Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަޢާފް އެދެމުން-2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
May 1, 2025 7 Mins Read
1 Comment

“މޮޔަ ނުގޮވާ އާރިޝް. ލޯބި ވާނަމަ ރެސްޕެކްޓް ކުރާނެ. އެއީ އެހާ އާދައިގެ ކަމަކަށް ނުވާނެ. ޖެހުނު ކޮންމެ މީހަކު ދެކެ ތިހެން ލޯބި ވެވޭތަ؟ އާރިޝްއަށްވެސް އަންހެން ކުއްޖަކު ދެކެ ލޯބި ވެވުނީމަ ތި ވިސްނުން ބަދަލު ވާނެ. އެހެން މީހުންގެ ފީލިންގްސްއަށް މަލާމާތް ނުކޮށް މަޑުން ހުރޭ” ޔަޒްދާންއަށް އާރިޝްގެ ވާހަކަ އެއް ގޮތަކަށްވެސް ކަމަކު ނުދިޔައެވެ.

“އަހަރުމެން ތެރޭގަ ހުރި ވިސްނޭ ހަމައެކަނި މީހާ ބުނީމަ ދެން ގަބޫލު ކުރަންތާ ޖެހޭނީ” އަމާން ދިން ފަދައިން ދެއަތް މައްޗަށް ހިއްލާލަމުން އާރިޝް ބުންޏެވެ.

“އަހަރެން ނުބުންޏަސް އަމިއްލަ ސިކުނޑިންވެސް ވިސްނަބަލަ. އަލްޔާ ނޫނީ ރީވާ، ނޫނީ ޝަފްޢާއާ ދޭތެރޭ ތި ގޮތަށް މީހަކު ދެކޭ ކަން އެނގިއްޖެއްޔާ ރުޅިއެއް ނާންނާނެތަ؟ ކުރިން ވީ ކަންތައް ހަނދާން ނެތުނީތަ؟ އެ ވަޢުދު މަތިން ހަނދާން އެބަ ހުރިތަ؟ ވިއާމްއާ ޝާރިމްއާ އޮތް ގުޅުން ކެނޑުނީ ކީއްވެ ކަން ހަނދާން އެބަހުރިތަ؟” ޔަޒްދާން ހިތްހަމަނުޖެހުނީ އެ ފަދަ ކަންތައްތަކާ މެދު އާރިޝްގެ ވިސްނުން ހުންނަ ގޮތުންނެވެ.

“ސޮރީ ބްރޯ. ނޯ ނީޑް ޓު ބްރިންގް އަލްޔާ އިންޓު ދިސް” އަލްޔާގެ ވާހަކަ ބުނުމުން އާރިޝް ވަގުތުން ސީރިއަސްވިއެވެ. ހުރިހާ އެކުވެރިންވެސް ހަނދާންވީ އެ މީހުންގެ ތެރެއިން ވަކިވި ދެ އެކުވެރިން މަތިންނެވެ.

އެ ހަތް އެކުވެރިންނަކީ ސްކޫލްއިން ދިމާވެ އެކުވެރިވީ ޒުވާނުންނެވެ. އޭލެވެލްއަށް ފަހު އާރިޝްއާ ރިޔާން ކިޔަވަން ދިޔައީ ރާއްޖެއިން ބޭރަށެވެ. ޔަޒްދާންއާ ސަލަފްއާ ވިއާމް ނިކުތީ މަސައްކަތުގެ މައިދާނަށެވެ. އެ ތިން ޒުވާނުން އިތުރަށް ކިޔެވީ ވަޒީފާއަށް ދަމުން، އަމިއްލަ މަސައްކަތުންނެވެ. ނާބިތު އިތުރަށް ކިޔެވީ މާލޭގެ ކޮލެޖްތަކުންނެވެ.

އެ އެންމެންގެ ތެރެއިން ތަނަވަސް އާއިލާއަށް ނިސްބަތް ވަނީ އާރިޝްއާ ނާބިތުއެވެ. އާރިޝްއަކީ ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ “ސްކައިލައިން”ގެ ވެރިޔާ އަޒްހަރު އިބްރާހީމްގެ ދަރިއެވެ. އަޒްހަރުއާ ޝީލާގެ ތިން ކުދިން ތެރެއިން އާރިޝްއަކީ މެދަށް ހުރި ދަރިފުޅެވެ. އާރިޝްއަށް ވުރެ ދޮއްޓަށް އައިމަން ހުރި އިރު، އެންމެ ހަގު އަލްޔާއަކީ އެ އާއިލާގެ އެންމެންވެސް އެންމެ ލޯބިވާ ދަރިފުޅެވެ. ދެ ފިރިހެން ދަރިންނަށް ފަހު އަންހެން ދަރިއަކަށް އެދިއެދި ހުރި ޝީލާއަށް އަލްޔާ ލިބުނީ، އާރިޝްއަށް ފަހު ވިހޭ ދެ އަންހެން ކުދިންވެސް ތުއްތު އިރު ނިޔާވުމަށް ފަހުއެވެ. އިތުރު ދަރިއަކު ލިބުމުގެ އުންމީދު ގެއްލިފައި ވަނިކޮށް އާރިޝްއަށް އަށް އަހަރުގައި އަލްޔާ ލިބުނެވެ. އަލްޔާއަކީ އެ އާއިލާގެ ދިރުމެވެ. އަންހެން ކުއްޖަކަށް އެދިއެދި ހުރި ޝީލާގެ ހިތުގެ ހިނގުން ކަމުގައި އަލްޔާ ވީ އިރު، އެހާ ދުވަސް ކޮށްފައި ލިބުނު ކޮއްކޮ ދެކެ އެހެން އެންމެންނަށް ވުރެ ބޮޑަށް އާރިޝް ލޯބިވެއެވެ.

ރިޔާންއަކީ، ރިލްވާން އާއިލާއާ ދެކޮޅަށް ރާނިޔާއާ ކައިވެނި ކޮށްގެން ލިބުނު ފިރިހެން ދަރިފުޅެވެ. ރިޔާން ވިހޭތާ ގިނަ ދުވަހެއް ނުވެ ރާނިޔާއާ ރިލްވާން ވަކިވާން ޖެހުނީ ރިލްވާންގެ އާއިލާގެ ނުފޫޒުގެ ސަބަބުން އެކުގައި ނޫޅެވޭ ހިސާބަށް ދިޔުމުންނެވެ. ރިލްވާންގެ ބައްޕައަށް އެއްގޮތަކަށްވެސް ރާނިޔާ ކަމަކު ނުދިޔައެވެ. ރިޔާންއަށް ފަސް އަހަރު ވަންދެން ދެމީހުން ދުރުގައި ތިބި އިރު އެކަކުވެސް އިތުރު ކައިވެންޏެއް ނުކުރެއެވެ. ދެވަނަ ފަހަރަށް ރާނިޔާއާ ރިލްވާން ކައިވެނި ކުރީ ބައްޕަ ނިޔާ ވި ފަހުން މަންމަގެ ރުހުން ލިބިގެންނެވެ. އެއަށް ފަހު އަހަރެއް ވީތަނާ ރީވާ އުފަންވިއެވެ. އެ އާއިލާއަކީ މާ ތަނަވަސް އާއިލާއަކަށް ނުވި ނަމަވެސް ރިލްވާންއާ ރާނިޔާގެ ހުވަފެނަކީ ދެ ކުދިންނަކީވެސް ކިޔަވައިގެން ތިބި މޮޅު ކުދިންނަށް ވުމެވެ. ރިޔާން ބޭނުންވި ދާއިރާއިން ކިޔެވުމަށް ރާއްޖެއިން ބޭރަށް ދާން ޖެހުނު ނަމަވެސް ރިލްވާން ފަހަކަށް ނުޖެހެއެވެ. އަމިއްލަ މަސައްކަތުން އާއިލާ ބެލެހެއްޓުމަށް ރިލްވާން އަބަދުވެސް އައީ މަސައްކަތް ކުރަމުންނެވެ.

ރިޔާން ކިޔަވަން ފޮނުވުމަށް ފަހު ރިލްވާން އެންމެ އިސްކަމެއް ދިނީ ރިލްވާންގެ މަންމަގެ ގެ ބަހައިގެން ލިބުނު ތަންކޮޅު ރަނގަޅު ފެންވަރަކަށް ހެދުމަށެވެ. ރިޔާން އެނބުރި އަންނަން ވާ އިރަށް ގެ ހަދާ ނިންމަން ބޭނުންވި ނަމަވެސް އެކަން ނުވީ ކުއްލިއަކަށް ރިލްވާން ނިޔާވުމުންނެވެ. އެއީ ރިޔާން ދިޔަތާ ފަސް އަހަރު ފަހުންނެވެ. އޭރު ގެ ހުރީ ހަ ބުރީގެ ފައުންޑޭޝަންއެއް އަޅާ، ދެ ޝީޓް އަޅާފައެވެ. ނަމަވެސް ރިލްވާން ނިޔާ ވުމުން ގެ ހެދުމުގެ މަސައްކަތް އެ ހިސާބުން ހުއްޓުނީއެވެ.

ޔަޒްދާންއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ރަމީޒްއާ ތަސްލީމާގެ ތިން ކުދިން ތެރެއިން ދޮށީ ދަރިފުޅެވެ. ޔަޒްދާންއަށް ސާދަ އަހަރުގައި ރަމީޒް ނިޔާވުމުން، ކުދިންގެ ކަންތައްތަކުގައި ތަސްލީމާއަށް އެހީވީ ތަސްލީމާގެ ބައްޕައެވެ. ޔަޒްދާންގެ ޢުމުރުން އަށާރަ އަހަރު ވީ ތަނާ ތަސްލީމާގެ ބައްޕަވެސް ނިޔާވީއެވެ. އޭލެވެލްގައި ފާހަގަ ކޮށްލެވޭ ފަދަ ނަތީޖާއެއް ލިބި، ބޭރަށް ކިޔަވަން ދިޔުމުގެ ފުރުސަތު ލިބުނު ނަމަވެސް ޔަޒްދާން އިސްކަން ދިނީ އާއިލާއަށެވެ. ހަގަށް ތިބި ޔަޝްމީއާ ޔާފިއުގެ ޒިންމާ އަމިއްލަ ބޮލުގައި އެޅީ އާއިލާއަށް އަޅާލާނެ އިތުރު ބަޔަކު ނެތްކަން އެނގޭތީއެވެ. މަންމައާ ދެ ކޮއްކޮގެ ކަންތައް ކުރުމަކީ ޔަޒްދާންއަށް ލިބުނު އުފަލެއް ކަމުގައި ދެކިގެންނެވެ. ލިބުނު ނަތީޖާގެ ސަބަބުން ރަނގަޅު ވަޒީފާއެއް ހޯދުން ޔަޒްދާންއަށް އުނދަގުލެއް ނުވިއެވެ. އެއާއެކު ޔަޒްދާން ކިޔެވުންވެސް ދޫކޮށެއްނުލައެވެ.

ނާބިތުއަކީވެސް ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އެހެން ކުދިންނާ ޚިލާފަށް ކިޔެވުމާ އެހެންވެސް ކަންތައްތަކުގައި މާހިރުއާ ހަމްދޫނާ ނާބިތުއަށް ދޫދިނީ އާއިލާގެ ވިޔަފާރިއާ ހަވާލުވާން ނާބިތުގެ އިތުރުން އަދި ތިން ކުދިން ތިބީތީއެވެ. މަންމައާ ބައްޕަ ބޭނުންވި ނަމަވެސް، ނާބިތުގެ ބޭބެ ނަޒީހުއާ ދެ ދައްތަ ނަދުވާއާ ނަޝާޔާ ފަދައިން ރާއްޖެއިން ބޭރުން ކިޔަވާކަށް ނާބިތު އެއްބަހެއް ނުވިއެވެ. ސްކޫލްގައި އުޅުނު އިރުވެސް ކިޔެވުމާ އެންމެ ދުރުކޮށް އުޅުނީ ނާބިތުއެވެ. ކިޔެވި ހުރިހާ މާއްދާއަކުން، އެންމެ މަތިން ނޫނަސް ނާބިތު ފާސްވީ އެކުގައި އުޅުނު އެކުވެރިންގެ ސަބަބުންޏެވެ. އެހެން އެންމެން އޭލެވެލް ހެދި އިރު ނާބިތުއާ ވިއާމް ކޮލެޖަކާ ގުޅުނީ އޭލެވެލް ނުހަދައެވެ. ފައުންޑޭޝަންގެ ވަކި ހިސާބަކުން ނާބިތު ކިޔެވުން ހުއްޓާލާފައި މާހިރުއާ ހަމްދޫނާ ހީކުރި ގޮތާ ޚިލާފަށް އާއިލާގެ ވިޔަފާރިއާ ގުޅުނެވެ. ނަމަވެސް އޭގެ ދެތިން އަހަރު ފަހުން ނާބިތު އަނެއްކާވެސް ކިޔަވަން ފަށާފައި ވިޔަފާރިއާ ގުޅޭ ދާއިރާއިން މާސްޓަރސް އާ ހަމައަށް ކިޔެވިއެވެ.

ސަލަފް ދިރިއުޅުނީ ބައްޕައާ ދޮންމަންމައާ އެކުގައެވެ. ޢުމުރުން ފަސް އަހަރުގައި ސަލަފްގެ މަންމަ ނިޔާ ވުމުން ސަލަފްގެ ބައްޕަ މައުސޫމް ދެވަނަ ކައިވެންޏެއް ކުރީ ސަލަފްއަށް ޓަކައެވެ. ނަމަވެސް ސަލަފްއަށް ހޯދައިދިން ދޮންމަންމައަށް ދޮންދަރިފުޅު ބަލައެއް ނުގަނެވުނެވެ. ނާސިހާ ލޯބިވީ މައުސޫމްއާ ނާސިހާއަށް ލިބުނު ދެ ކުދިން ދެކެއެވެ. ސަލަފްއާ މެދު ނާސިހާ ކަންތައް ކުރަމުން އައި ގޮތް މައުސޫމްއަށް އެނގުނު އިރު އިތުރު ދެ ދަރިން ލިބިއްޖެއެވެ. އެހެން ކަމުން މައުސޫމްއާ ސަލަފްވެސް ނާސިހާގެ ކިބައިން ފެންނަމުން ދިޔަ ކަންތައް ނުފެންނަ ކަމަށް ހަދައިގެން ތިބެން އާދަ ކުރީއެވެ. އޭލެވެލްއަށް ފަހު ވަޒީފާއަށް ދާން ފެށުމާއެކު ސަލަފް އާއިލާއާ ވަކިން ދިރިއުޅެން ފެށީއެވެ. އެހެން ނަމަވެސް ބައްޕައާ ކޮއްކޮމެންނާ އޮތް ގާތްކަން އެ ގޮތުގައި ބޭއްވުމަށް ސަލަފް ސަމާލުކަން ދިނެވެ. ވަޒީފާއަށް ދާން ފެށި ފަހުން ޝައުފްއާ ޝަފްޢާގެ ކަންތައްތަކުގައި ބައްޕައަށް އެހީވެއެވެ.

ވިއާމްއާ ޝާރިމްއަކީވެސް އެ މީހުންނާއެކު އުޅުނު ދެ ޒުވާނުންނެވެ. އާރިޝްއާ ރިޔާން ކިޔަވަން ދިޔަތާ ދެ އަހަރު ފަހުން އައި ޗުއްޓީއަކީ ސްކޫލް ނިމުނު ފަހުން އެންމެން އެކުވި ފުރަތަމަ އަދި ފަހު ފަހަރެވެ. އެ ފަހަރު އެ އެކުވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ވިއާމްއާ ޝާރިމް އެމީހުންނާ ދުރުވީއެވެ.

އެ ހުރިހާ އެންމެންނަކީވެސް އެއްމިޒާޖެއްގެ ބައެކެވެ. އަށާރަ އަހަރު ވީ އިރު އެ އުމުރަކީ ސަކަރާތާ މަޖަލުގައި ހޭދަ ކުރަންވީ ދުވަސްތައް ކަމުގައި އެންމެން ހީކުރިއެވެ. ޔަޒްދާން ނޫނީ ދެން ތިބި މީހުންނަކީ އަންހެން ކުދިންގެ މެދުގައި މަޝްހޫރު ބައެކެވެ. އޭގެން އެކަކުވެސް ހުހަށް ހުންނަ ދުވަސްކޮޅެއް ނުދާނެއެވެ. އެމީހުންގެ އެ ސަކަރާތުގައި އެހީ ވުމަށް އާރިޝްއާ ނާބިތު އަބަދުވެސް ތިބެނީ އެންމެ ކުރީގައެވެ. އެންމެން ޖަހާ ސަކަރާތުގައި ބައިވެރި ވީ ނަމަވެސް ޔަޒްދާން އެ މީހުންނާ ތަފާތެވެ. އަންހެން ކުދިންނާ އެ މީހުން ބާއްވާ ގާތްކަމާ އަބަދުވެސް ޔަޒްދާން ދެކޮޅު ހަދައެވެ. އެ އުޅުން ދޫކޮށްލުމަށް ނަސޭޙަތް ދެއެވެ.

މައްސަލަ ޖެހުނީ ޝާރިމްގެ ކޮއްކޮއާ ވިއާމް ރައްޓެހިވި ހިސާބުންޏެވެ. ޝީނާއަކީ ޝާރިމްގެ ކޮއްކޮ ކަން އެނގޭ އިރުވެސް ވިއާމް ޝީނާއާ ބޭއްވީ އެ ފަދަ އެހެން ކުދިންނާ ބާއްވާ ގުޅުމެވެ. އެ ގުޅުން ފެށި، އެ ދެމެދުގައި ވީ ކަންތައް ޝާރިމްއަށް އެނގުނީ ޝީނާގެ ފޯނުން ފެނުނު ފޮޓޯއަކުންނެވެ. އެއީ ވިއާމްއާ ޝީނާ އެކުގައި ތިބެ ނަގާފައި، ވިއާމް ޝީނާއަށް ފޮނުވި ފޮޓޯއެކެވެ.

ޝާރިމް އައިސްފައި ހުރި ރުޅީގެ ފުރަތަމަ އަމާޒަކަށް ވީ ޝީނާއެވެ. ކޮއްކޮގެ ކަންފަތް މަތީ އަތްތިލައިގައި ހުރި ބާރަކާ އެކު ޖެހުނީ އެފަދަ މަންޒަރެއް ފެނުމުންނެވެ. އެއަށް ފަހު ދެން ދިޔައީ ވިއާމް ހޯދާށެވެ. އެރޭ ނާބިތުމެންގޭ ޓެރެސް އިން އެންމެން ބައްދަލު ވާނެކަން އެނގޭތީ އެ ހިސާބަށް ދެވުނު އިރުވެސް ޝާރިމްގެ ރުޅި ކުޑަކޮށްވެސް މަޑެއް ނުވިއެވެ.

ޝާރިމްއަށް ދެވުނު އިރު އެ މީހުން ތިބީ އެ ހަފްތާ ބަންދުގައި ދާން އުޅޭ ދަތުރުގެ ވާހަކަ ދައްކާށެވެ. އޭރުވެސް ފޯނުން ކޮންމެވެސް ކަމެއް ކުރަން އިން ވިއާމް ފެނި ޝާރިމް ދިޔަ ގޮތަށް ގޮސް ވިއާމްގެ އަތުން ފޯން ދަމައިގަތް ގޮތަށް ގެލެރީ ހުޅުވާ ބަލާލިއެވެ. އޭގައި ޝީނާގެ އެތައް ފޮޓޯއެއް ހުއްޓާ ފެނުމާއެކު އައިސްފައި ހުރި ރުޅި ހީވީ އިތުރަށް ގަދަވި ހެންނެވެ. ފޯން އަތުލަން އުޅުނު ވިއާމްއަށް ޝާރިމްއާ ހިސާބަށް ނާދެވެނީސް ފެނުނީ ޓެރެސްގެ ފާރުގައި ޖެހި ފޯނުގެ ބައިތައް ވަކިވެގެން ދިޔަ ތަނެވެ.

“މޮޔަވީތަ؟” ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އޮތް ފޯނަށް ބަލާލާފައި ވިއާމްވެސް ރުޅިއައެވެ.

“މޮޔަ ވާ ވަރު ކަންތައް ކުރީމަ މޮޔަވެސް ވާނެ” ކުރިއަށް ޖެހިލާ ވިއާމްގެ މޭގައި އަތުން ޖަހާ ފަހަތަށް ކޮއްޕާލަމުން ޝާރިމް ބުންޏެވެ.

“ޝާރިމް…” ވީ ގޮތް ވިއާމްއަށް ވިސްނުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ނަމަވެސް އެ ފުރުސަތެއް ޝާރިމް ނުދިނެވެ. އިނގިލިތައް މުށްކަވާފައި ވިއާމްގެ މޫނުމަތީ ޖެހުމާއެކު ވިއާމްގެ ނޭފަތުން އަޑެއް ކިޔައިގެން ދިޔައެވެ. ފަހަތަށް ވެއްޓުނު ވިއާމް ނޭފަތް މަތީ އަތް އަޅާލި އިރު ހޯސްލާފައި ލޭ އަންނަން ފަށައިފިއެވެ. ދެންވެސް ޝާރިމް ދުރުގައެއް ނުހުއްޓެވެ. ވިއާމްގެ ޓީޝާޓުގެ ކަރުގައި ހިފާލަމުން އަނެއްކާވެސް ޖަހަން އުޅުނެވެ. ނަމަވެސް އެ ވަގުތު އެ ދެމެދަށް ވަދެ ޝާރިމް ހުއްޓުވީ އާރިޝްއެވެ. ވިއާމްއާ ކައިރިއަށް ދިޔަ ނާބިތު އަވަސް އަވަހަށް ލައިގެން ހުރި ގަމީސް ބާލާފައި ވިއާމްގެ ނޭފަތްމަތީ ޖައްސާލިއެވެ.

“ޝާރިމް، ކިހިނެއް ވެގެންތަ ތި އުޅެނީ؟” އާރިޝް އައިސް ޝާރިމްގެ މޭގައި އަތް އަޅާ ވިއާމްއާ ކައިރި ވިޔަ ނުދިނުމަށް ފަހަތަށް ކޮއްޕަމުން ދިޔަ ނަމަވެސް އަދިވެސް ވިއާމްއާ ދިމާއަށް ދާން ގަދަ ހަދަމުން ދިޔަ ޝާރިމްގެ ފަހަތުން ގޮސް ހިފަހައްޓާފައި ރިޔާން އެހިއެވެ.

“ކަލެއަށް އެހެން މީހަކު ނުވެގެންތަ މަގޭ ކޮއްކޮއާ ކައިރިވީ؟” ޝާރިމް ހަޅޭލަވައިގަތެވެ.

އެ އަޑުން އެންމެންނަށްވެސް ސިހުން ލިބުނެވެ. ވީ ގޮތް އެނގުމުން ފާޅުގައި އެއްޗެއް ނުބުނި ނަމަވެސް އެންމެންނަށްވެސް ވިއާމް ކުށްވެރި ކުރެވުނެވެ.

“ވިއާމް، ސީރިއަސްލީ…؟” ސަލަފް އަހާލިއެވެ.

“ޝީނާ އެކަނިތަ މީހެއްގެ ކޮއްކޮއަކީ؟ ކަލޭމެން ހީކުރަނީ ތި ގެންގުޅޭ ހުރިހާ އަންހެން ކުދިންނަކީ މަތިން ފައިބައިގެން އަންނަ ބައެއް ކަމަށްތަ؟” ކަންތައް ވީ ގޮތުން ރުޅިގަދަވެފައި އިނދެ ވިއާމް ބުނެލިއެވެ.

އެއާއެކު ޝާރިމް ހައްތަހާ ރުޅި ގަދަވިއެވެ. އާރިޝްގެ މޭގައި އަތް އަޅާ ކޮއްޕާލި ގޮތަށް ރިޔާންގެ އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ވިއާމްއާ ދިމާއަށް ދާން އުޅުނެވެ. ސަލަފްއާ ޔަޒްދާން އެކުގައި އައިސް ޝާރިމް ނުހިފެހެއްޓި ނަމަ ވިއާމްއާ ހަމައަށް ގޮސް ޝާރިމް ކަންތައް ކުރާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ.

“ދެން އޭނައަށް މެސެޖެއް ކޮށްލި ކަން އެނގުނަސް….” އެ ވަރަށް ބުނެފައި ޝާރިމް ހުއްޓާލިއެވެ.

“ޝާރިމް…!” އާރިޝް ގޮވާލިއެވެ.

“ދޫކުރޭ!” ގައިގައި ހިފަހައްޓައިގެން ތިބި މީހުންނަށް ޝާރިމް ބުންޏެވެ. ލަސްލަހުން ފަހަރަކު މީހަކު ޝާރިމް ގައިން ދޫކޮށްލިއެވެ. މިނިވަން ވުމާއެކު މަޑުކޮށްނުލާ ޝާރިމް އެތަނުން ނިކުތެވެ.

“ވިއާމް، ތީ މޮޔައެއްތަ؟ ބުއްދި ހަމަ ޖެހޭތަ؟ އެއީ ޝާރިމްގެ ކޮއްކޮއޭ” ސަލަފް ބުންޏެވެ.

“އަހަންނަށް ލެކްޗަރ ދޭ ވަރުގެ މީހަކު މިތާ އެބަ ހުރިތަ؟ މިތަނުން މީހެއްގެ ކޮއްކޮއަށް ނުވަންޏާ ހެޔޮތަ؟ ދެން ތިބީ މީހުންގެ ދަރިން، ކޮއްކޮ ނޫނީ ދައްތައެއް ނޫން؟ ނުބައި ކަމަކަށް ވަނީ ވަކި މީހަކާ އެކީގަ ވީމަތަ؟” ސަލަފް ކުރި ސުވާލުން ވިއާމްވެސް ރުޅި އައެވެ.

ހަގީގަތަކީ ވިއާމް ޝީނާއާ ގަޔާވާ ކަމެވެ. އެހެން އަންހެން ކުދިންނާ ޝީނާ ތަފާތު ކަން ވިއާމްއަށް ގަބޫލު ކުރެވުނެވެ. ޝީނާއާ ކައިރި ވީ ދެރައެއް ދިނުމުގެ ނިޔަތުގައި ނޫން ނަމަވެސް ކުރެވުނީ ކޮށްގެން ވާނެ ކަމެއް ނޫންކަން ވިއާމްއަށް ވިސްނުނީ މާ ފަހުންނެވެ. ޝީނާއަކީ ފޫހި ފިލުވާލުމަށް ކައިރީވާ އަންހެން ކުދިން ފަދަ ކުއްޖެއް ނޫން ކަން އެނގި، އެކަން އިހުސާސް ކުރެވުނު އިރު މާ ލަސްވީއެވެ. ވިއާމް ބޭނުންވީ ދިރިއުޅުމާ މެދު ސީރިއަސް ވާށެވެ. އުމުރުން އެންމެ ވިހި އަހަރު ނަމަވެސް ދިރިއުޅުމާ މެދު ތަފާތު ގޮތަކަށް ދެކެވެން ފެށުނީ ޝީނާގެ ސަބަބުންޏެވެ.

އެ ވާހަކަ އެއްވެސް އެކުވެރިޔަކާ ޙިއްސާ ނުކުރީ ވިއާމްގެ ހިތުގައި ވާ އެއްޗެއް އެ މީހުންނަށް ނުވިސްނޭނެއޭ ހީވާތީއެވެ. ވިއާމް ހުރީ ޝީނާއާ ވާހަކަ ދައްކައިގެން ދެ މީހުން ދުރުގައި ތިބުމަށް ނިންމާށެވެ. ދެތިން އަހަރު ފަހުން ދިރިއުޅުން ހަމަޖެހި، އެކުގައި އުޅެވިދާނެކަމުގެ ޔަގީން ކަން ލިބުމުން ދެ ފަރާތުގެ އާއިލާއާ ވާހަކަ ދައްކައިގެން ކައިވެންޏާ ހަމައަށް ދިޔުމަކީ ވިއާމް ބޭނުންވި ގޮތެވެ.

ނަމަވެސް ދެން އެކަން އެހެން ނުވާނެ ކަން ވިއާމްއަށް ޔަގީންވެއެވެ. ޝީނާއާ ވިއާމް ގުޅުމަށް ޝާރިމް ދުވަހަކުވެސް ގަބޫލު ނުވާނެކަން ވިއާމްއަށް ޔަގީން ވެއްޖެއެވެ.

“އައި ލަވް ހަރ. ޝީނާއަށް ދެރައެއް ދޭން އަހަރެން ހިތަށްވެސް ނާރާ. ގަސްތުގައެއް ނޫން އެހެން ވީކީ. ޝީނާއަށް އެނގޭނެ އަހަރެން ލޯބި ވާކަން، އޭނަވެސް ލޯބިވޭ. އެކަމަކު އަދި މެރީ ކުރަން އޭނަގެ ފެމިލީއިން ގަބޫލު ނުވާނެތީ އެއްވެސް މީހެއް ކައިރީ ނުބުނެ ތިބީ. އިޓް ހެޕެންޑް އޮންލީ ވަންސް… އެކަމަކު އެނގޭ ދެން ޝާރިމް ގަބޫލެއް ނުކުރާނެ ކަން…” ނޭފަތުގައި އަތް އަޅައިގެން އިނދެ ވިއާމް ކިޔާދިނެވެ.

“ޝީނާ ދެކެ ލޯބި ވަންޏާ ޝާރިމް ކައިރީ ކުރިން ބުނި ނަމަ…” ރިޔާން ބުންޏެވެ.

“ޝީން…” ވިއާމް ކަންބޮޑުވީ ޝީނާއާ މެދުއެވެ.

އެ ދުވަހުން ފެށިގެން ވިއާމްއަށް ޝީނާއާ ބައްދަލެއް ނުކުރެވެއެވެ. އެ ދެމެދުގައި އެއްވެސް ގުޅުމެއް އޮތުމަށް ޝާރިމް ދެކޮޅު ހެދިއެވެ. ވިއާމްގެ ވާހަކައެއް، އަދި އެހެން އެކުވެރިއެއްގެ ވާހަކައެއްވެސް ޝާރިމް އަޑެއް ނާހައެވެ.

އެއީ ޝާރިމްއާ އެ މީހުންނާ ދިމާ ވި އެންމެ ފަހު ފަހަރެވެ. އާއިލާއާ އެކު ޝާރިމް އުފަން ރަށަށް ބަދަލުވީ އެކަކަށްވެސް އަންގާލުމެއް ނެތިއެވެ.

އެ ހިސާބުން ވިއާމްވެސް އެ މީހުންނާ ދުރުވީއެވެ.

ޗުއްޓީ ހަމަވެގެން އާރިޝްއަށް ވުރެ ކުރިން ފުރަން ޖެހުނީ ރިޔާންއެވެ. ފުރުމުގެ ކުރިން އެންމެން ބައްދަލުވި އިރުވެސް ވިއާމް އެ މީހުންނާ ބައިވެރިއެއް ނުވިއެވެ.

“ކަންތައް ވީ ރަނގަޅަކަށް ނޫން. ޝާރިމް ރުޅި އައުން ގޯހެއް ނޫން” ވިއާމްއާ ޝާރިމް ނެތުމުގެ ފަޅުކަން އިހުސާސްވެފައި ހިމޭންވެފައި ތިބެ، ވާހަކަ ދެއްކީ ޔަޒްދާންއެވެ.

“އަހަރުމެންގެ ތެރެއިން އެކަކުގެ ކޮއްކޮއަކަށްވެސް އަހަރެން އެހެންނެއް ނުހަދާނަން…” ދެފަރާތަށް ބޯ ހަލުވާލަމުން ސަލަފް ބުންޏެވެ.

“ސޯ ލެޓްސް މޭކް އަ ޕްރޮމިސް، އަ ޕެކްޓް. އެ ގޮތަށް އަހަރުމެން އެކަކުގެވެސް ކޮއްކޮއާ މެދު ނުދެކެން، އަހަރުމެންނަށް ވީ ވަރަކުން އަހަރުމެންގެ ކޮއްކޮމެން ރައްކާތެރިކޮށް އެހީއެއް ބޭނުންވާ ވަގުތު އެހީވާން” އެ ވަގުތު ރިޔާން ބުންޏެވެ. އަދި އެންމެންގެ މެދަށް ކަނާއަތްތިލަ ދިއްކޮށްލިއެވެ.

“ޔޯ ސިސްޓަރސް އާރ މައި ސިސްޓަރސް” ރިޔާންގެ އަތްމަތީ އެންމެ ފުރަތަމަ އަތް ޖައްސާލީ އާރިޝްއެވެ. އެއަށް ފަހު ފަހަރަކު މީހަކު އެގޮތަށް ކަންތައް ކުރިއެވެ. އެކަކު އަނެކަކުގެ ކޮއްކޮއާ މެދު އެ ފަދަ ނަޒަރަކުން ނުބަލާނެ ކަމަށާ، ރައްކާތެރިކަމާ އެހީތެރިކަން ދޭނެ ކަމަށް އެންމެންގެ މެދުގައި އަޙުދެއް ކުރެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 8)

Next

ޒެވިއަން 2

Next
May 1, 2025

ޒެވިއަން 2

Previews
April 29, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 8)

One Comment

  1. Mar Sha Mar Sha says:
    May 1, 2025 at 10:17 am

    ސަލާމް،
    މި ވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެ ދުވަހު، އެއީ ހޯމަ އަދި ބުރާސްފަތި. ވާހަކަ ކަމުދާނެ ކަމަށް ހީކުރަން.

Comments are closed.

Next Episodeމަޢާފް އެދެމުން – 3←


All Right Reserved!