
ފޮހެވޭނޭ ބާއޭ… 22
”ހުއް… ތިހާ ވަރަށް މިޝްޔާ ދެކެ ކޮންސާރން ވާ މީހެއްނަމަ ދެވަނަ ކައިވެންޏެއް ނުކުރީހެއްނު!، އެވެސް އެކުއްޖާއަށް އޮޅުވާލައިގެން، އެވަރުން ވެސް މަންމަމެން އިތުބާރު ކުރަނީ މީނައަށް… އެކަމަކު ދަންނާތި، ހަޤީޤަތް ދާއިމަށް ނުފޮރުވޭނެކަން! ދެން ރަގަޅުވާނީ މިތަނުން ދިއައްޔާ…. ކަލޭގެ ފަހަތުގައި ފޮރުވިފައިވާ ޝައިތާނާ އެ ޔަޝްމްއަށް ފެންނާނެ ދުވަހަކަށް އަހަރެން ދުޢާ ކުރާނަން، ކަލެއަށް ދުވަހަކު އުފަލެއް ނުލިބޭނެ ހެން….”
”ދީމް!” ކުއްލިޔަކަށް ޖުވޭރިޔާގެ އަތުގެ ހޫނު އެތިފަހަރެއް ދީމްގެ ކޯތާފަތަށް އެރިއެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް ދީމް ވިއްސައިގެން ނުދިޔައީ ވެސް ކިރިޔާއެވެ. ދިލަ ނަގަމުން ދިޔަ ހިސާބުގައި ފިރުމާލަމުން ރޮވިފައި ހުރެ އޭނަ މަންމައަށް ބަލާލިއެވެ. އޭނަގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. މިއަދު ދެވަނަ ފަހަރަށް އިޒްކާންގެ ސަބަބުން މަންމަ އޭނަގެ ގަޔަށް އަތް އިސްކުރީއެވެ.
”ދީމްއަށް ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟، ބަދުދުޢާ ކުރުމަކީ ކޮންކަހަލަ ކަމެއްކަން ދީމްއަށް ނޭގެނީތަ! ހަމަމިހާރު އިޒްކާން ގާތުން މާފަށް އެދޭ، މަންމަ ކިތައް ފަހަރު ބުނާނީ ދީމްގެ ތި ވިސްނުން ބަދަލު ކުރާށޭ!، އިޒްކާން ނެތް ނަމަ މިއަދު މިޝްޔާ….” ޖުވޭރިޔާއަށް އިތުރަށް ކެތް ނުކުރެވުނެވެ. އޭނަގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ޔޫސުފް އައިސް ބިންމައްޗަށް ތިރިވަމުން ދިޔަ ޖުވޭރިޔާގެ ގައިގައި ހިފެހެއްޓިއެވެ. އަދި ގެނެސް ކައިރިކޮށްލިއެވެ.
ދީމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނު ކަމުގައި ވިޔަސް ބައްޕަގެ މޫނު ފެނުމުން އެހިތްވަރު ވެސް އެލުނެވެ. މަންމަގެ ހިތުގައި ޖެއްސިއްޖެކަން އޭނައަށް ރޭކާލީ ދެނެވެ.
”އަހަރެން ބުނި އެއްޗެއް ދީމްއަކަށް އަޑެއް ނީވޭތަ؟، އިޒްކާން ގާތުން މާފަށް އެދޭށޭ!…” ޖުވޭރިޔާ އަޑަށް ބާރު ލިއެވެ. ދީމް ހުރީ ތުންފިއްތާލައިގެންނެވެ. މަންމަ އޭނަ އެންމެ ފޫހިވާ ކަންތަކަށް މަޖުބޫރު ކުރާތީއެވެ. އޭނަ އިސްދަށަށް ޖަހާލައިގެން ހުރީއެވެ.
”ދީމް މަންމަ ބުނާ އެއްޗެއް އަޑެއް ނީވެނީތަ؟، މަންމަ ދަރިފުޅަށް ހާދަ ލޯބިން ވިސްނައިދީފީމޭ، އެކަމަކުވެސް ދަރިފުޅު އަޑު އިވޭކަމަކަށް ނުހަދާ، އިޒްކާން ކުށްވެރި ކުރާއިރު އޭނަ ނެތްނަމަ އެރޭ މިޝްޔާއަށް ވާނެ ގޮތެއް ވެސް ހިތަށް ގެންނަން ދަތި…” ޖުވޭރިޔާ ހުރީ ދީމްގެ ގަޔަށް އަތް އިސްކުރެވުމުން ދެރަވެފައެވެ. އޭނަ މިފަހަރު ވާހަކަ ދެއްކީ ލޯބިންނެވެ. ވިސްނައިދެވޭނެ ރާގަކަށެވެ. ނަމަވެސް ދީމް ހުރީ އެވާހަކަތަކަށް ބީރު ކަންފަތެއް ދީގެންކަމެއް އޭނައަކަށް ނޭގެއެވެ.
”އޭނަ އެހާ ބޮޑަށް މިޝްޔާ ދެކެ ވިސްނާނަމަ ދެވަނަ ކައިވެންޏެއް ކުރީ ކީއްވެ؟، އެކަން މިޝްޔާއަށް އެނގޭ ދުވަހަކުން ދެރަވާނެ ވަރު ނުވިސްނެނީތަ؟….” ދީމް ޤަބޫލުކުރަން ބޭނުން ނުވިޔަސް މިޝްޔާ އިޒްކާން އާ ހެދި އުޅުނު ވަރު އޭނައަށް ވަނީ އެންމެ ގާތުން ފެނިފައެވެ. އިޒްކާން މިޝްޔާގެ ގާތުން ކައިވެންޏަށް އެދުނު ދުވަހު އެމޫނުމަތިން ފެނުނު އުފާވެރިކަމުގެ ހިނިތުންވުމުން އޭނަގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ނަމަވެސް ލޯހުޅުވާލުމާއެކު މަންޒަރު ބަދަލު ވެއްޖެއެވެ. މިޝްޔާ ދެކެ އިޒްކާން ހަޤީޤީ ލޯބިވިނަމަ މިޝްޔާއަށް އިންތިޒާރު ކުރީހެވެ. ދެވަނަ ހަޔާތެއް ނުފެށީހެވެ. އޭނަ އިޒްކާން ދެކެ އެންމެ ބޮޑަށް ރުޅި އަންނަ އެއް ސަބަބަކީ އެއީ އެވެ.
”ދީމް، ކޮންމެ މީހެއްގެ ވެސް މަޖުބޫރީއެއް އޮވެދާނެ އެއްނު…” ޖުވޭރިޔާ ބުނެލިއެވެ. ”މަންމަ ހުންނާނީ އަބަދު އޭނަގެ ކޮޅަށް ބުރަވެފަ….” ދީމް ލޮލުން ކަރުނަތައް ފޮހެލަމުން ދުވެލާފައި ގޮސް ވަނީ ކޮޓަރިއަށެވެ. އަދި ބަންލާފައި ދޮރުލައްޕާލިއެވެ. ޖުވޭރިޔާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
އިޒްކާން ދެން އެތާކު މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. އޭނަ ގޭގެ ގޭޓާ ދިމާއަށް ހިނގައިގަތެވެ. އޭނަ އެގެއަށް އައީ ހާދަ ފޮނި އުއްމީދުތަކާ އެކުގައެވެ. ދުވަސްތަކަކަށް ފަހު މިޝްޔާއާއި ބައްދަލު ވެވޭނެ ކަމުގެ ފޮނި އުއްމީދާ އެކުވެސް މެއެވެ. ނަމަވެސް އޭނަގެ ހުވެފެނުގައި ކުލަ ނުޖެހެނީސް ބިލާހަކަށް ވެގެން ދިޔައީއެވެ. ކިތަންމެ ފަހަރަކު މިޝްޔާ ”ނައިޓިންގޭލް” އަށް ބަދަލުކުރަން ވެސް ހިތަށް އެރިއެވެ. މަންމަ އާއި ބައްޕަ އޭނަ ދެކެ ރުޅި އަޔަސް ވަރިހަމަ ކަމަށް ދެކެމުންނެވެ. އެޕާރޓްމެންޓެއް ހިފައިގެން މިޝްޔާއެކު އެތަނަށް ބަދަލުވާން ވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނަ އެފަދައިން ކަންތައް ކޮށްފިނަމަ މިޝްޔާގެ މައިންބަފައިންނަށް ވެގެން ދާނެ ގޮތަކާ މެދު ވެސް ވިސްނާލެވުނެވެ. އަމިއްލަ އެދުން އިސްކުރަން ކިތަންމެ ފަހަރަކު އޭނަގެ ހިތް އިރުޝާދު ދިނެވެ.
”އިޒްކާން…” ގޭޓާ ދިމާއަށް ދިޔަ އިޒްކާން ހުއްޓުވަން ޖުވޭރިޔާ އަވަސް ވެގަތެވެ. އޭނަ ފަޔަށް ލެވުނުހާ ބާރަކާ އެކު ގޭޓާ ދިމާއަށް ދިޔައެވެ. އޭނަގެ ފަހަތުން ޔޫސުފް ވެސް އައެވެ. ޖުވޭރިޔާއަށް ބީރު ކަންފަތެއް ދޭކަށް އިޒްކާންއަށް ނުކެރުނެވެ. އޭނަގެ ފިޔަވަޅުތައް ވަކި ހިސާބަކުން ގަނޑުވެގެން ދިޔައެވެ. މިމަންޒަރު ފެނި ޖުވޭރިޔާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އޭނަ ގޮސް އިޒްކާންއާއި އަރާހަމަކޮށްލިއެވެ.
”ދެންމެ ވެގެން ދިޔަ ކަންތަކަށް މަންމަ މާފަށް އެދެން، އިޒްކާންއަށް ވެސް އެނގޭނެ ދީމްގެ މިޒާޖު، މިޝްޔާއާއި ދެކުދިން އެހާ އެކުވެރިކޮށް އުޅެފަ ކުއްލި ގޮތަކަށް ވަކިވެގެން ދިއުމުން ދީމްއަށް އެހެން އެދިމާވީ، ދީމްއަށް ވެސް ކޮންމެވެސް ދުވަހަކުން އިޒްކާންގެ ކުށެއް ނެތްކަން އެނގޭނެ… މަންމަ އަދިވެސް އެއްފަހަރު މާފަށް އެދެން، މަންމައަށް އެނގޭ އިޒްކާން އައީ މިޝްޔާއާއި ބައްދަލުކުރާ ހިތުންކަން، މިޝްޔާއާއި ބައްދަލު ނުކޮށްތަ ދަނީ؟….” ކަރުނަތައް ފޮހެލަމުން ޖުވޭރިޔާ ބުންޏެވެ. އިޒްކާން ހުރީ ޔޫސުފްމެންނާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރިފައެވެ. ދީމް ދެއްކި ވާހަކަތަކުން އޭނަގެ ނަމަށް ކިލަނބު ކަމެއް އައިސްފައިވާ ކަމަށް ހީކޮށްފައެވެ.
”އަޅުގަނޑު… އަޅުގަނޑު ޔަޝްމްއާ ކައިވެނި ކުރީ ބައްޕަމެން މަޖުބޫރުކުރުވުމުން…” އިޒްކާން ބުންޏެވެ.
”ދެން އިތުރަށް ތިމައުޟޫއަށް ވާހަކަ ދައްކަން މަންމަ ބޭނުމެއް ނޫން، މަންމައަށް އެނގޭ އިޒްކާންގެ މަޖުބޫރީ، އަދި މިޝްޔާއަށް ދެރަގޮތެއް ވެސް ނަހަދާނެކަން، މަންމަ އިޒްކާންއަށް އިތުބާރުކުރަން…”
”އަޅުގަނޑު މިޝްޔާއަށް ދެރައެއް ނުދޭނަން، ދުވަހަކުވެސް ނުދޭނަން، މުޅި އުމުރު ދުވަހު މިޝްޔާއަށް އިންތިޒާރުކުރަން ވެސް މިހިރީ ތައްޔާރަށް…” އިޒްކާން ތަކުރާރުކޮށްލިއެވެ. އެރީތި ދެލޯ ވަނީ ފެންކަޅި ވެފައެވެ. ދެލޮލުގައި މަޑު ރިހުމެއް ވެއެވެ. މިމަންޒަރު ފެނި ޖުވޭރިޔާ ދެރަވިއެވެ. އޭނަ އިޒްކާންއަށް ހިތްވަރު ލައިދޭން ބޭނުމެވެ. ނަމަވެސް ހިތްވަރު ލައިދެވޭހާ އޭނަގެ ހިތް ބާރުގަދައެއް ނޫނެވެ. އެހިތް އެވަނީ ބަލިކަށި ވެފައެވެ. އެކަން ފޫބައްދާލަ ދިނީ ޔޫސުފް އެވެ. ޔޫސުފް އިޒްކާންއާއި ވާހަކަ ދެއްކުމުން އިޒްކާންގެ ހިތަށް ވަގުތީ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
****
”ކޮންތަނަކަށްތަ އިޒްކާން އެދިޔައީ؟…” ބަލްޤީޝްއަށް އެއްތާކު މަޑުން ހުރެވޭ ކަމަކަށް ނުވެއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އިރުއިރުކޮޅާ ގަޑިއަށް ފުން ނަޒަރެއް ދޭނެއެވެ. އަދި އިޒްކާންއަށް ގުޅާލާނެއެވެ. އެދެލޮލުގައިވާ ނުތަނަވަސްކަމަށް ނިމުމެއް ނާދައެވެ. ”ފޯނެއް ވެސް ނުނަގާ…” އޭނަގެ ހިތުގައިވާ ހީ ޔަޤީނަށް ބަދަލު ވެދާނެތީ އޭނަ ހުރީ ބިރުގެންފައެވެ.
”ނޫން އިޒްކާން އެގެއަކަށް ނުދާނެ، އޭނަ ނުދާނެ އެއަންހެނާއާއި ބައްދަލު ކުރަން، ނޫން، ނޫން…” ބަލްޤީޝް އޭނަގެ ހިތަށް ވިސްނައިދިނެވެ. އެޚިޔާލުން ވެސް އޭނަގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ފަހަރެއްގައި ވެސް ޔަޝްމްއާއި އިޒްކާންގެ ގުޅުމަށް ހިޔަންޏެއް އެޅެން އޭނަ ބޭނުމެއް ނޫނެވެ. އޭނަ ތަކުރާރުކޮށް އިޒްކާންގެ ފޯނަށް ގުޅިއެވެ.
”ހަމަހޭގައި ހުރިއިރު ވެސް އިޒްކާންއަށް ހަމަޖެހުމެއް ނުދިންތާނގައި ކޯމާއަށް ދިއުމުން ވެސް އޭނަގެ އުނދަގޫ އިޒްކާންއަށް ޖެހިފައި އެވަނީ… މަރުވާން ވެސް އެނގޭ އެއްޗެއް ނޫނޭ އެއީ، ހާދަ ފޫއްސެއް ވެޔޭ، ދެން ހުރީ އޭނަގެ މަންމަ، އޭނަ ވެސް އުޅެނީ މަގޭ ދަރި ވާވައްދާލާނެ ގޮތެއް ނުފެނިގެން، އިޒްކާން އެމީހުން ބުނާ ކޮންމެ އެއްޗަކަށް އިތުބާރު ކުރާނެ، އިޒްކާންގެ ކައިވެނީގެ ޚަބަރު ލިބުމުން ފަހަރެއްގަ މިމައްސަލަ ހައްލުވާނެހެން ހީވަނީ……” ބަލްޤީޝް މިޝްޔާއަށް ބަދުދުޢާ ކުރިއެވެ. ދުލަށް އައިހާ އެއްޗެއް ވެސް ގޮވާލިއެވެ. މިޝްޔާގެ ހިޔަނި އިޒްކާންގެ ހަޔާތުން ނެރެ އެއްލާލަން އޭނައަށް ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. މިވީހާ ތަނަށް އޭނަގެ ރޭވުންތައް ފެނުފުލުން ދިޔަ ކަމުގައި ވިޔަސް ހެވެވެ.
”ރަސަލް….” ބަލްޤީޝް އޭނަގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖަހަމުން ރަސަލްއަށް ގޮވަން ފެއްޓިއެވެ. ކޮޓަރީގައި ހުރި ރަސަލް ބަލްޤީޝްގެ އަޑަށް ކޮޓަރިން ނިކުތެވެ. އޭނައަށް ނިކުމެވުނީ ވެސް ބަލްޤީޝްގެ ކުރިމައްޗަށެވެ. ކަންބޮޑުވުން އެކުލެވިގެންވާ ބަލްޤީޝްގެ މޫނު ފެނުމުން ރަސަލްގެ ސިކުނޑި ހާސްކޮށްލައިފިއެވެ. އޭނަ ވަގުތުން އަވަސް ވެގަތީ ބަލްޤީޝްގެ ހިތަށް ފިނިކަމެއް ގެނެސް ދޭށެވެ.
”އަދިވެސް އިޒްކާންގެ ޚަބަރެއް ނުވޭ…” ބަލްޤީޝްގެ ލޮލުން ކަރުނަ ހިލުނެވެ. ރަސަލް ބަލްޤީޝް ގެނެސް މޭގައި ޖައްސާލިއެވެ. ރަސަލްގެ އޯގާތެރިކަމާއި އަޅާލުމުން ވެސް ބަލްޤީޝްއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނަގެ ހިތުގެ ހަމަޖެހުމަކީ އިޒްކާން އެވެ. އޭނަ އިޒްކާން ދެކެ ވަނީ ޚާއްސަ ލޯތްބެކެވެ.
”ރަސަލް އަހަރެންގެ ދަރިފުޅަށް އަނެއްކާ ކަމެއް ވީތަ؟…” ބަލްޤީޝްގެ އަޑު ކުރެހުނެވެ. ”ތިހެން ވާހަކަ ނުދައްކަން އަހަރެން ކިތައް ފަހަރު ބުނެފަ އޮންނަނީ، އިރާދަކުރެއްވިއްޔާ އިޒްކާންއަށް އެއްވެސް ކަމެއް ނުވާނެ…” ބަލްޤީޝް ގެންގޮސް ސޯފާގައި ބައިންދަމުން ރަސަލް ނިކަން އަވަހަށް ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލިއެވެ.
ދެފަހަރު ވެސް ރިންގްވެފައި ފޯނު ކެނޑުނީއެވެ. ތިންވަނަ ފަހަރު ގުޅާލިއިރަށް އިޒްކާން ފޯނު ނެގިއެވެ.
”ދަރިފުޅު ކޮންތާކުތަ ތިހުރީ؟، ތި ދިޔަތަނަކަށް އަންގާލާފަ ދިޔަނަމަ، ބައްޕަމެން ހާސްވާނެ ވަރު އިޒްކާންއަށް ނޭގެނީތަ؟…” ހިތްހަމަނުޖެހިފައިވާލެއް ބޮޑުކަމުން ރަސަލްއަށް ބުނެވުނެވެ. ރަސަލްއަށް ދެން އިތުރަށް އެންމެ ލަފްޒެއް ވެސް ނުބުނެވެނީސް ބަލްޤީޝް ރަސަލް އަތުން ފޯނު އަތުލައިފި އެވެ.
”ދަރިފުޅު ކީއްވެގެންތަ މަންމަ ގުޅީމަ ފޯނު ނުނެގީ؟، ހުކުރު ނިންމާލާފަ ގެއަށް އަންނަން ޖެހޭކަން އެނގެއްނު، މަންމަ ހާދަ ވަރަށް ބިރުގެންފައޭ މިހުރީ ދަރިފުޅަށް ކަމެއް ވެއްޖެކަމަށް ހީކޮށް، ދަރިފުޅު އަވަހަށް ގެއަށް އާދޭ….” ބަލްޤީޝް ބުންޏެވެ. އިޒްކާންގެ އަޑު އިވުމުން ބަލްޤީޝްގެ މޫނު ކުޑަކޮށް ވިޔަސް އުޖާލާ ވެގެން ދިޔައެވެ.
”ރައްޓެއްސަކާ އެކު ހުޅުމާލޭގަ މިހުރީ، އެވަގުތު ފޯނު އަތުގަ ނެތީމަ ޖަވާބު ނުދެވުނީ، ސޮރީ މަންމާ…..” އިޒްކާން އޭނަގެ މަންމަގެ ހާސްކަމަށް ނިމުމެއް ގެންނަން ބުންޏެވެ. އޭނަ މިހުރިހާ އިރު ވަންދެން ފޯނު ނުނަގައި ހުރީ ބަލްޤީޝް ގުޅުމުންނެވެ. އިޒްކާންއާއި ބަލްޤީޝްގެ ގުޅުން ވަނީ ނާޒުކު ފައްތަރެއްގެ މަތީގައެވެ. އެހިސާބަށް އެގުޅުން ގެނައި މީހަކީ ވެސް ޚުދު ބަލްޤީޝް އެވެ. އޭނަ ބަލްޤީޝްއާ ވާހަކަ ދައްކަނީވެސް މަޖުބޫރުވެފައިވާ ފަދައިންނެވެ. އެވެސް ޖުވޭރިޔާ ދިން ނަސޭހަތުގެ ސަބަބުން އައި ބަދަލެކެވެ. އިޒްކާންއަށް ވާނެ ނަމަ ދެވަނަ ފަހަރަށް ”ނައިޓިންގޭލް” އަށް ވެސް ނުދިޔައީހެވެ.
”ކޮން އިރަކު ގެއަށް އަންނަނީ؟، ކައިފިންތަ؟…” ބަލްޤީޝް ސުވާލަކަށް ފަހު ސުވާލެއް ކުރިއެވެ. ހީވަނީ ޤަރުނެއްވަންދެން އިޒްކާންއާއި ވާހަކަ ނުދައްކާ ހުރެފައި އެފުރުސަތު ލިބުނުހެންނެވެ.
”ތިނެއް ޖަހާއިރު އާދެވޭވަރު ވާނެ…” އިޒްކާން މަންމަގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނެވެ. ބަލްޤީޝް ފޯނު ބޭއްވީ ހިނިތުންވެގެން ހުރެއެވެ. އެހިނިތުންވުމުން ރަސަލްގެ ހިތަށް ފިނިކަން އިހުސާސްކުރެވުނެވެ. އޭނައަށް މިހާރު އެންމެ މުހިންމީ ބަލްޤީޝްގެ އުފާވެރިކަމެވެ.
****
ދީމް ކޮޓަރިން ބޭރަށް ނުނިކުމެ އޮތީ ފޮޓޯތަކެއް ބަލާށެވެ. އެހެން އިންދާ ދެފަހަރެއްގެ މަތީން ޖުވޭރިޔާ އައިސް ޓަކި ދީފިއެވެ. ކާން އައުމަށް އެދި ގޮވިއެވެ. ނަމަވެސް ދީމް އެއަށް އިޖާބަ ދޭން ބޭނުމެއް ނުވިއެވެ. ފަހަރަކު ފޮޓޯ އަލްބަމެއް ބަލަމުން ދެއެވެ. އެހެން އިނދެފައި ހީލާނެއެވެ. އެއީ އޭނައާއި މިޝްޔާގެ ފޮޓޯތަކެކެވެ. އެހެން އިންދާ ފެނުނު ފޮޓޯއެއްގެ ސަބަބުން އޭނަގެ ދެލޯ ކަރުނުން ފޯކޮށްލައިފިއެވެ. މަންޒަރު ފުސްވެ ކަރުނަ ތިކި ފައިބައިގެން ގޮސް ބޮސްދިނީ ފޮޓޯގައެވެ. އެއީ ޔޫޝައުއާ ދީމްގެ ކައިވެނީގެ ރޭގައި ނަގާފައިވާ ފޮޓޯއެވެ. އެފޮޓޯ ގެނެސް ދީމް މޭގައި ޖައްސާލިއެވެ. އެފޮޓޯ މޭގައި ފޮރުވާލަން ބޭނުންވި ކަހަލައެވެ. އޭނަގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައީ ވެސް އެވަގުތުއެވެ.
****
އިޒްކާން މިޝްޔާގެ ކޮޓަރިއަށް ވަނުމާއެކު އެތާ އިން ނަރުސްކުއްޖާ އިޒްކާންއަށް ހިނިތުންވެލަމުން ބޭރަށް ނިކުތެވެ. އިޒްކާންއަށް މިޝްޔާ ފެނުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ތުންފަތުގައި ފަނޑު ނަމަވެސް ހިނިތުންވުމެއް ދުވެލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް އޭނަ މިޝްޔާގެ މަގަތުގައި އިށީނެވެ. އެދޮން އަތްތިލަ އަތުގެ ތެރެއަށް ގެނައީ ފުރުވާތެރިކަމާއެކުގައެވެ. މިޝްޔާއަށް ތަދެއް އިހުސާސް ވެދާނެ ކަމުގެ ބިރާ އެކުގައެވެ. އޭނަ މިޝްޔާގެ އަތުގައި ފިރުމާލަމުން އެ ރީތި މޫނަށް ނަޒަރު ހިންގާލިއެވެ.
”ގޯޑް އައި މިސް ޔޫ…” އިޒްކާން މިޝްޔާގެ ނިތަށް ބޮސްދިނެވެ. އަދި ކޯތާފަތުގައި ލޯތްބާއެކު ފިރުމާލިއެވެ. އޭނަ މިޝްޔާގެ މޫނަށް ބަލަން އިންއިރު ހީވަނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން ހެންނެވެ. މިޝްޔާގެ އަތުގައި ފިރުމަމުން ދިޔައިރު ތުންފަތުގައި ހިނިތުންވުމެއް ވެއެވެ. އެގޮތުގެ މަތީން ވަގުތު ކޮޅެއް ފާއިތުވެގެން ދިޔައެވެ. އެދެލޮލުން ކަރުނަ ހިލިގެން ދިޔައީ ކުއްލިޔަކަށެވެ. މިޝްޔާ ފެންނަ ކޮންމެ ފަހަރަކު ވަގުތީ ތަސައްލީއެއް ހިތަށް ލިބެއެވެ. އެހެނަސް އެ އުފާވެރިކަން ދެމިގެންދަނީ ސިކުންތުކޮޅަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އިޒްކާން ކަރުނަތަކަށް ބާރުފޯރުވަމުން މިޝްޔާއާއި ވާހަކަ ދެއްކިއެވެ. އޭނަގެ ދުވަސް ކުރިއަށް ދިޔަ ގޮތުން ފެށިގެން ދެމީހުން އެކުގައި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ވާހަކައެވެ. އެއިން ކޮންމެ ދުވަހަކީ އުތުރިއަރަމުން ދިޔަ ޒުވާން ދެހިތުގެ ލޯތްބަށް އިތުރުކޮށްދިން ބޮޅެކެވެ. އުފަލާ ހިތްހަމަ ޖެހުމާއެކު ވޭތުކުރި ދުވަސްތަކެވެ. ފޮނި އުއްމީދުތައް ހަޤީޤަތަކަށް ވެގެން ދިޔަ ދުވަސްތަކެކެވެ. ލޯތްބާއި އަޅާލުމާއެކު އެކަކު އަނެކަކުގެ އަތުގެ ތެރޭގައި ހޭދަކުރެވުނު ދުވަސްތަކެކެވެ.
ނަމަވެސް އެލޯބި ފައްކާކުރެވި އޭގެ ފޮނިކަން ހާސިލުނުވަނީސް އައިނައިގޮތެއް ނޭގި އުފެދުނު ތޫފާނުގެ ބާރުގަދަ ނަގޫރޯޅިތަކުގެ ތެރޭގައި ތާށިވެ އުފާވެރިކަން ވިއްސިވިހާލިވެގެން ދިޔައީއެވެ. ތޫފާން މަތަވެ ހިމޭންވެގެން ދިޔައިރު އޭގެ ހިތި ނާތިޖާ ދެކޭނެހާ ހިތްވަރެއް އެހިތަކަށް ނުލިބުނެވެ. ހަތަރުފަރާތުން ވެސް ފެނުނީ ހަނަފަސްކަމެވެ. އެހިސާބުން އުއްމީދުގެ ބައްތި ވެސް ވަޔާ ހަނގުރާމަކުރަން ފެށީ އެވެ.
އިޒްކާން ކަރުނަތައް ފޮހެލަމުން ހިތްވަރުކުރަން ބޭނުންވިއެވެ. މިޝްޔާ ގާތުގައި ހުރެގެން ރޯން އޭނަ ބޭނުމެއް ނޫނެވެ. ޒަހަމް ވެފައިވާ ހިތް އަމިއްލަ ބާރުން ވީއްލުމުގެ ކުރިން އިޒްކާން ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.
”އަހަރެން އެރޭ މިޝޫ ބުނިފަދައިން ކަންތައް ކުރެވުނު ނަމަ…. އައި ބެގް ޔޫ، ޕްލީޒް ކަމް ބެކް…” ދިރުމެއް ނުވާ މިޝްޔާގެ މޫނަށް ބަލަން އިނދެ އިޒްކާންއަށް ބުނެވުނެވެ. މާޒީގެ ހިތި އަދި ފޮނި ހަނދާން ތަކުގެ ތެރެއަށް އޭނައަށް ފީނައި ގަނެވުނެވެ. މިހާރު އޭނައާއެކު ވާ އަބަދުގެ ބައިވެރިޔަކީ އެހަނދާން ތަކެކެވެ.
****
”އޭ މިޝޫ، ނޯ ޗީޓިންގް އެނގޭ…” ލޮލުގައި ބަނދެފައިވާ ފޮތިކޮޅު ކުޑަކޮށް ތިރިކުރަން އުޅުނު މިޝްޔާ ސިއްސައިގެން ދިޔައީ ދީމްގެ އަޑަށެވެ. ”ދޮންތި މި ބަނދެފަ ހުރިލެއް ބާރުކަމުންނޭ…” މިޝްޔާ ދޮގުހަދަން އުޅުނެވެ.
”ޑްރާމާ ކުއީން… ދެން ޗީޓް ކުރަން ނޫޅޭތި…” ދީމް ބުންޏެވެ. މިޝްޔާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ހޫނނނ ލައްވާލިއެވެ.
”ފައިވް، ފޯރ، ތްރީ، ޓޫ، ވަން…” އެހިސާބަށް ބުނެވުމާއެކު މިޝްޔާ އަވަސް އަވަހަށް ލޮލުގައި ބަނދެފައިވާ ފޮތިގަނޑު މޮހެލައިފިއެވެ. އެއާއެކު ސިފަވެގެން ދިޔަ މަލުގެ ބަގީޗާގެ ސަބަބުން އެ ރީތި ތުންފަތުގައި ހިނިތުންވުމެއް ކުޅެލައިފިއެވެ. ކުލަކުލައިގެ ކޮކާތައް މަލުގެ ފޮނިކޮޅު ބޯލަން އުދުހޭ މަންޒަރު ހާދަ ހުރިހަމައެވެ. ޤުދުރަތުގެ ރީތިކަން އޭނަގެ ފުރިހަމަ ސަމާލުކަން ހޯދައިފި އެވެ. ބަލާބަލާ ފޫހި ނުވެއެވެ. ކޮލެޖް ނިންމާފައި ކޮންމެ ދުވަހަކު ވެސް މިޝްޔާމެން އެޕާރކަށް ޒިޔާރަތްކުރެ އެވެ. އެތަނުގެ ރީތިކަމުން އުފާ ލިބިގަތުމަށެވެ.
މިޝްޔާ ކޮންމެ ދިމާއަކަށް ބަލަނީ ޝައްކުން ފުރިގެންވާ ފަދަ ނަޒަރަކުންނެވެ. އޭރު އެތާނގައި ހުރި ބެންޗެއްގެ މަތީގައި ދަބަސްތަކާއި ފޮތްތަކެއް ބަހައްޓާފައި ހުއްޓެވެ.
”ތިން މީހުން އެއްތަނަކަށް ވަދެ ފިލާފަ ދޯ ތިތިބީ؟…” މިޝްޔާ ބުންޏެވެ. ބިޔަކޮށް ހުންނަ ގަސްތައް އޭނަ ރަގަޅަށް ބަލައެވެ. ގަސްތައް ގިނަކަމުން ވެސް އޭނަ ހުރީ ކާމިޔާބު ލިބޭ ގޮތް ނުވެފައެވެ. ކުއްލިޔަކަށް އޭނަގެ ކަންފަތުގައި ހުނުމުގެ އަޑެއް ޖެހުނެވެ. އެއާއެކު މިޝްޔާގެ ތުންފަތުގައި ވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ދުވެލާފައި ގޮސް އޭނަ އަރާހަމަކޮށްލީ ތަންކޮޅެއް ދުރުގައި ހުރި ބިޔަ ގަހަކާ އެވެ. އޭގެ ގޮފިތައް ހުރި ގޮތުންނާއި ވަށައިގެން ހުރި މާގަސްތަކުން ބަޔަކު ތިބިކަމެއް ދީމްގެ ހުނުމުގެ އަޑު ނީވުނުނަމަ ނޭގުނީހެވެ.
”ކުރިން ވެސް އެނގުނޭ ތި ދެމީހުން ތިބޭނީ އެއްތަނެއްގަ ކަން، ތީ ދެން ބޮޑު ވަރު…” ގަހުގެ ނިވަލުގައި ތިބި ދީމްއާއި ޔޫޝައު ފެނުމުން މިޝްޔާ ދެފަރާތަށް ބޯހޫރާލިއެވެ.
”ދެން މި ޔޫޝްއަކާ ހެދި އަބަދު ބަސްޓް ވާނީ، ދެއަތް މައިތިރިކޮށްގެން ހުރެވޭ ކަމަކަށް ނުވޭ ވިއްޔާ…” ދީމް ތުންއަނބުރާލާފައި މަޑުމަޑުން ޔޫޝައުގެ މޭގައި ޖެހިއެވެ. ޔޫޝައު ދެރަވެއްޖެ ކަމަށް ހެދެމުން ދީމް ވަގުތުން މާފަށް އެދުނެވެ.
”އޯވާރރިއެކްޓިންގް…” މިޝްޔާ ދެފަރާތަށް ބޯހޫރާލިއެވެ.
”ދެން ހެވޭ ދިމާނުކުރިޔަސް، މިޝޫއަށް ވެސް ލޯބި ވެވުނީމަ އެނގޭނީ…” ދީމްގެ ޖުމްލައިން މިޝްޔާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ކުއްލިޔަކަށް ހަނދާނަށް އައީ ފިލަން ދިއުމުގެ ކުރިން އިޒްކާން އޭނަގެ ކަންފަތް ދޮށުގައި ބުނި ޖުމްލައެވެ. އެވަގުތު ކުރެވުނު އިހުސާސްތަކެކެވެ. އަދިވެސް އެހޫނު ނޭވާތައް އެޅުނު ހިސާބުން ކަރަންޓްގެ އޮއެވަރެއް ދުވާހެން ހީވެއެވެ. އެހިސާބުގައި މަޑުމަޑުން ފިރުމާލެވުނެވެ. ތުންފަތަށް ލުއި ހިނިތުވުމެއް ވެސް ވެރިވެގެން ދިޔައެވެ. އެއީ މިހާރު މިޝްޔާގެ އާދައެކެވެ. އޭނައަށް އަންނަ ބަދަލުތައް ފާހަގަ ކުރެވި ދީމް ހުންނަނީ ޝައްކެއްގެ މަތީގައެވެ.
”އަހަރެން ހުންނާނަން ފެންއަރުވާވަޑާން ކައިރީ…”
ހިތާހިތުން މިޝްޔާ އަށް ތަކުރާރުކޮށްލެވުނެވެ. ދެން އޭނަ ބަލާލީ ދުރުން ފެންނަން ހުރި ބޮޑު ފެންއަރުވާވަޑާ މަށެވެ. އެއިން ބުރުއްސާލާ ފެންތިކިތަކުގެ ޖާދުލުން ޕާރކްގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. އެތަނަށް ދިއުމަށް މިޝްޔާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ހިތުގެ ތެޅުން ބާރުކޮށްލައެވެ. ބައެއްފަހަރު ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވާހެން ވެސް ހީވި އެވެ. މިހިރަ ބަދަލުތަކަކީ ލޯބި ވެވުމުން އަންނަ ބަދަލުތަކެއް ހެއްޔެވެ؟ އިޒްކާންއަށް ވެސް މި ބަދަލުތައް އިހުސާސް ކުރެވޭނެ ހެއްޔެވެ؟
(ނުނިމޭ)
9 Comments!
Comments are closed.
Hus haaaaasaruuuu. Fooohi vejje now mi story
Dhnnnn Muthaaaa mirey adhi vaanuvaa inge kahala part eh up kohdeeeeebalaaaaa plsssssss…. u r the best Muthaaaaa. Dont dissapoint us??????????????
Awesome.. keep it up…
Dhen DW….. Pis pis
Nice….when is the next part????
Wow nice..its interestin …waitin fr nxt part..
aslu dn mihaaru mishyaa ah vee gothei ingen veejje…adhikiriyaa past ge baei details koh feshee adhi nenge kithah episode fahun kamei mi vaanuvaa ei ingeyneee…no offense ingey but as a reader mihaaru konme part ei kiyanee mi konmes varakah past engidhaane kamah heekoh…but as usual abadu eivaahakathakei..aslu story v interesting…heekuran writer mikamaa dheytherey visnaanekamah….good luck ☺
Nice
Dhen mishyaa ah veegoi kiyaadheyn vehjenu…:)story is nice..