Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ނިދީތެރޭން

mohamed neer Level 210 Stories100 Stories
June 26, 2013 5 Mins Read
1 Comment

ފަނަރަވަނަބައި

ކޮށި ހުޅުވާލުމަށްފަހު ހިނިތުން ވެލަމުން ނީނާ އެތެރެއަށް ވަނެވެ. އެއާއެކުހެން ދޫނި ތަކުގެ ހަރަކާތް އަވަސްވެ އަޑު
ބާރު ވިއެވެ. ނީނާ މަސައްކަތް ކުރަމުން ދިޔައީ އެތަނުން ދޫންޏެއް ހިފާން ނަމަވެސް އެކަމުގައި އޭނާ އަކަށް ކާމިޔާބެއް ކުރި އެރުމެއް ނުލިބުނެވެ. އެހެންވެ އޭނާ ހިތްހަމަ ނުޖެހުނުކަން އޭނާގެ މޫނުމަތިން ފާޅުވި ކުލަވަރުން އެނގުނެވެ.
މެންދަމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ނުވަތަ
އާންމުން އެއްވެ އުޅޭ މައިދާނަކުން ވިޔަސް މީހެއްގެ ހިލަމެއް ނުވެއެވެ. ރަށުތެރެއަށް ވެރިވެފައިވާ ފަނޑު ހަނދުވަރުގެ އަލީގެ ސަބަބުން މަގުތައް މާދުރާއެކު ވަރަށް ރީތިކޮށް ފެންނާން އޮތެވެ.
އެގޮތުގައި އެތައްއިރެއް ވާންދެން މަސައްކަތްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން ނީނާގެ ރުޅި ގަދަވިއެވެ. އެހެންކަމުން
އަވަސް އަވަހަށް އެތަނުން ނުކުމެ ދޮރުލެއްޕިއެވެ. އަދި ރުޅިވެރިކަމާއެކު ކޮށީގައި ފައިން ޖެހުމަށްފަހު ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
ބޮޑުމަގަށް ނުކުމެފައި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއިރު ރަށުތެރެވަނީ ނިދާ މަރުވެފައި ކަމަށްވާތީ ނީނާގެ
މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ. އެއާއެކުހެން އަވަސް ފިޔަވަޅު ތަކެއްގައި ގަބުރުސްތާނާ ދިމާއަށް ނީނާ މިސްރާބު ޖެހިއެވެ.
ގަބުރުސްތާނަށް ވަނުމުގެ ކުރިން އެހިސާބުން އެއްވެސް މީހަކު ފެންނާން ހުރިތޯ ނީނާ ޔަގީން ކޮށްލިއެވެ. އަދި މީހަކު
ވަގަށް ތަނަކަށް ވަންނަހެން އަވަސް އަވަހަށް އެތެރަށް ދެމިގަތެވެ. ގަބުރުސްތާނަށް ވަދެ ނީނާ ހިނގައިގަތީ ޒުބޭދާގެ މަހާނައާ ދިމާއަށެވެ. އޭރު އޭނާގެ ފިޔަވަޅުތައް އަވަސް ވެފައި ހަރަކާތްތައް ވެސް އަވަހެވެ.
ނީނާ ގޮސް ޒުބޭދާގެ މަހާނަކައިރިއަށް ހުއްޓުނުއިރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ނީނާ އަވަސް އަވަހަށް އެތަނުގައި އިށީނދެ މަހާނަމަތި ކޮންނާން ފެށިއެވެ.
މޫސުމް ގޮސްވެ ކުއްލިއަކަށް ކަހަލަގޮތަކަށް ގަދަވަޔާއެކު ވިދާ ގުގުރާ ވާރޭ ވެހެންފެށީ ނީނާއަށް ސަންދޯން ފެނުނު
ފަހުންނެވެ. ޖަހަމުންދިޔަ ބާރު ގުގުރިއާއި ވިދަމުންދާ ވިދުމަށް އެއްވެސް ސަމާލުކަމެއް ނުދީ ނީނާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. މުޅިތަނަށް ވެރިވެފައިވާ އަނދިރިކަމަށް ވެސް އޭނާ ސަމާލުކަމެއް ނުދެއެވެ.
ގަބުރުސްތާނުތެރެއަށް ހޮނުއެޅުމާއެކުހެން މުޅިތަނަށް ވެރިވެގެން ދިޔައީ ހުދުކާފޫރު ވަހެވެ.
ވިސާމަށް ހޭލެވުނީ ގުގުރާ އަޑަށެވެ. އެއާއެކުހެން ވިސާމަށް ބަލާލެވުނީ ނީނާ ކޮބައިތޯއެވެ. ނީނާ ކޮޓަރީގައި ނެތުމުން
ކޮންމެވެސް ވަރަކަށް ހާސްވި ނަމަވެސް އޭނާ ވާނީ ފާޚާނާބައިގަ ކަމަށް ނިންމާ ހިތްހަމަ ޖައްސާލިއެވެ. އަދި އެގޮތުގައި މާގިނަ އިރެއް ނުވަނީސް ވިސާމަށް އަނެއްކާ ވެސް ނިދިއްޖެއެވެ.
ފެންވަރައިގެން އައިސް އެނދަށް އަރާ އޮށޯވެ މާގިނައިރެއް ނުވަނީސް ނީނާއަށް ވެސް ނިދިއްޖެއެވެ.
ވަގުތުތައް ފާއިތުވަމުން އައިސް އާ ދުވަހަކަށް އިރު އެރުމާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފަށައިފިއެވެ.
އާދިއްތަ ދުވަހަކީ އެންމެ ގިނަ ގެސްޓުން ރަށަށް އަންނަ ދުވަހަށް ވާތީ ހެނދުނުގެ ސަޔަށްފަހު ޝޮޕްވެރިން އަވަސްވެގަތީ ޝޮޕް ހުޅުވައި ވިޔަފާރިއަށް ތައްޔާރު ވާށެވެ. ޓީޝާރޓްތަކާއި މުންޑު އަދި ބައެއް ކަހަލަ ކުރެހުމާއި އެނޫން ވެސް ބައެއް ތަކެތި ބޭރަށް ނެރެ އަސްކަނި ދަށުގައި އަޅުވާ މާދުރަށް ޝޮޕް ފެންނާނެހެން ތައްޔާރު ކޮށްލިއެވެ.
ވިސާމަށް ހޭލެވުނީ ނުވައެއް ޖަހާކަން ހާއިރުއެވެ. ވިސާމް ހޭލިއިރު ނީނާ ކޮޓަރީގައި ނެތުމުން ނީނާ ވާނީ ބަދިގެފަރާތުގަ
ކަމަށް ވިސާމް ނިންމިއެވެ. އެހެނީ ނީނާ އަކީ އެހެން ދުވަސް ދުވަހު ވެސް ވަރަށް ހެނދުނާ ތެދުވެގެން ބަދިގޭގެ މަސައްކަތުގައި އުޅެމުންދާ މީހެކެވެ.
ވިސާމް ގޮސް ފާޚާނާބަޔަށް ވަތްއިރު ހުދުކުލައިގެ ފޮތިތަކެއް ކަހަލަ ކޮންމެވެސް އެއްޗެއް ފެނުލާފައި ހުއްޓެވެ. ހުދުކާފޫރު
ޒާތުގެ ވަހެއް ދުވަމުން ދިޔައިރު އެފެނުން ލޭގެއަސަރު ވެސް ފާޅުވާން ހުއްޓެވެ. އެކަމުގެ ސަބަބުން ވިސާމް ކޮންމެވެސް ވަރަކަށް ހައިރާންވި ނަމަވެސް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
ސައި ބޮއިގެން ވިސާމް ދިޔައީ ޝޮޕަށެވެ.
ޝޮޕްގެ މަސައްކަތް މެންދުރަށް މެދުކަނޑާލުމަށްފަހު ވިސާމް ގެއަށް އައިއިރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަ
ޖެހިފައިވާ ކަމުގެ އަސަރުތަކެވެ. އެކަމާ ބެހޭގޮތުން އޭނާގެ މަންމަ ސުވާލުކުރުމުން ވިސާމް ބުނީ މިއަދުގެ މެންދުރު ކުރި އަކީ ހިތްހަމަ ޖެހޭވަރަށް ވިޔަފާރި ކުރެވުނު ދުވަހެއް ކަމަށެވެ.
ފާޚާނާބަޔަށް ވަނުމާ އެކުހެން ވިސާމްގެ ލޮލުގަ އަޅައިގަތީ އެތަނުގެ ރޯނުގަ އަޅާފައިހުރި ހުދުފޮތި ތަކެވެ. މާބޮޑު
ނޫނަކަސް އެއްވަރަކަށް ހިމަ ދިގުކޮށް ހަދާފައިވާ އެފޮތިތައް ފެނުމުން ވިސާމް ހައިރާންވިއެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދި ނީނާއާ އެ ވާހަކަ ދައްކާން ނުކުތްއިރު ނީނާ ވީ ކޮންމެ ވެސް ގެއަކަށް ގޮހެވެ. އެހެންކަމުން ވިސާމަށް އެވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.
މެންދުރަށް ކައިގެން ވިސާމް ޝޮޕަށް ދިޔައިރު ވެސް ނީނާ ގެއަކަށް ނާދެއެވެ.
މެންދުރުފަހު ދެގަޑިބައި ތިނެއް ޖަހާކަން ހާއިރެވެ. އެއްފަހަރާ އެތައް ބައިވަރު ގެސްޓުން އައިސް އުޅޭތީވެ ރަށުތެރޭން
ފެންނަމުންދަނީ ހަލަބޮލިކަމެވެ.
އަބްދުލް ހާދީ އޭނާގެ އާދައިގެމަތިން މިއަދު ވެސް ގަބުރުސްތާނަށް ދިޔައީ ޒުބޭދާގެ މަހާނަ ބަލާލުމަށްޓަކައެވެ. އެންމެ
ފަހުން އަންޖާމާއި އޭނާގެ ޢާއިލާއިން އޭނާގާތު އެދުނު އެދުން ފުރިހަމަ ކޮށްދިނުމަށް އަބްދުލް ހާދީ ވަރަށްބޮޑު އިސްކަމެއް ދެއެވެ. ގަބުރުސްތާނަށް ވަދެގެން ޒުބޭދާގެ މަހާނައާ ދިމާއަށް ހިނގަމުންދިޔަ އަބްދުލް ހާދީގެ ފިޔަވަޅުތައް ހަލުއިވެ އަވަސް ވެގެން ދިޔައީ ކުއްލިއަކަށެވެ. އެއާއެކުހެން އޭނާގެ މޫނުމަތިން ނުތަނަވަސްކަން ވެސް ފާޅުވެގެން ދިޔައެވެ.
އަބްދުލް ހާދީ އައިސް މަހާނަކައިރިއަށް ހުއްޓުމާއެކުހެން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަން އިތުރުވެ
ކަންބޮޑުވުމާއި ހައިރާންކަމަށް ބަދަލުވެގެން ދިޔައެވެ. ޒުބޭދާގެ މަހާނަމަތި ކޮނެ ސަންދޯކުން ބައެއް ހަލާކުކޮށްލާފައި ވާއިރު ކަފުން ވެސް ވަނީ ވީދާ ކުދިކުދި ކޮށްލާފައެވެ. ކަރުން މަތިން ބައެއް ފެންނާން އޮތްއިރު މޫނުމަތިން މަސް ނައްޓާފައި ހުއްޓެވެ. ހީވަނީ ވީދައިގެން ކާފައި ހުރި ހެންނެވެ. މުޅި ހިސާބަށް ފެތުރިފައިވަނީ ހުދުކާފޫރު ވަހެވެ.
އަބްދުލް ހާދީ ވަރަށް އަވަހަށް ރަށުކައުންސިލްގެ ރައީސް ވާފިރަށް ފޯނުކޮށް އެޚަބަރު ދިނެވެ. އެއާއެކުހެން ކައުންސިލްގެ
ނާއިބުރައީސް އާއި އިތުރު މެންބަރުން މުދިންބެއާއެކު އެތަނަށް އައިސް ފިއެވެ. އަދި މުދިންބެގެ ލަފަޔާއި މަޝްވަރާގެ މަތިން އަވަސް އަވަހަށް އެތަން ހަމައަކަށް އަޅުވާލިއެވެ. އޭރު ރަށުތެރެއަށް އެޚަބަރު ފެތުރި ކޮންމެވެސް ވަރަކަށް މީހުން އެދިމާއަށް އަންނަމުން ދިޔައެވެ.
ކުއްލިއަކަށް ރަށުތެރެއަށް ފެތުރުނު އެޚަބަރުގެ ސަބަބުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. ހަމައެހެންމެ
ހައިރާންވި މީހުންނާއި އެކަމާ ކަންބޮޑުވި މީހުން ވެސް މަދެއް ނޫނެވެ. އެންމެންގެ ހިތުގައި ވެސް ވަނީ ޖަވާބުލިބުން ދަތި ސުވާލު ތަކެވެ. އެކަމާމެދު ވިސްނާ ފިކުރުކުރާ މީހުން ދިޔައީ ގިނަވަމުންނެވެ. އެންމެންވެސް ބުނަމުން ދިޔައީ މިއަދު ފެނުނު އެކަންތަކަކީ އިންސާނަކަށް ކުރާން ކެރޭވަރަށްވުރެ ނުބައި ކަމެއް ކަމަށާއި އެއީ އާދަޔާ ހިލާފް ކަމެއް ކަމަށެވެ.
އިރު އޮއްސި އަނދިރިކަން ވެރިވާން ފެށުމާއެކުހެން ރަށުތެރޭގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. މިއަދު ހިނގާދިޔަ
ކަންތަކުގެ ސަބަބުން ބިރުގަނެ ހާސްވެގެން އުޅޭ މީހުން ގިނަވިއެވެ. ޢާއިލާ އެއްކޮށް ގެއަށް ހަމަކޮށް ދުރަށް ނުދިއުމަށް ބުނަމުންދާ މީހުންތައް ބައިވަރެވެ. ހާއްސަކޮށް ގަބުރުސްތާނާއި ކައިރި ގެތަކު މީހުންގެ ހާލަތު މާ ބޮޑަށް ގޯސްވިއެވެ. އެހެންކަމުން އެފަދަ ބައެއް ގޭގޭގެ މީހުން އެހެން ގެތަކަށް ބަދަލު ވެސް ވިއެވެ.
މިއަދު ފެނުނު ކަންތަކުގެ ސަބަބުން ގިނަބަޔަކު ބިރުގަނެ، ހާސްވެ ކަންބޮޑުވުމާއި ނުތަނަވަސް ވުމުގެ ސަބަބުން
މަގުތަކަށް ނުކުމެ ނޫޅޭތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ހުޅުވާލާފައި ހުރި ގެއެއް ނުފެންނަ ތާންގައި ފިހާރަތަކާއި ހޮޓާތައް ވެސް ހުރީ ބަންދު ކޮށް ފައެވެ.
މުދިންބެއަކީ އަބަދުވެސް ކަންކަމާމެދު ވިސްނާ ފިކުރުކޮށް ކުރިޔާލާ ކަންކަންކަމަށް ތައްޔާރުވާ މީހެކެވެ. ހަމައެހެންމެ
ރަށަށް ނުވަތަ ރަށުގެ މީހަކަށް ކަމެއް ދިމާވިޔަސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރާ މީހެއް ވެސް މެއެވެ. ރަށު ރައްޔިތުންގެ ފަރާތުން މުދިންބެއަށް ލިބެމުންދާ އިޙުތިރާމު ލޯތްބަކީ އޭނާގެ ފަރާތުން އެހެން މީހުނަށް ދެމުންދާ އިޙުތިރާމާއި ލޯބިކަން އެންމެވެސް ގަބޫލުކުރެއެވެ.
ގަބުރުސްތާނުން މިއަދު ފެނުނު ކަންތަކާމެދު މުދިންބެ ވިސްނާ ފިކުރު ކުރަމުން ދިޔައީ، އެކަމަކީ އާދަޔާހިލާފް ކަމެއް
ކަމުގައި ގަބޫލުކުރެވޭތީ އެވެ. ހަމައެހެންމެ އެކަމުގެ ޙަޤީޤަތް ހޯދުމަކީ މުހިންމުކަމެއް ކަމުގައި ދެކޭތީއެވެ.
ނީނާ އާއި ވިސާމް އޮށޯވެލައިގެން ތިބީ ނިދާން ނަމަވެސް އަދިއެއް ނުނިދެއެވެ. އެހެންކަމުން އެދެމެދުގައި ކޮންމެ ވެސް
ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އޭރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ އަސަރު ތަކެވެ. ހިތާމައިގެ ކުލަވަރެވެ.
” ޒުބޭދާގެ މަހާނަމަތި ކޮނެފައި ހުރި ވާހަކަ އެއީ ތެދެއްތަ؟ ” ވިސާމަށް ބަލާލަމުން ނީނާ އެހިއެވެ.
” އާން. އެކަހަލަ ވާހަކައެއް އަޑު އިވުނު… އެކަމު އެއީ ހާދަ އެހެން ކަހަލަ ކަމެކޭދޯ؟ ” ވިސާމް ވެސް ވާހަކަ ދެއްކީ
ނީނާއަށް ބަލާން އޮވެއެވެ.
” އާން. އެކަމު އަހަރެމެންނަށް ކޮންކަމެއް ދޯ؟ ” ވިސާމާއި ގާތަށް ޖެހިލަމުން ނީނާ ވާހަކަ ދެއްކިއެވެ.
ވިސްނާ ފިކުރުކުރާން އޮތް މުދިންބެއަށް ނިދުނުއިރެއް އޭނާއަކަށް ވެސް ނޭނގުނެވެ.
ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާ ފަޅުކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުން އަލިވެއްޖެއެވެ. މުދިންބެ
އަށް ހޭލެވިގެން އަވަސް އަވަހަށް ގަޑި ބަލީލިއިރު ފަތިސްނަމާދު ވަގުތުވާން ތިރީހަކަށް މިނިޓް ހުއްޓެވެ. އެހެނަސް މުދިންބެ އަވަސްވެގަތީ މިސްކިތަށް ދާށެވެ. ރޭގައި އޭނާ ވިސްނި ވިސްނުމަށް އަމަލީ ސިފައެއް ގެންނާން އޭނާ ބޭނުންވެއެވެ.
މިފަދަ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ރައްކަލަށް ޓަކައި އެމީހަކަށް ކުރެވުނު ކޮންމެކަމެއް ކުރުމަކީ ވާޖިބެއްފަދަ
ކަމެއް ކަމުގައި މުދިންބެ ދެކެއެވެ.
ގައިން ތާހިރުވެ ވުޟޫކޮށްގެން ގެއިން ނުކުމެ މުދިންބެ މިސްރާބުޖެހީ މިސްކިތާއި ދިމާއަށެވެ. މުދިންބެ އަނގަޔަށް އަންނަ
މުންދާ ހަރަކާތްތަކަށް ވިސްނާލުމުން އޭނާ ސިއްރު ސިއްރުން ކޮންމެވެސް އެއްޗެއް ކިޔަމުންދާކަން ޔަގީންވެއެވެ. އެއްވެސް މަގެއް މަތިން މީހަކު ނުފެނެއެވެ. ގެއެއްގެތެރޭން އަޑެއް ބަޑެއް ނީވޭ ތާންގައި ގަދަފަދަ އައްޔެއްގެ ހާހިސާބު ވެސް ފެންނަމުން ނުދާތީ މީހަކު ހޭލާ ނޫޅޭކަން ޔަގީންވެއެވެ.
މުދިންބެ ދިޔަގޮތަށް ގޮސް ވަނީ ގަބުރުސްތާނަށެވެ. އަދި ވަށައިގެން ހޯދާލަމުން ޒުބޭދާގެ މަހާނައާ ދިމާއަށް ހިނގައިގަތް
އިރު ވެސް އޭނާގެ ސިއްރު ކިޔެވުން ކުރިޔަށް ގެންދިޔައެވެ.
ޒުބޭދާގެ ވަށައިގެން ބުރެއް ޖަހާލުމަށްފަހު މުދިންބެ ގޮސް މަޑުކޮށްލީ ޒުބޭދާގެ ބޯ ކޮޅުގައެވެ. އަދި ގަޑިއަށް ބަލަމުން
އޭނާގެ ކިޔެވެލި ކުރިޔަށް ގެންދިޔައެވެ.
ފަތިސްނަމާދު ވަގުތުވާން ގާތްވުމުން އޭނާގެ މަސައްކަތް މެދުކަނޑާލަމުން މުދިންބެ ގޮސް މިސްކިތަށް އެރިއެވެ.
ރަށުތެރެއަށް ފާޅުވެގެންދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގިއާ އެކުހެން މީހުންތައް ހޭލަން ފަށައިފިއެވެ. އަދި މަޑުމަޑުން
މަގުތަކުން މީހުން ފެންނާން ފެށިއެވެ. ހަމައެހެންމެ މަގުތަކުން ފެންނަމުންދިޔަ އެންމެންގެ ވެސް މިސްރާބަކަށް ވެފައިވަނީ މިސްކިތެވެ. އެހެނަސް އެހެން ނަމާދުތަކާއި ހިލާފަށް ފަތިސްނަމާދަށް ދާ މީހުން މަދެވެ.
ފަތިސްނަމާދުން ފައިބާގެން މަސްވެރިންތައް އަވަސްވެގަތީ މަހަށް ދާށެވެ. އަޅުކަމަށްފަހު އާމްދަނީ ހޯދުމަށް މަސައްކަތް
ކުރުމަކީ ދިވެހިންގެ ތެރޭން މަދުން ނަމަވެސް ފެންނަމުންދާ ރީތި އާދައެކެވެ. އެހެނަސް އެއީ އެކަން އޮންނާންޖެހޭ ގޮތްކަމަށް ގަބޫލުކުރާ މީހުން ގިނަވަމުން އަންނަކަމީ އުފާކުރުން ޖެހޭ ކަމެއްކަން ޔަގީނެވެ.
އާދުވަހަކަށް އިރުއެރުމާ އެކުހެން ރޭގަނޑުގެ ހަމަހިމޭންކަން ފިލައި ހަލަބޮލިކަން ވެރިވާން ފެށިއެވެ. ރޭގައި އެއްވެސް
ކަމެއް ހިނގާދިޔަތޯ ބަލާން ނުކުތް މީހުން ވެސް މަދެއް ނޫނެވެ.
މުދިންބެ އިނީ އޭނާގެ ކޮޓަރީގައެވެ. އޭރު އޭނާގެ އަތުގައާ މޭޒުމަތީގައި ދުވެސްވެފައިވާ ބައު ފޮތްތަކެއް ހުއްޓެވެ.
މުދިންބެ މަސައްކަތް ކުރަމުން ދިޔައީ އެފޮތްތައް ބަލައިގެން ކޮންމެވެސް މުހިންމު ލިޔުމެއް ހޯދާށެވެ. އެފޮތްތައް ބަލަމުން މުހިންމު ބައެއް ލިޔުން ގަނޑެއްގައި ނޯޓްކުރަމުން ދިޔައިރު މުދިންބެގެ ހަރަކާތްތައް އަވަހެވެ.
ފޮތްތަކުގައިވާ ލިޔުންތައް ބަލަމުން ނޯޓް ކުރަމުންދިޔަ މުދިންބެގެ ހަރަކާތްތަކަށް ހުއްޓުންއައީ އެތަނުން ފޮތަކުން ފެނުނު
ލިޔުމެއްގެ ސަބަބުންކަން ޔަގީނެވެ. އެއާއެކުހެން ދެވަނަފަހަރަށް ވެސް މުދިންބެ އެލިޔުމަށް ނަޒަރު ހިންގާލިއެވެ.
” ރަށަށް ނާމާންކަމެއް މެދުވެރިވެ އަންހެނަކު މަރުވެއްޖެނަމަ އެއީ އަންހެނެއްގެ ފަރާތުން ކުރިމަތިވާކަމެއް. އެފަދަ ހާލަތެއް
މެދުވެރިވެއްޖެނަމަ އެންމެ ފުރަތަމަ އިސްކަންދޭނީ ރަށުން ބޭރުން އައިސް ފައިވާ އަންހެނުންނަށް. އެގޮތުން އެފަދަ އަންހެނުން އުޅެމުންދާ ގޮތާއި އެމީހުން ދިރިއުޅެމުންދާ ތަންތަން ބަލާންވާނެ. ދެން ތިރީގައިވާ ތަރުތީބުން ކަންތައް ކުރަމުން ގެންދާނީ ….. ”
އެފޮތުގައިވާ ލިޔުން މުދިންބެ ކިޔާލިއެވެ.
ފޮތްތަކުގައިވާ ލިޔުންތަކުގެ ތެރޭން މުދިންބެ ހޯދާން ބޭނުންވާ ލިޔުންތައް ހޯދައި ބަލާ ޔަގީންކުރާން ބޭނުންވާ ކަންކަން
ޔަގީން ކުރުމަށްފަހު ފޮތްތައް ފޮރުވިއެވެ.
ވިސާމަކީ ވެސް މުދިންބެ ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ. ހަމައެހެންމެ ވިސާމް އުޅެނީ ރަށުންބޭރު ކުއްޖަކާއި
އިނދެގެން ކަމާއި އެއަންހެންކުއްޖާ ދިރިއުޅެމުންދަނީ މިރަށުގައިކަން މުދިންބެއަށް އެނގެއެވެ. އަދި އެއަންހެންކުއްޖާއަކީ މިރަށަށް އެންމެފަހުން ދިރިއުޅުން ބަދަލުކުރި އަންހެންކުއްޖާކަން ވެސް މުދިންބެއަށް އެނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ސަލްމީނާ

Next

އަނދުން ދަޅު

Next
June 26, 2013

އަނދުން ދަޅު

Previews
June 26, 2013

ސަލްމީނާ

One Comment

  1. އައިޝާ says:
    June 27, 2013 at 3:00 pm

    މޫނުމަތިން ފެންނަނަ ހުންނަނީ ހިންހަމަ ޖެހުމުގެ އަސަރުތަކެވެ..މި ހެން ކޮންމެ ޕާރޓް އެއްގެ އެތައްފަހަރަކު ތަކްރާރްވެގެން ހުންނާތީ ފޫހި..އެހެނ އިބާރާތަކުން ޑިސްކްރައިބް ކޮއްދޭ ނަމަ އިތުރަށް ފުރިހަމަ ވީސް..ވާހަކަ ރީތި.

Comments are closed.

Next Episodeނިދީތެރޭން←


All Right Reserved!