އޭލިއަން ސިލްސިލާ: ވަރަ – 5
ނަޔާނީގެ ބައްޕަ ވަކިވެދިޔުމުގެ ކުރިން ނަޔާނީއަށް ދިން ކަރުގައި އަޅާ ކުޑަކުޑަ ފަށް ފޮށްޓަކަށް އަޅާފައި ނަޔާނީ ދިއްކޮއްލީ ރޫނާއަށެވެ. ކީއްވެކަމެއް ނޭނގުނެވެ. އެ ފަށަކީ ބައްޕަ މިއާދު ވަކިވެ ދިޔުމުގެ ކުރިން ދޫކޮށް ދިޔަ އެންމެ ފަހުގެ ހަދިޔާއެވެ. ނަޔާނީ ނުހަނު ރައްކާކޮށް ޚަޒާނާކުރި ފަށެކެވެ. ކުއްލިއަކަށް ރޫނާއަށް ދޭން އޭނަގެ ހިތް އެއްބަސްވި ވަކި ސަބަބެއް ޚުދު ނަޔާނީއަކަށް ވެސް ނޭނގެއެވެ.
“އޯހް.. ތޭންކްސް..”
ނަޔާނީ ދިއްކޮއްލި ފޮށީގައި ހިފަމުން ރޫނާ ދެތިން ފަހަރަކު އެސްފިޔަ ޖަހާލިއެވެ. ފޮށި ތެރޭގައި އޮތް ފަށް ފެނުމުން ރޫނާގެ އަނގަ ތަންމިނަށް ހުޅުވުނެވެ.
“ކިހިނެއްވީ؟.. ”
ނަޔާނީގެ މެޔަށް ހޫނުވިއެވެ. ރޫނާއަށް ވީގޮތް ފެނިފައެވެ. އާދަޔާޙިލާފު ކަމެއްވީކަން ޔަގީނެވެ. ލަތްކެއް ޖަހާފައި ގޮޑިން ތެދުވެ ރޫނާ ނަޔާނީއަށް ބަލައިލީ ގަބޫލު ކުރަން ދަތިވެފައި ހުރި ގޮތަކަށެވެ.
” އަޅޭ ކިހިނެއްވީތަ؟.. ”
ނަޔާނީ ހުރީ ހިންދިރުވާލަން ވެސް ނޭނގިފައެވެ. ރޫނާ ނަޔާނީގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އޭނަގެ ކަރުގައި އަޅައިފައި އޮތް ރިހި ފަށް ކަރުން ވަކި ކޮއްލުމަށްފަހު ނަޔާނީއަށް ދައްކާލިއެވެ.
“ސުއްބޫހުން..”
ނަޔާނީގެ ސިކުނޑި ގުޅަޖެހުނެވެ. ރޫނާ ދައްކާލީ އޭނަގެ ކަރުގައި އޮތް ފަށެވެ. ނަޔާނީ ދިން ފަށާއި ދާދި އެއްގޮތް ފަށެކެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެެވެ. އެއީ އޭނަ ރޫނައަށް ދޭންނެގި ފަށެވެ. ކުރިމަތީގައި ފެންނަން އޮތް ހަގީގަތް ގަބޫލު ކުރަން އޭނަގެ އަމިއްލަ ޟަމީރު ވެސް ދެކޮޅު ހެދިއެވެ.
“ނަޔާގެ އަތުގައި މިފަށް އޮތީ ކީއްވެ؟.. ”
ރޫނާގެ އަޑުން އެކަނިވެސް ހައިރާންވެފައި ހުރި މިންވަރު ހާމަވެއެވެ. ނަޔާނީ ވެސް ހަމަ އެހާލެވެ.
“ތިފަށް؟.. ތިއީ ބައްޕަ ދިން އެއްޗެއް..” ހަމަޖެހެން މަސައްކަތް ކުރަމުން ނަޔާނީ ޖަވާބުދިނެވެ.
“ނަޔާނީ ބައްޕަ ކޮބާ؟..” ރޫނާ އަހައިލިއެވެ. ނަޔާނީ އިސްޖަހާލިއެވެ. “ބައްޕައެއް ނެތް ..” ނަޔާނީ ބުންޏެވެ. އެޅުނު މައުޟޫ އެނގިފައި ރޫނާ އަވަހަށް މައާފަށް އެދުނެވެ. ނަޔާނީ ނުހަނު ރީތި ހިނިތުންވުމެއް ދިނެވެ.
“ނަޔާއަށް އެނގޭތަ މިއީ އަސްލު އޭލިޔަން ދުނިޔޭގައި ބޭނުން ކުރާ އެއްޗެކޭ.. ކިހިނެއް ނަޔާނީ ބައްޕައަށް މިފަށް ލިބުނީ.. ” ރޫނާ ސުވާލު ކޮށްލިއެވެ. އެވަރަށް ބުނެގެން ނަޔާނީއަކަށް އެއްވެސް ކަމެއް ދޭހަވާ ގޮތެއް ނުވިއެވެ.
” މިބުނީ މިފަށަކީ އޭލިޔަން ދުނިޔޭގައި ބާރުތައް ގެންގުޅޭ މީހުން އުފެއްދި ފަށެކޭ.. ހަނގުރާމަ ތަކުގައި ބާރުތައް ނެތް އާދައިގެ މީހަކު މީތި އެޅުމުން އިތުރަށް ބާރުތައް އިތުރަށް ލިބޭނެ.. އެގޮތަށް އަހަރެންގެ ފަށް ވެސް.. އަހަންނަކަށް އަދި ބާރުތައް އެހާ ގިނައިން ނުލިބޭތީ ސަލާމަތަށް މީތި އަޅަނީ.. ” ރޫނާ ކިޔައިދިނެވެ.
ނަޔާނީއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހާ ގިނަ ދުވަސް ވަންދެން އޭނާގެ އަތުގައި އެއޮތީ އެހެން ކުދިން އަޅާ ވައްތަރު އާދައިގެ ފަށެއް ނޫނެވެ. ބައްޕައަށް އެފަށް ލިބުނީ ކިހިނަކުން ކަމާއިމެދު ހިތާ ހިތާ ސުވާލު ކޮއްލެވުނެވެ.
” ނަޔާނީއަށް ނޭނގޭތަ މިކަން ނޭނގޭ ދޯ ކުރިއަކުން.. އެކަމަކު ނަޔާނީ ބައްޕަ އޭލިޔަން ދުނިޔެއަށް ގޮސްގެން ނޫނީ މިފަށެއް ނުހޯދޭނެ ނަޔާނީ ބައްޕަ އަކަށް.. އަޖައިބެއްދޯ…” ރޫނާ ހުރީ ބުނާނެ އެއްޗެއް ނޭނގި ކޮސްވެފައެވެ.
“މަންމައަށް ނޭނގިދާނެ.. ތުއްތު ގާތުގަ ބުނަންވީ ކަންނޭނގެ.. ” ނަޔާނީގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ.
“އިހަށް އާދެބަ.. ”
ރޫނާގެ އަތުގައި ހިފައިގެން ދުވެފައި ނަޔާނީ މިސްރާބު ޖެހީ ސީދާ މިކްޔާލްގެ ކޮޓަރިއަށެވެ. ތަޅު ނުލައި ހުރުމުން ކޮޓަރީގެ ދޮރު ހުޅުވައި ބޮކި ދިއްލައި މުޅިތަން އަލިކޮށްލިއެވެ. ސުކުންތެއްވެސް ބޭކާރު ނުކޮށް އަރާމު ނިދީގައި އޮތް މިކްޔާލްގެ ކަންފަތުގައި ހިފައި ރަޖާގަނޑާއި އެއްކޮށް ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. އޭރު ހޭލެވިގެން ރަޔާން ކުޅިބަލަން އޮތްއިރު ހިނިތުންވުމެއް ދީގެން ބަލަން ރޫނާ ހުއްޓެވެ. ނަޔާނީގެ ބާރުގަދަ ފަރާތް ފެނި އޭނަ ވެސް އާޝޯހު ކޮށްލައިފިއެވެ.
“އައްދޯތް.. ނަޔާނީގަނޑާ.. ”
ސިހުނުވަރުން މިކްޔާލަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ތަނަކަށް ގުޑިލާނެ ހިތްވަރެއް ވެސް އޭނަގެ ގަޔަކު ނެތެވެ.
” ތަދުވެއްޖެތަ.. ޔަގީނޭ ނަމާދަށް ނާރާ ނިދަން އޮތީކަން.. ” ރުންކުރު ރާގެއްގައި ނަޔާނީ ވާހަކަ ދެއްކިއެވެ. ޖެހުނު ގޮތަކުން މިކްޔާލް އޮތި ހިރިވެސް ނުލެވިފައެވެ.
” ނޫނެކޭ ނަޔާނީ ޕިސްޕިސް.. ނަމާދުކޮއްލައިގެން ޖައްސާލިތަނާ ތިއައީ.. މައިކް..”
ހިތްހަމަނުޖެހިފައި ހުރެ ރަޔާން ވީގޮތް ކިޔައިދިނެވެ. އެވަގުތު ފަރުވާ ކުޑަގޮތަށް ނަޔާނީ އެހެން ހެއްޔޭ ބުނެލިއެވެ. ބޮލުން ތަރިބުރައިފައި އޮތް މިކްޔާލް ވެސް ތެދުވެ އާއެކޭ ބުނެލައިފިއެވެ. އެވަގުތު އޭނަ ކަމަކާއި މެދު ވިސްނަމުން ދިޔައެވެ. ނަޔާނީ މިހާ ބާރުގަދަވި ކަމެއް އޭނަ ކުރިއަކުން ނުދަނެއެވެ. އޭނައަށް ނޭނގިހުއްޓާ ހުރިހާ ކަމެއްވެސް ބަދަލު ވެއްޖެއެވެ. އެއްވެސް ކަމެއް އެއްގޮތެއް ނޫނެވެ.
“ސޮރީ ބްރޯ.. ރަގަނޅު ކަންނޭނގެ ވީގޮތް ވެސް.. ފަތިސް ނަމާދު ކޮއްގެން ނިދާ މީހުން އެންމެ ކަންނެތް ވާނީ.. އިރުކޮޅެއް ދޭނަން.. ތައްޔާރުވެގެން ނުކުމޭ. ”
މިކްޔާލްގެ އަނގަ ބަންދު ކޮއްލުމަށްފަހު ރޫނާ ގޮވައިގެން ނުކުމެ ނަޔާނީ ބަންލާފައި ދޮރު ޖެއްސެވެ. ނަޔާނީއަށް އައި ކުއްލި ބަދަލުން ރޫނާ ވެސް ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އެހެން ނަމަވެސް ނަޔާނީ މިކްޔާލް ކުޑަކޮށްލި ގޮތް ފެނިފައި ރޫނާއަށް އަދިވެސް ހެވެނީއެވެ.
“އެމީހުން ގޮވައިގެން ކޮންތާކަށް ދާންވެގެން؟.. ”
ހިނިގަނޑު މައިތިރި ކޮށްލުމަށްފަހު ނަޔާނީގެ ގާތުގައި ރޫނާ އަހައިލިއެވެ.
“ރޫނާމެން ގޭގައި ތިބެއްޗޭ.. އަހަރެން އަންނާނަން އޭނަ ގޮވައިގެން ބުރެއް އަޅާލައިފަ.. ތުއްތު ކައިރީ އަހަންޖެހޭ ސުވާލުތަކެއް އެބަހުރި.. ”
ނަޔާނީ ޖަވާބުދިނެވެ.
“ސުވާލުތަކޭ.. ތިއަށްވުރެ މާ ރަނގަޅުވާނެ ކަންނޭނގެ އިރުއަރާ ތަން ބަލަން ދިޔައިއްޔާ ..”
ސަމާސާ ރާގެއްގައި ރޫނާ ބުނެލިއެވެ. އެއާއި ވިދިގެން ނަޔާނީ ހޭން ފެށިއެވެ. އެދުނިޔެއިން ހުރިހާ ކަމެއް ނިމުނުހާ އަވަހަކަށް އޭނަ އެނބުރި މި ދުނިޔެއަށް އަންނާނެއެވެ. އައިސް ރޫނާއަށް އިރުއަރާ މަންޒަރު ދައްކަން ގެންދާނެއެވެ. އޭގެކުރިން މިއަދު ނިންމަން ޖެހޭ މާ މުހިންމު ކަމެއް އެބައޮތެވެ.
“ނަޔާނީ.. ” ތައްޔާރުވެގެން އައިސް ހުއްޓިލަމުން މިކްޔާލް ގޮވައިލިއެވެ. އެއާއިއެކު ރޫނާގެ ގާތުގައި މަޑުކޮއްލަން އެދުމަށްފަހު މިކްޔާލް ގޮވައިގެން ދަމާ ކޫއްތާފައި ބޭރަށް ނެރުނެވެ.
“ހިނގާ އެދިމާލަށް..” ތުނޑީކޮޅަށް ދެވެން އޮތް ދިމާލަށް އިޝާރާތް ކޮއްލުމަށްފަހު ނަޔާނީ ބުނެލިއެވެ. މިކްޔާލުގެ ހިތުގައި ސުވާލު އުފެދުނެވެ.
“މައްސަލައެއް ނެތް.. އެކަމަކު ކީއްވެތަ؟..” މިކްޔާލް އަހާލިއެވެ. އެއާއިއެކު ނަޔާނީ މިކްޔާލަށް ލޯ އަޅާލިއެވެ.
“ފުރަތަމަ ބުނަންވީނު މިރަށަށް އައީ ކީއްވެކަން.. ނޭނގޭނެ ކަމަށްތަ ހީކުރީ.. ”
އެތެރެކުރަން އުޅުނު ނޭވާ ހުއްޓުން އެެރިހެން މިކްޔާލަށް ހީވިއެވެ. މިކްޔާލަށް އައި ބަދަލު ފެނިފައި ނަޔާނީ ލާނެތް ހިނިތުންވުމެއް ވެދުންކޮއްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



އޭލިއަން ސިލްސިލާގެ ފުރަތަމަ ވާހަކަ – https://www.esfiya.com/94129/
އޭލިއަން ސިލްސިލާގެ ދެވަނަ ވާހަކަ – https://www.esfiya.com/100924/