ބަދަލް…8
ތިންމަސް ފަސް…..
ތިންމަސް ފާއިތުވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ދުނިޔޭގެ ފޮތުން ސަފްހާއަކަށްފަހު ސަފްހާއެއް އުކެމުންދިޔައީ އެކިމީހުންނަށް އެކިހާލު ޖައްސަމުންނެވެ. ތިންމަސްފާއިތުވެގެންދިޔައިރު، ރަޔަންއަކަށް އޭނާގެ މައިންބަފައިންވީ ހިސާބެއްވެސް ނޭނގެއެވެ. އޮފީހަށްގޮސް އެތައްފަހަރެއްގެމަތިން އެހުމުންވެސް ބުނީ އެއްވެސް މަޢުލޫމާތެއް ނުލިބޭކަމަށެވެ. ރަޔަން އަމިއްލައަށްވެސް އެތައްފަަހަރެއްގެމަތިން އެމީހުން ހޯދަން އެތައް މަސައްކަތެއްކޮށްފިއެވެ. ނަމަވެސް، އެއްވެސް ކުރިއެރުމެއް ލިބިފައެއްނެތެވެ.
އިރުއޮއްސެމުންދިޔަ ވަގުތު ރަތްވިލާތަކުގެ ދަޅަތަކުން މުޅިއުޑުމަތިވަނީ އެއްކުލަކުރުވާފައެވެ. ދުނިޔެމަތި އަނދިރިވަމުން ދިޔަވަރަކަށް ހަވީރު ފިނިބުރުޖަހަން އުޅުނުމީހުންވެސްދިޔައީ މަދުވަމުންނެވެ. އޮއްސެމުންދިޔަ އިރުގެ އެންމެފަހު ދޯދިތައް ދުނިޔެއަށް އަލްވަދާއުކީވަގުތު ރަޔަންއާއި ޒިވިޔަންތިބީ ސުނާމީބިނާގައެވެ. ޒިވިޔަންގެ އަތުގައި ހިފާލައިގެން، ކޮނޑުގައި ބޯއަޅާލައިގެން ރަޔަންއޮތީ ފުން ޚިޔާލަކަށް ގެއްލިފައެވެ. “ރެން…. ހިނގާބަ ގެއަށްދާން، މިހާރު ބަންގިވެސް ގޮވައިފި…. މިއަދު އެއްވެސް އެއޗެއް ކެއިންތަ؟”. “ހްމްމް… މެނދުރު ރޮއްޓާއި ކުޅިމަސްކެއިން”. ކިރިޔާ ޒިވިޔަންއަށް އަޑުއިވޭވަރަށް ރަޔަން ބުނެލިއެވެ. “ޒިވް އެއްޗެއް ހަދައިދެންތަ، އެނީތިންގް ޔޫ ވޯންޓް”. “ކާހިތެއްނެތް”. ރަޔަން ތެދުވެ، ކުޑަކޮށް ހަމަޖެހިލަމުން ބުނެލިއެވެ.
ޒިވިޔަން ގެއަށްލާފައި ރަޔަންވެސް އައީ ގެއަށެވެ. ފޯނާކުޅެމުން، ސިޑިބަރިތައް ހުރަސްކުރަމުންދިޔަ ރަޔަން ކުއްލިއަކަށް ސިއްސައިގެންދިޔައީ ރިޔާނާއާއި ރިޔާދު އުޅޭ އެޕާޓްމަންޓްގެ ބޮކިތައް ދިއްލާފައިހުރުމުންނެވެ. ހަމަގައިމުވެސް ރަޔަން ރޭގައި އެތަނަށް ވަދެފައި ނިކުންނަމުން ހުރިހާ ބޮތްކަކާއި ފަންކާތައް ނިއްވިއެވެ. ބޭރުގައި އެއްވެސް ފައިވާނެއް ފެންނަން ނެތުމުން ރަޔަން ކުޑަކޮށް ބިރުގަންނަގޮތްވެސް ވިއެވެ. ދާން، ނުދާން ހުރެފައިވެސް ރަޔަން އެޕާޓްމަންޓާ ދިމާލަށް ހިނގައިގަތެވެ. ތަޅަށް ތަޅުދަނޑި ހެޔޮވަރުކޮށްލުމަށްފަހު އަނބުރާލުމުން ހުޅުވުނު ދޮރުންއެތެރެއަށްވައިން ރަޔަންހުރީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައެވެ.
ބަރާބަރު ތިންމަސްފަހުން މަންމައާއި ބައްޕަ ފެނުމުން ފެންކަޅިވާންފެށިއެވެ. ރިޔާނާއާއި ރިޔާދުގެ ހާލަކީތޯއެވެ؟ ދެލޮލުގެ ކޮއިފަދައިން ލޯބިވާ ދަރިފުޅުގެ މިލާވެފައިވާ މޫނުފެނި ހިތުގައި ރިއްސާލިއެވެ. ރަޔަން މާގިނައިރު ބަލަންނުހުރެ އެމީހުން ގައިގައި ބައްދައިގަތެވެ. އަދި ގިސްލަގިސްލާފައި ރޮމުންދިޔައެވެ. މަންމައާއި ބައްޕަ ގައިގައި ބައްދައިގެންހުރެ ހިތްފުރޭވަރަށް ރޯލުމަށްފަހު ރަޔަން ފަހަތަށް ދިޔަވަޅެއް އަޅާލިއެވެ. އަދި ހިތުގައި މިއޮށްހުރިހާ ދުވަހު ފޮރުވައިގެން އުޅުނު ޝަކުވާތައް ބޭރުކޮށްލަން ނިންމިއެވެ. “މަންމާ…ބައްޕާ… މިއޮށް ހުރިހާދުވަހު ކީއްވެ އެންމެ ފަހަރަކުވެސް ގުޅާނުލީ، ކުޑަމިނުން ކީއްވެ ބުނެނުލީ”. ކުރަކިވެފައިވާ އަޑަކުން ރަޔަން ވާހަކަދައްކަމުންދިޔައެވެ. “ދަރިފުޅާ، މަންމަމެންނަށް މާފް-” ރިޔާނާއަށް ބުނަންއުޅުނު އެތި ފުރިހަމަނުކުރެވެނީސް އަނެއްކާވެސް ރަޔަން ފެށިއެވެ. “މާފްކުރާށޭ ބުނާއިރު މަންމައަށް އެނގޭތަ ކޮންމެފަހަރަކު ތިހެންހެދީމަ ރަޔަން އުޅެންޖެހޭ ހާލު؟، އާނ ކިހިނެއްދޯ އެނގޭނީ މުދަލާ ފައިސާއާއި ހުރީމަ ހުރިހާކަމެއްވެސް ނިމުނީއެއްނު”. ހިތުގައިޖެހިފައި ހުރިލެއް ބޮޑުކަމުން ރަޔަން ހަމައިންނެއްޓިފައި ހުރިކަހަލައެވެ. “ރަޔަންން… ތިކިޔޭ އެއްޗެއް އެބަ އެނގޭތަ”. “އާނ އެނގޭ…. އުމުރުން އެންމެ ހަތަރު އަހަރުން ސުރެން ރަޔަން މިކަންތައްތައް އެބަ ތަހައްމަލް ކުރަން. ބައްޕައަށް އެނގޭތަ މި ވޭތުވެދިޔަ ތިންމަސްތެރޭ ރަޔަން އުޅުނު ހާލު، އަބަދު ކޮންމެސް ބިރުވެރިކަމެއް ތެރޭގަ، ބައްޕަމެންނަށް ކަމެއްވީއޭ ހިތަށްއަރާ ހަމަޖެހިއެއްނުލެވޭ އެންމެ އިރުކޮޅަކަށްވެސް. އެވަރުންވެސް ހަނުހުންނަންވީތަ؟”. ދުވަހަކުވެސް މައިންބަފައިންނާ ދިމާލަށް ބާރަށް އެއްޗެއް ބުނެފައިނުވާއިރު މިހެން ކަންތައްވުމުން ރަޔަން އިންތިހާއަށް މާޔޫސްވެސް ވިއެވެ. “ރަޔަން، ބައްޕަމެން ޤަބޫލުކުރަން ދަރިފުޅު ވަރަށް ދެރަވެއްޖެކަން. ވަރަށް ގިނަދުވަހު އަނދިރީގަވެސް ބެހެއްޓިއްޖެ. އެހެންމަ ބައްޕަ ދެން އިތުރަކަށް ނެތިން އެއްވެސްކަމެއް ފޮރުވާކަށް، ދަރިފުޅަށް މިކަން އެނގުން ހައްގު “. ރިޔާދު އެހެންބުނެލިވަގުތުވީ ޒިވިޔަންވެސް އައިސް އެ އެޕާޓްމަންޓަށް ވައިންވަގުތަށެވެ. ނަމަވެސް މަސްލަހަތު ރަނގަޅު ނޫންކަން އެނގިހުރެ އަނބުރާ އައިކޮޅަށްދާން އެނބުރުމުން ރަޔަން އޭނާގެ އަތުގައި ހިފާ މަޑުކުރުވިއެވެ. ރަޔަން އެހެންހެދުމުން ޒިވިޔަންއަށް ދާކަށްނުކެރުނެވެ. ހުރިތާ ގަނޑުވެފައިހުރީ އިތުރުގޮތެއްނެތުމުންނެވެ. ޒިވިޔަން ސޯފާގައި އިށީނުމުން ރިޔާދު ވާހަކަދައްކަން ފެށިއެވެ.
“މިކަން މިހެން އެންމެ ފުރަތަމަވާންފެށީ ރަޔަން ވިހައި، ގަދަވެގެން މަންމަ އޮފީހަށް ނިކުންނަން ފެށިދުވަސްކޮޅުގަ. އެދުވަސްކޮޅުވީ ބިޒްނަސްވެސް އެންމެ ކުރިއަރައިގެންދިޔަ ދުވަސްކޮޅަށް. ބޮޑެތި އެހެން ކުންފުނިތަކުން، އެއްބަޔަކަށްވުރެ އަނެއްބަޔަކު ދިޔައީ މޮޅެތި ޑީލްތައް ހުޝަހަޅަމުން. އެންމެފަހުން ބައްޕަމެން ނިންމީ ވަރަށް ކޮނެގެން އެންމެ ރަނގަޅު ޑީލްގަ ހިފާފަ އެހެން އެއްޗިހި އުވާލަން. އެކަމަކު ކަންދިމާކުރިގޮތުން ބައްޕަމެން ގަބޫލުވި ޑީލްވެގެންދިޔައީ މުޅި ދާއިރާގަވެސް ހެދުނު އެންމެ ބޮޑު މިސްޓޭކަށް. އޭތި ގަބޫލުކުރުމަށްފަހު ދެންޖެހުނީ އެމީހުންގެ ޕަޕެޓްތަކެއްހެން އުޅެން. އެންމެ ފުރަތަމަ އެއްވެސް ޝަކުވާއެއްނެތި އެމީހުން ހެދިހާ ގޮތަކަށް ހެދިގެން އުޅުނީ އިތުރުގޮތެއްނެތީމަ. ދެން ދުވަސްކޮޅަކުން އެމީހުން ކިޔަންފެށި ކުންފުނީގެ ފަންސާސް އިންސައްތަ ދޭން، އެކަމަކު ބައްޕަމެން ވަރަށް އާދޭސްކޮށްގެން ނިންމީ މެލޭޝިޔާގަ ހުންނަ ބްރާންޗް އެމީހުންނަށްދީފަ ޑިލްވެސް އުވާލަން. އެމީހުން ކޮންމެފަހަރަކު ބިރުދައްކައިގެން ބައްޕަމެން ގެންގޮއްސަ ބައިތިއްބަނީ ފާޑެއްގެ ކޮޓަރި ގަނޑެއްގަ، ކާންވެސްނުދީ. އެކަމަކު މިފަހަރު އެމީހުން ބުނިވަރަށް ފައިސާދީފަ މިއައީ، ދެން އިރާދުކުރެއްވިއްޔާ އެމީހުންގެ އުނދަގުލެއްނުވާނެ. ދަރިފުޅު ބޮޑުވެގެންއައިއިރު ބައްޕަމެންނަށް ދަރިފުޅު ކައިރީގަ ނުހުރެވުނު ކަމައްޓަކައި ވަރަށް ބޮޑަށް ސޮރީ. ދެން ބައްޕަމެން ތިބޭނީ އަބަދުވެސް ދަރިފުޅު ކައިރީ”. ރިޔާދު ހުރިހާ ވާހަކައެއްކިޔައިދީ ނިމުންއިރު ރަޔަން ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. އޭނާގެ ލޯބިވާ މައިންބަފައިން އުޅުނު ހާލަތު ވިސްނާލުމުން ހިތަށް ތޫނު ތަދެއް އަރައިގެންދިޔައެވެ. “ނޫން….. މަންމަވެސް ބައްޕަވެސް ނުޖެހޭނެ ރަޔަން ކައިރިން މާފަށް އެދޭކަށް. އަސްލު، މާފަށް އެދެން ޖެހޭނީ ރަޔަން. އެއީ މުޅިން ނުބައިކޮށް ވިސްނުނީމަ. ރުޅިއާދެވުނީމަ. އައިމް ސޮރީ.” ވަތަށް އިސްޖަހައިގެންހުރެ ރަޔަން މިހެންބުނުމުން ރިޔާނާއާއި ރިޔާދު، ރަޔަން ގައިގައި ބާރަށް ބައްދައިގަތެވެ. މި އުފާވެރި މަންޒަރުބަލަން ދުރުގައި އިން ޒިވިޔަންވެސް އިނީ ފެންކަޅިވެފައެވެ. އެތަށް ދުވަހަކަށްފަހު އޭނާގެ ލޯބިވެރިޔާގެ ހަޔާތަށް އައި ކޮޅިގަނޑުގޮސް އަނބުރާ އުފާވެރިކަމަށް އިޔާދަވުމުން ކަލާނގެ ހަޟުރަތަށް ހާސްފަހަރު ޝުކުރުވެސްކުރިއެވެ.
“މަންމަ މިފަހަރު މެލޭއިން ގެނައިމޭ މަންމަގެ ޒިވްއަށް ވަރަށް ޚާއްސަ އެއްޗެއް.” މުޅިތަނަށް ވެރިވެފައިވާ ސީރިއަސްކަން ކަނޑުވާލަމުން ރިޔާނާ، ރަޔަންއާ ދިމާލަށް ބަލާލަމުން ބުންޏެވެ. “އެތެދެކޭ ކޮންމެ ރެޔަކު ބާޒާރުކުރަންގޮސް އަބަދު ދައްކާނީ ޒިވްގެ ވާހަކަ”. ރިޔާދުވެސް ހިނިގަނޑެއްޖަހާލަމުން ރިޔާނާގެ ސަމާސާގައި ބައިވެރިވެލިއެވެ. “ޒިވްއަށް އެނގެއޭ ރިޔާނާއްތައާ ރިޔާދުބެއާ ކޮންމެތާކު ހުއްޓަސް ޒިވްމަތިން ހަނދާންނައްތާނުލާނެކަން”. ޒިވިޔަން އެހެންބުނުމުން ރިޔާނާ ކޮޓަރިއަށްވަދެ ކުޑަކޮތަޅެއްހިފައިން ބޭރަށް ނިކުތެވެ. އަދި ޒިވިޔަންއާއި ރަޔަން ތިބި ސޯފާގެ ކުރިމައްޗައްވާނެހެން ގޮނޑިއެއްއަޅާ ޒިވިޔަންކައިރީގައި އިށީނދެލިއެވެ. ހަމައެފަދައިން، ރިޔާދުވެސް ރިޔާނާއިން ގޮނޑިކައިރި ދެއަތް ފުރަގަހަށްލައިގެން ހުއްޓުނެވެ. އިރުކޮޅަކުން އެކޮތަޅުތެރެއިން ރިޔާނާނެގީ ހުދުކުލައިގެ ބޭރުނުފެއްނަ ފޮއްޓެކެވެ. އެވަގުތު ޒިވިޔަންގެ ހިތް ނޭނގޭބާރުމިނެއްގައި ތެޅެމުންދިޔައެވެ. ދެން އެފޮށިތެރެއިން ނެގި އެތިން ރަޔަންގެ އަނގަ ތައިންމިނަށް ހުޅުވިގެންދިޔައެވެ. އެފޮށިތެރެއިން ރިޔާނާ ނެގީ ‘ޒިވް’ ޖަހައިފައި އިން ދެ ކެވެލިފަށްކޮޅާއި، އެއްވެސް އެއްޗެއް ޖަހާފައިނެތް ފައިކެވެލި ޖޯޑެވެ. “މީ ޒިވްއަށް މަންމައާއި ބައްޕަދޭ ވަރަށް ޚާއްސަ ހަދިޔާއެއް”. ޒިވިޔަންގެ އަތުގައި ކެވެލިފަށް އަޅުވައިދިނީ ރިޔާދުއެވެ. އަދި އޭނާގެ ފައިކެވެލިތައް އަޅުވައިދިނީ ރިޔާނާއެވެ. “ތެންކިޔޫ ސޯމަޗް ރިޔާނައްތަ އެންޑް ރިޔާދުބެ”. ރިޔާނާއާއި ރިޔާދު ގައިގައި ކުޑަކޮށް ބައްދާލަމުން ޒިވިޔަން ބުނެލިއެވެ. ރަޔަންވެސް ސޯފާގައި މި މަންޒަރުބަލަން އިނެވެ. ރަޔަންގެ ހިތުގެ މަލިކާދެކެ މަންމައާއި ބައްޕައެހާ ލޯބިވާކަން އެނގުމުން ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. “ޒިވް ދެން ހިނގާދޯ ގެއަށްދާން، މިހާރު އެއޮށް ގަޑިން ބާރަޖަހަނީ”. އަތުކުރީ އަޅާފައިއޮތް ގަޑިއަށް ބަލާލަމުން ރަޔަން ބުނެލިއެވެ. “އާނ އަދި ހަނދާންނެތުނީއޭ ރެން ކައިރި ބުނަން، މަންމެން އެއުޅެނީ ލަންޑަންއަށް ދާންވެގެން، ދެން އެންމެ އަވަހަށް އާދެވޭނީ ދެއަހަރު ފަހުންނޯ އަދި ބުނި ރެން ކައިރި ބުނާށޯ ރިޔާނައްތަމެން ގޮވައިގެން އަންނަން ހުކުރުދުވަހު މެންދުރު ކާން”. “ލައްބަ، ބުނެލާނަން މަންމަމެނަކައިރި….. އެކަމް އޭރުން ޒިވް އެކަނިތަ ގޭގަ އުޅޭނީ؟”. ރަޔަންގެ އަޑުން އެކަނިވެސް ހާސްވެފައިވާ މިންވަރު ޒިވިޔަންއަށް އެނގުނެވެ. “ނޫން، ދޮންބެ އުޅޭނެ އެކަމް ދެމަސްފަހުން ދޮންބެވެސް ދާނެ އެކޮޅަށް، އޭރުން ދެން ޒިވް އެކަނި އުޅޭނީ، އެކޮޅަށް ޒިވް ދާނަންހޭ އެހީމަ ޒިވްބުނީ ނޫނެކޭ، ދެން އެހެންނޫނަސް ކިހިނެއް ޒިވްގެ ލޯބިވާ ރެންއާ އެހާދުރަށްދާނީ…. ވަރަށް ވަރުން އެއްބަސްވީވެސް ޒިވް ބަހައްޓާފަދާން…. ދެން ރަނގަޅުވާނެއޭ، ޒިވްއަށް އަމިއްލައަށް އުޅެވޭނެއޭ”. ރަޔަން ހަމަޖައްސާލަން ޒިވިޔަން ބުންޏެވެ. ރަޔަންވެސް އިތުރަށް އެވާހަކަނުދައްކާ ބޯޖަހާލިއެވެ. ނަމަވެސް ރަޔަން ޒިވިޔަން އެކަނި އެގޭގައި އުޅޭކަށް ދޫކޮށެއްނުލާނެއެވެ. މިވަގުތަށް އެއްބަސްވީ ޒިވިޔަންގެ ދޮންބެ، ޒައިކް އެގޭގައި އުޅޭނެވާހަކަ ބުނުމުންނެވެ. ޒައިކް، ޒިވިޔަންއަށް ވަރަށް ރަނގަޅަށް ބަލާނެކަން ރަޔަންއަށް ޔަޤީންކުރެވޭތީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


hiiii girlll!!
cover pic hama vrh Aesthetic ingey vrh salhi 😍
mi part vx vrh reethi Masha Allah ❤️
rayan n ziv vrh cute
take care 💗
vrh loabiveyyyy manjeyy vrh miss vx veyyy 😘😘😘
helloooo leeshaa
hehe all thanks to my good friendddd
Thankuuuuu
arn dhww emeehun hama habeysss
yuuuu tooo
love you moreee and miss u moreeeee