Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 31

Muthahhar Ibrahim (Mutha/S.Hithadhoo)
December 23, 2015
7 Mins Read
3 Comments

ޔަޝްމް ޚިޔާލަކަށް ގެއްލިފައި ހުއްޓާ ބަލްޤީޝްގެ އަޑުއިވުމުން ސިހޭ ގޮތް ވިއެވެ. ހިތުގެ މައްޗަށް އަމިއްލަ ބާރުފޯރުވަމުން އޭނަ ބަލްޤީޝްއާ ކުރިމަތިލީ ފުޅާ ހިނިތުންވުމަކާއެކުގައެވެ.

”ދަރިފުޅު ބޭނުންވާ ކަހަލަ އެއްޗެއް ފެނުނުތަ؟…” ބަލްޤީޝް އަހާއިރަށް ޔަޝްމް ބޯޖަހާލިއެވެ. އަދި އެންމެ އަވަހަށް އަތުގައި ޖެހުނު ސެންޓް ފުޅި ނަގައި ދައްކާލިއެވެ. އޭނައަށް އައިސްފައި ހުރި ބަދަލާމެދު ވިސްނާލެވުނީ ދެނެވެ. ކުއްލިޔަކަށް މިހާ ބޮޑު ބަދަލެއް އޭނައަށް އައީ ކީއްވެގެން ހެއްޔެވެ؟ ހިތަށް އެހާ ބޮޑު ހަމަޖެހުމެއް ލިބިފައި ވަނީ ކީއްވެގެން ހެއްޔެވެ؟

”އޯހ ނޯ، އޭނަގެ ނަން އަހަން ހަނދާނެއް ވެސް ނެތް…” ޔަޝްމް ހަނދާން ވީ ދެނެވެ. މާޔޫސްކަމާއެކު ދެފަރާތް ހޯދާލެވުނެވެ. ”ކާކުތަ ތިހާ ވަރަކުން ތި ހޯދަނީ؟…” ޔަޝްމްއަށް ފަރުވާތެރިކަމާއެކު ބަލަން ހުރި ބަލްޤީޝްއަށް ސުވާލުކޮށްލެވުނެވެ. ”ފަލަކް؟…” ޔަޝްމް ދޮގެއް ހަދާލިއެވެ.

”ހުންނާނެއެއްނު ކޮންމެވެސް ތަނަކު…” ބަލްޤީޝްގެ މޫނުގެ ކުލަވަރު ޔަޝްމްގެ ސުވާލާއެކު ބަދަލުވެގެން ދިޔައެވެ. ޔަޝްމް ހުރީ ބަލްޤީޝް ދެކެ ހިތްހަމަނުޖެހިފައެވެ. ފަލަކްއަށް އަޅާނުލާތީއެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ އޭނަ ބެލިއެވެ.

ބަލްޤީޝްގެ ފަހަތުން ޔަޝްމް ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.

ބޭނުންވާ ސާމާނުތައް ގަނެލައިގެން ގެއަށް އާދެވުނުއިރު އެގާރަޖަހަން ކައިރިވެއްޖެއެވެ. ކޮތަޅުތައް ހިފައިގެން އައިސް ޔަޝްމް ކޮޓަރިއަށް ވަނީ ސިއްރުންނެވެ. އެގަޑީގައި އިޒްކާން އޮންނާނީ ނިދާފައި ކަމަށް ވުމުންނެވެ. އިޒްކާން ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކޮތަޅުތައް ގެންގޮސް އެނދު މަތީ ބަހައްޓަމުން އޭނަ ހިންދެމިލިއެވެ. ކުއްލިޔަކަށް ފާޚަނާގެ ދޮރު ހުޅުވިގެން ދިޔަ އަޑު އިވުނެވެ. އެއަޑަށް ސިހިފައި ޔަޝްމްގެ ނަޒަރު ފާޚަނާ ދޮރާ ދިމާއަށް ދަތުރުކޮށްފިއެވެ.

އުނަގަނޑުން ތިރީގައި ތުވާލި އޮޅާލައިގެން ހުރިއިރު އިޒްކާންގެ ފިރިހެންވަންތަ ހަށިގަނޑު ވަނީ ހާމައަށެވެ. ތެތްކަން އެކުލެވިގެންވާ އިސްތަށިގަނޑުގައި އަތްފުނާއަޅަމުން ދިޔައިރު މޫތިތަކެއް ފަދައިން ވިދަމުންދާ ފެންތިކިތައް ތުނިކޮށް ހުރި ތުނބުޅީގެ ތެރެއިން ފިރުކެމުން އައިސް އެހަށިގަނޑުގައި ބޮސްދެއެވެ. ޔަޝްމްއަށް މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ. އިޒްކާންއަށް ޔަޝްމް ފެނި ސިހޭ ގޮތް ވިއެވެ. އެއާއެކު އޭނަގެ ހަރަކާތްތައް ވެސް ނުހަނު އަވަސްވެގެން ދިޔައެވެ. އަލަމާރި ހުޅުވާލަމުން ހެދުންތައް ނަގައިގެން ގޮސް އޭނަ ވަނީ ފާޚަނާއަށެވެ. ދޮރުލެއްޕުނު އަޑާއެކު ޔަޝްމްއަށް ހަމަޖެހިލެވުނެވެ.

”ހުއް، މަށަށް ދެއްކެންވެގެން ކަންނޭގެ އެނިކުތީ ވެސް…. އައި ހޭވް ނޯ އިންޓްރެސްޓް….”

ޔަޝްމް ފޫހިކަމާއެކު ތުންއަނބުރާލާފައި ކޮތަޅުތައް ބަލަން ފެއްޓިއެވެ. ކޮތަޅެއްގެ ތެރޭން ސެންޓްފުޅި އަތުގައި ޖެހުމާއެކު ޔަޝްމްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އޭނަގެ ހަނދާނަށް އެވަގުތު އައީ މިރޭ ފެނުނު ޒުވާނާއެވެ. އިހްތިޔާރަކާ ނުލާ އެޒުވާނާ ހިފި އަތަށް ބަލާލެވުނެވެ. އަދި ފިރުމާލެވުނެވެ. އަދިވެސް އެއަތުގެ ބީހުން އިހްސާސް ކުރެވޭ ކަހަލައެވެ. ލޯކުރިމަތިން ސިފަވެގެން ދަނީ އެ ހިނިތުންވުމެވެ. ހިތުގެ ނާރުތަކާ ކުޅެލާނެ ފަދަ ޤާބިލްކަމެއް ލިވިފައިވާ ތޫނުފިލި މޫނެވެ. ޔަޝްމްއަށް ފުރަތަމަ ފަހަރަށް މިކުރެވޭ އިހްސާސްތައް ދޭނެ ނަމެއް ނޭގުނެވެ. ފިރިހެނަކު ފެނި އޭނައަށް މިފަދަ ބަދަލުތަކެއް ދުވަހަކު ނާދެއެވެ. އުމުރުން އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނު އަލަފް ފެނިވެސް މިފަދަ ފޮނިކަމެއް އިހުސާސް ނުކުރެވެއެވެ. އަލަފްގެ ނަން އެފަދަ އުފާވެރި ވަގުތެއްގައި ވެސް ހިތަށް އެރުމުން ހިނިތުންވުން ގެއްލި ދިޔައެވެ. ފޫހިކަމެއް ހިތުގައި އުފެދުނެވެ. ހަމަ އެދަނޑިވަޅުގައި އިޒްކާން ވެސް ނުކުތުމުން ޔަޝްމްގެ މޫޑު ގޯހުން ގޯހަށް ދިޔައެވެ. ތުން ފިއްތާލަމުން އޭނަ ގޮސް އަލަމާރި ހުޅުވާލިއެވެ. ހިތް އޭގަ މަގާމް ދޫކޮށްލާފައި ނިކުމެދާނެހެން އެވަގުތު ހީވިއެވެ. ތިޖޫރީއަށް ޖަހާފައި ހުރި ތަޅުދަނޑި ފެނި މީހާ ގަނޑުވިއެވެ. ލޮލުގެ ވިދުން ގަދަ ވެއްޖެއެވެ. ޔަޝްމް ސިއްސައިގެން ދިޔައީ ކުއްލިޔަކަށް އިޒްކާން އައިސް ތަޅުދަނޑި ޖަހައިގަތުމުންނެވެ.

އިޒްކާން ޔަޝްމްގެ މޫނަށް ބަލާލުމެއް ނެތި ގޮސް ސޯފާގައި އޮށޯތެވެ. ޔަޝްމް ލޮލުގެ ހިމަކޮޅުން އިޒްކާންއަށް ބަލާލީ ދަތްކުނޑި ވިކާލަމުންނެވެ.

”ނެހީ، އަހަރެން ވެސް ވެއްޖެވިއްޔާ ޚިޔާލީ ފޮލަކައްކަން، އެހެންނޫންނަމަ މިއަދު އެހުޅުވުނީހެއްނު…” ޔަޝްމް ގާތަށް ކޫސަނި ރުޅިގަނޑެއް އައެވެ. އޭނަ ނޫންކަމަށް ހަދާފައި އިޒްކާންއަށް ބަލާލިއެވެ. އިޒްކާން އޮތީ ލޯމަރާލައިގެންނެވެ.

”ނޫން، އެވަގަށް ނަގަން އުޅެފިއްޔާ އިޒްކާންއަށް ޝައްކުވާނެ، އަނެއްކޮޅުން އޭނައަށް ހޭލެވިއްޖެނަމަ ހީކުރާނީ މުޅިން ގޯސްކޮށް،  ދެން،ދެން ވަރަށް ފޫހިވޭ، އައި ވޯޒް ސޯ ކްލޯޒް…” ޔަޝްމް ޚިޔާލަށް އައި ވިސްނުނުން ސިކުނޑިން ނެރެލިއެވެ. މާޔޫސްކަމާއެކު ތިޖޫރީއަށް ބަލާލެވުނެވެ. އޭނަގެ މަޤްސަދު ކާމިޔާބުވުމާ ދާދި ގާތަށް އައިސްފައި އެފުރުސަތު ގެއްލިގެން ދިޔައީއެވެ. ހާދަ ދެރައެވެ. ފައިތަޅާލަމުން އޭނަ ތުންފިއްތާލިއެވެ.

ޔަޝްމް ވެސް ދެން ދިޔައީ ފެންވެރާލާށެވެ. ވެފައި ހުރި ވަރުބަލީގެ ސަބަބުން އެނދުގައި ޖައްސާލުމާއެކު އެސްފިޔަތަކަށް ބަރުވިއެވެ. މެރެމުން ދިޔަ އެސްފިޔަތަކުގެ ތެރޭން ފެނިގެން ދިޔަ ސޫރައަކުން ޔަޝްމްގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ކުޅެލިއެވެ. އެތަސްވީރުތަކުގެ ތެރޭން ހިތްގައިމު ލަވައެއް އަޑުއިވޭހެން ވެސް ހީވިއެވެ. ފެންނަ މަންޒަރުތައް ސިފަވަނީ އަސްލެއް ހެންނެވެ.

”ވިސްނާލަން ނޭގޭ ޚިޔާލު ތަކޭ

އަޖައިބެއް ފަދަ އިހްސާސްތަކޭ………..”

****

ހެނދުނުހެނދުނާ ހޭލައިގެން ޔަޝްމް އިންތިޒާރުކުރަމުން ދިޔައީ އިޒްކާން ސައިބޯން ދާނެ ވަގުތަކަށެވެ. އޭނަ ފާޚަނާގައި ހުއްޓާ ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުމާއެކު ނިކަން އަވަހަށް ނިކުމެއްޖެއެވެ.  ފުރަތަމަވެސް އޭނަގެ ނަޒަރު ސީދާވެގެން ދިޔައީ ފައިލްތަކާއެކު އޮތް އިޒްކާންގެ ވޮލެޓެވެ. އެއީ ދުވަހަކުވެސް އިޒްކާންއާއި ވަކިވާ އެއްޗެއް ނޫނެވެ. ފަޔަށް ލެވުނުހާ ބާރަކާއެކު އޭނަ ގޮސް ވޮލެޓް ނެގިއެވެ. ބޭނުންވާ ފަދަ އެއްޗެއް ނުފެނުނެވެ. ނަމަވެސް އޭގައި އިން އިޒްކާންއާއި މިޝްޔާގެ ފޮޓޯއަށް ބަލާލެވުނެވެ. ބޭރު ޤައުމެއްގައި ނަގާފައިވާ ފޮޓޯއެކެވެ. ދެޒުވާނުންގެ މޫނުމަތިން ވެސް ފެންނަނީ ހިނިތުންވުމެވެ. ލޯތްބެވެ.

ޔަޝްމްގެ ހަރަކާތްތައް ކުއްލިއަކަށް އަވަސް ވެގެން ދިޔައީ ކޮޓަރީގެ ތަޅުގައި މީހަކު ހިފާލިގެން ހީވުމުންނެވެ. ވޮލެޓް ފައިލްތަކުގެ މައްޗަށް ދޫކޮށްލަމުން ގޮސް އަލަމާރިއާއި އަރާހަމަނުކުރެވެނީސް ދޮރު ހުޅުވުނު އަޑު އިވުނެވެ. އިޒްކާންއަށް ފަސްދެމުން ޔަޝްމް އަލަމާރީ ހުޅުވާލީ ލަވައެއްގެ ރާގެއް އަޅުވާލަމުންނެވެ. ޔަޝްމްގެ ހިތުގެ ތެޅުން އަވަސްވެފައި ވާވަރުން އެއަޑު ބޭރަށް ނީވޭނެކަމާމެދު ވެސް ޝައްކެވެ. އަތްފައިވަނީ ފިނިވެފައެވެ. މޫނުމަތިން ފިނިދަލެއް ހިއްލާފައި ހުއްޓެވެ.

އިޒްކާން ނުކުމެގެން ދިޔުމާއެކު ޔަޝްމްއަށް ފުންނޭވާތަކެއް ލެވުނެވެ. ހީވީ މިހުރިހާ އިރުވަންދެން އޮކްސިޖަން ނުލިބިފައި ހުރިހެންނެވެ. މަޑުމަޑުން މޭގައި ފިރުމާލެވުނެވެ. މިހާރު ވޮލެޓް ނެތެވެ. ދެން ޔަޝްމް ދިމާކޮށްލީ އިޒްކާން ރޭ ލައިގެން ހުރި ހެދުންތައް ފާސްކުރުމަށެވެ.

”އައެމް ސޯ ޑަންބް، ދިސް ޑަޒަންޓް ހޭވް ޕޮކެޓްސް…” ހެދުންތައް ދާވަށިގަނޑަށް ލަމުން ޔަޝްމް އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. ޔަޝްމް ސޯފާ ވެސް ފާސްކުރިއެވެ. ވީކަމެއް ހަރާމެވެ. އިޒްކާން އެތަޅުދަނޑި ލި ތަނަކާމެދު ހިތުގައި ސުވާލު އުފެދުނެވެ.

”ޕްލީޒް ގޯޑް ހެލްޕް މީ، އަހަރެން ބޭނުން މިޝްޔާއަށް ވީ ގޮތް ހޯދަން….” ޔަޝްމް މާޔޫސް ކަމާއެކު ސޯފާގައި އިށީނެވެ.

****

ޢަޞްރު ނަމާދަށް ފަހު ޔަޝްމް އުޅުނީ ބަދިގޭގައެވެ. ސިކުނޑި ހާސްކުރުވަމުން ދިޔަ ޚިޔާލުތަކާ ދުރުވެލަން އޭނަ އުޅުނީ ޕައިއެއް ތައްޔާރުކުރާށެވެ. އެމަސައްކަތުގެ ތެރޭން ވެސް އިރުއިރުކޮޅާ އޭނަގެ ޚިޔާލަށް ވެރިވަނީ އެޒުވާނާއެވެ. ދެރަވަނީ އެޒުވާނާއާއި ބައްދަލުކުރުމުގެ ފުރުސަތެއް ދެން ނުލިބޭނެއޭ ހިތަށް އަރާވަރުންނެވެ. އެއާއެކު މާޔޫސް ވެއެވެ.

ޔަޝްމް ޕައިއެއް އަޅަން ހުއްޓާ މާހުތާބް ބަދިގެއަށް ވަނެވެ. އޭނަގެ ފަހަތުން ފަލަކް ވެސް ވަނެވެ.

”ކޯޗެއްތަ ތި ތައްޔާރުކޮށްލަނީ؟….” މާހުތާބް އެހިއެވެ.

”ސްޓްރޯބެރީ ޕައި…” ޔަޝްމް ހިނިތުންވުމަކާ އެކު ޖަވާބު ދިނެވެ.

މާހުތާބް ޔަޝްމް ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދިނެވެ. އޭރު އޭނަގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ކުޅެމުން ދިޔައެވެ.

ޔަޝްމް ފަލަކްއަށް ހިނިތުންވެލުމުން ފަލަކް ތުންއަނބުރާލާފައި އެތާނގައި މަޑުކުރުމެއް ނެތި ނިކުމެގެން ދިޔައީއެވެ.

****

ހަވީރުގެ ސައި ގަޑީގައި ޔަޝްމް ތައްޔާރުކުރި ސްޓްރޯބެރީ ޕައި ފޮނި އެއްޗެގެ ގޮތުގައި ސާރވް ކުރެވުނެވެ. އެއާއެކު ބަލްޤީޝްގެ މޫނުގެ ކުރަވަރު ބަދަލުވެގެން ދިޔައެވެ. ކަމަކާމެދު ކަންބޮޑުވި ފަދަ ގޮތަކަށެވެ. މިކަން ޔަޝްމްއަށް ފާހަގަ ކުރެވުނެވެ.

”ޔަޝްމް ކޮންދުވަހަކު މި ތައްޔާރުކުރަން ދަސްކުރީ؟….” ބަލްޤީޝްގެ ނަޒަރު ޔަޝްމްއަށް ހުއްޓުނެވެ.

”އަމްމްމް، ރެސިޕީ ބަލައިގެން…” ޔަޝްމް ޖަވާބު ދިނެވެ. އޭނައަށް ނުވިސްނުނު ތަންކޮޅަކީ ބަލްޤީޝް ހިތްހަމެނުޖެހުނު ސަބަބެވެ.

”ތައްޔާރުކުރުމުގެ ކުރިން މަންމަ ގާތުން އަހާލިނަމަ… މަންމަ ސްޓްރޯބެރީއަށް އެލާރޖިކް…” ބަލްޤީޝް ބުނެލިއެވެ. ޔަޝްމް ވަގުތުން މާފަށް އެދުނެވެ.

”ދަރިފުޅަށް ނޭގި ކުރެވުނުކަމެއްނު…” ބަލްޤީޝް ބުންޏެވެ.

ސްޓްރޯބެރީ ޕައި ފެނި ބަލްޤީޝް މެއިނުބައިކުރުވިއެވެ. އޭނަ ސިއްރުން އިޒްކާންއަށް ނަޒަރެއް ދިނެވެ. އިޒްކާން އޭރު ކާމޭޒު ދޫކޮށް ދާން ތެދުވަނީއެވެ. ބަލްޤީޝްގެ މޫނު ކުރިއަށް ވުރެ އަނދިރިވެގެން ދިޔައެވެ. އޭނަ ކޮންމެހެން އެޕައި ދެކެ އެލާރޖިކް ވަނީއެއް ނޫނެނެވެ. އެއީ މިޝްޔާއަށް އެންމެ މީރު ފޮނި ކާއެއްޗިއްސަށް ވާތީ އޭނައަށް ކަމުނުދަނީއެވެ. މިޝްޔާ ބަނޑުބޮނޑުއިރު އެންމެ ގިނައި ކައި ހެދީވެސް އެއެވެ.

”އިޒްކާން ވެސް ކާއެއްޗެއް ނޫން އެއީ….” ބަލްޤީޝް ބުނެލިއެވެ. ހަޤީޤަތުގައި ފުރަތަމަ ފަހަރަށް ބަލްޤީޝް ޔަޝްމް ދެކެ ހިތްހަމަ ނުޖެހުނެވެ. އޭނަ ގާތު ބުނުމެއް ނެތި ޕައި ތައްޔާރުކުރީމައެވެ. މިއަދު އިޒްކާންއަށް މިޝްޔާއާ މެދު ވިސްނުމުގެ އިތުރު ފުރުސަތެއް ދެވުނީތީއެވެ. ނަމަވެސް އޭނަގެ ހިތްހަމަނުޖެހުން މޫނުމަތިން ނުދައްކާ ވޭތޯ އޭނަ ބެލިއެވެ.

ޔަޝްމް ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ނަޒަރު ހިންގިއެވެ. އޭނަ އިނީ ދެރަވެސް ވެފައެވެ. އޭނަގެ ބުރަ މަސައްކަތުގެ އަގު އެއްވެސް މީހަކު ވަޒަން ނުކުރުމުންނެވެ. ފަލަކްއަށް ޔަޝްމްގެ މާޔޫސްކަން ފެނި ހިނިތުންވުމެއް ދުވެލިއެވެ.

”އޮން ޔޯރ ފޭސް ބިޗް….” ފަލަކް އެތެރެއިން ހިނިގަނޑެއް ޖަހާލިއެވެ.

****

ޔަޝްމް ކޮޓަރިއަށް ވަންއިރު އިޒްކާން ކޮޓަރި ތެރޭ ބުމަރެއްހެން އެނބުރެނީއެވެ. އޭނަ ހުރީ ހަމައެކަނި ފަޓްލޫނުގައެވެ. ގަމީހާއި ކޯޓު އެނދުމައްޗަށް އެއްލާލާފައި އޮތެވެ. ޓާއީ ވެސް މެއެވެ. ޔަޝްމްގެ މެޔަށް ފިނިވެގެން ދިޔައީ އިޒްކާން އޭނައާ ދިމާއަށް ބަލާލި ރުޅިވެރި ނަޒަރަކުންނެވެ. ފަހަތަށް ޖެހިލެވުނީ ވެސް އެހެންވެއެވެ.

އިޒްކާން ކުރިއަށް އަޅާލި ފިޔަވަޅާއެކު ޔަޝްމް ތަތް ވީ ދޮރުގައެވެ. އޭނަގެ ހިތް މޭކަށިގަނޑު ފަޅާލާފައި ނިކުމެގެން ހިނގައިދާނެހެން ހީވި ވަގުތުކޮޅެއް ވެސް އައެވެ.

އިޒްކާން އެއައި ބާރު މިނުގައި އައިސް ޔަޝްމް އާ އަރާހަމަކޮށްލިއެވެ. އެދެމެދުގައި ވި ދާއިރާ ވެސް ހަނިވެގެން ދިޔައެވެ. ޔަޝްމްއަށް އިޒްކާންގެ ގާތްކަމުން އުނދަގޫވިއެވެ. ދުރަށް ޖެހިލަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ވެސް ވީ ނާކާމިޔާބެވެ. އިޒްކާން އޭނަގެ އަތުގައި ހިފާލީނުން އޭނަ ދޮރަށް ތަތްކޮށްލައިފިއެވެ. ޔަޝްމްގެ އަތަށް ބާރުވެން ދިޔަ ހިނދު މަޑު އާހެއްގެ އަޑު ޔަޝްމްއަށް ބޭރުކޮށްލެވުނެވެ.

”މަ ނުބުނަންތަ ޔަޝްމް ގާތު އަހަރެންގެ ޕާރސަނަލް ކަންތަކުގެ ތެރެއަށް ނުވަންނާށޭ؟…” އިޒްކާންގެ ދެލޯވަނީ ހަނިކޮށްލެވިފައެވެ. ބުމަވެސް ގޮށްޖެހިފައި ވެއެވެ. ޔަޝްމް އިޒްކާންގެ އަތް ނައްޓުވާލަން އުޅުނެވެ. ނަމަވެސް ބާރުގަދަ ފިރިހެނެއްގެ އަތުގެ ތެރޭން ސަލާމަތްވުން ވީ އުނދަގޫ ކަމަކަށެވެ. ޔަޝްމްގެ ހިތް ބިރުން ގޮސް ރޫރޫއަޅައިގަތެވެ. އޭނައަށް އިޒްކާން ދެއްކި ވާހަކަތައް ސާފު ވާގޮތެއް ނުވިއެވެ.

”އަތުން ދޫކުރޭ!، ތަދުވެޔޭ!…” ޔަޝްމްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ އިޒްކާން ދެކެ ރުޅި އައިކަމުގައި ވިޔަސް މިފަހަރު ބިރުވެރިކަން ކުރިހޯދައިފި އެވެ.

”ޔަޝްމް ތިއުޅެނީ ކޯޗެއް ސާބިތު ކޮށްދޭންތަ؟، ޓެލް މީ!… އަހަރެންގެ ލައިފަށް ނުވަދެވިގެންތަ؟، އެހެންކަމަށް ވަންޏާ އަހަރެން ބުނެފާނަން، އަހަރެން ޔަޝްމްއާ ކައިވެނި ކުރީ މަޖުބޫރުވެގެން، އަހަންނަށް ދުވަހަކުގެ ކޮޅުން ވެސް ޔަޝްމް ދެކެ ލޯތްބެއް ނުވެވޭނެ، އަދި އެފަދަ ނަޒަރަކުން ބަލާލާކަށް ވެސް ހިތެއް ނޭދޭނެ، އައި ހޭޓް ޔޫ މޯރ ދޭން އެނީތިންގް!…. އަޑު އިވިއްޖެތަ؟….” އިޒްކާން ރުންކުރު ރާގަކަށް ބުންޏެވެ. އަޑު މެދުމިނެއްގައި ހިފަހައްޓަން އޭނަ މަސައްކަތްކުރިއެވެ. އެޖުމްލައިން ޔަޝްމްގެ ހިތަށް ކުޑަ ވެސް އަސަރެއް ނުކުރިއެވެ. އެއާ ޚިޔާފަށް އޭނަގެ ރުޅިގަނޑު އިތުރު ވެގެން ދިޔައެވެ. މިފަހަރު ބިރުވެރިކަމުގެ މައްޗަށް ކުރިހޯދީ އެރުޅިގަނޑެވެ.

”އިޒްކާން ހީކުރީ އަހަރެން އިޒްކާންއާ ކައިވެނި ކުރީ ލޯބިވެވިގެންކަމަށްތަ؟ ހެލް ނޯ، ދުނިޔެއިން ފިރިހެނުން ހުސްވިޔަސް އަހަރެން ނާންނާނަން އިޒްކަން ކައިރިއަކަށް، މިކައިވެނީގެ ފަހަތުގައި އިޒްކާންގެ މަޖުބޫރީ ވީ ފަދައިން އަހަރެންގެ މަޖުބޫރީއެއް ވެސް އޮތް، އެހެންނޫންނަމަ އަހަރެން އިޒްކާންއާއެކު އެންމެ މިނެޓެއް ވެސް ހޭދަނުކުރާނަން، ތިކަހަލަ މީހަކާއެކު އުޅެން ބޭނުންވާ ނީ ކާކު؟ ޔޫ އާރ އެ ހާޓްލެސް ޕާރސަން، ނޭގޭ މިޝްޔާއަށް ކުރިކަމެއް ވެސް، އެކުރިކަމެއްގެ ސަބަބުން ދޯ އިޒްކާންއަށް ނިދަން އުނދަގޫވަނީ، ޓެލް މީ، އިޒްކާން ކީއްކޮށްގެންތަ މިޝްޔާ ކޯމާއަކަށް ދާން ޖެހުނީ؟…. ވެ އާރ އިޒް ޝީ؟… ހީކުރީތަ އަހަންނަށް އޮޅުވާލެވިދާނެ ކަމަށް، ބުނަން! އިޒްކާން އާއި އިޒްކާންގެ ޢާއިލާ މީހުން ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނު ކަމުގައި ވިޔަސް އަހަރެން މިޝްޔާއަށް ވީ ގޮތް ހޯދާނަން، އަދި މިޝްޔާއަށް ދެރައެއް ލިބިފައިވާނަމަ ޖަސްޓިސް ހޯދައި ދޭނަން، އަޑު އިވިއްޖެތަ!….” ޔަޝްމް އިޒްކާންއާ ދިމާއަށް ބުނެލިއެވެ. ދެމަފިރިން ކުރާ ޒުވާބު ތިންވަނަ ކަންފަތަކާ ހަމައަށް ފޯރަން ބޭނުން ނުވާތީ އޭނަ ވާހަކަދެއްކީ މަޑުންނެވެ. އެހެނަސް ރުޅި އައިސް އަޑު ތުރުތުރު އަޅައެވެ.

ޔަޝްމްގެ ޖުމަލް އަޑު އިވި އިޒްކާންއަށް ޝޮކެއް ލިބުނީ ކަންނޭގެއެވެ. އޭނަ ޔަޝްމްގެ އަތުން ކުއްލިޔަކަށް ދޫކޮށްލަމުން ދުރަށް ޖެހިލައިފިއެވެ. އަދި މުށްކެވިފައިވާ އަތް ފަޓްލޫނުގެ ޖީބަށް ކޮއްޕާލިއެވެ.

ޔަޝްމްއަށް އޭނަގެ އަތުގައި ފިރުމާލެވުނެވެ. އެއަށްފަހު އޭނަގެ ލޮލުން ހިލިފައިވާ ކަރުނަތައް ފޮހެލެވުނެވެ.

އިޒްކާން ޔަޝްމްއަށް ފުރަގަސް ދިން ވަގުތު އެރީތި ދެލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ތިއްކެއް ފޭބިތަން ފެނުނެވެ. އެމަންޒަރު ފެނި ޔަޝްމްއަށް ބުނެވުނު ޖުމްލައާ މެދު ވިސްނާލެވުނެވެ. އިޒްކާން ރޯތަން ފެނި ހިތަށް ނުބައި ގޮތެއް ވިއެވެ.

”އިޒްކާން…” ޔަޝްމްއަށް ނުހުރެވިގެން ގޮވާލެވުނެވެ. އެއާއެކު އިޒްކާން އޭނައާ ކުރިމަތިލީ އަލިފާނުގެ ބަލައިލުމަކުންނެވެ. ޔަޝްމްގެ މޭގަނޑު އަނގަޔަށް އަންނަ ވަރު ވިއެވެ.

”މީގެ ފަހުން މިޝްޔާގެ ނަން ވެސް ތިދުލުން ބޭރުނުކުރާތި!…” އިޒްކާން އިންޒާރެއް ދިނެވެ. އަދި ލޮލުން ފޭބި ކަރުނަ އަތުގެ ބޮނޑުވާ އިނގިލިން ފޮހެލިއެވެ. އިޒްކާން ގަމީސް ނަގައި އޭގެ ގޮށްތައް އަޅުވަމުން ގޮސް ކޮޓަރިން ނުކުތެވެ. ޔަޝްމްއަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ.

”އޯހް ޝިޓް، ދެން ކިހިނެއް އެ ސީކްރެޓް ހޯދާނީ، މިހާރު އިޒްކާންއަށް އެނގޭނެ އަހަރެން ހަޤީޤަތް ހޯދަން އުޅޭކަން…. އަހަރެންގެ އަނގަމަތިރި ކުރެވުނުނަމަ، ދެން ނޭގޭ އެސޭފް ދުވަހަކު ވެސް ހުޅުވޭނެކަމެއް….” މާޔޫސްކަމުގެ ބަނަ ވިލާތަކުން ޔަޝްމް ބައްދާލިއެވެ. އެނދަށް ވެއްޓިގަންނަމުން އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. ވިސްނާނުލައި ބުނެވުނު އެއްޗެއްގެ ސަބަބުން އޭނަގެ ހުރިހާ މަސައްކަތަށް އެދިޔައީ ފެން ބުރުއްސައިގެންނެވެ. ހަޤީޤަތް އެނގުމުގެ ހުރިހާ ދޮރެއް ބަންދުވެގެން ދިޔަ ފަދަ ނުބައި ހީތަކުން ޔަޝްމް ވަށާލައިފިއެވެ.

މުޅި ދުވަސް ޔަޝްމްއަށް ޚަރާބުވިކަހަލައެވެ. އޭނަ ރޭގަނޑު ކާން ނުކުތީވެސް ނުދާން ހުރެފައެވެ. ޔަޝްމް ކާކޮޓަރިއަށް ވަންއިރު އިޒްކާން އިނެވެ. ޔަޝްމް ގޮސް އޭނައަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ. ޔަޝްމް އިނީ ހިނިތުންވެލައިގެންނެވެ. އިޒްކާން ވެސް އެކަން ކުރެވޭތޯ އުޅުނެވެ. ދެމަފިރިންގެ ދެމެދުގައި ހިނގި ހޫނު ޒުވާބުގަނޑު އެހެނިހެން މީހުންގެ ލޯތަކަށް ސިއްރުކުރަން އުޅޭކަހަލައެވެ. އެކަން ކުރުމުގައި ދެމަފިރިން ވެސް ކާމިޔާބު ހޯދިއެވެ.

”އިޒްކާން…” ބަލްޤީޝް ގޮވާލުމާއެކު އިޒްކާން އޭނަގެ ސަމާލުކަން މަންމައަށް ހުއްޓާލިއެވެ. ”ކޮބާތަ ޔޫޝައު؟ އޮފީސް ނިންމާލާފަ ނާދޭ ގެއަކަށް….” ބަލްޤީޝް އެހިއެވެ.

ފަލަކް ވެސް އެސުވާލުގެ ޖަވާބު ބޭނުންވެފައި އިނދެ އިޒްކާންއަށް އަވަސް ނަޒަރެއް ދިނެވެ. ޔޫޝައު ނުފެނުމުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައި ވާ ކަހަލައެވެ. ޔޫޝައު އޭނައާ ވާހަކަ ނުދައްކާތީ ވެސް އޭނަ ހުންނަނީ މާޔޫސް ވެފައެވެ.

”ރައްޓެއްސަކާ އެކު ބޭރުގަވީ، މިހާރު ގެއަށް އަންނާނެ…” އިޒްކާން ޖަވާބު ދިނެވެ. ފަލަކްއަށް ހަމެޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. އެހެނަސް ޔޫޝައު ދިޔަތަނެއް އޭނަ ގާތު ނުބުނުމުން ދެރަ ވާ ގޮތް ވިއެވެ. އޭނަ އެވަރަށް ދުރުކޮށްލީތީ އެވެ.

އެވަގުތު ކާކޮޓަރި ހުރަސްކޮށް ދިގު ފިޔަވަޅުތަކެއްގައި ދިޔަ ޔޫޝައު ބަލްޤީޝްގެ ލޮލުގައި އަޅައިގަތެވެ. އިސްދަށަށް ޖަހާލައިގެން ހުރެ ޔޫޝައު ސިޑިއާ ދިމާއަށް މިސްރާބު ޖަހައިފި އެވެ. ޔޫޝައުއަށް ގޮވާލަން ބޭނުންވި ކަމުގައި ވިޔަސް ރަސަލް އިނުމުން ބަލްޤީޝްއަށް ޖެހުނީ ހިތާއި ދެކޮޅު ހަދާށެވެ.

(ނުނިމޭ)

37
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

ފޮހެވޭނޭ ބާއޭ… 30

Next

ފޮހެވޭނޭ ބާއޭ… 32

Next
December 23, 2015

ފޮހެވޭނޭ ބާއޭ… 32

Previews
December 22, 2015

ފޮހެވޭނޭ ބާއޭ… 30

3 Comments

  1. nixu says:
    December 23, 2015 at 2:12 am

    31 part… ekamu storyga adhivxx maa bodu kameh nuvey… hus beykaaru vaahaka thakeh…

  2. ishaa says:
    December 23, 2015 at 2:13 am

    foohi kamuge inthihaaaa…

  3. Anonymous says:
    December 23, 2015 at 8:07 am

    muthaa mulhi rey heylaa indhegen story thi liyany…. thankolheh intresting kollaaba story…. maa bodah beykaaru vahaka gina vejje hen heevaniee mihaaru…

Comments are closed.

All Right Reserved!