

ފަސްވަނަ ބައި

އައިހަމާ އާލިޔާއަށް މުޅިތަން ވަށާ ހޯދާލެވުނީ އެމީހުންނަށް ފެނުނު ނިވި ދިއްލެމުން ދިޔަ ބޯޅަ ގެއްލުމުންނެވެ. އަޅިތަކުގެ ތެރޭގައި ހުރެވުނުކަން އިހުސާސްވުމުން ތުއްތު އައިހަމް އާލިޔާގެ އަތުގައި ހިފައިގެން އެތަނުން ނުކުމެ ވެލިގަނޑަށް އެރިއެވެ. އެއަށްފަހު އެތަނުން މިއަދު އޭނާ ގެންގުޅުނު ބޮލި ފެނުމުން ހިނިތުންވެހުރެ އެ ނެގުމަށް ތިރިވިއެވެ. އެއިރު ވާނުވާ ނޭނގިފައި ހުރި އާލިޔާ އެތަނުގައި މީހެއްގެ ހިލަމެއް ނުވާތީ ކޮންމެވެސް ވަރަކަށް ކަންބޮޑުވާން ފަށައިފިއެވެ. އައިހަމްގެ އަތަށް ދަމަމުން މަންމައަށް ގޮވާލަ ގޮވާލަ ހުރިއިރު އާލިޔާއަށް ރޮވެނީއެވެ.  އާލިޔާ ކޮއްކޮއަށް ރޮވެނީކަން އައިހަމަށް އެނގުމުން ހަލާކުވެފައި އޮތް ބޮލި އަވަހަށް ނަގައިގެން އާލިޔާގެ އަތުގައި ހިފައިގެން ހިނގައިގަތީ އެންމެން ތިބި ހިސާބަށް ދާށެވެ. އެއިރު ގޯތި ތެރެއިން ދުވަމުން އެކުދިންނާ ދިމާލަށް ފާތުން އަންނަތަން ފެނެއެވެ. ހަމައެއާއިއެކު ފެންކަޅިވެފައިހުރި އާލިޔާގެ ބަޑިފަޅައިގެން ގޮސް މަންމަ ގެ ގާތަށް ރޮމުން ދުއްވައިގަތީ އައިހަމްގެ އަތްފޮޅާލާފައެވެ.

އާލިޔާ އުރާލުމަށްފަހު އައިހަމާއި އެކު އައި ކޮޅަށް ދާން ފާތުން ހިނގައިގަތެވެ. އައިހަމް ގޭ ބިއްދޮށަށް އައީ ކީއްކުރަންތޯ ސުވާލުކުރުމުން އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ. އަދި އޭނާ ގެންގުޅުނު ބޮލި ފެނުނު ވާހަކަވެސް ކިޔައިދިނެވެ. އައިހަމް ލައިޓް ބޯލްއެއް ފެނުނޭ ބުނުމުން އެއީ ގޭ ބިއްދޮށަށް ދާން އޮންނަ ހުސްތަނުގައި ގޭގެ ފާރުގައި ހަރުކޮށްފައި ހުރި ވަށް ލައިޓުކަމަށް ފާތުން ހީކުރިއެވެ. އައިހަމް ވާހަކަ ދައްކަމުން އޭނާގެ ބޮލި ދައްކަންހޭ އަހައި ފާތުންނަށް އެ ބޮލި ދައްކަން ފެށީ ވަރަށް އުފަލުން ހުރެއެވެ. އޭނާ މާވަރަކުން ދައްކަމުންދިޔަ ބޮއްޔަށް ފާތުން ބަލާލިއެވެ. އެހިނދު ހުރިތަނަށް ހުއްޓުމަށްފަހު އަތްތިލަ ހުޅުވައިގެން ބޮލި އަތްމަތީގައި ބާއްވައިގެން ހުރި އައިހަމްގެ އަތަށް ރަނގަޅަށް ނަޒަރު ހުއްޓާލިއެވެ. ފާތުން ބަލަމުން ދިޔައީ އައިހަމް ދައްކަމުން ދިޔަ ބޮއްޔެއް ނޫނެވެ. އޭނާ ހައިރާންކަމާއެކު ބަލަމުންއެދަނީ އައިހަމްގެ ކުރަކި ވެފައިވާ އަތްތިލައަށެވެ. އެއީ މިއަދު އާލިޔާގެ އަތްތިލައިންވެސް ފެނުނުފަދަ ނިޝާން ތަކަކަށްވުމުންނެވެ.

އެހެންކަމުން މި ދެކުދިންގެ އަތަށް މިހެން ވާންޖެހުނު ސަބަބު އައިޝާއަށް އެނގޭނެޔޭ ފާތުންގެ ހިތަށް އެރިއެވެ. ހަލުއި ހިނގުމެއްގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން ފާތުން މިސްރާބުޖެހީ އަވަދިނެތި ސޮސެޖް ބުރިތަކެއް އިލޮށްޓަކަށް އަމުނަން މޭޒު ކައިރީގައި އިށީނދެގެން އިން އައިޝާގެ ގާތަށް ދިއުމަށެވެ. އޭނާއަށް އައިހަމްގެ އަތަށްވެފައި ހުރިގޮތެއް އެނގޭތޯ އޮޅުން ފިލުވުމުގެ ނިޔަތުގައެވެ. އައިހަމް ގޮވައިގެން އައި ފާތުންނަށް އައިޝާއާއި އަރާ ހަމަވުމުމާއިއެކު، އެއްލި ކަޅިން އައިޝާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ފާތުންގެ ކުރީގައި ހުރި އައިހަމަށެވެ. ވަގުތުން އައިޝާ އިންތަނުން ތެދުވީ ހައިރާންވެ ކޮންމެވެސް ވަރަކަށް ރުޅިވެސް އައިސްގެން ހުރެއެވެ. ފާތުންގެ ދުލުން ބަހެއް ބޭރުނުވަނީސް އައިހަމާ މުޚާތަބުކޮށް އައިޝާ އައިހަމާ ވާހަކަދައްކަންފެށިއެވެ.

” މަންމި ބޮލި އެއްލާލީމަވެސް އަނެއްކާ ގޮސް ނެގީތަ؟ ހަލާކުވީމަވެސް ނެގީތަ؟ ބުނީމެއްނު އައްޗި ބޮއްޔެކޭ ތީ! ތީތި އެއްލާލާ އައިހަމް!”  އައިސްފައި ހުރި ރުޅީގައި އެންމެންގެ ހާޒިރުގައި އެ ބޮލި އައިހަމްގެ އަތުން އައިޝާ ޖަހައިގަތީ ވަރަށް ހަރުކަށިކަމާއިއެކުއެވެ. ހަމަ އެއާއިއެކު ތުއްތު އައިހަމް އޭނާގެ މަންމައަށް ރުޅިވެރި ކަމާއިއެކު ބަލާލެވުނެވެ. ދެލޯ ބޮޑުކޮށް ދެ ބުމަ ގޮށްޖަހައިގެން ހުރި އައިހަމް އޭނާގެ މަންމައަށް ބަލަމުން ދިޔައީ ވަރުގަދަ ސިންގާއަކު ހަމަލާދޭން ތައްޔާރުވެގެން ހުރި މިސާލުންނެވެ. އަތްފައި ދަނގަޑުވެ އައިހަމަށްވެސް އޭނާއަށް ވާނުވާ ނޭނގޭ ކަހަލައެވެ. އައިހަމްގެ މޫނަށާ ގަޔަށް އަރަމުން ދިޔަ ކުލަވަރު ބަލަން އެންމެނަށް ހުރެވުނީ ހައިރާންވެ އަންތަރީސް ވާ ހާލުގައެވެ. އެއީ ދުވަހަކުވެސް އައިހަމް ޖެއްސި ވައްތަރުތަކެއް ނޫނެވެ. އޭނާ އެންމެ ބޮޑުވަރުވެގެންވެސް ފަށާނީ ރޯށެވެ. އެހެންނަމަވެސް އެވަގުތު އައިހަމަށް މަންމަގެ ހަރުކަށި ބަސްތަކަކުން އަސަރެއް ނުކުރިއެވެ. އައިސްފައިހުރި ރުޅިން އައިހަމް ގޭތެރެއަށް ގޮސް އޭނާގެ މަންމަގެ ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލިއެވެ.

މަސައްކަތް ހުއްޓާލުމަށްފަހު މިމަންޒަރު ބަލަން އެންމެނަށް ގަބުވެފައި ހިނދުކޮޅަކަށް ހުރެވުނެވެ. ދާދި ގާތުން މަންޒަރު ބަލަން ހުރި ފާތުން އައިިޝާ ގާތަށް އައި ބޭނުން ނުފުދެނީސް ޤްރިލް ކައިރީ ހުރި ރިޒާން އައިޝާގެ ގާތަށް އައެވެ. އައިޝާ ގާތު އައިހަމް ފަހަތުން ނުދާން ބުނެ، އިރުކޮޅަކުން ނިކުމެދާނެޔޭ ބުނެ ހިތްވަރުދިނުމަށްފަހު މަސައްކަތަށް އެނބުރި ރިޒާން ދިޔައެވެ. ދެންމެ އައިހަމާ ދޭތެރޭ އައިޝާއަށް ކަންތައް ކުރެވުނީ އަދި މާ ރަނގަޅަކަށް ނޫންކަން  އައިޝާއަށް ވަގުތުން އިހުސާސްވެ އެކަމާ އިންތިހާއަށް ދެރަވެއެޖެއެވެ. ދެއަތް އުނަގަނޑަށް ވިއްދައިގެން ހުރި އައިޝާ ފުން ނޭވާއެއްދޫކޮށްލާ  މިހުރިހާ ކަމެއްވީ އައިހަމް އެ ގެންގުޅު ބޮއްޔެއްގެ ސަބަބުންނޭ ހިތަށްއެރިއެވެ.

ހިނދުކޮޅަކަށް ވިސްނަން ހުރެފައި އައިޝާ ގާތަށް އައިސްފައިހުރި ރުޅީގައިި ގޭ މައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ގޭތެރެއަށް ވަންނަތާ ދޮރުމަތީ އަޅާފައިވާ ތަޅުންގަނޑުމަތީ އައިޝާ އުޑުފައިން އިށީނދެ އިނދެ އެ ބޮލި ބާއްވައި އޭގެމަތީ މަރުތެޔޮއަކުން ޖެހިޖެހީނުން  ފުނޑުފުނޑު ކޮށްލިއެވެ. މިހުރިހާ މަންޒަރެއް ބަލަން ގޯތިތެރޭގައި ތިބި މީހުންތައް އެބައެއްގެ މަސައްކަތާއިގެން އަވަހަށް ކުރިއަށް ދިޔައެވެ. އެކަކަށްވެސް އައިޝާއާ ދިމާލަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ނަމަވެސް އާލިޔާ އުރާލައިގެން ހުރި ފާތުން އައިސް އައިޝާގާތަށް ހުއްޓުނީ ވާނުވާނޭގިހުރެއެވެ.

” އޭއި! އޭއި! ކިހިނެއްވެގެންތަ ތިއުޅެނީ މާ ރުޅިގަދަވެގެން؟ އެކުއްޖާ އެ ބޮލި ނެގިއެކޭ ކިޔާފަ ދެން ތިހާ ވަރު ވާން ޖެހޭތަ؟”  އައިހަމް ދެކެ އައިޝާ އެވަރަށް ރުޅި އަންނަންވީ ސަބަބެއް ފާތުންނަށް ނުވިސްނުމުން އަހާލިއެވެ.

“ރުޅި ނާންވަރެއްތަ ދެން، ފާތުން އޭނަގެ އަތް ދުށިންތަ ؟ އިއްޔެ ތުނޑިއަށްގޮސް މި ބޮއްޔެއް ހޮވައިގެން އައީއްސުރެ މީގެން އަތް ދޫނުކޮށް އުޅުނީމަ އެބަހުރި އަތްތިލަ އަނދާފަ. މަށަކަށް ނޭނގެ މީ ކޮންކަހަލަ ބޮއްޔެއްކަމެއްވެސް. އެލާރޖިކެއް ވީ ތޯއްޗެއް. އެހެންވެ މިއަދު ހެނދުނު އޭތި މަ އަލިފާން މަޅިއަށްވެސް އެއްލާލީމަ ރުޅިއައިސްގެން ރޮއެރޮއެފަ އުޅުނު. އަނެއްކާވެސް އެއައީނުން މީތި ނަގައިގެން. ދެން ވެއްޖެ އެންނު މި ހަލާކު ކޮށްލަން. އެހެންވެ މި ފުނޑާލީ” އައިޝާ ހުރިހާ ވާހަކައެއް ފާތުންނަށް ކިޔައިދިނީ އަރައިގެންފައި ހުރި ރުޅި މައިތިރި ނުކޮށް އިންތާ އިނދެއެވެ.

“މަ އަސްލު ތިވާހަކަ އަހާށޭ މިހުންނަނީ، ބަލާބަލަ އާލިޔާގެ އަތް.” ފާތުން އާލިޔާގެ އަތްތިލަ އައިޝާއަށް ދައްކަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ވެގެން މިއުޅެނީ ކީއްކަން އަހަރެންނަށް ނުވިސްނުނު. އައިހަމްގެ އަތް ފެނުނީމަ އަހަރެން ހިތަށް އެރި ތީނަޔަށް މިކަމުގެ ހަޤީގަތް އެނގޭނެޔޭ. އެހެންވެ އައިހަމް ގޮވައިގެން އައިޝާގާތަށް އަހަރެން އައީ. މިހާރު އެނގިއްޖެ މިހެންވެގެން މިއުޅެނީ މި ބޮއްޔަކާ ހެދިކަން. އަހަރެން ހިތަކަށްނާރަ އަދި ބޮއްޔެއް ނެގިއެކޭ ކިޔާފަ އަތަށް މިވަރު ވާނެޔޭ. ރަނގަޅަށް ތިހެދީ. ކުދިންވީމަ ކޮންމެ އެއްޗެއްވެސް ބޭނުންވާނެ. ދެނެއް ތިޔެއް ނުނެގޭނެއެއްނު. އެންޓި ބަރން ކްރީމް ކޮޅެއްލީމަ އާލިޔާގެ އަތް މިހާރު ތަންކޮޅެއް ރަނގަޅު” އާލިޔާ އުރާލާއިގެން ހުރި ފާތުންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް  ޖަވާބު ލިބުމުން ހަމަޖެހިލާފައި ހުރެ އެތަނުން ދުރަށް ހިނގައިގަތެވެ. އާލިޔާގެ އަތްތިލައަށް ބަލާލުމަށްފަހު އާލިޔާއަށްވެސް އެހެންވީ އެ ބޮއްޔެއްގައި އަތްލި ކަމުންނޭ ބުނެ އައިޝާ އިންތަނުން ތެދުވެ ކޮޓަރިއަށް ވަތް އައިހަމް ފެންނަން ހުރިތޯ ބަލާލުމަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު އިރުކޮޅަކުން އައިހަމް ނުކުންނާނެޔޭ ހިތަށް އަރުވަމުން ހިނގައިގަތީ ގްރިލް ކުރީމަތީގައި ހުރި މޭޒާ ދިމާލަށެވެ. މަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ. ފާތުންވެސް އާލިޔާ ޖޯލީގައި ބައިންދާ އޭނާގެ އަތަށް ފޯނު ދިނީ އޭގެން ކުޑަކުދިންގެ ވީޑިއޯއެއް އަޅުވައިދިނުމަށް ފަހުއެވެ. އާލިޔާ މަޑުން އިންނާނެ ގޮތެއްހެދުމުގެ ނިޔަތުގައެވެ. އޭރު ޖޯލި ކައިރީގައި މާއިނާއި ޒާކްވެސް ކޮރާ ކުޅެމުންދެއެވެ.

ގްރިލުން އަލިފާންގަނޑު ނިއްވައި ގިނި މަޑުކޮށް ދާގަނޑު މައްޗަށް ލޮނު މިރުސް ލާފައިހުރި ކުކުޅު ފައިތަކާ ސޮސެޖް ބުރިތައް  ފިރިހެން ވެރިންނާއި އައިސާމަނިކެ އަރުވަމުން ދިޔައެވެ. އެއިރު ގޯތިތެރޭގައި ދުންބޮޑުވެ މުޅި ތަންގަނޑު ހީވަނީ އެހެންފަދަކަމެއްހެނެވެ. އަންހެން ވެރިންގެ މަސައްކަތް ލުއިވެ މިހާރު އެއެންމެން އެތިބީ މޭޒު ކައިރީ ހުރި ގޮނޑިތަކުގައި އިށީނދެއެވެ.

” ކީއްކުރަންތަ ދެން އައިހަމް ރުޅި އަރުވާލީ. އަދި ގޮސް ބޮލިވެސް ފުނޑާލާއިފިއޭ! ކީއްކުރަން ކުރިކަމެއްތަ އެއީ!” ރިޝޫ އަައިޝާ އާ ސުވާލުކުރީ ވެގެން އުޅޭ ގޮތެއް ނޭނގޭ ހާލުގައެވެ.

” ޒާކް އާ މާއިންގެ އަތަކަށް ކަމެއް ނުވޭތަ؟ އެ ބޮއްޔަކީ އިއްޔެ އެކުދިން ކުޅެން ގެންގުޅުނު ބޮއްޔެކޭ. އެޔެއް ނަގައިގެން އުޅުނީމަ އޭ އަތްތިލަ ހަލާކުވެގެން އެ އުޅުނީ. ދެން އޭތި ފުނޑާލާނެއެއްނު!..” ރިޝޫ އަށާ އައިންތަށް ވެގެން އުޅޭ ކަންތައް ކިޔަދެމުން ފާތުން ސުވާލުކުރިީ  ރިޝޫ ކުރި ސުވާލަށް އައިޝާ ޖަވާބުނުދިނުމުންނެވެ.

” އެހެންތަ. އެޔަކާ ހެދި ތަ އެކުދިންގެ އަތަށް އެހެންވީ. އާނ މާއިން އަތަކުވެސް ޒީކް އަތަކުވެސް ނެތް ކަމެއްވެފަ. ސްޓްރޭންޖް! ދޯ އައިންތޫ.”  މޫނަށް ހައިރާންވާކަމުގެ ކުލަވަރެއް އަރުވަމުން ރިޝޫ އައިންތަށް ދޯ ދިނެވެ.

“ތި ވާނީ މާއިންމެން އެ ބޮލީގަ އަތް ނުލަނީ ކަމަށް. އެމީހުން އުޅުނީ އެހެންނޫނަސް ބޭބީސް މެންނާ ތަންކޮޅެއް ދުރުގަ.”  އައިންތު އޭނާއަށް ވިސްނުނު އެއްޗެއް ބުނީ މޭޒުމަށްޗަށް ކާތަށިތައް އަރުވަމުންނެވެ.

ގަޑިން 5 ޖަހައި ބޮޑުވެއްޖެއެވެ. ވަގުތު ދާގޮތެއް އެކަކުވެސް ބަލާކަށްހަނދާނެއްނެތެވެ. އެންމެން ހީ ސަމާސާ ކުރަމުންދިޔައިރު އަނބުގަސް ދަށުގައި ހުރި ޖޯލީގައި ފޯނުން ވީޑިއޯ ބަލަން އިން ތުއްތު އާލިޔާގެ ފުރަގަހުން މީހަކު އިރުއިރުކޮޅާ ހިނގާހެން ހީވެއެވެ. އެއިރު ވައިގަދަވެ އަނބުގަހުގެ ފަތްތައް ކޮޅު ކޮޅަށް ވިހުރޭ މަންޒަރު އާލިޔާއަށް ފެނެއެވެ. އާލިޔާއަށް އަޑު އައިދިމާލެއް ނޭނގި ވަށައި ހޯދަންފެށިއެވެ. ކުއްލިއަކަށް އާލިޔާއަށް ފެނުނީ އޭނާގެ ގާތުގައި ޖެހިގެން ހުރި ޖޯލީގައި މީހަކު އިށީނދެ އިންތަނެވެ. އާލިޔާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ އޭނާގެ މަންމައާއި އެއް އުމުރެއްގެ އަންހެނެކެވެ. މަންމަ ގޮތަށް ހެދުން އަޅާފައިހުރި އެހެނަސް ބުރުގާ ނާޅާ ރީތި ދައްތައެކެވެ. އެ އަންހެން މީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އާލިޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް  ވެރިވީ، އާލިޔާއަށް ލޯބިކޮށްލުމުގެ ގޮތުން އާލިޔާގެ ކޮލުގައި ހިފާ އެމީހާވެސް ހިނިތުންވުމުންނެވެ. އާލިޔާއާއި ސަކަރާތްޖަހައި ލޯބިކުރަމުން ގޮސް އާލިޔާއަށް ލައްކަ މަންޒަރެއްދައްކަމުން ދިޔުމުން އާލިޔާގެ ހިނިތުންވުމުގެ އަޑުފަށްގަނޑު ގަދަވާންފެށިއެވެ. އެ އަންހެންމީހާ އާލިޔާގެ ބަނޑުގައި ގިލިގިލި ކޮށްޓާ ކޮންމެފަހަރަކު އާލިޔާގެ ހިނިގަނޑު ފަޅަ ފަޅައިގެން ދެއެވެ. އާލިޔާގެ ހުނުމުގެ އަޑު ގަދަވުމުން އެންމެން އެއްފަހަރާ އާލިޔާއަށް ބަލާލެވުނެވެ.  އަދި އާލިޔާއަށް ވެގެން އުޅޭ ގޮތެއް ފާތުންމެންނަށް ނޭނގޭ ހާލުގައި އޭނާގެ ހުނުމުގައި ބައިވެރިވެވުނީ މައުސޫމް އާލިޔާގެ ލޯބި ހިނިތުންވުމުގައި މަޖާ ގޮތްގަނޑެއް ހުރުމުންނެވެ. އެހެނަސް އޭނާގެ ހުނުމުގެ އަޑު ހިނދުކޮޅެއްގެތެރޭ ހުއްޓިއްޖެއެވެ. ބަލަ ބަލަ ތިއްބާ ކުއްލިއަކަށް އާލިޔާގެ ދެލޯ ބޮޑުވެ ބިރުގަންނަ ގޮތްވިއެވެ. އަދި ހެވުނުވަރަށް ވުރެ ބާރަށް އަޑުގެ ނެތްތަނަށް  ރޯންފަށައިފިއެވެ. އާލިޔާއަށް ރޮވެންފެށީ އޭނާގެ ކައިރީގައި އިން އެ އަންހެންމީހާގެ މޫނުމަތިން ބިރުވެރި ސިފައެއް ޖެއްސުމަށްފަހު ޖޯލި މަތިން ގަހަށް އަރައިގެން ދިޔަމަންޒަރު އެ މައުސޫމު ކުއްޖާއަށް ދެއްކުމުންނެވެ. ސިފަ ބަދަލުވެ އަތްފައި އޮޅި ލޮލުގެ ކަޅި ގެއްލި މުޅި ހަންގަނޑު ހުދުވެ އިސްތަށިގަނޑު ބޯ މަތިން ވިހުރަމުން އާލިޔާއަށް މަންޒަރު ދައްކަމުން ރާމާ މަކުނެއްހެން ގަހަށް އަރައިގެން ގޮސް ގަހުގެ ގޮފިގަނޑެއްގައި އިނދެ އާލިޔާ ރޮއްވަމުންދިޔައެވެ.

އާލިޔާގެ ރުއިމުގެ އަޑު ޖެހުމުން  ބަލަން ނުހުރެ އަވަހަށް ދުވެގޮސް އެ މަންޖެ ފާތުން އުރާލިއެވެ. ރޮމުން އަނބުގަހާ ދިމާލަށް އާލިޔާ ބަލާ ވަރުން ފާތުން ވެސް ބޯ އުފުލާ އާލިޔާ ބަލަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އޭނާއަކަށް ގަހުން އެ އަންހެން މީހާ ނުފެނުނެއްކަމަކު އާލިޔާއަށް އޭތި ފެނެއެވެ. ބިރުން ފިނިވެ ރޮމުން ރޮމުން ގޮސް އާލިޔާއަށް ހޮޑުވެސް ލެވިއްޖެއެވެ. އޭނާ އިނގިލި ދިއްކޮށް “ބޫ ބޫ” ކިޔައި ރޮއި ހޭރުނު އިރުވެސް ފާތުންނަކަށް އަދި އެހެން މީހަކަށްވެސް އާލިޔާއަށް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. އާލިޔާއަށް ވާހަކަ ދައްކަން އެނގޭނަމަ އެމަންޖެއަށް ފެނުނު އެއްޗެއް ކިޔައި ދެވުނީހެވެ. ގްރިލް ކައިރި ހުރި ހަސަނުވެސް  ދުވެ އައިސް އާލިޔާ އުރާލަމުން ތަޅުވަން ފެށީ އޭނާ ހުއްޓުވުމަށެވެ. އައިޝާއާއި އައިސާމަނިކެ ފެން ޖަގެއް ހިފައިގެން އައިސް ހިނދެމުންދިޔަ އާލިޔާގެ ހެދުން ބާލުވާ އޭނާގެ ބޮލަށް ފެންއަޅާލިއެވެ. އަދި އޭނާ އެތަނުގައި ފެންވަރުވާލާފައި އަވަހަށް ގޮވައިގެން އެތެރެއަށް ވަނެވެ. ހަމަ އެ ދަނޑިވަޅަށް ފާތުންގެ މަންމަ އައިމިނާ މަނިކާއި ޖަމީލާ މަނިކާއި ސަކީނާއައިސް އައިޝާމެންގެ ގެއަށް ވަނެވެ.

” ފާތުމަތު! އެ މަންޖެއަށް ކިހިނެއްވީތަ؟  ރޯއަޑު އެބަ އިވޭ ބޮޑުމަގާ ހަމައަށް. ތަނަކުން ވެއްޓި ޖެހުނީތަ ؟” އައިމިނާ މަނިކެވެސް ދުވެ އައިސް ފާތުންގެ ފަހަތުން ގޭތެރެއަށް ވަނީ ގޮވާ ހަޅޭއްލަވަމުންނެވެ. އައިޝާ ގޮސް އޭނާގެ ކޮޓަރި ހުޅުވައިލާ ފާތުންނަށް ކޮޓަރިއަށް ވަންނަން ތަންދެއްކިއެވެ. ފާތުންގެ ފަހަތުން އައިމިނާމަނިކާއި އައިސާމަނިކާއި އައިޝާ ކޮޓަރިއަށް ވަތް އިރު ދެން ތިބި އެންމެން ބޭރުގައި މަޑުކުރިއެވެ. އެނދުމަތީ އައިމިނާމަނިކާއި އައިސާމަނިކެ އިށީނެވެ. ފާތުންވެސް އާލިޔާއެނދުގައި ބާއްވަލަމުން އިށީނެވެ. އެއިރު އާލިޔާގެ އަޑުކެނޑި މައިތިރި ވެއްޖެއެވެ. މަންމަ ކުރި ސުވާލަށް އިޖާބައެއް ނުދީ އައިޝާ އެކޮޓަރީ މޭޒުމަތީގައި ބަހައްޓާފައި ހުރި އޭނާގެ ދަބަހުން އާލިޔާގެ ބުއްފުޅިނަގައި އޭނާއަށް ދިނެވެ. އެއަށްފަހު މަންމައަށް ކަންތައް ދިމާވި ގޮތުގެ ވާހަކަ ފާތުން ކިޔައިދޭން ފެށިއެވެ.

ކުއްލިއަކަށް އައިހަމް މަތިން ހަނދާންވެގެން އެނދުކައިރީގައި ކޮޅަށްހުރި އައިޝާ ކޮޓަރިވަށާ ހޯދާލީ އައިހަމް ކޮޓަރިތެރެއިން ފެންނަން ނެތުމުންނެވެ. ގައިމުވެސް އައިޝާ އެ ބޮލި އަތުލުމުން އައިހަމް ރުޅިއައިސްގެން ކޮޓަރިއަށް ވަދެ ދޮރުޖެހި ހަނދާން އައިޝާ ވިއެވެ. އައިޝާ މަތި މަތިން ކޮޓަރި ހޯދާލިއިރު އައިހަމް ފެންނަން ނެތުމުން ޝަށްކެއްގައި ހުރެ ފާޙާނާގެ ދޮރު ހުޅުވައިލާ ފާހާނާތެރެ ބަލައިލިއެވެ. ހަމަ ދޮރު ހުޅުވާލުމާއިއެކު ދެފައި ކުރުގަޅުވައިގެން ބިރުން ރޫރޫ އަޅައި ބިންމަތީ ފާހާނަ ތަށިކައިރީގައި ޓައިލްސްމަތީ އިށީނދެގެން އިން އައިހަމް ދުވެފައި އައިސް މަންމާއޭ ކިޔައި ބާރަކަށް ރޮއެގަތެވެ. ފާހާނަ ތެރޭގައި އައިހަމް އިންނަތާ ވީއިރެއްވެސް ނޭނގެއެވެ. ދާހިއްލާ ފޯވެފައި ހުރިއައިހަމް ބާރަކަށް ރޯންފެށީ އޭނާ އިން ޖަލުން މިނިވަންވެއްޖެކަން އެނގުމުންނެވެ. އެނދުގައި ނިދެމުންއޮތް އާލިޔާއަށް ހޭލެވިދާނެތީ އަވަހަށް އައިހަމް އުރާލައިގެން އައިޝާ ކޮޓަރިން ބޭރަށް ނުކުތެވެ. އެއަށްފަހު ސިޓިންގްރޫމުގައި ހުރި ސޯފާގައި އައިހަމް ބޭންދުމަށްފަހު އައިހަމާ ސުވާލު ކުރަންފެށިއެވެ. އައިސާމަނިކެވެސް އޭނާގެ މާމަ ދަރިފުޅަށް ވެގެން އުޅޭ ކަމެއް ބެލުމަށް އެދެވެރިންގެ ގާތަށް އައިސް ސޯފާގައި އިށީނެވެ.

އައިސާމަނިކެ އައިސް އައިހަމް ގާތު އިށީނުމުން އައިހްމަ ޖެހިލުންވެފައި އައިޝާގެ ގައިގައި ހިފާ ބައްދައިގަތެވެ. އެއަށްފަހު ހަމަ ސިކުންތެއްގެ ތެރޭ އައިހަމް އައިޝާގެ ގައިން ދޫކޮށްލުމަށްފަހު ހަމަޖެހިލިއެވެ. އިންތަނުން މައްޗަށް ޖެހިލައި، ގޮނޑީގައި ލެނގިލިއެވެ. ދެފައި އެއްވަރުކޮށްލާ ދަމާލިއެވެ. އަދި ހަށަންބަނދެ ކުރިމަތީގައި  ނިއްވާފައި ހުރި ބޮޑު ދިގު ފަތި ޓީވީ އާއި ދިމާލަށް އައިހަމްގެ ނަޒަރު ހުއްޓާލިއެވެ. މީގެ ހިނދުކޮޅެއް ކުރިން ބިރުން ވިރި ވިރި އިން އައިހަމް މިހާރު އެއިނީ މުޅިން މައިތިރި ވެފައެވެ. އޭނާއަށް ކަމެއް ވީހެނެއްވެސް ހިޔެއްނުވެއެވެ. ހަމަ އެސިކުންތުގައި އެތަނަށް އައިސްފައި އިން އައިސާމަނިކެ އެއްމިޔަކަނުން ހިނިތުންވެލާފައި އިންތަނުން ތެދުވެ ގޮސް ފާތުންމެން ގާތަށް، އައިޝާގެ ކޮޓަރި ތެރެއަށްވަނެވެ. އައިޝާ އިނީ އައިހަމަށް ކުއްލިއަކަށް މިއައި ބަދަލާއިމެދު ހައިރާންވެފައެވެ.

“ދަރިފުޅު ފާޙާނަތެރޭ އިނީ ކީއްވެ؟ ” ފާތުން އައިހަމާ ސުވާލުކުރީ އޭނާގެ ލޮލަށް ބަލަމުންނެވެ.

“ކަމެއްނުވޭ.” އެއްދިމާލަކަށް ކަޅިހުއްޓިފައި ހުރި އައިހަމް އަކުރަކަށް ފިއްޔަކަށް ބަދަލެއްނައިސް ޖަވާބުދިނީ ޖެހި ބުދެއްހެނެވެ.

ފާތުން ހައިރާންވާހާލު އައިހަމް ގެ ގައިގައި އަތްލުމުން ތެޅިގެންފައި އައިހަމް އިންތަނުން ތެދުވީ ބިރެއްފެނިގެން އުޅުންހެނެވެ.

“އަތްނުލާތި!” ރުޅިއައިސްފައި ހުރި އައިހަމް ސިހިފައި ބުންޏެވެ. ރުޅިވެރިކަމުން ފުރިފައި ހުރި އައިހަމަށް ހީވަނީ ގޮތެއްވެގެން އުޅޭހެނެވެ. އޭނާގެ މަންމަ ދެކެ އެހާވަރަށް ރުޅިއައިސްގެން އެއުޅެނީ ކީއްވެގެންކަމެއް އައިޝާއަކަށް ނުވިސްނުނެވެ. އޭނާއަކީ ރުޅި އަންނަނަމަ ރޮވޭ ކުއްޖެކެވެ. އެހެނަސް އެވަގުތު އައިހަމަކަށް ނުވެސް ރޮވުނެވެ.

އަނެއްކާވެސް އައިހަމް އިންތަނުގައި އައިސް އިށީނުމުން އައިޝާ އޭނާއާ ވާހަކަ ދައްކަންފެށިއެވެ.

” އޯކޭ، މަންމި އަތެއްނުލާނަން. އެކަމު ދަރިފުޅު ތިހާ ރުޅިއަންނާކަށް ނުވާނެއެއްނު. މަންމި ރަނގަޅަކަށޭ އެ ބޮލި އަތުލީ…..” އައިޝާ އައިހަމާ ވާހަކަދައްކަމުން ދިޔައިރު އައިހަމަށް އޭނާގެ މަންމަ ދައްކަމުންދިޔަ އެއްވެސް  ވާހަކައެއްގެ އަޑު  ނީވޭކަހަލައެވެ. އެސްފިޔަޖަހާނުލާ އޭނާ ބަލަމުން ގެންދިޔައީ މަންޒަރެއްނުފެންނަ ޓީވީއާދިމާލަށެވެ. ޝައުޤުވެރިކަމާއިއެކު ޓީވީ ބަލަމުންދިޔައައިހަމަށް ހީވަނީ އޭނާ ވަރަށް ބަލާހިއްވާ މަންޒަރެއް ޓީވީން ފެންނަހެނެވެ.

“އައިޝާ!!!!! ދެން އާދެބަލަ! ކުކުޅުތައް ފިހިއްޖެޔޭ!” އައިހަމްގެ އަޖައިބުވަނިވި އުޅުމަށް ބަލަން އިން އައިޝާއަށް ސިހުންވީ ބޭރުން ކޮންމެވެސް މީހަކު ގޮވިއަޑަށެވެ. އަވަހަށް އިންތަނުންތެދުވެ ދުވެފައި ބޭރަށް ދިޔައީ އަދިއެއްފަހަރު އެނބުރި އައިހަމަށް ބަލާލުމަށްފަހުއެވެ. އެއިރުވެސް ހަމަޖެހިލައިގެން ސޯފާގައި އައިހަމް އިނީ މަންޒަރުތަކެއް ނުފެންނަ ޓީވީގެ ތެރެއަށް ގޮސް ހުސްވެފައެވެ. ދެރަވާހާލު ހިތްވަރުކޮށްފައި އަދިފަހުން އައިހަމް ގެ ރުޅިމައިތިރިވާނެޔޭ ހިތާ ހިތުން ވާހަކަ ދައްކަމުން އެ ޙިޔާލުންދުރުވަން މަސައްކަތްކުރަމުން ބޭރަށް ނިކުތް އައިޝާ  އެންމެންގާތަށް ދާން ހިނގައިގަތެވެ.

ސިޓިންގް ރޫމުތެރޭގައި އެކަނިމައިއެކަނި އެސްފިޔަ ޖަހާނުލާ ކަޅި ދިމާލަކަށް ނުފޮނުވާ ގެއްލިފައި އިން އައިހަމް އެ ގޮތަށް އެއިނީ ސަބަބެއް ނެތިއެއްނޫނެވެ. އޭނާ އެހެން އެއިނީ ހަމަ ހަޤީޤަތުގައިވެސް އެ ހަތަރެސްކަން ޓީވީން މަންޒަރެއް ފެންނާތީއެވެ. އެއްމިޔަކަނުން ހިނިތުންވެފައި އިން އައިހަމަށް ޓީވީ ތެރެއިން އޭނާގެ އަމިއްލަ ސޫރަފެނެއެވެ. އޭގެތެރޭ އޭނާ އެއުޅޭ ނިކަމެތި ކަމާއި ހިތްދަތިކަން ފެނެއެވެ. އާދޭސްކުރާ ހާލު އޭނާ އެކަޅު އަނދިރިގަނޑުގެ ތެރެއިން ނެރެދޭށޭ ކިޔައި ރޮއެ ހޭރޭ މަންޒަރު ފެނެއެވެ. މިމަންޒަރުތައް ބަލަން އިން އައިހަމަށް އޭނާ އެއަޅާ ވޭން އިހުސާސް ނުވާ ހާލު  ހިތްހަމަޖެހުން ލިބެމުންދިޔައެވެ. އިރުކޮޅަކުން ގަދަ ހިނިގަނޑެއް ޖެހުމަށްފަހު އެއްފަރާތަކަށް ބޯއަނބުރާލީ އޭނާގެ މަގަތުގައިއިން މީހާއާއި ދިމާލަށް ކަޅިއެއްލަމުންނެވެ. އޭނާގެ މަގަތުގައި އެއިނީ އޭރު އާލިޔާއަށް މަންޒަރު ދައްކަމުން ދިޔަ އިންސާނެއްގެ ސިފައިގައި އިން ބިރުވެރި އެއްޗެވެ. ކަޅިއެއް ނެތް ލޮލުންކަރުނަ ވައްޓަމުން ދިޔައިރު އޭތީގެ ހޭވިފައި ހުރި އިސްތަށިގަނޑު ވައިގެ ތެރޭ ވިހުރެމުންދެއެވެ. އޭނާއަށް އޭނާގެ މަގަތުގައި އިން އައިހަމް ސިފަވަނީ އެހެންކުއްޖެއްގެ ސިފައިގައެވެ. ލޯމަތި ފެޅި މޫނުގެ އެއްބައި އަނދައި، ގައިގެ އެކި ތަންތަނުން ފަޅަ ފަޅައިގެން ގޮސްފައި އިން އެ ކުއްޖާގެ ރަތް ލޮލުން ކަރުނަ ހިލެމުންދެއެވެ. މުޅި ލޯކައިރި ވަޅުވަދެ ކަޅު ކުލަ ޖެހި ގަދަ ރަތް ކުލައިގެ ބޮޑު ތުންފަތް ފެޅި ބޮލުގެ ނާށިގަނޑުގެ މެދުން ރެނދެއްލައި އެއް އަތާއި އެއްފައި ބުރިވެފައި އިން މިކުއްޖާގެ ހަށިގަނޑުން ވޭން އަޅަމުން ދިޔަކަން އެ ބިރުވެރި އެއްޗަށް އިހުސާސްވެއެވެ. އޭނާގެ ލޯމައްޗަށް ފެންނަމުން ދިޔައީ އެކުއްޖާ އެންމެ ފަހުފަހަރަށް އޭނާގެ އެހީއަށް އެދި ގޮވި މަންޒަރެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Maree

Level 110 Stories

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ކަނޑުފެން (ބާވީސްވަނަ ބައި) KanduFen P-22

Next

ލޯބިން އެކީގަ ވާނަމޭ.. (4)

Next
December 24, 2015

ލޯބިން އެކީގަ ވާނަމޭ.. (4)

Previews
December 24, 2015

ކަނޑުފެން (ބާވީސްވަނަ ބައި) KanduFen P-22

27 Comments!

  1. shazyn says:
    December 24, 2015 at 1:03 pm

    V interesting……. keep it up

    1. Maree says:
      December 24, 2015 at 6:27 pm

      Thank u.. I’m happy to know that you’re reading this 🙂

  2. kamana says:
    December 24, 2015 at 2:18 pm

    Wow. So scary ??

  3. Horseflower says:
    December 24, 2015 at 2:26 pm

    Varah reethi

  4. Shyhaa says:
    December 24, 2015 at 3:13 pm

    Nxt prt up kurany kn irakun???V salhi….Keep it up….. habeyxx

  5. afy says:
    December 24, 2015 at 3:21 pm

    Maasha allah v v reethi☺.dhen vaany kihineh baa.?? Anehkaa ejinni aiham an aaliyaa gendhaany baa????maree keep it up…and all the best.v intrest vaahaka eh mee?. Nxt prt kon irakun up kurany.??

  6. Rish says:
    December 24, 2015 at 4:13 pm

    Part 6 nereythi avaha

  7. Mar Sha Marsha says:
    December 24, 2015 at 4:50 pm

    Oh my god!!!! This is scaryyy… asluves… kiyan inna iru manzaru sifa vey… n enme biru gannany marsha ge dharifulhahves aiham kiyaathy… meah gotheh vey e nan kiyaafa… myga mi ulhey kuda aiham and aaliya baby ah vaa goiy… oh no! Dhen reygandu ekani vejjeyya yagyn mi vaahaka mathin handhaan vefa biru gannaane… maree u r great… hy nuvey my furathama vaahaka henvesss… varah molhu… eargerly waiting for part 6…

    1. Maree says:
      December 24, 2015 at 6:33 pm

      Aww. One of my friends childs name is aiham too. Sorry that I used this name. Hehe I didn’t know..

  8. Love pink says:
    December 24, 2015 at 5:35 pm

    Salhi varah !!!!

  9. Magical says:
    December 24, 2015 at 5:37 pm

    By the way kithah part nikunnaane tha ??? Salhi ending ehgge ummeedhuga

    1. Maree says:
      December 24, 2015 at 6:37 pm

      Around 20 and I’ll try my best.

  10. Ina says:
    December 24, 2015 at 9:07 pm

    I can’t read this any more ???

    1. Maree says:
      December 24, 2015 at 9:53 pm

      Hehe.. Dhuvaalu gadeega kiyaa.. Hehe thanks

  11. Aleena says:
    December 24, 2015 at 11:41 pm

    Hama asluvs dhen nukiyeyne. Reygandu v ma kannyge mihaa mi biru gathee. Ehkn nuves kiyan sifa vaa varun. Maadhan kiyeythoa balaani dhen.

    1. Maree says:
      December 25, 2015 at 12:05 am

      Hehe.. Thanks

  12. Moad Gaahir says:
    December 25, 2015 at 12:49 am

    Nice. family members name use kureema v salhi. My name will be as fanditha be kanneyge dho. Muhanmadhu beyyaa. If u need any suggestions please ask

    1. Maree says:
      December 25, 2015 at 8:54 am

      No modebey your name already used as dhonbe

  13. lui says:
    December 26, 2015 at 10:06 am

    e boli alifaanan leema kalhuve andhaafa eynee… thanthanun felhi zahama vefa inee aisha bolyga marutheylun thelhyma… aliya and aiham ah biru midhakkany bolyge sifaiga in kuda jinnige mamma hen heevany….. mee hama amilla oah guess kolly engey… btw… vahaka reethi

    1. Maree says:
      December 26, 2015 at 4:27 pm

      I’m impressed! Nice prediction !! Thank you

  14. Shifie says:
    December 26, 2015 at 4:37 pm

    Varah biruveri. Mirey neynge nidheyne ksmehvess. Den nukereyne ceiling ah balanves..
    Great job Mary! 🙂

    1. Maree says:
      December 27, 2015 at 2:18 am

      Thank you dear 🙂

  15. maaiz says:
    January 2, 2016 at 11:26 am

    Hadi vhadi?????haada biruveri??????

  16. Chanyoel says:
    November 27, 2017 at 10:24 pm

    Keep ot up very nice i love this one but i want your number i love you ♡♡

  17. Veny says:
    January 21, 2018 at 5:37 pm

    Vaahaka reethi .. aisha ah fathunah olhuvaafa liyefa hurekan faahaga vehjje .. upload kurumuge kurin triple chk kohlun muhimmu ..chracters gina kamun olhenee dhw? Keep it up nice going ! 🙂

  18. Anoo says:
    April 30, 2018 at 4:57 pm

    Asluves vaahaka reethi vefa V biruveri ,, enmme kamudhany family gulhun kiyyadhyfa huhnna style. anuge ves dream family Mi vaahakain genesdheny , enmen ekyga kids hoadaigen ehbbaivanthakoh ulhun. sifa kodhyfa huhnna biurverikamun anu reygandu vaahaka nukiyan. mulhinves dhuwaalu gadyga. vvv realistic vefa hama adi enme best biruveri categoryge vaahaka mee anu ah.

  19. Anoo says:
    April 30, 2018 at 4:57 pm

    vaahaka reethi vefa V biruveri ,, enmme kamudhany family gulhun kiyyadhyfa huhnna style. anuge ves dream family Mi vaahakain genesdheny , enmen ekyga kids hoadaigen ehbbaivanthakoh ulhun. sifa kodhyfa huhnna biurverikamun anu reygandu vaahaka nukiyan. mulhinves dhuwaalu gadyga. vvv realistic vefa hama adi enme best biruveri categoryge vaahaka mee anu ah.

Comments are closed.


All Right Reserved!