ވިހަ ލޯބި 9
“މަ އެކަށް ހަލާކުކޮށްފި. ހާދަ ގަދަ އޭ.” ނުހައިކް ކުސްތަޅަން ފެށި އަޑަށް ޒީކް އެ ދިމާލަށް ބަލައިލިއެވެ.
ޔާނިއުގެ ކޮނޑުގައި ހިފައިގެން ހުރި ނުހައިކް ހީވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައި ހުރި މާބަނޑު އަންހެނެއް ހެންނެވެ. ހޮޑު ލައިލައި އޭނާ ވަނީ އެކަށް ލޮޑުވެފައެވެ. މި މަންޒަރު ފެނިފައި ޒީކް ފެށީ ހޭށެވެ.
“ފިރިހެނެކޯ، އެކަމަކު ކަނޑު މައްޗަށް އަރައިލާއިރަށް މި އޮންނަނީ ފުރާނަ ދާވަރުވެފަ. ދެން ވަރަށް މޮޅޭ. ކޮން ގަދައެކޭ ކިޔާކަށްތަ؟ މިއަދު އެއްވެސް ގަދައެއް ނޫން.” ޒީކް އެހެން ބުނުމާއިއެކު ނުހައިކް އޭނާއަށް ލޯ އަޅައިލިއެވެ.
“އަންހެނަކަށްވުރެ ކަންތައް ފަލަ. މަލް އާ އަލްއަށްވުރެ ނުހައިކް މާ ބައްޔެއްނު.” އަނެއްކާވެސް ޒީކް ފެށީ ހޭށެވެ.
“އޯކޭ އޯކޭ ދެން ނިންމައިލަމާ. ޒުވާބު ކުރަން ފަށައިފިއްޔާ މި ދެ މީހުނެއް ނުނިންމާނެ.” ނުހައިކް އަނގަ ހުޅުވައިލިތަން ފެނުމާއިއެކު ޔާނިއު އަވަހަށް ބުނެލިއެވެ.
“އާނ، ތެދެއް. ޒީ. ދެން ހިނގާބަލަ ތި ގެއަށް ދާން.” ވަރުބަލި ކަމާއިއެކު މަލްކާ ބުނެލިއެވެ.
މަލްކާގެ އެ ބުނުމާއިއެކު އެ އެންމެން ގޮވައިގެން ޒީކް ގެ ގެ ހުންނަ ދިމާލަށް މިސްރާބު ޖެހިއެވެ. ހިނގަމުން ދިޔަ ޒީކް ހުއްޓުން އެރީ ކުއްލިއަކަށް އަންނަމުން ދިޔަ ޒުވާނުންތަކެއް ފެނިފައެވެ. ޒީކްގެ ދެލޯ ބޮޑުވެގެން ދިޔައިރު ނުހައިކްވެސް އެ ޒުވާނުން ފެނިފައި ދިޔައީ ސިއްސައިގެންނެވެ.
ކުރިމަތީގައި ތިބި ތިން އަންހެން ކުދިން ފެނިފައި ކުރީގެ ހަނދާންތަކެއް ޒީކްގެ ހިތުގައި އާވެގެން ދިޔައެވެ. އެކުގައި އުޅެ މަޖާކޮށް، ސަކަރާތް ޖަހައި އުޅުނު ދުވަސްތައް މަތިން ޒީކް ހަނދާންވިއެވެ. ވިސްނުމެއް ފިކުރެއް ނެތި ހީ ސަމާސާކޮށް އުޅުނު އެ ދުވަސްތައް މަތިން ހަނދާންވެފައި ޒީކް ކުޑަކޮށް ދެރަވިއެވެ. ނުހައިކްގެ މޫނު މަތީގައި ވި ކުލަވަރު ކިތަންމެ ސާފުކޮށްވެސް ޔާނިއުއަށް ފެނުނެވެ.
“އަހަރެންނާއި ނުހައިކް އެބަ އަންނަން އިނގޭ ފިހާރައިން ފެންފުޅިއެއް ގަނެގެން. ތި މީހުން ދޭ ކުރިއަށް. އަހަރެމެންނަށް އިނގޭނެ ދާން.” ޔާނިއު އެހެން ބުނަމުން ނުހައިކްގެ ކޮނޑަށް އަތްވައްޓައިލުމަށްފަހު ކަންމަތީގައި ހުރި ފިހާރައަކަށްވަނެވެ.
ޒީކް އެ ދެ ޒުވާނުން ފިހާރައަށް ވަތް ދިމާއަށް ނަޒަރު ހުއްޓައިލުމަށްފަހު އުޝާންމެންނާއިއެކު ކުރިއަށް ހިނގައިގަތެވެ. ރަނގަޅީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެ ތިން އަންހެން ކުދިންނަކަށް ޒީކް ވަކިކުރާކަށް ނޭނގުނެވެ. ހުނުމާއި ސަކަރާތުގައި ބަލައިލުމެއް ނެތި ދިޔައީއެވެ. ހަމަޖެހުމުގެ ނޭވާއެއް ޒީކްއަށް ދޫކޮށްލުވުނީ ދެނެވެ. އެއް މިނެޓެއް ނުވެ، ޒީކްގެ ގެ އާއި ހިސާބަށް އާދެވިއްޖެއެވެ.
“އަހަރެން އެބަ އަންނަށް އެހެރަ ގެއިން މިގޭގެ ތަޅުދަނޑި ހިފައިގެން.” ޖޯލިފަތީގައި އިށީނުމަށް އިޝާރާތްކޮށްލަމުން ޒީކް ބުނީ ޖެހިގެން ހުރި ގެއަށް ބަލައިލުމަށްފަހުގައެވެ.
“އަވަހަށް އަންނައްޗޭ.” ވަރުބަލިކަމާއިއެކު ޖޯއްޔަކަށް ވެއްޓިގަންނަމުން އަލްޔާ ބުންޏެވެ.
ގާތުގައި މަލްކާވެސް އިށީނެވެ. އުޝާން ހުރީ ކޮޅަށެވެ. ބާރަށް ހިނގައިލައިފައި ގޮސް ޒީކް ހުޅުވައިފައި ހުރި އެ ގޭގެ ދޮރު ކުރިމަތީގައި ހުރެ ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަންނަމުން ނިކުތީ މެދު އުމުރުގެ އަންހެނެކެވެ.
“އަނހަ! ޒީކް، ކޮން އިރަކު އައީ؟” އެ އަންހެން މީހާގެ މޫނު މަތިން ފާޅުވީ ހައިރާންކަމެވެ.
“ހަމަ ދެންމެ މި އައީ. އާއިލާ އަދި ރައްޓެހި ކުދިން ކޮޅަކާއިއެކު ޗުއްޓީއަށް. ޝަހީމައްތަ، ތަޅުދަނޑި ބަލާ މި އައީ.” ފަނޑު ހިނިތުންވުމަކާއިއެކު ޒީކް ޖަވާބުދިނެވެ.
ޝަހީމާ އެހެން ހުއްޓި ހުންނަން ފެށުމުން ޒީކް ނުތަނަވަސް ވާން ފެށިއެވެ. އެއިރު ރަށުގައި ހުރިއިރު ހިނގި ވާހަކަތަކާއި މެދު ސުވާލު ކުރަން އުޅޭހެން ހީވަން ފެށުމުން އޭނާ އޮއްދާ ހިއްލަން ފެށިއެވެ. ނަމަވެސް އާދައިގެ ހިނިތުންވުމަކާއިއެކު ޝަހީމާ އަލުން ގޭތެރެއަށް ވަދެ ތަޅުދަނޑި ހިފައިގެން އައުމުން ޒީކް ހަމަޖެހުނެވެ. އަނެއްކާވެސް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޝުކުރު އަދާކުރަމުން އަވަސް އަވަހަށް ޒީކް ދިޔައީއެވެ. ޒީކް އޭނާގެ ގެއަށް އާދެވުނު އިރު ނުހައިކް އާއި ޔާނިއުވެސް ހުއްޓެވެ.
“ޒީކް..” ދޮރަށް ތަޅުދަނޑި ޖެހުމާއިއެކު ޔާނިއު ގޮވައިލިއެވެ.
“އަހަރެންނާއި ނުހައިކް ދަނީއޭ. ނުހައިކް ގެ ގެއަށް.” ޔާނިއުގެ އެ ބުނުމަށް ޒީކް ބޯ ޖަހައިލިއެވެ.
“ޔާނިއު.. ގެއަކަށް ނޫންތަ ދަނީ؟” ދޮރު ހުޅުވަމުން ޒީކް އެއްސެވެ.
“ނޫނޭ.. އަހަރެންގެ އާއިލާ އެއްކޮށް މާލެ ބަދަލުވީމަ ގެ ފަޅަށް ހުންނާނީ. އެހެންވެ ނުހައިކް ގެ ގޭގަ މަޑުކޮށްލަނީ.” ޔާނިއު އެހެން ބުނަމުން ހަނާ އަޅައިލުމަށްފަހު ދާން ހިނގައިގަތެވެ.
އަލްޔާ އާއި އުޝާންވެސް އަދި ދިމާވަންވާނެ ކަމަށް ބުނެ ހަނާ އަޅަމުން މަލްކާގެ ފަހަތުން ގޭތެރެއަށްވަނެވެ. ކުޑަ އިރުކޮޅަކު ޒީކްއަށް ބަލަން ހުރުމަށްފަހު ނުހައިކްވެސް ބަހެއް ބުނުމެއް ނެތި ހިނގައިގަތީއެވެ. ނުހައިކް ހިނގައިގަތުމާއިއެކު ޒީކްވެސް އެތެރެއަށް ވަދެ، ދޮރު ޖެހިއެވެ.
ތިން ކޮޓަރި ހުރުމާއިއެކު އެއް ކޮޓަރި ދެވުނީ އުޝާންއަށެވެ. އަނެއް ކޮޓަރި އަލްޔާ އާއި މަލްކާ އެއްކޮށް ބޭނުން ކުރަން ބޭނުންވުމުން ޒީކްއަށް ލިބުނީ ވަކިން ކޮޓަރިއެކެވެ. ދަތުރު ވަރުބަލިވެފައިވުމާއިއެކު އެންމެންވެސް ކޮޓަރިތަކުގައި އޮތީ ވަރުބަލި ފިލުވައިލާށެވެ.
ނުހައިކް އާއި ޔާނިއުވެސް ގެއަށް ދިޔަ ގޮތަށް އޮށޯތީއެވެ. އެ ގޭގައި އެ ވަގުތު އުޅުނީ ނުހައިކްގެ މަންމަ އާއި ބައްޕަ އެކަންޏެވެ. ހަމަ އެނދުގައި އޮށޯތުމާއިއެކު ޔާނިއުއަށް ނިދުނެވެ. ނަމަވެސް ނުހައިކްއަކަށް ނުނިދުނެވެ. އެހެންކަމުން އޭނާ ތެދުވެ ގޮސް ކޮޓަރީގައި ހުރި މޭޒު ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ފޯނު ހުޅުވައިލުމާއިއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަރީކާގެ މެސެޖުތަކެވެ. ފައްފަށަށް ހުރި މެސެޖުގައް ކިޔަން އޭނާ ހިސާބަކަށް ފޫހިވިއެވެ. ފަރުވާކުޑަގޮތަކަށް ޖަވާބެއް ފޮނުވައިލުމަށްފަހު އޭނާ ބަލައިލީ ފޯނުގައި ސޭވްކޮށްފައި އިން ޒީކްގެ ނަންބަރަށެވެ.
ހަމަ އެވަގުތެވެ. ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. އެ ނަންބަރަށް ކުޑަ އިރުކޮޅަކަށް ބަލަން ހުރުމަށްފަހު އޭނާ ފޯނު ނެގިއެވެ. ފޯނު ނެގުމާއިއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ އަންހެން ވަންތަ އަޑެކެވެ.
“ރަށަށް އަންނައިރުވެސް ނުވެސް ބުނެލައެއްނު ތި އަންނަނީ. ހާދަ ފޮންޏޭ ދެން.” އެ އަންހެން ކުއްޖާގެ ބަސްތަކުން ނުހައިކްގެ ތުންފަތަށް ވެރިވީ ކަންނެތް ހިނިތުންވުމެކެވެ.
“މީ ވަރަށް ލާސްޓް މިނިޓް ދަތުރެކޭ. ކިހިނެތް އަހަރެންގެ ނަންބަރު ލިބުނީ؟ ލިޝާ؟” ނުހައިކް ގޮނޑިން ތެދުވެލަމުން ނިކުތީ ބެލްކަންޏަށެވެ.
“ނަންބަރު ލިބޭނެ ގޮތްވެސް ހުންނާނެ ދޯ؟ މިއަދުވެސް ހަމަ އަހަރެން އަންނަ ތަން ފެނުނީމަ ނޭނގޭކަމަށް ހަދައިގެން ފިހާރައަށް ވަދެ ފިލީއެއްނު؟ އަހަރެންނަށް ފެނުނޭ. ޒީވެސް ގޮވާގެން ދޯ ތި އައީ. އަހަރެން ހީކުރީ މިހާރު ކަލޭމެން ރުޅި ކަމަށް.” ލިޝާ ބުންޏެވެ.
“ކީތްވެ އަހަރެމެން ރުޅިވަންވީ؟ ވީ އާރ ފްރެންޑްސް.” ނުހައިކް ހިނިގަނޑެއް ޖަހައިލިއެވެ.
“ޒީކްއެއް ނޫނޭ. ލިޝް ހިނގާބަލަ މީޓްވެލަން. ނުފެންނަތާވެސް ދުވަސްތަކެއް ވެއްޖެ ވިއްޔަ. ސްޓިލް ގޯރޖަސް އޭޒް އެވަރ.” ޒީކްގެ ވާހަކަ ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމެއް ނެތި ނުހައިކް ވާހަކަ އަނބުރައިލިއެވެ.
ލިޝާ ފޮނިވެލަމުން ހިނިގަނޑެއް ޖަހާ އަޑު އިވުނެވެ. މިރޭ ބައްދަލުވުމަށް ދެ ޒުވާނުން ނިންމާ ފޯނު ބޭއްވިއިރު ޢަސުރު ނަމާދު ބަންގި ގޮވަނީއެވެ.
ނަމާދުކޮށްގެން މިސްކިތުން އައިސް ގެއަށް އައި އުޝާންގެ ނޭފަތުގައި ފުރަތަމަވެސް ޖެހުނީ ފޮނި އެއްޗެއްގެ ވަހެވެ. އޭނާ ގޮސް ބަދިގެއަށް ވަތްއިރު ޒީކް އަވަނުން ކޭކެއް ނަގާތަން ފެނުނެވެ.
“އަވަހޭ މި ޒީގަނޑު. ރަށަށް އައިތާ ތިން ގަޑީރެއް ނުވެ ބަދިގެ ތެރެ ސާފުކޮށް ކޭކު ހަދާލީ.” ބޯ ހޫރުވައިލަމުން އުޝާން އައިސް މޭޒެއްގައި ލެނގިލިއެވެ.
“ނުނިދުނޭ ޒީއަކަށް. ވަރަށް ޓްރައި ކުރިން. އެހެންވެ ދެން ފޫހިވާތީ ފިހާރައަށް ގޮސް އެއްޗެއް ގަނެގެން އައިސް ބަދިގެތެރެ ސާފުކޮށްލީ.” މޭޒުމަތީގައި ޓްރޭ ބަހައްޓަމުން ޒީކް ބުނެލިއެވެ.
“ކޮބާ އަނެއް ދެ ނިދަންމަރުން؟” އުޝާން ތެދުވަމުން އެއްސެވެ.
“ނޭނގެ. ދޭބަލަ ބަލައިލަން.” ޒީކް ބުންޏެވެ.
ލަސް ފިޔަވަޅުތަކެއްގައި ބަދިގެއިން ނިކުމެގޮސް އުޝާން ދޮރުގައި ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވީ މަލްކާއެވެ. ކުރިމަތީގައި ހުރި އުޝާން ފެނުމާއިއެކު މަލްކާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ.
“މަލްމެން ނުފެންނާތީ ހަބަރު ބަލާލަން މި އައީ.” ހަރަމް ބަނެލަމުން އުޝާން ބުނެލިއެވެ.
“ދެންމެ މި ހޭލައިގެން ނަމާދުކޮށްލީ.” މަޑުމައިތިރިކަމާއިއެކު މަލްކާ އެހެން ބުނި ވަގުތު އަލްޔާވެސް އައިސް މަލްކާގެ ގާތުގައި ހުއްޓުނެވެ.
އެއާއިއެކު އެ ކޭކުވެސް ވަސް އެ ދެ އަންހެން ކުދިންގެ ނޭފަތުގައިވެސް ޖެހުނެވެ. އަވަސްކޮށްލައިފައި ތިން ޒުވާނުން ގޮސް ބަދިގެއަށް ވަދެ މޭޒު ކައިރީގައި އިށީނެވެ. އެއިރު ޒީކް ހުރީ ކޭކު ކަފައި ތައްޓަން އަޅައިފައެވެ. ހެދިކާވެސް ގަނެ ތައްޓަކަށް އަޅައިފައި ހުރިއިރު ސައި ގިރުމުގައި އަވަދިނެތި ޒީކް އުޅުނެވެ.
“މިހިރީ ވާ ހީވަގި ކަނބަލެއް.” އުޝާން އެހެން ބުނުމާއިއެކު ބަދިގެ ތެރޭގައި އެ ހަތަރު ޒުވާނުންގެ ވެސް ހުނުމުގެ އަޑު ގުގުމައިލިއެވެ.
ހަތަރު ޒުވާނުންމެ ސައި ބޯލައިގެން ނިންމީ ހިނގައިލަން ނިކުތުމަށެވެ. ރީތިވެލައިގެން ހިނގައިލަން ނިކުތްއިރު ފަހެއް ޖަހަނީއެވެ. ރަށު ތެރޭގައި ހިނގަން އުޅުނުއިރު ޒީކް އާއި ދިމާއަށް އެ ރަށު ގިނަ މީހުންގެ ނަޒަރު ހުއްޓޭކަން އެންމެނަށްވެސް ފާހަގަވިއެވެ. ސުވާލުކުރުމުން އެއީ ގިނަ ދުވަސްކޮށްފައި ރަށަށް އައުމުން މީހުން ބަލަނީކަމަށް ބުނެ، އެ ވާހަކަ ހިންދައިލަނީއެވެ. ނަމަވެސް އެ ބަސްތަކުގެ ފަހަތުގައި ސިއްރުކުރެވިފައިފާ ހަޤީޤަތެއް ވާކަން އުޝާން އާއި މަލްކާ އާއި އަލްޔާއަށްވެސް ހީވިއެވެ.
ރޭގަނޑުގެ ވަގުތެވެ. ފޫހިވެގެން ގޭތެރޭގައި އެނބުރުމަށްފަހު ޒީކް ބޭނުންވީ އެކަނިވެލަން ބޭރަށް ދާށެވެ. އުޝާންގެ ގާތުގައި ދިހައެއް ޖެހުމުގެ ކުރިން ގެއަށް އަންނާނެ ކަމަށް ބުނުމަށްފަހު ޒީކް ބޭރަށް ނިކުތެވެ. ދާނެ ވަކި ދިމާލެއް ނޭނގި ހުރެފައި ލަސް ފިޔަވަޅުތަކެއްގައި ޒީކް ބަނދަރު ކައިރީގައި ހިނގައިލައިފައި ދިޔައެވެ.
އެކިއެކި ޚިޔާލުތައް ސިނކުޑީގައި އެނބުރެމުން ދިޔައިރު މީހުން އޭނާއަށް ބަލަމުން ދާކަންވެސް އޭނާއަށް ފާހަގަވިއެވެ. ތުންތުން މަތިން އޭނާގެ ގާތުން ދާ މީހުން ކިޔާ އެއްޗެހިވެސް އޭނާއަށް ވަކި ސިއްރެއް ނުވިއެވެ.
“ލަދު ޙަޔާތް ކުޑަ….”
“އަމަޔަށް ކަމެއް ވީ…”
“އެ މަންޖެ ހަލާކުކޮށްފި..”
“ކީތްކުރަން ކުރި ކަންތައްގަނޑެއް…”
ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. މީހުންގެ ވާހަކަތައް އަޑު އިވޭއިރުވެސް އޭނާގެ ހިތް ހީވަނީ މޭތެރެއިން ފަޅާފައި ނިކުންނަން އުޅޭ ހެންނެވެ. ކަރުނަތަށް ހިފަހައްޓައިލައިގެން ހުރެ، ނުރޯން ކިތަންމެ ވަރަކަށް މަސައްކަތްކުރަން އުޅުނު ނަމަވެސްމެއެވެ. ހިސާބަކަށް ދެވުމާއިއެކު އޭނާއަށް ފެނުނީ ކެފޭއެއްގެ ތެރޭގައި ވާހަކަ ދައްކައި ހެމުން ކާން ތިބި ދެ ޒުވާނުންނެވެ. އެތާއިން ފިރިހެން ކުއްޖާއަކީ ނުހައިކްކަން ވަކިކުރަން އޭނާއަށް މާކަ ގިނައިރުތަކެއް ނުވިއެވެ. ނުހައިކްގެ ކުރިމަތީގައި އިން ރީތި ހުސްކުރި އަންހެން ކުއްޖާ ފެނި، އޭނާގެ ހިތަށް ތެދުވެލިއެވެ.
ހިންދިރުވައިލުމަށްފަހު ބަލަހައްޓައިގެން ހުއްޓުން އަރައިފައި ހުރި ޒީކް ސިހުނީ މަޑުމަޑު އަތަކުން އޭނާގެ މުލައްދަނޑީގައި މަޑުން ހިފުމަށްފަހު އެހެން ދިމާލަކަށް އެ މީހަކު ގެންދަން ފެށުމުންނެވެ. ޒީކްއަށް ހައިރާންވެފައި ފަހަތުން އޭނާގެ ބައިމަތިފުޅާ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނެވެ.
“އިޓްސް އޯކޭ ޓު ކްރައި.” އެ ޒުވާނާގެ ފިރިހެންވަންތަ އަޑުން މަޑުމަޑުން ބުނެލި ބަސްކޮޅާއިއެކު ޒީކްގެ ދެލޮލަށް ކަރުނަތައް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

