![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ފޮހެވޭނޭ ބާއޭ… 14
އިޒްކާން ޔަޝްމްގެ އަތް ނައްޓުވާލުމަށްފަހު އަވަސް ވެގަތީ އުށްބައްތިއެއް ރޯކުރުމަށެވެ. އިޒްކާންގެ އަތުގެ ބީހުމުން ހަމަހޭވެރިކަން އައި ޔަޝްމްއަށް އަނދިރީގެ ތެރޭން އެއްޗެއް ފެނޭތޯ ހޯދާލެވުނެވެ. ދާދި ގާތުން މީހަކު ހަރަކާތްކުރާހެން ހީވިއެވެ. އެއާއެކު ޔަޝްމްއަށް ހަޅޭއްލަވައިގަނެވުނެވެ. ޔަޝްމް އުޅެނީ ބިރުންކަން އެނގުމުން އިޒްކާން އަތްމަތި އަވަސްކޮށްލަމުން އުށްބައްތިއަކާއި ލައިޓަރެއް ނަގައި އުށްބައްތި ރޯކޮށްލިއެވެ. އިސާހިތަކު އޭގެ ފަނޑު އަލި ކޮޓަރިއަށް ފެތުރިގެން ހިނގައްޖެއެވެ.
ޔަޝްމް ނޭވާހިފަހައްޓާލައިގެން އިނދެ އިޒްކާންއަށް ފުން ނަޒަރެއް ދިނެވެ. މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާ އޭނަގެ ލޯކުރިމަތިން ސިފަވި ކަހަލައެވެ. އޭނަ ލަދު ގަތެވެ.
އިޒްކާން އުށްބައްތި ސައިޑް ކަބަޑުމަތީ ބަހައްޓަމުން ގޮސް ސޯފާގައި އިށީނދެއްޖެއެވެ. އިސްޖަހާލި ގޮތަށް ޔަޝްމް ހުރީ އިސްއުފުލަން ނުކެރިފައެވެ. އިޒްކާން ކޮޓަރިއަށް އައީ ކޮން އިރަކު ހެއްޔެވެ؟
ޔަޝްމް ކަރަންޓް އަންނާނެ އިރަކަށް އިންތިޒާރުކުރަމުން ދަނިކޮށް އެކަމަށް ނިމުމެއް އައީ އެއްގަޑިއިރު ފަހުންނެވެ. އުށްބައްތި ނިއްވާލަމުން އޭނަ ބަނާތުގެ ދަށަށް ވަނެވެ. އިޒްކާންގެ ހަށިގަނޑު ހޫނުކަމުން އޭނައަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ.
”ނޫން، އޭނަ އާ މެދު އެގޮތަށް ވިސްނުމުގެ ފުރުސަތެއް ނުދެވޭނެ….” ޔަޝްމް ދެފަރާތަށް ބޯހޫރާލިއެވެ. ދެންމެ ހިނިގ ކަންތަކަކީ އޭނަ ބިރުގެންފައި ހުރުމުން ކުރެވުނު ކުށެކެވެ. އޭގައި އެއްވެސް މާނައެއް އެކުލެވިގެން ނުވެއެވެ. ބިރުގަތީ އިޒްކާންއަށް ނުބައި އެއްޗެއް ދޭހަވެދާނެތީއެވެ.
ޔަޝްމްއަށް ނިދޭ ގޮތެއް ނުވިއެވެ. ވާރޭގެ މިޔުޒިކީއަޑު ކަންފަތުގެ ތެރެއަށް ވިރިގެންދެއެވެ. ގުގުރުމުގެ އަޑު ކެނޑި މިހާރު އިވެނީ ހަމައެކަނި ވާރޭގެ ނާނާގެ އަޑެވެ. ލޯމަރާލައިގެން އޮތަސް ޔަޝްމްއަށް ނުނިދުނެވެ. ދެއަތަށް ފުރޮޅިލަމުން ދަނިކޮށް ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވުނެވެ. ބަންގި ނިމެން ދެން އޮވެފައި ޔަޝްމް ވުޟޫކުރަން ދިޔައެވެ.
****
ހެނދުނު ޔޫޝައު ހޭލައިގެން އަންނަން ވާއިރަށް ފަލަކް ހުރީ ކޮފީ ތައްޔާރު ކޮށްލައިގެންނެވެ. ފިނި ދުވަހަކަށް ވުމުން އޭނަ ހުރީ ޕީޗް ކުލައިގެ ސްވެޓާރއަކާއި ކުރު ސޯޓްކޮޅެއް ލައިގެންނެވެ. އެއީ ދޮން ދެފައި ޔޫޝައުއަށް އިސްތިހާރު ކުރުމުގެ ބޭނުމުގައެވެ. އޭނަ ރޭ ހަތަރުދަމު ނުނިދާ ފިރިހެނުންގެ ސަމާލުކަން ހޯދަން ކުރަންވީ ކަންތައްތަށް ނެޓުން ހޯދައި ބެލީ އެވެ. އޭނަ ހިތްހަމަޖެހޭވަރުގެ ނަތީޖާއެއް ނެރެވިދާނެކަމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ފިނި ދުވަހަކަށް ވުމާއެކު ދުވަހުގެ ބޭނުން ވެސް ހިފަން އޭނަ ހުރީ ރާވާލައިގެންނެވެ.
ޔޫޝައުގެ ބަދަލުގައި ޔަޝްމް ދައްކާލުމުން ފަލަކްގެ މުޅި ދުވަސް ޚަރާބުވެގެން ދިޔައެވެ. ބުމަ ކައިރިކޮށްލަމުން އޭނަ ޔަޝްމްއަށް ކަޅި އަޅާލިއެވެ. ޔަޝްމް ގޭތެރޭގައި ވެސް ބުރުގާއަޅައިގެން އުޅޭތީ އޭނަ ހުންނަނީ އިންތިހާއަށް ފޫހި ވެފައެވެ. އޭނަގެ ނަޒަރުގައި އެއީ މާ ބޮޑަށް ދީންވެރި ވަނީއެވެ. ”އެކްސްޓްރީމިސްޓް” އިންނަށް ވީއެވެ.
”މިއޮތް ހިތްގައިމު ދުވަސް ވެސް މުޅިން ޚަރާބުވީ، ދެން މީނަ މިގަޑީގަ އަންނަން ޖެހޭތެ، ޔޫޝް ކޮބާތަ….” ޔަޝްމް އެތަނުން އަވަހަށް ދިއުމަށް އެދީ ހިތާހިތުން އެދެވުނެވެ. ޔަޝްމް ފެންފުޅިއެއް ހިފައިގެން ދިޔައެވެ. ”ތޭންކް ގޯޑް ޝެޑޯގަނޑު ދިޔަކަން، ރީތި މީހަކަށް ވިނަމަ އެއްނު ދެން އެހާ ފޮރުވިގެން އުޅެން ޖެހޭނީ ވެސް، ދޭން އޭނައަށް ބަލާނީ ކާކު…” ފަލަކް ކޮފީ މެޝިން ކައިރިއަށް ލެފިލިއެވެ. އޭނަ އެހެން ހުރެ ދެ ކޮފީ ތަށި ހުސްކޮށްލިއެވެ. މާޚައުލު ފިނިވުމުން އޭނަ ހުރީ ހީކަރުވަގައިގެންފައެވެ. އޭނަ ހުރީ ޔޫޝައުގެ ހަށިގަނޑުގެ ހޫނު ކަމަށް ބޭނުންވެފައެވެ.
ފަލަކް އެހެން ހުއްޓާ ތިރީސް މިނެޓް ވެގެން ދިޔައެވެ. ޔޫޝައުގެ ޚަބަރެއް ނުވެގެން އޭނަ ގޭގެ ތިންވަނަ ފަންގިފިލާއަށް ދިޔައެވެ. ޖެހިލުންވެފައި ހުރެ ޔޫޝައުގެ ކޮޓަރި ވެސް ބަލާލިއެވެ. އެތާނގައި މީރު ސެންޓް ވަހެއް ހަރުލާފައި ހުއްޓެވެ. ބޭއިހްތިޔާރުގައި ފަލަކްއަށް އެތެރެއަށް ނޭފަތް ދަމާލެވުނެވެ. ޔޫޝައު ނުފެނުމުން އޭނައަށް އުނދަގޫވިއެވެ. ޔޫޝައު ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟
ނާއުއްމީދުން ފުރިގެންވި ނަޒަރަކުން ފަލަކް އެނބުރި ދިއުމަށް މިސްރާބު ޖެހިއެވެ. ނަމަވެސް ޓެރެސްއަށް ނިކުމެވެން ހުރި ދޮރު ހުޅުވާލެވިފައި ހުރިކަން އޭނައަށް އެނގުނީ ފިނި ރޯޅިތައް ކޮރިޑޯއަށް ވަދެގަތުމުންނެވެ. އެއާއެކު ސިކުނޑިން ފެހި ސިގްނަލެއް ދީފިއެވެ. އޭނަ ދޮރު ކުޑަކޮށް ހުޅުވާލަމުން ބޯދިއްކޮށްލިއެވެ. ޔޫޝައު ހުރީ ފޯނުގައެވެ. ދެކެވެމުން ދިޔައީ ކޯޓަށް ދާ ވާހަކައެވެ.
”ވަރި ސާބިތުކުރަން ކަންނޭގެ…” ފަލަކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ އަވަސް އަވަހަށް ހިނގައިގަތީ ކޮފީ ގެންނާށެވެ. ޓެރެސްގައި ތިބެ ދެމީހުން ކޮފީ ބޯން ހާދަ އިޝްޤީ ވާނެއެވެ. އަދި އެވެސް ވިއްސާރަ ދުވަހެއްގައެވެ. ފަލަކް މަގެއް ނަގައިގެން ކޮފީ މެޝިން އޮންކޮށްލާއިރަށް މާހުތާބްގެ އަޑު އިވުނެވެ. އޭނަ ގާތަށް އައީ ރުޅިއެވެ. ފުރަތަމަ ޔަޝްމް އެވެ. މިހާރު މަންމަ އެވެ. ގިނަ ފަހަރު މަންމަ އަކީ އޭނަގެ ދުޝްމަނެކޭ ހީވާ ފަހަރު ވެސް އާދެއެވެ.
”ކީއްކުރާ ކޮފީއެއް؟…” މާހުތާބް ސުވާލުކޮށްލިއެވެ. އެސުވާލަށް ޖަވާބު ދޭކަށް ފަލަކް ނޫޅުނެވެ. އޭނަގެ އަތްމަތި އަވަސްކޮށްލިއެވެ.
”ޔޫޝައުއަށް؟…” މާހުތާބް މިފަހަރު ސުވާލުކޮށްލީ މަޑުންނެވެ. އޭނަ އޭރު ފަލަކް ކައިރިއަށް ވެސް ޖެހިލައިފިއެވެ. ދެމައިން ދައްކާ ވާހަކަ މީހަކަށް އަޑު އިވިދާނެތީއެވެ.
”ދެން މަންމާ، މަށާ ސުވާލުނުކޮށްބަލަ، ބޮލަށް އުނދަގޫ ވެޔޭ…” ފަލަކް މަގުތައް ތަބަކަށް ލައިގެން ނިކުންނަން ހިނގައިގަތެވެ. މާހުތާބް ފަލަކްގެ ފަހަތުން ޖައްސާލުމުން އޭނަގެ ރުޅިގަނޑު ގަދަވިއެވެ. މަންމަ އުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟
”ބަލަ ފަލަކްއަށް ހެޔޮގޮތް އެދޭތީއޭ މަންމަ ސުވާލު މިކުރަނީ…” މާހުތާބް ބުނެލިއެވެ.
”މަށަށް ރަގަޅު ގޮތް އެދޭނަމަ މަގޭ ފަހަތުން ނާދެބަލަ…” ފަލަކް މާހުތާބްގެ ޖުމްލައިގެ އެއްބައި ދުލުކުރީގައި އޮތްވާ ހުއްޓުވިއެވެ. އަދި ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. އޭނަ ފަސްއެނބުރި ބަލާލީ ޓެރެސްގެ ދޮރާ އަރާހަމަވީމައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. މަންމަ އޭނަގެ ފަހަތުން ނާދެއެވެ.
”ޔޫޝް…” ތުއި އަޑަކުން ފަލަކް ގޮވާލިއެވެ. އޭރު ޔޫޝައު ފޯނުކޯލް ނިންމާލާފައި އިނީ އެތާ ހުރި އުނދޯއްޔެއްގައެވެ. އެތަން ވަނީ ހިޔާކުރެވިފައެވެ.
ބޮޑެތި ވިލާގަނޑުތަކުން އުޑުމަތި ބައްދާލާފައި އޮތްއިރު ހީވަނީ އަނދިރިގަނޑެއް ހެންނެވެ. ވައިރޯޅިތައް މެދުމިނުގެ ވަރެއްގައި ހިފަހައްޓާލާފައި އޮތަސް ބާރުކޮށްލާނެ އިރެއް ނޭގެއެވެ. ވިލާގަނޑުތަކަށް ކެތްނުކުރެވިގެން ދެންމެދެންމެ ވާރޭ ކަނީގެ ހަމަލާތައް އަމާޒުކޮށްލަފާނެހެން ވެސް ހީވެއެވެ.
ޓެރެސްގައި ހެދިފައިވާ ކުޑަ ފޭން އާރުތަކުން ސަލާމަތްވަމުން ފަލަކް ޔޫޝައު ގާތަށް ދިޔައެވެ. ފަލަކް ފެނި ޔޫޝައުގެ މޫޑު އިތުރަށް ގޯސް ވިއެވެ. ދާން އުޅުމުން އެކަމަށް ވެސް ހުރަސް އެޅީ ފަލަކް އެވެ. ކޮފީ މަގު ދިއްކޮށްލަމުން ފަލަކް ހިނިތުންވެލިއެވެ. ފަލަކްއަށް އައިސްފައިވާ ބަދަލުތައް އޭނައަށް ފާހަގަ ކުރެވުނެވެ. އިސްތަށިގަނޑުގައި ފުނާ އަޅާފައި ހުރީ ތަފާތުކޮށެވެ. ލައިގެން ހުރި ހެދުމަކީ ވެސް މިއިން ދުވަހަކު ބޭނުންކުރި ހެދުމެއް ނޫނެއެވެ. ދީމްގެ ހެދުން އެޅުމުގެ ވައްޓަފާޅި ނަކަލު ކޮށްފައިވާ ފަދައެވެ. ފަލަކްގެ މަޤްސަދު އެނގުމުން ޔޫޝައުގެ ހިތުގައި ފޫހިކަން އުފެދުނެވެ.
”އަހަރެން މިތާ އިށީނަސް އޯކޭތަ؟…” ފަލަކް އުނދޯއްޔަށް އިޝާރާތްކޮށްލިއެވެ. ޔޫޝައު ވަކިއެއްޗެއް ނުބުނުމުން ވެސް ފަލަކް އިށީނެވެ. އެއާއެކު ޔޫޝައު ތެދުވުނެވެ. އޭނަ ދެން ގޮސް ހުއްޓުނީ ރެއިލިންގް ކައިރިއަށެވެ.
ޔޫޝައުއަށް ބަލަން ހުރެފައި އަތުގައި އޮތް މަގު އުނދޯލީގައި ބަހައްޓަމުން ފަލަކް ފުރަގަހުން ގޮސް ޔޫޝައުގެ ގައިގައި ބައްދާލިއެވެ. އެހަށިގަނޑުގެ ހޫނުކަން އޭނައަށް އިހުސާސްކުރެވި އަރާމުވިއެވެ. އެހަށިގަނޑުގެ މީރުވަހުން ހިތް އުތުރިއަރައިގަތެވެ.
ޔޫޝައު ދިޔައީ ސިއްސައިގެންނެވެ. އޭނަގެ އަތުން ކޮފީ މަގު ވެސް ވެއްޓި ތަޅައިގެން ދިޔައެވެ. ފަލަކް އެކަމަށް ސަމާލުކަމެއް ނުދިނެވެ. އޭނަގެ ވިސްނުން ހުރީ މުޅިން އެހެން ދިމާއެއްގައެވެ. ޔޫޝައު ދީމްގެ އަތްނައްޓުވާލަމުން ފަސްއެނބުރުނީ ބުމަގޮށްޖަހާލައިގެންނެވެ.
”ދުރުގަ ހުރޭ!…” ޔޫޝައު ރުންކުރުވިއެވެ. ފަލަކްގެ ހިތުގައި ޖެހުނެއްކަމަކު އޭނަގެ ދެވަނަ އެތިފަހަރު ޔޫޝައުއަށް އަމާޒުކޮށްލިއެވެ. އޭނަ ޔޫޝައުގެ ތުންފަތަށް ބޮސްދިން ވަގުތު އެކުރެވުނު އިހުސާސްތައް ދުލަކުން ބަޔާންކޮށް ނުދެވޭނެއެވެ. ކުއްލި ޚައިރާންކަމެއް ޔޫޝައުއަށް ލިބިގެން ދިޔައެއްކަމަކު ވަގުތާއި ހާލަތުގެ ގޮތުން އިނބިލީސް އޭނަގެ ވިސްނުމާ ކުޅެލުމުން އެފާފައިގައި އޭނައަށް ބައިވެރިވެވުނެވެ. އޭނަ ބޮޑަށް މަގުން ކައްސާލަން މެދުވެރިވި ސަބަބކީ އޭނަ އެފަދަ ގުޅުމަކަށް ބޭނުންވެފައި ހުންނަތާ ގިނަ ދުވަސްވެފައިވުމާއެކު މޫސުމެވެ. ނުވީތާކަށް އޭނައަށް ފަލަކް ފެނުނީ ދީމްގެ ގޮތުގައެވެ.
ޔޫޝައު ފަލަކްގެ މޫނުގައި ހިފަހައްޓަމުން އެތުންފަތުގެ މީރުކަން އިތުރަށް ހާސިލްކުރަން ބޭނުންވިއެވެ. ނޭވާކުރުވެ ހިއްސުތަކުގައި ހުޅުރޯވެއްޖެއެވެ. ފަލަކްއަށް ލިބިގެން ދިޔައީ ބޮޑު އުފަލެކެވެ. އެވަގުތުކޮޅު އިތުރަށް ދިގުވުމަށް އެދެވުނެވެ. އެއީ އޭނައަށް ޔޫޝައުގެ ފަރާތުން ލިބުނު ފުރަތަމަ ހަދިޔާއެވެ. ހިތުގައި ދާއިމަށް ރައްކާކޮށްލެވުނު ވަގުތު ކޮޅެކެވެ.
ހަމަހޭވެރިކަން ވުމާއެކު ޔޫޝައުއަށް ފަލަކްގެ މޫނުން ދޫކޮށްލެވުނެވެ. އަދި ހަމައެއާއެކު ކޮއްޕާވެސް ލެވުނެވެ. އެދިޔަ ބާރުމިނުގައި ގޮސް ފަލަކް ވެއްޓުނީ ފެންގަނޑުގެ ތެރެއަށެވެ. އޮޅަބޮށި ބިމުގައި ޖެހި މަށައިގެން ދިޔައެވެ. އޭނައަށް ރޮވުނެވެ. ޔޫޝައުއަށް ބަލަން ހުއްޓާ ޔޫޝައު ދިޔައީއެވެ. ދެރަވިވަރުން ދީމްގެ ދެލޯ ތެމިއްޖެއެވެ. ނަމަވެސް ތުންފަތުގައި ފިރުމާލެވޭ އިރަށް އެކަން ހަނދާން ނެތިއްޖެއެވެ. ލަދުރަކި ގޮތަކަށް ހިނިތުންވެވުނެވެ.
”އަހަންނަށް އެނގޭ ޔޫޝް އަހަންނަށް ބޭނުންވެފައިވާކަން…” ފަލަކް ތެވުނެވެ. ބާޒީ ކާމިޔާބު ވާނެކަމުގެ ފުރިހަމަ އުއްމީދު އެބައޮތެވެ. ”އައި ބެޓް ދީސް މެމޮރީސް ވިލް ފެލޯ ޔޫ އެރައުންޑް…”
****
ޔަޝްމް ފޯރމް ލާން ކޮލެޖަށް ދިޔައީ އަލިއާ އެކުގައެވެ. މަންޒިލާ ހަމައަށް ދެވެންދެން ކާރުގެ ތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެކެވެ. ވާރޭ ތިކިތަކުން ފުސްކުރުވަމުން ދިޔަ ލޫވާރތައް ފޮހެލަމުން ޔަޝްމް ބޭރު ބަލަން މަސައްކަތްކުރެއެވެ.
ފޯރމް ލާފައި ގެއަށް ދިޔަ މަގުމަތީގައި ފިހާރަޔަކަށް ވަންނަން ޔަޝްމް ބޭނުން ވިއެވެ. އޭނަ ގަންނަން ބޭނުންވާ ބައެއް ސާމާނުތައް އެބަ ހުއްޓެވެ. ފިހާރަޔަށް ދާން ބޭނުން ވާހަކަ ބުނުމާއެކު އަލީ ގޮސް ކާރު މަޑުކޮށްލީ ފަސް ބުރިއަށް ނަގާފައިވާ ބޮޑު ފިހާރައެއްގެ ކުރިމައްޗަށެވެ. ފިހާރައިގެ ބޭރުގައި ދެ ސެކިއުރިޓީ ގާޑުން ވެސް ތިއްބެވެ. ދެލޯ ބޮޑުކޮށްލައިގެން ޔަޝްމްއަށް ބަލަން އިނދެވުނެވެ. މިފަދަ ބޮޑު ފިހާރަޔެއް އޭނައަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ޤަބޫލުކުރަން ވެސް އުނދަގޫ ވިއެވެ.
ޔަޝްމް ކާރުން ފައިބަން ވާއިރަށް އަލީ ކުޑައެއް ދިއްކޮށްލިއެވެ. ހިނިތުންވުމަކާއެކު އޭނަ އޭގައި ހިފެހެއްޓިއެވެ. ކާރުން ފައިބަމުން ޔަޝްމް ފުންނޭވާއެއް ދޫކޮށްލިއެވެ. ހިމަފޮދު ވާރޭގެ ތިކިތައް ކުޑައަށް ބޮސްދީފައި ތިރިއަށް ފައިބައިގަންނަނީ މޫތިތަކެއްގެ ސިފައިގައެވެ.
ޔަޝްމް ކުޑަ ލައްޕާލަމުން ފިހާރަޔަށް ވަނެވެ. އޭނަ ބޭނުންވާ ސާމާނުތައް ގަނެގެން ކައުންޓަރާ އަރަހަމަކޮށްލަމުން ކޭޝްކާޑް އޮތްތޯ ބަލާލެވުނެވެ.
”އޯހ ނޯ…” ޔަޝްމް ހާސްވިއެވެ. އޭނަ އަތްދަބަސް ފާސްކޮށްލުމުން އެންމެ ފައްސަތޭކެ ރުފިޔާގެ ނޫޓެއް އޮތްތަން ފެނުނެވެ. ”މިއިން ނުލިބުނިއްޔާޔޯ؟…” ޔަޝްމް އަށް މަޑުމަޑުން ބުނެވުނެވެ. ނިޔަފަތި ތަކުގައި ދަތްއަޅާލެވުނެވެ. އޭނަގެ ފަހަތުގައި އޮތް ދިގު ކިއު ލައިނަށް ވެސް ބަލާލެވުނެވެ. އެންމެންގެ ތެރޭގައި އޭނަ ލަދުގަނެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟
ނަސީބު ދިމާކުރި ގޮތުން ސާމާނުތަކަށް އެރީ އެންމެ ތިންސަތޭކަ ރުފިޔާއެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ޔަޝްމް ކޮތަޅު ހިފައިގެން ފިހާރައިން ނިކުންނަން ދިޔައެވެ. ލައިނުގައި އޭނަގެ ފަހަތުގައި ހުރި ޒުވާނާ އޭނައަށް ވަރަށް ބޮޑަށް ބެލިކަން އޭނައަށް ފާހަގަ ކުރެވުނެވެ. ފަސްއެނބުރި ބަލާވެސް ލެވުނެވެ. ނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސްގައި ހުރި އެޒުވާނާ ރީއްޗެވެ. ހަތަރެސްކަން މޫނުގައި ވަނީ ތޫނުފިލިކަމެވެ. އިސްކޮޅުން ދިގުވެފައި ލިބިފައިވަނީ ބައިމަތިފުޅާ ހަށިގަނޑެކެވެ. އޭނަ ވެސް އޭރު ޔަޝްމްއަށް ބަލަން ހުއްޓެވެ. ޔަޝްމް އޭނަގެ ނަޒަރު އަނބުރާލަމުން އަވަސް އަވަހަށް ދާން ހަދައިގެން ގޮސް އެތާ ހުރި ޗޮކްލެޓް ހަރުގަނޑެއްގައި އަޅައިގެންފައި އުއްޑުން ވެއްޓިއްޖެއެވެ. މުޅި ތަނުގައި ގުގުމާލީ އެއަޑުފަށްގަނޑެވެ. މީހުންގެ ނަޒަރު އަމާޒުވެގެން ދިއުމުން ޔަޝްމް ލަދުސް ގޮސް ހަލާކު ނުވީ ކިރިޔާއެވެ. ލޮލުގައި ކަރުނަ ވެސް ވިދާލިއެވެ. އޭނަ ތެދުވާން ނުކެރިފައި އޮތްވާ އެޒުވާނާ އައިސް އެހީވުމުގެ ގޮތުން އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފުމުގެ ބަދަލުގައި ޔަޝްމް އުޅުނީ އަމިއްލަޔަށް ތެދުވާށެވެ. ނަމަވެސް އެކަން ވީ ނާކާމިޔާބެވެ. އެއާއެކު ޒުވާނާ އަނެއްކާ ވެސް އޭނަގެ އަތް ދިއްކޮށްލިއެވެ.
ޔަޝްމް އެއަތުގައި ހިފިއެވެ. ދެން ވީ ގޮތެއް ނޭގުނެވެ. އޭނަ ހުރީ ދެފައި މައްޗަށް ކޮޅަށެވެ. ޔަޝްމް ވަގުތުން އޭނަގެ އަތް މިނިވަން ކުރުވިއެވެ. އޭރު އަތުގައި ކަރަންޓްގެ އޮއެވަރެއް އުފަން ވެއްޖެއެވެ. އެޒުވާނާގެ ބަލައިލުމުން ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ. ޔަޝްމް އަވަސް އަވަހަށް ގޮސް ފިހާރައިން ނިކުތެވެ. އެވީ ކިހިނެއް ހެއްޔެވެ؟
ކާރާ ދިމާއަށް ދިޔައިރު އޭނަގެ ހިނގުން ވެސް އަވަހެވެ. އޭނަ ކާރަށް އަރައި އަވަސް ނޭވާތަކެއް ލިއެވެ. ލޯކުރިމަތިން ސިފަވަނީ އެޒުވާނާ އެވެ. އެއާއެކު އެޚިޔާލު ސިކުނޑިން ނެރެ އެއްފަރާތްކޮށްލަން ބޭނުން ވިއެވެ.
”ނައިޓިންގޭލް” އަށް ދެވުމާއެކު ޔަޝްމް ގޮސް ކޮޓަރިއަށް ވަނެވެ. ގެނައި ކޮތަޅު ސޯފާއަށް ދޫކޮށްލަމުން އޭނަ ވެސް ސޯފާއަށް ވެއްޓިގަތެވެ. ހަޔާތުގައި މިހާ ބޮޑަށް ލަދުގަތް ދުވަހެއް ނާދެއެވެ. އެންމެންގެ ލޯތައް އޭނައަށް އަމާޒުވެފައި ހުރިތަން ސިފަ ވިއެވެ. އަދި ހަމަ އެއާއެކު އުޒުވާނާގެ އެވެ. އޭނަ އެހާ ވަރަށް ބެލީ ކީއްވެގެން ހެއްޔެވެ؟ އޭނަ އަކީ ރީތި ކުއްޖެއް ނޫނެވެ. ދެން އެ ފުން ބެލުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް ހެއްޔެވެ؟
ޔަޝްމް ވިސްނަން އޮވެފައި ބޭރަށް ނިކުތެވެ. އެކަނި އޮވެ ވިސްނި ވަރަކަށް ސިކުނޑީގެ ނާރުތަކަށް ވާންވެ ބޮލުގައި ރިއްސުން ނޫންކަމެއް ނުވާނެއެވެ. އޭނަ ގަސްދުކުރީ މިއަދު ދިމާވި ހާދިސާ ސިކުނޑިން ފޮހެލާށެވެ.
ލިމްޝާ ނުފެންނާތީ ޔަޝްމްގެ ހިތުގައި ސުވާލު އުފެދުނެވެ. ލިމްޝާ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ޔަޝްމް ލިމްޝާއާ ބެހޭގޮތުން ސުވާލު ކުރީ ލިމްޝާއާއެކު ކޮޓަރި ހިއްސާ ކުރާ ކުއްޖެއްގެ ގާތުންނެވެ. ސަނާ ބުނީ ރޭ ލިމްޝާ އެގެއިން ހިނގައްޖެ ކަމަށެވެ. އެއާއެކު ޔަޝްމްއަށް ކުޑަ ޝޮކެއް ލިބުނެވެ. ލިމްޝާ ވަޒީފާއިން ވަކިކުރީ ހެއްޔެވެ؟ ލިމްޝާ ރޮމުންރޮމުން ނިކުމެގެން ދިޔައީ އެކަމުގެ ސަބަބުންކަމަށް ވެދާނެ ބާވައެވެ؟
ޔަޝްމް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ދެރަވެފައެވެ. ލިމްޝާއަށް އެހާލު މެދުވެރި ވުމުގެ އަސްލަކީ އޭނައެވެ. ލިމްޝާ ވަނީ އޭނަގެ މަންމަގެ ހާލު ކިޔައިދީފައެވެ. އޭނަ މާލެ އައި ސަބަބުވެސް މެއެވެ. ލިމްޝާއަށް އެހީވާން ޔަޝްމް ނިންމިއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ ލިމްޝާގެ ފޯނު ނަންބަރު ސަނާ ގާތުން އެހުމުން ބުނީ އެނަންބަރަށް ނުގުޅޭ ކަމަށެވެ. ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ. ފައިސާ ކޮޅެއް ފޮނުވަން ގޭގެ ނަން އެހުމުން އެވެސް އެނގުނުކަމަކަށް ނުވިއެވެ.
”މެޑަމްއަށް ނޯކަރުންގެ ހުރިހާ މައުލޫމާތެއް އެނގިލައްވާނީ…” ސަނާ އޮޅުން ފިލުވައި ދިނެވެ. ޔަޝްމް ބަލަން ހުރިގޮތުން ނޭގުނީކަން ސަނާއަށް ނަގައިގަނެވުނެވެ.
”މާހުތާބް…” ސަނާ ބުނެލީ ކިރިޔާ ފޫޅަށް އިވޭ ވަރަށެވެ.
މާހުތާބް ގާތުން އޮޅުން ފިލުވުމަކީ ރަގަޅު ފާލެއް ނޫނެވެ. ލިމްޝާއަށް އެހީގެ އަތެއް ފޯރުކޮށްދިނުމުގެ ހުރިހާ ދޮރެއް ބަންދުވެގެން ދިޔައީއެވެ.
”އައެމް ސޮރީ ލިމްޝާ، ކުރިން އެނގުނުނަމަ އަހަރެން ލިމްޝާއާ ސުވާލު ނުކުރީމުސް…”
ޔަޝްމް ބޭރަށް ނިކުންނަމުން ވިސްނާލިއެވެ. މަންމައަށް ގުޅަން ވީއެވެ. ލިމްޝާ ގެއިން ނެރެލުމުން އޭނަ ޝައްކު ޔަޤީނަށް ބަދަލުވެއްޖެއެވެ. މަންމައަށް ގުޅާލުމުން ރިންގުވިއެވެ. އެހެނަސް ރިންގްވެފައި ފޯނު ކެނޑުނީއެވެ. ދެވަނަ ފަހަރަށް ޔަޝްމް ގުޅާލިއެވެ. މަންމަ އޭނަ ގުޅާއިރަށް ފޯނު ނަގާނެއެވެ. ނަމަވެސް މިއަދު ކަންތައް މިވީ ދިމާ އޭގެ އިދިކޮޅަށެވެ. ޔަޝްމް ހަތަރުވަނަފަހަރު ގުޅާއިރަށް ޒައުމާ ފޯނު ނަގައިފިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޔަޝްމް ސުވާލުކޮށްލި އެވެ.
(ނުނިމޭ)
9 Comments!
Comments are closed.
very nice
V salhi kon nxt part
Miulhey maahuthaabeh haadha u’ndhagu nameke knme faharaku muhuthaab ey kiyeni.. Btw nice story
Asluves v undhagoo name eh
story is nice..but there r some spelling mistakes…please recheck before you upload…
How can I read first 10 parts of this story ..
Can read others writers stories by clicking the name of the author ..but urs is not working
I have the same problem…this story is nt working like tht…eki page page ga eki episode huhnany..
Wow…… It’s awesome ?????☺☺☺??????
i love this story… keep it up