
ފޮހެވޭނޭ ބާއޭ… 32
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ދެ ހަފްތާ ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއަދަކީ ކޮލެޖުގެ ކިޔެވުން ފެށުނު ދުވަހެވެ. ޔަޝްމް ހުރީ ނުތަނަވަސް ވެފައެވެ. މުޅިން އާ މާހައުލަކަށް މަރުހަބާ ކިޔަން ޖެހޭތީއެވެ. ތަފާތު މިޒާޖުގެ ކުދިންނާ ބައްދަލުވާނެތީއެވެ. ކޮލެޖްގެ ގޭޓު ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ޔަޝްމް ކާރުން ފޭބިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި ގޮސް ގޭޓުން އެތެރެއަށް ވަނެވެ. އެކި އުމުރުފުރާތަކުގެ ކުދިންތައް ހޭލަމޭލަވަމުން ދާ މަންޒަރު ފެނުނެވެ. ޔަޝްމް ހިނިތުންވެލަމުން ކުރިއަށް ހިނގައިގަތެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ މީހަކު އޭނައަށް ގޮވާލިހެން ހީވިއެވެ. ހައިރާންކަމާއެކު މުޅިތަނަށް ނަޒަރު ހިންގާލެވުނެވެ. އޭނައަށް ގޮވީ ކާކު ހެއްޔެވެ؟ އިރުކޮޅެއް ނުވަނީސް އޭނަގެ ސުވާލަށް ޖަވާބު ވެސް ލިބިގެން ދިޔައެވެ. އޭނައަށް ގޮވީ ޒޯޔާ އެވެ. ފުރަތަމަ ޔަޝްމްއަށް ޤަބޫލުވެސް ނުކުރެވުނެވެ. އޭނަގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އެރޭގެ ބައްދަލުވުމަށް ފަހު ދެމީހުން ބައްދަލުވި މީ ފުރަތަމަ ފަހަރެވެ. އެކަމާ ހުރެ އުފާ ވެސް ވިއެވެ. ޔަޤީނުން ވެސް މި އައު މާހައުލުގެ ތެރެއިން އޭނައަށް އެކުވެރިޔަކު ލިބިއްޖެއެވެ.
ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރަގަޅުކޮށްލަމުން ދުވެލާފައި ކަހަލަ ގޮތަކަށް ޒޯޔާ އައިސް ޔަޝްމް ކައިރިއަށް ހުއްޓުނެވެ. އެމޫނުމަތިން ވެސް ހައިރާންކަމާ އެއްވަރަށް އުފާވެރިކަން ވެސް ފެނެއެވެ.
”އޯހ ގޯޑް، ވަޓް އެ ބިގް ސަޕްރައިޒް!…. ޤަބޫލެއް ވެސް ނުކުރެވުނު، އެރޭ މާ އަވަސް އަރުވާލައިގެން ދާން ހަދައިގެން ޔަޝްމްއާ ކޮންޓެކްޓް ކުރެވޭނެ ގޮތެއް ހޯދަން ވެސް ހަނދާން ނެތުނީ، ފުރަތަމަ ފެނުނީމަ ޔަޤީނެއް ވެސް ނުކުރެވުނު، ސޯ ހެޕީ ޓު ސީ ޔޫ…” ޒޯޔާ ކުދި ދަތްތައް ފެންނަވަރަށް ހީލިއެވެ.
”ހެޕީ ޓު ސީ ޔޫ ޓޫ….” ޔަޝްމް ބުނެލިއެވެ. އޭނައަށް މީހުންގެ ތެރެއަށް ނަޒަރު ހިންގާލެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. މިތަން ފެނި ޒޯޔާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
”ކާކުތަ ތިހާ ވަރަކުން ތި ހޯދަނީ؟….” ޒޯޔާ ބުމަ އަރުވާލަމުން އެހިއެވެ. ޔަޝްމްއަށް ޒޯޔާގެ ސުވާލުން ވެގެން ދިޔަ ގޮތް ފެނި ޒޯޔާގެ ހިނިގަނޑު މަތެކުރެވުނީ ކިރިޔާއެވެ. ޔަޝްމް ވަގުތުން ނޫންކަމަށް ހެދުނެވެ.
”ފުރަތަމަ ދުވަހަށް ވީމަ މި ބަލަނީ…” ޔަޝްމް ބުނެލިއެވެ. ޒޯޔާގެ ވާހަކަތަކުން މިއަދަކީ އޭނަގެ ވެސް ފުރަތަމަ ދުވަސްކަން އެނގުނެވެ. އިއްތިފާޤަކުން ދެކުދިން ލައްވާލީ ވެސް އެއްކުލާހެއްގައެވެ. ޒޯޔާ ވަރަށް ބޮޑަށް އުފާވިއެވެ. އޭނަ އިނީ ވެސް ޔަޝްމް ގާތުގައެވެ. ހީވަނީ ދުވަސް ވީ ދެއެކުވެރިން ހެންނެވެ. ޔަޝްމް ވެސް އިނީ އުފާވެފައެވެ. ކޮލްޖެގެ ފުރަތަމަ ދުވަހު ވެސް އިތުބާރުކުރެވޭ ފަދަ ގާތް ރަހުމަތްތެރިއަކު ލިބުމުންނެވެ.
ބްރޭކް ގަޑި ޖެހިގެން އައިއިރު ޒޯޔާ އިނީ ހައިވެފައެވެ. ދެއެކުވެރިންނަށް ކެންޓީން ހުރި ސަރަހައްދު ހޯދައިގަންނަން އިރުގަނޑެއް ނެގިއެވެ. ފިރިހެންވެރިންގެ ލޯތައް އަމާޒުވާވަރުން ޔަޝްމްއަށް އުނދަގޫތަކެއް ވިއެވެ. ޒޯޔާ ވެސް ހުރީ އެކަމާ މެދު ފޫހިވެފައެވެ. ފިރިހެނަކު ތުނބުން ފުމެލައިފިނަމަ ރުޅި މޫނެއް ހަދާލާނެއެވެ. ނުވީތާކަށް އެއްޗެހިވެސް ކިޔައިގަންނާނެއެވެ. ގިނަ ފަހަރު ޒޯޔާ މައިތިރިކުރުވަން ޖެހޭނީ ޔަޝްމް އަށެވެ.
”ވަރަށް ފޫހިވޭ މިމީހުން އުޅޭ ވަތްތަރަކުން….” މޭޒެއްގެ ދޮށުގައި އިށީންނަމުން ޒޯޔާ ބުނެލިއެވެ.
”ޒޯ އަޅާނުލަންޏާ އޯކޭ ވާނެއޭ…” ޔަޝްމް ބުނެލިއެވެ. ދެއެކުވެރިން ތަފާތު ވާހަކަތަކާއިގެން ސައި ކުރިއަށް ގެންދިޔައެވެ. ޔަޝްމްއަށް ސިހުން ގެނުވީ ކުއްލިޔަކަށް ޒޯޔާ ކޮށްލި ސުވާލަކުންނެވެ. ދިރުވާލަން އުޅުނު ސައިފޮދު ވެސް އަރުތެރޭގައި ތާށިވެ ކޮށި އަރައިފިއެވެ. ކެއްސުން ގަނޑު އޮއްބާލަން އޭނަ މަސައްކަތް ކުރިއެވެ. ޒޯޔާ އިނީ ޔަޝްމްއަށް ފަރުވާތެރިކަމާއެކު ބަލާށެވެ.
”ނޫން…… ސިންގަލް…”
ޔަޝްމް ފެންފޮދެއް ބޯލަމުން ޖަވާބު ދިނެވެ. އިޒްކާން އާއި އޭނަގެ ކައިވެންޏަކީ ނަމެއްގެ ގުޅުމެކެވެ. އެއީ މާނައެއް ނެތް ވަގުތީ ގުޅުމެކެވެ. މިހާރު ވެސް އެގުޅުމުގެ ވާފަށް އެދަނީ ބުރިވަމުންނެވެ. އެއިން އެއްވެސް ކަމެއް ޒޯޔާއާއި ހިއްސާކުރަން އޭނަގެ ހިތް ދެކޮޅު ހެދިއެވެ. އެކުވެރިޔާއަށް އޮޅުވާލެވުމުން ޔަޝްމް ދެރަ ވެސް ވިއެވެ. ނަމަވެސް ހިތް ވިސްނައިދިނީ އެއީ ރަގަޅު ނިންމުމެއް ކަމަށެވެ.
”އޯހހހ…”
ޒޯޔާއަކަށް ޝައްކެއް ނުވިއެވެ. އޭނަ މައުޟޫއު ބަދަލުކޮށްލިއެވެ. ޔަޝްމްއަށް ހަމަޖެހިލެވުނީ އެހިސާބުންނެވެ. ޒޯޔާ އިތުރަށް އެމައުޟޫއަށް ވާހަކަ ނުދެއްކިކަން އެއީ އޭނަގެ ނަސީބެކޭ ހިތަށް އެރިއެވެ.
****
ކޮލެޖް ނިމުނު ގަޑީގައި އޮތީ ގަދަޔަށް އަވި ދީފައެވެ. އިރުގެ ހޫނު އަވިން ދުނިޔެ އޮތީ ދޮންކޮއްލާފައެވެ. އެގަދަ އަވީގައި ވެސް މީހުންތައް ހޭބޯނާރާ އުޅޭ މަންޒަރު ފެނެއެވެ. މަގުތައް އޮތީ ފުރިބާރުވެފައެވެ. ގިނައީ ސްކޫލުތަކުގެ ދަރިވަރުންނެވެ.
ޔަޝްމްއާއި ޒޯޔާ ތިބީ ކޮލެޖްގެ ގޯތިތެރޭގައި ހުރި ބިޔަ ގަހެއްގެ ހިޔަލުގައި ހުރި ބެންޗެއްގައި އިށީންދެލައިގެންނެވެ. އެހިސާބުގަނޑުގައި މީހުން ވެސް ގިނައެވެ. ޖެހިލާ ފިނި ރޯޅިތަކުން ހިތްހަމަޖައްސާލަން އައިސް ތިބި ދަރިވަރުންތަކެކެވެ.
”ކޮބާތަ، ދޮންބެ، ވަރަށް ފޫހިވޭ… ފުރަތަމަ ދުވަހު ވެސް ލަސްވެއްޖެ…” ތުންދަމާލަމުން ޒޯޔާ ފޯނުން ގަޑި ބަލާލިއެވެ. އޭރު ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ. އޭނަ އިނީ މޫނު ހަދާލައިގެންނެވެ. ޒޯޔާ ދޮންބެއަށް ގުޅާލިއެވެ. އަދި ޝަކުވާކޮށްލިއެވެ.
ގޭޓު ކުރިމައްޗަށް މަޑުކޮށްލި ސައިކަލު ފެނި ޒޯޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޔަޝްމް ގާތު ދަނީކަމަށް ބުނެ ޒޯޔާ ތެދުވެލިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ޔަޝްމްއަށް ގޭޓާ ދިމާއަށް އަވަސް ނަޒަރެއް ދެވުނެވެ. ކްރީމްކުރައިގެ ގަމީހާއި ކަޅުކުލައިގެ ފަޓްލޫނުގައި ޒުވާނާ ފެންނަ ގޮތް ނިކަން ފުރިހަމައެވެ. ބައިމަތި ފުޅާ ހަށިގަނޑަށް ގަމީސް ހިފާލާފައި އޮތްއިރު އެތޫނު ދެލޯ ފޮރުވާލެވިފައިވަނީ އަވިއައިނެއްގެ އެހީގައެވެ. ޔަޝްމްގެ ހިތަށް އެމަދު ވަގުތުކޮޅު ވެސް އެތައް ގޮތެއް ވެގެން ދިޔައެވެ. އޭނަ ބަލަހައްޓައިގެން އިންދާ ޒޯޔާ އެޒުވާނާއާއި އަރާހަމަކޮށްލަމުން ބުނެލި އެއްޗަކުން އޭނަ ހިނިތުންވެލިތަން ފެނުނެވެ. ބަލާލަން ހިތްގައިމު މަންޒަރެކެވެ. ސައިކަލު ދުއްވާލުމުގެ ކުރިން އޭނަ އަތުގެ އިޝާރާތުން ޔަޝްމްއަށް ”ބާއި” އޭ ވެސް ބުނެލިއެވެ. ޔަޝްމްއަށް ވަށައިގެން ހޯދާލެވުނެވެ. އޭރު އޭނައަށް ހުއްޓިފައިވާ ހަސަދަވެރިކަމުގެ ލޯތަށް ފެނުނެވެ. ޔަޝްމްގެ ހިތުގައި ސުވާލު އުފެދުނީ ޒޯޔާ ބުނި އެއްޗަކާ މެދުގައެވެ.
ޒުވާނާ ލޯމަތިން ގެއްލުމާއެކު ޔަޝްމްގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. އޭގެ މިނެޓްތަކެއް ފަހުން އޭނަ ބަލާ އަލީ އައެވެ. ޔަޝްމް ގޮސް ކާރަށް އެރިއިރު އިޒްކާން ފަހަތު ސީޓުގައި އިންތަން ފެނުނެވެ. ޔަޝްމްގެ މޫޑު ވަގުތުން ގޯސް ވިއެވެ. އިޒްކާންއާ ދިމާއަށް ކަޅި އަޅާލަމުން ތުން އެތައް އިންޗިއަކަށް ދިގުކޮށްލި އެވެ.
ޔަޝްމް އެރީ ކުރީ ސީޓަށެވެ. ދެމީހުންގެ ދެމެދުގައި ހިނގި ހޫނު ޒުވާބަށް ފަހު ޔަޝްމް ހުންނަނީ އިޒްކާންދެކެ އިންތިހާއަށް ފޫހި ވެފައެވެ. އިޒްކާން ރުޅި އަރުވާލަން ބޭނުން ވެފައެވެ.
ކާރު ފުރަތަމަ މިސްރާބު ޖެހީ އިޒްކާންގެ އޮފީހަށެވެ. އެކުރު ދަތުރު މަތީގައި ވެސް އިޒްކާން އިނީ ފޯނެއްގައެވެ. އެހެން އެއްވެސް ކަމަކަށް އޭނަގެ ސަމާލުކަން ދެވިފައި ނެތެވެ.
ޔަޝްމްއަށް އެއޮފީހަށް ނަޒަރު ހިންގާލެވުނެވެ. ފަސް ބުރިއަށް ނަގާފައިވާ ބޮޑު އިމާރާތެކެވެ. އިރުގެ ދަޅަތައް އިމާރާތުގެ ނޫކުލައިގެ ބިއްލޫރިތަކަށް އެޅިފައި ވާއިރު ޤުދުރަތުގެ ރީތި ތަސްވީރުތަކުގެ ހިޔަނިވެސް ބިއްލޫރިތަކުގެ ތެރޭގައި ދައުރު ވަމުން ދިޔައެވެ. އޮފީހުގެ އެންމެ މަތީ ފަލްގި ފިލާގައި ”ނައިޓިންގޭލް އެންޓަރޕްރައިޒެސް” ލިޔެފައިވާ ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. ހިތާހިތުން އެތަން ފަރުމާ ކުރި މީހުންނަށް ޔަޝްމް ތައުރީފުކޮށްލި އެވެ.
****
ގެއަށް އާދެވުމާއެކު ޔަޝްމް ފުރަތަމަ ވެސް ފެންވަރާލައިގެން މެންދުރު ނަމާދަށް އެރިއެވެ. އަދި އެނދުގައި އަރާމުކޮށްލަން ޖައްސާލިއެވެ. އެހެން އޮވެފައި އޭނަ ތެދުވުނެވެ. އަދި ކޮޓަރީގެ ކުޑަ ދޮރުތައް ހުޅުވާލަމުން ބޭރަށް ނަޒަރު ހިންގާލިއެވެ. އޭނަ ކުޑަދޮރުގެ ދާރައިގެ މަތީގައި އިށީންނަމުން ފެންނަން އޮތް ބަގީޗާއަށް ނަޒަރު ހިންގާލިއެވެ. ފިނިކަން އެކުލެވިގެންވާ ރޯޅިތައް މަދުން ނަމަވެސް އައިސް ޔަޝްމްގެ މޫނުގައި ފިރުމާލައެވެ. އެއިން ކޮންމެ ވަގުތަކު ޔަޝްމްއަށް ހިނިތުންވެވެއެވެ. އެތާނގައި އިރުކޮޅެއް ވަންދެން އިނުމަށް ފަހު އޭނަ ގޮސް އަލަމާރި ހުޅުވާލިއެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޤަބޫލުނުކުރެވިގެން ދެތިން ފަހަރު އެސްފިޔަ ވެސް ޖަހާލެވުނެވެ. އޭރު ހިތުގެ ތެޅުން ވަނީ ރޭހެއްގައި ދުވާ އަހެއް ފަދައިން މައްޗަށް ޖެހިލާފައެވެ.
”އިޒް ދިސް ރިއަލް؟، އިޒްކާން އަސްލުވެސް މީތި ބާއްވަތަ ދިޔައީ؟… އަނެއްކާ ޝައްކުވެގެން އެއްޗެހި ބަދަލުކޮށްފަ އަހަރެން ތަޅުވާލަން ކުރިކަމެއް ކަންނޭގެ، އެކަމަކު ކީއްވެތަ މިއަދު މިހެން ކަންތައް ކުރަންވީ؟…” ޔަޝްމްއަށް ބަލަން ހުރެވުނީ ތިޖޫރީއަށް ޖަހާފައި ހުރި ތަޅުދަނޑިއަށެވެ. ޤަބޫލުނުކުރެވިގެންނެވެ. އޭނަ އެސްފިޔަތައް ތަކުރާރުކޮށް ތަޅުވާލުމުން ވެސް މަންޒަރު ބަދަލެއް ނުވިއެވެ. އަވަސްވެފައިވާ ހިތަކާއެކު ދެލޯމަރާލަމުން އޭނަ އެހުޅުވާލިއެވެ. އޭނަގެ ސުވާލުތަކަށް ޖަވާބު ލިބޭނެހެން ދުޢާކުރާ ހާލުގައެވެ. ލަސްލަހުން އެސްފިޔަތައް ދުރުކޮށްލަމުން އޭނަ އެއަށް އަވަސް ނަޒަރެއް ދިނެވެ. އެއާއެކު ތުންފަތުގައި ވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ދެލޮލުގެ ވިދުން ގަދަވެގެން ދިޔައެވެ.
ފުރަތަމަވެސް އޭނަ އެތިޖޫރީ ސްކޭން ކޮށްލައިފިއެވެ. އޭގައި ވަރަކަށް ސާމާނު ހުއްޓެވެ. ޔަޝްމް އަތުގައި ޖެހުނު ހުރިހާ އެއްޗެއް ބަލާލިއެވެ. ގިނައީ އިޒްކާންގެ އޮފީސް ފައިލުތަކެވެ. ތުން ދަމާލަމުން އަދި ވެސް އޭނަ އެތަން ހޯދަން ފެއްޓިއެވެ. އުއްމީދު ކުރި ފަދަ އެއްޗަކަށް ފުރަތަމަ ވެސް ފެނުނީ ފޮތެކެވެ. އެއީ ރަތްކުލައިން ބޭރުގަނޑު ޒީނަތްތެރި ކުރެވިފައިވާ ފޮތެކެވެ. ފޮތުގެ ބޭރުގަނޑުގައި ”މައި ހަނީމޫން މެމޮރީ ބުކް” މިހެން ލިޔެފައި އޮތެވެ. ޝައުގުވެރިކަމާއެކު ޔަޝްމް އެފޮތް ހުޅުވާލިއެވެ. އޭގައިވާ ކޮންމެ ފޮޓޯއަކާ އެކު ކުޑަ އިބާރަތްކޮޅެއް ލިޔެފައި އޮތެވެ. އެއިން ކޮންމެ އިބާރާތަކުން ވެސް މިޝްޔާ އިޒްކާން ދެކެ ވާ މަތިވެރި ލޯބި ހާމަކޮށްދެއެވެ. އެފޮތް ކިޔާ ނިމުނު އިރު ޔަޝްމް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އިޒްކާން އާއި މިޝްޔާއާ ދެމެދު ވާ މަތިވެރި ލޯބި ހާމަވެގެން ހިނގައްޖެއެވެ. މިޝްޔާއަށް އިޒްކާން ގެއްލުމެއް ދީފާނެ ކަމާމެދު ހިތުގައި ޝައްކު އުފެދުނެވެ.
ޔަޝްމް ދެވަނަ ފަހަރަށް ތިޖޫރީ ހޯދާލިއެވެ. މިފަހަރު ވެސް ފެނުނީ ފޮތެކެވެ. އޭނަ އެފޮތަށް ބަލާލުމާއެކު މޭގަނޑު ފިނިވެގެން ދިޔައެވެ.
”ބިކަމިންގް ޕޭރެންޓްސް…” ޔަޝްމްއަށް ކިޔާލެވުނެވެ. އޭނަ ދެލޯ އޭރު ބޮޑުވެއްޖެއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އެފޮތް ބަލާލިއެވެ. އޭގައި ހުރީ މިޝްޔާ ބަލިވެ އިންއިރު ނަގާފައިވާ ފޮޓޯތަކެވެ. ގިނައީ އިޒްކާންއާއެކު ނަގާފައިވާ ފޮޓޯތަކެވެ.
”ކޮބާތަ މިޝްޔާމެންގެ ބޭބީ؟…” ޔަޝްމްގެ ހިތުގައި ވިކާލަމުން ދިޔަ ސުވާލަކީ އެއީ އެވެ. އެތުއްތު ކުއްޖާއަށް ވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ވެސް ޖަވާބު ނުލިބޭނެ ސުވާލުތަކަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައީއެވެ.
ހަމަހުން ފެށިގެން ކުރިއަށް ދެން އިތުރު ފޮޓޯއެއް ނެތެވެ. ބާކީ ގަނޑުތައް ވެސް ހުއްޓެވެ. އެއާއެކު ޔަޝްމްގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ހިތަށް އެވަގުތު އެރި އެއްޗަކުން އޭނައަށް ހިތާހިތުން ނޫނެކޭ ބުނެވުނެވެ.
”އަނެއްކާ ބޭބީ… ނޫން، ނޫން… އަޅޭ…” ޔަޝްމްގެ ޚިޔާލަށް އައި އެއްޗަކުން އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ދެރަވެސް ވިއެވެ. އިޒްކާންގެ ބަދަލުވަމުން ދާ މިޒާޖުގެ ފަހަތުގައިވާ ސިއްރަކީ އެއީ ހެއްޔެވެ؟ މިޝްޔާ ކޯމާއަށް ދިޔައީ ދަރިފުޅަށް ކަމެއް ވުމުން ހެއްޔެވެ؟ މިޝްޔާ ޑިޕްރެޝަންއަށް ދިޔައީ އެކަމުގެ ސަބަބުން ހެއްޔެވެ؟ އެސުވާލުތަކުގެ ޖަވާބު އޭނަ ހޯދާނެއެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު ޔަޝްމް އޭގައި ވާހާ އެއްޗެއް ނަގައި ބަލަން ފެއްޓިއެވެ. ދެން އޭނައަށް ފެނުނީ މިޝްޔާގެ މެޑިކަލް ރިޕޯޓެކެވެ. އެއިން އޭނައަށް އެއްވެސް އެއްޗެއް ސާފު ވާ ގޮތެއް ނުވިއެވެ. އޭގައި ގިނައިން ހުރީ ބޭސް ސިޓީ ތަކެކެވެ. ސްކޭން ރިޕޯޓްތައް ވެސް ހުއްޓެވެ. ޔަޝްމްގެ ލޮލުގައި އަޅައިގަތީ ޑިޕްރެޝަންއަށް ޕްރެސްކްރައިބް ކުރެވިފައި އޮތް ބޭސް ސިޓީއެވެ. އެއާއެކު ސިކުނޑީގައި ބޮއްކެއް ދިއްލިގެން ދިޔަ ހެން ވެސް ހީވިއެވެ.
”ޑރ.ނަވްރަސް… މޭއި ބީ ހީ ކޭން ހެލްޕް މީ…..” ޔަޝްމްއަށް ބުނެވުނެވެ. އެއީ މިޝްޔާއަށް ޑިޕްރެޝެންގެ މައްސަލަ ދިމާވުމުން ފަރުވާކުރި ޑޮކްޓަރުކަން ޔަޤީނެވެ. މިޝްޔާ ޑިޕްރެޝަންއަށް ދާން ޖެހުނު ސަބަބު ޑޮކްޓަރުގެ ފަރާތުން އެނގިދާނެތާއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް އޭނައާ ހިއްސާކުރާނެ ހެއްޔެވެ؟ ޔަޝްމްއަށް ވިސްނާލެވުނެވެ. އޭނައަށް ކުރިއަށް ދެވެން އޮތް ހަމައެކަނި މަގަކީ މިއީ އެވެ. އަދި ވެސް އެއްފަހަރު އެސިޓީ ރަގަޅަށް ބަލާލެވުނެވެ.
”ޓްރައި ކުރެވިދާނެއެއްނު، މީ ހަމަ އެކަނި މުހިންމު އެއްޗަކަށް ވެސް ފެނުނީ…” ޔަޝްމް ހިތާހިތުން ބުނެލިފައެވެ. އަދި އެފައިލްތައް އިހު ހުރި ގޮތަށް ބެހެއްޓިއެވެ. އިޒްކާންއަށް ޝައްކު ނުވާނެ ހެންނެވެ. ކޮންމެ އެއްޗެއް ވެސް އެއްޗެއް އޮތްނަން ޖެހޭ ތަނުގައެވެ. ތަރުތީބުންނެވެ.
ޔަޝްމް މޫނުގައި ހުރި ދާތިކިތައް ފޮހެލަމުން މީހާ ހަމައަކަށް އަޅުވާލިއެވެ. ފުންނޭވާތަކެއް ދޫކޮށްލެވުނެވެ. އަދި ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލައިފިއެވެ. އެވަގުތު ކުއްލިޔަކަށް ހުޅުވިގެން ދިޔަ ދޮރާއެކު އޭނަ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ބަލާލެވުނު އިރު އެއީ އިޒްކާން އެވެ. ޔަޝްމް ދެނެހުރިކަމަށް ވެސް ހަދާނުލައި ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. އޭރު އެކޮޅުން ފޯނު ނަގައިގެން ވާހަކަ ދެއްކި އަޑު އިވުނެވެ. ޔަޝްމް ސިއްރުސިއްރުން އިޒްކާންއަށް ބަލާލަމުން ފޯނު ކަނޑާލިއެވެ.
”މިފަހަރު އަހަރެންގެ ނަސީބު ހަމަ ރަގަޅީ، އިޒްކާން ހަނދާން ނެތިވެ އެބާއްވާފަ އެދިޔައީ، ތޭންކް ގޯޑް….. އަހަރެން ބޭނުންވާ ވަރަށް މައުލޫމާތު ލިބިއްޖެ…” ޔަޝްމް އިޒްކާންގެ ހަރަކާތްތަކަށް ސިއްރުން ބަލަން ހުރެ ހިތާހިތުން ކިޔާލިއެވެ. އެވަރުގެ ކާމިޔާބެއް ލިބުމުން ކުޑަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
އިޒްކާން ދިޔައީ ތަޅު ދަނޑި ހިފައިގެންނެވެ. އިޒްކާން ދިޔަކަން ޔަޤީންކޮށްލަން ޔަޝްމް ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. އަދި އައިސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. އޭރު ކާރު ގޭގެ ގޭޓުން ނުކުމެގެންދާ މަންޒަރު ފެނުނެވެ. ޔަޝްމް އަވަސް އަވަހަށް އޭނަ ކުރިން ގުޅި ނަންބަރަށް ގުޅާލިއެވެ.
”ޢައްސަލާމް ޢަލައިކުމް، އޭޑީކޭ ހޮސްޕިޓަލް…” އެކޮޅުން ވާހަކަ ދެއްކިއެވެ. ޔަޝްމް ޖަވާބު ދިނެވެ. އަދި ޑރ.ނަވްރަސްއަށް ދައްކަން އެޕޮއިންޓްމެންޓެއް ހައްދަން ބޭނުން ވާ ވާހަކަ ބުނެލިއެވެ. ކުޑަ އިރުކޮޅަކަށް ފަހު ޔަޝްމް ފޯނު ކަނޑާލީ ހަމަޖެހިލައިގެން ހުރެއެވެ.
”މިރޭ ދިޔައީމަ ހުރިހާކަމެއް ވެސް ސޯލްވް ވާނެ، އިން ޝާ ﷲ…” ޔަޝްމް ހުރީ އުއްމީދެއްގެ މަތީގައެވެ.
****
ރޭގަނޑުގެ ވަގުތެވެ. ޔަޝްމް ހޮސްޕިޓަލަށް ދާން ތައްޔާރުވެލައިގެން ހުއްޓެވެ. އޭނަ ވިސްނަމުން ދިޔައީ ބަލްޤީޝް ގާތު ދައްކާނެ ބަހަނާއަކާ މެދުގައެވެ. ތެދަށް ބުނެފިއްޔާ ނުފޮނުވާނެކަން އޭނައަށް ރަގަޅަށް އެނގެއެވެ. އެހެންވުމުން ދޮގު ހަދަން ވަނީ މަޖުބޫރު ވެފައެވެ. ދެކޮޅަށް ހިނގާލަމުން ދަނިކޮށް މޮޅު ވިސްނުން ޚިޔާލަށް އައެވެ. އޭނަ އަތްދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. ސިޑީގެ ހަރުފަތައް ގިރާކޮށްލަމުން ގޮސް ތިރިއަށް ފޭބިއެވެ. ބޮޑުކޮޓަރީގައި އިން ބަލްޤީޝްއަށް ޔަޝްމް ފެނި ބަލާލެވުނެވެ. އޭނައަށް ސުވާލުކޮށްނުލެވެނީސް ޔަޝްމް އޮޅުން ފިލުވައި ދީފިއެވެ.
”މަންމާ، މިދަނީ ކޮލެޖަށް ބޭނުންވާ އެއްޗެއް ގަންނަން…” ޔަޝްމް ޖެހިލުންވެފައި ހުރެ ބުންޏެވެ. ބަލްޤީޝް ޔަޝްމްއަށް ބަލަން އިން ގޮތުން ދޮގު ފަޅާއެރީބާއޭ ޔަޝްމްގެ ހިތަށް އެރިއެވެ. އެވަގުތު ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ.
”ލަސްނުވެ އަންނައްޗޭ، ދަރިފުޅު ބޭނުންވާ ތަނަކަށް އަލީ ގެންގޮސް ދޭނެ…” ބަލްޤީޝް ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ދެން ވެސް ޔަޝްމްގެ ނުތަނަވަސްކަމަށް ނިމުމެއް ނައެވެ. އަލީއާއެކު ގޮސްފިނަމަ ބަލްޤީޝްއަށް އޭނަ ދިޔައީ ފިހާރަޔަކަށް ނޫންކަން އެނގޭނެއެވެ.
”މިތާ ކައިރި ފިހާރައަކަށޭ މިދަނީ….” ޔަޝްމް އުޒުރުވެރި ވިއެވެ. ބަލްޤީޝް އެއްބަސްވީ ފުންކޮށް ވިސްނާލަމުންނެވެ. އޭނަ ޔަޝްމްއަށް އިތުބާރުކުރާތީއެވެ.
ޔަޝްމް ހަމަޖެހިލައިގެން ހުރެ ނައިޓިންގޭލް އިން ނިކުތެވެ. އަދި ގެއާ ތަންކޮޅެއް ދުރަށް ދެވުމުން މަގުމަތިން ޓެކްސީއެއް ހުއްޓުވިއެވެ. އަދި އެއަށް އަރައި ދާން ވީ މަންޒިލް ބުނެލިއެވެ. ޔަޝްމް އަކީ އެނަކި މާލެ ތެރެއަށް ނުކުމެ އުޅޭ ކުއްޖަކަށް ނުވުމުން ޖެހިލުންވުން ހިތުގައި އޮތެވެ. މިހާ ފިނިވާ ގޮތް ވެސް ވިއެވެ. މަންޒިލާ ހަމައަށް ދެވުމާއެކު ޑްރައިވަރަށް ފައިސާ ދައްކަމުން ކާރުން ފޭބިއެވެ.
ޔަޝްމް ލުއި ފިޔަވަޅުތަކެއް ގައި ގޮސް ރިސެޕްޝަން ކައުންޓަރާ އަރާ ހަމަކޮށްލި އެވެ. އޭރު އޭނަގެ ހިތް ވަނީ އިންތިހާއަށް އަވަސް ވެފައެވެ. ނަންބަރު ނަގައިގެން ދާން ޖެހުނީ ދެވަނަ ފަންގިފިލާއަށެވެ. ޔަޝްމްއަށް ޑޮކްޓަރުގެ ރޫމްއާ ހަމައަށް ދެވުނުއިރު ގޮނޑިބަރިތަކުގައި މީހުން ތިބިތަން ފެނުނެވެ. ޔަޝްމް ގޮސް އެއިން ގޮނޑިއެއްގައި އިށީނެވެ. އޭނައަށް ޖާގައެއް ލިބޭވަރުވީ ތަންކޮޅެއް ދުރުންނެވެ. އޭރު އަތް ފިނިވެ އަތުގައި އޮތް ކަރުދާސްކޮޅު ވެސް ހިސާބަކަށް ތެމިފައިވެއެވެ. ދެފާތަޅުވާލަމުން ދިޔައިރު ޔަޝްމް އިނީ ކެތްތެރިކަން ކުޑަވެފައެވެ.
ޔަޝްމްގެ ނަންބަރު ޖެހުނީ ފަހަތުން ދެވަނައަށެވެ. ޔަޝްމް އިނީ އެހާ ގިނައިރު މަޑުކުރަން ޖެހުމުން ވަރުބަލި ވެފައެވެ. އޭނަ ރޫމްގެ ތަޅުގައި ހިފާލުމުގެ ކުރިން ފުންނޭވާއެއް ލިޔެވެ. އަދި މީހާ ހަމައަކަށް އަޅުވާލަމުން ދޮރުހުޅުވާލިއެވެ. އެއާއެކު ޔަޝްމްގެ ފައިގައި ނުފެންނަ އަތަކުން ހިފެހެއްޓި ކަހަލަ އެވެ. އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ތާށިވެގެން ގޮސް މޭގަނޑަށް ފިނިވެއްޖެއެވެ. ލޮޅުމެއް އަރައިފިއެވެ.
(ނުނިމޭ)
5 Comments!
Comments are closed.
Awesome
Doctor aka ehury zoya ge dhonbe dhw.vahaka vara reethi
V v v nice ingey
Nice
Lov it ??