އަހަރެންނަށް ކަލާ ފެނުމާއިއެކު ކަލާދެކެ ލޯބިވެވުނެވެ. ކަލާގެ ހަނދެއްފަދަ މޫނު ފެނުމާއެކު އަހަރެންގެ ހިތުގެ އެންމެފުނަށް އަސަރުކުރިއެވެ. ކަލާގެ ކޯތާފަތް ފިނިފެންމަލުގެ ފިޔަފަދައެވެ. ހިތިފަތެއްފަދަ ބުމައިގެ ދަށުގައިވާ ޔާޤޫތެއްފަދަ ދެ ލޮލު ގައިވަނީ ޖާދޫގެ ބާރެކެވެ. ކަލާގެ ރަތްލޭފޮދެއް ކަހަލަ ތުންފަތުގެ ހިނިތުންވުން މަލެއް ފޮޅޭފަދައެވެ. ހީލުމުން ފެންނަނީ ޖަވާހިރުތަކެއްފަދަ ދަތްތަކެކެވެ. އަހަރެންނަށް އެންމެ ބޮޑަށް އަސަރުކުރުވީ ކަލާގެ ކަޅުފަށުވިގަނޑެއްފަދަ ރީތި އިސްތަށިގަނޑެވެ. ކަލާގެ ހިމަހޯލިތަކެއްފަދަ އިނގިލިތައް އެކުލެވިފައިވާ މަޑުޖެލީކޮޅެއްފަދަ އަތުގައި ބީހިލުމަށް އެދެވެންފެށިއެވެ.

އަހަރެންނަށް ކަލާ ފެނުނު ދުވަހުން ފެށިގެން ކަލާގެ ގޭގެ ވަށައިގެން މުގޯލި އަޅަންފެށީމެވެ. އަހަރެން ކަލާޔާ ރަށްޓެހިވުމަށް ކުރެވެން އޮތްހައި މަސައްކަތެއްކުރީމެވެ. ނުރޯދަރިއަކަށް ކިރު ނުލިބޭތީއެވެ. އަހަރެން އުދުއްސައިގަތީ އިށީންނާނެ ގަލެއް ފެނުނީމައެވެ. އަހަރެން ކަލާޔާ ރަށްޓެހިވާން ކޮންމެ ކަމެއް ކުރަންވެސް ތައްޔާރުވީމެވެ. ލަދަކާހުރެ ތަދު ނުފިލާނެތީއެވެ. އެންމެ ފަހުން ކަލާ އަހަރެން ކައިރިއަށް އައީ ދަގަތްފާނަށް ……………….
[sociallocker id=”1329″]
ދަނގަޑު ދަމާފަދައިންނެވެ. އަހަރެން ކަލާޔާ ރަށްޓެހިވުމާއެކު އެތައްބަޔަކު އަހަރެން ފަހަތުން ބިސްމަޅި ދުއްވަން ފެށިއެވެ. އެތައްބަޔަކު ކަލާގެ ފަހަތުން ދުވަންފެށިއެވެ. އެކަމަކު  އެމީހުންގެ މަސައްކަތްވީ ފޫނެއްފަޔަތް ފެންފުރުމަށެވެ. އެމީހުން ކީހާ ޅެންވީ ފަރިއްސަށެވެ.

ނަމަވެސް ކަލާ މުއްސަނދިވުމުން ކުއްޅަވައް ފަލުރަނިންނަށްވީއެވެ. އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ ބުނެ އަހަރެން ދޫކޮށްލީއެވެ. ލަޑަޔާވާނީ ލަޑަޔާއޭ އަހަރެން ހިތްދަތިކޮށްލީއެވެ.

ކަލާޔާ އަަހަރެން ރަށްޓެހިވީއިރުވެސް މިހާރުގެ އަންހެންކުދިންގެ ހިތް އެނބުރޭ ވަހުތާނެއް ފަދަކަން ދަންނަމެވެ. ވީމާ، މިއީ ވައިއަނބުރި އެޅޭމޫސުމެއްކަމުން ފުއްޓަރު ބޭރަށް ލިފަށައިގެ ކެނބު ގަދަޔަސް ނުނިދަމެވެ. ކަލާއުމުރަށް އަހަރެންދެކެ ލޯބިވާނެކަމަށް ފަހަރެއްގައިވެސް ހީއެއްނުކުރަމެވެ. ނަމަވެސް އޭރު ކަލާ ނުލާހިކު މަޑުމައިތިރިއެވެ. ނުމޮށޭގުރާ ބާރަށް ދައިގަންނާނެކަން އެނގުނީފަހުންނެވެ. ކަލާ އަހަރެންނާ ރުޅިވާން އުޅުމުން އަހަރެންނެއް ނުހިފަހަށްޓަމެވެ. ދުވާމަހެއްގެ ނިގުލުގައި ނުހިފޭނެކަން އެނގޭތީއެވެ. އަހަރެންހުރީ މިދުވަހަށް ސަމާލުވެއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާތީއެވެ. ކަލާޔަށް ތިޔަ ކުއްޖާއާއި ރަށްޓެހިވެގެންވެސް ނުއުޅެވޭނެކަން ޔަޤީނެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއްފުޅަށް މަތިިންވެސް ފުންމާލާނެއެވެ.

މިއީ ކަލާގެ ޒުވާން ދުވަސްވަރެވެ. އަކަމަކު އެކަކާ ރަށްޓެހިވެފައި އަނެކަކާ ރަށްޓެހިވުމަކީ ވެހޭތާ ފެންނުނެގުމެއް ނޫނެވެ. ތިޔައީ ޒުވާންކަން ނީލަން ކިޔުމެވެ. އަދި ތިޔަގޮތަށް އުޅެވޭވަރަށްވުރެ ކަލާމާޅައެވެ. މިރިނުވެ ގޮބޮޅި ކާށިނުވާށެވެ.

މިހާރުވެސް ގިނަބަޔަކަށް ހީވާނީ ކަލާޔާ އަހަރެން ހިތާވެގެން އުޅޭކަމަށެވެ. އަބަދުވެސް ނަންވާނީ ހައިވަކަރު އޮޑިއެވެ. އަހަރެންގެ އަގުވައްޓައިލާން ކަލާ ފާޑުފާޑުގެ ވާހަކަދައްކާކަން ދަންނަމެވެ. އަހަރެންނަކީ ދަނޑި ދިނގު އުނދުޅިއެކޭ ކިޔައިގެން ވާހަކަ ދައްކާއިރު ކަލާގެ ހަޤީޤަތް އޮތީކިހިނެއް ބާއެވެ؟ ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެނގީމައެވެ. އަހަރެން ތިޔަ މަގުން ހިގާލިޔަސް ކަލާ ހޯދަންދަނީއޭ ބުނަމެވެ. ފުޅަށްބުޑުން ދަންޏާ އަބަދުވެސް ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާހެންނެވެ. އަހަރެންނޭ ކިޔައިގެން ކަލާ ކިތަންމެ ވާހަކައެއް ދެއްކިޔަސް ހެވެއެވެ. އެމީހަކު ފޭހުނު އިލޮށިގަނޑެއް ހެރޭނީ އެމީހެއްގެ ލޮލަށެވެ. އަދި އެއްއަތްތެޅިޔަސް އަޑެއްވެސް ނުކިޔާނެއެވެ. ކަލާ ނޫނަސް މަހާނަ މައްޗަށް މަޑިޔަށްޖެހޭ މީހުން އުޅެއެވެ.

އަހަރެން ކަލާޔާ ރަށްޓެހިވެގެން އުޅުނުއިރު ކޮންމެރެއަކު ހޮޅިދަނޑި ގުދުކުރާކަށް ނުދަމެވެ. ކަލާ އަަހަރެންދެކެ ފޫހިވީ އެހެންވީމަ ކަމަށްވެސް ވެދާނެއެވެ. ކަލާޔަށް ރަނގަޅީ ފެންނެތް ބޮޑެތި ކާށިފަތި ބިންނަމީހުން ދޯއެވެ. ބުނަން ހެއްޔެވެ؟ އެއީ ހަމަފައްކާ ރޯނު އެދުރުންނެވެ. އެމީހުން ކަލާގެ ލޮލުގައި އަނދުން އަޅުވަނީއެވެ. އެންމެފަހުން ކަލާޔަށް އެމީހުން ހީވާނީ ހަމަ ފެންކައްކާ ބޮއްޔޭ އެފަދައިންނެވެ. އެމީހުން ކަލާޔާ ރަށްޓެހިވަމުން ކުރި ވައުދުތައްވާނީ ރުކަށްއެރި މީހާގެ ނަދުރަށެވެ. ދުވަސްކޮޅަކުން ޖެހޭނީ ބޮއްކުރާ ދޮށަށް އޮނޑި ކަނބާށެވެ. ބެދޭމަޅި ނުފެންނަނީސް އެމީހުން ކަލާއަށް ލަނޑުދީފައި ފިލާނެއެވެ.

ކަލާ އަހަރެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންކުރި ނަމަވެސް ތުނޑު ހަސަނާޖެހުނު މީދާހެން ނުވަތަ ތޮށަލި ތަކުރާޖެހުނު ވިގަނިހެން ކަލާއަށް އުނދަގޫކުރާކަށް ނެތީމެވެ. ހަމައެކަނި ނަސޭހަތުގެ ބަސްކޮޅެއް ބުނެލަނީއެވެ. އެކަމަކު ހިތި ކަނދޫ ވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިޔަސް އޭގައި އަޅާއެއްޗެއް ފޮނިނުވާނެކަންވެސް އެނގެއެވެ. ކޮންމެއަކަސް އަހަރެންނަށް ވަރަށް ހިތިކަން ލިބިއްޖެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށްކަން އެނގިއްޖެއެވެ. އެކަމަކު އަނޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެޔޭ ބުނާބުނުން އަހަރެންގެ ހިތްވަރު އާލާކޮށްދެއެވެ. މިއަދު ކަލާ ހެނީއެވެ. އަހަރެން ރޮނީއެވެ. އެކަމަކު މާދަމާ……….

ކަލާގެ މައިންބަފައިން ކަލާ ވަރަށްރަނގަޅު ކުއްޖަކަށް ހަދައެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެ އެވެ. އެކަމަކު ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. އޭރުވެސް ގޯސްކުދިންނާއެކު ނޫޅެން ކަލާއަށް ނަސޭހަތް ތެރިވީމެވެ. އަހިވަކާޖެހި އަހިވަށް ފާވާނެކަން އަހަރެން ދަންނާތީއެވެ. އޭރު އަހަރެންނަކަށްވެސް ކަލާގެ ގޯސްކަމެއް ނުފެނެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާއެވެ. އެހެންނޫނަސް ލޯތްބަކީ ކަނުވެސް އެއްޗެކެވެ. ކަލާގެ މައިންބަފައިންގެ ފަތިފުއްވެސް މާރަނގަޅެއް ނޫނެވެ. އާއެކެވެ! އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ. އަދި ބަޅެއްގެ ނަނގޫ ސަންފަ އޮނަކަށް ލާފައި އޮތަސް ތެދުނުވާނޭ ކަންވެސް ޔަޤީންކުރެވިއްޖެއެވެ.

ކޮންމެއަކަސް އަހަރެންގެ ތެޔޮނާށި ކާޅު ގެންގޮސްފިއެވެ. އެކަމަކު ނެނގިގާ ގަނޑަށް ބޮލިއަރާނޭކަން ޔަޤީނެވެ. އެކަމަކު އެދުވަހުން ކަލާ އަހަރެންނަށް އާދޭސްކުރުންވާނީ ހިޔަންޏަށް މުޑިނެގުން ކަހަލަ ކަމަކަށެވެ. އެކަމަކު އަދިވެސް ކަލާގެ ލޯބި އަހަރެންގެ ހިތުން މުޅިއަކުން ފިލައިގެންނެއް ނުދެއެވެ. ގިތެޔޮއެޅި ގުޅިއަކުން ވަސްނުކެނޑޭނެ ކަމަށް ކަލާވެސް އެއްބަސްވެ ލަންވާނޫއެވެ. ކޮންމެގޮތެއް ވިޔަސް އަހަރެން ދެވަނަފަހަރަށް ކަލާޔަކާ ނުގުޅޭނަމެވެ. ގިނިދުންމީހާ ރަތްމަލަށް ބިރުގަންނަ ފަދައިން އަހަރެން ކަލާދެކެ ބިރުގަނެއެވެ erektile-apotheke.de. ފެތުނު އޮޑީގެ ރިޔާ ދަށުވިޔަސް ކަލާގެ އަތްދަށު ނުވެވޭތޯ ބަލާނަމެވެ.

އަހަރެން އުއްމީދެއް ނުގެއްލެއެވެ. މޫދު ކޮންމެ ގަލަކަށް މަހެއްވާނެއެވެ. ފަހަރެއްގައި ކަލާއަށްވުރެ މާރީތި ކުއްޖަކުވެސް އަހަރެންގެ ހަޔާތަށް އަތުވެދާނެއެވެ. ނަސީބަކީ ކަތީބަކު ދޭއެއްޗެއް ނޫންތާ ދޯއެވެ.
[/sociallocker]

6

8 Comments

  1. ރިޒް

    June 25, 2013 at 12:45 am

    އެއްކަލަ ގޮވެލިފަތި…ހެހެހެހެހެ… (: (: ވަރަށް ދުވަސްކޮށްލާފަ ގޮވެލިފަތި ކިޔާލެވިއްޖެ…ވ ރީތި ލިޔުމެއް މީ…ކިޔާ ކިޔާފޫހި ނުވޭ…. އަސްލު މީ ކޮން ބޭފުޅެއްގެ ލިޔުމެއްތަ؟

  2. ރުޒޭ

    June 26, 2013 at 10:45 am

    އޮބި… ވ ވ ވ ވ ކިއުޓް ލިޔުން ކޮޅެއް

  3. Anonymous

    June 29, 2013 at 12:41 pm

    ހަވަރަށް ހަބޭސް ލިޔުންކޮޅެއް!!! (:

  4. ޔަޟް

    July 2, 2013 at 12:16 am

    ވ ސަޅި….

  5. comment

    February 12, 2014 at 12:29 am

    mee ‘Unkn0wn’ ge liyumeh noon dho. mee copy kohfa in liyumehkan yageen. 2006 vana aharu mi liyun kiyaifin. 😛 hehe

  6. athoo

    October 23, 2014 at 7:57 pm

    seriously! kaakuge? veri faraai netheetha? ekam varah salhi.

  7. lilly white

    November 17, 2015 at 3:43 pm

    Haadhaey furihama ee. . Gaimun vx .mashakah neyngeyne migothah mihaa furihama ah liyaakah. . Vaany vx ehen thaa dhw. Mekunu fumunakas gaahaka akah nufume veyne viyya!

    • Mary

      August 23, 2017 at 9:34 am

      Hahahaha..

Comments are closed.