އޭލިއަން ސިލްސިލާ: ވަރަ – 11
ރޫނާ ގޮވައިގެން ރަޔާން އުދުއްސައިގަތުމުން ނަޔާނީ އާއި ލިލިޔަން ބުނާނެ އެއްޗެއް ނޭނގިފައި އެކަކު އަނެކަކަށް ބަލައިލިއެވެ. އޭރު ފޯރިނަގައި ތަރުހީބުދެމުން ދިޔަ އޭލިޔަނުން ވާނުވާ ނޭގި އޮޅުންބޮޅުން ވެފައި ތިއްބެވެ. ރޫނާގެ ގާތުގައި ތިބި ދެ ކުދިންނަށް ވުމުން އެންމެންގެ ނަޒުރުތަކުގެ އަމާޒު ފަތްގަނޑަކަށްވީ އެ ދެކުދިންނެވެ. ލަދުން ވިރެން ގާތްވެފައި ތިއްބާ މަތިން އައި މީހަކު އައިސް އެދެކުދިންގެ އެތުގައި ހިފައި މައްޗަށް ނަގައި އުދުހިގަތެވެ.
“އަޅޭ.. ތިދެން ކޮންކަމެއްތަ؟؟ އެހެން މީހުން މައްޗަށް އަރުވައިގެން އުދުހޭކަށް ނުޖެހެއޭ! ރޫނާ ގެންދިޔަ ގޮތަށް އަހަރެމެން ނުގެންދެވޭނެ.. ” އަތްތިލައަށް ވާންވެފައި ހުރުމުން ނަޔާނީ މަސައްކަތް ކުރީ އެމީހެއްގެ އަތް އޭނަގެ އަތުން ވަކި ކޮށްލާށެވެ. ބިމަށް ވެއްޓި ފިސްފިސް ވިޔަސް ހެޔޮކަމަށެވެ. ދޫކޮށްލަން އެދި ހަޅޭއްލަވައި ހެދި އިރުވެސް އަތުގައި ހިފައްޓައިގެން ހުރެ އޭނަ ގެންދާ މީހަކު ކަހާތަން ހިރުވައެއްވެސް ނުލިއެވެ. އަނެއްކޮޅުން ނަޔާނީއަށް ބަލަހައްޓައިގެން އޭނަގެ އިދިކޮޅަށް އޮތް ލިލިޔަން އޮތީ ހިމޭންވެފައެވެ.
“ތުއްތު؟؟؟ ތުއްތު އަހަރެމެން ބާލާ.. ހަމަ މިހާރު!!..” ނަޔާނީ އަޑުގަދަކޮށްލީ މިކްޔާލުކަން އެނގުމުންނެވެ. “އަނހަ.. އަޅެ ތުއްތުތަ އަނެއްކާ؟؟ އޭނ؟؟ ކިހިނެއް ތި އުނދުހެނީ؟؟ އޭލިޔަން ބާރުތައް ލިބުނީތަ.. އެއްކަލަ ގަސްތަކަށް ބަލާށޭ އަހަރެމެންނަށް ނުބުނެވުނު ދޯ..” ރަޔާނެކޭ އެއްފަދައިން ނަޔާނީއަށް ވެސް ހީކުރެވުނީ މިކްޔާލަށް ވަރަގަނޑެއް ލިބުނީ އޭލިޔަން ދުނިޔޭގެ ޖަންގަލީގައި ހުންނަ ބާރު އިތުރުކުރުވާ ގަސްތަކުން ކަމުގައެވެ. އެހެން ހިތަށް އަރައިފައި އިޚްތިޔާރަކާއި ނުލާ ހީނގަނެވުނެވެ. އެގަސްތަކުން ލިބޭ ބާރުތައް ކޮންޓްރޯލް ކޮށް ގެންގުޅުމަކީ އޭލިޔަނުން ފިޔަވާ އެހެން މަޚްލޫގުންނަށް ކުޅަދާނަ ކަމެއް ނޫނެވެ. އެހެންކަމުން އޭލިޔަން ދުނިޔޭގައި ދިރިއުޅޭ، ވަކި މުއްދަތަކަށް ހިޖުރަ ކުރާ މަޚްލޫގުންނާއި އެހެން ގުރަހަތަކުން އަންނަ މެހެމާނުންނަށް އެންގިފައި އޮންނަނީ އެގަސްތަކާއި މެދު ސަމާލުވުމަށެވެ.
“ތުއްތު ދެން ތިހެން ހުރޭ އިނގޭ.. ދެމަސް ދުވަސް ނަގާނޭ ތިބާރުތައް އެއްކޮށް ފިލުވަން..” ނަޔާނީ ޗޮކެއް ކަނޑާލާފައި އިތުރަށް ވާހަކަ ދެއްކީ މިކްޔާލް އެކައްޗެކޭ ވެސް ނުބުމުންނެވެ. “ތުއްތު ބޭނުންވިގޮތަށް ކަތާތަކުގައި ހުންނަ ބާރުތައް ތަޖުރިބާ ކުރެވިއްޖެ އެންނު.. އަހަރެމެންނާއި އެކު އެނބުރި ދުނިޔެއަށް ދާނެ ކަމެއް ނެތް ދެން..” ނަޔާނީ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް މިކްޔާލް އެއްޗެކޭ ނުބުންޏެވެ. މިކްޔާލުގެ މިޒާޖަށް އައިސްފައިވާ ބަދަލު ނަޔާނީއަށް އެނގުނީ އެވަގުތުއެވެ.
“ތުއްތުގަނޑާ… ކޮންތަނަކަށް ހެއްޔޭ އަހަރެމެން ތި ގެންދަނީ؟؟ މިހާރު ކިތަށް ފަހަރު ބާލާށޭ ބުނެފިން؟؟ މަންމަ ގާތުގަ ބުނާނަން އިނގޭ.. ދެން ތުއްތު އަހަރެމެން ބާލާށޭ!!..” އޭނާ ހުރިހާ ވާހަކައެއް ދައްކާ އިރުވެސް މިކްޔާލު އެކައްޗެކޭ ވެސް ނުބުނެ އުދުހޭތީ ނަޔާނީގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.
“ލިލީ.. ” ލިލިޔަން އޮތްގޮތުން ނަޔާނީއަށް ހީކުރެވުނީ ފިނީގެ އަސަރު ކޮށްގެން ލިލިޔަން ބަލިވީކަމަށެވެ. އޭނަ ކުށްވެރި ކުރީ ކުށެއްނެތް މިކްޔާލެވެ. ނަޔާނީއަށް އިތުރު ހިތްވަރެއް ލިބިގެން ގައިގައި ހުރި ބާރެއްލާފައި ފައިން މިކްޔާލުގެ ބުރަކަށިމަތީ ޖެއްސެވެ.
ނަޔާނީގެ ފައި ގޮސް ޖެހުނީ މިކްޔާލްގެ ވަރަގަނޑު މަތީގައެވެ. އެރި ތަދާއިއެކު މިކްޔާލް ހަމައިން ނުނެއްޓީ ކިރިޔާއެވެ. ވެއްޓެން ދިޔަނުދީ އޭނަ ހަށިގަނޑު ހަންމަތަ ކޮށްލިއެވެ. އެވެސް ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ.
“ނަޔާނީ!!! ތުއްތު މިދާ ތަނަކަށް ދެވެންދެން މަޑުން އޮވެބަލަ.. ތުއްތު ކަމެއް ނުކުރާނަމޭ..” އޭނަގެ ބަހެއް އިއްވާލަން މިކްޔާލް ގަސްތުކުރީ އެވަގުތުއެވެ. އެހެންނަމަވެސް ނަޔާނީ އެއްޗެކޭ ނުބުނެ ކެތްތެރިވެލައިގެން އޮވެދާނެ ހެއްޔެވެ؟
މިކްޔާލަށް މަންޒިލާއި ހަމައަށް އާދެވުނެވެ. އޭރު ނަޔާނީ އެދެމީހުން ބާލަން ގޮވަ ގޮވާ ކަރުން ލޭރަހަ ލާން ކައިރިވެއްޖެއެވެ. ނާހިދާ އުޅެން ހަމަޖެހުނު ކޮޓަރި ބެލްކަންޏަށް އަރާފައި މިކްޔާލް ނަޔާނީ އާއި ލިލިޔަން ތަޅުންގަނޑުމަތީ ބެހެއްޓިއެވެ. މިޝްކާ ހޯދަން ކޮޓަރިތެރެއަށް ދުއްވައިގަންނަން އުޅެނިކޮށް ފައި އޮޅިގެން އޭނަ ވެއްޓުނެވެ. ނޫނެކެވެ. މީހަކު ގަސްތުގައި ފައިދަތި އަޅުވާލީއެވެ. އެހެން ހަދަން ހުންނާނީ ވެސް ނަޔާނީ ނޫން ދެން ވަކި ކާކު ހެއްޔެވެ.
“ނަޔާނީ ތުއްތު ވައްޓާލީ ކީއްވެތަ؟ ސަމާސާ ކުރާ ވަގުތެއް ނޫނޭ މިއީ.. ” ދުންގަދަވެފައި ހުރި ނަޔާނީ އާއި ދިމާލަށް ބަލައިލަމުން މިކްޔާލްއަށް ބުނެވުނެވެ. ހަމަ ނޭވާއެއް ލެވުނީ ދެނެވެ. އަވަސްކުރަން އުޅޭ ވަރަކަށް އޭނައަށް ހައްތާވެސް ލަސްވަނީއެވެ. ނަޔާނީ އާއި ހެއްޖެވެ. މިކްޔާލް ނިތްކުރިމަތީ އަތް އަޅާލިއެވެ. އޭނަގެ ސިކުނޑިއަށް ހީވަނީ ތޫފާނެއް އަރައިފައި އޮތް ހެންނެވެ. ލޮޅުން ގަދަވަމުން ދިޔަ ވަރަކަށް ލޯމައްޗަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. ނޫނެކެވެ. އޭނައަށް ދަތުރުގެ މިހިސާބުން ހުއްޓައެއް ނުލެވޭނެއެވެ. އޭނަގެ މަންމައާއި އާއި ވަދާއުގެ ސަލާން ކޮށްލަން އޭނަ ބޭނުންވެއެވެ. އޭނަގެ ދެ ކޮއްކޮމެންނާއި މަންމައާއި ބައްދަލު ކުރުވަން ބޭނުމެވެ. އޭނައަށް ރާސްތާގެ މިހިސާބަށް އާދެވި، އެހެންމީހަކަށް ހުރަހެއް އެޅިއްޖެއްޔާ އަމިއްލަ ނަފްސަކަށް ދުވަހަކުވެސް މައާފެއް ނުދެވޭނެއެވެ.
“ތުއްތު؟.. “މިކްޔާލް ބިންމަތީގައި ދެކަކޫ ޖަހައިގެން އިންތަން ފެނިފައި ހިނދުކޮޅަކަށް ނަޔާނީގެ އަޑުން ކަންބޮޑުވުމުގެ އަސަރުތައް ދައްކާލިއެވެ. ހަމަ އެވަގުތު ކަމެއް ނޫނޭ ބުނެ މިކްޔާލް ތެދުވެލައިފިއެވެ.
” މިއީ އޭ އަސްލު މަންމަ ސިއްރު ކުރަން ބުނި ވާހަކަ އަކީ.. ” އޭނަގެ އަމިއްލަ ނަފްސަށް އިޝާރާތް ކޮށްލަމުން މިކްޔާލް ނަޔާނީއަށް ބަލައިލިއެވެ. ” އޭނ؟.. ” އޮޅުން ނުފިލާތީ ނަޔާނީއަށް ބުނެވުނެވެ.” އެހާ ގިނަވަގުތެއް ނެތޭ ބާކީ.. ނަޔާނީއަށް އެނގޭތަ މިޝް ދިޔައީ ކޮންތާކަށް ކަން؟؟.. މިޝް ހޯދައިގެން މަންމަ ކައިރިއަށް ދާން ޖެހޭ.. ވަރަށް އަވަހަށް.. ” ހިނދުކޮޅަކަށް ނަމަވެސް މިކްޔާލުގެ އަޑުން ސީރިއަސްކަން ފާޅުވިއެވެ. ނަޔާނީއަށް، މިޝްކާ ދާނީ މަންމައާއި އެކީގައޭ ބުނެލެވުނެވެ. ކަމުގެ ސީރިއަސްކަން އޭނައަށް ނަގައިގަނެވުނީއެވެ. މިކްޔާލް ވެސް ސީރިއަސް ވާނީ ލައްކަ ކަމެއް ކުރިމަތިވެގެންނެވެ.
ނަޔާނީގެ އަޑުއިވުމާއި އެކު މިކްޔާލަށް ޖެހުނީ ދެލޯ މަރާލައި ނާހިދާ ހުރީ ކޮންތާކުތޯ ބަލާލާށެވެ. އޭނަގެ ބާރުތައް ބޭނުންކޮށްގެންނެވެ. އާއިލާ މީހުންނާއި ދެކެފަރިތަ މީޙުންވީ ހިސާބު ބަލައިލުމަކީ މިކްޔާލުގެ ނަސްލުގެ މަޚްލޫގުންނަށް ދާދި ފަސޭހަ ކަމެކެވެ. ނާހިދާ ހުރިތަން ޔަގީންވުމުން ނަޔާނީގެ އަތުގައި ހިފައިގެން އުދުހިގަންނަމުން ލިލިޔަންގެ ގާތުގައި މަޑުކޮއްލައި ހަށި ރައްކަލަށް ފިޔަވަޅު އަޅަން އެދުނެވެ. ލިލިޔަންއަށް ވާގޮތް ނޭގުނަސް ނަޔާނީ އާއި މިކްޔާލަށް އިތުބާރުކޮށްފައި އެއްބަސްވިއެވެ. އެއާއިއެކު ވައިސޫރިއެއްހާ ހަލުވިކޮށް މިކްޔާލަށް އުދުހިގަނެވިއްޖެއެވެ.
****
ހަނި ކޯރިޑޯ އެއްގެ ތެރެއިން މިޝްކާ އާއި ނާހިދާ ދެމީހުން ހިނގާފައި އައި އިރު ވަށައިގެން ވީ އަނދިރިކަމެވެ. ކައިރީގައި ތިބުމާއިއެކު އެކަކު އަނެކަކަށް ދެމީހުން ފެންނަކަމެވެ. މިޝްކާ ފޫހިވެގެން އެކިކަހަލަ ވާހަކަ ތަކެއް ދައްކަމުން ދިޔައިރު ނާހިދާއަށް ހުރެވުނީ އަނގައިން ބަހެއް ނުބުނެވިފައެވެ. މިއީ އޭނަގެ ފަހުވަގުކޮޅޭ ހިތަށް އަރައި ހަދާނެ ގޮތް ހުސްވެފައި ހުރެވުނެވެ. މިޝްކާގެ ގާތުގައި ކިތަންމެ ވާހަކައެއް ބުނަން އޭނަ ބޭނުންވެއެވެ. ބަސްއަހައި އުޅެން ނަސޭހަތްދީފައި ބާރުތަކުގެ ވާހަކަ ކިޔައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް އެހިތްވަރު ލާކަށް ނުކެރުނެވެ. އޭނާ ނެތް ދުނިޔެއެއްގައި ތިންކުދިން އުޅެން ޖެހޭނެ ހާލު ހިތަށް އަރާފައި ލޮލަށް ކަރުނަ ޖަމާވެއެވެ. ދޮށީ ދެކުދިންނާއި ޚިލާފަށް މިޝްކާގެ ހަށިގަނޑުގައި ބާރެއް ނެތްކަން ނާހިދާ ދަނެއެވެ. މިޝްކާއަށް ބަލަން މިކްޔާލް އާއި ނަޔާނީގެ ގާތުގައި ބުނެވުނީ ވެސް އެހެންވެގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


