Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (4)

Maree Level 110 Stories
December 22, 2015 9 Mins Read
31 Comments

ހަތަރުވަނަ ބައި

އައިޝާއި ލީނާ ތެޅިގެންފައި ނިދީގައި ހަޅޭއްލަވަމުން ދިޔަ އައިހަމަށް ގޮވަންފެށިއެވެ. އެސޮރަށް ލޯހުޅުވުނުއިރު އޮތީ ދާހިއްލާފޯވެފައެވެ. ބިރުގެންފައި އޮތް އައިހަމަށް ހޭވެރިކަންވުމާއިއެކު މަންމަގެ ގައިގައި ހިފާބައްދައިގަތެވެ. އަދި ރޮމުން މަންމާ، މަންމާއޭ ކިޔަންފެށިއެވެ. ލީނާއި އައިޝާ، އައިހަމް ހަމައަކަށް އަޅުވަމުން އޭނާއާއި ސުވާލުކުރަންފެށިއެވެ.

“ދޮނޫ !ކިހިނެއްވީތަ… އެއްޗެއް ފެނުނީތަ؟” އައިޝާ އައިހަމްގެ ބުރަކަށީގައި ފިރުމަމުން ސުވާލުކުރިއެވެ.

“ބައު ތޫތުއެއް ފެނުނީތަ ކޮއްކޯ؟” ލީނާވެސް އައިހަމްގެ ބޮލުގައި ފިރުމަމުން އަހާލިއެވެ.

“އާ، ބޮޑު ބައު ތޫތުއެއް! ކޮއްކޮ ކައިލިއަށް އައިސް ކޮއްކޮ ކާލަން އުުލުނީ” ދެލޯމަރައިގެން މަންމަގެ މޭމަތީގައި ބޯއަޅައިގެން އިން އައިހަމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލައި އޭނާއަށް ފެނުނު މަންޒަރު ބަޔާންކޮށްދިނެވެ.

އައިހަމް އޭނާއަށް ފެނުނުއެއްޗެއް ކިޔައިދިންގޮތުން އައިޝާއި ލީނާ އަށް އެކު އެކީ ހެވުނެވެ. ތުއްތު އައިހަމް ބަސްކިޔަމުން ދިޔަގޮތް މަޖާ ކަމުންނެވެ. އައިހަމަށް ފެނުނީ ހަޤީޤަތެއްނޫންކަމަށާއި އެއީ ހުވަފެނެއްކަމަށް ބުނެ އައިޝާ، އޭނަ މައިތިރިކޮށްލިއެވެ.

“އައިޝާ! ލީން ދައްތަ ދަނީ އިނގޭ، މަންމަ އެބައުޅޭ ގޯތިތެރެ ކުނިކަހާފަ ގޭ ބިއްދޮށުގަ އަލިފާން މަޅިއެއް ރޯކޮށްގެން ހިކިފަތްތައް އަންދަން.. ބުނި އަންނަށްޗޯ ކާ އެއްޗެހި އަޅާފަހުރި ކުނި ކޮތަޅުތައް އުކާލަން އަތިރިމައްޗަށް ދާން……. ތަވީދަށް ފަރުވާ ބަހައްޓައިގެން އުޅޭތި…. ” ލީނާ މުނާޖާ ކޮނޑުއަޅައިގެން ތެދުވެގެން އުޅޭ ސަބަބު ކިޔައިދެމުން ކޮޓަރިން ނުކުތީ ނަސޭހަތްތެރިވެސްވަމުންނެވެ.

އައިޝާގެ އުނގުތެރޭގައި އޭނާގެ ގައިގައި ބައްދައިގެން އިން އައިހަމްގެ ބޮލުގައި ހިފައި ދުރުކޮށްލީ އޭނާގެ މައުސޫމް މޫނު ބަލާލާށެވެ. މޫނުމަތި ދުޅަވެފައި އިން އައިހަމް ގެ ނިއްކުރިއަށް ދޮނެއް ދިނީ،  އޭނާގެ ބައްޕަ އިރުކޮޅަކުން ގެއަށް އަންނާނެވާހަކަ ބުނަމުންނެވެ.  މަންމަދިން ޙަބަރަކުން، ބިރުގެންފައި އިން އައިހަމްގެ މޫނުމަތި އުޖާލާވެއްޖެއެވެ. ހަމައެއާއިއެކު ދެއަތުން މަންމަ ގެ މޫނުގައި ހިފާ ކޮލަށް ދޮނެއްދިނީ އުފަލުން ‘ޔޭއި’ ކިޔަމުންނެވެ. އައިޝާއަށް އޭނާގެ ކޯތާފަތުގައިވާ އައިހަމްގެ އަތްތިލައިން ކުރަކިކަމެއް އިހުސާސްވުމުން އޭނާގެ ދެއަތްނަގައި އަވަހަށް ބަލައިލިއެވެ. ހައިރާންވާ ހާލު، އައިޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“މީ ކިހިނެއްވެފަ ދަރިފުޅާ؟ “އައިހަމް އުރައިގެން އިންތަނުން ތެދުވެ އައިހަމާ ސުވާލު ކުރީ އެނދުކައިރީގައި ހުރި، ގޯތިތެރެ ފެންނަ ކުޑަދޮރު ކައިރިއަށް ދާން ހިނގަމުންނެވެ. ރަނގަޅަށް އަލިގަނޑުން އޭނާގެ އަތަށް ވެފައިވާ ކަމެއްބެލުމަށެވެ. އައިހަމްގެ ދެއަތްތިލާގެ ހުދުހަން ހީވަނީ އަލިފާންޖެހި އަނދާފައި ހުރިހެންނެވެ. ކަޅުވެ ހަންފޮޅި، އޭނާގެ މުޅި ދެއަތްތިލަ ވަނީ އެކި ތަންތަނުން ފަޅަ ފަޅައިގެން ގޮސްފައެވެ.

“ނޭނގެ މަންމީ، ކޮއްކޮ ގެ ހޭނޑްއަށް ކިހިނެއްވީ؟ މައުސޫމު އައިހަމަށްވެސް އޭނާގެ އަތަށްވެފައިހުރި ގޮތެއްނޭގުނެވެ.

” ކޮއްކޮއަށް ތަދުވޭތަ؟” އައިޝާ ބޭނުންވީ އައިހަމަށް ތަދުއިހުސާސްވޭތޯ ބަލާށެވެ. ތަދުވާނަމަ ޑޮކްޓަރީ ފަރުވާ ހޯދުމަށެވެ. އެހެނަސް އައިހަމަށް ތަދުނުވާ ވާހަކަ ބުނުމުން އައިޝާ ގަސްތުކުރީ އަމިއްލަ ފަރުވާއެއްދޭށެވެ. އެހެންކަމުން އަވަހަށް އައިހަމް ފެންވަރުވައި ރީތި ކުރުމަށްފަހު، ޑްރެސިންގް ޓޭބަލުގައި ހުރި ވެސްލިން ދަޅުން އޭނާގެ އަތުގައި ވެސްލީން ކޮޅެއް އައިޝާ އުނގުޅާލިއެވެ. އެއަށްފަހު ކުޑަދޮރުން ބޯދިއްކޮށްލާފައި މަންމަގާތު އައިހަމް ގޯތިތެރެއަށް ފޮނުވާ ވާހަކަ ބުނުމަށްފަހު، މާމަގެ ގާތަށް ބޭރަށް ދާށޭ ބުނެ އޭނާ ކޮޓަރިން ބޭރުކޮށްލީ އައިޝާވެސް ފެންވަރަން ވަންނާށެވެ. އައިޝާ އަވަހަށް ގޮސް ފެންވަރައި އަވަދިވެގެން ނިކުމެ ފޯނު އޮތްތަނަކުން ހޯދާލިއެވެ. ވައިބަރ މެސެޖްތައް ޗެކް ކޮށްލިއިރު 99 އަކަށްވުރެ ގިނަ މެސެޖް އައިސްފައި ހުއްޓެވެ. ހުރިހާ މެސެޖެއް ބެލުމުގެ ކުރިން އައިޝާ ބަލަން ބޭނުންވީ އޭނާގެ ދެބެންގެ ދެދަރި ދައްތައިންނާ ކޮއްކޮމެންގެ ވައިބަރ ގުރޫޕެވެ. އެއިރުވެސް މެސެޖަކަށްފަހު މެސެޖެއް އެ ގުރޫޕުގައި އަރަމުންދެއެވެ. ފިރިމީހާ ރިޒާނު ފޮނުވާފައިވާ މެސެޖްތައް ބެލީވެސް އެ މެސެޖުތައް ބެލުމަށްފަހުއެވެ.

” ފާތުން: ކޮބާ އެންމެން…. އެނގޭތަ، ދައްތަ އަންނަކަން މިއަދު؟

އައިންތު: ވަޓް، ސީރިއަސްކޮށްތަ؟ ނޭނގެ. ފާތުން ނުވެސްބުނަމެއްނު.

ރިޝްފާ: މަށަށް އެނގޭ އެއިރުވެސް އޭނަ އަންނާނެކަން. ހެހެހެހެ ކޮބާތަ އޭނަ؟ އޮންލައިނަކު ނެތްކަންނޭގެ.

ފާތުން: މަށަކަށްވެސް ނޭގެޔޭ! ހަސަންބުނީމަ އެނގުނީ. ހަސަނާ ބައްޕަ ގޮއްސި ކާނޑެއްދޫއަށް އެމީހުންބަލާ. އާ އޭނަ އިނީ އޮފްލައިންގަ.

އައިންތު: ހިނގާ އެންމެން މިއަދު އައިޝާމެން ގެއަށްދާން ބާބަކިއު ޖައްސަން.

ރިޝްފާ: ތީ ރަނގަޅު ކަމެއް. ހަވީރު 5 އަށް އެންމެން ރެޑީވާންވާނެ.

ފާތުން: އުނހު، މާ ލަސް. އަހަރެން އެބައޮތް ތިމީހުން ގާތު ވަރަށް ބޮޑު ވާހަކައެއްދައްކަންވެފަ. 4 ޖަހާއިރު އޯކޭ އެއްނު.”

އައިޝާ ގްރޫޕަށް ކުރިން އަރަމުންދިޔަ މެސެޖުތައް ކިޔައި ނިންމާލުމަށްފަހު ގުރޫޕުގައި ލިޔަންފެށިއެވެ.

” އައިޝާ: ހެއި އެންމެން! އަސްލުވެސްތަ. މުނާއްތަ އަންނަނީތަ؟

ފާތުން: އައިޝާ!  ހޭލައި އެބައުޅެންދޯ؟

އައިޝާ: އާ ފާތުން! ރިޝޫ، ތެދެއް.! ފަހެއް މާ ލަސް.! ހަތަރަކަށް ހަދާ.! އަހަރެން މަންމަ ކައިރި ބުނިން އެހެންނޫނަސް ތިމީހުން އަންނާނެއޭ. މަވެސް އެބަ އޮތް ތިމީހުންނަށް ވާހަކައެއް ކިޔައިދޭންވެފަ.

އައިންތު: ކަލޭމެން ދެމީހުން އަނެއްކާ ކޮން ބޮޑުވާހަކަ އެއް ކިޔައިދޭންތަ ތިއުޅެނީ.

ރިޝްފާ: ނޭނގެ ދޯ.”

ފޯނުގެ ތެރެއަށް ގެއްލިފައި  އެނދުގައި އިން އައިޝާއަށް ސިއްސައިގެންގޮސް ދޮރާ ދިމާލަށް ބަލާލެވުނީ، އައިހަމް ދޮރުގައި ބާރު ބާރަށް ތަޅަން ފެށުމުންނެވެ. އަވަހަށް ގޮސް ދޮރުހުޅުވާލުމުން އައިހަމް ކޮަޓަރިތެރެއަށް ވަނީ މޫނުމަތިން ހާސްކަމެއް ދައްކަމުންނެވެ. އައިހަމް ކޮޓަރިތެރެއަށް ވަތް ގޮތަށް ވަދެ އެނދަށް އަރައި އޭނާ ނިދަންއޮތްތަން ހޯދަންފެށިއެވެ. އޭނާ އެ ހޯދަނީ ކޮންއެއްޗެއްތޯ އައިޝާ ސުވާލުކުރުމުން ރޭގައި އޭނާ ގެންގުޅުނު ބޮލީގެ ވާހަކަ ބުންޏެވެ. އެހިނދު އައިޝާއަށް އައިހަމްގެ އަތަށް ވެގެން އުޅޭ ކަމެއް ވިސްނުނުހެން ހީވިއެވެ.

“މި އޮތީ އޯ…” އައިހަމް އުފަލުން ދަތްޕިލަ އަތަށް ނަގަމުން ހަޅޭއްލަވައިގަތީ އެނދުމަތީގައި އޮތް ރަޖާގަނޑު ދަށުން ބޮލިފެނުމުންނެވެ.

އައިހަމް ބޮލިނަގައިގެން ބޭރަށް ދުއްވައިގަތުމުން، އައިޝާވެސް އޭނާގެ ފަހަތުން ދުއްވައިގަތީ އައިހަމަށް ގޮވަމުންނެވެ. އޭނާގެ އަތުގައި އޮތްބޮލިނަގައި އެ އެއްލާލުމުގެ ނިޔަތުގައެވެ. ސަބަބަކީ، އައިހަމް ތުނޑިން އައީއްސުރެ އެ ބޮލިނޫން އެހެން އެއްޗެއްގައި އަތެއްނުލާކަމުން، އޭނާގެ އަތަށް ވީ ކަމެއް ވެފައި ހުރީ އެބޮއްޔެއްގެ ސަބަބުންކަން އައިޝާއަށް ޔަގީންވުމުންނެވެ. ގޯތިތެރެއަށް ދިޔަ އައިހަމް އޭނާގެ މަންމައަށް އިޖާބައެއްނުދީ ދުއްވައިގަތީ އަލިފާން މަޅީގެ ކުޅިވަރު ބަލާހިތުންނެވެ. މަޅިޖަހައިގެން ކުނި އަންދަން ހުރި އައިސާމަނިކާއި ލީނާ ހުރީ އަތިރިމައްޗަށް ދާން ތައްޔާރުވެގެން ކުޑަ ބަރޯއަކަށް ކަރުގޮހޮރާއި ކުނި ކާކޮތަޅުތައް އަރުވައިގެނެވެ.

އަލިފާން ގަނޑުގެ ތެރެއަށް ނަޒަރު ގެއްލިފައި ހުރި އައިހަމަށް އޭގެ ދިލަ ހޫނު އިހުސާސް ވާ ކޮންމެފަހަރަކު ދުރަށް ޖެހިލައެވެ. އެހެނަސް ހަމަ ހިނދުކޮޅަކާ އޭގެ ކައިރިއަށް ދެއެވެ. އަލިފާން ކަނި ބުރާތަން ފެނުމުން އަދި ވަކިން މަޖާވެގެން އުޅެއެވެ. އައިޝާ އައިހަމް ގާތަށް އައުމުން އައިސާމަނިކެ، އެމީހުން ދަނީކަމަށްބުނެ ގެއިންނިކުތެވެ. އައިހަމް ގެ އަތުގައި އޮތް ބޮލި ގެންގުޅޭ މަންޒަރު ބަލަން ހުރެފައި، އައިޝާ އޮޅުވާލުމެއްގެ ތެރޭ އޭނާގެ އަތުން އެ ބޮލި ޖަހައިގަތެވެ. އައިހަމަށް އެއްޗެކޭ ނުބުނެވެނީސް އައިޝާ އޭތި ނަގާ އަލިފާން މަޅިއަށް އެއްލާލީ އޭތިން އައިހަމް ގެ އަތަށް ގެއްލުމެއްލިބިފައި ހުރުމުންނެވެ. އައިހަމް ހަޅޭއްލަވައި ބިންމައްޗަށް ވެއްޓި ރޯންފެށީ އޭނާ ގެންގުޅުނު ބޮލި މަންމަ ނައްތާލުމުންނެވެ.

” ދަރިފުޅާ، އެއީ އައްޗި ބޮއްޔެކޭ! ބަލާބަލަ ކޮއްކޮ ގެ ހޭންޑް ހަލާކުވީ އެބޮލި ނަގައިގެން އުޅުނީމައޭ. ދެން ހުއްޓާލަބަލަ. ” އައިޝާ މަސަތްކަތްކުރަމުން ދިޔައީ އަޑުގެ ނެތްތަނަށް ރޯން އިން އައިހަމް މަތަކުރަމުންނެވެ.  އެދަނޑިވަޅުވެގެންދިޔައީ ރިޒާން ގެއަށްއިސް ވަތް ދަނޑިވަޅަށެވެ.

……………………………………………………………………………………………………………………………………………

” އައިޝާ: އޭ ގާއިޒް، އައި ހޭވް ޓު ގޯ! ރިޒާން އައިއްސި. ސީ ޔޫ އޯލް ލޭޓާރ.

އައިންތު: ދެން ތިޔޮތީ މިއަދުގެ ހުރިހާ ޕްލޭނެއް ކާމިޔާބު ވެފައޭ!

ރިޝްފާ: އަމައްޔާއި! ތީނަ ކާންދީފަ ބޯންދޭނެ މީހަކު ނެތަސް އަހަރުމެން ޖެހެޔޭ ބަރާ ބަރަށް އެ މަސައްކަތް ކުރަން. ދޯ އައިޝާ؟

އައިންތު: މަށެއް ނޫޅެން ދެން ތިކަހަލަ ކަމަކާއިގެން އުޅޭކަށް! މަށަށް މަގޭ ލޯބި ލޯބި މާއިން ފުދޭ!”

ވައިބާ ގުރޫޕުގައި އަރަމުން ދިޔަ މެސެޖްތައް ކިޔަން ފާތުން އިނީ ނިދާފައި އޮތް އާލިޔާގެ މަގަތުގައެވެ. އޭނާ ނިދިން ހޭލެވޭ ހެން ހީވުމުން ފޯނު ދުރަށްލާފައި އާލިޔާގެ މޫނުގައި ފިރުމާލިއެވެ. ކުޑަދޮރުމަތީގައި ހުރި ހަތަރެސްކަން ގަޑިއަށް ނަޒަރު ހިންގާލީ އާލިޔާއަށް ނިދުނު ވަރެއް އަނދާޒާކުރުމަށެވެ. ރޭގައި އޭނާ މާލަސްވަންދެން ހޭލައި އުޅުމުންނެވެ. އެއިރު ގަޑިން 7 ޖަހާ ބޮޑުވެއްޖެއެވެ. އާލިޔާ ހޭލުމާއިއެކު ތައްޔާރުކޮށްފައި ހުރި ބުއްފުޅި އޭނާއަށް ދިނުމުން ދެއަތުން ބުއްފުޅިނަގަން އަތްހިއްލާލިއެވެ. އެހިނދު ފާތުންނަށް އާލިޔާގެ އަތުގެ ހުދުހަމުން އަނދާފައި ހުރިކަމުގެ އަސަރެއް ފާހަނގަވިއެވެ.

ހިތާހިތުން މީ ކިހިނެއްވެފައި ހުރި ކަމެއް ތޯ ސުވާލުކުރީ އާލިޔާގެ އަތްތިލާގައި  އޭނާގެ އިނގިލިތަކުން ފިރުމާލަމުންނެވެ. އާލިޔާ ރޮއެފާނެތީ އިހަށް ބުއްފުޅި ދީފައި ގޭ ބިއްދޮށުގައި ވާ ގޯތިތެރޭގައި ކުނިކަހަން ހުރި އޭނާގެ މަންމަ އަށް ގޮވާލިއެވެ. ގޯތިތެރެ ކުނިކަހާ ނިންމާލުމަށް ފަހު އައިމިނާމަނިކެ ފާތުންގެގާތަށް އައެވެ. ފާތުން އޭނާގެ މަންމައަށް އާލިޔާގެ އަތްތިލަ ދަށްކާލީ ގޮވި ސަބަބު އެންގުމަށްޓަކައެވެ.

“ބަލާ ބަލަ މަންމާ! މި ކިހިނެއް ވެފަތަ؟” ފާތުން އިނީ އާލިޔާގެ އަތަށް އެހެން ވާންޖެހުނު ސަބަބަކާމެދު ވިސްނާލަ ވިސްނާލައެވެ.

ދުލުން ޝަހާދަތްކިޔަމުން އައިމިނާމަނިކެ ވެސް ދެލޯބޮޑުވެ ހައިރާންވިއެވެ.

“ހީވަނީ ދޮންގަދަ ހޫނު އެއްޗެއްގަ ހިފާލާފަ ހުރިހެން. ރޭގަވެސް ގައިމު އޭނަގެ އަތަކު މިއެއްނެތް. އިއްޔެ ތުނޑިއަށް ގޮސްގެން އެއްވެސް އެއްޗެއްގަ އަތްލާއުޅުނުތަ ؟؟”

“ނޭނގެ އެހެން ބުނާކަށް، އާލިޔާއާއި އައިހަމާ، މާއިން އަދި ޒާކްމެން ތިބި ވެއްޔާ ކުޅެން. ބޮލިތަކެއްފެނިގެން އެއެއްޗިއްސާވެސް ކުޅެންތިބި.” ފާތުން އިއްޔެ ތުނޑިމަތީގައި އެކުދިން އުޅުނުގޮތް ހަނދާންކުރަމުން މަންމައަށް ކިޔައިދެމުންދިޔައެވެ.

“ތިވާނީ ކޮންމެވެސް ވަރެއްގެ ހޫނުކަމެއް ހުރި އެއްޗެއްގަ އަތްލެވުނީ ކަމަށް. ތަދުވެގެން ނޫޅެންޏާ ރަނގަޅުވާނެ.ބޭހެއް އުނގުޅާލާ.”

“އާނ، ތަދުވެގެންނެއް ނޫޅޭ. ” ފަތުން މަންމަ ދެއްކިވާހަކަ ޤަބޫލުކުރަމުން ހަމަޖެހިލިއެވެ.

އާލިޔާ ބުއްފުޅި ހުސްކުރުމުން ތެދުކޮށް، ފެންވަރުވާ ރީތިކޮށްލައި އޭނާގެ އަތުގައި އަނދާފައި ހުންނަތަންތާގައި އުނގުޅާ ކްރީމެއް އުނގުޅާލިއެވެ. އެއަށްފަހު ކޮޓަރިތެރެ ހަމައަކަށް އަޅުވާލައި، ކޮޓަރިން ފާތުންނިކުތީ ސައިބޯން ދާންކަމަށެވެ. ކޮޓަރީގެ ދޮރުހުޅުވާލުމާއިއެކު ފެންޑާގައި ހުރި އުނދޯލި ފެނުމުން ރޭގައި އޭނާއަށް ފެނުނު ހުވަފެން ހަނދާންވިއެވެ. އަދި ބޭއިޙްތިޔާރުގައި ސީލިންގަށް ނަޒަރު ހިންގާލެވުނެވެ. ހުވަފެނުގައި ފެނުނު ބިރުވެރި އެތި އަދިވެސް އޭނާގެ ސިކުނޑީގައި ސިފަވާކަހަލައެވެ. އެހެންކަމުން އެ ޙިޔާލުތަކުން ދުރުވުމަށް ނޫނެކޭ ބުނާހެން ބޯ ދެފަރާތައް އަވަސް އަވަހަށް ހޫރުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައީ ބަދިގޭގައި ކާންހަދަން ހުރި އޭނާގެ މަންމަ ގާތަށެވެ.

“ބައްޕަ އެއަރޕޯޓަށް ދިޔައީ ފިހާރައިގަ ކާކު ބަހައްޓާފަ؟” ފާތުން މަންމައާއިވާހަކަ ދައްކަމުން ދިޔައީ އާލިޔާ އުރުން ބާލުވާ އޭނާއަށް ހާއްސަކޮށްފައިހުރި ގޮނޑީގައި ބައިންދަމުންނެވެ.

ފާތުންގެ ބައްޕަ އިބްރާހިމް ޒުހޭރު ކާން ބޯން އަދި އަނބިދަރިން ބެލެހެއްޓުމަށް ކުރާ މަސަތްކަތަކީ ވިޔަފާރިވެރިކަމެވެ. އޭނާއަކީ މާލޭގައި އުޅުނުއިރުވެސް ވިޔަފާރިކުރަމުންދިޔަ މީހެކެވެ. އެހެންކަމުން ހުރިހާ ސާމާނު އެއްތަނަކުން ލިބޭފަދަ ބޮޑު ފިހާރައެއް ރަށުގައިވެސް މިހާރުވަނީ ހުޅުވާފައެވެ. އައިމިނާމަނިކެއަށް އޭނާގެ މަންމަގެ ފަރާތުން ލިބިފަިއވާ ގޯތީގައި ފިހާރަ އަޅައިދިނުމަށް  ބޮޑަށް ހުންނަ ފިރިހެންދަރި މުހައްމަދު ފައިސާގެ ގޮތުން އެހީވިއެވެ. މުހައްމަދަކީ މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ހިންގާ މީހެއްކަމުން ރަށުގައި ފިހާރަ އިމާރާތް ކޮށްދީފައި ވަނީ މަންމަ އާއި ބައްޕަމެން އަތުން ބައިލާރިވެސް ހަރަދުވިޔަނުދީ އޭނާގެ އަމިއްލަ ފައިސާއިންނެވެ.

“މަންމައަށް ހީވަނީ ފިހާރަ ތަޅުލާފަހެން ދިޔައީ” އައިމިނާމަނިކެ މޭޒަށް ތަށިތައް އަރުވަމުން ޖަވާބުދިނެވެ.

“އަޅެ ދޮންބެވެސް ދެން މި ޗުއްޓީގަ ރަށަށް އަންނަނަމަ ދޯ!” ފާތުން އާލިޔާގެ އަތަށް މާރީ ބިސްކޯދެއްދެމުން މަންމައަށް ދޯދިނެވެ.

“ކޮން އިރަކުންތަ ދައްތަމެން އަންނަނީ، އަދިވެސް……..” ފާތުން އޭނާގެ ޖުމްލަ ފުރިހަމަ ނުވަނީސް ފެންޑާއިން ބަޔަކު މީހުންގެ ވާހަކަ ދެއްކުމުގެ އަޑު އިވިގެންދިޔައެވެ. އެ ހިނދު އަވަހަށް އެފަރާތަށް ދުއްވައިގަތީ މުނާމެން އައީކަމަށް ހީކޮށެވެ. ފާތުންނަށް ހީވީ ހަމަ ރަނގަޅަށެވެ. އޭނާއަށް ގޭތެރެއިން ފެންޑާއަށް ދެވުނުއިރު މުނާމެންވެސް އައިސް ފެންޑާއަށް ވަދެ އުނދޯލީގައި އިށީންނަނީއެވެ. މުނާއަށް ފާތުން ފެނުމުން ހިނިތުންވުމަކާއިއެކު އިށީން ވަރަށްވުރެ އަވަހަށް ތެދުވެ ފާތުންގާތަށް ގޮސް ދެވެރިން އޮޅުލައިގަތީ އަހަރުތަކެއް ފަހުން ފެނިގެން އުޅޭ ބައެއްހެނެވެ. އެއިރު ހަސަން ގޭތެރޭގައި  ސާފުކޮށްފައި ހުރި، ކޮޓަރިތެރެއަށް އެވެރިންގެ ދަބަސްތައް ވައްދަމުން ދިޔައެވެ.

” ބައްޕަ ދަނީ އިނގޭ ދަރި ފުޅުމެންނޭ. ފިހާރަ ލައްޕާފަ އައިސް މިއުޅެނީ، މިގަޑިއަކީ މީހުން ކާޑުގެ ބާވަތްތައް ގަންނަން އެންމެ ގިނައިން އަންނާނެ ވަގުތު. މަންމަ އުޅޭނެ އެތެރޭގަ…. އަނހަ މިއައީނުން.” ޒުހައިރު ދައްކަން ހުރިވާހަކަ ހުއްޓައިލީ، އާލިޔާ އުރައިގެން ހުރި އައިމިނާމަނިކެ ފެންޑާގެ ދޮރުމަތިން ފެނުމުންނެވެ.

މުނާގެ ފިރިމީހާ ކިނާން އިނީ މުނާގެ އާއިލާގެ މީހުންގެ ފުރިހަމަ މެހުމާންދާރީއާއިމެދު ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިނާނަކީވެސް ހަސަނެކޭ އެއްފަދައިން މަޑުމައިތިރި ބަސްމަދު މީހެކެވެ. ބޭކާރު ވާހަކަނުދައްކާ މަޑު މަޑުން އުނދޯލީގައި މުޅިގެ ވަށާ ހޯދުމަށް ކަޅިހިންގާލަ ހިންގާލައި އިނީ ކުޑަ ކުއްޖަކަށް އަލަށް ތަނަކަށް ދެވިގެން އުޅޭހެނެވެ. މަންމަ ފެނުމުން ކިނާން މަންމައަށް ގޮވާލާފައި ކިހިނެއްތޯ ސުވާލުކޮށްލިއެވެ. ޖަވާބުގައި މަންމަވެސް ރަނގަޅޭބުނެ ކާން އައުމަށް އެންމެންނަށް ދަޢުވަތުދިނެވެ.

މި ދަތުރުގައި މުނާާއި އޭނާގެ ފިރިމީހާ އެމީހުންގެ 5 އަހަރުވީ ދަރިފުޅެއްނުގެނެއެވެ. ކިނާންގެ މައިންބަފައިން ލަންކާއަށް ދާތީވެ ދަރިފުޅު މާޝަލްގެ އެދުމުގެ މަތިން އެމީހުންނާއިއެކު ޗުއްޓީ ހޭދަކުރުމަށް އޭނާވީ ލަންކާއަށް ފޮނުވާފައެވެ. ކިނާންއަކީ ކަސްޓަމްސްގައި ވަޒީފާ އަދާކުރާ މީހެއްކަމުން މާ ބޮޑު ޗުއްޓީއެއް ނުލިބުނެވެ. އެހެންކަމުން މާލެއަށް އުފަން ކިނާން  މުނާގެ ރަށަށް އައިސް އެހުރީ އެންމެ ހަފްތާއަކަށެވެ.

އެއްމޭޒެއްގައި އެންމެން ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ތިބިއިރު ހީ ސަމާ ކުރާ ވަގުތުތައްވެސް ދެއެވެ. މުނާގެ ދަރިފުޅު ނުގެނައުމުން މަންމަ ހިތްހަމަނުޖެހިފައި ހުރިކަންވެސް އަންގަމުންދިޔައެވެ. އަންހެންވެރިން އެއްވާހަކައެއް ދައްކަމުންދިޔައިރު ދެ ޅިޔަނުން ވެސް އެމީހުންގެ ވަޒީފާގެ ވާހަކަ ދައްކަމުންދިޔައެވެ. ތުއްތު އާލިޔާވެސް މަޖާވެގެން އުޅޭ ފަހަރު ފަހަރުވެސް ދެއެވެ. ކައިއަވަދިވެގެން  ތަށިތައްދޮންނަން ހުރެފައި މުނާއަށް ފާތުންގެ ހެދުމުގެ އަތްމަތިން ފަށެއް ކަހަލަ އެއްޗެއް އޮތްހެން ހީވެގެން އެންމެނާ ދުރަށް ޖެހިލަމުން އެކަމާ ސުވާލުކުރިއެވެ.ފާތުންނަށް ކަންތައް ދިމާވިގޮތުގެ ވާހަކަ އެފުރުސަތުގައި މުނާއަށް ކިޔައިދިނެވެ. އޭނާ ދައްކަމުންދިޔަ ވާހަކަ އަޑުއަހާފައި މުނާ ނުހޭން ހުރެފައިވެސް ހެވުނެވެ. އަދި އެކަންތަކަކީ ފާތުންނަށް ހީވި ހީވުމެއްކަމަށް ވެދާނެ ނޫންހޭ އަހާލިއެވެ. ފާތުން އޭނާގެ ދައްތަ އޭނާދެއްކި ވާހަކަ ޤަބޫލުނުކުރުމުން ހިތްހަމަނުޖެހުނެވެ.

” ދެން ނޫޅެން! މިހާރު ދައްތައަށް ކިޔައިދެވުނު މޮޔައޭ ހިތަށްއަރާ!”

” އޯކޭ އޯކޭ، ސޮރީ، ގަބޫލުކުރާނަން. ” މުނާ އަދިވެސް ހުރީ ހެވިފައެވެ.

ފާތުންނާއި މުނާއަކީ އެއްބަނޑު އެއްބަފައި ދެބެން ކަމަކު އެދެބެންނަކީ ވަރަށް ތަފާތު ދެބެންނެވެ. ފާތުންނަކީ ނާޒުކު ހިތެއް އޮންނަ މީހަކަށް ވާއިރު މުނާއަކީ ވަރަށް ހިތްވަރުގަދަ ކަންކަމާ ކެރިގެން ކުރިމަތިލާ މީހެކެވެ. ދެބެން ދެބަސްވެއްޖެ ހިނދަކު ފާތުން ޖެހޭނީ ރޯށެވެ. މުނާ ދާނީ ހެމުންނެވެ. އެހެނަސް ދެބެންނަކީ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ ދެބެންނެވެ. ފާތުންނަށްވުރެ މުނާ އުމުރުން ދޮށިކަމުގައި ވީނަމަވެސް  ބަލާބެލުމަށް ގިނަމީހުންނަށް ހޭކުރެވެނީ މުނާއަކީ ފާތުންގެ ކޮއްކޮކަމަށެވެ. ފާތުންްނަށްވުރެ މުނާ ހުންނަލެއް  ލޫޅާފަތިކަމުންނެވެ. ހެދުން އެޅުމުގައި  ޒަމާނީ ވަށްޓަފާޅި  ބޭނުން ކުރާތީ  ހަޤީޤަތުގައިވެސް ފެންނަފެނުމަށް މުނާ މާ ޅަކަމަށްދައްކައެވެ.

…………………………………………………………………………………………………………………………………………..

އިރުގެ ގަދަ ހޫނުގެ ހަމަލާތައް ހުއްޓި މަގުތައް ފިނިވަމުން ދިޔަ ވަގުތެކެވެ. އެއިރު ގަޑިން 3 ގަޑި ބައިވެ ބޮޑުވެއްޖެއެވެ. ރިޝްފާގެ ގެއަކީ އައިންތުމެން ގެޔާ 20 ފިޔަވަޅުގެ ދުރުމިން ހުންނަގެއެއްކަމުން، ރިޝްފާ ގަސްތުކުރީ ގެއިންނިކުމެ އައިންތުގެ ގެއަށް ގޮސް އޭނާއާއިއެކު އައިޝާމެންގެއަށް ދާށެވެ. މިއަދު ރާވާފައި އޮތްގޮތަށް 4 އަކަށް އެގެއަށް ބާބަކިއު ހެދުމަށް ދާން ނިންމާފައި އޮތުމުންނެވެ. ރިޝްފާ އަހުމަދު، ވަނަމުންނަމަ ރިޝޫ އަކީ އައިޝާގެ މަންމަ އާއި ޖެހިގެން އެއްބަނޑަށް ހުންނަ ޖަމީލާމަނިކެއާއި އަހުމަދަށް ލިބިފައިވާ ހަމައެކަނި އަންހެންދަރި އެވެ. ރިޝޫއަކީ އައިޝާމެންނަށްވުރެ އެއް އަހަރު ހަނގު އެހެނަސް އެމީހުންނަށް ވުރެ ކުޑަކޮށް ރޫފަ ރަނގަޅަށް ހުންނަ ދޮން ރީތި ކަމެއް ލިބިފައިވާ ނަލަ އަންހެނެކެވެ. އެންމެނަށްވުރެ ކުރުކޮށް ބިޔަކޮށް ހުއްޓެއްކަމަކު އޭނާއަށްވެސް ފުރިހަމަ ސޫރައެއް ލިބިފައިވެއެވެ. ބޮޑު ދެލޮލާއި ކުޑަ ތުންފަތެއް ވާ ވަށްމޫނެކެވެ. ހަށިގަނޑުގެ ގުނަވަންތައް ނުފެންނަވަރަށް ގަޔަށް ދޫ ، ފަސްބަޔަށް ފުޅާ ދިގު ހެދުން ލާފައި ބޮލަށް ޝޯލް އޮޅާލާފައިހުންނައިރު ހީވަނީ ހިޔާލީ ވާހަކައެއްގެ ޕަރީއެއްހެނެވެ. އޭނާގެވެސް ހުންނަނީ 5 އަހަރުވީ ހަމައޭނާފަދަ ރީތިކަމެއް ލިބިފައިވާ ލޯބި އަންހެން ދަރިއެކެވެ. ޖިންސު ފޮތީގެ މައްޗަކާއި ތިރިއެއްލައިގެން ފުށްޖަހާ ނަލަކޮށްފައި ހުރި ޒާކް މަންމަގެ އަތުގައި ހިފައިގެން ހިނގާފައިދާއިރު ހީވަނީ ސްޓޭޖަކަށް ނަށަން އަރަން ދާންވެގެން އުޅޭހެނެވެ.

ރިޝޫއަށް އައިންތުގެ ގެއާއިހަމައަށް އާދެވުނުއިރު އައިންތު އޭނާގެ ގެއިންނިކުންނަނީއެވެ. ޖިންސަކާއި ކުރުތާއެއްލައިގެން ހުރި އައިންތު، ފުރިހަމަ ނަމުން ނަމަ އައިމިނަތު ބުޝްރީ އަކީ ރިޝޫގެ މަންމަ ޖަމީލާމަނިކެ އާއި ޖެހިގެން އެއްބަނޑަށް ހުންނަ ސަކީނާއަށާއި ބުޝްރީއަށް ލިބިފައިވާ ދެދަރިންގެ ތެރެއިން އަންހެން ދަރިއެވެ. އައިންތަކީ ކަޅެއްކަމަކު އަންހެންވަންތަ ރީތި ކަމެއްލިބިފައިވާ އިނގިރޭސި ބަހުން ބުނާނަމަ ‘ބްލެކް ބިއުޓީ’އެކެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ އައިންތަކީ ބުރުގާއަޅާ މީހެއްނޫންކަމުން އޭނާގެ ދިގު ފަން އިސްތަޑިގަނޑުން އޭނާގެ ފުރިހަމަކަން ވަކިންބޮޑަށް ހާމަވެގެންދެއެވެ. އައިންތަކީ މި ހުރިހާ ދެބެންގެދެދަރިންގެ ތެރެއިން އެންމެ ހަގަށް ހުންނަ މަންޖެއެވެ.

“ހޫނނނ. ނިކުމެވިއްޖެ ދޯ! މީނަ ތައްޔާރުވުމެކޭ، ރަށުން މާލެ ދަތުރުކުރާ ބޯޓެކޭ އެއްވަރުވާނެ! ކީއްތަކުރީ މިއޮތްހުރިހާއިރު؟! ބުރުގާއަޅަންނުޖެހޭ އިރުވެސް އެހާ ތަތްބަޑިވާނެ!”  ރިޝޫ، ގެއިން ބޭރަށްނުކުމެ  ދޮރާށިމަތީގައި ހުރި އައިންތާ ދިމާކުރިއެވެ.

” ބޮޑު ކަމެއް ދެން! އެހެންބުނާ މީހާ ވަރަށް އަވަހެއްނު! 4 ޖަހާއިރަށް އެގެޔަށް ފޯރިޔަސް ރޯދި!” ހިނިގަނޑެއް ޖަހަމުން އައިންތު ރިޝޫގެ ކުރިމައްޗަށް އަރައިހުއްޓުނެވެ.

އައިންތު ގެ 6 އަހަރު ފުރިފައިވާ ފިރިހެންދަރިފުޅު މާއިން ޒާކް ފެނުމުން ގޮސް އޭނާގެ އަތުގައި ހިފައި މަންމަ މެންނާ އެއްވަރަށް ހިނގަންފެށީ އެދެކުދިންގެ އަމިއްލަ ވާހަކަ ފަށަމުންނެވެ. ރިޝޫއާއި އައިންތުވެސް ހިނގަމުންދިޔައިރު މިއަދު އެގެއަށްގޮސް ކުރާނެ ކަންތައްތަކުގެ ވާހަކަ ދައްކަމުންދެއެވެ. މާގިނަ އިރެއްނުވެ އައިޝާމެންގެ ގެއަށް އާދިވެއްޖެއެވެ. އެގޭ ތެރޭގެ ހަލަބޮލި މާހައުލު ގޭ ބޭރުން ފެނުމުން މާއިނާއި ޒާކް މަންމަމެން އަތުން ދޫކޮށް ދުވެ ގޮސް ގޭޓު ދޮރުހުޅުވައިލައި އެތެރެއަށްވަނެވެ. މުނާއާއި ކިނާން ޗާކޯލާއި ކާށިގޯންޏެއް އެއްތަން ކުރަން ހުރި އިރު ފާތުންނާއި ހަސަން ކުކުޅު ފައި ޕެކެޓްތަކެއް ނަގައި އޭގައި މިރުސްލަމުންދެއެވެ. އައިޝާ ގޯތިތެރެއިން ފެންނަން ނެތެއްކަމަކު އޭނާގެ ފިރިމީހާ ރިޒާނު ދަގަނޑު ދާގަނޑެއް ނަގައިގެން ގްރިލް ތައްޔާރުކުރުމައި އަވަދިނެތި އުޅެމުންދިޔައިރު އައިޝާގެ ބޭބެ އަޝްރަފް އެެއުޅެނީ ގޭތެރެއިން ސިޓިންގްރޫމުގައި ހުރި ހަނި ދިގު މޭޒު ބޭރުނުކުރެވިގެންނެވެ. ލީނާއާއި އައިސާމަނިކެ، ގޯތިތެރޭގައި ހުރި ބޮޑު އަނބުގަސް ދަށުގައި ހުރި ޖޯއްޔެއްގައި އިނދެ އަލުވިތައް ފޮއިލަށް ލަމުންދިޔައިރު ކުދިވެރިން ގޯތިތެރޭގައި ދުވެ ނަގަނީއެވެ. ކިރިޔާ ހިނގަން އެނގޭ އާލިޔާވެސް އައިހަމާއިއެކު ޖޯލިވަށާ ކުޅެލަ ކުޅެލައި ހުއްޓެވެ. ރިޝޫއާއި އައިންތު ގޯތިތެރެއަށް ވަންނަތަންފެނުމުން މުނާ އައިސް ދެމީހުނާ ގާތްވެލާ އަރަބިސަލާމެއްކޮށްލިހެން ގައިގައި ބައްދާއިގަތީ ދަތްޕިލަ ވަޔަށް ދެމުންނެވެ. ހަމަ ދަނޑިވަޅަށް ބޭރުން އައިސްވަނީ އައިޝާއެވެ. ބައިވަރު ސާމާނުއަޅާފައި ހުރި ކޮތަޅެއް އެއްއަތުންހިފައިގެނެވެ.

” އާދެވިއްޖެ ދޯ؟ ” އައިޝާ ރިޝޫމެންނާ ދިމާކޮށްލުމަށްފަހު އެތެރެއަށް ވަދެ އަޝްރަފް ގޯތިތެރެއަށް ނެރެފައިހުރި މޭޒުމަތީ ގެނައި ސާމާނުބެހެއްޓިއެވެ.

“ކޮބާތަ ޝަޔާން ރިޝޫ؟ އޭނައެއް ނުފެންނާނެ ދޯ މިކަހަލަ ދުވަހެއްގަވެސް ؟” އައިޝާ ރިޝޫގާތުން އޭނާގެ ފިރިމީހާގެ ވާހަކަ އަހައިލީ ޝަޔާންފެންނަން ނެތުމުންނެވެ.

“މަ ގުޅާފަބުނިން އަންނަށްޗޭ ! އޭނަގެ ރަށްޓެހިން ކައިރިން ސަލާމަތްވި އިރަކުންނެންނު އޭނަޔަށް އާދެވޭނީ. ވަރުގަދަ ފިރިހެނެއް އެއީ!” ރިޝޫ އޭނާގެ ފިރިމީހާ ނެތަސް އެހާ ކަންބޮޑެއްނުވާކަން އަންގަމުން ބުންޔެވެ. ރިޝޫ އޭނާގެ ފިރިމީހާ  ޝަޔާނާއިއެކު ރަށަށް އައިސްގެން އުޅުނެއްކަމަކު ދެވެރިން އެއްކޮށް މަގެއްގެ މަތިން މީހަކަށް ފެނުމަކީ ނާދިރުކަމެވެ. ޝަޔާނަކީ ގައްދޫއަށް އުފަން މީހަކަށްވެފައި އުޅެބޮޑުވީވެސް ރަށުގައިކަމުން ރަށުމީދާ ރަށަށް ގަދަވާނެޔޭ ބުނާހެން، އޭނާ ދަންނަ މީހުން ގިނަކަމުން ގިނަ ވަގުތު އޭނާގެ މި ދިގު ޗުއްޓީގައި އެއުޅެނީ އެމީހުންނާއިއެކު ރަށުތެރޭގައެވެ. ޝަޔާން ރަށުން ސުކޫލު ނިންމުމަށްފަހު މާލޭގޮސް ސިފައިންގެއަށް ވަނެވެ. ހަޔާތުގެ ބައިވެރިއަކަށް ރިޝޫއަތުއަޅުވާލީ ފާތުންމެންނާ ގުޅާލައިގެން ކަމުން، އާއިލާގެ އެންމެނަށްވެސް ޝަޔާނަކީ ބީރަށްޓެއްސެއްނޫނެވެ.

އައިންތާ ރިޝޫވެސް އިރުކޮޅަކުން އެކިކަންކަމުގައި މަޝްއޫލުވެއްޖެއެވެ. މުޅި ގޯތިތެރޭގައި މިވެރިން މިނަގާ ސަކަރާތެއްގެ އަޑު ހިއްޕާލާފައިވާ އިރު ގޭޓު ހުރަސްކޮށް މަގުމަތިން ހިނގަމުންދިޔަ މީހުންވެސް ބައެއްފަހަރު އައިސް، ކޮންވަޑާމެއްތޯ އައިސާމަނިކެ ގާތުން އަހަމުންދިޔައެވެ. މިއުފާވެރި މާހައުލުގައި އެންމެން ހަރަކާތްތެރިވަމުން  ދިޔައީ އެކަކުއަނެކަކާ ހީ ސަމާސާ ކުރަމުންނެވެ.

ކުއްލިއަކަށް އައިހަމަށް އޭނާގެ ނަމުން ކުއްޖަކު ގޮވާލިއަޑު އިވުނެވެ. އާލިޔާއަށްވެސް އެއަޑު އިވުމުން ދެވެރިން އެއްކޮށް ސިހިގެންގޮސް އަޑުއައިދިމާލަކަށް އެނބުރުނެވެ. އެދެ ކުދިންނަށް ފެނުނީ ރެއިންބޯކުލައިގެ ކުޑަ ޓެނިސް ބޯޅައެކެވެ. ވައިގެތެރޭގައި އެނބުރެމުން އެކުދިންނަށް މަންޒަރު ދައްކަމުން ދިޔަ ބޯޅަ ހީވާނީ އޭގެ ފަހަތުން އަންނާށޭ ބުނާހެނެވެ. ގޯތިތެރެއިން ފެނުނު މިބޯޅަ ނިވިދިއްލޭ ބޮތްކެއްހެން ދިޔައީ ގޭ ބިއްދޮށަށެވެ. އައިހަމާ އާލިޔާއަށް އެ ބޯޅަ ފަހާ ހިނގައިގަނެވުނީ އެކުދިންގެ އަމިއްލަ ބާރުގައެއް ނޫނެވެ. އެކުދިން އޭތީގެ އަވައިގައިޖެހިގެން އެގެންދަނީ މިއަދު ހެނދުނު ރޯކޮށްގެން އުޅުނު އަލިފާން މަޅީގެ ކައިރިއަށެވެ. އައިހަމާ އާލިޔާ ހިނގާފައި ދިޔައިރު އެދެކުދިންގެ ލޮލުގެ ކަޅިވަނީ އެއްދިމާލަކަށް ހުއްޓިފައެވެ. ބުދުތަކެއްހެން ތިބި ދެކުދިންނަށް ދެވޭ ނުދެވޭއެއް ނޭނގެއެވެ. އެންމެންވެސް އެބައެއްގެ މަސައްކަތާއިގެން އުޅޭތީ ކުދިވެރިންނަކަށް ސަމާލުކަމެއްނުދެވެއެވެ. ހިނދުކޮޅެއްގެތެރޭ އެ ދެކުދިންނަށް ހޭވެރިކަންވީ  އަނދާ ހުލިވެފައިވާ ފަތްތަކުގެ އަޅީގެ ތެރެއަށް އެރުމުންނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maree

Level 110 Stories

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ކަނޑުފެން (އެކާވީސްވަނަ ބައި) KanduFen P-21

Next

އަނިޔާ… 15 ވަނަ ބައި..

Next
December 22, 2015

އަނިޔާ… 15 ވަނަ ބައި..

Previews
December 21, 2015

ކަނޑުފެން (އެކާވީސްވަނަ ބައި) KanduFen P-21

31 Comments!

  1. Shax Lyn says:
    December 22, 2015 at 2:23 am

    aslu rahrashuge meehunge dhiriulhun hurigothah vaahakaige baithah gennesdheefai hurikan faahaga kollevey… vaahaka varah furihama… waiting for the next episode…. 🙂 good luck dear

    1. Maree says:
      December 22, 2015 at 10:04 am

      Shaz lobigandaa!! This is mostly your effort that’s pushing me to do this.. Thanks so much

  2. Ahmed Ammu says:
    December 22, 2015 at 2:57 am

    Nice. One of my favourite. Keep it up. 🙂

    1. Maree says:
      December 22, 2015 at 10:01 am

      Wow! Thank you 🙂

  3. ravupinky says:
    December 22, 2015 at 5:28 am

    v v v v v reethi keep it up ….waitin 4 the next part

  4. Ifaa says:
    December 22, 2015 at 6:29 am

    Vvvvv rythi waiting for nxt part

  5. ***** says:
    December 22, 2015 at 9:20 am

    dhen kihineh baa vaany !!!!!!!!!!!!!!!! avas kohlahcha next part plsssssssss ..

    1. Maree says:
      December 22, 2015 at 10:03 am

      Hehe heevanee kihineh hen vaanee?? Thank you for reading and waiting 🙂

  6. ***** says:
    December 22, 2015 at 9:23 am

    heeyvany aslu vaahaka enhan anehka aslu vaahaka ehbaa!!!!!!!!!!!

    1. Maree says:
      December 22, 2015 at 9:36 am

      Hehe. Noon! Asleh noon! Hehe hama khiyaalee:) thank you

  7. leee says:
    December 22, 2015 at 9:25 am

    yeah you are right looks like a real story ! like the story very much !

    1. Maree says:
      December 22, 2015 at 9:36 am

      Thank you 🙂

  8. Maree says:
    December 22, 2015 at 10:00 am

    Aslu adhi kiriya huriha main characters eh introduce kohdhevunee. Dhen biruverivaanee hehe. Thank you all so much for the commenting. If u guys can I’d love to see your predictions here.. What do you think will happen next ?? ;p

  9. Shyhaa says:
    December 22, 2015 at 10:28 am

    Nxt prt up kurany kn irakn??? Mi vaahaka varah salhi…..Keep it up…….

    1. Maree says:
      December 22, 2015 at 12:00 pm

      Next week ge kommeves dhuvahakun 🙂 thank you

  10. afyyyy says:
    December 22, 2015 at 10:35 am

    Dhen vanee kihineh baa?……waiting for the nxt part. Mashaa allah v v v rythi??.keep it up…kn irkun nxt part up kurany

  11. MarSha says:
    December 22, 2015 at 12:54 pm

    Oh oh!!! Alheyyy… konmes myhaku edhekudhin hoadhsn dheybala plz…. dhen aslu horror annany? Wow… cant wait.. biruveri biruveri varah biruveri kollahchey maree… predict kuraakah hama neyngunu.. hithakah nugenevey vaan ulhey gotheh… hyvey e bbq therey konmes kameh bodu kameh vaane hen… oh cant wait… dhen part avas koh dhigu koh genes dhehchey plz mareee.. love this story very very much.

    1. Maree says:
      December 22, 2015 at 9:59 pm

      Hehe good to know that the suspense is killing hehe thank you

  12. shaa says:
    December 22, 2015 at 2:46 pm

    E boli naguvan e gendhiaee

    1. Maree says:
      December 22, 2015 at 2:56 pm

      Hehe let’s see. Thank you for the prediction 🙂

  13. aru says:
    December 22, 2015 at 3:27 pm

    Excellent story ekm 1,2,3 nukiyunu

  14. Rish says:
    December 22, 2015 at 7:10 pm

    Sis avass kurey… Waiting for next part.Aslu heekurivarah vurei vess salhi. Keep it up.?

    1. Maree says:
      December 22, 2015 at 8:25 pm

      Hehe! Rishu! Theenaya dhen biruveri kan laigannaanee! Adhives Hurey Gos gadhdhooga masha nulaa !

  15. Lana says:
    December 22, 2015 at 7:20 pm

    e boleege sababun vaahaa kanthah aslu.. aiy andhaafa gothah vefa iny ves eyga allaigen dho dhekudhin.. and mihaaru e gendhany ves boli dhakkan vegen.. dhen aaliya mamma v hairaan vaane e boli hifaigen ulheythan fenigen..

    1. Maree says:
      December 22, 2015 at 8:18 pm

      Good prediction dear.. But let’s see what happens 🙂 thank so much

  16. afy says:
    December 22, 2015 at 9:35 pm

    Maree kn irakun tha nxt part up kurany…mi vaahaka kiyaa hithun kehmadhu vefa mihunnany. Avahah up koh dhechey. V v reethi this horror story?☺

    1. Maree says:
      December 22, 2015 at 9:58 pm

      Thank you so much 🙂 in Sha allah next week thereyga 🙂

  17. nafu says:
    December 23, 2015 at 11:16 am

    Nice i love horror story

  18. Rixu says:
    December 24, 2015 at 2:31 am

    Wow sis.. this is so horro.. hehe keep it up..

  19. lara says:
    February 7, 2016 at 4:13 pm

    oh please, remind me to laugh!

  20. Marry says:
    March 18, 2016 at 5:24 pm

    Due to so many characters it is very confusing. Feel lik watching a hindhi drama.

Comments are closed.

Next Episodeދަރިފުޅު (5)←


All Right Reserved!