ނިދީތެރޭން
އެގާރަވަނަބައި
ވިރާސްގެ ރައްޓެހިން އެރަށުގައި ތިބިވަރު ފެނި އެމީހުންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ފެނުމުން ޒުބޭދާ އާއި އަންޖާމު
ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ހަމައެހެންމެ ހިތާހިތުން އެފަރާތްތަކަށް ޝުކުރު އަދާކުރުމުގައެވެ.
” އަހަރުމެންނާއި އެކުގައި ބައްޕަ އައިނަމަ ގޭގައި މަޑުކޮށްލާނެ ވަގުތެއް ނުވާނެދޯ؟ ” އަންޖާމާއި ދިމާއަށް ހިނިތުން
ވެލަމުން ޒުބޭދާ ބުންޏެވެ. އެއާއެކުހެން އާނއެކޭ ބުނާފަދައަކުން އަންޖާމު ބޯ ޖަހާލިއެވެ.
ހޮނިހިރު ދުވަހެއްގެ ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ރަށުގެ އަތިރިމައްޗާއި ދިމާއަށް ހިނގަމުންދިޔަ ޒުބޭދާ އާއި
އަންޖާމަށް ވިސާމް ފެނުނީ ޓޫރިސްޓް ޝޮޕެއްގެ ތެރޭގައި މަސައްކަތެއް ކުރާން ހުއްޓައެވެ. ވިސާމް ގުރައިދޫގަ ހުރި ދުވަސްވަރު އަންޖާމާއި ކޮންމެވެސް ވަރަކަށް ދިމާވެ މަދުމަދުން ނަމަވެސް ވާހަކަ ދެކެވިފައިވާތީ ވިސާމްއާ ވާހަކަ ދައްކާލާން އަންޖާމު ބޭނުން ވިއެވެ. އެހެންކަމުން ޝޮޕްގެ ދޮރާއި ގާތްވެލަމުން ވިސާމަށް ގޮވާލިއެވެ.
” އަނހަ. އަންޖާމު! ޒުބޭދާ! ކޮންއިރަކު މިރަށަށް އައީ؟ ކޮން ގެއަކު ތިބެނީ؟ އަންގާ ވެސް ނުލަމެއްނު. ކަންތައްތައް
ރަނގަޅުތަ؟ ” އަންޖާމާއި ޒުބޭދާއަށް ބަލާލަމުން ވިސާމް ވާހަކަ ދެއްކިއިރު އޭނާގެ އަޑާއި ހަރަކާތުން ފާޅުވީ ހައިރާންކަމުގެ އަސަރު ތަކެވެ. އެކަން ޒުބޭދާ އާއި އަންޖާމަށް ވެސް ފާހަގަ ކުރެވުނެވެ.
” އާން … ހުރިހާ ކަމެއް ވެސް ރަނގަޅު. މިކޮޅަށް އައިތާ ދެތިން ދުވަސް ވެއްޖެ. މާމުއިހަނދަށް އައިސް މިއުޅެނީ.
ހާދީބެމެން ގޭގައި ތިބެނީ. އައިކަމެއް އަންގާލެވޭނީ ވެސް އުޅޭތަނަކަށް ދެވޭނީ ވެސް ގޭގެނަމެއް އުޅޭތަނެއް އެނގޭ ނަމަ ދޯ؟ ” ވިސާމްގެ ސުވާލަށް ޖަވާބު ދެމުން އަންޖާމު ވާހަކަ ދެއްކިއެވެ.
” އާން. ތިކަން ވެސް އޮތީ ތިހެންދޯ؟ ކައިވެންޏަށް މަރުހަބާ އިނގޭ. ހަދިޔާއެއް ވެސް ގެންދާން ވާނެއެއްނު. އާދޭ
އެތެރަށް. ރަނގަޅުއެއްޗެއް ހުރިތޯ ބަލާލާން. މިހިރެ ދިވެހިފިހާރަޔާ މިޝޮޕް މިއީ އަހަރެންގެ ދެތަނެއް. ” މާދުރުނޫން ހިސާބެއްގައި ހުރި ފިހާރަ ދައްކާލަމުން ވިސާމް ވާހަކަ ދެއްކިއެވެ.
” ހަދިޔާ ގެންދާނީ ފަހުން. އަދި ދިމާވާނެއެއްނު. މިދަނީ މިދިމާ އަތިރިމައްޗަށް ޖައްސާލާން. ” އަތިރިމައްޗަށް އިސާރާތް
ކޮށްލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ.
” އަހަރެންނާއި ދިމާވާނެ މިދެތަނުން ކޮންމެ ވެސް އެއްތާކުން. އާންމުކޮށް ދުވާލުއުޅޭނީ ޝޮޕްގައި ރޭގަނޑު ފިހާރާގައި.
ކަމަކު ބޭނުން ވެއްޖެއްޔާ އަހަރެންނަށް ވެސް އަންގާލާތި. ” ޒުބޭދާ އާއި އަންޖާމަށް ބަލާން ހުރެ ވިސާމް ބުންޏެވެ. ވިސާމްގެ ހީވާގި ކަމާއި މަސައްކަތްތެރިކަމަށް ތަޢުރީފް ކުރަމުން ޒުބޭދާ އާއި އަންޖާމު މިސްރާބުޖެހީ އަތިރިމައްޗާއި ދިމާއަށެވެ.
ޒުބޭދާ އާއި އަންޖާމު ދިއުމުން ވިސާމް އަނެއްކާ ވެސް ޝޮޕް ތެރެއަށް ވަދެ މަސައްކަތް ފެށިއެވެ.
ކޮންމެ ފަސްދޮޅަސް މިނިޓަކުން ގަޑިއެއް ފާއިތުވަމުން އައިސް މެންދުރު ނަމާދު ވަގުތު ޖެހުމުން ނަމާދުކޮށްގެން ވިސާމް
ގެއަށް ދިޔައިރު ނީނާ އިނީ ގޯތިތެރޭހުރީ ޖޯލިފަތީގައެވެ. ޖޯލިފަތީގެ ފުރަގަހުގައިހުރި ބޮޑު އަނބުގަހުން މުޅިހިސާބަށް ފޯރާފައިވާ ހިޔަލާއި ފިނިކަމުގެ އަސަރު ޖޯލިފައްޗަށް ވެސް ފޯރާފައިވެއެވެ. އެހެންކަމުން ވިސާމް ދިޔަގޮތަށް ގޮސް ނީނާގާތު އިށީނެވެ.
” ޒުބޭދާ އާއި އަންޖާމު ކައިވެނި ކޮށްގެން މާމުއިހަނދަށް މިރަށަށް އައިސް އުޅޭކަން އެނގޭތަ؟ ހެނދުނުކޮޅު ޝޮޕުން
އަހަރެންނާއި ދިމާވި. ” ނީނާގާތު އިށީންނަމުން ވިސާމް ވާހަކަ ދެއްކިއެވެ.
” ނޭނގެ. އަހަރެން ނުދެކެން. ކީކޭ އެމީހުން ބުނީ؟ ގެއަށް އަންނާކަށް ނުބުނަންތަ؟ ” ހައިރާންކަމާއެކު ވިސާމަށް
ބަލާން އިނދެ ނީނާ ވާހަކަ ދެއްކިއެވެ.
” ވާހަކަ ދައްކާން އިރުކޮޅަކު މަޑުކޮށްލާފައި ހިނގައްޖެ. އަހަރެން ބުނިން އަހަރެންނާއި އެންމެ ފަސޭހައިން ބައްދަލު
ވާނީ ފިހާރަ އާއި ޝޮޕުންނޭ. ފަހުން އަންނާނަމޭ ކިޔާފަ ދިޔައީ. އެމީހުން ގެއަށް ނުގެންނާނަންތަ؟ ” ވިސާމް ވާހަކަ ދެއްކީ ނީނާ އަށް ބަލާން އިނދެއެވެ.
” ގެއަށް ގެންނާނެކަމެއް ނެތް. ވިސާމް ބޭނުމިއްޔާ އެމީހުން ގޮވައިގެން ރެސްޓޯރެންޓަށް ގޮސް ރަނގަޅު ކެއުމެއްދީ.
އަހަރެން މިރަށުގައި އުޅޭކަން އެމީހުނަށް އެނގޭކަށް އަހަރެން ބޭނުމެއްނޫން. އެއަންޖާމުގެ ޢާއިލާމީހުންނަކީ އަހަރެންދެކެ ވަރަށް ރުޅި އަންނަ ބައެއް. އެމީހުން ހިތުން އެވަރުގެ ބަޔަކު ނުތިބޭނެ. ” ނީނާ ވާހަކަ ދެއްކިއިރު އޭނާގެ މޫނުމަތިންނާއި އަޑުން ކޮންމެ ވެސް ވަރެއްގެ ނުތަނަވަސް ކަމެއްގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.
” ނީނާ ތިހާ ހިތްހަމަ ނުޖެހެންޏާއި އަހަރެން ވެސް އަޅައެއް ނުލާނަން. އޭރުން އެ ނިމުނީނު. އެކަމާ ދެން ނުވިސްނާ
ހިނގާދާން ކާން. ” ނީނާގެ ބޮލުގައި ފިރުމާލަމުން ވިސާމް ވާހަކަ ދެއްކިއެވެ. ވިސާމް ބޭނުންވި ފަދައިން ވަރަށް ފަސޭހައިން ނީނާ ހަމައަކަށް އެޅިއްޖެއެވެ.
ނީނާ އާއި ވިސާމް ވާހަކަ ދައްކަމުން ދައްކަމުން ގޮސް ކާގެއަށް ވަނެވެ. އޭރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން
ދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
” މިރަށް ރަނގަޅުތަ؟ ” ކެއުމާއިގެން މަޝްޣޫލްވެއިން ޒުބޭދާއަށް ބަލާލަމުން މަރީނާ އަހާލިއެވެ.
” އާން .. ވަރަށް ހިތްހަމަޖެހޭ. މިއަދު އަތިރިމައްޗަށް ދަނިކޮށް އަންޖާމުގެ ރައްޓެއްސަކާއި ވެސް ދިމާވި. ” މަރީނާގެ
ސުވާލަށް ޖަވާބުދެމުން ޒުބޭދާ ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ އުފާވެރިކަމުގެ އަސަރުތަކެވެ.
” އެހެންތަ؟ އެއީ އަނެއްކާ ކާކުބާ؟ ” އަންޖާމަށް ބަލާލަމުން އަބްދުލް ހާދީ އަހާލިއެވެ.
” އެއީ ވިސާމް. އަހަރެން ރައްޓެއްސެއްގެ ޝޮޕްގެ މަސައްކަތެއް ކުރާން ރަށަށް ގޮސް އުޅެނިކޮށް ދިމާވީ. ” ޙަޤީޤަތް
ހާމަކުރަމުން އަންޖާމު ވާހަކަ ދެއްކިއެވެ.
” އެހެންތަ؟ އެއީ ދެން ތިރަށު ކުއްޖެއްނު. ” އަވަސް އަވަހަށް މަރީނާ ބުނެލިއެވެ.
” އެ ކީއްވެ؟ ” ޒުބޭދާ އާއި އަންޖާމަށް އެކުގައި ކަހަލަ ގޮތަކަށް އަހާލެވުނެވެ. އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ
ހައިރާންކަމެވެ.
” އެއީ ތިރަށު ކުއްޖަކާ ވިސާމް އިނދެގެން އުޅޭތީ. އެކުއްޖާ ވެސް އެބައުޅޭ މިރަށުގައި. އޭނާއާ ދިމައެއް ނުވޭތަ؟ ”
ޒުބޭދާ އާއި އަންޖާމުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަބްދުލް ހާދީ ދެއްކި ވާހަކަތަކުގެ ސަބަބުން ޒުބޭދާ އާއި އަންޖާމުގެ ހައިރާންކަން އިތުރުވެ އުފެދުނު ސުވާލުތައް ގިނަވެގެން ދިޔައެވެ.
” އަހަރުން އަޑުއެހި ގޮތުން އެއީ ތިރަށު ކުއްޖެއް. ކޮންމެސް ނީނާ އެއް ކިޔަނީ. ” މަރީނާ އިތުރުކޮށްލިއެވެ.
” އަހަރުމެން ރަށު ނީނާއޭ؟ ….. އޭނާ އެބަހުރި ރަށުގައި. ” މަޑުމަޑުން ޒުބޭދާއަށް ބުނެވުނެވެ.
” އާން. އެހެން ކިޔާ އަޑު އިވެނީ. އަހަރުންނަކަށް ނޭނގޭ ތެދެއް ދޮގެއް. ” ހަމަޖެހޭގޮތް ދައްކާލަމުން އަބްދުލް ހާދީ
ވާހަކަ ދެއްކިއެވެ.
” އޭނާ މިހާރު ވެސް މިރަށުގައި އެބަހުރިތަ؟ މިހެން މިއެހީ އަހަރުމެން މާލެ އައިއިރު ވެސް އޭނާ ރަށުގައި ހުރީމަ.
އެކަމު ދުވަސްކޮޅެއް ކުރިން އޭނާ އެކަނި މާލެ ދިޔަ. އެދުވަސްވަރު ވިސާމް ވެސް މަސައްކަތް ނިންމާލާފަ މާލެ ދިޔައީ. އަހަރުމެން އަޑު ވެސް ނާހަން އެދެމީހުން ކައިވެނި ކުރި ވާހަކައެއް. ” ކުޑައިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޒުބޭދާ ވާހަކަ ދެއްކިއެވެ. އޭރު ވެސް އޭނާގެ އަޑާއި ހަރަކާތުން ފާޅުވަމުން ދަނީ ހައިރާންކަމުގެ އަސަރުތަކެވެ.
” މިއަދު ހަވީރު ވިސާމާއި ބައްދަލުކޮށް އެވާހަކަ ދައްކާލާނީ. އެހެންނޫނީ ނީނާ ފެނޭތޯ ހިނގާލާނީ. އޭރުން އެކަން ވެސް
އެނިމުނީނު. ” ޒުބޭދާއާއި އަންޖާމަށް ބަލާލަމުން އަބްދުލް ހާދީ ވާހަކަ ދެއްކިއެވެ.
ކައި ނިމިގެން ޒުބޭދާ އާއި އަންޖާމު ދިޔައީ ކޮޓަރިއަށެވެ. ދެކެވުނު ވާހަކަތަކާ މެދު ވިސްނާލާން ދެމަފިރިން ވެސް ބޭނުން
ވިއެވެ. ކުއްލިއަކަށް މިލިބުނު ޚަބަރުން ދެމީހުން ވެސް ތިބީ ފާޑަކަށް ވާނުވާ ނޭނގިފައެވެ.
ޒުބޭދާ އާއި އަންޖާމު ކޮޓަރީގައި ތިބި އިރު ވެސް ވާހަކަ ދައްކާ މަޝްވަރާ ކުރަމުން ދިޔައީ ނީނާއާ ބެހޭގޮތުންނެވެ.
” ވިސާމް ރަށުގައި އުޅުނުއިރު ނީނާއާ ވިސާމް އުޅުނީ ރައްޓެހިވެގެންތަ؟ ” އަންޖާމަށް ބަލާލަމުން ޒުބޭދާ އަހާލިއެވެ.
” އަހަރެންނަކަށް ނޭނގެ .. އަހަރެން ވެސް މިހުންނަނީ ތިކަމާ ހައިރާން ވެފަ. އެދެމީހުން ކިހިނެތް ކައިވެނި ކުރާނީ؟
ނީނާ މާލެ ދިޔައިރު އޭނާގެ ބައްޕައެއް މާލެއަކު ނުދޭ. އެދެމީހުން ރާވައިގެން ކައިވެނި ކޮށްގެންނޭ ކިޔައިގެން އުޅެނީ ކަންނޭނގެ. އަހަރެމެން ކައިރީގަ ވެސް ވިސާމް އެވާހަކައެއް ނުދައްކައެއްނު؟ ” އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބުރަވެ އަންޖާމު ވާހަކަ ދެއްކިއެވެ.
” އަހަރެންނަށް ވެސް ހީވަނީ ތިހެން. އެކަމު އެއީ ކިހާ ގޯސް ގޮތެއްދޯ؟ އެކުގައި އުޅެންޏާއި ކައިވެނި ކުރީމަ ނިމުނީނު. ”
އަންޖާމުގެ މޫނަށް ބަލާލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ.
” އަހަރުމެން ގޮތަށް ދޯ؟ ” ޒުބޭދާއާ ހަތަރުކަޅި ހަމަކޮށްލަމުން އަންޖާމު ބުންޏެވެ.
” ހާދީބެމެންނާއި އެކުގައި ދާނީ. އަހަރުންނަށް އެނގޭނެއެއްނު ނީނާ ފެނުނީމަ. ” އެ ވާހަކަތަކުގެ ޙަޤީޤަތް ބެލުމަށް ނުހަނު
ބޭނުން ވެފައިވާ ޒުބޭދާ ވާހަކަ ދެއްކިއެވެ.
” އާން. ތިއީ އެންމެ ރަނގަޅު ގޮތަކީ. ވިސާމާއި ވާހަކަދައްކައިގެން އޭނާ އޮޅުވާ ވެސް ލާފާނެ. ” އަންޖާމު ވެސް ބޭނުން
ވަނީ އެކަމުގެ ޙަޤީޤަތް އޮޅުން ފިލުވާށެވެ.
އިރުގެ ހަލުވި ދައުރުވުމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދުރުގެ ހޫނުކަމުގެ މައްޗަށް ހަވީރުގެ ފިނިކަން ގަދަވެ
ގަނެއްޖެއެވެ. ކުރިއްސުރެ ވާހަކަދައްކާ މަޝްވަރާ ކޮށްފައިވާ ފަދައިން ހަވީރު ސައިބޮއިގެން އަންޖާމުމެން ހަމީހުން ނުކުތީ ނީނާގެ ޚަބަރެއް ވޭތޯ އެވެ. ޒުބޭދާ އާއި އަންޖާމު ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ނީނާއާ ބައްދަލު ކުރާށެވެ.
ނުނިމޭ
One Comment
Comments are closed.
…………..