އޭލިއަން ސިލްސިލާ: ވަރަ – 8
“ނޭނގެ.. އެލް އައި އިރުވެސް އެތާނގައި އޮތް އެއްޗެއް.. ” ނޫންކަމަށް ހަދާލަމުން އެލް ބުނެލިއެވެ. ރޫނާއަށް އޭނައަށް އެކަން ގަބޫލު ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ.
” އޯކޭ.. ދެން ކީއްކުރާނީ؟.. އެއްކަލަ ހަފްލާ މަތިން ހަނދާން ނުނައްތައްޗޭ ރުން.. ” ލިލިޔަން ހަނދާން ކޮއްލަދިނެވެ. ރޫނާ ހަނދާންވީ ދެނެވެ. މެންދުރަށް މުނާސަބަތު އޮންނަ މާލަމަށް އަންނަން ރިއާނާ ބުނެފައި އޮތެވެ. އެކަމަކު ރިއާނާ ޖަންގަލީގައި އުޅެންޏާ ރިއާނާ ބުނެގެން އެ ސަރަޙައްދަށް ދާން ޖެހޭ ވަކި ސަބަބެއް ނެތެވެ.
” ހިނގާ އަލުން އެނބުރި ގޮސްލަން.. މެންދުރު ވަނީއެއްނު މިހާރު.. ” ރޫނާ ހިޔާލު ފާޅުކުރިއެވެ. ލިލިޔަން އާއި ނަޔާނީ އެއްބަސްވިއެވެ. އެއާއި ޚިލާފަށް އެލް ގަސްތުކުރީ އެތާނގައި މަޑުކުރާށެވެ. އާދޭސް ކޮށްކޮށް ވެސް ކީއްވެ ކަމެއް ނުބުންޏެވެ. އެންމެ ފަހުން އެކުދިންނަށް ޖެހުނީ އެލް ދޫކޮށްލާފައި ދާށެވެ.
ތައްޔާރީތައް ނުނިމި ހުރުމާއިއެކު ހަފްލާއަށް ތައްޔާރު ކޮއްފައި އޮތް މާލަންތެރޭ ނޯކަރުން ދެކޮޅަށް ދުވެ ދުވެ އުޅުނެވެ. އެކި މީހުން ވާހަކަ ދައްކާ އަޑުތައް އިވޭތީ އެމާހައުލުވީ ހަލަބޮލި މާހައުލަކަށެވެ. ވަރުބަލި ފިލުވާލަން ދުރުގައި ހުރި ގޮޑިއެއް ގެނެސް ރޫނާ އިށީނދެލި އިރު ވެސް ނަޔާނީ އާއި ލިލިޔަން އާގަމަވެފައި ބަލަން ހުއްޓެވެ. ދުވަހަކުވެސް ނުފެންނަ ތަނަކީ ތޯއްޗެކެވެ. އޭލިޔަން ދުނިޔޭގެ ކޮންމެ ބިތަކުން ވެސް އެދެކުދިންނަށް ފެންނަނީ ހައިރާން ކުރުވަނިވި މަންޒަރުތަކެކެވެ. ވާނީވެސް އެހެންނެވެ. އެއީ ދުނިޔޭގައި ނަޔާނީ އާއި ލިލިޔަން ކޮންމެ ދުވަހަކު ދެކޭ ތަންތަނެއް ނޫނެވެ. އެދެކުދިން ދަތުރު ކުރި ރާސްތާގެ ތެރެއިން ރޫނާ އާއި ބައްދަލުވުމަކީ އެދެކުދިން އަދަށް ދާންދެން ވެސް ޝުކުރުވެރިވާ ކަމެކެވެ.
ނަޔާނީމެންގެ ގާތުގައި އިށީދެލަން އެދުމަށްފަހު ބޯއަބުރާލި ރޫނާގެ ނަޒަރު ކަސިޔާރުވެގެން ހުއްޓުނީ ތަންކޮޅެއް ދުރުގައި އެކުދިންނަށް ބަލައިގެން އިން އަންހެންމީހާގެ މޫނަށެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. ބޮޑުދައިތަ ފަޒްނާއެވެ. ރޫނާ ބަލައިގެން ހުރި ތަން ފެނުމުން އޭނާ ހިނިތުންވެލައިފިއެވެ. ބަދަލުގައި ރޫނާ ވެސް ހިނިތުންވުމަކުން ފުއްދާލީއެވެ. އެވަގުތު ރޫނާ އެލްގެ މަތިން ހަނދާން ވިއެވެ. މިއަދު ރޫނާ ކުރި ސުވާލާއިއެކު އެލްގެ މޫނުމަތި ބަނަވެގެން ދިޔަ ގޮތެވެ. އަނެއްކާ ބޮޑު ކަމެއް ހިނގަން އުޅެނީހެއްޔެވެ. އެހެންނަމަ ކޮންކަމެއް ހެއްޔެވެ؟ ދެރަކަމަކީ ކޮންކަމެއް ކަން ނޭނގޭތީ އެވެ.
ރިއާނާ ނުފެނިގެން މާލަމުގެ ކޮޅަށް ދާންދެން އަތްފުނާ އަޅަ އަޅައިފައި ވަރުބަލިވެގެން ރަޔާން ހަތިޔާރު ބެހެއްޓިއެވެ. ރިއާނާ އެދިގެން ރޫނާމެން މާލަމަށް އެނބުރި އައިކަން އޭނައަށް އެނގެއެވެ. އޭނަ ރިއާނާ ހޯދަނީވެސް އެކުދިންނާއި ދާދި އެއް ބޭނުމެއްގައެވެ. ރިއާނާ މާލަން ތެރޭގައި ނެތްކަން އެނގުމުން އެތަނުން ނުކުމެ ގަނޑުވަރުގައި ރިއާނާ ހުރެދާނެހެން ހީވާ މަގުތަކުން ރަޔާން ހިނގަން ފެށިއެވެ. އޭނައަށް ހުއްޓެން މަޖުބޫރުވީ މީހަކު ހަޅޭއްލަވާ އަޑު އިވިގެންނެވެ. ފެނުނު މަންޒަރުން އާގަމަވެފައި ބަލަން ހުރެވުނެވެ. އާދަވެގެން ނުފެންނަ ކަމެއް ފެނިގެން ވާ އަޖައިބެކެވެ.
“މަންމާ!.. ” ގާތުގައި ހުރި ޚާދިމާއި ދިމާލަށް އަތް މަޅައިލަން އުޅުނު ރިއާނާ ހުއްޓުވީ ރަޔާނެވެ. އޭނަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ އަދި ދުވަހަކު ވެސް ރިއާނާގެ ކިބައިން އޭނާއަށް ފެނުނު ސިފައެއް ނޫނެވެ. ހައިރާންވެ ބަސް ހުއްޓިފައި ހުރި ރަޔާންގެ މޫނަށް ބަލައިލަމުން ރިއާނާ ފަހަތަށް ޖެހިލައިފިއެވެ.
“މަންމާ ކިހިނެއްވީ.. ” އަޑުމަޑު ކޮއްލާފައި ރަޔާން އަހާލިއެވެ. ގާތުގައި ހުރި ހާދިމުގެ މޫނުމަތިން އެކަނިވެސް ބިރުގަނެފައި ހުރި މިންވަރު ހާމަވެއެވެ. އެދެމީހުންގެ މެދަށް ވެއްޓި ތަޅައިގެން ގޮސްފައި އޮތް ޓުކުރި ފެނިފައި އޭނާ އަށް ވީގޮތް ނަގައިގަނެވުނެވެ. އެހެނަސް މީހުންނަށް އެއްޗެހި ކިޔައި އަޑުގަދަ ކުރުމަކީ މީގެ ކުރިން ރިއާނާގެ ފުށުން ދުވަހަކު ވެސް ރަޔާންއަށް ފެނުނު ސިފައެއް ނޫނެވެ. ހާއްސަކޮށް އަމުރުވެރިކަމުގައި މަސައްކަތް ކުރާ ޚާދިމު މީހުންނާއި މެދުވެސް ރިއާނާ ކަންތައްތައް ކުރަނީ އަޅައިލުމާ އޯގާތެރި ކަމާއި އެކުއެވެ.
ވިސްނަން ހުއްޓުން އަރައިފައި ހުރެވުނެވެ. ރިއާނާ ދުލުން އެއްޗެކޭ ނުބުންޏެވެ. ހިމޭންވެފައި އޮތުމުން ރިއާނާ ހުރި ދިމާލަށް ބަލާލިއިރު ޖެހުނު ތަނުގައި ލަކުނެއް ވެސް ނެތެވެ. ދޮރާއި ދިމާލަށް ބަލާލިއިރު ހަލުވި ދުވެލީގައި ރިއާނާ ދޮރުން ނުކުތީއެވެ. އޭނައަށް ގޮވަމުން ނުކުތް ރަޔާންއަށް ވެސް ރިއާނާ ދިޔަ ދިމާ ލަފާ ކޮއްލާކަށް ނޭނގުނެވެ.
ނޯކަރު ދައްތަ ކައިރީ އެހުމުން ރިއާނާގެ ބަސްމަގާއި އަމަލުތަކަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކަ ކިޔައިދިނެވެ. ހަމަލޮލަށް ފެނުނު ކަންތަކުގެ ސަބަބުން ރަޔާންއަށް ހުރެވުނީ ޝޮކެއްގައެވެ. އޭނަގެ މަންމަ އެހެން ނޫޅޭނެއޭ އެތައް ފަހަރަކު ހިތައް އެރިއެވެ. އެކަންތައްތައް ގަބޫލު ކުރަން ބޭނުމެއް ނުވިއެވެ. އަދި އެއްފަހަރު ޔަގީން ކޮށްލާ ހިތްވިއެވެ. ޚާދިމު ދައްތަ ކައިރީ އެނބުރި ދާން އެދުމުން އެދައްތަ ކިޔަމަންތެރިކަމާއި އެކު ބޯ ޖަހައިލަމުން އެތަނުން ދާން ހިނގައިގަތެވެ.
ހަވީރުގެ މަރިޔާދު ވަގުތެވެ. މާލަމުގައި ކަންތައްތައް ބަލަހައްޓަން ހުރުމަށްފަހު ދެކުދިން ގޮވައިގެން ރޫނާ މިސްރާބުޖެހީ އިރުއޮއްސޭ އިރަށް ތައްޔާރުވާން ކަނޑައެޅިފައި އޮތް ކޮޓަރިއަށް ދިޔުމަށެވެ. ރޫނާގެ ފަހަތުން ހިނގަމުން ދިޔަ ނަޔާނީ ވިސްނަމުން ދިޔައީ މިކްޔާލާއި ނާހިދާ އާއި ދެމެދުގައެވެ. އޭލިޔަން ދުނިޔެއަށް އައިއްސުރެ އެދެމީހުން ކުރެ އެކަކުވެސް އޭނަގެ ލޮލަށް ފެނިފައެއް ނުވެއެވެ. މިކްޔާލް ވާނީ ބޭރުގައި އޭލިޔަން ދުނިޔެ ބަލައި ދިރާސާ ކުރާށެވެ. ނާހިދާ ކޮޓަރީގައި ނިދާފައި އޮތް ކަމެއް ނޭނގެއެވެ. ލީވާން އާއި އެކު ކުޅެން ބަހައްޓާފައި އިން މިޝްކާ ހުންނަނީ ނާހިދާގެ ކައިރީގައެވެ. އެކި ކަހަލަ ވިސްނުން ވިސްނައި ހިތަށް ކުޑަވެސް ލުއިކަމެއް ނުލިބުނެވެ. އެންމެފަހުން ނުހުރެވިގެން ނަޔާނީ އަށް ދުއްވައިގަނެވުނެވެ. މަގުތަކުން އަޅައި ކޮޓަރިތަކާއި ހަމައަށް ދެވުނު އިރު ގާތުގައި ތިބި ލިލިޔަން އާއި ރޫނާގެ މަތިން އެކަށް ހަނދާން ނެތުނެވެ. ޓަކި ދީފައި ދޮރު ހުޅުވާލި އިރު އެންމެ ފުރަތަމަ ފެނުނީ ނިދާފައި އޮތް ލީވާނެވެ. ޖެހިގެން ފުން ނިންޖަކަށް ގެބިފައި މިޝްކާ އޮތެވެ. ކޮޓަރި ތެރޭގައި ނާހިދާ ފެންނަން ނެތުމުން ނަޔާނީގެ ހާސްކަންވީ އިތުރެވެ. އެއްލި ކަޅިއަކުން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު އޭނަގެ ލޮލުގައި އަޅައިގަތެވެ. ފަރުދާތަކުން ދޮރު ނިވާވެފައި ހުރުމުން މީހެއްގެ ހިޔަނި ފާޅުވާން ހުއްޓެވެ. ނާހިދާކަން ނަގައިގަނެވެން ނަޔާނީއަށް ލަސްތަކެއް ނުވިއެވެ.
ލިބުނު ހިތްހަމަޖެހުމާއިއެކު ނަޔާނީ ފުންނޭވާއެއް ދޫކޮށްލިއެވެ. ލަސްފިޔަވަޅުތަކެއްގައި ހިނގައިފައި ގޮސް ފަރުދާތައް ކަހައިލަމުން ނަޔާނީ ބެލްކަންޏަށް ނުކުތެވެ. އޭރު ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން އިން ނާހިދާގެ ނަޒަރު ހުއްޓިފައި ވަނީ ތިރީގައި ހިނގަމުން ދިޔަ ކަންތައްތަކަށެވެ. މީހަކު ވަތްކަން އެނގި ހުރެ ވެސް އޭނަ އާއި ދިމާލަށް ނާހިދާ ބަލައި ނުލުމުން ނަޔާނީ ކަރުކެހިލިއެވެ.
“ނަޔާނީމެން އެހާ މަޖާކުރަންތަ މިތަނަށް އައިސް.. ” ވާހަކަ ދައްކަން ފެށިއިރު ނާހިދާގެ އަޑުގައި ހުރީ މަޑުމޮޅިކަމެވެ. “.. މަންމަ ނެތް ދުވަހަކުން މިތާ އުޅުނަސް ހެޔޮ.. ” ނާހިދާގެ ވާހަކަ ހުރިގޮތުން ނަޔާނީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަގެ މަންމަ މިހާ މަޑުމައިތިރިވީ ކޮންއިރަކު ހެއްޔެވެ. އަނެއްކާ މަންމަ ތަނަކަށް ދާން އުޅެނީ ހެއްޔެވެ؟
” މަންމަ ނެތް ދުވަހެކޭ ނުކިޔާ.. މަންމަ ހުންނާނަމެންނު އަހަރެމެން ބޮޑުވާ އިރަށް.. އަހަރެމެން އުޅޭނީ ރަށުގައެންނު.. ސުކޫލްވެސް އޮންނާނެއެންނު ” ހާސްކަން ފޮރުވަމުން ނަޔާނީ ހިނިގަނޑެއް ޖަހާލިއެވެ. ހަގީގަތުގައި ނާހިދާ އެފެށީ އޭނަ އެންމެ ކަންބޮޑުވެގެން އުޅޭ މައުޟޫއެވެ. އެއީ ދުވާލުދާ ހަތަރުދަމު އޭނަގެ ހިތުގައި ހިނގާ އިޙްސާސް ތަކެވެ. މިކްޔާލުގެ ހަރަކާތްތަކުން ވީގޮތް ނަޔާނީއަށް މާސާފު ނުވިޔަސް ކަމެއްވެއްޖެކަން ދޭހަކުރަން އުނދަގުލެއް ނުވިއެވެ. އަނެއްކާ ބޮޑުމުސީބާތެއް ޖެހެނީބާއޭ ނަޔާނީގެ ހިތަށް އެރިއެވެ.
” މިކްޔާލު ކައިރީގައި ކިޔައިދޭން ބުނާނަން ނަޔާނީ އަޑުއަހަން ބޭނުންވާ ވާހަަކަތައް.. އޯކޭދޯ އެގޮތް.. ނަޔާނީ ކަންބޮޑު ނުވައްޗޭ.. ތި ދެކުދިން ވެގެން މިޝްކާ ބަލާތި މަންމަ ނެތް ދުވަހެއް ވިޔަސް.. ” ނަޔާނީގެ ބަސް ތަކަށް ސަމާލުކަން ނުދީ ނާހިދާ ކުރިއަށް ދިޔައެވެ. ނަޔާނީގެ ހިތުގައި ރިއްސާލިއެވެ. “އަޅޭ މަންމާ!.. ޕްލީސް” ނަޔާނީ ބާރަށް ގޮވާލުމުން ނާހިދާ އަށް ހުއްޓެން މަޖުބޫރުވިއެވެ. އޭނާ ކިތަންމެ އާދޭސް ކުރިއަސް ނާހިދާ ކިޔައިނުދޭނެކަން އެނގޭ ހާލު ނަޔާނީ ދުރުބަލާލިއެވެ.
“މަންމާ.. ބުނެބަލަ.. ކިހިނެއްވާން މިއުޅެނީ.. އަޅެ އަހަރެމެން ގާތުގަ ބުނީމައެންނު ހައްލު ކޮށްދޭން އެނގޭނީވެސް..” ނަޔާނީ ފެންކަޅިވެފައި ހުރެ ވާހަކަ ދެއްކިއެވެ.
“ނަޔާނީ ތިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް.. އެހެންވެ ނަޔާނީ މަސައްކަތް ކުރާނީ އެހެންމީހުން ރައްކާތެރި ކުރަން..” ނަޔާނީގެ އާދޭސްތަކަށް ނާހިދާގެ ދެކަންފަތް ބީރުފަދައެވެ. “އާއެކޭ މަންމާ… އަހަރެން އެންމެންނަށް ބަލާނަމޭ.. މަންމައަށް އިނގެއެންނު އަހަރެން ބަލާނެކަންް.. ދެން މަންމަ ބުނެބަލަ.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ދީބަލަ.. ތުއްތުވެސް އަހަރެން ހާދަވަރަކަށް ތަޅުވައިފިއޭ..” ހިތަށް ވެރިވަމުން ދިޔަ ހާސްކަމުން ކޮޅަށް ހުރުން ނަޔާނީއަށް ވެގެން ދިޔައީ ދަތިކަމަކަށެވެ. ފުންނޭވާއެއް އެތެރެ ކުރުމަށްފަހު އޭނާ ރެއިލިންގައި އަޅުވާފައި އޮތް އަތަށް ބާރުކޮށްލިއެވެ.
“ނަޔާނީއަށް އިނގޭނެ އަދި.. އެކަމަކު މަންމައަށް ވައުދުވެބަލަ އެއްވެސް ކަމެއްގަ އަމިއްލަ ނަފްސު ކުށްވެރި ނުކުރާނެ ކަމަށް.. ހިތްވަރުގަދަ، ކެތްތެރި ކުއްޖަކަށް ވެގެން ދުނިޔޭގައި ދިމާވާ ކަންކަމާއި ކުރިމަތި ލެވޭނީ.. ދޯ..” ނާހިދާގެ ޖަވާބާއި ހީލިއަޑު އިވުމުން ނަޔާނީ ގަބޫލު ކުރަން ދަތިވެފައި ހުރިގޮތަކަށް ބަލާލިއެވެ. އޭނަ ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ. ހަމަ ޔަގީނުން ވެސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެއެވެ.
“އާން އޯކޭ އަހަރެން އެބަ ދާންޖެހޭ.. ރޫނާ ހުންނާނެ ކަންނޭނގެ ލަސްވެފަ.. ” ބަހާނާއެއް ހަދައިލައިގެން ނަޔާނީ އެތަނުން ދާން ވެގެން ނުކުތެވެ. އޭނަގެ ހިތުގައި ސުވާލުތަކެއް ފުނިޖެހިފައި ހުއްޓެވެ. އާދައިގެ ކަމެއް ކުރިމަތިގެން ނާހިދާ އެގޮތަކަށް ވާހަކައެއް ނުދައްކާނެއެވެ. ވިސްނަން ފެށި ވަރަކަށް އިތުރަށް ބޯގޮވުން ނޫން އެހެން ކަމެއް ނުވިއެވެ.
ނަޔާނީ ބޭރަށް ނުކުތް އިރު ލިލިޔަން އާއި ރޫނާ ކޮޓަރީގެ ބޭރުގައި މަޑުކޮއްގެން ތިއްބެވެ. ނަޔާނީ ފެނުމާއިއެކު ވީގޮތް އަހަން ފެއްޓެވެ. ކުރުގޮތަކަށް ކިޔައިދިނުމަށްފަހު ނަޔާނީ ހިމޭނުން ހުރުމުން ތިން މީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. ރޫނާ ވިސްނަން ހުރީ އެލްގެ ހާދިސާއާއި ދެމެދުގައެވެ. ނަޔާނީ އޭނަ މަންމަގެ ބަސްތަކާއި މެދު ފިކުރު ބޮޑުވެފައި ހުރިއިރު ލިލިޔަން ވިސްނީ އޭނަގެ ދެ އެކުވެރިންނަށް ވީ ގޮތާއި މެދުގައެވެ.
“އޯކޭ.. ދެން ރުން އާއި ނަޔާ ބުނަން ވީނު ވީގޮތް.. އަހަންނަށް އެނގެޔޭ ކަމެއް ވެއްޖެކަން.. ” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު ޝައުގުވެރިކަމާއި އެކުގައި ލިލިޔަން އަހާލިއެވެ. ރޫނާ އާއި ނަޔާނީއަށް ލިބުނު ހައިރާން ކަމާއެކު ދެމީހުން ދެމީހުންގެ މޫނަށް ބަލާލިއެވެ. ” ހެހެ.. އަހަރެންގެ ވާހަކަ މިއީ އެހާ ބޮޑުކަމެއް ނޫން.. އެކަމް އަޑުއަހައްޗޭ…. މިހެން އިނގޭ ވީ.. ” ރޫނާ އޭނާއަށް ދިމާވި ކަންތައްތައް ކިޔައިދިނެވެ. އެއާއިއެކު ނަޔާނީ އަށްވެސް އޭނައަށް ދިމާވި ކަންތައްތަކުގެ ވާހަކަ ކިޔައިދޭން ޖެހުނެވެ. ނަޔާނީގެ ވާހަކައިން އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ރޫނާ އަށެވެ. އޭނަގެ ހިތްވެސް އާދައިގެ ކަމެއް ނުވެއޭ ބުނެލިއެވެ. ނާހިދާގެ ހަރަކާތްތަކާއި މިޒާޖު ފާއިތުވެދިޔަ ދުވަސްތަކުގައި ދަސްވެފައި ހުރުމުން، އާދައިގެ ކަމެއްވެގެން އެގޮތަށް ބަސްމަގު ނުބަހައްޓާނެކަން އޭނައަށް އެނގެއެވެ.
ވެގެން ދިޔަ ކަންތައްތަކާއި މެދު ސައްލާ ކުރަމުން ތިން ކުދިންނަށް މަންޒިލާއި ހަމައަށް އާދެވުނެވެ. އެ ކޮޓަރިއަށް ވަތް އިރު ތިން ކުދިންގެ އިންތިޒާރުގައި ތިންކުދިން ތައްޔާރު ކޮށްދޭ މީހުން ތިއްބެވެ. އެމީހުންގެ އެހީތެރިކަމާއި އެކުގައި ތައްޔާރުވެ ނިމުނު އިރު އިރުއޮއްސެން އޮތީ ކުޑަ ކުޑަ ވަގުތުކޮޅެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



އޭލިއަން ސިލްސިލާ: ވަރަ – 9 ކިޔާލެއްވުމަށް – https://www.esfiya.com/140095/