
ހިތް ނުރޮއްވާ… (3)
ކާރު ގަރާޖްގައި ބޭއްވުމަށްފަހު ރިހާ ހިނގައިގަތީ ބޭރުން ގޭގެ އެކިއެކި ފަންގިފިލާތަކަށް އެރޭގޮތަށް ހަދާފައިވާ ސިޑިއާއި ދިމާއަށެވެ. ސިޓިންރޫމްއަށް ވަނުމަށް ހުންނަ ދޮރު މިގަޑީގައި ހުންނާނީ ތަޅުލާފަ ކަމަށްވުމުން ރިހާ އަތުގަ ޑަބަލް ކީ އޮތްނަމަވެސް ރިހާ ބޭނުންވީ އާދައިގެ މަތިން ބޭރު ސިޑިން ރިހާގެ ކޮޓަރި ހުންނަ ފަންގިފިލާ އަދި ގޭގޭވެސް އެންމެ މަތީ ފަންގިފިލައަށް ދާށެވެ. އެއީ ގޭގެ ތިން ވަނަ ފަންގިފިލައެވެ. ރިހާ މަޑުމަޑުން ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ގޮސް ރިހާގެ މަންޒިލަށް ދެވުމުން ކުޑަކޮށް މަޑުޖެހިލާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ.
ސިޑިން އަރާއިރު ފުރަތަމަ ޖެހެނީ ބޮޑު ހުސްތަނަކާއެވެ. ކޮންމެވެސް ވަރަކަށް އެކި ކަހަލަ ހިތްގައިމު މާ އަޅާ ގަސްތައް ޕޮޓް ތަކުގައި ހައްދާފާވުމުން ތަން ފުދޭވަރަކަށް ހިތްފަސޭހައެވެ. އެ ފްލޯގެ އެއްފަރާތަކަށްވާ ކަހަލަ ގޮތަކަށް ހުރީ ރިހާގެ ބޮޑު، ތަނަވަސް ބެޑްރޫމެވެ. އެއާއި އިންވެގެން ރިހާގެ ލައިބްރަރީއެއް ފަދަ ބޮޑު އަދި ފުރިހަމަ ސްޓަޑީއެވެ. ރިހާގެ ކޮޓަރީގެ ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް ހުރީ ގެސްޓް ރޫމްއެއްގެ ގޮތުގައި ބޭނުންކުރާ ކޮޓަރިއެކެވެ. ތެދަށް ބުނާނަމަ ‘ޕެރަޑައިސް’ގެ ތިންވަނަ ފްލޯއަކީ ރިހާގެ އެކަނި ފްލޯއެކެވެ. އެތަނުގައި އެގޭގޭ އިތުރު އެއްވެސް މީހެއްގެ ކޮޓަރިއެއް ނުހުންނައިރު، އަދި ގެސްޓް ރޫމްގަވެސް އާންމުކޮށް މީހަކު ނޫޅޭތީވެ އެއީ ހަމަ އެކަނި ރިހާއަށް ޙާއްސަ ފްލޯއެކެވެ. އެއީ ރިހާ ބޭނުންވި ގޮތެވެ. އެހެން އެއްވެސް މީހެއްގެ ހިލަމެއްނުވެ އެގޭގައި އުޅެވޭނެ އެންމެ ފަސޭހަ އެއްގޮތެވެ. އެހެންކަމުން ކުރިން އުޅުން ބާ ގެ ތަޅާލުމަށްފަހު މިހާރު އެހުރި ގަނޑުވަރެއްފަދަ ގެ އެޅިއިރު ރިހާ އޭނާ ބޭނުންވާ ގޮތަށް އެ ކަންކުރީ ނަސީރުގެ ވެސް ހުއްދައާއި އެކުއެވެ. ނަމަވެސް އޭގެ ސަބަބެއް ރިހާ ނަސީރު ގާތު ނުބުނެއެވެ.
ގެސްޓް ރޫމްގެ ކުޑަދޮރަކުން ބޭރު ބަލަހައްޓައިގެން ހުރި ޒީޝާން ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތިން ފެންނަން ހުރީ ޒީޝާންގެ އެއްވެސް އިޚްތިޔާރަކާ ނުލައި އެ ހިތުގެ ހަމަޖެހުންކަމުގައި ވެފައިވާ އަންހެންކުއްޖާއެވެ. ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ޒީޝާން ނިންމައިގެން ހުރީ ދެވަނަ ފަހަރަށް ރިހާއަށް އެފަދަ ނަޒަރަކުން ނުބެލުމަށެވެ. ޒީޝާންގެ ހިތުގައި ބިންވަޅުނެގިފައިވާ އެ ސޫރަ އެހިތުން ފޮހެލުމަށެވެ. މިރޭ ޕާޓީގައި ރިހާގެ އަމަލުތައް ހުރި ގޮތުންނެވެ. ޒީޝާނަށް ރިހާ ފެނުނީ ވަރަށްވެސް ބޮޑާ، އެހާމެ އެހެން މީހުންގެ އިޙްސާސްތަކަށް ޤަދަރު ނުކުރާ ކުއްޖެއްގެ ގޮތުގައެވެ. ދުނިޔެއަށް ރިހާ ދައްކަން ބޭނުންވަނީވެސް ރިހާގެ އެ ސިފައެވެ. އަދި ދައްކަމުން ދަނީވެސް އެ ސިފައެވެ. ޒީޝާން އޭނާގެ ހިތާއި ޝަކުވާ ކުރަމުން ދިޔައީ ރިހާ އާއި ބެހޭ އެއްވެސް އެއްޗެއް ނޭނގި ރިހާއަށް އެ ހިތް ދެވުމުންނެވެ. ޒީޝާން އަބަދުވެސް އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވީ ރިވެތި އަޙްލާޤެއްގެ ވެރިއެކެވެ. މީހުނަށް އިޙްތިރާމް ކުރާ މަޑުމައިތިރި ކުއްޖެކެވެ. ނަމަވެސް ޒީޝާން ދެކޭ ގޮތުގައި ރިހާގެ ކިބައިގައި އެފަދަ އެއްވެސް ސިފައެއްނެތެވެ. ދަންވަރުގެ އެވަގުތު ރިހާގެއަށް އައިތަން ފެނުމުން އެއީ ވަރަށް ދަށުދަރަޖައިގެ އަޙްލާޤެއްގެ ވެރިއެއްކަމަށް ޒީޝާން ނިންމީ ރިހާއަށް ބަލަހައްޓައިގެން ހުންނަތާ ކުޑައިރުކޮޅެއް ފަހުން މީހާ ހަމައަކަށް އަޅުވަމުންނެވެ. އަދި ކުޑައިރުކޮޅެއްކުރިން ނިންމި ނިންމުންވެސް އަމިއްލަ ނަފްސަށް ހަދާން ކޮށްލަދެމުންނެވެ.
ރިހާ މާގިނައިރު އެގޮތަށް ހުންނަން ނުހަދަ އަވަހަށް ރިހާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަރާމުކޮށްލަން ބޭނުންވެފަ ހުރިލެއް ބޮޑުކަމުންނެވެ. މެލޭޝިއާއިން ރަށަށް އައުމަށް ކުރި ދިގު ދަތުރުގެ ވަރިބަލިކަން އިޙްސާސްވީ ނަމަވެސް ގޭގަ މަޑުނުކޮށް ރިހާ އޮފީހަށް ދިޔައީ ކުރަންއޮތް މަސައްކަތް ކޮންމެހެން އޮފީހުގަނޫނީ ނުކުރެވޭތީއެއްނޫނެވެ. ރިހާއަށް އެ މަސައްކަތް ގޭގަ އިނދެވެސް ނިންމުނީހެވެ. ނަމަވެސް ރިހާ ގޭގަ މަޑުކުރަންބޭނުން ނުވީއެވެ. މިހާރުވެސް ގެއަށް އެއައީ އެންމެން ނިދާނެހާ އިރު ކޮށްފައެވެ. ރިހާ އެއީ އެގޭގައި އުޅުނެއްކަމަކު ނޫޅޭ މީހެއްފަދަކަން ރިހާއަށް ހަމަ ރަނގަޅަށް އެނގޭތީއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއިންނާއި ކޮއްކޮމެން ރިހާއަށް ކުރާ ނަފްރަތު ރިހާއަށް އެނގެއެވެ. އާއިލާގެ އުފަލަށްޓަކައި އޭރު އެންމެންގެވެސް ރުހުމުގަ ނެގި ފިޔަވަޅު އެއީ ރިހާއަށް ކުރެވުނު އެންމެ މޮޔަކަންތަކަށް މިއަދު ވެއްޖެއެވެ. މިއަދު އެއީ ރިހާއަށް ހިތި ޒަހަރެއް ފަދައެވެ.
ފާޚާނާއަށް ވަދެ ފެންވަރާލާ ނިދަން ތައްޔާރުވެގެން އައިސް ރިހާ އެނދުގައި އޮށޮއެއްފަހުން އެތަށް އިރެއްވީއިރު އަދި ވެފާ ހުރި ވަރުބައްޔާއެކުވެސް ރިހާއަށް ނިދޭގޮތެއްނުވިއެވެ. މެލޭޝިއާއަށް ކުރި ވިޔަފާރި ދަތުރު ކުރުކޮށްލާފައި އާދެވުނުކަމުން ލިބުނު ހިތްދަތި ކަމަކުންނެވެ. އޭނާގެ އާއިލާ މިހާރު ރިހާ ހަމަ އެހާ ދުރުކޮށްލީހެއްޔެވެ؟ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ކައިވެނީގެ ކަންތައްތައް ހަމަޖެހި އެކިއެކި ކަންކަން ނިމެމުންދާއިރު ރިހާއަށް އަންގާލުން މުހިންމުކަމަށްވެސް ނުދެކުނީހެއްޔެވެ؟ ރިހާ އެނބުރި ރަށަށް އަންނަކަން އެނގުމުންވެސް އެމީހުން އެއްވެސް މީހެއްކައިރީ އެވާހަކަ ނުބުނިތަނުގަ ރިހާއަށް ކާރު ފޮނުވާލަ ދިނުންވެސް މުހިންމު ނުވީހެއްޔެވެ؟ ހައްތަހާ ރިހާގެ ހިތުގަ އުފެދޭ ސުވާލުތަކެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައިއިރު ‘ޕެރަޑައިސް’ގެ ގޭތެރެއިން އެކިކޮޅުކޮޅަށް ހޭލަމޭލަވަމުންދާ ނޯކަރުންތައް ދިޔައީ ވީ އެންމެ އަވަހަށް ހެނދުނުގެ ނާސްތާއަށް މޭޒުމަތި ތައްޔާރު ކުރެވޭތޯއެވެ. ލަސްތަކެއްނުވެ ހެނދުނުގެ ސަޔަށް އެ ބޮޑު މޭޒުމަތި ތަފާތު އެކި ބާވަތްތަކުން ފަޅުފިލުވާލިއެވެ. ހެނދުނުގެ ސަޔަށް ގޭގެ އެންމެން ސައި މޭޒުދޮށަށް އެއްވަމުން ދިޔައެވެ. މާހީއާއި އެކު އައި މާޔާ ޝަކުވާކުރަމުން ދިޔައީ ރިހާ އަންނަ ވާހަކަ ނުބުނުމުންނެވެ. “ދެން އަޅެ ކުޑާ! މާހީ ހަމަ އަސްލުވެސް ހަނދާން ނެތުނީއޭ ދޮންތަ އަންނަ ވާހާކަ ބުނަން”. މާހީ ސައި މޭޒު ދޮށަށް އައިސް ހުއްޓެމުން އެހެން ބުނި އަޑު ސައި މޭޒުގެ އެއްކޮޅުގައި އިށީނދެ އިން ނަސީރަށް ހަމަ ރަނގަޅަށް އިވުނެވެ. “ދަރިފުޅާ މާހީ!” ނަސީރު މާހީއަށް ގޮވާލިއެވެ. މާހީ ބުނި އެއްޗެއް ނަސީރަށް އަޑުއިވުނުކަން މާހީ ދެނެގަތެވެ. އަދި ވަރަށް މަޑުމަޑުން “ކިހިނެއްވީތޯ؟” ނަސީރު ގާތު އަހާލިއެވެ. “މާހީއަށް އެގޭތަ ރިހާ އަންނަ ކަން؟” ނަސީރު އަހާލިއެވެ. މާހީ ބޯ ޖަހާލަމުން އާއެކޭ ބުންޏެވެ. އަދި ރިހާ އިއްޔެ ހެނދުނު ގެއަށް ގުޅިކަމަށާއި އެގަޑީގައި ފޯން ނެގުނީ މާހީއަށް ކަމުން މާހީގާތު ރިހާ އެނބުރި އަންނަ ވާހަކަ ބުނިކަމާއި ރިހާ ބަލާ ބަނދަރަށް ކާރު ފޮނުވަދޭން އެދުނުކަމަށް ނަސީރު ގާތު މާހީ ބުންޏެވެ. އަދި މާޔާގެ ޕާޓީގެ ކަންތަކާއި އުޅެންހަދައިން ފަހުން އެވާހަކަ އެހެން މީހުން ގާތު ބުނަން ހަނދާން ނެތުނީ ކަމަށް ބުންޏެވެ.
މާހީގެ ވާހަކަތައް އަޑުއަހާފަ ވަރަށް ހިތްހަމަނުޖެހިފާ އިނދެ ދެ ފަރާތަކަށް ބޯ ހޫރާލިއެވެ. “ކީއްވެތަ ދަރިފުޅުމެން ރިހާ މާ ދުރުކޮށްލައިން ތިއުޅެނީ؟ އެއީވެސް ހަމަ ދަރިފުޅުމެންގެ އެއްބަނޑު އެއްބަފާ ކުއްޖެކޭ!… ރިހާގެވެސް އަދި ތި ހަތަރު ކުދިންގެވެސް ހިނގަނީ ހަމަ މި ބައްޕައާއި މަންމަގެ ލެއޭ” ދުލާއި ހަމައަށް އެ ބަސްތައް ގެންނަން ބޭނުންވި ނަމަވެސް ނަސީރުގެ އެ ޝަކުވާ ވީ ނަސީރުގެ ހިތުގައެވެ.
275 Comments
Comments are closed.
ވ ރީތި.
ވ.ރީތި. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް 🙂
ވ.ރީތ. އަވަހަށް އަނެއްބައި ގެނެސްދިނުން އެދެން.
ހާދަލަހޭވާހަކަ އަޕްވާލެއް……………………………………
މިދުވަސްކޮޅު ކުޑަކޮށް ބަލިވެ އުޅޭތީ ވާހަކަ ގެނެސް ދެވޭލެއް ލަސްވަމުން ދާކަމަށްޓަކައި ވާހަކަ އަށް އިންތިޒާރު ކުރަމުންދާ ފަރާތްތަކުގެ ކިބައިން މާފަށް އެދެން