ވިހަ ލޯބި 8
ހިނިތުންވުމުގައި ހުރެ އަލްޔާގެ ކޮޓަރިން ނިކުމެ، އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔަ ޒީކް ހުރީ ހިތް ހަމަ ޖެހިފައެވެ. ބޭރުން އައިސް ކަންތައްތައް މި ގޮތަށް އެހާ ފަސޭހައިން ހަމައަކަށް އެޅިދާނެކަމަށް އެއްވެސް ވަރަކަށް ހީނުކޮށް ހުއްޓައި އެކަން ވުމުންނެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ފަހަތުގައި އޭނާއަށް ލިބިދިޔަ އުފަލާއި ހިތްހަމަޖެހުމާއިއެކުގައިވެސް ކަންތައްތައް ބަދަލުވާނޭކަމަށް ހިތުގެ ކަނަކުން އޭނާއަށް އިންޒާރުދެމުން ދިޔައެވެ. އަނެއްކާވެސް ކުރިން ހިނގައި ދިޔަ ހާދިޘާ އަލުން ހިނގައި ނުވަތަ އެއަށްވުރެ ގޯސްކޮށް ކަމެއް ހިނގައިދާނެ ކަމުގެ ބިރުވެސް އޭނާގެ ހިތުތެރޭގައި އޮތެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޒީކް އާއި އަލްޔާ އާއި މަލްކާގެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ. ޒީކް އާއި ނުހައިކްގެ ގުޅުންވެސް މެއެވެ. އެސްފިޔަ ޖަހައިލާހާ އަވަހަށް ދުވަސްތައް ގޮސް އެންމެ ފަހުން އެއްމަސްދުވަހުގެ ޗުއްޓީއެއް ލިބުނެވެ. ޗުއްޓީ ލިބުނީ އަޟްޙާ ޢީދާއި ދިމާކޮށްފައެވެ.
“އަހަރެން ބޭނުމީ ރަށަށް ދާން.” ކުރިމަތީގައި ކާންއިން އުޝާންއަށް ބަލައިލަމުން އަލްޔާ ބުނެލިއެވެ.
ރޭގަނޑު 10 ޖަހަން ކައިރިވެފައިވީއިރު ހަމަޖެހިލައިގެން އުޝާން، އަލްޔާ އަދި ޒީކްއަށް އެއްޗެއް އަރުތެރެއަށް ލެވޭ ވަރުވީ އަދި ކިރިޔާއެވެ. ތިން ޒުވާނުން މޭޒު ކައިރީގައި އިށީނދެ ކަމުން ދިޔައިރު ނާޒިމާ ބަދިގޭގައި ތަށިތައް ދޮންނަން އުޅެއެވެ.
“ހާދަ ކުއްލިއަކަށް؟ އަލްގެ މުޅި އުމުރު ދުވަހުގައިވެސް ތިހެން ބުނި އަޑު މި އިވުނީ އަލަށް. އަނެއްކާ އަހަރެންނަށް މި އިނދެވެނީ ހުވަފެނެއްގަ ތަ؟” އުޝާން ޒާތަކަށް ހީލަމުން ބުންޏެވެ.
“އޮހް ޕްލީޒް، ދޮންބޭ. އޯކޭ އޭ ތިހާ ޑްރަމާޓިކް ނުވިޔަސް.” ކަޅި އަނބުރައިލަމުން އަލްޔާ އެހެން ބުނެ ކާން ފެށުމާއިއެކު ޒީކް އާއި އުޝާން އެކަކު އަނެކަކަށް ބެލުމަށްފަހު ހޭން ފެށިއެވެ.
“ސޮރީ ސޮރީ.” އަލްޔާ ތުން އަނބުރައިލިތަން ފެނުމާއިއެކު ޒީކް ހެމުން ބުންޏެވެ.
“އޯކޭ، ދެން އަލް ބޭނުމިއްޔާ.. ކޮން ބައެއް ދަނީ؟” އަލްޔާގެ ރުޅި ގަދަވާތަން ފެނުމާއިއެކު ހިނިގަނޑު ހިފަހައްޓައިލަމުން އުޝާން އަހައިލިއެވެ.
“އަހަރެމެން ޕްލޭން ކުރީ ނުހައިކްމެން ގޮވައިގެން ދާން. ނުހައިކް އާ ޔާނިއު އާ އަލް އާ ޒީ އާ. ދެން އަހަރެންނާއި ޒީގެ ވަރަށް ކްލޯޒް ފްރެންޑެއް.” އަލްޔާ އިނގިލި ގުނަމުން ބުންޏެވެ.
“އަހަރެންގެ ގެ ހުންނާނީ ހުސްކޮށް. އެ ގެއަށް ދެވިދާނެ. އެކަމަކު ކުޑަކޮށް ސާފުކޮށްލަން ޖެހޭނެ. 3 ވަރަކަށް އަހަރު ވަނީ އެ ގެއަށް މީހަކު ނުވަންނަތާ.” ޒީކް ކެއި ތަށި ދޮންނަން ބަދިގެ އާއި ދިމާލަށް ހިނގައިގަންނަމުން އިތުރުކޮށްލިއެވެ.
“އޯކޭ. ތި އޮތީ ސެޓުވެފައެއްނު؟ މަންމާ، ދާނަންތަ؟” ބަދިގެއިން ނިކުތް ނާޒިމާއަށް އުޝާން އެއްސެވެ.
“ނޫނޭ ދަރިފުޅާ. މަންމައަކަށް ނުދެވޭނެ. ތިކުދިންނަށް ޗުއްޓީއަކަސް މަންމައަކަށް ނުލިބުނު. ކުރިން މަހު މަންމަ ލީވް ނެގީމަ މި މަހަކު ނުލިބޭނެ. ދަރިފުޅުމެން ދޭ. އުޝާން އެ ކުދިންނަށް ރަނގަޅަށް ބަލައްޗޭ.” ނާޒިމާ އެހެން ބުނުމަށްފަހު ނިކުތެވެ.
“އޯކޭ ދެން ދާ މީހުން ޔަގީންވެއްޖެ އެއްނު؟ ހިނގާ ބުދަ ދުވަހަށް ޓިކެޓު ނަގަން؟ ހުކުރު އެއީ އީދެއްނު؟” އުޝާންގެ އެ ބުނުމަށް އަލްޔާ އެއްބަސްވުމާއިއެކު ވަގުތުން އޮންލައިންކޮށް ޓިކެޓު ހަމަޖެއްސިއެވެ.
ކެއުން ނިންމައި، އުޝާންމެންނާއި ވާހަކަ ދައްކައިލުމަށްފަހު ކޮޓަރިއަށް ވަތް ޒީކް އެނދަށް ވެއްޓިގަތެވެ. މި ދުވަސްކޮޅު ކޮލެޖުގައި އެހާ ބުރަކޮށް އުޅެފައި ނޭވައި ލެވޭނެ ވަގުތެއް އޭނާއަށް ލިބުނީ އަދި ކިރިޔާއެވެ.
ވެފައިހުރި ވަރުބަލިކަމާއިއެކު މަޑުމަޑުން ދެލޯ މެރެމުން ދިޔަ ޒީކްއަށް ފުންމައިގެން ތެދުވެވުނީ އޭނާގެ ފޯނު ރިންގުވަން ފެށި އަޑަށެވެ. ދެލޯ އުނގުޅަމުން ކޯލަރ އައިޑީއަށް ބަލައިލުމާއިއެކު އަރައިފައި އިން ނަމަކުން އޭނާގެ ނިދި އެކަށް ފިލައި ދިޔަ ކަހަލައެވެ. ދެ ވިސްނުމެއްގައި އިނދެމެ އޭނާ ފޯނު ނަގައި ކަންފަތާއި ކައިރިކޮށްލިއެވެ.
“އަހަރެން ހީކުރީ ޒިޒީ ނިދައިފަ ކަމަށް މިހާރު.” ނުހައިކް އެހެން ބުނުމާއިއެކު ޒީކްއަށް ޖަހައިލެވުނީ ހިނިގަނޑެކެވެ.
“ކިހިނެތް ވީ؟ އަހަރެންނަށް މާ މަޖާ އެއްޗެކޭ ބުނެވުނީ ތަ؟” ނުހައިކް އަނެއްކާވެސް އެކޮޅުން ބުނާ އަޑު އިވުނެވެ.
“ނޫން ނޫން. އެހެނެއް ނޫން. އަހަރެން ނިދަން އުޅެނިކޮށް ތި ގުޅީ.” ޒީކް އެނދުގެ ހެޑްބޯޑުގައި ލެނގިލައި ހަމަޖެހިލަމުން ބުންޏެވެ.
“ޒިޒީ.. އާރ ޔޫ ޝުއަރ؟ މި ޗުއްޓީއަށް ރަށަށް ދާން ބޭނުން ވާ ކަން؟” ނުހައިކް ދެން ކޮށްލި ސުވާލުން ޒީކްގެ މޫނުގައި ވި ހިނިތުންވުން ފިލައި ދިޔައެވެ.
“ތި.. ތި ބުނީ؟ ކީތްވެ އަހަރެން ދާން ބޭނުން ނުވާނީ؟” ޒީކް އެއްސެވެ.
“ނޭނގޭކަމަށް ނުހަދާ ޒިޒީ. އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ ޒިޒީ. ޒިޒީ ތިހާ ދާން ބޭނުން ވާ ނަމަ، ޒިޒީގެ މަންމަމެން އެކަނި ބޭރަށް ދާން ދޫކޮށްފަ ޒިޒީ އެކަނި ކަމަކު ރަށުގަ މަޑުކުރިސް. އެ ޗޮއިސް ޒިޒީގެ އަތުގަ އޮތް. އެކަމަކު ޒިޒީ ކިހިނެތް ހެދީ؟ ދިޔައީ އެއްނު؟ 3 އަހަރު ވަނީ.. 3 އަހަރު ވަނީ ޒިޒީ، އެ ރަށަށް ވައިވެސް ނޭޅޭތާ. އެހެން ނޫން ނަމަ ޒިޒީ އަމިއްލަ ރައްޓެހިންނާވެސް ގުޅުން ކަނޑާ ނުލިސް.” ޒީކް ގެ ހުރިހާ ސިއްރުތަކެއް ފާޅުކުރަމުން ދިޔަ ވަރަކަށް ޒީކްގެ ގާތަށް އަންނަން ފެށީ ގަދަ ރުޅިއެވެ.
“ކިހިނެތް ވީ؟ ބަސް ހުއްޓުނީތަ؟ ބިރުގަންނަނީ ތަ؟ އެއިރު ވީ ކަންތައްތަކާ ކުރިމަތި ލާން. ޒިޒީ، އަހަރެން ހިޔެއް ނުކުރަން ޒިޒީ ތިހާ ފިނޑި ވާނެ ކަމަކަށް. އެހެން ނޫންނަމަ އެކަންތައްތަކާ ކުރިމަތި ނުލައި އެ ކަންތައްތަކާ ދުރަށް ދުވެ ގޮސް ނުފިލީސް.” ނުހައިކް އެ ހިސާބުން ވާހަކަ ހުއްޓައިލިއެވެ.
“އަހަރެން އެއްވެސް ފިނޑިއެއް ނޫން. އަހަރެން އެ ކަންތައްތަކަކާ ކުރިމަތި ނުލާކަށް ދުވެއެއް ނުފިލަން. އެންމެ ރަނގަޅު، އަހަރެން ގެ ވަހަކަ ދައްކަން ނުހައިކް ތީ ކާކު؟ ނުހައިކްވެސް ކަންތައް ކުރީ އެހެނެއް ނޫން ތަ؟ އަހަރެން ދިޔަތާ މަހެއް ހާ ދުވަސްވެސް ނުވެ ނުހައިކް މާލެ ބަދަލު ވީ. ކީތްވެ؟” ޒީކް ގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ ނުހައިކް ވާހަކަ ދައްކަން ފެށުމުންނެވެ.
“ޒިޒީ، ދެން ނިންމާ. އެއްވެސް ކަމެއް ނޭނގިހުރެ ތި ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ.” ނުހައިކް ބުންޏެވެ.
“ހަހް. ނުހައިކް، ޔޫ ސްޓާރޓެޑް އިޓް. އަހަރެންނެއް ނޫން. އަހަރެން ތަ ޖެހެނީ މި ވާހަކަ ނިންމަން. ކީތް ކުރަން މި ގަޑީގަ ދެން ތި ގުޅީ. އަހަރެންގެ ނިންޖޭ ތި ޚަރާބުކުރީ. އަހަރެން މި ނިންމީ. ނުހައިކް ނުނިންމިޔަސް އަހަރެން ބޭނުމެއް ނޫން ދެން މި ގަޑީގަ ނުހައިކްގެ އަޑު އަހާކަށް. ގުޑް ނައިޓް.” އައިސްފައި ހުރި ރުޅީގައި ޒީކް ބުންޏެވެ.
“ޒިޒީ، މަޑު-” ބުނަމުން ދިޔަ އެއްޗެއް އަޑު އެހުމެއް ނެތި ޒީކް އަވަހަށް ފޯނު ކަނޑައިލައި އެނދުގެ އެންމެ ބިތްދޮށަށް އެއްލައިލިއެވެ.
ޒީކް ގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އޭނާ ލޯ އަޅައިފައި ހުރި ގޮތުންވެސް އައިސްފައި ހުރި ރުޅިގަނޑުގެ ގަދަކަން ހާމަވެއެވެ. ޒީކްގެ ނަޒަރު އަނެއްކާވެސް ފޯނާއި ދިމާލަށް ހުއްޓުނީ ނުހައިކް ގުޅަން ފެށުމުންނެވެ. ދަތްކުނޑި ވިކަމުން ގޮސް ފޯނު ނަގައި އެއްކޮށް ނިއްވައިލިއެވެ.
ޒީކްއަށް ގުޅަން މަސައްކަތްކުރަމުން ދިޔަ ނުހައިކް އެންމެ ފަހުން ފޯނު އަތު ކުރިން ހޫރައިލީ އޭނާ ފޯނު ނުނެގުމުންނެވެ. އޭނާގެ ގާތަށް ވެސް ހުރީ ރުޅި އައިސްފައެވެ. ރުޅިގަނޑު މައިތިރިވޭތޯ މޫނުގައި އަތް ހާކައިލުމަށްފަހު ޓެރިސްއަށް ނިކުމެ މާލޭގެ ހަލަބޮލި މާހައުލަށް ނަޒަރު ހުއްޓައިލިއެވެ. އޭނާގެ ސިކުނޑީގައި އެބުރެމުން ދިޔަ ޚިޔާލުތަކުން ސަލާމަތްވެވޭ ތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ހުންނަތާ ބައި ގަޑީރު ފަހުން ބޯ ހަމައަކަށް އެޅުނެވެ. އޭނާ ޓެރެސްއިން އެތެރެއަށް ވަނީ ދެނެވެ. ސޯފާގެ ކައިރީގައި ވެއްޓި، ތެޅިފައި އޮތް އޭނާގެ ފޯނަށް ބަލައިލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
ކޮޓައިރަށް ވަދެ، ލައިގެން ހުރި ޖިންސު މަތިން ޓީޝާޓެއް ލައިގެން އޭނާ ބޭރަށް ނިކުތް އިރު އެގާރަ ޖަހައިފިއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ނުހައިކްއަށް އެއްޗެހި ހަލާކު ކުރެވެއެވެ. ނަމަވެސް އޭނާ މި ވަރަށް ރުޅި ނާންނަތާ ގިނަ ދުވެސްތަކެއް ވެފައި ވާއިރު އެންމެ ފަހުންވެސް މި ވަރަށް ރުޅި އައިސްފައިވަނީ ހަމަ ޒީކް އާ ގުޅޭ ކަމެއްގައެވެ. ޚިޔާލުތަކުން ބޭރުވަމުން އޭނާ ފޯނު ގަންނަން ފިހާރައަކަށް ވަދެ، އައު ފޯނެއް ގަތެވެ.
ގެއަށް އައި މަގުމަތީގައިވެސް އޭނާއަށް ވިސްނެމުން ދިޔައީ ޒީކް އާއި މެދުގައެވެ. ޒީކް ގެންގުޅޭ ބޯހަރު ގޮތްގަނޑުގެ ސަބަބުން އޭނާ ހުންނަނީ ސިކުނޑި ސުމަކަށް ދާ ވަރުވެފައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނުހައިކް އެ މައްސަލަ ފަހަށް ދޫކޮށްލީއެވެ.
ދެ ދުވަސް ފަހެވެ. ޒީކްމެން ބަނދަރުގައި ތިބީ އެންމެން ހަމަވަންދެނެވެ. ޔާނިއު އާއިއެކު ނުހައިކް ޒީކްމެން އައި ތާ 5 މިނެޓު ފަހުން އައެވެ. އެރޭގެ ފަހުން ނުހައިކް އާއި ބުނެނުލައި ހުރި ޒީކް އަދިވެސް ހުރީ އެ ގޮތުގެ މަތީގައި ބޯ ހަރުކޮށްގެނެވެ. މި މަންޒަރު ފެނިފައި ނުހައިކްއަށް ބޯ ހޫރުވައިލެވުނެވެ. މަލްކާ އައީ އެންމެ ފަހުންނެވެ. އެއިރު އެންމެން ލޯންޗަށް އަރަނީއެވެ. އުޝާން ހުރީ ޒީކްމެން އަރުވަން އަތް ގާތްކޮށްދިނުމުގެ ގޮތުން ނާރައެވެ. މަލްކާ އައިސް އުޝާންގެ ކައިރީގައި ހުއްޓުމާއިއެކު އޭނާ ހައިރާންވީ ވަކި ވަރަކަށް ނޫނެވެ.
“މަލްކާ؟ ތީ ތަ ޒީމެން އެ ބުނާ ހާއްސަ މެހެމާނަކީ؟” ލޯންޗަށް އަރަން އެޙިތެރިވެ ދިނުމުގެ ގޮތުން އަތް ދިގުކޮށްލަމުން ސަކަ ގޮތަކަށް އުޝާން އެއްސެވެ.
“އާނ، އެންމެ ފަހުން އަލުން ބައްދަލު ވީ ތާ.” ކުޑަ ހިނިތުންވުމާއިއެކު އުޝާން ގެ އަތުގައި ހިފަމުން މަލްކާ ލޯންޗަށް އެރިއެވެ.
“އާނ، އެކަމަކު އަހަރެން ހިޔެއް ނުކުރަން މިހާ އަވަަހަށް ބައްދަލުވެދާނެ ކަމަކަށް.” ބޭރުފުށުން ނުދެއްކިކކަމުގައި ވިޔަސް އުޝާންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ.
ފުރަތަމަ ނަޒަރުން އުޝާންގެ ހިތް އަތުލި މި އަންހެން ކުއްޖާ އާއިއެކު އޭނާ ގެ ޗުއްޓީ ހޭދަކުރެވޭނެކަން އެނގުމާއިއެކު އޭނާވެފައިވަނީ އަމަށަކު އުފަލެއް ނޫނެވެ. ހިނިތުންވުމެއްގައި ހުރެ، މަލްކާގެ ފަހަތުން ލޯންޗަށް އެރި އުޝާންގެ ލޮލުގައި އަޅައިގަތީ އެ ދެ ޒުވާނުންނާއި ދިމާލަށް ލާނެތް ގޮތަކަށް ބަލަމުން ދިޔަ ޒީކްއެވެ. މޫނުގައި ވި ހިނިތުންވުން ފުހެލަމުން ޒީކްއަށް ދެލޯ އަޅައިލުމަށްފަހު ޔާނިއުގެ ގާތުގައި އިން އޭނާގެ ސީޓުގައި އިށީނެވެ. މަލްކާ ގޮސް އިށީނީ ޒީކް ގެ ކައިރީގައި އިން ސީޓުގައެވެ.
މޫސުން ރަނގަޅު ދުވަހެއްކަމުން ނުހަނު އަވަހަށް ދާންވީ މަންޒިލަށް ދެވުނެވެ. ރަށަށް ފޭބިއިރު ޒީކް ފިޔަވައި ހުރިހާ އަންހެން ކުދިންހެން ތިބީ ލޮޑުވެފައެވެ. އުފަން ރަށުގައި ފައި އެޅުމާއިއެކު ޒީކްއަށް ކުރެވުނީ ތަފާރު އިހުސާސެކެވެ. ރަށު ތެރެއަށް ބަލައިލިއިރު އެތަށް ގޮތަކުން ތަރައްޤީވެފައިވާ މަންޒަރު ފެނިފައި އޭނާއަށް ހިނިތުންވެވުނެވެ.
“މަ އެކަށް ހަލާކުކޮށްފި. ހާދަ ގަދަ އޭ.” ނުހައިކް ކުސްތަޅަން ފެށި އަޑަށް ޒީކް އެ ދިމާލަށް ބަލައިލިއެވެ.
ޔާނިއުގެ ކޮނޑުގައި ހިފައިގެން ހުރި ނުހައިކް ހީވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައި ހުރި މާބަނޑު އަންހެނެއް ހެންނެވެ. ހޮޑު ލައިލައި އޭނާ ވަނީ އެކަށް ލޮޑުވެފައެވެ. މި މަންޒަރު ފެނިފައި ޒީކް ފެށީ ހޭށެވެ.
“ފިރިހެނެކޯ، އެކަމަކު ކަނޑު މައްޗަށް އަރައިލާއިރަށް މި އޮންނަނީ ފުރާނަ ދާވަރުވެފަ. ދެން ވަރަށް މޮޅޭ. ކޮން ގަދައެކޭ ކިޔާކަށްތަ؟ މިއަދު އެއްވެސް ގަދައެއް ނޫން.” ޒީކް އެހެން ބުނުމާއިއެކު ނުހައިކް އޭނާއަށް ލޯ އަޅައިލިއެވެ.
“އަންހެނަކަށްވުރެ ކަންތައް ފަލަ. މަލް އާ އަލްއަށްވުރެ ނުހައިކް މާ ބައްޔެއްނު.” އަނެއްކާވެސް ޒީކް ފެށީ ހޭށެވެ.
“އޯކޭ އޯކޭ ދެން ނިންމައިލަމާ. ޒުވާބު ކުރަން ފަށައިފިއްޔާ މި ދެ މީހުނެއް ނުނިންމާނެ.” ނުހައިކް އަނގަ ހުޅުވައިލިތަން ފެނުމާއިއެކު ޔާނިއު އަވަހަށް ބުނެލިއެވެ.
“އާނ، ތެދެއް. ޒީ. ދެން ހިނގާބަލަ ތި ގެއަށް ދާން.” ވަރުބަލި ކަމާއިއެކު މަލްކާ ބުނެލިއެވެ.
މަލްކާގެ އެ ބުނުމާއިއެކު އެ އެންމެން ގޮވައިގެން ޒީކް ގެ ގެ ހުންނަ ދިމާލަށް މިސްރާބު ޖެހިއެވެ. ހިނގަމުން ދިޔަ ޒީކް ހުއްޓުން އެރީ ކުއްލިއަކަށް އަންނަމުން ދިޔަ ޒުވާނުންތަކެއް ފެނިފައެވެ. ޒީކްގެ ދެލޯ ބޮޑުވެގެން ދިޔައިރު ނުހައިކްވެސް އެ ޒުވާނުން ފެނިފައި ދިޔައީ ސިއްސައިގެންނެވެ.
- ނުނިމޭ
ސަލާމް…
މިއަދު އަޅުގަނޑުގެ އޯލެވެލް އިމްތިހާނު ކާމިޔާބު ކަމާއިއެކު ނިންމާލެވިއްޖެ، އަލްޙަމްދުލިﷲ. މި ހުރިހާ ދުވަހެއް ވަންދެން އަޅުގަނޑުގެ މި ވާހަކައަށް އެއްވެސް ފޫހިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔަ ތިޔަ ލޮބުވެތި ކިޔުންތެރިންނަށް ނިހާޔަތަށް ޝުކުރުވެރިވަން. މި އިމްތިޙާނު ކާމިޔާބު ކަމާއިއެކު ނިންމާލެވުމާާއިއެކު އަޅުގަނޑު އަނެއްކާވެސް މި ވާހަކަ ލިޔުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ނިންމާފިން. އަޅުގަނޑުގެ ލިޔުންތެރިކަން އެންމެ ފުރިހަމަ ނޫން ކަމުގައިވިޔަސް ކުރިއަށް އޮތް ދުވަސް ދުވަހު ލިޔުންތެރިކަން ކުރިއަރުވަން އަމިއްލައަށް މަސައްކަތް ކުރާނަން، އިންޝާ ﷲ. ލިޔުންތެރިންވެސް އަޅުގަނޑުގެ ވާހަކަތަކުގައި ވާ މިސްޓޭކްތައް ފާހަގަކޮށް، ހިއްސާކުރާނޭ ކަމަށް އުންމީދު ކުރަން. ހުރިހާ ކިޔުންތެރިންނަށް ވެސް عيد مبارك 🙂
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

