ފޮހެވޭނޭ ބާއޭ… 21
ޔަޝްމް ރީތިވާން ހުއްޓާ އިޒްކާންގެ ފޯން ވައިބްރޭޓް ވާ އަޑު އިވުނެވެ. ފޯނަށް އޭނަގެ ސަމާލުކަން ދެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. ލޮލުގެ ހިމަކޮޅުން ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒަށް ނަޒަރު ހިންގާލެވުނެވެ. ދެފަހަރު ރިންގްވާން ފެއްޓުމުން ފޯނު ނަގަން ވީތޯ އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. ފަހަރެއްގައި މުހިންމު ކޯލަކަށް ވެސް ވެދާނެއެވެ. ޔަޝްމް ލުއި ފިޔަވަޅުތަކެއްގައި ގޮސް ފޯނަށް ޖަވާބު ދޭން އުޅުނު ވަގުތު އޭނަ ހުއްޓުން އެރިއެވެ. ފޯނުގެ ސްކްރީނަށް ބަލަން ހުރެވުނީ ހައިރާންކަމާ އެކުގައެވެ.
”މަންމަ؟…” ޔަޝްމްއަށް ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ކިޔާލެވުނެވެ. ބަލްޤީޝް ގޭގައި ހުރެ އިޒްކާންއަށް ފޯނު ކުރަން ޖެހުނު ސަބަބު އޭނައަށް ވިސްނާ ވިސްނާ ނޭގުނެވެ. ނުވީތާކަށް އިޒްކާން ހުރީ ވެސް ތިރީގައެވެ. ހަތަރު ވަނަ ފަހަރަށް ރިންގް ވުމުން ޔަޝްމް އެއަށް ޖަވާބު ދޭން އަވަސް ވިއެވެ.
ޔަޝްމްއަށް ވާހަކަ ނުދެއްކެނީސް އެކޮޅުން ވާހަކަ ދައްކަން ފެއްޓިއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ޔަޝްމްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެއީ އޭނައަށް މީގެ ކުރިން އިވިފައިވާ އަޑަކެވެ. ސިކުނޑިއަށް ބާރު ލުމާއެކު ހިތަށް ފިނިވެގެން ދިޔައީ ކީއްވެގެން ކަމެއް ނޭގެއެވެ.
”ހެލޯ، މަންމަ އިޒްކާންއަށް ގުޅާތާ ކޮން އިރެއް…” ޖުވޭރިޔާގެ އަޑު އިވިގެން ދިޔައެވެ. ޔަޝްމްގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. އިޒްކާންއާއި ޖުވޭރިޔާއާ ދެމެދު އެހާ ގާތް ގުޅުމެއް އުފެދިގެން އައިސްފައިވަނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް ސުވާލުތަކުގެ ތެރެއަށް ސިކުނޑި ދޫކޮށްލެވުނެވެ. އޭރު އޭނަގެ މޭގަނޑު ނެގިފައި ޖެހެއެވެ.
”ހެލޯ…” ޖަވާބެއް ނުލިބި ގިނަ އިރު ވާން ފެށުމުން ޖުވޭރިޔާ ބުންޏެވެ. ޔަޝްމް ހުރީ ދައްކާނެ ވާހަކަ އެއް ނޭގިފައެވެ.
”އިޒްކާން ވީ…” ޔަޝްމްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ދުލުގައި ތަޅެއް ލެވިގެން ދިޔައީ ކޮޓަރިއަށް ވަން އިޒްކާން ފެނިފައެވެ. އިޒްކާންއަށް ޔަޝްމް ފެންނައިރަށް ނިކަން އަވަހަށް އައިސް ފޯނު ޖަހައިގެންފިއެވެ. އިޒްކާންގެ މޫނު ފެނުމާއެކު ޔަޝްމްގެ މޭގަނޑަށް ފިނި ވެއްޖެއެވެ. ފަހަތަށް ފިޔަވަޅުތަކެއް ވެސް އަޅާލެވުނެވެ. ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދެޒުވާނުންގެ ހަތަރުކަޅި ބައްދަލު ވެގެން ދިޔައެވެ. އެދެލޮލުން ޔަޝްމްއަށް ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ހިތްހަމަ ނުޖެހުމެވެ.
”ހެލޯ؟…” ދެޒުވާނުންގެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ފޫއަޅުވާލީ ހާސްކަން އެކުލެވިގެންވި ޖުވޭރިޔާގެ އަޑުންނެވެ. އިޒްކާން ބުމަ ކައިރިކޮށްގެން ހުރެ ފޯނު ކަނޑާލިއެވެ. އަދި ޔަޝްމްއާ ކުރިމަތި ލިއެވެ.
”ކިތައް ފަހަރު އަހަރެން ބުނާނީ އަހަރެން އެއްޗެހީގަ އަތް ނުލާށޭ؟ ކަންތަފް ބީރީތަ؟ ނޫނީ ގޮތް ދޫކުރަން ބޭނުން ނުވަނީތަ؟…” ދަތްތަކަށް ބާރުލަމުން އިޒްކާން ވާހަކަ ދެއްކިއެވެ.
”އެއީ ދީމްގެ މަންމަތަ؟….” ޔަޝްމްއަށް އަހާލެވުނެވެ. ނޭގޭ ސަބަބަކާ ހުރެ އޭނަގެ ހިތުގެ ހިނގުން ވަނީ އަވަސް ވެފައެވެ. އޭނަގެ ސިކުނޑީގައި ޓަކި ދިނީ ދީމްގެ ވާހަކަތަކެކެވެ. މިހާރު ދީމް ދެއްކި ވާހަކަތައް މާބޮޑަށް ވެސް ހަމަޖެހެއެވެ. މިޝްޔާއަކީ ދީމްގެ ކޮއްކޮ ހެއްޔެވެ؟ ނޫނީ ދައްތަ ހެއްޔެވެ؟
”ޔަޝްމް އާ ބެހޭ ކަމެއް ނޫން! ޖަސްޓް ސްޓޭއި އަވޭއި ފްރޮމް މައި ލައިފް!….” ޝަހާދަތް އިނގިލި ޔަޝްމްއާ ދިމާއަށް ދިއްކޮށްލަމުން އިޒްކާން ވާހަކަ ދެއްކިއެވެ. އޭނަ ލަމުން ދިޔަ ދިގު ނޭވާ ތަކުން ރުޅިގަނޑު މަތަކުރަން މަސައްކަތް ކުރާކަން ރީއްޗަށް ހާމަކޮށްދެއެވެ. ރައްދު ދޭން ހިތް އެދުނު ކަމުގައި ވިޔަސް ޔަޝްމްގެ ދުލަކަށް އެހިތްވަރެއް ނުލިބުނެވެ. އިޒްކާންގެ ރުޅިގަނޑު ފެނުމުން އޭނަ ހުންނަނީ ބިރުގެންފައެވެ. މީހާ ފިނި ވެއެވެ. އެބިރާ ކުރިމަތިލާން އޭނަގެ ހަހިއްސުވެސް ނުކުޅަދާނަ ވެއެވެ.
އިޒްކާން ނިކުމެގެން ދިއުމާއެކު ޔަޝްމް މިހުރިހާ އިރު ވަންދެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އޭނަ ސޯފާގައި އިށީންނަމުން ފުން ނޭވާތަކެއް ލިޔެވެ. މީހާ ހަމައަކަށް އަޅުވާލައި ހިތުގެ މައްޗަށް އަމިއްލަ ބާރު ފޯރުވުމަށްޓަކައެވެ. ސިކުނޑީގައި އެނބުރޭ ޚިޔާލުތަކުން ވެސް މިންޖުވުމަށްޓަކައެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. އެޚިޔާލުތައް ސިކުނޑީގައި ޖެހިގަތީ އެތައް ހާސް ކިލޯގެ ބަރުދަނާ އެކުގައެވެ.
”ދީމް އިޒްކާން ދެކެ ރުޅިއަންނަނީ އެހެންވީމަ ކަން ނޭގެ، އެދުވަހު ޖުވޭރިޔާ އާންޓީވެސް ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފަ ހުއްޓާލީ، ވަޓް ހެޕެންޑް ޓު މިޝްޔާ؟، ވެއާރ އިޒް ޝީ؟ ޑިޕްރެސްވެގެން ކޮންމެވެސް މޮޔަ ކަމެއް ކުރީތަ؟ އެހެންވެއްޖެއްޔާ މަންމަ ބުނި ވާހަކަތައް ވާނީ ދޮގަކަށް، އަޅެ މިޝްޔާގެ ޑޮކްޓާރގެ މައުލޫމާތެއް ލިބިއްޖެނަމަ އޮޅުން ފިލުވަން ފަސޭހަ ވީހެއްނު…. އާރގްގްގް، ދިސް އިޒް ސޯ ކޮމްޕްލިކޭޓެޑް…” އެގޮތުގެ މަތީން ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ހުޅުލެއަށް ދާން ޖެހޭކަން ވެސް ހަނދާންވީ ރީތިވާ މޭޒުމަތީ އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. އޭނަ ފޯނަށް ޖަވާބު ދިނުމާއެކު ރުޅި އައިސްފައި ހުރި އަމަލްގެ އަޑު ކަންފަތުގައި ގުގުމާލިއެވެ.
”ޔުމް ކޮންތާކުތަ ތިހިރީ؟… އަޅެ އަހަރެން މިތާ ހުންނަތާ ކޮން އިރެއް…” އަމަލް ބުނެލިއެވެ. ”ޓްރެފިކްގެ ސަބަބުންނޭ ލަސްވަނީ…” ޔަޝްމް ދޮގަކުން ފޫބައްދާލިއެވެ. އަދި މިދަނީ ކަމަށް ބުނެ އޭނަ ފޯނު ބޭއްވިއެވެ.
އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި ޔަޝްމްގެ ޚިޔާލުގައި ވަނީ މުޅިން އެހެން ކަމެކެވެ. ދެން އެއާއެކު އޭނަގެ ނަޒަރު އަމާޒުވެގެން ދިޔައީ އަލަމާރިއާ ދިމާއަށެވެ. އޭގައިވާ ތިޖޫރީ ކޮންމެ ގޮތެއް ހަދާފައި ވެސް ހުޅުވަން އޭނަ ގަސްދުކުރިއެވެ. އޭނަގެ ސުވާލުތަކުގެ ޖަވާބު ފޮރުވިފައިވަނީ އޭގައިކަން ޔަޤީނެވެ.
ޔަޝްމް ބޭރަށް ނުކުތް ތަނާ ސިޑި ކައިރީ ހުރި އިޒްކާން ފެނިއްޖެއެވެ. އެއާއެކު ޔަޝްމް ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ތުން އަނބުރާލައިގެން ހުރެ އޭނަ ކުރިއަށް ހިނގައިގަތެވެ. އިޒްކާންއަށް ޔަޝްމް ފެންނައިރަށް ފޯންކޯލް ކުރުކޮށްލަމުން ޔަޝްމްއަށް ފުރަގަސް ދިނެވެ. ޔަޝްމްގެ މޫނުވެސް ބަލަން ބޭނުން ނުވާކަން އެއަމަލުން އަންގައިދިނެވެ.
ޔަޝްމް ތިރިއަށް ފޭބި އިރު ޕޯޓިކޯގައި އޮތް ކާރު ފެނުނެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ކާރު ކައިރީގައި އަލީ މަޑުކޮށްލައިގެން ހުއްޓެވެ. ޔަޝްމް ކާރާއި އަރާހަމަކޮށްލުމުން ޔަޝްމް އަރަން ކާރުގެ ދޮރުފަތް އަލީ ހުޅުވާލަ ދިނެވެ.
ޔަޝްމް ކާރަށް އަރައި ހަމަޖެހިލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލުމުން އެދިމާއަށް އަންނަ އިޒްކާން ފެނިއްޖެއެވެ. އެއާއެކު ޔަޝްމްގެ ފޫހިކަން އިތުރު ވެގެން ދިޔައެވެ.
”މީނަ ދެން އަންނަނީ ކީއްކުރަން، ދެއްކުން ތެރިކަން ވެސް ބޮޑު މީހެއް…” ޔަޝްމް ކުދި ކިޔާލިއެވެ. އިޒްކާން އާއި ކައިވެނި ކުރީއްސުރެ އޭނަގެ ރުޅިގަނޑު ފިނިވާ ގޮތެއް ނުވެއެވެ.
ހުޅުލެއަށް ދިޔަ މަގުމަތީގައި ވެސް އިޒްކާންއާއި ޔަޝްމްގެ ދެމެދަށް ވެރިވެފައި އޮތީ މަރުގެ ހިމޭންކަމެވެ. އިޒްކާން ވެސް އޭނަގެ ސަމާލުކަން ދީގެން އިނީ އަތުގައި އޮތް ފޯނަށެވެ. ޔަޝްމް އާއެކު ދާން ޖެހުމުން އޭނަ އިނީ ފޫހިވެފައެވެ. ވީހާވެސް އަވަހަކަށް ގެއަށް އަންނަން ވެސް ބޭނުން ވެފައެވެ.
އިޒްކާން އާއި ޚިލާފަށް ޔަޝްމްގެ ޚިލާށް ވެރިވެފައި ވަނީ މިޝްޔާ އެވެ.
****
ޔަޝްމް މެންނަށް ދެވުނު އިރު އަމަލް ހުރީ ޓާރމިނަލް އިން ބޭރުގައެވެ. ޔަޝްމްއަށް އަމަލް ފެންނަ އިރަށް އަތް ހޫރާލިއެވެ. އަދި އަމަލް ކާރިއަށް ދިއުމަށް އަވަސް ވެގަތީ ދުވެލާފައި ކަހަލަ ގޮތަކަށެވެ. ޔަޝްމް އައިސް އަމަލްގެ ގައިގައި ބައްދާލިއެވެ. އެކުވެރިޔާ ފެނުމުން އޭނަގެ ހުރިހާ ފިކުރެއް ވެސް ފިލައިގެން ދިޔަ ކަހަލައެވެ.
”މިސްޑް ޔޫ، އެންޑް އައެމް ސޮރީ، ޓްރެފިކްގެ ސަބަބުން ލަސްވީ…” ފުރަތަމަ ވެސް ޔަޝްމް މާފަށް އެދުނެވެ.
”މާފެއް ނުކުރާނަން، އަހަރެން ހީކުރީ ޔުމް ނާންނަނީ ކަމަށް، ތާރޓީ މިނެޓްސް ވެއްޖެޔޭ މިތާ ހުންނަތާ ވެސް” އަމަލް ހިތްހަމަނުޖެހުނު ކަމަށް ހެދުނެވެ. މޫނަށް ވެސް ވައްތަރެއް ޖައްސާލުމުން ޔަޝްމް ގާތަށް ހިނި އައެވެ. ދުވަސް ގަނޑަކަށް ފަހު އެކުވެރިޔާއާއި ބައްދަލު ވުމުން އޭނަ ހުރީ އިންތިހާއަށް އުފާވެފައެވެ. އަމަލްގެ މޫނުމަތިން ވެސް އެކަމުގެ ކުލަވަރުތައް ފެނެއެވެ. ނަމަވެސް ލަހުން އައުމުން އޭނަ ހުރީ ރުޅި މޫނެއް ހަދާލައިގެންނެވެ.
”ތިހެން އަބަދު ހުންނާތީއެއްނު އަމަލް ދެކެ ފިރިހެންކުދިން ބިރުގަންނަނީ…” ޔަޝްމް ދިމާކޮށްލިއެވެ. ”ދެން ހެވޭ، އެކަނިތަ އައީ؟…” އަމަލް ޔަޝްމްއާ ދިމާއަށް ލޯހަނިކޮށްލަމުން ބުނެލިއެވެ.
”ނޫން، އިޒްކާންއާއެކު…” ޔަޝްމް ފަސްއެނބުރި ބަލާލިއެވެ. ފެރީތަކާ ދިމާލުގައި ހުރި އިޒްކާން އަމަލްއަށް ވެސް ފެނުނީ ދެނެވެ. ”ހައު އާރ ޔޫ ބޯތް ޑުއިންގް…” ކުރިއަށް ހިނގައިގަންނަމުން އަމަލް ސުވާލުކުރިއެވެ.
”ދެން ރަގަޅު، އެފެމިލީ މީހުން ވެސް ރަގަޅު، ވަކިން ހާއްސަކޮށް މަންމަ….” ޔަޝްމް ހަޤީޤަތް ސިއްރުކުރަމުން އެކުވެރިޔާއަށް އޮޅުވާލިއެވެ. ހަޤީޤަތުގައި އަމަލް ގާތު އެއްވެސް ވާހަކައެއް ހިއްސާކުރަން އޭނަ ބޭނުންވަނީ ފުރަތަމަ ކަމުގެ ހަޤީޤަތް އޮޅުން ފިލުވާފައެވެ.
މިހާތަނަށް ވެސް ކުރިއެރުމަކަށް ލިބިފައިވަނީ ބޭސްތަކާއި އޭނައަށް ފެނުނު ފޮޓޯއެވެ. އަދި މިއަދު އައި ފޯނުކޯލެވެ. އެއިން ވެސް ކުޑަ މައުލޫމާތުކޮޅެއް ލިބިގެން ހިނގައްޖެއެވެ.
”ހޭއި…” އަމަލް އިޒްކާންއަށް ބުންޏެވެ. އިޒްކާން ހިނިތުންވެލަމުން އަމަލްއާ ކުޑަކޮށް ވާހަކަ ދެއްކިއެވެ. ހީވީ އެކަމަށް ވެސް މަޖުބޫރުކޮށްފައިވާ މީހެއް ހެންނެވެ. ޔަޝްމް ހުރީ ހިމޭނުންނެވެ. އިޒްކާންގެ ސޫރަ ފެނުނަސް އޭނަ ފޫހި ވެއެވެ.
ގެއަށް ދިޔަ މަގުމަތީގައި ވެސް ގިނައިން ވާހަކަ ދެއްކީ އަމަލް އެވެ. އަމަލްގެ އަނގަގަދަ މިޒާޖު އިޒްކާންއަށް ފާހަގަ ކުރެވުނެވެ. އެކަމާ އޭނަ ގާތަށް ހިނި ވެސް އައެވެ. އެއީ އިޒްކާންގެ ފަރާތުން މަދުން ނޫނީ ނުފެންނާނެ ސިފައެކެވެ.
”ހޭއި ޔުމް، ހާދަ މަޑުން ތީނީ؟…” އަމަލްއަށް އަހާލެވުނެވެ.
”ދަތުރުކުރަން ޖޭހޭތީ…” ޔަޝްމް ގަދަކަމުން ހިނިތުންވެލިއެވެ.
****
”ވާއު، ޔުމް ސިފަކޮށްދިން ވަރަށް ވުރެ ހަމަލޮލުން ފެނުމުން މާ ފުރިހަމަކަމަށް ދައްކަނީ…” ނައިޓިންގްގޭލް ފެނުމުން އަމަލް ހުރީ އާޝޯހު ވެފައެވެ. އޭނައަށް ގޭގެ ކުޑަ ބަގީޗާ ވަރަށް ބޮޑަށް ކަމުދިޔައެވެ. މާތަކުގެ ގުލްދަސްތާރުގައި ވަގުތުކޮޅެއް ހޭދަކޮށްލަން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
އަމަލް ހުންނަން ހަމަޖެހުނީ ގެސްޓް ރޫމް އެވެ. އަމަލްއާއެކު ގެސްޓް ރޫމްއާ ހަމައަށް ޔަޝްމްގެ އިތުރުން ބަލްޤީޝް ވެސް ދިޔައެވެ. ބަލްޤީޝްގެ ހިތްހެޔޮކަން ފެނި އަމަލްގެ ހިތުން ވެސް ޖާގައެއް ލިބުނެވެ.
”އަމަލް ކަމަކަށް ބޭނުން ވެއްޖެނަމަ މާހުތާބްއަށް އަންގާލައްޗޭ، އޭރުން ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ…” ކޮޓަރިން ނުކުތުމުގެ ކުރިން ބަލްޤީޝް ބުންޏެވެ. ޔަޝްމްގެ އެކުވެރިޔަކު އެގެއަށް އައުމުން ވީހާވެސް ރަގަޅަށް މެހުމާންދަރީ އަދާކުރަން އޭނަ ބޭނުމެވެ. އޭނަ މާހުތާބްއަށް އެކަން އެންގިއެވެ.
”ޔުމް ވަރަށް ލަކީ އެހާ ކައިންޑް މައިދައިތައަކު ލިބުނީމަ، މިގޭ އެންމެން ވެސް ވަރަށް ރަގަޅުކަމަށް ފެންނަނީ، ކޮބާތަ އެއްކަލަ އަންހެން ކުއްޖާ؟…” އަމަލް ކުޑަދޮރުތައް ހުޅުވާލަމުން ވާހަކަ ދެއްކިއެވެ. އެއާއެކު ތާޒާ ރޯޅިތަކުން ކޮޓަރި ފިނިކޮށް ލައިފިއެވެ.
”ދީމް؟…” ޔަޝްމްއަށް އަހާލެވުނެވެ. އަމަލްގެ އެސުވާލަށް ދޭނެ ޖަވާބެއް ޔަޝްމްއަކަށް ނޭގުނެވެ. ދެމަފިރިއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގެ ތެރެއަށް ވަންނާކަށް އޭނަ ބޭނުމެއް ނޫނެވެ. ”ހޫމްމް، ރަށުގަ ތިބިއިރު އަބަދު މޫނު ހަދާލައިގެން ހުންނަނީ ދީމް އެއްނު….” އަމަލް އޮޅުން ފިލުވާލަ ދިނެވެ.
”އަމަލް ސައިބޮއެގެންތަ ތިހުރީ؟…” އަމަލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔަޝްމް ވެސް ސުވާލެއް ކޮށްލިއެވެ.
ޔަޝްމް ކަމެއް ސިއްރުކުރާހެން ހީވުމުން ޝައްކުގެ ނަޒަރަކުން އަމަލް ޔަޝްމްއަށް ބަލާލިއެވެ. އަމަލް ހުރީ ހަށަން ބަނދެލައިގެންނެވެ. އެސުވާލުގެ ޖަވާބު ބޭނުންވެފައިވާ ކަހަލައެވެ.
”އަމްމްމް، ޔޫޝައު ޑިވޯސްޑް ހާރ…” ކުރިއެރުމެއް ނުލިބޭނެކަން އެނގުމުން ހަތިޔާރު ބަހައްޓަމުން ޔަޝްމް ބުންޏެވެ. ނަމަވެސް އޭނަ އެކަމުގެ ތަފްސީލަކަށް ނުދެއެވެ. އޭނައަށް ފެނުނު މަންޒަރުތައް ވެސް ވަންހަނާ ކުރިއެވެ.
”ކުރިން ވެސް ހީވިޔޭ ތިހެން ވާނެހެން، ޔުމްގެ ވެޑިންގް އޮތް ރޭގަ އަހަރެން ވޮޝްރޫމަށް ދަނިކޮށް އެދީމް ބާރގަ ފިރިހެން ގުރޫޕަކާ އެކު ހުއްޓާ މަށަށް ފެނުނު، އަހަރެން ހުރީ ޝޮކެއްގަ، ފަހުން ޔޫޝައުއަށް ވެސް އޭނަ ފެނުނު، ބޮޑު ސީން އެއް ވެސް ހިނގި…” އަމަލް ކިޔައި ދިނެވެ. އަމަލްގެ ވާހަކައިން ކުޑަވަރެއްގެ ޝޮކެއް ޔަޝްމްއަށް ލިބުނެވެ. އެއީ އޭނައަށް ނޭގޭ ކަމެކެވެ. ދީމް އަކީ އެހާ ގޯސް ކުއްޖެއް ހެއްޔެވެ؟
”ޔޫޝައުހާ ރަގަޅު ޒުވާނަކަށް ވޯތް ނުކުރޭ އެފަދަ އަންހެން ކުއްޖަކު، ހީ ޑިޒާވްސް މަޗް ބެޓާރ…” އަމަލް އިތުރުކޮށްލިއެވެ. ދެން ވެސް ޔަޝްމް އެއްޗެކޭ ނުބުނެ ހުރީ ހިމޭން ވެފައެވެ.
”ދެން އެވާހަކަ ހުއްޓާލަމާ…” ޔަޝްމް ބުންޏެވެ.
”އަޅެ އަހަންނަށް ފެނުނު މަންޒަރު އަމަލްއަކަށް ނުފެނެއެއްނު. ހީ ހިޓް ހާރ… އެކަމަކު ދެމީހުންގެ ކުށްވެސް އޮތްކަން މިއެނގުނީ އަދި ކިރިޔާ، ޔޫޝައުއަށް އެފަދަ ސްޓެޕްއެއް ނަގަން މަޖުބޫރުކުރީ ދީމް، އެކަމަކު އެންމެންގެ ކުރިމަތީގަ ނުބައި ވީވެސް އޭނަ، މިހުރިހާ ދުވަހު އަހަރެން ވެސް ހުރީ ޔޫޝައު ނުބައިކޮށްލައިގެން، އެންޑް އައި ތޯޓް ހީޒް ކްރުއެލް…” ޔަޝްމްއަށް ހިތާހިތުން ބުނެވުނެވެ.
****
މެންދުރުގެ ކެއުން ކުރިއަށް ދިޔަ ވަގުތު ކާމޭޒު ދޮށުން ނުފެނުނީ އިޒްކާން އެކަންޏެވެ. އެކަމާމެދު ހިތްހަމަ ނުޖެހިފައި ހުރީ ބަލްޤީޝް އެވެ. އޭނަ ސުވާލުކުރީ ޔޫޝައު އާއެވެ. ޔޫޝައު އާއި އިޒްކާން ހުކުރަށް ދިޔައީ އެކީގައި ކަމުގައި ވާތީއެވެ.
”ބޭބެ ބުނީ ތަނަކަށް ދާން ޖެހޭ ވާހަކަ، އިތުރު ތަފްސީލަކަށް ނުދޭ….” ޔޫޝައުއަށް އެނގޭ މިންވަރަށް އޭނަ ކިޔައި ދިނެވެ.
”ދެން އޭނަ މިސްކިތުގަ ބަހައްޓާފަތަ ޔޫޝައު އައީ؟، ޔޫޝައުއަށް ވާ ސާބަސް، ހުކުރުދުވަހު އިޒްކާން ދާނެ ތަނެއް ނޯންނާނެ…” ވަކިން ބޮޑަށް ބަލްޤީޝް ހިތްހަމަނުޖެހުނެވެ. އޭނަ ޔޫޝައުއަށް ބަލަން އިނީ ޝައްކުގެ ނަޒަރަކުންނެވެ. ޔޫޝައު އޭނައަށް ކަމެއް ސިއްރުކުރާހެން ހީވާ ވަރުންނެވެ.
ބަލްޤީޝްއަށް އިތުރަކަށް ނުކެރެވުނެވެ. އިޒްކާން ދިޔަ ތަނެއް އޮޅުން ފިލުވުން މުހިންމުކަމަކަށް ވިއެވެ. ނަމަވެސް ކާމޭޒު ދޫކޮށް ގޮސްފިނަމަ ރަސަލް އެކަމާމެދު ނުރުހި ދާނެތީ އޭނަ އިނީ ކެތްކޮށްލައިގެންނެވެ. އާދައިގެ މަތިން ޔަޝްމް އިނީ ގޭގެ ކޮންމެ މީހެއްގެ މޫނު ދިރާސާ ކުރާށެވެ.
****
”ކަލޭ ގާތު މިގެއަށް ނާންނާށޭ ބުނީމަވެސް އިވޭ ކަމަކަށް ނުވޭ ދޯ؟!، ލަދުކުޑަވިޔަސް ތީ ދެން ބޮޑު ވަރު…” ސަލާމް ގޮވާލި އަޑު ޓިވީ ބަލަން ސޯފާގައި އިން ދީމްއަށް އިވުމާއެކު ސޯފާއިން ތެދުވެވުނު ގޮތެއް ވެސް ނޭގުނެވެ. ދެން އޭނަ ގޮސް ހުރީ މައި ދޮރު ކުރިމަތީގައެވެ. އިޒްކާންއަށް ބަލަން ހުރި ގޮތުން އެދެލޮލުން އެކަނި ވެސް އިޒްކާން އަނދާ އަޅިއަށް ހަދާލަފާނެހެން ހީވެއެވެ.
”ދީމް…” ޖުވޭރިޔާގެ އަޑު ބާރެވެ. ދީމް އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ.
”މިގެއަކު ނުހުންނާނެ ކަލެއާ އެއްވެސް ގުޅުމެއް ހުރި މީހަކު! ފުލުހަށް ރިޕޯޓްކުރުމުގެ ކުރިން ނިކުމޭ!…” ދީމް ދެލޯ ހަނިކޮށްލިއެވެ. ރުޅިގަނޑު ކޮންޓްރޯލްކުރަމުން ދިޔަ އިޒްކާންއަށް މިފަހަރު އެކަން ކާމިޔާބު ނުކުރެވުނެވެ. ދީމްއާ ދިމާއަށް އެއްޗެއް ނުބުނެ ކެތްކުރެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. ނަމަވެސް އިންސާނުންނަށް ކެތްކުރެވޭނީ ވަކިވަރަކަށް ނޫން ހެއްޔެވެ؟
”އަހަރެން މިގެއަށް އައީ އަހަރެންގެ އަންހެނުންނާ ބައްދަލުކުރަން! އެކަމަށް ހުރަސް އެޅޭނެ އެއްވެސް މީހަކު ނުހުންނާނެ… މިޝްޔާއަކީ އަހަރެންގެ ހައްޤެއް….” އިޒްކާން ބުންޏެވެ. އޭރު އޭނަގެ ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވިފައި ވާވަރު ކޯކަށިގަނޑުން ހާމަކޮށްދެއެވެ.
އިޒްކާންގެ ޖުމްލަ ވެގެން ދިޔައީ ދީމްގެ މޫނުމަތީގައި ޖެހި ބާރުގަދަ އެތިފަހަރަކަށެވެ. ކިތަންމެ ވަރަކަށް އެ ހަޤީޤަތް ސިކުނޑިން ނެރެ އެއްލާލަން ބޭނުންވި ކަމުގައި ވިޔަސް އެކަން މިއަދާ ހަމައަށް ދާންދެން ވެސް ވަނީ ނާކާމިޔާބު ވެފައެވެ. އެތެރެހަށީގައި އުފެދިފައިވާ ނަފްރަތުގެ ދިލަ ހޫނުކަން އިތުރުވެ އެތެރެހަށި ފިއްސާލި ކަހަލައެވެ. މިޝްޔާއަށް އެވަރުކޮށްފައި ވެސް އިޒްކާން މިޝްޔާ ވަރިނުކޮށްގެން އެހުރީ އަދިވެސް އެހިތަށް ހަމަޖެހުމެއް ނުލިބޭތީ ހެއްޔެވެ؟ އިޒްކާންގެ މަޤްސަދަކީ ކޮބާ ހެއްޔެވެ؟
(ނުނިމޭ)
12 Comments!
Comments are closed.
avahah upkohdhinythy thanks……… vrh rythi mi partvx….. im curious to know the secrete………
Yey… me first varah Reethi mi parts ves when next part..
Nice. ….??keep it up
Vvvv nice…. love to read..
thanksssss avahah up kuraatheeee
❤❤❤❤❤
very nice waiting fo the next part
nxt part kn irakun thr up kurany
Woowwww… v salhi hama.. the best story ever
Very nice…nxt part avahah up kurahcheyy
Its really intresting waiting for the next part
Mutha ??????
waiting
Varah salhi ,waiting for next part