ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 10)
ކިފްލު ތަންކޮޅެއް އަޑު ހަރުކޮށް އަދާރާގެ ނަމުން ގޮވައިލުމުން އަދާރާ ނިކަން ފަސޭހައިން އޭނާއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.ކިފްލު ކުރިއަށް ޖެހިލައި، މަޑު މަޑުން އަދާރާގެ ނިތުގައި ޝަހާދަތް އިނގިލި ކުރި ޖައްސައިލިއެވެ.ކަނޑައިލި ރުކެއްހެން ވަގުތުން އަދާރާ އޭނާގެ އަތްދަނޑިމައްޗަށް ދެމިއްޖެއެވެ.
****
އަދާރާއަށް ހޭވެރިކަމެއްވީ އިރު އޭނާއަށް ހުރެވުނީ ގޭ ދޮރުއަށި ކައިރީގައެވެ.ހަމަ ކުރިން ހެން އޭނާގެ ހަނދާނުގައި ހުރީ ކިފްލު އޭނާއަށް ދެއްކި މަންޒަރުތައް އެކަންޏެވެ.
****
’އަދާރާ އަވަހަށް އެތެރެއަށް ވަދޭ ދެން.އަހަރެން ވެސް މިދަނީ.‘ އަވަސް ރާގެއްގައި ކިފްލު ބުނެލިއެވެ.
’މާދަން ރޭ ވެސް އަންނާނަން ދޯ.‘ ކިފްލު ދާން ހިނގައިގަންނަން އުޅުމުން އަދާރާ ބުނެލިއެވެ.ކިފްލު ފޮނުވާލަން އޭނާ ބޭނުން ނުވެފައި ހުރި ކަހަލައެވެ.
’އަދާރާ ނުބުންޏަސް އަހަރެންް އަންނާނަމޭ. އަދި އަމުދުން ތީ މިހާރު އަހަރެންގެ މީހަކަށް ވީމައި ދެން ކިހިނެއްތަ އަހަރެން ދުރުގައި ހުންނާނީ؟‘ އަދާރާއާއި ގާތްވެލަމުން ކިފްލު ބުނެލިއެވެ. ކިފްލުގެ އެ ޖުމްލައިން އަދާރާއަށް އޭނާގެ ބަނޑު ތެރޭގައި ކުދި ކޮކާތަކެއް ހަރަކާތްތެރިވެގަތް ފަދަ އިހުސާސެއް ކުރެވުނެވެ.
****
’ދެން ވަދޭ އެތެރެއަށް….ބަންގި ގޮވަން އެ އުޅެނީ…ހަލީމައްތަ ފިރިމީހާވެސް ނުކުންނާނެ މިސްކިތައް ދާން…އަހަރެމެން މިތާ ތިއްބާ ފެނިއްޖެއްޔާ އެއް ގޮތަކަށްވެސް ކަމަކު ނުދާނެ.‘ ކިފްލު ބުނެލިއެވެ.ކިތަންމެ ކިފްލު ފޮނުވާލާ ހިތް ނުވިޔަސް އަދާރާއަށްވެސް ކިފްލުއާއި އެވަގުތަށް ވަކިވާން މަޖުބޫރުވިއެވެ.
****
އަދާރާ ދޮރުއަށި ހުޅުވާލައިފައިވެސް އެތެރެއަށް ވަންނަ ހިތް ނުވެގެން އެނބުރި ކިފްލުގެ އާއި ހަތަރުކަޅި ހަމަކޮށް ލިއެވެ. އެ ދެލޮލުން ކިފްލު ގާތުގައި އޭނާ ދިޔަނުދީ ހުއްޓުވާށޭ ބުނަމުން ދިޔަ ކަހަލައެވެ. ކިފްލު ވަރަށް ހިނިއައިސްފައި ބަލަހައްޓައިގެން ހުއްޓެވެ.
****
’މިއާއޮ‘
އައި ނައި ދިމާލެއް ނޭނގި ކުއްލިއަކަށް ސޫޖީ އައިސް އަދާރާގެ ފައިގައި ކޭއްތިލިހާއިރަކަށް ސިހިފައި އަދާރާއަށް އެ ދިމާލަށް ބަލައިލެވުނެވެ. އެހެނަސް ދެވަނަ ސިކުންތު އޭނާ ކިފްލު ހުރި ދިމާލަށް އަނެއްކާވެސް ނަޒަރު ސީދާ ކޮށްލިއިރު ކިފްލު ޖެހިތާ ލަކުނުވެސް ނެތެވެ.އަދާރާގެ މެއަށް ނުބައި ގޮތެއް ވެގެން ދިޔައެވެ.އެހާ އަވަހަށް ކިފްލު އެ ދިޔައީ ކިހިނެއް ހެއްޔެވެ؟ ގައިމު ކިފްލު ދުއްވައިގަތް ނަމަވެސް އޭނާއަށް އެ އަޑު އިވުނީހެވެ.ހިނގައިފައި ދިޔަ ނަމަވެސް އަދި އޭނާގެ ލޮލުކޮޅަށް ކިފްލު ގެއްލޭހާ އިރެއްވެސް ނުވެއެވެ. ބިރު ގަތް ވަރުން އަދާރާގެ ހިތް ބާރު ބާރަށް ނެގި ނެގިފައި ޖެހެންފެށިއެވެ. އޭނާ އަވަސް އަވަހަށް ސޫޖީ ނަގާ އުރާލައިގެން އެތެރެއަށް ދެމިގަތެވެ.އެވަގުތު ފަތިސްނަމާދު ބަންގީގެ އަޑުން މާހައުލަށް ވެރިވެފައި އޮތް މަރު ފަދަ ހިމޭންކަން ފޫއަޅުވާލައިފިއެވެ.އަދާރާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.
****
ކިފްލު ތެދުވެ އުޅޭތަން ނުފެންނާތީ ކަންބޮޑުވެގެން ޙުއްބާ އައިސް ކިފްލުގެ ކޮޓަރި ދޮރުގައި ޓަކި ދިނެވެ. އެހެންޏާ ކިފްލުއަކީ ފަތިސް ނަމާދަށް ތެދުވެފައި ދެން ނިދާ މީހެއްވެސް ނޫނެވެ. އެ ގަޑީ ގިނައިން އޭނާ އުޅޭނީވެސް ޗަންކީ ގޮވައިގެން ބޭރުގައެވެ.
****
ޙުއްބާ ދެތިން ފަހަރަކު ކިފްލުގެ ނަމުން ގޮވައިލި ފަހުން، ބަލި އަޑަކުން ވަންނާށޭ ބުނި އަޑު އިވުނެވެ. ޙުއްބާ ވަގުތުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އިރު ކިފްލު އޮތީ ޑުވޭ ދަށުގައި މޫނާއި އެއްކޮށް ފޮރުވިލައިގެންނެވެ.އެއީ ކިފްލު ދުވަހަކުވެސް ނިދަން އޮންނަ ގޮތެއް ނޫނެވެ.ކިފްލުގެ ގޮތް ޙުއްބާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ.
****
ޙުއްބާ ގޮސް ކިފްލުގެ މަގަތުގައި އިށީނދެ ޑުވޭގައި ހިފަައި ތިރިކޮށްލިއެވެ. އެވަގުތު ކިފްލުގެ ދޮން ފޫޑު ވެފައިވާ މޫނާއި އޭނާގެ އަނގަ ކައިރީގައި ފޮނުތައް ހިކިފައި ހުރި ރޮނގު ފެނި، ޙުއްބާ ވަގުތުން ކިފްލުގެ ނިތްކުރިއާއި ކަނދުރާގައި އަތްތިލަ ހާކައިލައިފިއެވެ.
****
’ސުބުޙާނަﷲ ހާދަ ހުންގަދައޭ…‘ ޙުއްބާއަށް ބުނެވުނެވެ.ކައްޓެއް ޖެހިހެން ތެދުވެ، އޭނާ އަވަސްވެގަތީ ކިފްލުގެ ގައިގައި ފެން ހޭކުމަށެވެ.
****
ކިފްލުގެ ގައިގައި ފެން ހާކަންވެގެން ޙުއްބާ ޑުވޭ ނަގައި އެއްފަރާތް ކޮށްލިއެވެ.ކިފްލު ނިދަން ލައިގެން އޮތް ކުރުތާ ކުޑަކޮށް ހިއްލައިލި ވަގުތު ކިފްލުގެ ހަށިގަނޑުގެ އެތަން މިތަން ނޫފައިގެންފައި ހުރި ތަން ފެނި ޙުއްބާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ކިފްލުގެ މާމަ ރާމިޒާއަށް ގޮވައި ގެނުވިއެވެ. އެ ނިޝާންތައް ފެނުމުން ރާމިޒާވެސް އިންތިހާއަށް ކަންބޮޑުވިއެވެ. އޭނާއަށް އެނގިފައި އޮންނަ ގޮތުން އެ ނިޝާންތަކަށް ކިޔަނީ ހަންޑި ލަފެވެ.އަދި އެ ލައްތައް އިންސާނުންގެ ހަށިގަނޑުން ފާޅުވަނީ ޖިންނީން ބީހުނީމައެވެ.އެއީ ރާމިޒާ ގަބޫލުކުރާ ގޮތެވެ. އެހެނަސް ޙުއްބާ އެ ވާހަކަތައް ގަބޫލުނުކޮށްފާނެތީ އެއްޗެކޭ ބުނަން ރާމިޒާ ޖެހިލުންވިއެވެ. ބަދަލުގައި އޭނާ ބުނީ ކިފްލު އަވަހަށް ޑޮކްޓަރަށް ދައްކަން ގެންދަން އުޅުމަށެވެ.
****
ކިފްލު ފާޚާނާއަށް ވަނީވެސް ފެން ހޭކުމުން ކުޑަކޮށް ހުންގަނޑު މައިތިރިވެލައި، ބޮލަށް އަރާފައި ހުރި އެނބުރުން ގަނޑު ކުޑަ ވެލުމުންނެވެ.
****
ފެންވަރަން ފާޚާނާއަށް ވަދެފައިވެސް ކިފްލުއަށް ވަށައިގެން ނަޒަރު ހިންގައިލެވުނެވެ.ރޭގައި އޭނާއަށް ކުރިމަތިލާން ޖެހުނު އެ ބިރުވެރި ކަންތައްތަކުގެ ސަބަބުން އޭނާ އަދިވެސް އެހުންނަނީ ބިރުން ސިހި ސިހިއެވެ.އެ ކަންތައްތަކަކީ ހަގީގަތެކޭ ތަކުރާރުކޮށް އޭނާގެ ހިތް ބުނަމުންދިޔައެވެ. އެއީ ހަގީގަތެއް ނޫންނަމަ އޭނާގެ ގައިގެ އެތަން މިތަން ނޫފައިގެންފައި ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ގައިގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތީއެވެ.އޭނާ ނިދަން އޮށޯތްއިރު ގައިމު އެކަހަލަ އެއްވެސް ކަމެއް ނެތެވެ.
****
ތުވާލި އުނަގަނޑުގައި އޮޅާލައިގެން ކިފްލު ފާޚާނާއިން ނުކުތްއިރު ހީގަނެގެން މީހާ ތުރުތުރު އަޅައެވެ.އެހެނަސް ފެންވަރައިލުމުން ގައިގައި ކުޑަކޮށް ވަރު ޖެހިލިހެން އޭނާއަށް ހީވިއެވެ.ކިފްލު ގޮސް ހުއްޓުނީ ކޮޓަރީގެ ކަނަކަށް ވާގޮތަށް ބަހައްޓާފައި ހުރި ’ސްޓޭންޑިން މިރާ‘ގެ ކުރިމަތީގައެވެ.ލޯގަނޑުން އަމިއްލަ ސޫރަ ފެނުނު ވަގުތު އިޚުތިޔާރަކާއި ނުލައި ކިފްލުއަށް ފަހަތަށް ޖެހިލެވުނެވެ. އެންމެ ރެއަކުން އޭނާގެ މުޅި ސިފައަށް އައިސްފައިވާ ބަދަލު ފެނި އޭނާގެ އަމިއްލަ ނަފްސަށްވެސް ސިހުން ލިބިގެން ދިޔައެވެ.އޭނާގެ ހަމުގެ ކުލަ ހުދު ކަމުން ހީވަނީ ގައިގައި ލޭ ފޮދެއްވެސް ނެތީ ހެންނެވެ. ދެލޯ ކައިރި ކަޅު ކަމުން ހީވަނީ އެތައް ރެއަކު ނުނިދާ އުޅެފައި ހުރި މީހެއް ހެންނެވެ. އޭނާގެ އެއޮއް ކަސްރަތީ ހަށިގަނޑުވެސް ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައި ހުރި މީހެއްގެ ހަށިގަނޑުހެންނެވެ.ގަބޫލު ކުރަން ދަތިވެގެން ކިފްލުއަށް އޭނާގެ މުޅި ހަށިގަނޑުގައި ދެއަތް ހިންގައިލެވުނެވެ.
****
’ދަރިފުޅާ ކިފްލު…އަވަސް ކޮށްލާ…މާމަ މިހާރު ކާރަކަށް ގުޅައިފި…މިހާރު އަންނާނެ ކަންނޭނގެ.‘ ކޮޓަރީގައި ދެފަހަރަކު ޓަކި ޖަހާލަމުން ޙުއްބާ ބުނެލި އަޑު އިވުނެވެ.
****
’މި ނުކުންނަނީ މަންމާ…‘ ޙުއްބާގެ އަޑުން ކިފްލުއަށް ހަމަ ބިމަށް އާދެވުނެވެ.އަލަމާރިން ކަޅު ކުލައިގެ ހޫޑީއަކާއި ޖިންސެއް ނަގައިގެން އޭނާ އަވަސް އަވަހަށް އެއްޗެހިލައި ތައްޔާރުވާން ފެށިއެވެ.
****
ކިފްލު ކޮޓަރިން ނުކުންނަމުން ފޯނު ބަލައިލިއިރު އަދާރާގެ މެސެޖެއް އައިސްފައި ހުއްޓާ ފެނުނެވެ.
****
އަދާރާގެ މެސެޖް ކިޔާލައިފައި ކިފްލުގެ ނިތަށް ރޫ ގިނަވެ ދެލޯ ބޮޑުވިއެވެ. ރޭގައި ހިނގައި ދިޔަ ހުރިހާކަމެއް ކަޅާއި ހުދުގެ މަންޒަރުތަކެއްހެން އޭނާގެ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ.
****
ރޭ އެކަންތައްތައް ހިނގަމުން ދިޔައިރު ކޮޓަރި ދޮރުމަތީގައި ހިޔަންޏެއް ހުއްޓާ ފެނުނު ހަނދާން ކިފްލު ވީވެސް ދެނެވެ. އެ ހިޔަނި ކުރަކި އަޑަކުން ވަރަށް ނުސާފުކޮށް، އަދާރާއޭ ކިޔައިގެން ކޮންމެވެސް އެއްޗެކޭ ކީ ހަނދާނެއްވެސް އޭނާ ވިއެވެ.އެ ހުރިހާ ކަމަކާއި އަދާރާއާއި ގުޅުމެެއްވާކަން ކިފްލުއަށް ޔަގީން ކުރެވުނީ އަދާރާ ކޮށްފައި އޮތް އެ މެސެޖު ފެނުނު ހިސާބުންނެވެ.
****
’ގުޑް މޯނިން.އައި ހޭޑް އަ ގްރޭޓް ޓައިމް ލާސްޓް ނައިޓް.މިރޭވެސް ރެދަން ބަލަން ތުނޑިއަށް ގެންދައްޗޭ…ރޭގައި ކިފްލު ހާދަ ހޭންޑްސަމްއޭ…ޔޫ ލުކް ގުޑް އިން ބްލެކް. މިސް ޔޫ އޯލް ރެޑީ‘ އަދާރާގެ މެސެޖުގައިވިއެވެ.
****
ކިފްލުއަށް އެނގޭހާވެސް ކަމަކީ ރޭގައި އޭނާއެއް އަދާރާއާއި ބައްދަލުކުރާކަށް ނުދާކަމެވެ.އަދި ރޭގައި އަދާރާއަށް އޭނާއާއި ބައްދަލުވި ކަމަށްވަންޏާ އެއީ ވަރަށް ބޮޑު ގޯހެކެވެ.އެކަމަކު ބައްދަލުވިޔޭ ކިޔާފައި އަދާރާ އެ ގޮތަށް ސަމާސާ ކޮށްފާނެ ހެއްޔެވެ؟ އެފާޑަށް ދޮގު ހެދުމަކީ އަދާރާގެ މިޒާޖެއް ނޫނެވެ.ރޭގައި އަދާރާއަށް އޭނާއާއި ބައްދަލުވި ކަމަށް ވަންޏާ އެއީ އޭނާގެ ސިފަ ޖެހިގެން ހުރި އެހެން މީހެކެވެ. އަދި އެ މީހަކު ބޭނުންވެގެން އެ އުޅެނީ އަދާރާއެވެ.އެ ނޫންނަމަ އަދާރާއާއި ބައްދަލުކުރަން އެ މީހަކު އޭނާގެ ސިފަ ޖެހިގެން ދިޔުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟އަދި އޭނާ އަދާރާއާއި ބައްދަލުކުރަން ދިޔަ ނުދީ ހުރަސް އުޅުމުގެ ބޭނުމެއްވެސް ކޮބާ ހެއްޔެވެ؟އަދާރާ ބައްދަލުކުރަން އެއްބަސްވީ ޚުދު އޭނާއާއި އެވެ.އެކަމަކު އެ ފުރުސަތުގެ ބޭނުން އެ ހިފައިލީ އެހެން މީހެކެވެ.
****
ކިފްލުގެ ބޮލުތެރޭގައި އެނބުރިގަތް ޚިޔާލުތަކުން އޭނާއަށް ތެޅިގަނެވުނެވެ. ޖިންނި ޝައިޠާނެއްގެ ކަމަކަށް ވެދާނެކަމަށް އެހާ ފަސޭހައިން އޭނާއަށް ގަބޫލުކުރެވުނީވެސް މިސްރުގައި އޭނާގެ އެކުވެރިއަކަށް ދިމާވި އެފަދަ ކަމެއް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައި ހުރީމައެވެ.އެކަމަކު އަމިއްލަ ދިރިއުޅުމުގައި އެކަހަލަ ކަންތައް ގަނޑެއް ހިނގަމުންދާކަމުގެ ރަތް ސިގުނަލްތައް ލިބުމުން އޭނާވެސް ބިރުގަތެވެ. އަދާރާގެ މެސެޖަށް ޖަވާބެއް ނުދީ އޭނާ މަޑުކުރީ އަދާރާއާއި ބައްދަލުކޮށްފައި އެވާހަކަތައް ދައްކަން ބޭނުންވާތީއެވެ.
****
އެހެން ދުވަސް ދުވަހާއި ޚިލާފަށް އަދާރާއަށް ކުނި ކަހަން ނުކުމެވުނީވެސް ތަންކޮޅެއް ލަސްވީ ފަހުންނެވެ. އޭރު ކޮންމެވެސް ވަރަކަށް އަވިވެސް އަރައިފިއެވެ. އޭނާ ކުނި ކަހަން އޮއްވައި ކާރެއް އެ ދިމާލަށް އަންނާތީ ފެނިގެން ކުޑަކޮށް އެއްފަރާތަކަށް ޖެހިލިއެވެ.އެ ކާރު ގޮސް ކިފްލުމެން ގެ ކައިރިއަށް މަޑުކޮށްލިތަން ފެނިފައި އަދާރާގެ ހިތް ތެޅިގަތެވެ.ކާކު ކޮންތާކަށް ދަނީ ބާވައެވެ.އެ ގޭގައި މިވަގުތު ދިރިއުޅެނީ ކިފްލުއާއި އޭނާގެ މަންމައާއި މާމަ އެކަންޏެވެ. އަނެއް ކޮޅުން ކިފްލު އަދިވެސް އޭނާ ކުރި މެސެޖަށް ޖަވާބެއް ވެސް ނުދޭތީ އެކަމާވެސް އޭނާ އެ ހުންނަނީ ހިތް ނުތަނަވަސް ވެފައެވެ.ކިފްލުއަކީ މިހާ ވަންދެން ނިދަން އޮންނަ މީހެއް ނޫންކަން އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާދާރާއަށްވެސް އޮތީ އެނގިފައެވެ.
****
އަދާރާ ބަލަން ހުއްޓާ ޙުއްބާއާއި ކިފްލު ދޮރުއަށި ހުޅުވާލައިފައި ނުކުތްތަން ފެނުނެވެ. ކިފްލުއަށް ވަގުތުން މަގުމަތީގައި އިލޮށިފަތި ހިފައިގެން ހުރި އަދާރާ ފެނުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ކިފްލުގެ މޫނު ހުރި ގޮތް ފެނި އަދާރާއަށް ސިހުން ލިބިގެން ދިޔައެވެ. ކިފްލު ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައި ހުރި މީހެއް ހެންނެވެ. ގައިމު ރޭގައި އޭނާއާއި ބައްދަލުކޮށްފައި ދިޔައިރުވެސް ކިފްލު ހުރީ ހަމަ ނުލާހިކު ރީތިކޮށެވެ.އެއް ގޮތަކަށްވެސް ބަލި ފާޑެއް ނުޖަހައެވެ.
****
ކިފްލުގެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނާކަށް އަދާރާއަކަށް ނޭނގުނެވެ.ކިފްލު ބަލަން ހުރި ގޮތުން އަދާރާގެ ހިތް އަވަސްވެގެން ދިޔައީވެސް އިންތިހާއަށެވެ.ކިފްލު އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިހެންވެސް އަދާރާއަށް ހީވިއެވެ.އެހެނަސް ޙުއްބާ މަޑުނުކޮށް ކާރަށް އެރުމުން ކިފްލު ވެސް ޙުއްބާގެ ފަހަތުން ކާރަށް އަރައިފިއެވެ. އޭރު ރާމިޒާވެސް ދޮރުއަށި ދޮށަށް ނުކުމެ ހުއްޓެވެ. އެއްވެސް ލަގެޖެއް ނާރުވާތީ އެމީހުން ފުރަން ދަނީ ނޫންކަން ޔަގީންވުމުން ހިތްހަމަ ޖެހުނު ނަމަވެސް، ކިފްލު ހޭލާ އުޅެފައި ވެސް ޚަބަރެއް ނުވީކަން އެނގުމުން އަދާރާގެ ހިތުގައި ސުވާލުތައް ފުނި ޖެހުނެވެ. އެހާމެ ދެރަވެސް ވިއެވެ.
****
’އަނހާ އެކޮއޭ…‘ އަދާރާ ފެނުނުހާއިރަކަށް ރާމިޒާ ގޮވައިލައިފިއެވެ.
’ރާމިޒައްތާ…ކިފްލުމެން ދިޔައީތަ؟‘
އެނގި ހުރެވެސް އަދާރާ އަހައިލިއެވެ.
’ނޫނޭ… ކިފްލު ވަރަށް ބޮޑަށް ހުން އައިސްގެން ޑޮކްޓަރަށް ދައްކަންވެގެން ސިއްހީ މަރުކަޒަށް އެ ދިޔައީ…‘ ރާމިޒާ ބުނެލިއެވެެ.
’އެހެންތަ؟…‘ އަދާރާގެ ނިތަށް ރޫ ގިނަވެލިއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





