އޭލިއަން ސިލްސިލާ: ވަރަ – 7
ކޮޓަރިއަށް ވަދެފައި ނަޔާނީ ވިސްނަން ފެށީ ދެންމެ ހިނގައިދިޔަ ކަންތައްތައް ތަކާއި މެދުގައެވެ. ނާހިދާ އެވަރަށް ސިއްރު ކޮއްގެން ގެންގުޅޭ ކަންތައްތައް ހޯދަން ވެއްޖެއެވެ. މިއަދު ހިނގައިދިޔަ ކަންތައްތަކަށް ފަހު އެއީ އާދައިގެ ކަމެއް ނޫންކަން ވެސް ނަޔާނީއަށް އެނގެއެވެ. ނާހިދާގެ ދުލުން އެކަން ނުބުނާނެކަން ވެސް އޭނައަށް ވިސްނެއެވެ. އަނެއްކޮޅުން މިކްޔާލަކީ ހައްޕު ކިޔައިގެން ހުންނަ މީހެކެވެ. އޭނަގެ އަނގައިން އެއްޗެއް ބުނުވުން ވާނީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.
ޚިޔާލުތަކުގެ ތެރޭގައި ފިކުރު ބޮޑުވެފައި އިންދާ މީހަކު އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއިއެކު އެއްލައިގެން ދިޔަ ދިޔައީނުން ނަޔާނީގެ ބޯ ޖެހުނީ އެނދުގެ ބޯލާކޮޅުގައި ޖަހާފައި ހުރި ފިލާތަކުގެ މަތީގައެވެ. މިތަން ފެނިފައި ބޯކަހާލަމުން ކޮޓަރިއަށް ވަތް ރޫނާ އައިސް ނަޔާނީގެ ބޮލުގައި މަޑުމަޑުން ޖަހައިލިއެވެ.
“ނަޔާ ވެސް ދޯ.. ތި ދެން ބޮޑުވަރެއް.. ކޮންކަމަކާއި ތިޔަ ވިސްނަނީ؟ ” ހިނިއައިސްގެން ހުރެ ރޫނާ އަހާލިއެވެ. އެއާއިއެކު ނަޔާނީ ވެސް ނުހީ ނީންނަން ވެގެން ހީލިއެވެ. “ކަމެއް ނުވޭ.. އެއްޗެއް ހިތަށް އެރީ..” ނަޔާނީ ރޫނާއަށް ބަލައިލިއެވެ. އެދެލޮލުން ފެނުނީ އެނގެން ބޭނުންވެފައި ހުރިމިންވަރެވެ. ނަޔާނީގެ ޖަވާބު އަޑުއިވުމުން ރޫނާ، އެއްވެސް ކަމެއް ވެއްޖެނަމަ ފަސްނުޖެހި އޭނާ އާއި ލިލިޔަންގެ ގާތުގައި ބުނުމަށް ނަޔާނީގެ ގާތުގައި އެދުނެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެލުމަށްފަހު ދަބަހަށް ގެންދަންޖެހޭ ސާމާނު އަޅައި ނަޔާނީ ތައްޔާރުވެލިއެވެ. ސައިބޯން ނުކުތީ އޭގެ ފަހުންނެވެ. އޭރު ގޭގައި އުޅޭ އެހެން މީހުންނާއި ލިލިޔަން ވެސް ކާގޭގައި ސަޔަށް އިންސާފު ކުރުމުގައި އުޅެއެވެ.
ނުވައެއް ޖަހަން ލަތަރު ވަރަކަށް މިނެޓަށް ވިއެވެ. ލިލިޔަން ލީވާން ގޮވައިގެން އައުމުން ދާން ތިބި އެންމެން ހަމަ ވެއްޖެއެވެ. ރޫނާ އާއި ރަޔާން އޭލިޔަން ދުނިޔޭގެ ދޮރު ހުޅުވައިދިނުމުން ފުރަތަމަ ނުކުތީ އޭލިޔަން ގަނޑުވަރުގައި އަތްގާތް ކޮށްދޭ ނޯކަރުންގެ ދެމީހަކާއި ރިއާނާގެ ފަހަތުން ރާއިދެވެ.
“އަނހަ.. ނާހިދާ އައީތަ.. ޝުކުރިއްޔާ އިނގޭ ވަރަށް ބޮޑަށް.. ދެން ތިބި ކުދިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ” ފުޅާ ހިނިތުންވުމެއް ދީގެން ހުރެ ރިއާނާ އެކުދިންނަށް މަރުހަބާ ކިއެވެ. ރާއިދު ފަހަތުން އައުމަށް ބުނެފައި އެތެރެެއަށް ފިޔަވަޅު އަޅާލުމުން އޭލިޔަން ދުނިޔޭގެ ދޮރުން އެތެރެއަށް ފިޔަވަޅު އަޅާލި މިޝްކާ، ލީވާން އާއި މިކްޔާލުގެ އިތުރުން ނާހިދާއަށް ހުރެވުނީ އަޖައިބުވެގެން ސޮނި ވެއްޓޭ ވަރުވެފައެވެ. ލިލިޔަން އާއި ނަޔާނީ ހަފްތާއަކު ދެފަހަރު ފިޔަވަޅު އަޅާ ތަނަކަށް ވީމާ ތޯއްޗެކެވެ. އެދެމީހުން ތިބީ ނުލާހިކު އުފާވެ ހަމަޖެހިލައިގެންނެވެ. އެހެން ނަމަވެސް މީގެ ކުރިއަކުން ރޭނގަޑު ނިދާލަން ލިލިޔަން އާއި ނަޔާނީ އޭލިއަން ދުނިޔޭގައި މަޑުކޮށްފައެއް ނުވެއެވެ. ދެރޭ ދެދުވާ ނިދާލަން އައި މިއީ އެދެކުދިންގެ ފުރަތަމަ ފަހަރެވެ.
ނިދާ ކޮޓަރިތަކާއި ކެއުން ބުއިމުގެ ނިޒާމް ހުރީ ހަމަޖައްސާފައެވެ. އެހެންމީހުން ކޮޓަރިތަކަށް ދިޔުމުން ފޫހިވެގެން ގަނޑުވަރު ތެރޭ އެނބުރެން ތިބުމަށްފަހު ރޫނާ އެދިގެން ނަޔާނީ އާއި ލިލިޔަން ވަނީ ގަސް ބޯ ބިޔަ ޖަންގައްޔެއްގެ ތެރެއަށެވެ. ޖަންގަލީގެ އެތައް މިތަނުގައި ޖާދޫގެ ޖަނަވާރު ތަކާއި ސޫފިތައް ހޮރު ކޮނެގެން ގެދޮރު ހަދައިގެން އުޅުނެވެ. ގަސްތަކުގެ ތެރޭގައި ދުވެއުޅުނު ސޫފިތަކާއި އެކީ ކުޅެ މަޖާ ކޮއްލައި އުޅުނު ނަޔާނީގެ ސިކުނޑީގައި އުފެދެމުން ދިޔަ އުދާސްތަކަށް ހުއްޓުމެއް އައެވެ. އެކުވެރިޔާގެ އުފާވެރިކަން ފެނިފައި ރޫނާގެ ހިތަށް ވެސް ލިބުނީ ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ.
އިރުކޮޅެއް ފާއިތުވެ ދިޔައެވެ. ލިލިޔަން އާއި ނަޔާނީގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލައިގެން އިން ރޫނާގެ ހިތަށް ނޭނގޭފަދަ އުނދަގުލެއް ލިބުނެވެ. ދެލޯ މަރައި ތަގުޅި ކޮއްލައިގެން އިނދެ ވިސްނި ވަރަކަށް ހިތުގައި ހުރިހާ ކަމެއް ކުރެހެމުން ދިޔައެވެ. އޭނައަށް އިހްސާސް ވަމުން ދިޔައީ އޭނަގެ މަންމަ އާއި ބައްޕަގެ ޖާދޫގެ ބާރެވެ. އެދެމީހުން ކައިރި ހިސާބެއްގައި އުޅެމުން ދިޔަ ކަން އޭނަގެ ހަވަނަ ހިއްސު ޔަގީން ކޮށްދިނެވެ. އެހެނަސް އެއްކަންތައް ޔަގީންކޮށް ބުނެދޭކަށް ނޭނގުނެވެ. ރިއާނާ އާއި ރާއިދު އޭލިޔަން ޖަންގައްޔަށް އައިސްގެން އުޅޭ ސަބަބެވެ. ބޮޑުކަމެއް ދިމާވެގެން ނޫނީ އެދެމީހުން ނާންނާނެކަން ރޫނާ ދަނެއެވެ.
ދުރުގައި އުޅުނު ނަޔާނީ އާއި ލިލިޔަންއަށް ގޮވައިފައި ރޫނާ އެދެމީހުން ގެނައެވެ. ފަހަތުން އައުމަށް ބުނެފައި ކުރިއަށް ހިނގައިގަތުމުން ލިލިޔަން އާއި ނަޔާނީ ސުވާލު ކުރިއެވެ. ދާ މިސްރާބެވެ. ޚުދު ރޫނާއަށް ވެސް އެކަން ބުނެދޭން ފަސޭހައެއް ނޫނެވެ. އޭނަގެ މަންމަމެން ޖަންގަލީގެ ކައިރި ހިސާބެއްގައި އުޅޭތީ ރޫނާއަށް އިހްސާސް ވެއެވެ. އެއީ އާދަޔާޙިލާފަށް ގިނައިން މަންމަމެންގެ ޖާދޫގެ ބާރުން ނިކުތް ޒައްރާ އެތިކޮޅުތައް އެ ސަރަޙައްދުގައި ހަރުލައިފައި ހުރީމައެވެ. އެތާގައި ހިނގީ އާދައިގެ ކަމެއް ނޫންކަން ބުނެދޭން އެނގޭވަރުވެއެވެ.
އިރުކޮޅަކު ހިނގާލިއިރަށް ހޮހޮޅައެއްގެ ކުރިމައްޗަށް ނުކުމެވުނެވެ. ޖަންގަލީގެ އެހެން ހިސާބު ތަކާއި ތަފާތުކޮށް އެތާގައި އޮތީ ހުސްބިމެކެވެ. ނަމަވެސް ކުޑަކޮށްވެސް ފެހިކަން ކުޑައެއް ނޫނެވެ. ހޮހޮޅައިގެ ކުރިމައްޗަށް ބޮޑު ގަލެއް ވައްޓައިފައި އެތަން ބަންދުވެފައި އޮތުމުން ރޫނާގެ ސިކުނޑިއަށް ސުވާލުތަކެއް އަރާފައި ފޭބިއެވެ. ދެރަ ތަންކޮޅަކީ އެކަން ކުރީ މީހަކުތޯ ނޫނީ ކުރިންވެސް ހުރި ގޮތްތޯ ބުނެދޭން އެނގޭވަރު ނުވުމެވެ.
އެކިތަންތަން ކޮޅަށް ނަޒަރު ހިންގާލިއިރަށް ޖާދޫގެ ސޫފިތައް މަގެއް ހަދައިލައިގެން ބައިބަޔަށް އެހިސާބުގަނޑުން ނުކުންނަ ތަން އޭނަގެ ލޮލުގައި އަޅައިގަތެވެ. ނަޔާނީ އާއި ލިލިޔަން އާއި ދެމީހުންވެސް ކޮސްވެފައި ތިބީ އެމަންޒަރު ބަލާށެވެ. އިއްތިފާގުން އެމަގަކީ ހޮހޮޅަ ހުރި މަގާއި ދުރަށް ދެވެން އޮތް މަގެކެވެ. ރޫނާގެ ސުވާލުތަކަށް އިތުރު ބޮޅެއް މެދުވެރިވިއެވެ. މި މަންޒަރު ފެނިފައެވެ.
މާކަ ގިނަ އިރެއް ނުވެއެވެ. ހިސާބުގަނޑަކުން އަޑެއް އިވިލައިފިއެވެ. މީހަކު ވާހަކަ ދައްކާ އަޑެވެ. ހުޝިޔާރު ކަމާއެކު ދެކަންފަތް ދީގެން އޮތް ރޫނާ ފުންމައިގެން އަރައި އެމީހަކު އަތުލައިގަތެވެ. އެހިސާބަކީ ގަސްބޯ ދިމާއެއް ކަމުން ގެއްލިދާނެކަމުގެ ބިރު ނަޔާނީ އާއި ލިލިޔަންގެ ހިތުގައި އަށަގަތެވެ. ނަމަވެސް އެތާގައި ތިއްބާ ރޫނާއަށް އެދެމީހުން ގެއްލިއްޖެއްޔާ މާބޮޑަށް ކަންތައްތައް ގޯސްވާނެކަން އެދެކުދިންނަށް އެނގެއެވެ. އިތުރު އެހެންގޮތެއް ނެތިގެން އެދެކުދިންނަށް ޖެހުނީ ރޫނާގެ ފަހަތުން ދުވާށެވެ.
ނޭނގުމެއްގެ ތެރޭގައި ރޫނާއަށް އަތުލައިގަނެވުނީ ފުރާވަރު އުމުރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާގެ މޫނު ފެނުމާއިއެކު ރޫނާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އޭރު ވީގޮތް ނޭނގި ބިރުން ސިހިފައި އޮވެ އެއަންހެން ކުއްޖާ ތުން ފިއްތާލައިފިއެވެ.
“އެލް؟.. ” އޮޅުމަކުން އޭނައަށް ހިފައިގަނެވުނީ އޭނައާއި ތިމާގެ ކުއްޖަކާއިއެވެ. ބޮޑުދައިތަ ފަޒްނާގެ ހަނގު ދަރިފުޅެވެ. އެލްއެވެ. އެހިސާބަށް ދިޔައިރު ވެސް އެލް އެހިސާބު ޖަންގަލީގައި ކުރަމުން ދިޔަ ކަމެއް އޭނައަކަށް ނުވިސްނުނެވެ.
” އޯހް ރޫނާއްތަ ދޯ.. ” ރޫނާގެ ދެލޯ ފެނުމާއިއެކު އެލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރޫނާ އެލްގެ ކޮލުގައި ހިފާލައިފައި ހާލުއަހުވާލު އޮޅުން ފިލުވިއެވެ. ” އެލް ރަނގަޅޭ.. ރޫނާއްތަ ކިހިނެއް؟ ..” ހީލައިފައި އެލް ސުވާލު ކޮއްލިއެވެ. ރޫނާ އޭނަގެ ހާލު ރަނގަޅު ވާހަކަ ބުނެލިއެވެ. އެވަގުތުވީ ރޫނާ ނުފެނިގެން ހޯދަމުން ނަޔާނީ އާއި ލިލިޔަން އާއި ދެމީހުންނަށް އެތަނަށް އާދެވުނު ވަގުތެވެ. އެލް ފެނިގެން ސުވާލުކޮށް ހެދިއެވެ. ރޫނާ އެދެކުދިންނަށް އެލް ތައާރަފް ކޮށްދީފައި ތިން މީހުން ގޮވައިގެން އަލުން އެމީހުން އައި ދިމާއަށް މިސްރާބު ޖެހިއެވެ.
“އެލް މި ޖަންގަލީގައި ތި ކީއްކުރަނީ؟.. ” ދަމުން ދަމުން ރޫނާ ސުވާލު ކޮށްލިއެވެ . ” އޯހް.. އެއީ ދެން ފޫހިވެގެން.. އެކޭވް ފެނުނީމަ އެތާ ކައިރީ މަޑުކޮއްލީ.. އެހެން އުޅެނިކޮށް ރޫނާއްތަ މިދިމާވީ.. ” ނުހަނު ހަމަޖެހިލައިފައި އެލް ޖަވާބު ދިނެވެ. ރޫނާއަށް ކަމެއް ފާހަގަވިއެވެ. އެހެންނަމަވެސް އެލް ދޮގު ހަދާފާނެ ކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.
” އޯކޭ.. މިތަނުން ދޯ އެލް ތިއައީ.. ” ހޮހޮޅައިގެ ކައިރިއަށް އާދެވުމުން އެތަނަށް އިޝާރާތް ކޮއްލަމުން ރޫނާ އަހާލިއެވެ. އެލް ވަގުތުން ބޯޖަހައިލިއެވެ. ” އެ ބޯލްޑަރ އެއީ ކުރިންވެސް އެތާ އޮތް އެއްޗެއްތަ؟.. ” ހޮހޮޅަ ކުރިމައްޗަށް ވާގޮތަށް ވެއްޓިފައި އޮތް ގާގަނޑަށް އިނގިލި ދިއްކޮއްލަމުން ރޫނާ އެލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެއާއިއެކު އެލްގެ މޫނުމަތިން ކުލަވަރު އޮއްސުނެވެ. ރޫނާގެ ހިތަށް އިތުރު ސުވާލު މާކެއް ޖެހުނެވެ. ވަގުތުން މިއީ ބޮޑު އަރަތެކޭ އޭނަގެ ހިތަށް އެރިއެވެ.
“ނޭނގެ.. އެލް އައި އިރުވެސް އެތާނގައި އޮތް އެއްޗެއް.. ” ނޫންކަމަށް ހަދާލަމުން އެލް ބުނެލިއެވެ. ރޫނާއަށް އޭނައަށް އެކަން ގަބޫލު ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ.
” އޯކޭ.. ދެން ކީއްކުރާނީ؟.. އެއްކަލަ ހަފްލާ މަތިން ހަނދާން ނުނައްތައްޗޭ ރުން.. ” ލިލިޔަން ހަނދާން ކޮއްލަދިނެވެ. ރޫނާ ހަނދާންވީ ދެނެވެ. މެންދުރަށް މުނާސަބަތު އޮންނަ މާލަމަށް އަންނަން ރިއާނާ ބުނެފައި އޮތެވެ. އެކަމަކު ރިއާނާ ޖަންގަލީގައި އުޅެންޏާ ރިއާނާ ބުނެގެން އެ ސަރަޙައްދަށް ދާން ޖެހޭ ވަކި ސަބަބެއް ނެތެވެ.
” ހިނގާ އަލުން އެނބުރި ގޮސްލަން.. މެންދުރު ވަނީއެއްނު މިހާރު.. ” ރޫނާ ހިޔާލު ފާޅުކުރިއެވެ. ލިލިޔަން އާއި ނަޔާނީ އެއްބަސްވިއެވެ. އެއާއި ޚިލާފަށް އެލް ގަސްތުކުރީ އެތާނގައި މަޑުކުރާށެވެ. އާދޭސް ކޮށްކޮށް ވެސް ކީއްވެ ކަމެއް ނުބުންޏެވެ. އެންމެ ފަހުން އެކުދިންނަށް ޖެހުނީ އެލް ދޫކޮށްލާފައި ދާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


