ހިތް ނުރޮއްވާ… (4)
މާހީގެ ވާހަކަތައް އަޑުއަހާފަ ވަރަށް ހިތްހަމަނުޖެހިފާ އިނދެ ދެ ފަރާތަކަށް ބޯ ހޫރާލިއެވެ. “ކީއްވެތަ ދަރިފުޅުމެން ރިހާ މާ ދުރުކޮށްލައިން ތިއުޅެނީ؟ އެއީވެސް ހަމަ ދަރިފުޅުމެންގެ އެއްބަނޑު އެއްބަފާ ކުއްޖެކޭ!… ރިހާގެވެސް އަދި ތި ހަތަރު ކުދިންގެވެސް ހިނގަނީ ހަމަ މި ބައްޕައާއި މަންމަގެ ލެއޭ” ދުލާއި ހަމައަށް އެ ބަސްތައް ގެންނަން ބޭނުންވި ނަމަވެސް ނަސީރުގެ އެ ޝަކުވާ ވީ ނަސީރުގެ ހިތުގައެވެ.
ހެނދުނުގެ ސަޔަށް އިންސާފުކުރުމަށް އެތަނަށް އައިސް ހުއްޓުނު ޒީޝާނަށް އެ އަޑުތަކާއި މަންޒަރުތައް ވަރަށް ރަނގަޅަށް އިވި ފެނުނެވެ. ޒީޝާން ގެ ބައްޕަ، ޒުބޭރަކީ ނަސީރުގެ ގާތް ރަޙްމަތްތެރިއަކަށް ވުމުން ޒީޝާން ކުޅުދުއްފުއްޓަށް އައުމުން ނަސީރު ބޭނުންވީ ‘ޕެރެޑައިސް’ގައި ޒީޝާން ހުރުމަށެވެ. ޒީޝާން އެ ރަށަށް އައީ ޒާން އާއި އެކު ޒާންގެ ކައިވެނީގެ އެކި ކަންކަމުގައި ބައިވެރިވުމަށެވެ. އަދި ނަސީރާއި ގުޅިގެން ޒުބޭރު އެރަށުގައި ފަށަން އުޅޭ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމަށެވެ. ޒީޝާނަކީ މާލޭގެ ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށްވާ ޒުބޭރުގެ ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ޒީޝާންގެ ދޮއްޓަށް ދެން ތިބެނީ ޒީޝާންގެ ދޮންބެ ޒިއާ އާއި ދޮންތަ ޒޯޔާއެވެ. ޒީޝާން ފެނުމުން ނަސީރު ޒީޝާނަށް އިށީނދެ ސައިބުއިމަށް ބުންޏެވެ.
އޮފީހަށް ދިއުމަށް ލަސްވަމުން ދާތީ ބާރުބާރަށް ސިޑިން ފައިބައިގެން އައި ރިހާގެ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ އަޔާން ސައިބޯން އިނދެފަ ރިހާއަށް ގޮވާލުމުންނެވެ. އަޔާން ގޮވާލުމުން ރިހާ ފުރަތަމަ ހައިރާންވި ނަމަވެސް އެ ހައިރާންކަން މާ ގިނަ އިރުތަކަކަށް ދެމިގެން ނުދިޔައީ ރޭގެމަތިން ހަނދާންވުމުން އަޔާން އެ ގޮވި ބޭނުން ރިހާއަށް ކޮންމެވެސް ވަރަކަށް މޭރުންވުމުންނެވެ. “ކިހިނެއްވީ ދޮންބޭ؟” ރިހާ ސައިމޭޒު ދޮށަށް އައިސް ހުއްޓެމުން ރިހާގެ އެ ހުންނަ ރުންކުރު ބޮޑާ ގޮތުގަ އަޔާން އާއި ސުވާލުކޮށްލިއެވެ. އަޔާންވެސް ހަމަ އެ ރާގުގައި ފަރުވާ ކުޑަ ގޮތަކަށް ކައިރީގަ އޮތް ސިޓީ އުރައެއް ނަގާ ރިހާ އަތަށް ދިނެވެ. ބަންދު ނުކޮށް އޮތް އެ ސިޓީ އުރަ ހުޅުވާ ބަލާލި އިރު އޮތީ ރޭގެ ޕާޓީ އަށް ކުރި އެކި ޚަރަދުތަކަށް ވާ ފައިސާގެ ބިލްތަކެވެ. އެ ބަލާލުމަށް ފަހު ރިހާ އެ އެއްޗެހި ސިޓީ އުރައަށް ލައި، އަޔާން ކައިރީ މޭޒުމަތީގަ ބޭއްވުމަށް ފަހު ދިއުމަށް އެނބުރުނު ވަގުތު އަޔާން ހިތްހަމަ ނުޖެހިފައި ބުންޏެވެ. “ރިހާ މި އެއްޗެހި މިތާ ބަހައްޓާކަށް ނޫނޭ މި ދިނީކީ…. މި ބިލްތަށް ޕޭ ކުރާށޭ ރިހާއަށް މި ދިނީ…” ފުރަގަސް ދީގެން ހުރި ރިހާ ގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ. އަދި އަޔާން އާއި ވީ ފަރާތަށް އެނބުރެމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ” މަށަށް ވެސް އެނގެއޭ އެކަން. ބަޓް ވައި ޝުޑް އައި ޕޭ ފޯރ ޔުއާ އެކްސްޕެންސަސް؟… ހޫމް؟؟” ރިހާގެ މޫނުމަތިން ފާޅުވަމުން ދިޔައީ އޭނާގެ އަޑުންވެސް ފާޅުވަމުން ދިޔަފަދައިން މަލާމާތެވެ. “ޕާޓީގެ ކަންކަން ކުރިން އިންފޯމް ކޮށްލާފަ ކުރިއަށް ގެންދިޔަނަމަ ފަހަރެއްގަ އަހަރެން މިކަމަށް ދެކޮޅެއް ނުހެދީމުސް، އެކަމް ޔޫ ގާއިސް ކުޑުންޓް އީވެން ޑޫ ދެޓް މަޗް… ސޯ ގެޓް ވަން ތިންގ ސްޓްރެއިޓް އައިމް ނޮޓް ޕޭއިން ފޯރ އިޓް… އެހެންނޫނަސް ތިއިން ކޮންމެ މީހަކަށްވެސް ކޮންމެ މަހަކު އެއްވެސް ކަމެއްނުކޮށް ވެސް އެއްލަކަ ރުފިޔާ އަހަރެން ޖަމާކޮށްދެނީ ތިކަހަލަ ކޫސަނި ކަންކަން ކުރާކަށް ނޫންތަ؟! ކޮބާ އެ ފައިސާ؟….”
“ރިހާ!!” ރިހާ ގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ ނަސީމާގެ ރުޅިވެރި ބާރު އަޑުން ރިހާއަށް މުހާތަބް ކުރުމުންނެވެ. “ތިއީތަ ތިމާއަށް ވުރެ ބޮޑެތިމީހުންނާ ވާހަކަ ދައްކާ ގޮތަކީ؟ ބަލަ އެއީ ރިހާގެ ބޭބެ އޭ! އެއްވެސް އިޙްތިރާމެއް ނޯވޭ ދޯ؟!! މިއަދު އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެވުމުން ދެން އަހަރެމެން މީ އެއްވެސް ބަޔަކަށް ނުވޭދޯ މިހާރު!!…” ނަސީމާ ރުޅިއައިސް ހުރެ އަދިވެސް ބުނަމުންދިޔައެވެ. “ރިހާ ބޭނުންވިއަސް ނުވިއަސް ރިހާ ޖެހޭނީ ތި އެއްޗެއްސަށް ފައިސާ ދައްކަން! ނޫނީ ދެން މަށަށް މަންމަ ކިޔައިގެން ނުވާނެ!…” ރިހާއަށް ހީވީ ރިހާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. ނަސީރު ކޮބައިތޯ ރިހާ ވަށައިގެން ހޯދާލީ އެވަގުތުއެވެ. ނަމަވެސް ނަސީރު އެވަގުތު ސައިމޭޒު ދޮށަކު ނެތެވެ. ނަސީރު އެވަގުތު އެތާ އިންނަމަ ނަސީމާ އެ ހުރިހާ އެއްޗެއް ކިޔަންދެން ނަސީރު މަޑުން ނީންނާނެކަން ރިހާ އަށް އެނގެއެވެ. މަންމަގެ ހަރުކަށި ބަސްތަކާ ރިހާ ކުރިމަތިލާން ޖެހޭ ކޮންމެ ފަހަރަކު ނަސީރު އެކަން ހުއްޓުވައެވެ. ހިތަށް ކުރި އަސަރު މޫނުމަތިން ނުދައްކަ ވޭތޯ ރިހާ ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. އެ މޫނުމަތިން އަބަދުމެ ފެންނަން ހުންނަ ބޮޑާކަމާއި ހަރުކަށިކަން އެ މޫނުމަތިން ދައްކައިގެންނެވެ. އެކަމުގައި ރިހާ ކިތަންމެ ރަގަޅަށްވެސް ކާމިޔާބުވިއެވެ. ރުޅިއައިސް ހުރެ މޭޒުމަތީ ރިހާ ބޭއްވި ސިޓީ އުރަ ޖަހައި ގަންނަ ފަދަ ގޮތަކަށް ކުއްލިއަކަށް މޭޒުމަތިން ނަގަމުން ވައިސޫރިއެއްހާ ބާރަށް ގޮސް ގެއިން ނުކުމެ ރިހާގެ ކާރަށް އަރާ އޮފީހަށް ދިއުމަށް މިސްރާބުޖެހިއެވެ. މާޔާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ތުންފަތުގައި ވަނީ ހިނިތުން ވުމެކެވެ. ހަމަ އެންމެ ސަބަބަކަށް ޓަކައެވެ. ދެންމެ ނަސީމާ ރިހާއަށް އެ ކޮށްލި ވަރު ފެނި ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
“އަދި ބުނެފިއޭނުން ޕޭ ނުކުރާނަމޭ… މިހާރު ބަލާ… ކާކުބާ އެ ޕޭކުރަނީ؟!” ހިނިގަނޑެއް ޖަހާލަމުން މަލާމާތުގެ ރާގަކަށް އަޔާން އެހެން ބުނީ ނަސީމާ އެތަނުން ދުރަށް ދިޔަ ފަހުންނެވެ. އެވަގުތު ޖުއާން އާއި މާހީ އަދި މާޔާވެސް ހޭން ފެށިއެވެ. ޒީޝާން އިނީ ފެންނަމުންދާ މަންޒަރު ތަކުން ޙައިރާންވެ ބަސްހުއްޓިފައެވެ. އެވަގުތު ތަންކޮޅެއް ދުރުގަ ހުއްޓިލައިން އެ އެންމެނަށް ނަޒަރު ހުއްޓާލައިން ހުރި އަޔާންގެ އަންހެނުން އުލްފާ ޒީޝާންގެ ލޮލުގަ އަޅައިގަތެވެ. އުލްފާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. ހަމަ އެއާ އެކު ދެންމެ ހިނގާ ދިޔަ ކަންތަކުން އުލްފާ ހުރީ ވަރަށް ދެރަވެސް ވެފައެވެ.
ހެނދުނު އެގާރަގަޑި ބައި އެހާކަންހާއިރެވެ. އަޔާން އާއި ޖުއާން ވީ އެ މީހުން ގެ ވަޒީފާ ތަކަށް ގޮހެވެ. މާޔާވީ އެކުވެރިން ތަކަކާއެކު ބޭރަށް ގޮހެވެ. މާހީވެސް ހެނދުނު ސައި ބޮއެގެން ކޮޓަރިއަށް ވަތް ގޮތަށް އަދި ނުނިކުމެއެވެ. ޒީޝާން ފޫހިވެގެން ‘ޕެރެޑައިސް’ގެ ގޭތެރޭ ހިނގާލަ ހިނގާލަ ހުއްޓެވެ. ރީތި ގަނޑުވަރެއް ފަދަ އެންމެ ޒަމާނީ ގޮތަށް ހަދާފައިވާ ގެއެކެވެ. ބަލާލާ ކޮންމެ ދިމާއަކުން ގޭގެ ވެރިންގެ ހައިބަތު ހާމަކޮށްދެއެވެ. ހިނގަމުން ގޮސް ބަދިގެއާއި އަރާ ހަމަވިތަނުން އިވެމުން ދިޔަ ވާހަކަ އަކުން ޒީޝާން މަޑުޖެހިލިއެވެ. އަދި އެތެރެ ބަލާލިއެވެ. ބަދިގެ ތެރޭގައި މެންދުރަށް ކެއްކުމަށް ތައްޔާރު ކުރަމުން ދިޔަ އުލްފާ އާއި ހައްވާދީ ވާހަކަ ދައްކަން ތިބިތަން ފެނުމުން އިވުނީ އެ މީހުންގެ އަޑުކަން ޒީޝާނަށް އެނގުނެވެ.
(ނުނިމޭ)
6 Comments
Comments are closed.
ވ. ރީތި. ވާހަކަ ތަންކޮޅެއް އަވަހަށް އަޕްކޮށްލަދީ!
ރީހާގެ ޝަޙްސިއްޔަތު ޒޫ އަށް ވަރަށް ކަމުދޭ!
މި ވާހަކަ އަޕްކުރަނީ ކޮންދުވަސްތަކެއްގަކަން ބުނެލެވިދާނެތަ؟
އަޅޭ ހާދަ ކުރޭ.
ޝުކުރިއްޔާ…….
ޒޫ! ވާހަކަ އަޕްކޮށްދެވޭނީ ވަކި ދުވަހެއްގައޭ ބުނާކަށް ނޭނގެ، އެކަމްވެސް ވީ އެންމެ އަވަހަށް އަަޕް ކުރެވޭތޯ މިބަލަނީ…..
fathimath Asim، ދެން ބައެއް ދިގު ކޮށް ލެވޭތޯ ބަލާނަން. މި ފަހަރު ވާހަކަ އަޕް ނުކޮށްދެވި ގިނަދުވަސް ވީމަ ދެން ކުރުކޮށް ވަމަވެސް އަޕްކޮށްލަ ދިނީ..
ވެން މި ވާހަކަ އަޕް ކުރާނީ
މީވެސް ވ ރީތި ވާހަކަ އެއް