“ރަސިއްތާ؟” އަހަރެން ލުއި ހިނިތުން ވުމެއް ދިނީމެވެ.
“ހިނގާ ގެއަށް ދާން” އެވަގުތު އަހަރެންގެ ކައިރީގައި އައިސް ހުއްޓުނީ އާހިލްއެވެ. ހަތަރެސްކަން ހަމަވީއެވެ. ރަސިއްތަ ހިތަށް އަރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. މަންމައަށް ގުޅައިގެން ކޮންމެފަދަ އެއްޗެކޭ ވެސް ކިޔާފާނެއެވެ. އަހަރެން އެންމެ ހާސްވީ އެކަމާއެވެ. އަހަރެން ހުރީ ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
“ދޮންބޭ. ހާދަ އަވަހަކަށް ގެއަށް ދާން ތިއުޅެނީ. އީޝް އާދެބަ އަހަންނާއި އެއްކޮށް” އަހަރެން އެތަނުން ސަލާމަތްކޮށްދިނީ އަލީނާއެެވެ. އަހަންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާފައި އަލީނާ އާއި އެއްކޮށް ފޮނިކާތަކެތި ހުތި މޭޒާއި ދިމާލަށް ދިޔައީމެވެ. އޭރު ވެސް އާހިލް އާއި ރަސިއްތަ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިއްބެވެ.
“މިހާރު ވެސް އަހަރެން ބުނެފިއްޔާ ޝާލިން ހުންނާނީ މުނާޒު ކައިރިން ވަރި ވެގެން އާހިލްއާއި އިންނަން ތައްޔާރަށް” އަހަންނާއި އަލީނާ ތިބީ ފޮނިކާއެއްޗެހި ހިފައިގެން ގޮސް ހޯލުގެ ކަނުގައި ހުރި މޭޒެއްގައެވެ. ވާހަކަ ދައްކާ އަޑު އައީ އަހަރެމެން ޔިބި މޭޒާއި ޖެހިގެން ހުރި މޭޒުންނެވެ. އަހަރެން ބޯ އަރިކޮށާފައި އެއީ ކާކުތޯ ބަލައިލީމެެވެ. އާހިލް އަހަންނަށް ތައާރަފް ކޮށްދީފައިވާ ގޮތުންނަމަ އެއީ ޝާލިންގެ ބައްޕައެވެ.
“ހޫނ. އާހިލް ވެސް އެހެން އުޅުނަކަށް ޝާލިން ދެކެ އަދި ވެސް ލޯބިވޭ” ޝާލިންގެ ބައްޕަ އާއި އެކީ މޭޒުދޮށުގައި އިން ޝާލިންގެ މަންމަ ބުނާ އަޑު އިވުނެވެ. އަހަރެން އިނީ ހަމަ ހައިރާންވެފައެވެ. އަނގައިން ސޮނި ތިއްކެއް ނުވެއްޓޭ ކަމެއްވެސް ނޭނގެއެވެ. މަޔަކު ބަފަޔަކު، ދަރިފުޅުގެ އަލަތު ކައިވެނީގެ ހަފުލާގައި އެކަހަލަ އެއްޗެހި ކިޔަން ވާނެ ހެއްޔެވެ.
އަހަރެންގެ މޫނުމައްޗައް އަރާ ފައިބަމުން ދިޔަ ކުލަވަރު އަލީނާއަށް ފަހުމުވިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލާފައި އެކަމާއި މާބޮޑަށް ނުވިސްނުމަށް ބުންޏެވެ. އަދި އަހަންނާއި އާހިލްއާއި ދޭތެރެއަށް ޝާލިން އެއް ނުވަންނާނެ ކަމަށް ވެސް ބުންޏެވެ. އަހަރެން ޖަވާބުގައި ހީލީމެވެ. އަހަރެން ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ. އަހަރެން މިއީ ހަގީގަތުގައި އާހިލްގެ ލޯބިވެރިޔާއެއް ނޫން ވިއްޔާއެވެ. އަލީނާގެ ހުރި ގާތްކަމާއި ރަނގަޅުކަމުން އެކަން އޭނާއަށް ސިއްރުކުރަން ކިތަންމެ 8ހާވެސް ދެރަވެއެވެ. ނަމަވެސް އެންމެ ރަނގަޅުގޮތަކީ އެއްޗެކޭ ނުބުނެ އިނުމެވެ. އެހެން ނޫނަސް މިރެއަށްފަހު މި ގޭމު ވެސް ނިމޭނެތާއެވެ.
ޒީކްގެ ފޯނެއް އައިސްގެން އަހަރެން އިން މޭޒުދޮށުން ދުރަށް ޖެހިލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ހުސްނީ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާ ހުރީ އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތް ވަށާލައިގެންނެވެ. އެ އަންހެން ކުއްޖާ ހުސްނީގެ ކަންފަތް ދޮށުގައި އެއްޗެކޭ ބުނެފައި ދެމީހުން އެއްފަހަރާ ހޭން ފެށިއެވެ. ދެމީހުންގެ ހަރަކާތްތަށް ހުރި ގޮތުން ހީވަނީ ރައްޓެހި ވެގެން އުޅޭ ދެމީހުން ހެންނެވެ. އެހެންކަމަށް ވަންޏާ ހުސްނީ އަހަރެންގެ ފަހަތުން އުޅެނީ ކީއްވެ ހެއްޔެވެ؟
“އީޝް! އީޝް!! އިންޓަވިއު ކިހިނެއް ހެއްޔޭ؟!” އަހަރެންގެ ކަންފަތުގައި ޖެހުނީ ޒީކްގެ އަޑެވެ. ހުސްނީގެ ކުޅިވަރު ބަލަން ހަދައިގެން ޒީކް ދެއްކި ވާހަކައެއް އަޑެއް ވެސް ނުއިވުނެވެ. އަހަންނަށް އިވުނީ ޒީކް އެންމެ ފަހުން ކުރި ސުވާލެވެ. “އޭނ؟؟ އިންޓަވިއު އޭ؟” އަހަރެން އެއްޗެއް ހަނދާންވެގެން ފޯނުގެ ކަލަންޑަރުން ދުވަސް ބަލައިލީމެވެ.
“އީޝް ބުނީމެއްނު ފިފްޓީންތްގަ އީޝްގެ އިންޓަވިއު އޮންނަ ވާހަކަ” ޒީކް ހަނދާނަކޮށްދިއެގެ. ﷲސުބުހާނައް އެވެ. މިރޭ މިއީ އަހަންނަށް އިންޓަވިއު އަށް ކިޔާފައި އޮތް ރެއެވެ. އެހާ ބޮޑު ކަމެއް އަހަރެން ހަނދާންނެތުނީ ކިހިނެއް ހެއްޔެވެ. އަހަންނަށް ވަގުތުން ތެޅިގަނެވުނެވެ. އަވަހަށް ފޯނު ކަނޑާލާފައި ގަޑި ބަލައިލީމެވެ. ދިހައެއް ޖަހަނީއެވެ. އަހަންނަށް އިންޓަވިއުއަށް ކިޔާފައި އޮތީ ނުވައެއް ޖަހާއިރަށެވެ. އަރައިގެން ހުރި އުސް ފައިވާން އަތުން ހިފާފައި އަހަރެން ޕާޓީން ނިކުމެ ދުއްވައިގަތީމެވެ. ކާރެއް ހޯދަން އުޅެގެން ވާނީ ހައްތަހާ ލަހެވެ. ދުވެފައި ވެސް އެއަށްވުރެ ކުރިން އޮފީހަށް ދެވޭނެއެވެ. މަގުމަތީގައި އުޅުން މީހުން އަހަންނަށް ބެލީ އަހަރެން މިއީ މޮޔައެއް ހެއްޔޭ އަހާފަދަ ގޮތަކަށެވެ. ނަމަވެސް މީހުން ހީކުރާނެ އެއްޗަކާމެދު ވިސްނާނެ ވަގުތެއް އަހަންނަކަށް ނެތެވެ. ‘ފްރެޝް ވޭވް’ ކަހަލައިގެ ބޮޑު ކުންފުންޔެއްގައި މަސައްކަތް ކުރަން ލިބޭ މިއީ ރަނުގެ ފުރުސަތެކެވެ. މި ފުރުސަތު ގެއްލިޔަ ދީގެން ނުވާނެއެވެ. ދިހަ ވަރަކަށް މިނެޓުގެ ރިލޭ ރޭހަކަށްފަހު އަހަރެނަ ހުރީ “ފުރެޝަ ވޭވް ވެންޗާސް” އޮފީހުގެ ދޮރުމަތީއެވެ. ފައިވާނަށް އަރަމުން ދުވެފައި ގޮސް ލިފްޓަށް އެރީމެވެ. އަދި ކުރިން ދުވަހު ވެސް ދިޔަ ބަޔަށް ދިޔައީމެވެ. އޭރު އިންޓަވިއު ކޮޓަރިން ކުރިން ދުވަހު އޮފީހުން އަހަންނާއި ވާހަކަ ދެއްކި ކުއްޖާ ނުކުންނަނީއެވެ. އިންޓަވިއު ނިމުނީތޯ އަހަރެން އަހާލީމެވެ. އޭރު އަހަންނަށް ހުރީ މާނޭވާ ލެވި ލެވިއެވެ. ދާހިއްލާ ފޯވެފައެވެ. އިންޓަވިއުކުރާ ގަޑި ހަމަވެއްޖެ ކަމަށާއި ދެން އިންޓަވިއު ދިނުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ބުންޏެވެ. އޭނާ ކައިރީގައި ވަރަށް އާދޭސްކޮށްގެން އަހަރެންގެ އިންޓަވިއު ކުރަން އެއްބަސްވ ކުރުވީމެވެ.
އިންޓަވިއު ކޮޓަރީގައި ތިބީ ދެ ފިރިހެނުންނާއި އެއް އަންހެނެކެވެ. އުމުރުން ދުވަސްވީ ފިރިހެނަކާއި މެދު އުމުރުގެ ފިރިހެނެކެވެ. އަންހެން މީހާ ވެސް ވައްތަރީ މެދު އުމުރުގެ މީހަކާއެވެ. ބޮލުގައި ނުރަ ޖަހާފައި އެތަނުގައި އިން މީހަކީ ޖުންފުނީގެ ވެރިޔާ ކަންނޭނގެއެވެ. ބަލާބެލުމަށް ހީވަނީ އެހެންނެވެ. އަހަންނެއް އެކަކާ ވެސް އެ ސުވާލެއް ނުކުރަމެވެ.
އިންޓަވިއުދޭން އުން އިރު އަހަރެން އިނީ ފިނި ވެފައެވެ. އިންޓަވިއު މަތިން ހަނދާން ނެތުމުން، އިންޓަވިއުއަށް ތައްޔާރެއް ވެސް ނުވަމެެވެ. އަހަރެން ލައިގެން އިނަ ރަތްކުލައިގެ ސެޓިން ފޮތީގެ ހެދުމަކީވެސް އޮފީސް އިންޓަވިއު އަކަށް އެކަށޭނެ އެއްޗެއް ނޫނެވދ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ކުރިނަ ދުވަހު ޒީކަ އަހަންނަށް ދަސްކޮށްދިން އެއްޗެހި ހަނދާންކޮށްގެން ފަހަރަކު ސުވާލަކަށް ޖަވާބު ދިނީމެވެ.
އަހަންނަށް ވަޒީފާ ލިބުނުކަމުގެ އުފާވެރި ކޯލު އައީ ޖެހިގެން އައި އާދިއްތަ ދުވަހު މެންދުރުއެވެ. އަހަރެން ހުރީ އެ ވަޒީފާ ލިބޭނެ ކަމުގެ އުންމީދު ވެސް ކަނޑައިލައިގެެންނެވެ. ނަމަވެސް ލިބުނު އުފާވެރި ހަބަރުން ވީ އުފަލެއް ބުނަން ނޭނގެއެވެ.
ހޯމަ ދުވަހު ހެނދުނު އަހަރެން ތައްޔާރު ވެލައިގެން އޮފީހަށް ދާން ނިކުތް އިރު އަހަރެންގެ ގޭ ބޭރުގައި ސައިކަލު މަތީގައި ނަވާލް އިނެވެ. “ނަވާލް ކީއްކުރަނީ މިތާ؟’ އަހަރެން އަހައިލީމެވެ.
“ކުޑަ ކަމަކު މިކޮޅަށް އައިސްފަ ހިތަށްއެރީ އީޝް ކޮބައިތޯ ބަލާލާފައޭ ދާނީ” ނަވާލަ ބުންޏެވެ.
“އެހެންތަ. އެހެނަވިއްޔާ ހިނގާބަލަ އަހަރެން އޮފީހަށް ލައިދޭން.” އަހަރެން އެދުނީމެވެ.
މާލެތެރެއުނަ ކާރެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ހުޅުމާލެއަށް ދާ ބަސް އަންނަންދެން މަޑު ކުރުމަށްވުރެ ނަވާލް އާއި އެކީ ދިޔަޔަސް މާ އަވަސް ވާނެއެވެ. ވަޒީފާގެ ފުރަތަމަ ދުވަހު ގަޑިޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ.
އޮފީހަށް ވަދެ ރިސެޕްޝަނުގައި އަހަރެން މަސައްކަތް ކުރަން ހަމަޖެހިފައިވާ ފުލޯ އެހުމަށް ފަހު ލިފްޓަށް އެރީމެވެ. އަހަރެން މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ފަސްވަނަ ފަންގިފިލާގައެވެ. އަހަރެން ލިފްޓަށް އެރުމަށްފަހު ފަހަކަށް ފިއްތައިލީމެވެ. ލިފްޓު ފުރަތަމަ ހުއްޓުނީ ތިންވަނަ ފުލޯއަށެވެ. އެތަނުން ތިން މީހަކު ލިފްޓަށް އެރިއެވެ. އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އާހިލްއެވެ. އާނއެކެވެ. އެއީހަމަ އާހިލްއެވެ. އޭނަ މި އޮފީހުގައި ކީއްކުރަނީހެއްޔެވެ؟ އޭނަ އަހަންނަށް ފާރަ ލަނީހެއްޔެވެ؟
ކުރިން ރޭ އާހިލްއަށް ފިލައިގެން ޕާޓީއިން ނިކުމެވުނު ހަނދާންވީ ކިރިޔާއެެވެ. އާހިލްއަށް އަހަރެން ފެންނަންވާއިރަށް އަވަހަށް މޫނު އަނެއް ފަރާތަށް އަނބުރައިލީމެވެ.
ލިފްޓުގައި ތިބި ދެމީހުން ހަތަރުވަނަ ފުލޯއަށް ފޭބިއެވެ. އަހަންނާއި އާހިލް ލިފްޓުގައި އެކަނިވިއެވެ. އަހަރެން ހުރީ އާހިލް އަށް ފުރަގަސްދީގެން އޭނާއަށް އަހަރެން މިއީ ކާކުކަން ނޭނގޭތޯ ދުއާ ކޮށްލަ ކޮށްލަ އެވެ. ފަސްވަނަ ފުލޯއަށް ދޮރު ހުޅުވުމާއި އެކު އަވަހަށް ނިކުންނަން އަހަރެން ހިނގައިގަތީމެެވެ. ނަމަވެސް ފިނި އަތެއް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެންގެ ހަށިގަނޑުތެރެއަށް ކަރަންޓު ދޫވެގެންދިޔަ ކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Masha Allah mi part vx vrh reethi ❤️💯
When’s next part??
Next part avah up kohla dhehcheyy 🤍🕊️
Curiously waiting for the next part 🙂✨
mi part ves v reethi masha allah
curiously waiting for next part
keep it up
aahil and eesh gulhuachey
they both are made for each other
i appreciate your hard work
nice dhn in part avahah gennachey ur always making us wait
Mi vhk thankolheh avahah up kohdhehchey
Vhk vrh reethi masha allah ❤ ekm vhk up vaaleh las kamun kuryge part ga vefa oii goiy vc handhaan nethey 😅