Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 7

afu.shvvn
afu.shvvn Level 110 Stories
March 31, 2025 5 Mins Read
4 Comments

“މި އޮތް ވާރޭ ގަ ޒިޒީ ދާނީ ތަ؟” ޓެރެސް އާއި ދިމާލަށް ނަޒަރު ހުއްޓައިލަމުން ނުހައިކް އަހައިލިއެވެ.

“ދެން ނެތެއްނު އަހަރެން މާލޭ ގަ މަޑު ކުރާނެ ތަނެއް.” ޒީކް ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

ނުހައިކް އެހެން ބުނުމާއިއެކު އެ ތާ ހުރި ދެ ކޮޓަރިއާއި ދިމާލަށް ލޮލުން އިޝާރާތްކޮށްލިއެވެ. މިފަހަރުވެސް ނުހައިކްގެ އެ ބެލުމުގެ ދަށުގައިވި މާނަ ފަސޭހަ ކަމާއިއެކު ޒީކްއަށް ނަގައިގަނެވުނެވެ. ތުންފަތަށް ބާރުކޮށްލަމުން މިފަހަރުވެސް ޒީކް އޭނާގެ ހިތް އެދުނު ގޮތަށް ކަންތައް ކުރީއެވެ. އުޝާންގެ ގާތުގައި މިރޭ އެކުވެރިއްގެ ގޭގައި މަޑުކުރަނީ ކަމަށް ބުނެ މެސެޖުކުރިއެވެ. އަދި މާދަމާ ހެނދުނު ގެއަށް ދާނޭ ކަމަށް ބުންޏެވެ. އުޝާންގެ ޖަވާބު ލިބުމާއިއެކު ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ޒީކް ނުހައިކްއަށް އޭނާގެ ފޯނު އަނބުރާ ދިނެވެ.

“އެއީ ހުސް ކޮޓަރިއެއް ތަ؟” ޒީކް އަހައިލިއެވެ.

“އާނ. މަންމަމެން މާލެ އަންނަ ފަހަރަކުން ވެއްޖެޔާ ނިދާނީ އެތާ. އެހެން ނޫނީ އެއީ ހަމަ ހުސް ކޮޓަރިއެއް.” ނުހައިކް ބުނެލީ އޭނާގެ ކޮޓަރިއަށް ވަންނަމުންނެވެ.

ހަދަން ވީ ގޮތެއް ނޭނގިފައި ޒީކް ހުއްޓެވެ. ކުއްލިއަކަށް އެހެން ހުރެފައި ނުހައިކް ކޮޓަރިއަށް ވަނުމުންނެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ޒީކް ބަލައިލީ ޓެރެސް އާއި ދިމާލަށެވެ. މަޑު ހިނގުމެއްގައި ގޮސް ލައްޕައިފައިވި ބޭރު ފެންނަ ދޮރުން ބޭރު ބަލަން ފެށިއެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތަކަށް ނަޒަރު ހުއްޓައިލުމުން އޭނާގެ ހިތަށް ހިތްހަމަޖެހުން ވެރިވެގެން ދިޔައެވެ. އެންމެ ކުޑައިރުއްސުރެ އޭނާއަކީ ވާރޭއަށް ލޯބިކުރާ ކުއްޖެކެެވެ. ކުޑަ އިރުކޮޅަކަށްފަހު ދޮރު ހުޅުވުނު އަޑު އިވުނު އަޑަށް ޒީކް ފަހަތް ބަލައިލިއެވެ.

ތެތްވެފައިވާ އެ ކަޅުކަން ގަދަ އިސްތަށިގަނޑު ނުހައިކްގެ ނިތްމައްޗަށް ވެއްޓިފައިވުމުން އެ އައީ ފެންވަރައިގެންކަން އެނގެއެވެ. ކުރިން ލައިގެންހުރި ޖޯޒީގެ ބަދަލުގައި މިހާރުލައިގެން ހުރީ ހުދު ޓީޝާޓްއަކާއި އަޅި ސްވެޓް ޕޭންޓެސްއެކެވެ. އެއް އަތުގައި ޓީޝާޓެއް އަޅުވައިލައިގެން ހުރިއިރު އަނެއް އަތުން ނުހައިކް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ޒީކް ހުރީ ފެންނަމުން ދިޔަ މަންޒަރުގެ ހިތްގައިމުކަމުން އެސްފިޔަ ޖަހައިލަން ނޭނގިފައެވެ.

“މި އޮތް ހުރިހާ އިރަކު ތި ހުރީ ކޮޅަށް ތަ؟” ނުހައިކް ވާހަކަ ދެއްކި އަޑުން ޒީކްއަށް ހަމަ ބިމަށް އާދެވުނެވެ.

“އެނ.. އާނ. މި ތަން ބަލަން މި ހުރީ.” ޒީކް އަތުން އިޝާރަތްކޮށްލީ ޓެރެސް އާއި ދިމާލަށެވެ.

“އެހެންތަ؟ މިރޭ ތި އެއްޗެހި ލައިގެން ތަ ހުންނަނީ؟ ގޭ މީހުންނަށް ތި ހެދުން ފެނުނީމަ ބުނާނީ ކީކޭ؟” ނުހައިކްގެ އެ ބުނުމާއިއެކު ޒީކް އޭނާ ލައިގެން ހުރި އެއްޗިއްސަށް ބަލައިލިއެވެ.

ލައިގެން ހުރި ޓީޝާޓް އާއި ލެގިންސްގައި ވަނީ ވެއްޓުމުގެ ސަބަބުން ކިލާ އުނގުޅި، ހަޑިވެފައެވެ. ނުހައިކް އައިސް ޒީކްގެ ކައިރީގައި ހުއްޓުމަށްފަހު އޭނާގެ އަތުގައި އޮތް ޓީޝާޓު ދިގުކޮށްލިއެވެ. ޤަބޫލުނުކުރެވިފައި އިސްހިއްލައިލައި ޒީކް ނުހައިކްއަށް ބަލައިލިއެވެ.

“ހިފާބަލަ. މި ޒިޒީ ކައެއް ނުލާނެއޭ. އަހަރެންގެ ކޮޓަރީގެ އެނދު މަތީގަ އިންނާނެ ސްވެޓްސްއެއް. ކޮޓަރީގަ ހުރެގެން ތި އެއްޗެއްޗެސް ބަދަލުކޮށްލާފަ މިރޭ މިގޭ މެޝިނުން ދޮވެލާ. އޭރުން މާދަން ގެއަށް ދާންވާއިރަށް ހިކިފަ ހުންނާނީ. ޒިޒީ ބޭނުމިއްޔާ ފެންވަރާލިޔަސް އޯކޭ. އިންނާނެ އެހެން ތުވާއްޔެއްވެސް ނަގައިދީފަ.” ނުހައިކްގެ މި ދުރު ވިސްނުމުގެ ސަބަބުން ޒީކް ހައިރާނެއް ނުވިއެވެ.

ޝުކުރުގެ ނަޒަރަކުން ނުހައިކްއަށް ބަލައިލުމަށްފަހު ޓީޝާޓް ހިފައިގެން ޒީކް ނުހައިކްގެ ކޮޓަރިއަށް ވަދެ ފެންވަރައިލިއެވެ. ނުހައިކްގެ ސްވެޓްސް އާއި ޓީޝާޓު ލުމަށްފަހު ޒީކް ގޮސް ހުއްޓެލީ ލޯގަނޑު ކުރިމަތީގައެވެ. ޓީޝާޓު ބޮޑުކަމުން ކިރިޔާ ކަކުލާއި ހަމައަށް ނާރާކަމެވެ. ކުޑަ ހިނދުކޮޅަކު އެހެން ހުރުމަށްފަހު ކުރިން ލައިގެން ހުރި އެއްޗެހި ހިފައިގެން ކޮޓަރިން ނިކުތެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ފުރަގަސް ދީގެން އުނދުން ކައިރީގައި ކައްކަން ހުރި ނުހައިކްއެވެ. ނުހައިކްއަށް ކައްކަން އިނގޭކަން އޭނާއަށް ހަނދާންވީ ދެނެވެ.

އެ މަންޒަރު ބަލަން ހުރުމަށް ހިތް އެދުނުކަމުގައި ވިޔަސް ހިތާއި ދެކޮޅަށް އޭނާ ޓެރިސް ކައިރީގައި ހުރި ދޮންނަ މެޝިނުގެ ގާތަށް ހިނގައިގަތެވެ. ދޮވުމަށްފަހު އެއްޗެހި ހިއްކަން އެޅި ވަގުތަކީ ނުހައިކް އައިސް ޒީކް ގެ ގާތުގައި ހުއްޓުނު ވަގުތެވެ.

“ނިމުނީ ދޯ؟ އާދޭ އެއްޗެއް ކައިލަން. ވަރުބަލި ވެފަ ހުންނައިރު ބަނޑުހައިވެސް ވާނެ އެއްނު؟” ކާ މޭޒަށް އިޝާރަތްކޮށްލަމުން ނުހައިކް ބުންޏެވެ.

ދެ ޒުވާނުންވެސް ކެއި އިރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ބުނުމަށް ހިތް އެދުނު އެތައް ކަމެއް އޮތް ނަމަވެސްމެއެވެ. ކެއި ތަށި ދޮވުމަށްފަހު ޒީކް ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭނާގެ ފަހަތުން ގޮސް ނުހައިކްވެސް އިށީނެވެ.

“ތެންކްސް، ފޯރ ޓުނައިޓް.” ކުޑަ ހިނިތުންވުމަކާއިއެކު އެހެން ބުނި ޒީކްއަށް ނުހައިކް ރައްދުކޮށްލީ ސާދާ ހިނިތުންވުމެކެވެ.

“ވަރަށް ކަންތައް ބަދަލު ވެއްޖެ ދޯ އަހަރެން ބޭރަށް ފުރި ފަހުން؟ ކޮބާ ނާއިމައްތަ؟ ރަނގަޅުތަ؟” ޒީކް އަހައިލިއެވެ.

“އާނ، މަންމަ ރަނގަޅު. ބައްޕަ އާއި ދޮންބެ ވެސް. ޒިޒީގެ މަންމަ.. ޒޫނާ ދައްތަ؟” ނުހައިކް އަހައިލިއެވެ.

“ރަނގަޅެއް ނޫން.” ޒީކް އިސްޖަހައިލުމާއިއެކު ނުހައިކްއަށް ދެބުމަ ކައިރިކޮށްލެވުނެވެ.

“ދެން ޒޫނާ ދައްތަ.. ކޮބާ؟ ކީއްވެ ޒިޒީ ތި އައީ؟” ނުހައިކް ގެ އެ ސުވާލާއިއެކު ޒީކް އަނެއްކާވެސް އިސް ހިއްލައިލައި ބަލައިލިއެވެ.

“ބައްޕަ ފޮނުވާލީ މަންމަ ބުނެގެން. މަންމަ ބުނީ މަންމަ އާއި ހެދި އަހަރެންގެ ދިރިއުޅުން ހަލާކުވާކަށް ބޭނުން ނުވާ ވާހަކަ. އެކަމަކު، މަންމައަށް އެހެން ވީ އަހަރެންގެ ސަބަބުން، ނޫންތަ؟ މަންމަގެ ދިރިއުޅުން އަނދަވަޅަކަށް ވައްޓައިލީ ހަމަ އަހަރެންގެ އަމިއްލަ ދެ އަތުން.” ޒީކް މަޑުމަޑުން ބުންޏެވެ.

“ޒިޒީ. އިޓްސް ނޮޓް ޔުއަރ ފޯލްޓް. ތިހެން ނުބުނޭ، އެއީ ޒިޒީގެ ސަބަބުން ވީ ކަމެއް ނޫނޭ..” ނުހައިކްގެ އަޑުން ޒީކްގެ ހިތަށް ފިނިކަން ގެނަސްދިން ނަމަވެސް އޭނާގެ ހިތުގައި ވި ރިހުމެއް ނުފިލިއެވެ.

“އަހަރެން އެހެން ނުހެދި ނަމަ.. މަންމައަކަށް ހިތުގެ މައްސަލަތަކަކާއި ކުރިމަތިލާކަށް ނުގެހުނިސް.” ޒީކް ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ.

“އެއީ ޒިޒީގެ ސަބަބުން ވީ ކަމެއް ނޫނޭ. ޒިޒީއަކަށްވެސް، އަހަރެމެން އެކަކަށްވެސް ނޭނގޭނެއެއްނު މަންމަގެ ހިތުގެ މައްސަލައެއް ހުންނާނެކަމެއް.” މަޑުމައިތިރިކަމާއިއެކު ޒީކް ހަމައަކަށް އެޅުވޭތޯ ނުހައިކް މަސައްކަތްކުރަމުން ދިޔައެވެ.

ކަމެއް ދިމާވުމަށްފަހުގައިވެސް ޒީކްއަކީ އެކަމާއިމެދު ވިސްނާ ކުއްޖެއްކަން ނުހައިކްއަށް އެނގެއެވެ. އެނާއަކީ ކަންކަން ވިސްނައިދިނުމުން ނޫނީ ހަމައަކަށް ނޭޅޭނެ ކުއްޖެއްކަންވެސް އެނގެއެވެ. އެ ހުރިހާ ކަމެއް ނުހައިކް އަދިވެސް ހަނދާނެއް ނުނެތެއެވެ. ކައިރިވެލުމަށްފަހު ޒީކްގެ ކޮނޑުގައި ހިފައި، ނުހައިކް އޭނާގެ ގަޔާއި ދިމާލަށް ދަމައިލިއެވެ. ނުހައިކް ކޮއްޕައިލުމަށް ޒީކް މަސައްކަތެއް ނުކުރެއެވެ. އެ ގާތްކަމަށް ފެން ބޮވައިގަނެފައި ހުރި ފަދައިން ޒީކް އޭނާގެ މޫނު ނުހައިކްގެ މޭމަތީގައި ފޮރުވައިލިއެވެ. އެއިރު އޭނާގެ ހިތުގެ ރިހުން ކުޑަވަން ފަށައިފިއެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ވަޒީފާއަށް ދިއުމަށް ބޭރު ދޮރާއި ދިމާލަށް މިސްރާބުޖެހި އުޝާން ހުއްޓުންއެރީ ދޮރު ހުޅުވުމަށްފަހު ވަތް ޒީކް ފެނިފައެވެ. ޒީކް ރޭގަ ގެއަށް ނައިސް، ހަބަރެއް ނުވުމާއިއެކު އޭނާ ކަންބޮޑުވެ، ހާސްވީ ވަކިވަރަކަށް ނޫނެވެ. އުޝާން ފެނުމާއިއެކު ޒީކް ހީލިއެވެ. ކުއްލިއަކަށް އައިސް ޒީކް ގައިގައި ބައްދައިލި އަލްޔާ ފެނުމާއިއެކު ޒީކްގެ އިތުރުން އުޝާން ވެސް ދިޔައީ ސިއްސައިގެންނެވެ.

“ޒީ، ހައު ކުޑް ޔޫ؟ އަހަރެން ހާދަ ހާސްވި އޭ. ޒީ، އެނގޭތަ އަހަރެން ރޭގަ ނުވެސް ނިދުނު. ޒީގެ ހަބަރެއް ނުވަނިސް ރަނގަޅަށް އެސްފިޔަވެސް ނުޖެހުނު. ކުރިން ބުނެލި ނަމަ އެއްނުން ތަ ރޭގަ ނާދެވޭނެ ވާހަކަ. އަހަރެން ހީކުރީ ޒީއަށް ކަމެއް ވީ ކަމަށް.” ކަންބޮޑުވެފައިވާ އަލްޔާ އޭނާގެ ހުރިހާ ކަންބޮޑުވުންތަކެއް ބަންޑުންކޮށްލިއެވެ.

“އަޅޭ، ސޮރީ އޭ. އަހަރެންގެ ފޯނު ހަލާކުވީ ވެއްޓިގެން. އެހެންވެ ނުބުނެވުނީ. މަލްގެ ފޯނުން އެހެންވެ އަހަރެން ދޮންބެއަށް މެސެޖު ކުރީ އިންސްޓާއިން.” އަލްޔާގެ ބުރަކަށީގައި ފިރުމައިލަމުން ޒީކް ބުންޏެވެ.

“ދެންވެސް އެކަހަލަ ކަމެއް ނުކުރާތި.” ޒީކް އާއި ދުރުވެލަމުން އަލްޔާ ބުނެލިއެވެ.

“ނުކުރާނަމޭ ދެނެއް. ހާސްނުވޭ.” ޒީކް އަނެއްކާވެސް ހިނިތުންވެލިއެވެ.

އުޝާން ގޮސް ޒީކްގެ ކޮނޑުގައި ހިފައިލައި ބާރުކޮށްލިއެވެ. ޒީކް އިސްހިއްލައިލައި ބަލައިލުމާއިއެކު އުޝާން ކުޑަ ހިނިތުންވުމެއް ދިނެވެ. އަދި މަޑުމަޑުން ކޮނޑުގައި ޖަހައިލުމަށްފަހު ނިކުމެގެން ދިޔައީއެވެ.

“އަހަރެން މިއަދު ނުދަން ކޮލެޖަކަށް. އަލް ދޭ.” އުޝާން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ޒީކް ބުންޏެވެ.

“އަހަރެން ވެސް ނުދާނަން އެހެން ވެއްޖެ އާ.” ކޮނޑުގައި އަޅުވައިފައިވި ދަބަސް އަތަށް ނަގަމުން އަލްޔާ ބުނެލިއެވެ.

ޒީކްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އޭނާގެ އަތުގައި ހިފައި ދަމަމުން އަލްޔާ އެތެރެއަށް ދުއްވައިގަތެވެ. ޒީކް ދަމަމުން އަލްޔާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

“ހިނގާ މިއަދު ބޭރަށް ދާން؟ ހޭންގް އައުޓްކޮށްލަން.” އަލްޔާ އޭނާގެ އަލަމާރި ހާވަން ފެށިއެވެ.

“އެ.. ކީތްވެ މިއަދު؟” ޒީކްއަށް ހުރެވުނީ ކުރަން ވީ ކޮން ކަމެއްކަން ނޭނގިފައެވެ.

ވާނީވެސް އެހެންތާއެވެ. އަލްޔާ ދުރުދުރުން އުޅެފައި ކުއްލިއަކަށް އެހެން ބުނުމުން އޭނާ ހުރީ ހައިރާންވެފައެވެ.

“ކީތްވެ ނޫނީ. ލުކް. އަހަރެންނަށް އެނގޭ ޒީ އައި ދުވަސްކޮޅު އަހަރެން އުޅުނީ ދުރުދުރުންކަން. އައިމް ސޮރީ ފޯރ ދެޓް. އަހަރެންނަށް މާ ބޮޑާ ވެވުނީ. އަހަރެން ބޭނުން އަހަރެމެންގެ އެކުވެރިކަން އަލުން ސްޓާރޓް އޯވާރ ކުރަން. އެއީ ޒީ ބޭނުމިއްޔާ. އަހަރެންނަކީވެސް ހަމަ ޒީ ގެ އެކުވެރިއަކު ގެ ގޮތުގައި ދެކޭނަން ތަ؟” ހުއްޓުން އަރައިފައި ހުރި ޒީކްއަށް ކުރިމަތިލަމުން އަލްޔާ އިސްޖަހައިލިއެވެ.

“އަހަރެން އެއްވެސް އިރެއްގައި އަލް އާއި މެދު ހިތް ބަރެއް ނުކުރަން. އެންޑް އިޓްސް އޯކޭ. އޮފްކޯސް. އަހަރެންވެސް ބޭނުން އަލުން އަލް އާއިއެކު އެކުވެރިކަން އަލުން ފައްޓަން.” ޒީކްގެ އެ ބުނުމާއިއެކު އަލްޔާ އަނެއްކާވެސް ޒީކްގެ ގައިގައި ބައްދައިލިއެވެ.

“ތެންކިއު ސޯ މަޗް، ޒީ.” އަލްޔާ އުފަލުން ހުރެ ބުންޏެވެ.

“އަލް، އަ ..ހަރެންގެ ނޭވް.. ވާ..” ބައްދައިލެވިފައިވާެއް ބާރުކަމުން ޒީކްއަށް ވާހަކަވެސް ދެއްކުނީ ކިރިޔާއެވެ.

“ސޮރީ، ސޮރީ.. ހިނގާ ހަވީރު ނިކުންނަމާ. ޒީގެ ރައްޓެހި ކުއްޖާވެސް ގެނޭ. އަހަރެންގެ މައްސަލައެއް ނެތް.” މަލްކާގެ ވާހަކަ ބުނުމާއިއެކު ޒީކް ހީލައިފައި ބޯ ޖަހައިލިއެވެ.

ހިނިތުންވުމުގައި ހުރެ އަލްޔާގެ ކޮޓަރިން ނިކުމެ، އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔަ ޒީކް ހުރީ ހިތް ހަމަ ޖެހިފައެވެ. ބޭރުން އައިސް ކަންތައްތައް މި ގޮތަށް އެހާ ފަސޭހައިން ހަމައަކަށް އެޅިދާނެކަމަށް އެއްވެސް ވަރަކަށް ހީނުކޮށް ހުއްޓައި އެކަން ވުމުންނެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ފަހަތުގައި އޭނާއަށް ލިބިދިޔަ އުފަލާއި ހިތްހަމަޖެހުމާއިއެކުގައިވެސް ކަންތައްތައް ބަދަލުވާނޭކަމަށް ހިތުގެ ކަނަކުން އޭނާއަށް އިންޒާރުދެމުން ދިޔައެވެ. އަނެއްކާވެސް ކުރިން ހިނގައި ދިޔަ ހާދިޘާ އަލުން ހިނގައި ނުވަތަ އެއަށްވުރެ ގޯސްކޮށް ކަމެއް ހިނގައިދާނެ ކަމުގެ ބިރުވެސް އޭނާގެ ހިތުތެރޭގައި އޮތެވެ.

ނުނިމޭ

 

ސަލާމް..

މި ބަޔަށް ފަހު އަޅުގަނޑުގެ ވާހަކަ ދެން ކުރިއަށް ގެންދެވޭނީ ޖޫން މަހުގައި. މި ދެމަހަށް އަޅުގަނޑު ލިޔެ ނިންމައިލި މި ބައި ކިޔުންތެރީންނަށް ކަމުދާނެކަމަށް އުންމީދުކުރަން. ކެތްތެރިކަމާއިއެކު ‘ވިހަ ލޯބި 8’ އަށް އިންތިޒާރުކުރައްވާ..!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

ލިބިދޭތޯ އިންނާނަން ލޯބިން-9

Next

އަބަދަށްޓަކައި ހިތުގެ ލޯބި 14

Next
March 31, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 14

Previews
March 31, 2025

ލިބިދޭތޯ އިންނާނަން ލޯބިން-9

4 Comments!

  1. Aara says:
    April 1, 2025 at 8:28 pm

    When’s next part

    1. afu.shvvn af.shyn says:
      April 1, 2025 at 10:39 pm

      IA, June 5 or 6 ga kiyaalan libeyne

  2. rosie says:
    April 2, 2025 at 12:13 am

    mi part ves nice honestly i like that zeek nuhaik ge interactions feels real and not forced like its kinda wholesome cuz i feel like in some stories a lot of people fall in love just for looks but meega i like their building chemistry and genuine conversations keep it up girl and good luck for your exams

    1. afu.shvvn af.shyn says:
      April 3, 2025 at 11:43 am

      aw thanks a lot. im just writing based on what i see around me. i dont see genuine love like everytime. im just trying to be more realistic

Comments are closed.

Next Episodeވިހަ ލޯބި 8←


All Right Reserved!