ޕާޓީ ފެށި ގަޑިއެއް ހާއިރު ވެއްޖެއެވެ. ނަމަވެސް ހޯލަށް ވަންނަމުންދިޔަ މީހުން ވީ ހައްތަހާ އިތުރެވެ. ހޯލަށް ވަންނަ މީހުންނަށް މެހުމާނަށް މަރުހަބާ ކިޔުމުގައި ޝާލިންގެ މަންމަ އާއި ބައްޕަ އަވަދިނެތި އުޅެއެވެ. ނަމަވެސް އަހަންނަށް ފާހަގަވި އެއްކަމަކީ ޝާލިންގެ މައިންބަފައިން ފަރާތުން ދަރިފުޅުގެ ކައިވެނީގައި ފެންނަންޖެހޭ އުފާވެރިކަން ނުފެންނަ ކަމެވެ. އަހަރެން އެކަމަކާއި މާބޮޑަކަށް ނުވިސްނަމެވެ. އަހަރެންމީ މިތަނަށް ‘މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ’ އުސޫލުމް އައިސް އިން މީހެކެވެ. މިރޭގެ ފަހުން މި މީހުންނަށް އަހަންނެއް ނުވެސް ފެންނާއެވެ. އެހެންކަމުން އަހަރެން ބެލީ އެވަގުތުގެ އުފާ ރަނގަޅަށް ލިބިގަނެވޭތޯއެވެ. އެގޮތުން އާހިލްއާއި ދެމީހުން ވަރުގަދަޔަށް ތައްޓަށް ޕާސްތާ އާއި ކުކުޅު އަޅާލައިގެން ކާން އިށީނީމެވެ. ކެއުންގަނޑު ހާދަހާވާ މީރެވެ. މެނޫގައި ހުރި ހުރިހާ އެއްޗެއް ވެސް ކާހިތްވިއެވެ. ނަމަވެސް އަހަންނަށް އެ ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ. އާހިލް އަހަރެން ގެންދިޔައީ އޭނާގެ އާއިލާ އާއި ބައްދަލު ކުރުވާށެވެ. މިކަމުން އޭނާ ހާސިލް ކުރަން ބޭނުންވަނީ ދެކަމެކެވެ. ފުރަތަމަ ކަމަކީ އޭނާ ޝާލިން މަތިން ހަނދާން ނައްތާލައިފިކަން އޭނާގެ އާއިލާއަށް ސާބިތުކޮށްދިނުމެވެ. ދެވަނަ ކަމަކީ އޭނާ މީހަކާއި ދެވަން އޭނާގެ ބައްޕަ ކުރަމުންދާ މަސައްކަތް ހުއްޓުވުމެވެ. އެއް ގާގަނޑުން ޖަހާ ދެދޫނި މަރާލީއެވެ. އާހިލް އަހަންނަށް މި ހުރިހާ ވާހަކައެއް ކިޔައިދިން ވަގުތު، މިއީ ބޯ ބޮޑު މީހެކޭ އަހަރެންގެ ހިތަށް އެރިއެވެ.
އާހިލް ފުރަތަމަ އަހަންނާއި ބައްދަލު ކުރުވީ އޭނާގެ ބައްޕަ އާއިއެވެ. އިސްކޮޅުން ދިގު ކޮށް ހުރި މީހެކެވެ. ބަލާބެލުމަށް އާހިލް އާއި ވަރަށް ވައްތަރެެވެ. ނަމަވެސް އެ މީހާގެ މޫނުމަތީގައި ވަރަށް ހަރުކަށި ގޮތެއް ހުއްޓެވެ. އަހަރެން ހުރީ ކުޑަކޮށް ޖެހިލުން ވެސް ވެފައެވެ. އެމީހާގެ އަތުގައި އޮޅުލައިގަނެގެން ކަހަލަ ގޮތަކަށް އަންހެނަކު ވެސް ހުއްޓެވެ. އެމީހާގެ އަންހެނުން ތޯއްޗެކެވެ. ބަލާބެލުމަށް އުމުރުން ސާޅިހުން މަތިވެފައި ވާއިރު ހެދުން އަޅާ، މޭކަޕް ކޮށްފައިވަނީ އެންމެ ޒަމާނީ ކުދިން ކުރާ ގޮތަށެވެ. އަހަރެން ކައިރިއަށް ހިނި އަންނަ ކަހަލަ ހޮތެއް ވެސް ވިއެވެ.
“އީޝާ، މިއީ އަހަރެންގެ ބައްޕަ އުމަރު. ބައްޕާ، އީޝާ. މައި ގާލްފްރެންޑް” އާހިލް ބައްޕައަށް އަހަރެން ތަޢާރަފް ކޮށްދެމުން އޭނާ އަހަރެންގެ އަތުގައި ހިފައިލިއެވެ. އޭނާގެ އެ ހަރަކާތުން އަހަރެންގެ ހަށިގަނޑަށް ކަރަންޓު ޝޮކެއް ޖެހުނު ކަހަލައެވެ. އަހަންނަށް ކުރެވުނީ މީގެކުރިން އަހަންނަށް ކުރެވިފައިވާ އިހުސާސެއް ނޫނެވެ. އާހިލްއަށް ވެސް އެކަން އިހުސާސްވީ ކަންނޭނގެއެެވެ. އޭނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަންނަށް ވެސް އެއްޗެކޭ ނުބުނެ އާހިލްއާއި ދިމަ ބަލަހައްޓައިގެން ހުރެވުނީއެވެ.
“ލީލާ. އާހިލް މަންމަ” އަހަރެމެންގެ މެދުގައި ވި ހަމަ ހިމޭންކަން ފިލުވައިލީ އާހިލްގެ ބައްޕައެ އަތުގައި ހިފައިގެން ހުރި މީހާއެވެ. އޭނާ ހިނިތުންވުމަކާއި އެކު އަހަންނާއި ސަލާމްކުރަން އަތް ދިއްކޮށްލިއެވެ. “ދޮންމަންމަ” އާހިލް ވަގުތުން ބުންޏެވެ. އަހަންނާއި ސަލާމްކުރަން ދިއްކުރި އަތް އޭނާ ވަގުތުން ތިރިކޮށްލިއެވެ.
“އާހިލް. އަހަރެންގެ އަންހެނުންނާއި ތިގޮތަށް ވާހަކަ ނުދައްކާތި” އުމަރު ވަގުތުން އާހިލް އާއި ދިމާލަށް ހަޅޭލަވައިގަތެވެ.
“ބައްޕަގެ އަންހެނުން ކައިރި ބުނޭ އަހަރެންގެ މަންމަގެ ލަގަބު ހޯދަން ނޫޅޭށޭ. އަހަރެން ދުވަހަކު ވެސް އޭނައާއި ދިމާލަށް މަންމައެކޭ ނުކިޔާނަން. އަހަރެންގެ މަންމައަކީ އެއަށްވުރެ މާތް މީހެއް” އާހިލް އޭނާގެ ބައްޕައަށް ރައްދު ދިނެވެ. އަޑު މަޑުކޮށް، އަދަބުވެރި ރާގަކަށެވެ. ނަމަވެސް އޭނާގެ މޫނުމަތީގެ ކުލަވަތު ތަފާތެވެ.
އާހިލް އަހަރެންގެ އަތުގައި ހިފައިގެން ގޮސް މޭޒެއް ދަށުގައި އިށީނެވެ.
“އީޝާ އަހަރެންގެ ފެމެލީ ޑުރާމަގެ ތެރެއަށް ވެއްދުނީތީ ސޮރީ” އިސްޖަހައިގެން އިނދެ އޭނާ ވާހަކަ ދެއްކިއެވެ.
“އިޓްސް އޯކޭ” އަހަރެން ޖަވާބުގައި ބުނީމެވެ. މާޒީގައި އޭނާގެ އާއިލާގައި ހިނގާފައި ހުރީ ކޮން ކަމެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ހިނގާދިޔަ ކަންތަކުމް އަހަންނަށް ފަހުމުވީ އާހިލް އޭނާގެ ބައްޕަ އަދި ދޮންމަންމަ ދެކެ އިންތިހާއަށް ހިތްހަމަ ނުޖެހޭ ކަމެވެ. ސަބަބު އަހަން އަހަރެން ބޭނުންވިއެވެ. ރަސިއްތަ ނޫނަށް އަހަރެން ވެސް ކަން ބަލާ ހިތްވެއެވެ. ނަމަވެސް މިވަގުތު އެއީ ރަނގަޅު ވަގުތެއް ނޫންކަމުގައި ބަލައި އަހަރެން އެއްޗެކޭ ނާހަމެވެ.
ަ”އަހާނ ދޮންބޭ. އަހަރެން ހާދަ ހޯދައިފީމޭ” އަހަރެން އިން ގޮނޑީގެ ފުރަގަހުން އަޑެއް އިވިގެން ބަލައިލީމެވެ. ކުރިމާތީގައި ހުރީ ދޮން، ރީތީ އަންހެން ކުއްޖެކެވެ. ހިމަތޮޅި ހަށިގަނޑަކާއި ކަޅު އިސްތަށިގަނޑެއްގެ ވެރިއެކެވެ. “ދޮންބެގެ ގާލްފްރެންޑް ތަ؟ އަޅޭ ހާދަ ލޯބިއޭ” އޭނާ މިހެން ބުނަމުނަ އަހަރެންގެ ގައިގައި މަޑުމަޑުން ބައްދާލިއެވެ. އަހަރެންވެސް ހިނިތުންވެލާފައި އެއްފަހަރު އޭނައަށް އަދި އަނެއްފަހަރު އާހިލްއަށް ބަލައިލީމެވެ.
“އީޝާ، މިއީ އަހަރެންގެ ކޮއްކޮ އަލީނާ” އާހިލް އަހަރެމެން ދެމީހުން ތައާރަފް ކޮށްދިނެވެ. އަލީނާއަކީ އެކުވެރި، މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އަހަންނަށްވުރެ ދެތިނަ އަހަރު ކުޑަވާނެހެން ހީވެއެވެ. އޭނާގެ އަހުލާގު ރީތިވެފައި ހިތް ވަރަށް ހެވެ. އަހަންނާއި އެތަށް ވާހަކައެއް ދެއްކިއެވެ. އާހިލްއާއި ވަރަށް ސަމާސާ ކުރިއެވެ. ހަގީގަތުގައި ބުނާނަމަ އޭނާއަށް، އަހަރެންމީ އާހިލްގެ ލޯބިވެރިޔާއޭ ބުނެ އޮޅުވާލަން އަހަރެން ވަރަށް ދެރަވެސް ވިއެވެ.
އާހިލް އާއި އަލީނާއާއި އެކުގައި ހުރެފައި އަހަރެން ދިޔައީ ފެންބޮވައިގަނެގެންނެވެ.
“އަހާނ އެކޮއެ އީޝާ” ފެންމޭޒު ދޮށުގައި ހުއްޓާ އިވުނު އަޑުން އަހަރެން އަނގައިގައި ހުރި ފެންތަށް ބޭރަށް ނައީ ކިރިޔާއެވެ. ވަގުތުނަ ތެޅެގަނެފައި ފަހަތް ބަލައިލީމެވެ. އަހަންނަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ރަސިއްތަ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ރަތް ކުލައިގެ ވިދާ ހެދުމެއް ލައިގެން ހުރި އިރު މީހާ ހީވަނީ ޑިސްކޯ ބޯޅައެއްހެންނެވެ. ތުންފަތުގައި ލޭކުލައިގެ ލިޕްސްޓިކު ހާކާފައި ހުއްޓެވެ. މިހާ ތިއްތި ވެގެން ރަސިއްތަ މިތަނުގައި ކީއްކުރަނީބާއެވެ.
“ރަސިއްތާ؟” އަހަރެން ސުވާލުގެ ރާގަކަށް ރަސިއްތައަށް ގޮވައިލީމެވެ.
“ހިނގާ ގެއަށް ދާން” އެވަގުތު އަހަރެންގެ ކައިރޮިއއަަށް އައިސް ހުއްޓުނީ އާހިލްއެވެ. ހަތަރެސްކަން ހަމަވީއެވެ. ރަސިއްތަ ހިތަށް އަރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. މަންމައަށް ގުޅައިގެން ކޮންމެފަދަ އެއްޗެކޭ ވެސް ކިޔާފާނެއެވެ. އަހަރެން އެންމެ ހާސްވީ އެކަމާއެވެ. އަހަންނަށް ހުރެވުނީ ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Masha Allah mi ep vc vrh reethi ekm thankolheh avahah up kohdheebala
Masha Allah mi part vx vrh reethi
When’s next part????
masha allah vrh reethi mi part vs
vrh interesting
when next????
girl just stop worrying sbt what others will think and stand up for yourself