މަޢާފް އެދެމުން – 3
“ސޯ ލެޓްސް މޭކް އަ ޕްރޮމިސް، އަ ޕެކްޓް. އެ ގޮތަށް އަހަރުމެން އެކަކުގެވެސް ކޮއްކޮއާ މެދު ނުދެކެން، އަހަރުމެންނަށް ވީ ވަރަކުން އަހަރުމެންގެ ކޮއްކޮމެން ރައްކާތެރިކޮށް އެހީއެއް ބޭނުންވާ ވަގުތު އެހީވާން” އެ ވަގުތު ރިޔާން ބުންޏެވެ. އަދި އެންމެންގެ މެދަށް ކަނާއަތްތިލަ ދިއްކޮށްލިއެވެ.
“ޔޯ ސިސްޓަރސް އާރ މައި ސިސްޓަރސް” ރިޔާންގެ އަތްމަތީ އެންމެ ފުރަތަމަ އަތް ޖައްސާލީ އާރިޝްއެވެ. އެއަށް ފަހު ފަހަރަކު މީހަކު އެގޮތަށް ކަންތައް ކުރިއެވެ. އެކަކު އަނެކަކުގެ ކޮއްކޮއާ މެދު އެ ފަދަ ނަޒަރަކުން ނުބަލާނެ ކަމަށާ، ރައްކާތެރިކަމާ އެހީތެރިކަން ދޭނެ ކަމަށް އެންމެންގެ މެދުގައި އަޙުދެއް ކުރެވުނެވެ.
3
“މީ އުމުރަށް ކުރެވޭ ވަޢުދެއް ކަން ހަނދާން ކުރާތި! މިއާ ޚިލާފް ވެއްޖެއްޔާ—” ޔަޒްދާން ބުނަން ފެށިއެވެ.
“ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. ޔަޒްދާން، ނޯ ނީޑް ޓު ތްރެޓްން” ޔަޒްދާންގެ ކޮނޑުގައި ޖަހާލަމުން ނާބިތު ބުންޏެވެ.
އޭގެ ފަހުން ވިއާމްއާ ޝާރިމްއާ އޮތް ގުޅުން ކެނޑުނީއެވެ. ފުރަތަމަކޮޅު އެ ދެ މީހުންނާ ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް އެންމެން ދިރިއުޅުމާއިގެން އުޅެން ފެށުމުން، ދުރުވާން ބޭނުންވެފައި ތިބި ދެ އެކުވެރިންނާ އެ މީހުންނަށްވެސް ދުރުވެވުނީއެވެ.
އެ ޗުއްޓީގެ ފަހުން އާރިޝްއާ ރިޔާން އެންމެ ފަހަރަކު ފިޔަވާ ދިމައެއް ނުވެއެވެ. ދެ މީހުންގެ ޗުއްޓީ ދިމާނުވާތީއެވެ. ރިޔާންއަށް ވުރެ ކުރިން ކިޔެވުން ނިންމާފައި އާދެވުނީ އާރިޝްއަށެވެ. ރިޔާން އައީ ހަ މަސް ފަހުންނެވެ.
އާރިޝް އައިސް، މަހެއްހާ ދުވަހު ހުހަށް ހުރެފައި ސްކައިލައިންއާ ގުޅުނެވެ. އަޒްހަރު އެދުނީ ކޮންމެ ކުއްޖަކުވެސް ކިޔަވައިގެން އައިސް އާއިލީ ވިޔަފާރިއާ ގުޅުމެވެ. އެހެން ކަމުން، އައިމަންއެކޭ އެއްފަދައިން އާރިޝްވެސް ކަންތައް ކުރީ ބައްޕަ އެދުނު ގޮތަށެވެ. އަލްޔާއާ މެދުވެސް އާއިލާގެ އުންމީދު އޮތީ އެ ގޮތަށެވެ.
ރިޔާން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަ ނަމަވެސް ރީވާ ބޭނުން ވީ ރާއްޖެއިން ކިޔަވާށެވެ. މެޑިކަލް ދާއިރާއަށް ޝައުގުވެރިކަން ހުރި ރީވާ ޚިޔާރު ކުރީ ސީދާ ބަލިމީހުންނާ މުޢާމަލާތު ކުރަން ނުޖެހޭ ފަދަ މަސައްކަތެކެވެ. މެޑިކަލް ލެބޯޓަރީ ޓެކްނީޝަންއަކަށް ވުމަށްޓަކާ ކިޔެވުން ފެށިތާ އަދި ވީ އެންމެ އަހަރެކެވެ.
އޭގެ ފަހުން މަހެއް ވެގެން ދިޔައިރު އެންމެން އެކުގައި ބައްދަލުވުން އުނދަގޫ ކަމަކަށް ވިއެވެ. ވަޒީފާގައި އުޅެމުން ހުސްވަގުތު ހޯދަން އެކަކަށްވެސް ފަސޭހަ ނޫނީއެވެ. އެހެންވެ އާރިޝް ހައްލެއް ކަމުގައި ހުށަހެޅި ޚިޔާލު އެންމެންނަށްވެސް ކަމުދިޔައެވެ.
އާރިޝް ޚިޔާލު ދިނީ އާރިޝްގެ ބައްޕަ ހަދަން ފަށާފައިވާ ރިޒޯޓަށް ދަތުރު ދިޔުމަށެވެ. އެއް ރޭ މަޑުކޮށްފައި އަންނަ ގޮތަށް ދާން އެންމެން އެއްބަސް ވުމުން ދަތުރު ރޭވުނީ އެ ގޮތަށެވެ. ދަތުރުގައި އެ ފަސް މީހުންގެ އިތުރުން އާރިޝްގެ ބޭބެ އައިމަންއާ، އައިމަންގެ އަންހެނުން ސައުސަންއާ އެ މީހުންގެ ދެ އަހަރުގެ ދަރިފުޅު އައިކް، އަދި އާރިޝްގެ ކޮއްކޮ އަލްޔާއާ އަލްޔާގެ އެކުވެރި ކުއްޖަކާ، ނާބިތުގެ ވާންއުޅޭ އަންހެނުން މައިލީން، އަދި ރީވާގެ އިތުރުން އާރިޝްމެންގެ އެކުވެރި ތިން އަންހެން ކުދިންނާ ދެ ފިރިހެން ކުއްޖަކު ބައިވެރިވިއެވެ.
އެ ރަށަކީ އަޒްހަރުގެ އާއިލާ ދަތުރު ގޮސްއުޅޭ ރަށަކަށް ވާތީ ހުރިހާ ކަމެއްވެސް ހުރީ ވަރަށް ފަސޭހައިން ހަމަޖެހިފައެވެ. ރަށުގައި މަސައްކަތް ކުރާ މީހުން ތިބެން ވަކި އިމާރާތެއް ހުރި އިރު، އާއިލާއާ ރައްޓެހިން ދަތުރު ގޮސް ތިބުމަށް ގެސްޓްހައުސްއެއް ގޮތަށް ދެ ބުރިއަށް ހަދާފައި ގެއެއް ހުރެއެވެ. އެގޭގައި ބަދިގެއާ ސިޓިންގރޫމާއެކު ހަތް ކޮޓަރި ހުރެއެވެ. އެންމެ ތިރީގައި ބަދިގެއާ ސިޓިންގރޫމްއާ އެއް ކޮޓަރި ހުރެއެވެ. ދެވަނަ ފްލޯރގައި ހުންނަނީ ފަސް ކޮޓަރިއެވެ. އެންމެ މަތީގައި ޓެރެސް އޮންނަ އިރު އެތަނުގެ އެއްބައި ހިޔާ ކޮށްފައި ބޮޑު އުނދޯއްޔަކާ ސޯފާސެޓެއް ބަހައްޓާފައި ހުއްޓެވެ. ހާމައަށް އޮތް ބައިގައި ހެއްލާ ކަހަލަ ޖޯލިތައް ބަހައްޓާފައި ހުއްޓެވެ. ގޯތީގެ މެދުގައި އިމާރާތް ހުރި އިރު ކުރިމައްޗާ ފަހަތުގައި ހުސްތަން ދޫކޮށްފައި އޮތެވެ.
ހެނދުނު ހަގަޑި ބައިވީ އިރު އެމީހުން ތިބީ އެ ރަށުގައެވެ. ގެނައި އެއްޗެހިތައް ގެއަށް ވެއްދުމަށް މަސައްކަތް ކުރަން އުޅޭ މީހަކާ ހަވާލުކޮށްފައި ރަށުތެރެ ބަލާލުމަށް އެކިދިމާއަށް އެއް ބަޔަކު ދިޔައެވެ. އައިކް އުރާލައިގެން އަލްޔާ އުޅުނީ ގޭގެ އެކި ތަންތަން ހިބާއަށް ދައްކާލުމަށެވެ. އެކި މީހުން ތިބޭނެ ކޮޓަރިތައްވެސް ހަމަ ޖެއްސީ އަލްޔާއެވެ. ތިރީގައި ހުރި ކޮޓަރި އައިމަންއާ ސައުސަންއަށް ހަމަޖެއްސި އިރު، މަތީ ކޮޓަރިތަކުގެ ތެރެއިން އަލްޔާއާ ހިބާއަށް އެއް ކޮޓަރި، ރީވާއާ މައިލީންއަށް އެއް ކޮޓަރި، އާރިޝްމެންގެ އެކުވެރި ތިން އަންހެން ކުދިން އެއް ކޮޓަރީގައި އަދި ދެން ތިބި ދެ ފިރިހެނުން އެއް ކޮޓަރީގައި ތިބެން ހަމަޖެއްސި އިރު، އާރިޝްމެންގެ ފަސް މީހުންނަށް ދެން ހުރި ދެ ކޮޓަރި ހަމަ ޖެހުނެވެ.
ކަނޑުމައްޗަށް އެރުމުން ބޮލުގައި ރިއްސަން ފަށާފައި ހުރި ރީވާ ބޭނުންވީ އިރުކޮޅަކު އޮށޯވެލާށެވެ. ނަމަވެސް އިސްވެ ބުނަން ނުކެރިފައި ހުރީއެވެ. އެ މީހުން ރަށަށް އެރި އިރު ހެނދުނުގެ ސައި ހުރީ ތައްޔާރު ކޮށްފައެވެ. އެންމެން ސައިބުއި އިރު ރީވާ އިނީ ހަމައެކަނި ކަޅުސައި ތައްޓެއް ހިފައިގެންނެވެ. ރީވާ ކައިރީ ރިޔާންވެސް މަޑުކޮށްލައިގެން އިނެވެ.
“ރީވާ، ހިނގާލަކަށް ނުދާނަންތަ؟” އަލްޔާއާ ހިބާ އެކުގައި އައިސް ރީވާއަށް ގޮވާލަމުން އަލްޔާ އަހާލިއެވެ.
“ތަންކޮޅެއް ފަހުން…” ރީވާ ބުންޏެވެ.
“ކިހިނެއް ވީ؟ ބަލިވެތަ؟” ރީވާ އިން ގޮތުން އަލްޔާ އަހާލިއެވެ.
“ކަނޑުމައްޗަށް އެރީމަ ބޯ އަނބުރާފަ އޭނީ، އިރުކޮޅަކުން ރަނގަޅު ވެދާނެ” އަލްޔާއަށް ޖަވާބު ދިނީ ރިޔާންއެވެ.
“އަޅެ، ކުރިން ބުނި ނަމަ. ދޮންބެދައްތަ ގެންގުޅޭނެ ތި ކަހަލަ ހުރިހާ ކަމަކާ ބެހޭ އެއްޗެހި. އެބަ އަންނަން އިނގޭ” އަލްޔާ ސައުސަން ހޯދަން ދިޔައެވެ.
އަލްޔާއަށް ވުރެ ކުރިން އައިސް ރީވާ އަތަށް ފެންތައްޓަކާ އެކު ބޭސްގުޅައެއް ދިނީ ޔަޒްދާންއެވެ. ޔަޒްދާންއާ އެކު އާރިޝްވެސް އައެވެ.
“ރީވާ، އަވަހަށް ކާލާ، އިރުކޮޅަކުން ރަނގަޅު ވެދާނެ” ރިޔާންއަށް ބަލާލުމެއް ނެތި ރީވާގެ އަނެއް ފަރާތުގައި އިށީންނަމުން ޔަޒްދާން ގާތް ގޮތަކަށް ބުންޏެވެ.
ސުވާލު ނުކޮށް ރީވާ ބޭސްގުޅަ ކާލިއެވެ. ރިޔާންގެ ކޮއްކޮއާ މެދު ޔަޒްދާން އެހާ ގާތްކޮށް ކަންތައް ކުރާތަން ފެނި ރިޔާންއަށް އިނދެވުނީ ހައިރާންވެފައެވެ. ރިޔާންއެކޭ އެއްފަދައިން އާރިޝްއަށްވެސް ޔަޒްދާންއާ ދިމާއަށް ބަލާލެވުނެވެ.
“ރިޔާން ރަނގަޅު. ރީވާއަށް އެހެން ވާ ކަން އެނގޭ އިރުވެސް ބޭސް ނުދީތަ ލޯންޗަށް އެރުވީ؟ ނަސީބެއް ސައުސަން މި ކަހަލަ ހުރިހާ އެއްޗެއް ގެންގުޅޭ ކަން” ޔަޒްދާން ބުންޏެވެ.
“ރޭގަ ހަނދާން ނެތުނީ. މިއަދު ގެއިން ނިކުންނަމުން ރީވާ ބޭހުގެ ވާހަކަ ބުނީ. އެ ވަގުތު ބޭސް ހޯދަން ގޮސްފިއްޔާ ލަސް ވެދާނެތީ ރީވާ ބުނީ ބޭސް ނުކެޔަސް އޯކޭ ވާނެޔޭ. މިހާރުވެސް ރީވާއަށް މިހާ އުނދަގޫ ވާނެއެކޭ ހިއެއް ނުކުރަން” ރިޔާން ބުންޏެވެ.
“ފީލިންގ ބެޓަރ؟” ރީވާއަށް ބަލާލަމުން އާރިޝް އަހާލިއެވެ.
ރީވާ ބޯ ޖަހާލިއެވެ.
“ކިހިނެއް ޔަޒްދާންއަށް އެނގުނީ؟” ރިޔާން އެހިއެވެ.
“ދޮންބެ މާލޭގަ ނެތަސް އަހަރުން ގެއަށް އައިސް އުޅޭ މީހަކު ވިއްޔާ އެނގޭނެއެއްނު؟ ތޭންކްސް ޔަޒްދާން” ބޭސްގުޅަ ކާލުމާއެކު ބޮލަށް ލުއިވެފައި އިން ރީވާ އެހެން ބުނެފައި ޔަޒްދާންއަށް ބަލާލަމުން ހިނިތުންވުމެއް ދިނެވެ.
ޔަޒްދާންއާ ރީވާގެ މެދުގައި އޮތް ގާތްކަން ފާހަގަވުމުން ރިޔާންއަށް އުނދަގޫވިއެވެ.
“އަހަރެން ނެތް އިރުވެސް ޔަޒްދާން ވަރަށް ގިނައިން ގެއަށް ދަންތަ؟” ރިޔާން އަހާލިއެވެ.
“އާނ، ޔަޒްދާން ބަރާބަރަށް އަހަންނާ މަންމަގެ ހާލު ބަލައޭ” ޔަޒްދާންއާ ރިޔާން ކުރި ސުވާލުގެ ޖަވާބު ދިނީ ރީވާއެވެ.
ރިޔާންއަށް އަންނަމުން ދިޔަ ބަދަލު ޔަޒްދާންއަށް ވުރެ ކުރިން ފާހަގަ ކުރެވުނީ އާރިޝްއަށެވެ. ރިޔާންގެ ހިތުގައި ވީ އެއްޗެއް ވިސްނުމުން، ދެއަތް އުރާލަމުން ދެ އެކުވެރިންނަށް ބަލަން އާރިޝް ހިނިއައިސްފައި ފަހަތަށް ޖެހިލިއެވެ.
އަލްޔާ އައީ އެ މީހުންގެ ވާހަކައިގެ މެދުތެރެއިންނެވެ.
“މި ބޭސް ކާލަނިކޮށް ވަރަށް އަވަހަށް ރަނގަޅު ވެދާނެ” ރީވާއަށް ބޭސްގުޅަ ދިއްކޮށްލަމުން އަލްޔާ ބުންޏެވެ.
“ދެންމެ ޔަޒްދާން ބޭސް ގެނެސްދިނީމަ ކައިފިން، މިހާރު މަޗް ބެޓަރ. ތޭންކްޔޫ!” އަލްޔާއަށް ބަލާލަމުން ހީލާފައި ރީވާ ބުންޏެވެ.
“އެހެން ވިއްޔާ ހިނގާ ބީޗަށް. ރީވާ އަދި ސައިވެސް ނުބޮމެއްނު؟ އަހަންނާ ހިބާވެސް މި ދަނީ ބީޗްގަ ތިބެގެން ސައި ބޯން، ރީވާވެސް އާދޭ” އަލްޔާ ބުންޏެވެ.
ބޯ ޖަހާލާފައި ރީވާ އެ މީހުންނާ އެކު ދިޔައެވެ.
“ވައި؟” ރިޔާން ސުވާލު ކުރީ ޔަޒްދާންއާއެވެ.
“ވަޓް؟” ރިޔާން ކުރި ސުވާލު ނުވިސްނިފައި ޔަޒްދާން އެހިއެވެ.
“ތެދެއް ޔަޒްދާން؟ ހަމަ އެހާ ކްލޯޒްކޮށް ރީވާއާ މަންމަގެ ހާލު ބަލަންތަ؟ ރިޔާން ނެތް އިރުވެސް އެ ގެއަށް އެހާ ގިނައިން ދަންތަ؟ އަސްލު ތި ވާހަކަ ދެއްކީމަ މަށަށްވެސް ނޯޓިސްވީ، ޔަޒްދާން ކޮންމެ ރެއަކު ހެން ދާނެ ރިޔާން މެން ގެއަށް. ރިޔާން އެ ބުނި ހެން، ވައި އިޒް ދެޓް ޔަޒްދާން؟” އާރިޝް އަހާލިއެވެ.
“ބޭކާރު ވާހަކަ ނުދައްކާ އާރިޝް—” ޔަޒްދާން ބުނަން އުޅުނެވެ.
“ޔަޒްދާން!” ރިޔާން ގޮވާލިއެވެ.
ރިޔާންގެ ހިތުގައި ވީ ކީކޭ ކަން ޔަޒްދާންއަށް ވިސްނުނީ އެ ވަގުތުއެވެ. އެއާއެކު އާރިޝްއާ ދިމާއަށް ޔަޒްދާން ލޯ އަޅާލިއެވެ.
“ތި ހީކުރާ ކަހަލަ ކަމެއް ނޫން. ރީވާ އެއީ އަހަރެންގެވެސް ކޮއްކޮ. ރިޔާން އަމިއްލައަކަށްނު އަހަރެން ކައިރީ ބުނީ މަންމައާ ރީވާގެ ހާލު ބަލާދެއްޗޭ؟ އެންޑް ވީ ޕްރޮމިސްޑް. އަހަރެން ހަނދާނެއް ނުނެތޭ” ޔަޒްދާން ބުންޏެވެ.
ރިޔާން ބޯ ޖަހާލަމުން ދުރު ބަލާލިއެވެ.
“ސޮރީ!” އިރުކޮޅެއް ފަހުން ރިޔާން މާފަށް އެދުނެވެ.
“މީނަ ހުންނާނެ އެކަހަލަ ޗާންސަކަށް ބަލަބަލާ. މޮޔަ ވާހަކަ ނުދައްކާ ހުންނާތި!” އާރިޝްގެ ފައިގެ ކަށިމަތީ ފައިން ޖަހަމުން ޔަޒްދާން ބުންޏެވެ.
“ފާހަގަ ކުރެވުނު ކަމެއް ވީމަ ބުނެލީއެއްނު؟ އެހެން ނޫނަސް ތީ އަހަރުމެންނާ ތަފާތު މީހެއް ވިއްޔަ. ފާޑުފާޑުގެ އެއްޗެހި ބޮލަށް ވައްދާ އިރު ރިޔާންއަށްވެސް އެކަން އެނގެން ވާނެ” އާރިޝް ހެމުން ބުންޏެވެ. އެއާއެކު ރިޔާންވެސް އާރިޝްއަށް ފައިން ހަމަލާއެއް ފޮނުވާލިއެވެ.
“ފައިޓިންގް މެޗެއްތަ؟” އެ މީހުންނާ ހަމައަށް ނާބިތުއާ އެކު އައި ސަލަފް އަހާލިއެވެ.
“މި ޑެވިލް ރިޔާންގެ ބޮލަށް ފާޑުފާޑުގެ ޝައްކު ވައްދަނީ…” ޔަޒްދާން ވީ ގޮތް ކިޔާދިނެވެ.
“އާރިޝް ބުންޏަސް ތީ ތެދެއް. ޔަޒްދާންގެ ގޮތް އެނގޭ. ނުބައި ނިޔަތެއްގަ ޔަޒްދާން ކައިރި ނުވާނެ ކަން ޔަގީން. ރީވާއާ ކިރިޔާވެސް އެކަށީގެންވާ މީހަކަށް މިތާ ހުރީ ޔަޒްދާން އެކަނި. ޔަޒްދާން ކަމެއް ފެށި ނަމަވެސް އަހަރެންނަށް ނުރުހުން ވާނެ ޗާންސެއް އަސްލު ނޯންނާނެ” ވިސްނާލަމުން ރިޔާން ބުންޏެވެ.
“ކޮބާ! ހުއްދަ ލިބުނީނު ޔަޒްދާން. ދެން އުޅޭ އެކަމާ” ޔަޒްދާންގެ ކޮނޑަށް އަތް އެއްލަމުން ސަލަފް ބުންޏެވެ.
“ރީވާއާ ދޭތެރޭ ކޮއްކޮއެއް ހެން ނުދެކޭ ނަމަ އެ ވަރުގެ ކުއްޖަކު ހޯދަން މަސައްކަތް ފަށަން ހަމަ ރަނގަޅު. އެކަމަކު އެއީ ހަމަ ޔަޝްއާ އެއްފަދަ ކުއްޖެއް” ޔަޒްދާން ބުންޏެވެ.
“ދެން ކާކު ހުރީ؟ އާރިޝް، ސަލަފް، ޓްރައި ކުރަން ވީނު؟ އެކަމަކު ފުރަތަމަ ޖެހޭނީ ރިޔާން ދޭ އެގްޒާމްއަކުން ޕާސް ވާން” ނާބިތު ބުންޏެވެ.
“ނޯ ވޭ! ހިތަށްވެސް ނާރުވާތި! ތީ ދުވަހަކުވެސް އިސްލާހު ވާނެ ބައެއް ނޫން. މި އާރިޝް ހިތުގަ ނެތް ދުވަހަކުވެސް އެ ނޫން ގޮތަކަށް އުޅޭކަށް. ނުވި ތާކަށް ކައިރީގަ އުޅޭ މީހަކުވެސް ސަލާމަތް ވިޔަނުދޭނެ. ޔޫ ***ސް ސްޓޭ އަވޭ ފްރޮމް މައި ސިސްޓަރ!” ދެ އެކުވެރިންނާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ރިޔާން ހެމުން ބުނެލިއެވެ. އެ މީހުންނާ މެދު ހިތުގައި އެއްޗެއް އޮވެގެންނެއް ނޫނެވެ. ރީވާއަށް އެ މީހުންގެ ފަރާތުން ނުރައްކަލެއް ނެތް ކަން ރިޔާންއަށް ޔަގީންވެއެވެ.
“އާރިޝް، ދެންވެސް އިސްލާހު ވާކަށް ނުވޭތަ؟ ރިޔާން، އެނގޭތަ؟ ކޮއްކޮއާ ބޭބެއާ ފަހަރިއާ އެކީ ދަތުރު އައި އިރުވެސް މި އާރިޝް އައީ ގެންގުޅޭ މަންޖެވެސް ގޮވައިގެން” ނާބިތު ބުންޏެވެ.
“މިހާރު ނާބި ވަން ވުމަން ފޯރ ލައިފްއަށް ސެޓްލް ވިޔަސް އިހަށް ދުވަހާ ހަމައަށް ތިވެސް ތިހާ ސީދާ މީހެއް ނޫނެއްނު؟ އަދި އަހަރުމެން ޖަޖް ކުރަން ފަށާކަށް ނުވޭ” އާރިޝް ބުނެލީ ނާބިތުއާ ދިމާ ކޮށްލުމަށެވެ.
“ސީދާ ތި މާނަ ކުރީ ކިހިނެއް؟ ތި ބުނީ އެހެން ގޮތަކަށް ކަމަށް ވަންޏާ، ކޮން އިރަކު އަހަރެން ސީދާ ނޫނީ؟ އެހެން ޒާތަކަށް އުޅޭ ބައެއްގެ ތެރޭ ހަތް އަހަރު ވަންދެން އުޅެވުނީމަ އާރިޝް ތިކަންވެސް އެކްސްޕީރިއެންސް ކުރީތަ؟ މީނައާ އެކީގަ ދެން އުޅެވޭކަށް ނެތެއްނު. މީ ކޮން ގޮތަކަށް އުފަން ވި މީހެއްތަ؟ އަހަންނާ ދޭތެރޭ ފާޑުފާޑު އެއްޗެހި ހިތަށް ނާރުވާތި! އަހަރެން މައިލީން ދެކެ ވަރަށް ލޯބިވޭ، އެންޑް އައި އޭމް ސްޓްރެއިޓް!” އާރިޝްގެ ކޮނޑުގައި އަތް އަޅުވާލަމުން ނާބިތު އާރިޝްއާ ދިމާކޮށްލިއެވެ. އެއާއެކު ދެން ތިބި އެންމެން ބާރަށް ހޭން ފެށިއެވެ.
“**** ނާބި!” ނާބިތުގެ ކޮނޑުގައި އަތްއަޅާ ދުރަށް ކޮއްޕާލަމުން އާރިޝް ބުނެލީ އެހެން ބައެއްގެ ކުރިމަތީ ނުބުނާނެ ފަދަ ބަހެކެވެ.
“ނޭނގޭނެއެއްނު. އެންމެ ކުރީގަ އުޅޭ މީހާ ހުރިހާ ގޮތަކުން އެކްސްޕަރޓްއަކަށް ވީ ކަމަށް އަހަރެން ހީކުރީ” އެންމެންގެ ހުނުމުގައި ބައިވެރިވަމުން ނާބިތު ބުންޏެވެ.
“މަށެއް ނޫން އެންމެ ކުރީގަ އުޅެނީކީ. ކިތަންމެ ބޭނުން ވިޔަސް އަހަންނަށްވެސް ރިޔާން ބީޓްކޮށް ނުލެވޭނެ. ރިޔާން އެއީ އަހަރުމެންގެ ކިންގް” އާރިޝް ދެކޮޅު ހެދިއެވެ.
“ބުނެފީމެއްނު ތި ކަމުގަ މިހާރު އަހަރެން ނުހިމަނާށޭ” ރިޔާން ބުންޏެވެ.
“މީނައަށް ވީ ގޮތެއް ބަލަން އެބަ ޖެހޭ. ބައްޔެއް ޖެހުނީތަ އަނެއްކާ؟” ދެންވެސް އާރިޝްގެ ސަމާސާއެއް ނުހުއްޓުނެވެ.
ރިޔާން ޖަވާބެއް ނުދީ ހަމައެކަނި ހިނިތުންވެލީއެވެ. ނާބިތު ޔަޒްދާންގެ ކޮނޑުގައި ޖެހިލާފައި ރިޔާންއަށް އިޝާރާތް ކޮށްލިއެވެ. އޭރު ސަލަފްއާ އާރިޝް ދައްކަމުން ދިޔައީ އެ މީހުންނާ އެކު ދަތުރުގައި ބައިވެރިވި އަންހެން ކުދިންގެ ވާހަކައެވެ.
“ވަޓް ޗޭންޖްޑް ޔޫ؟” ނާބިތުއާ ޔަޒްދާން ރިޔާންގެ ދެ ފަރާތުން އަރާ ހަމަ ކޮށްފައި، ނާބިތު އަހާލިއެވެ.
“ސްޕެޝަލް ކުއްޖަކާ ދިމާވީތަ؟” ޔަޒްދާންވެސް ހީވާ ގޮތަށް ސުވާލު ކޮށްލިއެވެ.
ރިޔާން ވަކި ޖަވާބެއް ނުދީ ދެންވެސް ހީލީއެވެ.
“އޯހ… އަނެއްކާވެސް ކައިވެނި ސައެއް ލިބެނީ ދޯ” ޔަޒްދާން ބުނެލިއެވެ.
“އެހާ އަވަހަކަށް ނޫން” ރިޔާން ބުންޏެވެ.
“ކޮންގްރެޓްސް ބްރޯ!” ރިޔާންގެ ކޮނޑުގައި ޖަހާލަމުން ނާބިތު ބުންޏެވެ.
ސައި ބޮއެގެން އައިސް ރީވާ ކޮޓަރިއަށް ވަދެ އޮށޯވެލީ ބޭހުގެ ސަބަބުން ނިދި އަންނަން ފެށުމުންނެވެ. ރިޔާންއަށް މެސެޖް ކޮށްލާފައި ރީވާ ޖައްސާލިތާ ގިނަ އިރެއް ނުވެ ނިދުނެވެ. ދެން ހޭލެވުނީ ދޭއް ޖަހަން އުޅެނިކޮށް މައިލީން ގޮވުމުންނެވެ.
“ދޭއް ޖަހަނީ. އެންމެން ކާން އެބައުޅޭ. ރިޔާން ބުނެގެން ރީވާއަށް ގޮވަން މި އައީ” ރީވާ ލޯ ހުޅުވާލުމުން މައިލީން ބުންޏެވެ.
“މި ދަނީ ނަމާދު ކޮށްގެން” ތެދުވެފައި ރީވާ ބުންޏެވެ.
މެންދުރު ކެއުމަށް ފަހު އެންމެން މޫދަށް އެރުނެވެ. އެއަށް ފަހު އޮތީ ހަވީރު ސައެވެ. މަޣްރިބު ނަމާދުގެ ފަހުން ގިނަ މީހުން ދިޔައީ އެރޭ އޮންނަ ބާބެކިއުގައި ފިހުމަށް މަސް ބާނާށެވެ. މަސް ދަތުރުގައި ބައިވެރި ނުވެ މަޑު ކުރީ ރީވާއާ ހިބާގެ އިތުރުން ސައުސަންއާ އައިމަންއެވެ. މަސް ބާނަން ދިޔަ މީހުންނަށް އާދެވުނީ ނުވައެއް ޖެހި ފަހުންނެވެ. އޭރު ސައުސަންމެން ހުރީ އެހެން ކަންތައް ތައްޔާރު ކޮށްފައެވެ. ކުކުޅާ ސޮސެޖްގައި މިރުސް ލާފައި، އަލިފާންގަނޑު ރޯކޮށް އެއްޗެހި ފިހަން ފެށީ އާރިޝްމެން ގުޅާފައި މަސް ހިފައިގެން އަންނަ ކަމަށް ބުނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.







