އޭލިއަން ސިލްސިލާ: ވަރަ – 10
“މައިކްތަ؟.. ” ރަޔާންއަށް އަނގައިން އަޑު ނެރެން ޖެހުނީވެސް ތަކުލީފުތަކެއް އުފުލައިގެންނެވެ. ކުރިމަތީގައި ހެވިފައި ރަޔާންއަށް ބަލަހައްޓައިގެން ހުރި މިކްޔާލުގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހަތަރެސްފައިގައި ގަނޑުފިނީގެ ފަށަލަތައް ލެވިފައި ވީއިރު ހިސާބަކުން މަޑު އޮރެންޖް ކުލައަކަށްދާ މަޑު ނޫ ކުލައިގެ ދެ ވަރަގަނޑާއި އަޅި ކުލައިގެ ދެދޮލާއި އިސްތަށިގަނޑު ފެނުމުން ބުނާނެ އެއްޗެއް ނޭނގިފައި ރަޔާންއަށް ހުރެވުނެވެ.
“އާން.. ދެން މަމީ ކާކުތަ.. ” އެހެންޏާ ވާހަކަ ދައްކާ ސަކަ ގޮތްގަނޑުގައި މިކްޔާލް ހީލިއެވެ. ދުރުގައި ހުރި ރަޔާން ހަރު ހިނގުމެއްގައި މިކްޔާލާއި ދިމާލަށް އައެވެ. “ތިވަރު ކަމެއް ދިމާވިއިރު އަހަރެމެން ކައިރީ ނުބުނެ ތިހުރީ ކީއްވެތަ..” ރުޅިއައިސްގެން ރަޔާންއަށް ވާހަކަ ދެއްކުނީ ބާރަށެވެ. ކުއްލިއަކަށް ރަޔާން ރުޅި އައުމުން މިކްޔާލަށް ސިހުން ލިބުނެވެ.
“ނުބުނެޔޭ؟.. ކޮންކަމެއްވީ..” މިކްޔާލަށްވެސް ވީ ރަޔާންއަށްވީ ވަރެވެ. “ތިވައްތަރު ބާރުތަކަކީ ފަސޭހައިން ފިލުވާލެވޭނެ އެއްޗިއްސެއް ނޫނޭ.. ކުރާ ކަންތައްތައް ދޯ.. ނަޔާނީ ނުބުނޭތަ އެގަސްތަކަށް ބަލާށޭ.. ނުޖެހި ދާށޭ. .” ނުރުހުމުގެ ރާގެއްގައި ރަޔާން އެއްސެވެ. އެވަގުތު އޭނައަށް ތަފާތު ކަމެއް އިހްސާސްވިއެވެ. މިކްޔާލުގެ ގައިން އޭނައަކަށް އިންސާނެއްގެ ވަހެއް ނުދުވައެވެ. އަލަށް އެފެންނަ ޖާދޫގެ ބާރަކީ ވެސް އޭލިޔަން ޓެކްނީކެއް ނޫނެވެ. އެސިކުންތުކޮޅު އޭނައަށް މިކްޔާލުގެ މޫނަށް ބަލައިލެވުނެވެ. ރަޔާނުގެ ނަޒަރު އަމާޒުވުމުން އޮޅުން ބޮޅުންވެފައި ހުރި މިކްޔާލް އެއްބުމަ މައްޗަށް އަރުވާލިއެވެ.
“ކޮން ގަސްތަކެއްތަ؟ ކޯއްޗެކޭތަ ރަޔާން ތި ކިޔަނީ؟.. މިއީ އޭލިޔަން ދުނިޔޭގެ ކަމެއް ނޫނޭ.. ހަހަ”. ސިކުންތުކޮޅަކު ހުއްޓުން އަރާފައި ހުރެފައި ވީގޮތް ވިސްނިގެން މިކްޔާލް ޕަކަޕަކަ އަޅާފައި ހޭންފެށިއެވެ. މިފަހަރު އޮޅުން އެރީ ރަޔާނަށެވެ. އެއީ އޭލިޔަން ޓެކްނީކް ނޫންނަމަ ދެން އެއީ ކޯއްޗެއް ހެއްޔެވެ؟
“އަހަރެން އަދި ނުބުނަންދޯ ރަޔާން ގާތުގަ މިވާހަކަ.. އެނގޭތަ އަހަރެންމީ އިންސާނެއް ނޫނޭ.. ” ހުރެހުރެލާފައި މިކްޔާލް ބުނެލީ ރަޔާންގެ ސިކުނޑި ސުމަކަށް ގެންދިޔަ ވާހަކައެކެވެ. “މިބުނީ އެއްކޮށް އިންސާނެއް ނޫނޭ.. ނަޔާނީ ވެސް ހަމަ މިގޮތަށް.. އެކަމު އޭނައަކަށް ބާރުތައް އަދި ނުލިބޭ.. ލިބެމުން ދަނީ.. އެކަމަކު ލިބި ނިމުމުން އޭނައަށް ވެސް އިނގޭނެ.. އެކަމަކު އޭނައަކަށް އަދި ނޭނގޭ އެކަންތައްތައް.. މަންމަ ފިޔަވާ އެކަކަށް ވެސް ނޭނގޭނެ.. މިޝްކާ އާއި މަންމަ އެކަނި އިންސާނުންނަށް ވީ އަހަރެމެންގެ އާއިލާއިން..” މިކްޔާލް ކިޔައިދިނެވެ. ރަޔާންއަށް ހުއްޓުން އަރައިފައި ހުރުން ނޫން އެހެން ކަމެއް ނުކުރެވުނެވެ.
“އަހަރެންގެ ބައްޕަ އަކީ ޖިންނީންގެ ވަރަށް މަތީ މީހެއް.. ބައްޕަ މަރުވީ މިދުނިޔެއަށް އައިސްގެން ކުރި ހަނގުރާމައެއްގެ ތެރޭގައި.. އެނގެއެންނު މީގެ ދިހަ ވަރަކަށް އަހަރުކުރިން ކުރިން ރަޔާންގެ ބޮޑު ދައިތަ ކުރި ހަނގުރާމަ؟… އެފަހަރު ރަޔާންގެ ބޮޑުބޭބެ އާއި ކުރިމަތިލީ އެންމެ މަތީ ދަރަޖައިގައި އުޅުނު ސެވިއޯސްތައް.. އެއީ ރަޔާންގެ ބޮޑުދައިތަ ފަޒްނާގެ ރޭވުމެއް.. ރަޔާންގެ ބޮޑުބޭބެއަށް އެކަނި ހުރިހާ އެއްޗެއް ނުހުއްޓެވުނު.. އެހެންވެ ޖިންނީންގެ ފަރާތުން އެހީއަށް އެދުނީމަ ޖިންނީންގެ ރަސްގެފާނު އަހަރެންގެ ބައްޕަ ގާތުން އެދުނީ މިދުނިޔެއަށް އައިސް އޭލިއަނުންނާ ގުޅިގެން ހަނގުރާމަ ކުރުމަށް.. އޭރު ރަޔާންގެ ބޮޑުބޭބެ އާއި އަހަރެންގެ ބައްޕަ ވަރަށް ގާތް ރަހްމަތްތެރިންނަށް ވީ.. ދެން އެކަމުގެ ތެރޭގައި އުޅެނިކޮށް ސެވިއޯސްއެއް، ފުއާދު ބޭބެގެ ބާރުތައް ދަމަގަންނަން އުޅެނިކޮށް ފުއާދުބޭ މީގެ ފަށަކަށް އެބޭބެގެ ހުރިހާ ބާރުތަކެއް ލީ.. ” އަތް މުށްކަވައިގެން އުޅުނު މިކްޔާލް، އޭލިއަނެއްގެ އަތުން އާދޭސް ކޮށްގެން ހޯދި ފަށެއް ދައްކާލަމުން ކިޔައިދިނެވެ.
” ވާއު.. މައިކް ޕިސްޕިސް.. ތިހެންތަ އަސްލުކޮށްވެސް ވީ؟.. ” ހީލަމުން ރަޔާން މިކްޔާލުގެ ކޮނޑުގައި ޖަހައިލިއެވެ. “ހޫމް.. އެފަށް ފުއާދުބޭ ދިނީ އަހަރެންގެ ބައްޕައަށް އޭގެފަހުން.. ބައްޕަ ނަޔާނީއަށް ދިނީ.. ނަޔާނީ ރޫނާއަށް ދިނީ އުފަންދުވަހުގެ ހަދިޔާ އަކަށް.. ނަޔާނީއަކަށް އަސްލު ނޭނގޭ ކަންނޭނގެ އޭގަ ބާރުތަކެއް ހުރިކަމެއް ވެސް.. މިބުނީ ފަހަރެއްގައި ރޫނާއަށް އެނގިގެން ރޫނާ ކިޔައިދީފާނެ ދޯ.. ” ތެދުތެދަށް ސިއްރު ނުކޮށް މިކްޔާލް ހުރިހާ އެއްޗެއް ކިޔައިދިނެވެ.
“ހޫމް ވެދާނެ ތިހެން.. މައިކް ބޭނުންވީމަ ބަދަލުވަނީތަ ތި ސޫރައަށް.. މިބުނީ ގަނޑުފެނާއި އަލިފާނުގެ ބާރުތައް އެކަނިތަ މައިކްގެ އަތުގައި ހުރީ..” ޝައުގުވެރިކަމާއި އެކު ރަޔާން އަހައިލިއެވެ. އޭނާއަށް ހުރެވުނީ މިކްޔާލްގެ ބާރުތައް ފެނުމުން އޭލިއަނުންނާއި އެއްގޮތް ބާރުތަކެއް ކަން އެނގިފައި ފާޑެއްގެ ފޯރިއެއް އަރައިފައެވެ. ކަންތައްތައް މިހިސާބަށް މިއައީ އޭނަ ދެކުނު ހުވަފެންތަކަށް ވުރެވެސް މާ ފުރިހަމަ ގޮތަކަށެވެ.
“ހުމްމް ދެން މި ވަރަގަނޑު.. އަހަންނަށް އަތުން އައިސް ބޭނުން ކޮށްގެން ބޭނުން ވައްތަރު އެއްޗިހި އުފެއްދޭ.. ގައިން ކޮޅު ތޫނު އެއްޗިހި ނެރެން ބައެއްފަހަރު.. ދެން މީހުންނަށް ނުފެންނަ ގޮތަށް ވެސް އުޅެވޭ”. މިކްޔާލް އޭނައަށް ލިބިފައި ހުރި ހުނަރު ތަކުގެ ވާހަކަ ދެއްކިއެވެ.
“ކޫލް.. ” ރަޔާން އިތުރަށް ޙައިރާންވާ ގޮތްވިއެވެ. އައު މީހުންނާ ބަދަލުވެ އައު ކަންތައްތައް ލޮލަށް ފެނުމަކީ ކޮންމެ ދުވަހަކު އޭލިޔަން ދުނިޔޭގައި ދިމާވާ ކަހަލަ ކަންތައްތަކެއް ނޫނެވެ.
” ރަޔާން އަށް އިނގޭތަ އަހަރެން އައި ސަބަބު..” މިކްޔާލުގެ ސުވާލާއިއެކު ރަޔާން ބޯ ހޫރުވާލިއެވެ. “ވަރަށް ކުރީއްސުރެ އަހަރެމެންގެ އާއިލާގައި އުޅޭ މެންބަރެއްގެ ނިޔަލާއި ގާތް ވާއިރު އެޖިންނިއެއްގެ އުއްބައްތީގެ ހުޅުކޮޅު ނިވެން ގާތްވާނެ.. މިބުނީ ކޮންމެ މެންބަރަކަށް ހުންނާނެ އުއްބައްތިއެއް.. އެކަމް މަރުވާނީ ކޮންއިރަކު ކަމެއް އެއްގޮތަކަށްވެސް ބުނެދޭކަށް ނޭނގޭނެ.. އަހަރެންގެ މަންމަ އަކީ އެއްކޮށް އިންސާނަކަށް ވިޔަސް މަންމަގެ ޖިންނި ގޮތްތަކެއް ހުރޭ.. ވަރަށް މަދުން މަންމައަށް ބާރުތައް ލިބިފައި ހުންނާނީ.. ދެން މަންމަގެ ހުޅުކޮޅު ނިވެން ގާތްވެފަ ހުރީމަ އަހަރެން ރަށަށް އައީ މަންމަ ގާތުގައި އެވާހަކަ ބުނަން.. ތިމީހުންނާއި ފަހަތުން މި ދުނިޔެއަށް އައީވެސް އައީވެސް އެހެންވެގެން.. އަސްލު ރަޔާންމެން އެއްބަސް ނުވިޔަސް އަހަރެން ހުރީ ގަދަ ދައްކާފައި ވިޔަސް ވަންނަން ވެގެންނޭ.. ” ވާހަކަދައްކަމުން ގޮސް ފަހު ޖުމްލައަށް އެޅުމުން މިކްޔާލް އެ ޖުމްލަ ކިޔާލީ ލާނެތް ގޮތަކަށެވެ. އަޑުއަހަން އިން ރަޔާން ވަގުތުން ޗުކުޗުކު ތަޅުވާލިއެވެ.
” އޯކޭ.. ދެން ނާހިދާއްތަ އާއި މެދު ކީއްކުރަން މައިކް ތިއުޅެނީ.. މިބުނީ ތިކަން އަސްލަކަށް ވެއްޖެއްޔާ .. ” ރަޔާން، ބުނެވެން އުޅުނު އެއްޗެއް އެނގިފައި ޖުމްލަ މެދުކަނޑާލިއެވެ.
” އެހެންނޭ.. ދަނީ އިނގޭ.. އަހަރެން މިހުރިހާ ވަގުތަކު މިއުޅުނީ އެންމެންގެ ހަރަކާތްތައް ބެލުމުގަ.. ރަޔާން ދެންމެ ބުނި ހޮހޮޅަ ހުޅުވަން ރޫނާ އާއި އެކު ދާންވީނު.. މިއަދު ހެނދުނު ރޫނާމެން ދިޔައޭ އެތަނަށް.. ރޫނައަށް ވެސް އެތަނުން ކޮންމެވެސް އެއްޗެއް އިޙްސާސް ވެގެން ކަންނޭނގެ ދިޔައީ.. އެތާ ކައިރީގަ އުޅޭނެ އެލް ކިޔާ ކުއްޖެއް. އެކުއްޖާ އެތާގަ ގާޑަށް ހުރީ.. އަހަރެން ބެލި ވަގުތުތަކުގަ އެލް އޭނަގެ ބާރުގެ ބޭނުން ކޮށްގެން ހިލަގަނޑު ބޮޑުކޮށްފަ އިތުރަށް ވަރުގަދަ ކުރީ… ފަރުވާތެރި ވާތި ބޮޑުދައިތަ ފަޒްނާ އާއި މެދު.. އޭނަ ކަންނޭނގެ މިހުރިހާ ކަމެއްގެ އަޑީގައި އުޅެނީ.. މިބުނީ، އެލް އަކީ ފަޒްނާ ދައްތަގެ ކުއްޖެއްނު ދޯ.. ” ރަޔާނަށް ދޯ ދެމުން ވަރަގަނޑު ހުޅުވާލައިފައި މިކްޔާލް މައްޗަށް އެރިއެވެ. އަޑު އިވުނު ވާހަކަތައް ގަބޫލު ކުރާކަށް ވެސް ރަޔާންގެ ހިތް އެއްބަހެއް ނުވިއެވެ. ފަޒްނާ ބަދަލުވާން އަދި ކިތައް އަހަރު ނަގާނެބާއޭ އޭނަގެ ހިތަށް އެރިއެވެ. އަދި މިކްޔާލް ބުނީ ހަމައެކަނި ފަޒްނާގެ ވާހަކަ އެކަންޏެއް ވެސް ނޫނެވެ. އެލް ވެސް އުޅެނީ އޭނަގެ މަންމަ އާއި އެއްބައިވެގެން ހެއްޔެވެ. ގައިމުވެސް އެލް އެހެން ހަދަންޖެހޭ ސަބަބެއް އޮވެގެން ނޯންނާނެއެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ހޯދޭތޯ ރަޔާން އުދުހިގަތެވެ.
ބާރު ސްޕީޑްގައި މިކްޔާލް އުދުހެމުން ދިޔައެވެ. ބާކީ މާގިނަ އިރެއް ނެތްކަން އެނގޭތީއެވެ. ނާހިދާގެ ހުޅުކޮޅު ކުޑަވަމުން ދިޔަވަރަކަށް އެކަން އަންގައިދެމުން ދިޔަ ސިކުނޑީގެ ލޮޅުން ހީވަނީ އެހެންކަމެއް ހެންނެވެ. ވާނެ އެންމެ އަވަހަކަށް ނަޔާނީ އާއި މިޝްކާ ގޮވައިގެން ގޮސް ނާހިދާގެ ކުރިމައްޗަށް ގެންދަން އޭނާ ބޭނުންވެއެވެ.
ރޫނާ ފުން ހިނިތުންވުމަކާއި އެކު ބޭރަށް ނުކުތް އިރު ތަން ހީވަނީ އުފަލުން ފަޅައިގެންދާން އުޅޭ ހެންނެވެ. ތަރުހީބުގެ އަތްތިލަބަޑި ޖަހައި ފޯރިނަގަން ތިބި އޭލިއަނުންނަށް ހިނިތުންވުމެއް ދައްކައިގެން ހިނގާލައިފައި އޭނަ ހުންނަން ޖެހޭ އަލިފާން ބޮޅުގެ މެދުގައި ރޫނާ މަޑު ކޮއްލިއެވެ. އޭރު އިރު އޮއްސި އަނދިރި ވާން ކައިރި ވެއްޖެއެވެ.
ކުއްލިއަކަށް މަތިން އައި މީހަކު އައިސް ރޫނާގެ އަތުގައި ހިއްޕެވެ. އުދުހެމުން ގޮސް ބިމުން އުފުއްލާލުމުން ރޫނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އަތް ނައްޓުވާލަން އުޅެ ނައްޓުވައެއް ނުލެވުނެވެ. އެވަގުތު ކާކުތޯ ބަލައިލެވުނެވެ. ރަޔާނެވެ. ރޫނާގެ ހައިރާންކަން ދެގުނަ އިތުރު ވެގެން ދިޔައެވެ. ރަޔާން އަވަހަށް ފިޔަގަނޑު ނެރެލަން އެދުނެވެ.
“ދޮންބެ ހަފްލާ މެދުކަނޑާލީއެންނު ތިއޮތް.. މަންމަ އާއި ބައްޕަ ވަރަށް ރުޅި އަންނާނެ އިނގޭ..” ރޫނާ ރަޔާންއަށް އިންޒާރު ދިނެވެ. “މަންމަ އާއި ބައްޕަ ހުރިނަމައެންނު.. ދެމީހުން ސަލާމަތް ކުރާށޭ މިއުޅެނީ..” ރަޔާން ދިނީ ރޫނާގެ ސިކުނޑި ފަޅައިގެން ދާވަރުގެ ޚަބަރެކެވެ. “ކޮބާ މަންމަ އާއި ބައްޕަ؟؟..” ހާސްވެފައި ރޫނާ އަވަސްއަވަހަށް އަހާލިއެވެ. އަނެއްކާ ވީ ކިހިނެއް ބާއެވެ. ބޮޑުދައިތަ ފަޒްނާގެ ކަމެއް ހެއްޔެވެ؟ މަންމަ އާއި ބައްޕައަށް އެމީހުންގެ އަމިއްލަ ނަފްސު ދިފާއު ކުރެވޭނެ ނޫން ހެއްޔެވެ؟ ރޫނާ އަމިއްލައަށް އުދުހެން ފެށުމުން ރަޔާން ވެގެން އުޅޭގޮތް ކިޔައިދިނެވެ. ވާހަކަތައް އަޑުއިވުމުން ރޫނާއަށް ހުރެވުނީ ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށެވެ. އަދި އަމުދުން ނަޔާނީ އާއި މިކްޔާލްގެ ހާލަތެވެ. އެދެމީހުންނަކީ އިންސާނުން ނޫންކަން އެނގުމުން ހިތުގެ އެއް ކަނުގައި ދުވެލީ އުފާވެރިކަމެވެ. އަނެއް ކޮޅުން ނާހިދާގެ ހަބަރު ލިބުމުން ވީ ދެރަ ބުނެދޭކަށްވެސް ނޭނގުނެވެ. ނަޔާނީއަށް ވާނެ ގޮތް ވިސްނިފައި ކެތްކޮށްގެން ހުރުން ނޫން އެހެން ގޮތެއް ނެތްކަން ރޫނާއަށް އެނގެއެވެ. އަވަހަށް ކުރަން ޖެހޭ ކަންތައްތައް ކުރަން އިސްކުރަންވީއެވެ. އެލް ބަލިކޮށް ރިއާނާ އާއި ރާއިދު އެތަނުން ނެރެން ވީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



އޭލިއަން ސިލްސިލާ: ވަރަ – 9 ކިޔާލެއްވުމަށް – https://www.esfiya.com/140095/