” މިޝްކާ”
ކަތި ނަޒަރަކުން ބަލާލި ނަމަވެސް އަޅާ ނުލާ ދިޔައީއެވެ. ހިތުގައި ރިއްސާލިއެވެ. އާއެކެވެ. އެއީ ހިތުގައި ބިންވަޅު ނެގުނު ސޫރައެވެ. ކިޔެވުމުގެ އިތުރަށް ހިތްއެދުނު ފުރަތަމަ ކަމެވެ.
އަހަންނާ މިޝްކާގެ ގުޅުން ފެށުނީ ޔުނިވަރސިޓީން އަހަރެންގެ ކިޔެވުމުގެ ބިންގާ އަޅަންފެށި ހިސާބުންނެވެ. މިޝްކާގެ މޭޖަރ އަކީ ބަޔޯމެޑިކަލް އިންޖިނިއަރިން ކަމުގައިވި ނަމަވެސް ބައެއް މޮޑިއުލްތައް ކިޔަވަން ޖެހުނީ އެކީގައެވެ. ނޭނގޭ ބައެއް ބައިތައް އޮޅުން ފިލުވުމަށް ޓަކައި މިޝްކާ އަހަންނަށް މެސެޖު ކުރާން ފެށިއެވެ. އޭރުގުޅުން ބަދަހިވެ ކިހާ ހިސާބަކަށް ދާނެކަން ވެސް ރޭކާ ނުލައެވެ. މެސެޖުން ފެށުނު ގުޅުން ލައިބްރަރީއާ ހަމައަށް ދިޔައެވެ. އިތުރަށް ގުޅުން ބަދަހިވެ އެކުގައި ކޮފީ ކުރެވުން އާދައަކަށްވިއެވެ.
އަހަންނަށް ކަމުދިޔައީ މިޝްކާގެ ދީންވެރިކަމެވެ. ހިތްވަރުގަދަކަމެވެ. ހެދުން އެޅުމުގައި ގެންގުޅޭ އުސޫލުތަކަކީ އަބަދު ވެސް އަހަރެން ބަލައިގަންނާނެ ގޮތްތަކެކެވެ. މީގެއިތުރުން، މިޝްކާގެ ހިތިފަތު ބުމައާއި މަޑު މުށި ކުލައިގެ ބޮޑޫ ދެލޮލަށް ބަލއި ފޫހި ނުވާނެވެ. ހަންގަނޑުގެ ކުލަ ގަދަ ނަމަވެސް މިޝްކާގެ ރީތި ކަމާ މެދު އެއްވެސް މީހެއް ޝައްކެއް ނުކުރާނެވެ.
އިސްވެ ލޯބި ހުށައެޅީ އަހަރެންނެވެ. ޖަވާބު ކިތަންމެ ފޮނި ނަމަވެސް ހަފްތާއެއް އެ ޖަވާބަށް މަޑުކުރުން ވީ ހިތި ކަމަކަށެވެ.
އާ ބަސް ދިނިމުން އަހަރެމެންގެ ލޯބީގެ ބާބު ފެށިގެންދިޔައީ އުފާވެރިކޮށެވެ. ތަރި ހަނދު ހެކިކޮށް ދުވަހަކު ވެސް ވަކި ނުވާން ވަޢުދާއި އަހުދު ކުރީމެވެ. ކިޔެވުމަށް ބުރޫ ނާރާނޭހެން، ރޭގަނޑާއި ދުވާލުގެ ވަގތުތަކުގައި ލޯބީގެ ގުލްޝަންގައި އެތައް މަލެއް ފޮޅުވީމެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވިއްސާރަ ވިލާތަށް ނަގައި ބަނަކޮށް އެ މާތައް ވިއްސި ވިހާލާނެ ކަން ނޭނގޭ ހާލުއެވެ.
މަންމަ ބަލިވުމުން ޔޫކޭ ދޫކޮށް މިޝްކާއަށް ދާންް ޖެހުނެވެ. އާއިލާގެ ހުރި ހަމަ އެކަނި ދަރިއަކީ މިޝްކާއަށްކަމަށް ވުމުންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން މިޝްކާގެ ބައްޕަ ނިޔާވިއެވެ. ކިހާ ބޮޑު އިމްތިހާނެއް ހެއްޔެވެ؟
މާލެ ދިއުމަށް ފަހު އަހަންނަށް މިޝްކާގެ މެސެޖެއް ނުލިބެއެވެ. ގުޅިއަސް ފޯނެއް ނުނަގައެވެ.މިޝްކާގެ ހަޔާތެކޭ އެއްގޮތަށް އަހަރެންގެ ހަޔާތުގެ ހަނދު ވެސް އޮއްސުނެވެ. މާޔޫސީ ދުވަސްތަކާއެކު ކުރިމަތިލާން ޖެހުނީ ޔުނިވަރސިޓީގެ އިމްތިހާނާއެވެ. ހިތްވަރާއެކު ބޭނުންވާ ނަތީޖާ ހާސިލް ކުރެވުނަސް މިޝްކާގެ ހަނދާން ނުވާ ސިކުންތެއް ނުދެއެވެ. އެ ސޫރަ ފެންނަހެން ހީނުވާ ވަގުތެއް ނުދެއެވެ. އެ އަޑު ކަންފަތުގައި ނުޖެހޭ އިރެއް ނުދެއެވެ. އެ މީރުވަސް ނޭފަތު ކުރީގައި ތާޒާކަމާ އެކު ނުވާ ހިނދުކޮޅެއް ނުދެއެވެ.
ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އަދު ވެސް އެ ދިނީ ބީރު ކަންފަތެކެވެ. އަދި އަހަރެން މިޝްކާ ހޯދާނަމަވެ. ހތްވަރު އެލުވާލާ ގޭގައި އޮތުމަކީ އެއްގޮތަކަށް ވެސް އަހަރެން ކުރާނޭ ކަމެއް ނޫނެވެ.
*****
މާމަގެ މޫނު ފެނުމުން އަހަރެންނަށް ކުރެވުނީ އެހެން ކަހަލަ އިހުސާސެކެވެ. މިވީ 5 އަހަރު ތެރޭގައި މާމަގެ ހަށިގަނޑު ނިކަމެތިވެފައވާވަރު ފެނުމުން ހިތަށް އެތައް އަސަރެއް ކުރިއެވެ. ދެލޯ ކާރި ކަޅުވެފައިވުމުން މާމަ ވަރަށް ބޮޑު ބައްޔެއް ތަހައްމަލު ކުރާކަން ވަރަށް ސާފުކޮށް ބުނެދެއެވެ.
”މާމަ ބަލީތަ؟” އަހަރެން މާމަ އާ ކުރެވުނު ފުރަތަމަ ސަލާމަކީ އެއީއެވެ.
”ދަރިފުޅާ މާމަ ހާދަ އުފާ ވެއްޖޭ..” ބާރު ހިނގުމެއްގައި މާމަ އައިސް އަހަރެންގެގައިގައި އޮޅުލައިގަތެވެ.
”މާމަ ހަމަ އޮކޭތަ” އަނެއްކާ ވެސް ތަކުރާރު ކޮށްލީމެވެ.
”ދަރިފުޅު އައީމަ މާމަ ބަލިވޭތަ؟” މާމަ ޖަވާބު ދޭން ނޫޅޭ ކަހަލައެވެ.
އަހރެންނަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ މާމަ އަހަރެން ގެންދިޔައީ ކެއުމަށް އިންސާފު ކުރާށެވެ. ސުފުރާ މަތީގައި އަހަރެންނަށް ކަމުދާނެ ހުރިހާ ބާވަތެއް ހުއްޓެވެ. އެތައް ދުވަހަކށް ފަު މާމަގެ އަތުން ތައްޔާރުކޮށްފައިވާ ކާނާ ކެއުމުގެ ނަސީބު ލިބުމުން ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެންދިޔައެވެ.
”ދަރިފުޅު މީހަކާ އިންނަނީ ކޮން އިރަކު؟” މާމަ ކޮށްލި ސުވާލާ އެކު މިޝްކާގެ ހަނދާންތައް ތާޒާ ވެގެންދިޔައެވެ.
” އަދި މާ އަވސްވީމަ ނުވިސްނަން.” އަހަރެން ހެދީ ދޮގެކެވެ. އަހަރެން މީހަކާ އިންނަން ވިސްނީމެވެ. އެއީ މިޝްކާއާއެވެ. އެހެން ފަރާތަކަށް އަހަރެންގެ ހިތުން ޖާގައެއް ދުވަހަކު ވެސް ހުހެއް ނުވާނެވެ.
” މާމަ އަށް ހީވަނީ މިހާރު މާ ލަސްވެއްޖެހެން، ހަމަ ކަމުދާ ކުއްޖެއް ނެތްތަ؟” މާމަ އަނެއްކާ ވެސް ކޮށްލީ ސުވާލެކެވެ.
”ފަހުން ކިޔާދޭނަން” މާމަގެ ގޮތް އަހަރެންނަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. މިޝްކާގެ ވާހަކަތައް ކިޔާދޭން ނިންމީ މާމަ ކުރު ނުކުާނކަން އެނގޭތީއެވެ.
”މިރޭ ކިޔާދޭންވާނެ،” މާމަ ކޮށްލީ އަމުރެކެވެ.
”މާމަގެ ބަލީގެ ވާހަކަ ވެސް ކިޔާދޭ މަތިން”އަހަރެން ޝަރުތު އިއްވާލީމެވެ. މާމަ ވެސް އެއްބަސް ވިއެވެ.
ކެއުމަށްފަހު އަހަރެން ކޮޓަރިއަށްވަނީ އަރާމް ކޮށްލާށެވެ. ހޭލެވުނީ ރޭގނޑު މާމަ ގޮވުމުންނެވެ.
”މަކަރު ހަދަން ނިދަނީ ދޯ” އަހަރެންވި ވައުދުގެ މަތިން ހަނދާން ކޮށްދެމުން މާމަ ބުނެލިއެވެ.
”ނޫންް….. އެއީ މިޝްކާ….” އަހަރެން އަވަސް އަވަހށް ބުނީމެވެ.
”ނަން އެކަނި ބުނެގެން ފުދޭތަ؟ އަނެއްކާ ބޭރު ޔަހޫދީ ނޫނީ ނަސާރާ ދީން ކުއްޖެއްތަ؟” މާމގެ މޫނު މަތިން ކަންބޮޑުވުން ފާޅުވުމުން އަހަރެންގެ ގާތށް ހިނި އައެވެ.
”ނޫނޭ ބުދު ދީނުގެ ކުއްޖެއް.. އެހެންވެ މިކަން ނުނިމިގެން މިއުޅެނި” އަހަރެން އެހެން ބުނެލީ ކުޅިވަރަކަށެވެ.
”އާދިލް، ކޮން ދުވަހަކުންތަ ތި ގޮތް ދޫކޮށްލާނީ” މާމަ އިތުރަށް ހާވާހެން ހީވުމުން މިޝްކާގެ ހުރިހާ ވާހަކަ އެއް އަހަރެން ކިޔާދިނީމެވެ.
”ދެން އެ ކުއްޖަ ހޯދާކަށް ނޫޅެންތަ؟” މާމަ އަނެއްކާ ވެސް ސުވާލެއް ކޮށްލިއެވެ.
”ނޫން،، އަދި ހޯދާނަން… އަސްލު މާމައަށް ކިހިނެއްތަވީ” އަހަރެން ސީިއަސްވެލީމެވެ.
”ފުއްޕާމޭގެ ކެންސަރ، ސްޓޭޖް 2”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
