އޭލިއަން ސިލްސިލާ: ވަރަ – 9
ވެގެން ދިޔަ ކަންތައްތަކާއި މެދު ސައްލާ ކުރަމުން ތިން ކުދިންނަށް މަންޒިލާއި ހަމައަށް އާދެވުނެވެ. އެ ކޮޓަރިއަށް ވަތް އިރު ތިން ކުދިންގެ އިންތިޒާރުގައި ތިންކުދިން ތައްޔާރު ކޮށްދޭ މީހުން ތިއްބެވެ. އެމީހުންގެ އެހީތެރިކަމާއި އެކުގައި ތައްޔާރުވެ ނިމުނު އިރު އިރުއޮއްސެން އޮތީ ކުޑަ ކުޑަ ވަގުތުކޮޅެކެވެ.
ދާދި އެއްވަގުތެއްގައި –
އުދުހިލާފައި ރަޔާން ގޮސް ޖައްސާލީ ބިއްލޫރި ލޯގަނޑެއްގެ ކުރިމަތީގައި ތައްޔާރުވާން ހުރި ރިއާނާގެ ކުރިމައްޗަށެވެ. ނުވަގުތެއްގައި ރަޔާން ފެނުމުން ރިއާނާގެ އިތުރުން ގާތުގައި ތައްޔާރު ވާން ހުރި ރާއިދަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.
“މަންމައާއި ބައްޕަ ދެކިލަން މިއައީ.. ބައްޕަ ގާތުގަ އަޅުގަނޑު ސުވާލެއް ކޮށްލަންތަ؟.. ” ވަރަގަނޑު ލައްޕާލަމުން ހަމަޖެހިލާފައި ރަޔާން ސުވާލުކޮއްލިއެވެ. ދެމީހުން ބޯ ޖަހާލާފައި ކުރަން ހުރި ކަންތައްތަކާއިގެން ކުރިއަށް ދިޔުމުން ރަޔާން ފުން ހިނިތުންވުމެއް ދިނެވެ. ” އަޅުގަނޑުގެ ހަތްވަނަ އުފަން ދުވަހުގަ ބައްޕަ ދިނީ ކޮންހަދިޔާއެއްކަން ހަނދާން އެބަހުރިތަ.. ބައްޕަ ހަނދާން ހުރިވަރެއް ބަލާލަން ވެގެން” ހިނިގަނޑެއް ޖަހާލުމަށްފަހު ރަޔާން ބަހާނާއެއް ހަދައިލިއެވެ. އެހެން ނަމަވެސް ރިއާނާ އާއި ރާއިދު ދިނީ ފޫހި ނަޒަރެކެވެ. ރަޔާން ބޭނުންވީ އެއްޗެއް ޔަގީން ކުރާށެވެ. “ނުކުންނަ ގަޑި ކުޑަތަން ވަނީ.. ރަޔާނުގެ ބޭކާރު ސުވާލަށް ޖަވާބުދޭން ވަގުތެއް ނެތް..”
“އެހެންތަ.. ނުނުކުމެވެންޏާ ޖަވާބު ދޭނަންތަ.. މިބުނީ އެދޮރުން ނުކުންނަން އަހަރެން ތަންދޭނީ އަހަރެންގެ މަންމަ އާއި ބައްޕަ އަށޭ.. އެނޫން މީހުންނަކަށް އެ ފުރުސަތެއް ނެތޭ.. ” ނުކުމެވެން އޮތް ހަމައެކަނި ދޮރަށް އިޝާރާތް ކޮށްލަމުން ރަޔާން އެއްމިޔަނަކުން ހީލިއެވެ. އޭނައަށް ފުރަގަސް ދީގެން ހުރި ދެމީހުންގެ މޫނުމަތިން ފެނުނީ އޭނަ ދެކެން ބޭނުންވި މަންޒަރެވެ.
” ބޭކާރު ވާހަކަ ނުދައްކާ!.. ”
ކުއްލިއަކަށް ފަހަތަށް އެނބުރިފައި ރިއާނާގެ ލޮލުން ފޮނުވާލި ލޭޒަރ ލައިޓް ދޯދިތަކުން ރަޔާން ރެކިގަތެވެ. އޭނަ ހުރީ އެކަހަލަ ކަމެއް ވެދާނެތީ އެކަމަށް ސަމާލު ވެގެންނެވެ. މިހުރިހާ އިރަކު އޭނަގެ މަންމަ އާއި ބައްޕަ އަށް ހެދިގެން އުޅުނީ ރޮބޮޓުތަކެކެވެ. އެއީ އެކިކަހަލަ ކަންކަމުގައި ގަނޑުވަރު ތެރޭގައި ޝާހީ އާއިލާއަށް އެހީތެރިވުމަށް އުފައްދައި ތަމްރީނު ކުރި އެއްޗިހި ތަކެކެވެ. ހަވީރު ރިއާނާގެ ކަންތައްގަނޑަށް ފަހު ވެސް އޭނައަށް އެކަން ޔަގީން ކުރެވިއްޖެއެވެ. މިހުރިހާ އިރެއް ވަންދެން ރަޔާން މަސައްކަތް ކުރީ އަސްލު ރިއާނާ އާއި ރާއިދުގެ ޒައްރާ އެތިކޮޅުތައް ޓްރޭސް ކޮށްފައި އެދެމީހުން ހޯދާށެވެ. މަތިން އުދުހެމުން ދަނިކޮށް އޭނައަށް ބަންދުވެފައި ހުރި ހޮހޮޅައެއްގެ ކުރިމައްޗަށް ދެވުނެވެ. އަސްލު ރިއާނާ އާއި ރާއިދުވީ އެތާ ތެރޭގައެވެ. ނުކުމެވޭނެ ގޮތެއް ނޭނގި އެތެރޭގައި ތާށިވެފައެވެ.
ވިސްނާކަށް ވަގުތެއް ނުލިބުނެވެ. ދެމީހުންގެ ލޭޒަރ ލައިޓް ދޯދިތަކުން ރެކެމުން އެދެމީހުން ހުއްޓުވޭނެ ގޮތެއް ރަޔާން ބެއްޔެވެ. ތަންތަން ހޯދީ ކައިރި ހިސާބަކުން ފެންފޮދެއް ލިބޭތޯއެވެ. މަތިން ފެން އޮއްސާލުމުން ހިނދުކޮޅަކަށް ވިޔަސް އެރޮބޮޓްތަކުގެ ބާރު ކެނޑިގެން ހިނގައިދާނެއެވެ. މި ވިސްނުން އައިސްގެން ތަންތަނަށް ކަޅިއެއްލަމުން ދަނިކޮށް އައި ނައިގޮތެއް ނޭނގި އައި ގަނޑުފެން ބޯޅައެއް ރޮބޮޓް ރިއާނާގެ ބޮލުގައި ޖެހުނެވެ.
ހަމަ އެވަގުތެވެ. އެ ގަނޑުފެން ބޯޅައަށް މަޑުމަޑުން އަލިފާން ކުލަ އަރައި ބޮމެއް ގޮވާހެން ގޮވައިފިއެވެ. ރޮބޮޓުތައް އަދައި އަޅިއަށްވީ ރަޔާންގެ ދެލޯ ކުރިމަތީގައެވެ. ބޯވި ދުންގަނޑު ހިނދިގެން ދިޔައިރު ހައިރާންކަމާއިއެކު ކުޅިބަލަން ހުރި ރަޔާންއަށް ފެނުނީ ދުވަހަކު ފެނިދާނެ ކަމަށް އުންމީދުވެސް ކުރި މަންޒަރެއް ނޫނެވެ.
“މައިކްތަ؟.. ” ރަޔާންއަށް އަނގައިން އަޑު ނެރެން ޖެހުނީވެސް ތަކުލީފުތަކެއް އުފުލައިގެންނެވެ. ކުރިމަތީގައި ހެވިފައި ރަޔާންއަށް ބަލަހައްޓައިގެން ހުރި މިކްޔާލުގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހަތަރެސްފައިގައި ގަނޑުފިނީގެ ފަށަލަތައް ލެވިފައި ވީއިރު ހިސާބަކުން މަޑު އޮރެންޖް ކުލައަކަށްދާ މަޑު ނޫ ކުލައިގެ ދެ ވަރަގަނޑާއި އަޅި ކުލައިގެ ދެދޮލާއި އިސްތަށިގަނޑު ފެނުމުން ބުނާނެ އެއްޗެއް ނޭނގިފައި ރަޔާންއަށް ހުރެވުނެވެ.
“އާން.. ދެން މަމީ ކާކުތަ.. ” އެހެންޏާ ވާހަކަ ދައްކާ ސަކަ ގޮތްގަނޑުގައި މިކްޔާލް ހީލިއެވެ. ދުރުގައި ހުރި ރަޔާން ހަރު ހިނގުމެއްގައި މިކްޔާލާއި ދިމާލަށް އައެވެ. “ތިވަރު ކަމެއް ދިމާވިއިރު އަހަރެމެން ކައިރީ ނުބުނެ ތިހުރީ ކީއްވެތަ..” ރުޅިއައިސްގެން ރަޔާންއަށް ވާހަކަ ދެއްކުނީ ބާރަށެވެ. ކުއްލިއަކަށް ރަޔާން ރުޅި އައުމުން މިކްޔާލަށް ސިހުން ލިބުނެވެ.
“ނުބުނެޔޭ؟.. ކޮންކަމެއްވީ..” މިކްޔާލަށްވެސް ވީ ރަޔާންއަށްވީ ވަރެވެ. “ތިވައްތަރު ބާރުތަކަކީ ފަސޭހައިން ފިލުވާލެވޭނެ އެއްޗިއްސެއް ނޫނޭ.. ކުރާ ކަންތައްތައް ދޯ.. ނަޔާނީ ނުބުނޭތަ އެގަސްތަކަށް ބަލާށޭ.. ނުޖެހި ދާށޭ. .” ނުރުހުމުގެ ރާގެއްގައި ރަޔާން އެއްސެވެ. އެވަގުތު އޭނައަށް ތަފާތު ކަމެއް އިހްސާސްވިއެވެ. މިކްޔާލުގެ ގައިން އޭނައަކަށް އިންސާނެއްގެ ވަހެއް ނުދުވައެވެ. އަލަށް އެފެންނަ ޖާދޫގެ ބާރަކީ ވެސް އޭލިޔަން ޓެކްނީކެއް ނޫނެވެ. އެސިކުންތުކޮޅު އޭނައަށް މިކްޔާލުގެ މޫނަށް ބަލައިލެވުނެވެ. ރަޔާނުގެ ނަޒަރު އަމާޒުވުމުން އޮޅުން ބޮޅުންވެފައި ހުރި މިކްޔާލް އެއްބުމަ މައްޗަށް އަރުވާލިއެވެ.
“ކޮންގަސްތަކެއްތަ؟ ކޯއްޗެކޭ ރަޔާން ތި ކިޔަނީ؟.. މިއީ އޭލިޔަން ދުނިޔޭގެ ކަމެއް ނޫނޭ.. ހަހަ”. ސިކުންތުކޮޅަކު ހުއްޓުން އަރާފައި ހުރެފައި ވީގޮތް ވިސްނިގެން މިކްޔާލް ޕަކަޕަކަ އަޅާފައި ހޭންފެށިއެވެ. މިފަހަރު އޮޅުން އެރީ ރަޔާނަށެވެ. އެއީ އޭލިޔަން ދުނިޔޭގެ ބާރުތަކާއި އުކުޅުތައް ނޫންނަމަ ދެން އެއީ ކޯއްޗެއް ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


