ޕިޔަދަ10&9
****
“މިސް ޔޫލިއާ.ކޮން ދަތުރެއްގަތަ ރާއްޖެ އައިސް ތި އުޅެނީ؟”ނުވާޝް އެއްސެވެ.”ހޫމް.ރަނގަޅު ސުވާލެއް.ވެދާނެއެއްނު ގެއްލިފަ އޮތް އެއްޗެއް އަނބުރާ ހޯދަން ކަމަށް ވެސް”ޔޫލިއާ އާދައިގެ ގޮތަކަށް ބުނި އިރު އެ އަޑުގައި އެކުލެވިގެންވީ ނުރައްކާތެރިކަން ވަނީ ތުންފަތް މައްޗަށް ވެރި ކުރުވައިގެން ހުރި ރީތި ހިނިތުންވުމުގެ ބިއްދޮށުގައި ފަރުދާވެފައެވެ.ޔޫލިއާގެ ޖަވާބު ނުވާޝް އާއި އާލިޔާ ބަލައިގަތީ އޭނާ ކުރި ސަމާސާއެއްގެ ގޮތުގައެވެ.”ހައްހައްހައް.އެހެންތަ.ކަނބުލޮ އަނެއްކާ ކޯއްޗެއް ގެއްލިގެންބާ ތި ހޯދަނީ؟”އާލިޔާ ވެސް ހިތުން ޔޫލިއާގެ“ސަމާސާ”ގައި ބައިވެރިވެލަމުން އެއްސެވެ.”ހެހެ.އެއީ ސިއްރެއް.އަސްލު އައިސް މި އުޅެނީ މި ކޮޅުގެ އޮފީހުގެ ކަންތައްތައް ބަލާލުމަށް.ދެން އޮފް ކޯސް މައި ބެސްޓީ ނޯރާ ކައިރިއަށް”ޔޫލިއާ ސީރިއަސް ރާގަކަށް ބުންޏެވެ.”އޯހް.ވިޔަފާރި ދަތުރެއްތާ އެހެންވީމަ.އެކަމަކު ވާނެ ތި އޮފީސް ކަންތައް އެއް ފަރާތްކޮށްފަ ބޭރުން ވިޔަސް އަދި ދިމާވާން”ނުވާޝް ލާނެތް ހިނިތުންވުމަކާއެކު ބުނުމުން އޭނާގެ ނިޔަތަކީ ކޮބައިކަން ޔޫލިއާގެ ތޫނުފިލި ހިތައް ދެނެގަނެވުނެވެ.އެހެންކަމުން އޭނާ ހިސާބަކަށް ހިތް ނުތަނަވަސް ވިއެވެ.ކައިރީގައި އާލިޔާ ވެސް ނިކަން ހިނިތުންވެފައި ނުވާޝްގެ ޙިޔާލަށް ތަޢުރީފު ކުރިއެވެ.އެކަމުން ޔޫލިއާ އިތުރަށް ފޫހިވިއެވެ.ނަމަވެސް މޫނުމަތިން އެކަން ނުދައްކައި “ދެން ބަލަމާ ދޯ”އޭ ބުނެ ހަމަޖައްސާލިއެވެ.ތިން މީހުންގެ ތެރެއިން އެކަކަށް ވެސް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން މުޅި ތަން އަނދިރިވެގެން ގޮސް ހަމައެކަނި ރަތް ކުލައިގެ ފަނޑު އައްޔެއް މުޅި މާހައުލަށް ފެތުރުނެވެ.އެއާއެކު ތަންކޮޅެއް ދުރުގަައި އޯޗެސްތްރާ ކުރިއަށް ދިޔަ ސްޓޭޖް މަތިން ފެނިގެންދިޔައީ ރާއްޖޭގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިއެއް ކަމުގައި ވާ ހުސައިން ޒިހާންގެ ހިތްގައިމު އަޑުން ލަވަ ހުށަހެޅުމެކެވެ.އެވަގުތު ތަނައް ހާޒިރުވެ ތިބި މީހުންގެ ތެރެއިން ޖޯޑުތައް ހޯލްގެ މެދުގައި “ކަޕްލް ޑާންސް” ކުރަން ފެށިއެވެ.އެތަން ފެނި އާލިޔާ ކަައިރީގައި ހުރި ނުވާޝްގެ ކޮނޑުގަައި ޖެހިގަތެވެ.އެއާއެކު ނުވާޝް ސިހިފައި އޭނާ އަށް ބަލާލުމުން އާލިޔާ ލޮލުގެ އިޝާރާތުން ދެ މީހުން ކުރިމަތީގައި ހުރި ޔޫލިއާ ދައްކާލިއެވެ.
މަންމަގެ އެ ހަރަކާތުގެ މާނަ ދޭހަވުމާއެކު ނުވާޝް ހިނިތުންވެލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.އެއަށްފަހު ކަރުކެހިލަމުން ވާހަކަ ދައްކަން ފެށިއެވެ.”އެހެމް.މިސް ޔޫލިއާ،ޔޫލިއާ އާއި އެއްކޮށް ނެށުމުގެ ޝަރަފު ލިބިދާނެތަ؟”ނުވާޝް ޔޫލިއާ އަށް އޭނާގެ އަތް ދިއްކޮށްލަމުން އެއްސެެވެ.ނުވާޝްގެ އެ ހަރަކާތުން ޔޫލިއާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.އިރުކޮޅަކު ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް ހުރެވުނެވެ.”ހެހެ.ވަރަށް ބޮޑައް ޝުކުރިއްޔާ އަހަރެން ކައިރިން އެދުނީތިވެ އެކަމް….”ޔޫލިއާގެ ޖުމްލަ ފުރިހަމަ ނުވަނީސް ނުވާޝް ކުރިއަށް ނެރެގެން ހުރި އަތުގެ މުލައްދަނޑީގައި ބާރުގަދަ އަތަކުން ހިފެހެއްޓީ ތިން މީހުން ވެސް ހަައިރާން ކޮށްލަމުންނެވެ.
****
ހޯލްތެރޭގައި އާލިޔާ އާއި ނުވާޝް އާއި ވާހަކަ ދައްކަން ހުރި ޔޫލިއާ ފެނުމުން ފިރާތްގެ ނަޒަރު ޔޫލިއާއަށް ހުއްޓުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ޔޫލިއާ ނުވާޝްއާއި ހިނިތުންވެފައި ވާހަަކަ ދައްކަމުން ދިޔަ މަންޒަރު ފެނުމުންނެވެ.ޔޫލިއާ އާއި އެއް ފުރާޅެއްގެ ދަށުގައި ވުމުން އޭނާ އުޅުނީ ޔޫލިއާ ބައްދަލުވުމަކަށް އެދިފައި ވުމުން މިރޭ އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާށެވެ.ނަމަވެސް ނާއިލް އައި ގޮތައް“ވާހަކަ އަޅުވާލުމުން”އޭރު އޭނާ އަކަށް އެ ފުރުސަތެއް ނުލިބުނެވެ.އެހެންކަމުން އޭނާ އިންތިޒާރު ކުރަމުން ދިޔައީ ނުވާޝް އާއި އާލިޔާ ޔޫލިއާ ގާތުން ދުރަށް ދާނެ ވަގުތަކަށެވެ.ކުއްލިއަކަށް ފިރާތް ސިއްސައިގެން ދިޔައީ މުޅި ތަން އަނދިރިވުމުންނެވެ.ދެވަނަ ސިކުންތުގައި މުޅި މާހައުލު ރަތް ކުލައިގެ ލެޑް ލައިޓްތަކުން ދިއްލުމުން ފިރާތްއަށް ޙަފްލާގެ ބައެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ހިމެނޭ“ކަޕްލް ޑާންސް”ކުރަންވީ ވަގުތު އައިސް ޖެހުނީކަން ދެނެގަނެވުނެވެ.އެޔާއެކު އޭނާއަށް އަނެއްކާވެސް ޔޫލިއާ މެން ތިބި ދިމާލަށް ބަލާލެވުނެވެ.އެ ވަގުތު ފެނުނު މަންޒަރަކުން އޭނާގެ ދެ އަތް މުއްކެވި ކަތުރު ކަށިގަނޑަށް ވާންވިއެވެ.ނުވާޝް ޔޫލިއާއަށް އޭނާގެ އަތް ދިށްކޮށްގެން ހުރި ތަން ފެނުމުން ނުވާޝް ޔޫލިއާ ގާތުން އެ އެދެނީ އޭނާ އާއި އެކު ނެށުމުގައި ބައިވެރިވާންކަން ފިރާތްއަށް ދޭހަވުމާއެކު އޭނާގެ ލޭ ކެކިގަތެވެ.ޔޫލިއާ ނުވާޝްގެ ދަޢުވަތު ޤަބޫލުނުކުރޭތޯ ފިރާތް ހިތާ ހިތުން ދުޢާކޮށްކޮށް ހުއްޓާ ދެން ފެނުނީ ޔޫލިއާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނެވެ.ފިރާތްއަށް ކެތްވީ އެ ހިސާބަށެވެ.ވައިސޫރިއެއްހެން ގޮސް ހޯލް ތެރެ ހުރަސްކުރުމަށްފަހު ނުވާޝްގެ އަތުގައި ހިފެހެއްޓިއެވެ.
ޔޫލިއާގެ ޖަވާބެއްގެ އިންތިޒާރުގައި ހުރި ނުވާޝް ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.ނަމަވެސް ދެވަަނަ ސިކުންތުގައި އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވީ އޭނާ އަކީ ކާކުކަން އެނގިހުރެ އެ އަތުގައި ހިފެހައްޓަން މީހަކަށް ކެރުނީތީއެވެ.އެހެންކަމުން އޭނާ އަނެއް ފަރާތައް މޫނު އަނބުރައި އެ މީހަކާއި ދިމާލަށް ބަވާލަން ތައްޔާރުވީތަނުން ހުރިތަނަށް ގަނޑުވީ ފަނޑު އަލިކަމުގެ ތެރެއިން ފިރާތްގެ މޫނު ފެނުމުންނެވެ.ވަގުތުން ނުވާޝްގެ މޫނުމަތީގައި ހުރި ރުޅިވެރިކަން ފިލައި ގޮސް ނުތަނަވަސްކަމަށް ބަދަލުވިއެވެ.އާލިޔާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އެ ފަދަ ކުލަވަރުތަކެވެ.”ފިރާތް”ޔޫލިއާ އަށް ކިޔާލެވުނެވެ.ފިރާތް ޔޫލިއާ އަށް ނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް ނުވާޝްއަށް ބަލާލަމުން ވާހަަކަ ދައްކަން ފެށިއެވެ.”މަޢާފްކުރޭ.އެކަމަކު ޔޫލިއާ ވަނީ މިރޭގެ ޑާންސް އަހަންނާއި އެކު ކުރުމަށް ވަޢުދުވެފައި”ފިރާތް ހިތްހަމަނުޖެހުން އެކުލެވިގެންވީ ނަމަވެސް މަޑުމައިތިރި ރާގަކަށް ބުންޏެވެ.އެއާއެކު ޔޫލިއާގެ މޫނުމަތިން ހައިރާންކަން ފާޅުވިއިރު އާލިޔާ އާއި ނުވާޝްގެ މޫނުތަކުގެ ކުލަ އޮއްސުނެވެ.”ހެހެ.އެހެންތަ.މަޢާފްކުރޭ…އަ..އަޅުގަނޑަށް ނޭނގުނީ”ނުވާޝް އަޅަ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.”ޔަޤީނެއްނު”ފިރާތް ލޯ ހަނިކޮށްލަމުން ބުންޏެވެ.”ދެން ފަހަރަކުން އިނގެންވާނެ”ފިރާތް މިހެން ބުނެ ނުވާޝްގެ އަތުން ދޫކޮށްލިއެވެ.އެއާއެކު ނުވާޝް ފުންނޭވާތަކެއް ލަމުން އަތުގައި ފިރާތް ހިފަހައްޓައިގެން ހުރި ތަންކޮޅުގައި ފިރުމާލިއެވެ.އެތަން އޮތީ ދުޅަވެފަ ނޫން ކަމެއްވެސް ނޭނގެއޭ އޭނާގެ ހިތައް އެރިއެވެ.ފިރާތް ހިފަހައްޓައިގެން ހުރީ އެހާވެސް ބާރަށެވެ.އެވަގުތު ނުވާޝްއަށް ހީވީ ފިރާތް އޭނާގެ އަތުގެ ކަށިގަނޑު މުގުރާލަން އުޅުނު ހެންނެވެ.”ހެހެ.އެހެންތަ.ޔޫލިއާ ނުވެސް ބުނަމެއްނު.ނުވާޝް ދަރިފުޅާ ހިނގާބަލަ ބައްޕަ ކޮބައިތޯ ބަލާލަން.ކިހިނެއްތަ މި ރަތް އަލީގެ ތެރެއިން މީހަކު ފެންނާނީވެސް”މާހައުލުގައި ވީ ނުތަނަވަސްކަން އިޙުސާސްކުރެވުމުން އާލިޔާ ވަގުތުން ނުވާޝްގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.”އާނ މަންމާ.ހިނގާ ދަމާ ދޯ.އުފާވެރި ރެއަކަށް އެދެން.މިސް ޔޫލިއާ.މިސްޓަރ ފިރާތް”ނުވާޝް އެ ދެ މީހުންނަށް ވަކި ވަކިން ނަޒަރެއް ދެމުން ބުންޏެވެ.އެއަށްފަހު އާލިޔާ އާއި ދެ މީހުންވެގެން އެ ތަނުން ދުރަށް ހިނގައިގަތެވެ.”ކިހިނެއް ތި ހެދީ؟އަހަރެން ކޮން އިރަކުން ފިރާތްއާއި އެއްކޮށް ނެށުމުގެ ވަޢުދެއް ވީ؟އަހަންނަށް އެނގިގެން އަދި ކިރިޔާ މި ދިމާވީވެސް”ޔޫލިއާ މޭމަތީގައި ދެ އަތް ހުރަސްކޮށްލަމުން ފިރާތް އާއި ގާތައް ފިޔަވަޅެއް އަޅާލަމުން ބުންޏެވެ.
“އޭނާ އެ އުޅުނީ އެކަށީގެންވާ ގޮތަކަށް ނޫން”ފިރާތްވެސް މޭމަތީ ދެ އަތް ހުރަސްކޮށްލަމުން ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ބުންޏެވެ.”އެހެންތަ.ޑާންސް ކުރަން އެހުން އެއީ އެ ވަރުގެ ކަމެއްތަ؟”ޔޫލިއާ ބުމަ އަރުވާލަމުން ބުންޏެވެ.”އަހަރެން އޭނައަކަށް އިތުބާރެއް ނުކުރަން”ފިރާތް ކަޅި މައްޗަށް ހިންގާލަމުން ބުންޏެވެ.”ފިރާތް ހަސަން އަކީ އެއްވެސް މީހަަކަށް އިތުބާރުކުރާ މީހެއް ނޫނެއްނު”ޔޫލިއާ ބުންޏެެވެ.”އެކަމަކު އޭގެ މާނައެއްނޫން ފިރާތްއަށް “އެ” ރޯލް ކުޅުމުގެ ހައްޤު ލިބިގެން ވެޔޭ.މި ބުނީ އޯވާޕްރޮޓެކްޓިވް”…”ޕާޓްނަރ ގެ ރޯލުތަ؟”ފިރާތް ޔޫލިއާގެ ޖުމްލަ މެދު ކަނޑާލަމުން ލާނެއް ހިނިތުންވުމަކާއެކު ބުންޏެވެ.”އަހަރެން ބުނަން އުޅުނީ “ޓައިރެންޓް”ގެ ރޯލޭ”ޔޫލިއާ ލޯ ހަނިކޮށްލަމުން ބުންޏެވެ.”ހުއް.ވަރިހަމަ ޔޫލިއާ ކޮންމެ ގޮތަކަށް ހީކުރިއަސް.އެކަމަކު އެހެން ފިރިހެނުން ޔޫލިއާ ފަހަތުން އުޅޭތަން ފެނުނީމަ އަހަރެން ހިތްހަމައެއް ނުޖެހޭ”ފިރާތް ފާޑަކަށް ބުންޏެވެ.ފިރާތްގެ ދުލުން އެ ޖުމްލަ އިވުމާއެކު ޔޫލިއާގެ ހިތުގެ ތެޅުން އަވަސްވިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ މަކަރުވެރި ގޮތަކަށް ހިނިތުންވެލަމުން ވާހަަކަ ދެއްކިއެވެ.”ޖެލަސްވީމަ ފިރާތް އަކާއި ނުގުޅޭ”ޔޫލިއާ ލާނެއް ރާގަކަށް ބުންޏެވެ.”އަހަރެން ޖެލަސް އެއް ނުވޭ.ނުވާޝް އެއީ ތި ހީކުރާ ކަހަލަ މީހެއް ނޫން”ފިރާތް ޔޫލިއާ އާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެ ބުންޏެވެ.”ދެން ފިރާތް ތިއީ ކޮން ކަހަލަ މީހެއް؟”ޔޫލިއާ ބުމަ އަރުވާލަމުން އެއްސެވެ.”އެޔެއް އިނގޭނެ ވަރަށް އަވަހަށް”ފިރާތް ހިނިތުންވެލަމުން ވައި އަޑުން ބުންޏެވެ.ޔޫލިއާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ފިރާތް އޭނާގެ އަތް ޔޫލިއާއަށް ދިއްކޮށްލިއެވެ.”އެ ޝަރަފު އޭނައަށް ނުލިބުނީމަ އަހަންނަށް ލިބިދާނެތަ؟”ފިރާތް އެއްސެވެ.މި ވަގުތު އެ މަޤާމުގައި ހުރީ ފިރާތް ނޫން އެހެންމީހަކު ނަމަ ޔޫލިއާ އެ މީހަކު ފައްސާލާނެ ކަމާމެދު ޝައްކެއް ނެތެވެ.ފިރާތް އެ ދެމެދަށް ހުރަސްއެޅީވެސް އޭނާ ނުވާޝްގެ އެދުމަށް އިންކާރުކުރަން އުޅުނު ތަނުންނެވެ.ނަމަވެސް އޭގެ މާނައަކީ އޭނާ ފިރާތްގެ ހުށަހެޅުން ޤަބޫލުކުރުމެއް ވެސް ނޫނެވެ.ޔޫލިއާއަކީ އެފަދަ “ހީރޮއިކް”ހަރަކާތްތަކުން ގުޑާލާނެ މީހެއްް ނޫނެވެ.”ފިރާތްއަށް ހީވަނީތަ އަހަރެން މިއީ ހިތައް އެރިހާ މީހަކާ އެއްކޮށް ނަށާނެ މީހެއްހެން؟”ޔޫލިއާ އެއްސެވެ.”ހިހި.ކިހިނެއް އިނގޭނީ.ކޮންމެ ކަމަކަށްވެސް ފުރަތަމަ ފަހަރެއް އޮވެއެއްނު”ފިރާތް އޭނާގެ ފިރިހެންވަންތަ ހިނިތުންވުން ޔޫލިއާއަށް ހަދިޔާ ކޮށްލަމުން ބުނުމާއެކު އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.އިތުރު އެއްވެސް ހަރަކާތެއްް ގެންނަން ނޭނގިފައި ޔޫލިއާއަށް ފިރާތްގެ ދެ ލޮލުގެ ތެރެއަށް ގެބިފައި ހުރެވުނެވެ.”މޭ އައި؟”ޔޫލިއާ އެއްޗެކޭ ނުބުނުމުން ފިރާތް ޔޫލިއާގެ އަތުގައި ހިފައިގެން ނެށުމުގައި ބައިވެރިވާން ދިޔައެވެ.އޭނާގެ އެ ޖެހިލުން ކުޑަ ހަރަކާތުން ފިރާތް އެހެރީ ފަސޭހައިން ދޫދޭ ކަހަަލަ ގޮތަަކަށް ނޫންކަން ދެނެގަނެ ޔޫލިއާވެސް އިތުރަށް ދެކޮޅު ހަދަން ނޫޅެ ފިރާތް އާއި އެއްކޮށް ނެށުމުގައި ބައިވެރިވިއެވެ.
****
ދުރުގައި އެ މަންޒަރު ބަލަން އަނގަތައް ތަންމިނަށް ހުޅުވައިގެން ބަސްހުއްޓިފައި ނޯރާ އާއި ރޭހާން ތިއްބެވެ.“ބަލައިބަލަ.މަ ބުނީމެއްނު މި ޔޫލީއާއި ފިރާތް ހަސަން ނުހަނު ގުޅެޔޭ.މި އޮތީ މަ ބުނި ތަން އައިސް.ވާއު.ޙާއްސަކޮށް ފިރާތް ޔޫލީ ނުވާޝްގެ ކިބައިން “ސަލާމަތްކޮށްދިން” ގޮތް ދޯ….އިންޓްރެސްޓިންގް”ދެންމެ ޔޫލިއާއާއި ގުޅުވައިގެން ނުވާޝް އާއި ފިރާތްއާއި ދެމެދު ހިނގައިދިޔަ“ހަނގުރާމަ”އަށް ހެކިވެރިވެ ހުރެ ނޯރާ ބުންޏެވެ.ރޭހާން ހުރީ އިރުކޮޅެއް ކުރިން ކުރިމަތިން ހިނގައިދިޔަ ކަންތައް ޤަބޫލުނުކުރެވިފައެވެ.ފިރާތް އަކީ އޭނާ ފުރާވަރުއްސުރެ ދަންނަ މީހެކެވެ.ދުވަހަކުވެސް އަންހެނަކާއި ހުރެ ފިރާތް މީހަކާއި އަރައިރުން ވީ ހަނދާނެއް އޭނާ ނުވެއެވެ.ފިރާތް އަންހެނަކ އަނގައިން ބުނާނީވެސް މަޖުބޫރުވެގެންނެވެ.އޭނާގެ ހުރިހާވެސް އެއްޗަކީ އޭނާގެ ޢައުވާނުންނާއި ކުންފުނިތަކެވެ.އަނތްބެއް ދަރިއަކު ހޯދުމުގެ ވިސްނުމެއް އޭނާ ދުވަހަކުވެސް ނުގެންގުޅެއެވެ.ފުރާވަރުގައި ރޭހާންގެ އިތުރުން ފިރާތް ދަންނަ އެހެން މީހުންވެސް އެ އުމުރުގައި ބައިވެރީން އިޙްތިޔާރުކޮށް މީހުންނާއި ރައްޓެހިވެގެން އުޅުނު އިރުވެސް އޭނާ ހުރީ ބާކީވެފައެވެ.އެއިރު ވެސް ފިރާތް ރީތިކަމުން މަށަށް މަށަށް ކިޔާލަ ކިޔާލާ ތިބި އަންހެންކުދިންގެ އަދަދު މަދެއް ނޫނެވެ.ނަމަވެސް ފިރާތްގެ ހިތުގައި އެއިން އެެއްވެސް އަންހެންކުއްޖަކާއި މެދު ޝަޢުޤުވެރިކަމެއްް ނުއުފެދުނެވެ.އެހެންކަމުން ފިރާތް ދިރިއުޅުމެއްް ފެށުން ކީއްކުރަން،މީހަކާއި ރައްޓެހިވީތަނެއް ވެސް ނުފެންނާނެ ކަމަށް ރޭހާން ނިންމައިގެން ހުންނަތާ ކޮން ދުވަހެެއްހެއްޔެވެ.ނަމަވެސް މިވަގުތު ރޭހާންގެ ކުރިމަތިން ފެންނަމުންދާ ފިރާތް އަކީ ކުރީގެ ފިރާތް ކަމަށް ޤަބޫލުކުރާކަށް ރޭހާންގެ ހިތެއް އެއްބަހެއް ނުވިއެވެ.އެއީ ޔޫލިއާގެ ސަބަބުން ފިރާތް އަށް އައި ބަދަލެއްކަމަށް ރޭހާންއަށް ޤަބޫލުކުރެވުނެވެ.”ފިރޫ ހަމައެކަނި ޔޫލިއާއަށް އެ ބަލަނީކީއެއް ނޫން.ނޯރާއަށް އެ ނަޒަރުން ތަފާތުކަމެއްް ފާހަގައެއް ނުވޭތަ؟”ރޭހާން އެ ދެމީހުންގެ ކިބައިން ނަޒަރު ވަކިކުރުމެެއް ނެތި ނޯރާއާއި ގާތައްް ޖެހިލަމުން ބުންޏެވެ.”އޯ މައި ގޯޑް”ނޯރާއަށް ކިޔާލެވުނެވެ.”ހީޒް ލޫކިންގް އެޓް ހާރ ލައިކް…ލައިކް ޝީޒް ދަ އޮންލީ ޕާސަން އިން ދަ ވޯލްޑް.އެހެންނު؟”ރޭހާން އޭނާގެ ދުލުން ބޭރުވި ޖުމްލައިގެ ފަހު ބައި ފުރިހަމަކޮށްދިނުމުން ނޯރާއަށް ބޭއިޙްތިޔާރުގައި ރޭހާންއާއި ދިމާލަށް ބަލާލަމުން ބޯ ޖަހާލެވުނެވެ.”ހެހެ.ހީވަނީ އެ ދެ މީހުން އަހަރުން މަތިން ހަނދާން ނެތުނީހެން.ސޯ ނޯރާ…”ރޭހާން މިހެން ބުނެ ނޯރާއަށް އޭނާގެ އަތް ދިއްކޮށްލިއެވެ.ރޭހާންގެ އެ ހަރަކާތުގެ މާނަ ދެނެގަތް ނޯރާގެ ހިތުގެ ތެޅުން އަވަސްވިއެވެ.ރޭހާން އޭނާގެ ގާތުން ނެށުމަށް އެދުމުން އޭނާގެ ޖަވާބަކަށް ވާނީ އާނއެކޭކަން މީ ރޭގަނޑު ފަދައިން ނޯރާއަށް އިނގެއެެވެ.އަނގައިން ބުނުމެއްނެތި އޭނާއަށް ބޭއިޙްތިޔާރުގައި ރޭހާންގެ އަތުގައި ހިފާލެވުނު އިރު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.ނޯރާގެ އެ ހަރަކާތުން ރޭހާންއަށް ޖަވާބު ލިބުނެވެ.އެޔާއެކު އޭނާގެ ހިތް އުފަލުން ނަށާލިއެވެ.ބޯ ޖަހާލުމަށްފަހު ފަނޑު އަލިކަމުގެ ތެރޭގައި ނޯރާގެ އަތުގައި ހިފައިގެން އޭނާވެސް ނެށުމުގައި ބައިވެރިވާން ދިޔައެވެ.
****
ލަވަ މެދުކެނޑުމެއް ނެތި ކުރިޔަށް ދިޔައިރު ޑާންސް ފްލޯގައި ޖޯޑުތައް ދިޔައީ އެ މީހުންގެ“ކަޕްލް ޑާންސް”ގެ ފަރި ހަރަކާތްތަކުން ހަފްލާގެ ފުރިހަމަކަން އިތުރުކޮށްދެމުންނެވެ.ފިރާތްގެ ވައަތް ޔޫލިއާގެ ހިމަ އުނަގަނޑުގައި އަޅުވާލެވިފައިވާ އިރު ކަނާތް ވަނީ ޔޫލިއާގެ އަތާއި ގުޅި ލާމެހިފައެވެ.ޔޫލިއާގެ ވައަތް އޮތީ ފިރާތްގެ ކޮނޑުގައި އަޅުވާލެވިފައެވެ.ދެ މީހުުން އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެ ލަވަޔާއި އެއްވަރަށް ފައި ހަމަކުރަމުން ދިޔައިރު ދެ މީހުންގެ މެދުގައި އެއްވެސް ވާހަކައެެއް ނުދެކެވެއެވެ.ޔޫލިއާގެ ދެލޮލުގެ ތެރެއަށް ގެނބިފައި ހުރި ފިރާތްއަށް ކުއްލިއަކަށް އޭނާގެ ބޫޓުން ޔޫލިއާގެ އިނގިލިތަކުގެ މައްޗަށް އެރުނެވެ.އެޔާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައިރު ޔޫލިއާގެ އަނގައިން މަޑު އާހް އެއް ބޭރުވެގެންދިޔައެވެ.”މަޢާފްކުރޭ.ވަރަށް ތަދުވިތަ؟ވިސްނާނުލާ ހުރެވުނީމަ”ފިރާތް ފާޑަކަށް ރަކިވެފައި ހުރެ ބުންޏެވެ.ދެވަނަ ސިކުންތުގައި އޭނާއަށް އަމިއްލަ ނަފްސާއި މެދު ހައިރާންވެވުނީ އޭނާއަކީ ދުވަހަކުވެސް މީހެއްގެ ކިބައިން މަޢާފަށް އެދުނު މީހަކަށް ނުވާތީއެވެ.އަދި ވަކިން ޙާއްސަކޮށް އަންހެނެކެވެ.ވީއިރު އޭނާއަށް މިހާ ފަސޭހައިން ޔޫލިއާގެ ކިބައިން މައާފަށް އެދެވުނީ ކީއްވެހެއްޔެވެ؟އޭނާގެ ސަބަބުން ޔޫލިއާއަށް ހާނިއްކަ ވީމަ ހެއްޔެވެ؟ނުވަތަ އެވަގުތު ޔޫލިއާގެ މޫނުމައްޗަށް އެރި ވޭނީ ކުލަވަރު ދެކެން އޭނާއަށް ކެތްނުވުމުން ހެއްޔެވެ؟”އިޓްސް އޯކޭ.އެއީކީ މައްސަލައެއް ނޫން”ޔޫލިއާ ފުންނޭވާތަކެއް ލަމުން ބުނުމާއެކު ފިރާތް އޯހް އޭ ބުންޏެވެ.”ސޯ..އަހަރެން އަޑު އެހިން ޔޫލިއާ ހަސަން އަހަންނާއި ބައްދަލުނުވެގެން އުޅޭ ވާހަކަ.އުއްމީދުކުރަން މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނު ކަމަށް.ކީއްވެ ޔޫލިއާ މަށާއި ބައްދަލަކުރަން ބޭނުންވީ؟”ފިރާތް ޔޫލިއާގެ ކުރެން ސީރިއަސް ރާގަކަށް އެއްސެވެ.އެޔާއެކު ޔޫލިއާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.އެ ދެލޮލުން ފާޅުވީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެ ކުލަވަރު ފޮރުވާލަމުން ހިނިތުންވެލިއެވެ.”އާނ ތި ކަން ދޯ.އެ ސަބަބު އޮޅުން ފިލުވިދާނެއެއްނުން ފަހުންވެސް.މިއީ ބައެއް ކަހަލަ ވާހަކަތައް ދެއްކުން އެންމެ އެކަށީގެންވާ މާހައުލެއްް ނޫންކަން ފިރާތް އަށް ވެސް އިނގޭނެ.އެހެންވީމަ ލެޓްސް ޖަސްޓް އެންޖޯއި ދަ މޮމެންޓް”ޔޫލިއާ އޭނާގެ އަތް ތިލައާއި ގުޅި ލާމެހިފައި އޮތް ފިރާތްގެ އަތްތިލައަށް ބާރުކޮށްލަމުން ބުންޏެވެ.އެއިރު އޭނާގެ ދެލޯ ފަރާތް ފަރާތައް އެއްލެމުން ދިޔައެވެ.ޔޫލިއާގެ ޖަވާބު އަހާފައި ފިރާތްއަށް ޔޫލިއާ އޭނާއާއި ދައްކަން ބޭނުންވަނީ އާދައިގެ ވާހަކައެއް ނޫންކަން ޔަޤީންވިއެވެ.”ހޫމް.އޯކޭ.ޔޫލިއާ ބޭނުން ގޮތެއް”ފިރާތް އޭނާގެ ތޫނު ދެލޮލުން ވަށައިގެންވީ މާހައުލު ސްކޭންކޮށްލަމުން ބުންޏެވެ.ފިރާތްގެ ބަހައް އެއްބަސްވުމުގެ ގޮތުން ޔޫލިއާ ބޯ ޖަހާލިއެވެ.އެއަށްފަހު ދެ މީހުންވެސް ނެށުމާއިގެން ކުރިއަށް ދިޔައިރު ފިރާތްގެ ޙިޔާލީ ވާފަށް ގޮސް ގުޅުނީ މީގެ ހަ އަހަރު ކުރީގެ ހަނދާނަކާއެވެ.
****
އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.ރަޝިއާއަށްް ފިނި މޫސުމް އައިސްފައި ވުމުން ޤައުމުގެ ބޮޑު ބައި އޮތީ ސްނޯގެ ހުދު ބޯ ރަޖައެއްގެ ދަށުގައި ނިވާވެފައެވެ.މުޅި ޤައުމަށް ފިނި މޫސުން އައިސްގެން އުޅުނު ނަމަވެސް އެއީ ޗެރީ ބްލޮސޮމްއަށް ބަހާރު މޫސުން ގެނުވި ދުވަހެކެވެ.ވާނީވެސް އެހެން ނޫންހެއްޔެވެ.ދުވަހަކީ އެ ގޭގެ ވެރިޔާ މަލްޓި މިލިއަނެެއަރ ރަޝްފާ ހަސަންގެ“ދަރިފުޅު”ޔޫލިއާ ހަސަންގެ އުމުރުން ފަނަރަ އަހަރު ފުރުނު ދުވަހެވެ.އެކަމުގެ އުފަލުގައި ބާއްވާ ޕާޓީއަށް ޓަކައި މުޅި ގޭތެރެ ޒީނަތް ތެރި ކުރެވިފައި ވާ އިރު މާސްކުތަކުގެ ނިވަލުގައި ތިބި މެހެމާނުންތަކުން ގޭގެ ބޯލް ރޫމް ދިޔައީ ފުރެމުންނެވެ.އޭގެ ތެރޭގައި ގިނައީ މަތީ ފަންތީގެ ބޭފުޅުންނާއި ޔޫލިއާގެ ގާތް ރައްޓެހިންނާއި އާއިލާ އާއި ގާތް މީހުންނެވެ.އެގޮތުން ރަޝިއާގައި ދިރިއުޅޭ އޭނާގެ އާއިލާ ކައިރިއަށް ޗުއްޓީ ހޭދަކުރަން ގޮސް ހުރި ފިރާތް އެ ހަފްލާގައި ބައިވެރިވީ އޭނާގެ ބައްޕަގެ އެދުމުގެ މަތިންނެވެ.ބައްޕަ އަކީ ވިޔަފާރި ދުނިޔޭގައި ރަޝްފާއާއި ގާތް ފަރާތަކަށް ވުމުން އޭނާގެ އާއިލާއަށްވެސް އެ ހަފްލާގައި ބައިވެރިވުމަށް ދަޢުވަތު ލިބުނީއެވެ.ނަމަވެސް ޕާޓީ ބާއްވަން ހަމަޖެހިފައި އޮތް ރޭގެ ކުރީ ރޭ ބައްޕަ ކުއްލިގޮތަކަށް ރާއްޖެ ދާންޖެހުމުން ފިރާތް އެ ޕާޓީއަށް ދިޔައީ އެކަންޏެވެ.އެ ރެއަށް ޓަކައި ބޯލް ރޫމް ވަނީ ފުރިހަމަޔަށް ޒީނަތްތެރި ކުރެވިފައެވެ.ހޯލްގެ މެދުގައި ރަން އަކުރުން“ހެޕީ ފިފްޓީންތް ޔޫލީ”އަޅާފައި އޮތް އިރު ކަނާތް ފަރާތުގައި ހުރި ޑެޒާޓް ޓޭބަލް މަތީގައި ފަސް ބުރީގެ ހުދު ކުލައިގެ ބޮޑު ކޭކެއް ބެހެއްޓިފައި ހުއްޓެވެ.ވާތް ފަރާތުގައި ހުރި މޭޒުމަތީގައި ބަރި ބަރިއަށް ވަރު ވަރުގެ ހަދިޔާތައް ބެހެއްޓިފައި ހުއްޓެވެ.އަށާރަ އަހަރުގެ ފިރާތް ހޯލް ތެރެއަށް ވަނީ މަޖުބޫރުވެފައިވާ މީހެއް ފަދައިންނެވެ.އެކަހަލަ ޙަފްލާތަކުގައި ބައިވެރިވުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެެވެ.ނަމަވެސް އޭނާގެ އަމިއްލަ އިޙުސާސްތަކަށް ވުރެ ބޮޑައް ބައްޕަގެ އިއްޒަތާއި ޤަދަރު ހިފެހެއްޓުން އޭނާއަށް މާ މުހިއްމެވެ.އެހެންކަމުން ހިތާއި ދެކޮޅަށް ވެސް އޭނާ އެހެރީ އެ ތަނައް ހާޒިރުވެއެވެ.
ބޯލް ރޫމް ތެރެއަށް ވަނީއްސުރެ ނޭވީ ބްލޫ ކުލައިގެ ސޫޓެއްގައި ހުރި ފިރާތް ފޫހިކަމާއެކު އެކި ދިމަ ދިމާލަށް ނަޒަރު ހިންގަމުން ދިޔައެވެ.އަޅައިގެން ހުރި ކަޅު ކުލައިގެ މާސްކްގެ ސަބަބުން އޭނާގެ މޫނުމަތިން ބައެއް ވަނީ ނިވާވެފައެވެ.ނަމަވެސް މާސްކުގެ ދެ ލޯ ވަޅު ތެރެއިން ފިރާތްގެ އަޅި ދެލޯ ވިދަމުން ދިޔައީ ނުހަނު ފުރިހަމައަށެވެ.ދެ ޖީބައް އަތް ޖަހާލައިގެން ބޯލް ރޫމް ތެރޭގައި ހިނގަމުން ދިޔަ ފިރާތްގެ ނަޒަރު ގޮސް ހުއްޓުނީ ހޯލްގެ މެދާއި ހިސާބުގައި ރަޝްފާއާއި ވާހަކަ ދައްކަން ހުރި އަންހެންކުއްޖާ ފެނުމުންނެވެ.ފިޔާތޮށި ކުލައިގެ ފައިތިލަ އާއި ހިސާބަށް އަރާ ގައުންއެއްގައި ހުރި އިރު އެ ކުއްޖާގެ ބްލޯންޑް ކުލައިގެ ފަން ދިގު އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކުރެވިފައެވެ.ބޮލުގައި ރަން ކުލައިގެ ޓިއާރާއެއް އަޅާފައި ހުރި އިރު ރަން ކުލައިގެ ގަހަނާތަކުން އެ ކުއްޖާގެ ކަރާއި އަތް ވެސް ވަނީ ފަޅު ފިލުވާލެވިފައެވެ.އަޅައިގެން ހުރި ރަންކުލައިގެ މާސްކުގެ ސަބަބުން މޫނުމަތިން ބައެއް ފޮރުވިފައިވީ ނަމަވެސް މާސްކުގެ ލޯ ވަޅު ތެރެއިން ފެންނަން ހުރި ދެ ލޮލުގައި ވަނީ ބަޔާންކުރަން ދަތި އަސަރުތަކެވެ.ރަޝްފާ ނުހަނު ލޯބިން އެ ކުއްޖާގެ ގައިގައި ބައްދާލުމަށްފަހު އެތަނުއް އައި މެއިޑެއްގެ އަތުގައި ހުރި ބޮޑު ޕާރިސަލް ނަގާފައި އެ ކުއްޖާގެ އަތައް ދިނެވެ.އެޔާއެކު އެއީ މި ޕާޓީ އެ ފަރާތަކަށް ޙާއްސަވެގެންވާ ޔޫލިއާކަން ފިރާތްގެ ހިތައް ދެނެގަނެވުނެވެ.ޔޫލިއާ އަކީ ރަޝްފާ ތަބަންނީ ކޮށްގެން ގެންގުޅޭ ކުއްޖެއްކަން ފިރާތްއަށް ވަނީ އޭނާގެ ބައްޕަގެ ފަރާތުން އެނގިފައެވެ.ތަބަންނީކުރެވިފައިވާ ކުއްޖަކާއި ދޭތެރޭ މީހަކު މިހާ ރަނގަޅަށް ކަންތައް ކޮށްފާނެ ކަމާއި މެދު ފިރާތްގެ ހިތުގައި ޝައްކު އުފެދުނެވެ.ރަނގަޅަކަށް ވިއްޔާ މި ޕާޓީއަކީ މީހުންގެ ކުރިމަތީގައި މާ މާތް ބަޔެއްގެ ގޮތުގައި ކަމަށް ހެދެންވެގެން ރަޝްފާގެ އާއިލާއިން ޔޫލިއާ އަށް ޓަކައި ބާއްވާ ޕާޓީއެކެވެ.ޕާޓީއަށް އައިސް ތިބި މެހެމާނުން ޔަޤީނުންވެސް ޔޫލިއާގެ“ހަޤީގަތް”ކުރިއަށް ނެރެ ރަޝްފާގެ އާއިލާއިން އޭނާއާއި މެދު ކަންތައް ކުރަމުން އަންނަ ގޮތާއި މެދު ތަޢުރީފު ކުރާނެއެވެ.ނުވީތާކަށް މި އަގުބޮޑު ޕާޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޢާއްމު ވެއްޖެއްޔާމުންވެސް އާއިލާއަށް އެ ފަދަ ތަޢުރީފުގެ ބަސްތައް ކޮމެންޓުތަކުގެ ސިފައިގައި އޮހޭނެ ކަން ޔަޤީނެެވެ.ވީއިރު މަޝްހޫރުކަމުގެ ބޭނުމުގައިވެސް އެ މީހުން މިކަން ކޮށްފާނެއެވެ.އެއީ އޭރު ފިރާތްގެ ޅަ އެހެން ނަމަވެސް ތޫނުފިލި ސިކުނޑިއަށް ވިސްނުނު ގޮތެވެ.ރަޝްފާގެ އަތުން ޕާރިސަލް އަތުލި އިރު ޔޫލިއާގެ ދެ ލޮލުގައިވީ ހިތާމައިގެ އަސަރު ފިރާތްގެ ތޫނު ދެލޮލުގައި އަޅައިގަތުމުން އޭނާއަށް ކުރެވުނު ހީ ގެ މައްޗަށް ފާޑަކަށް ބުރަވެވޭ ގޮތް ވެސް ވިއެވެ.ހަމައެހެންމެ އޭނާ އެތަނަށް ވަނީއްސުރެ ޔޫލިއާ ފެނުނު އިރު އެ މޫނުމަތިން ފިރާތްއަށް ފެނުނީ ނަސްލީ ހިނިތުންވުމެކެެވެ.ދެ ތުންފަތް ޖައްސާ ބާރުކޮށްގެން ހުރި އިރު އޭނާގެ ކުޑަ ނުވެ ހުރި ދެލޮލުގައި ވީ ވޭނުގެ އަސަރު ފިރާތްއަށް ފެނުނެވެ.އެ ހިނިތުންވުން މާސްކުގެ ދަށުން ލޮލާއި ހަމަޔަށް ނުފޯރާ އިރު އެއީ ހަޤީގީ ހިނިތުންވުމަކަށް ނުވާނެކަން ފިރާތްއަށް ޔަޤީންވިއެވެ.އެ މަންޒަރު ފެނި ފިރާތްއަށް އޭނާގެ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކުރި “ތިއޮރީ” އަށް ހިތާހިތުން އެއްބަސްވެވުނެވެ.އޭނާއަށް ހީކުރެވުނު ގޮތް އެއީ ހަޤީގަތަކަށް ވެއްޖެއްޔާމުން ހާދަ ދެރައެވެ.އޭރުން ހަމަ ޔަޤީނުންވެސް އެ މައުޞޫމް ކުއްޖާ އެ އުޅެނީ ރައްކާތެރިކަން ލިބިގެންވީ އުފާވެރި އާއިލާއެއްގެ ތެރޭގައި ކަމަކަށް ނުވާނެއެެވެ.
ކޮންމެ ގޮތެއް ވިޔަސް ފިރާތްގެ ހިތުގައި އެ ނުދަންނަ އަންހެންކުއްޖާ އާއި މެދު ޝަޢުޤުވެރިކަމެއް އުފެދިއްޖެއެވެ.މާސްކުގެ ނިވަލުގައި ވީ ނަމަވެސް ޔޫލިއާގެ މޫނުމަތީގައިވީ މަޢުސޫމްކަމުން ފިރާތްގެ ހިތައް ގޮތްނޭގޭ އިޙުސާސްތަކެއް ކުރުވަމުން ދިޔައެވެ.އޭނާ ހުރީ ޔޫލިއާ އާއި ވާހަކަ ދައްކަން ލިބޭނެ ފުރުސަތަކަށް އެ ބަލަބަލައެވެ.މެހެމާނުންތައް ވަކި ވަކިން ޔޫލިއާ ކައިރިއަށް ގޮސް އެ ބަޔަކު ގެނައި ހަދިޔާތައް ދެމުން ދިޔަ އިރު ފިރާތް ހުރީ އުފަން ދުވަހުގެ ޕާޓީއަކަށް ހަދިޔާއެއް ނުލާ އާދެވުނު ކަމުގެ މޮޔަ ހީވެފައެވެ.ހުސްއަތާ ހަމަ އެކަނި“ހެޕީ ބާތްޑޭ”ކިޔާކަށް ޔޫލިއާގެ ގާތައް ދާކަށް ނުކެރޭނެތާއެވެ.ހަދިޔާއެއް އެއްޗެއް ގެނެވުނު ނަމަ އޭތި ހަވާލުކުރުމުގެ ބަހަނައިގައިވެސް ޔޫލިއާގެ ގާތައް ގޮސް ކުޑަމިނުން އެކުވެރި ވެވުނީހެވެ.އެހެން ހިތައް އަރާފައި ފިރާތްގެ މޫނުމަތީގެ ކުލަ އޮއްސުނެވެ.އެނބުރި އައި ކޮޅަށް ދާން އުޅުނު ތަނުން ބޯލް ރޫމްގެ އެއްފަރާތެއްގައި ބެހެއްޓިފައި ހުރި ރަން ކުލައިގެ ވާސްތަކުތެރޭގައި ފޮޅިފައި ތިބި ރަތް ފިނިފެންމާތައް ލޮލުގައި އަޅައިގަތެވެ.އެޔާއެކު ސިކުނޑިއަށް ވެރިވި ޙިޔާލުން ފިރާތްގެ ތުންފަތްމައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ.އޭނާ ދުރުގައި ހުރި ޔޫލިއާއަށް ބަލަމުން ގޮސް ވަރަށް ނޫން ކަމަށް ހެދިފައި އެތަނުން ވާސްއަކުން މަލެއް ބިދެލަމުން ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް ލިއެވެ.އޭރުވެސް މެދުކެނޑުމެއްނެތި މެހެމާނުންތައް ހަދިޔާތައް ހިފައިގެން ޔޫލިއާ އާއި ބައްދަލުކުރަމުން ދިޔައީ ފިރާތްގެ ކެތްތެރިކަން އިމްތިޙާނުކުރަމުންނެވެ.އެންމެ ފަހުން ފިރާތްގެ ނަސީބު އަތުގައި ހިފީ ޔޫލިއާގެ“ޅިޔަންބެ”ޝިޔާހް ސްޓޭޖަށް އަރައި“ކަޕްލް ޑާންސް”އޮންނާނެ ވާހަކަ ބުނުމުންނެވެ.އެއަށްފަހު ޝިޔާހް ސްޓޭޖްމަތިން ފައިބައިގެން ގޮސް ޔޫލިއާ ގާތުގައި ނުވަ މަހުގެ ބޮޑު ބަނޑެއް ލައިގެން ހުއްޓި ހުރި ރިފްޝާގެ އަތުގައި ހިފައިގެން ގޮސް ނެށުމުގައި ބައިވެރިވިއެވެ.އެއަށްފަހު ޕާޓީއަށް އައިސް ތިބި މެހެމާނުންގެ ޖޯޑުތައް ވެސް ހޯލްގެ މެދުގައި ކަޕްލް ޑާންސް ކުރަން ފެށިއެވެ.ނޯރާގެ އިތުރުން ޔޫލިއާގެ އެހެން އެކުވެރިންވެސް އެ މީހުންގެ ލޯބިވެރީންނާ އެކު ނެށުމުގައި ބައިވެރިވިއެވެ.ލޯބިވެރިއެއް ނެތުމުން އެކަމަށް ޓަކައި ޔޫލިއާގެ މާ ބޮޑު ޝަޢުޤެއް ނެތުމުން އޭނާ މިސްރާބު ޖެހީ އެއްފަރާތެއްގައި ހުރި ރެސްޓް ރޫމްއާއި ދިމާލަށެވެ.ނަމަވެސް ހުއްޓެން މަޖުބޫރުވީ ކުރިމައްޗަށް ހުއްޓުނު ޒުވާނާގެ ސަބަބުންނެވެ.އިސްކޮޅުން ދިގުވެފައި ކަޅުކަން ގަދަ ފަން އިސްތަށިގަނޑެކެވެ.އަޅައިގެން ހުރި ކަޅު ކުލައިގެ ޕާޓީ މާސްކުގެ ސަބަބުން އެއީ ކާކުކަން ނޭނގުނަސް އެ އަޅި ދެލޮލުގެ ތެރެއަށް ޔޫލިއާ ގެނބިގެން ދިޔައެވެ.އެ ނުދަންނަ ޒުވާނާގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރި ޔޫލިއާއަށް ހަމަ ބިމަށް އާދެވުނީ ޒުވާނާ އޭނާގެ އަތް ޔޫލިއާއާއި ދިމާލަށް ދިށްކޮށްލުމުންނެވެ.”މޭ އައި؟”ފިރާތް އޭނާގެ ފިރިހެންވަންތަ ބަރު އަޑުން އެހުމާއެކު ޔޫލިއާގެ ގައިގައިވީ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.ކުރިމަތީ ހުރީ ކާކުކަން ނޭނގުނަސް ނޭނގޭ ސަބަބަކާއި ހުރެ އެ ޒުވާނާގެ ދަޢުވަތައް އިންކާރުކުރަން ނުކެރުމުން ޔޫލިއާއަށް އެ އަތުގައި ހިފިއެވެ.
ޔޫލިއާގެ އަތުގައި ހިފައިގެން ފިރާތް ނެށުމުގައި ބައިވެރިވިއިރު ޔޫލިއާ އިސްދަށަށް ޖަހައިގެން ހުރީ މި ނުދަންނަ ޒުވާނާއާއި ހަތަރު ކަޅި ހަމަކުރަން ނުކެރުމުންނެވެ.އަނެއްކޮޅުން މީގެ އިރުކޮޅެއްކުރިން ޔޫލިއާ އާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބިފައި ހުރި ފިރާތްގެ ދުލުގައިވެސް މި ވަގުތު ވަނީ ތަޅެއް ލެވިފައެވެ.ނޭނގޭ ސަބަބަކާ ހުރެ ފިރާތްއަށް އޭނާގެ ހިތުތެރޭގައިވީ ޖުމްލަތައް ދުލާއި ހަމަޔަށް ގެނެވޭ ގޮތެއް ނުވިއެވެ.ޔޫލިއާގެ ފަރި ހަރަކާތްތަކަށް ގެއްލިފައި ހުރި އިރު އޭނާގެ ބަނޑުގައި ކޮކާ އުދުހެމުން ދިޔައެވެ.ޔޫލިއާގެ ހާލަކީވެސް އެއީއެވެ.ނަށަމުން ދިޔައިރު އިރު އިރު ކޮޅާ ލޮލުގެ ހިމަކޮޅުން ފިރާތްއަށް ބެލެމުން ދިޔައިރު އޭނާގެ ދޮން މޫނަށް ރަތްކުލަ ވެރިވަމުން ދިޔައެވެ.މޫނުމަތީގައި ކުރެވިފައިވީ ލުއި މޭކަޕްގެ ސަބަބުން ކުރިމަތީ ހުރި ޒުވާނާއަށް އެކަން ފާހަގަ ނުވާކަން އެއީ ނަސީބެކޭ ޔޫލިއާގެ ހިތައް އެރިއެވެ.އެ ރޭގެ އެ ނެށުން ނިމުމަކާއި ހަމަޔަށް އައީ ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެ ތިއްބައެވެ.ނެށުން ނިމުމާއެކު މެހެމާނުންތައް ބޯލް ރޫމް ދޫކޮށް ދާން ފެށިއެވެ.ޔޫލިއާ ފިރާތްއަށް ބޯޖަހާލުމަށްފަހު ދާންއުޅުމުން ފިރާތް އޭނާ ހުއްޓުވިއެވެ.އެއަށްފަހު ޖީބުގައި އޮތް ފިނިފެންމާ ނަގައި ޔޫލިއާއާއި ގާތައް ފިޔަވަޅެއް އަޅާލަމުން ޔޫލިއާގެ އިސްތަށިގަނޑުގައި ހަރުކޮށްދިނެވެ.އެޔާއެކު ޔޫލިއާގެ މޫނު ރަތްވެގެން ގޮސް އެ ރަތް ތުންފަތްމައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.”ސްޕާސިބޯ.ޝްތޯ އެތޯ؟”(ތޭންކް ޔޫ.ވަރަށް ރީތި.އެކަމް މިއީ ކޯއްޗެއް؟)ޔޫލިއާ ރަޝިއާ ބަހުން ބުންޏެވެ.”ރަޝިއާ ބަސް ދަސްކޮށްފައިވާތީ ފިރާތްއަށް ޔޫލިއާ ބުނި ޖުމްލައިގެ މާނަ ދޭހަވިއެވެ.އެޔާއެކު އޭނާގެ ތުންފަތްމައްޗަށް ވެރިވީ ފިރިހެންވަންތަ ހިނިތުންވުމެކެވެ.ދުމައި އޮބް އޭތޮމް ކަކް އޮބް އޮބެޝްޗާނީ”(މިއީ ވަޢުދެއް ކަމަށް ބަލާ)ފިރާތްވެސް މިފަހަރު ވާހަކަ ދެއްކީ ރަޝިއާ ބަހުންނެވެ.އެއަށްފަހު ދުރަށް ހިނގައިގަތެވެ.ފިރާތް ދިޔަ ދިމާލަށް ބަލަން ހުރި ޔޫލިއާ އޭނާގެ އިސްތަށިގަނޑުގައި އިން މަލުގެ ފިޔަތަކުގައި ފިރުމާލިއެވެ.އެއާއެކު އޭނާގެ ތުންފަތް މަތީގައި ވީ ހިނިތުންވުން ފުޅާވިއެވެ.ކުއްލިއަކަށް ރަޝްފާ ބޭރަށް ނުކުތްތަން ފެނުމުން ޔޫލިއާ ލައިގެން ހުރި ހެދުމުގައި ހިފަހައްޓައިގެން ހުރެ ރަޝްފާ ދިޔަ ދިމާލަށް ދިޔައެވެ.ނަމަވެސް ޔޫލިއާއަށް ނޭނގުނެއްކަމަކު ބޯލްރޫމުގެ ދޮރު ކައިރީގައި ފިރާތް އެ މަންޒަރު ބަލަން ހުއްޓެވެ.
****
ފިރާތްގެ ޙިޔާލީ ވާފަށް ކެނޑުނީ ލަވަ ނިމުމާއެކު މުޅި ތަން އަލިވެގެން ދިއުމުންނެވެ.އެއަށްފަހު ހޯލްތެރޭގައި ގުގުމާލީ މެހެމާނުންގެ އަތްތިލަބަޑީގެ އަޑެވެ.ނެށުން ނިމުމާއެކު ފިރާތް ޔޫލިއާގެ ގައިން ދޫކޮށްލަމުން ފުން ނަޒަރަކުން ޔޫލިއާއަށް ބަލާލިއެވެ.މީގެ ހަ އަހަރު ކުރީގެ ޔޫލިއާއާއި އޭނާގެ ކުރިމަތިން މި ފެންނަމުންދާ ޔޫލިއާ އާއި މާ ބޮޑު ތަފާތެއް ނެތެވެ.ހަމަ އެ ބައްޓަން ރީތި ހަށިގަނޑެވެ.އެ ރަކި ހިނިތުންވުމެވެ.އެ ކަޅުކަން ގަދަ ދެ ލޮލެވެ.ޔޫލިއާގެ މޫނުން ނަޒަރު ވަކިކޮށް ފިރާތްއަށް އޭނާގެ އިސްތަށިގަނޑަށް ބަލާލެވުނެވެ.ހަމަ އެ ބްލޯންޑް ކުލައިގެ ދިގު އިސްތަށިގަނޑެވެ.ތަފާތަކީ އެ ރެއާއި ޙިލާފަށް މިރޭ ޔޫލިއާގެ ބޮލުގައި ފިރާތް އޭނާއަށް ހަދިޔާކުރި ފިނިފެންމާ ޖެހިފައި ނެތުމެވެ.”ކޯއްޗެއް ތި ވިސްނަނީ؟”ފިރާތް އެއް ދިމާލަކަށް ބަލަހައްޓައިގެން ހުރުމުން ޔޫލިއާ އެއްސެވެ.އެ އަޑަށް ފިރާތްއަށް ހަމަބިމަށް އާދެވުނެވެ.”ހިހި ނުވިސްނަން.އެއީ ކުއްލިއަކަށް އެއްޗެއް ހަދާންވީ”ފިރާތް ހިނިތުންވެލަމުން ބުންޏެވެ.”އޯހް އެހެންތަ.ޝެއާކުރެވޭ ވަރުގެ އެއްޗެއްތަ އަނެއްކާ؟”ޔޫލިއާ ލާނެއް ހިނިތުންވުމަކާއެކު އެއްސެވެ.”ވެދާނެ”ފިރާތް މިހެން ބުނެ ޔޫލިއާގެ އަތް ތިލައިގައި ބޮސް ދިނެވެ.އެޔާއެކު ނޭނގިހުއްޓާ ޔޫލިއާގެ މޫނަށް ރަތްކުލަ ފާއްދާލިއެވެ.އެ މަންޒަރު ފެނި ފިރާތްގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ.”ތޭންކް ޔޫ ފޯރ ދަ ޑާންސް.މިއީ އަހަންނަށް ޓަކައި ވަރަށް ޙާއްސަ ކަމެއް”ފިރާތް ޔޫލިއާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުންޏެވެ.ޔޫލިއާ ބޯ ޖަހާލަމުން ދުރަށް ހިނގައިގަތީ އިތުރަށް އެތާ ފިރާތްގެ ކުރިމަތީގައި ހުންނަން ނުކެރުމުންނެވެ.ޔޫލިއާ ގޮސް ގެއްލެންދެން ފިރާތްގެ ތޫނު ނަޒަރު އޭނާއާއި ވަތްކެއް ނުވެއެވެ.އެ ވަގުތު އޭނާގެ ސިކުނޑިއަށް އައީ އަހަރުތަކެއް ވަންދެން އޭނާގެ ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ.ޔޫލިއާ އެ ރޭ ނޫނީ“އޭނާ”ގެ މަތިން ހަނދާން އެބަހުރި ބާވައެވެ؟
ޕާޓް 10
ނެށުމަށް ފަހު ގާލާ ނިމުމަކަށް އައިސް މެހެމާނުންތައް ހޯލް ދޫކޮށް ދާންފެށިއެވެ.ބައެއް މީހުން ގްރޫޕް ހަދާލައިގެން ހޯލްތެރެއިން ނުކުމެގެން ދިޔައިރު އެ މީހުންގެ ހުނުމާއި ވާހަކަ ދެއްކުމުގެ އަޑުތައް ފަޒާގެ ތެރެއަށް އޮބިގެން ދިޔައެވެ.ހޯލްގެ ދޮރު ކައިރީ ފިރާތް ހުއްޓިލައިގެން ހުރި އިރު އޭނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ބާކީ ތިބި ބައެއް މެހެމާނުންތަކާއި ވާހަކަ ދައްކަން ހުރި ޔޫލިއާއަށެވެ.މާ ދުރު ނޫން ހިސާބެއްގައި ނާއިލްގެ އާއިލާވެސް ތިއްބެވެ.އެތަނުން ތަނބަކަށް ލެނގިލައިގެން ނުވާޝް ހުރި އިރު އަޅައިގެން ހުރި ދިގު ޓައީ އޮތީ ތިރިއަށް އެލިފައެވެ.ސިނގިރޭޓެއް ރޯކޮށްގެން ހުރި އިރު އޭނާގެ މޫނުމަތީގައިވަނީ ކިނބުރުވެރި ހިނިތުންވުމެކެވެ.ކައިރީގައި ހުރި ނާއިލްގެ މޫނުމަތީގައިވަނީ ހަރުކަށިކަމުގެ ކުލަވަރެވެ.ނާއިލް ގާތުގައި ހުރި އާލިޔާ އަތުގައި އަޅާފައި އޮތް ޑައިމަންޑް ބްރޭސްލެޓް އާއި ކުޅެމުންދިޔަ އިރު މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ.”އޭނަ ހީކުރަނީ ކީކޭ ކަމަށްތަ؟އެއީ ކާކުތަ މަ ޔޫލިއާއާއި ވާހަކަ ދައްކަން ހުއްޓާ އެތާ ތެރެއަށް ފުންމާލާކަށް؟”ނުވާޝް އަލިފާނުގެ ނަޒަރަކުން ފިރާތްއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.ރުޅި އައިސްފައި ހުރުމުން އޭނާގެ އަޑު ނުކުތީވެސް ފުދޭ ވަރަކަށް ބާރަށެވެ.ހަމައެހެންމެ އެ އަޑު ފިރާތްގެ ކަންފަތާއި ހަމަޔަށް ވެސް ފޯރިއެވެ.”ހިތުން ތިމާ މީހާ އަކީ ވަރަށް މަތީ މީހެއް.އެކަމަކު އެ ގޮތައް އަހަރުމެން ދެ މީހުން ދޭތެރެއަށް ވަންނަން އޭނަ ހީކުރަނީ މިއީ އޭނަގެ ގެ ކަމަށްތަ؟”ނުވާޝް ނާއިލް ގާތުގައި ފިރާތް އާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔައެވެ.އެ ޖުމްލަތައް އިވިފައި ނާއިލްގެ ހިތްހަމަނުޖެހުމުގެ ނަޒަރު އެ މޫނަށް އަމާޒުވިއެވެ.”ޝަޓް އަޕް ނުވާޝް.އިނގޭތަ ފިރާތް އެއީ ކާކުކަން؟”ނާއިލްގެ ސުވާލު އިވިފައި ނުވާޝް ދެކޮނޑު އަރުވާލަމުން ނުލަފާ ޒާތަކަށް ހިނިތުންވެލިއެވެ.”ކޮންމެވެސް އެއް މާފިއާ ގޭންގަކާއި ގުޅުން ހުރި ޕާޓޭ އެއް.ވަކި ޙާއްސަ މީހެއް ނޫން އެއީ”ނުވާޝް ފަރުވާ ކުޑަ ރާގަކަށް ބުނުމާއެކު ނާއިލްއަށް ލޯ ހަނިކޮށްލެވުނެވެ.
“ކަލޯ ބުނަންތަ ވާހަކައެއް.ފިރާތް އަކީ ތިހާ ފަސޭހައިން ދަށްކޮށްލެވޭ ވަރުގެ މީހެއް ނޫން.ނުވާޝް އަށް ފިރާތްއަށް ކުރެވޭނެ ކަންތަކުގެ ދެބައި ކުޅަ އެއްބައި ވެސް އިނގޭނަމަ އޭނަ އާއި ބެހޭ ގޮތުން ތި ގޮތައް ވާހަކަ ދެއްކުމުގެ ކުރިން އެތައް ހާސް ފަހަރަކު ވިސްނާނެ”ނާއިލް މިހެން ބުނުމާއެކު ނުވާޝް ކަޅި މައްޗަށް ހިންގާލިއެވެ.”ދެން ދަރިފުޅަށްވެސް އިނގޭނެ ވިޔަފާރިއަށް މިހާރު ދިމާވެގެން އުޅޭ މައްސަލަތައް.އެކަންތައް ހައްލުކުރެވެން އޮތީ ފިރާތްގެ އެއްބާރުލުން ލިބިގެން.އެހެންވީމަ ރަނގަޅުވާނީ ދަރިފުޅު ފިރާތް ދެކެ ހިތްހަމަނުޖެހުނަސް ތިހާ ފާޅުކަންބޮޑު ގޮތެއްގައި އެކަން ހާމަނުކުރުން”ނާއިލް އިތުރުކޮށްލިއެވެ.އެވަގުތު ނުވާޝްއަށް ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާގެ ބައްޕަގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.އެއީ ފިރާތްއާއި ގުޅުން ހުރި ކަމެއް ނަމަވެސް އެކަމުގެ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.އޭ.އައި.އައި އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭން ފިރާތްގެ އެއްބާރުލުން ހޯދުމަށްޓަކައި ދޭން ޖެހޭނީ ހަމައެކަނި އަގެއް ނޫންހެއްޔެވެ؟އެއަށްފަހު ފިރާތް އާއި ބެހޭގޮތުން އޭނާ ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް އޭނާގެ ބައްޕަގެ އަތުން ލާރި ހޯދައިގެން ހުރެ ފިރާތްއަށް ރައްދެއް ދޭކަށް ނުކެރޭނެއެއް ނޫންހެއްޔެވެ؟ވީއިރު ބައްޕަ އެހާ ހާސްވާންވީ ސަބަބެއް ނުވާޝްއަކަށް ނުވިސްނުނެވެ.”އޯހް ކަމް އޯން.ކޮބާތަ މައްސަލައަކީ ޑޭޑް؟އޭނަ ހަމައެކަނި ކުންފުންޏަށް ދިމާވެފަ ހުރި މައްސަލަތައް ހައްލުކޮށްދޭނީއެއްނު.އެކަން ކުރިއެކޭ ކިޔާފަ އަހަރުމެން ޖެހޭތަ އޭނައަށް ކުރުނީސް ކޮށްގެން ތިބެން؟މީހަކަށް ލިބިފަ ހުރި….”ނުވާޝް!”ނާއިލްގެ ހަރުކަށި އަޑުން ގޮވާލުމާއެކު ނުވާޝްގެ އަނގަ ބަންްދުވިއެވެ.ދެން އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ދުރުގައި ނޯރާއާއި ވާހަކަ ދައްކަން ހުރި ޔޫލިއާއަށެވެ.”އެކަމަކު ޔޫލިއާ ވަރަށް ހޮޓް.އެހެރަ އެޓިޓިއުޑެއް ދޯ.އެއީ ހަމަ ސީދާ މަގޭ ޓައިޕް”ދަހިވެތި ނަޒަރަކުން ޔޫލިއާއަށް ބަލަހައްޓައިގެން ހުރެ ނުވާޝް ބުނުމާއެކު ނާއިލްގެ ރުޅިވެރި ނަޒަރު ނުވާޝްއަށް ހުއްޓުނެވެ.އެއަށްފަހު އޭނާ ދުރުގައި ހުރި ޔޫލިއާއަށް ބަލާލީ ފާޑަކަށެވެ.ޔޫލިއާ ފެނުމުން އެއީ ރަޝްފާގެ “ތަބަންނީ” ކުރެވިފައިވާ ދަރިކަން ނާއިލްއަށް ނަގައިގަނެވުނެވެ.އެއާއެކު އޭނާގެ މޫނުމައްޗަށް ފޫހިކަން ވެރިވިއެވެ.”ނުވާޝް އެ އަންހެނާއާއި ގާތްވާން ހިތައް ވެސް ނާރުވާތި.އެއީ “އެ” އާއިލާއަށް ނިސްބަތްވާ މީހެއް”ނާއިލް ނުވާޝްގެ އަތުގައި ބާރަކަށް ހިފަހައްޓަމުން ބުންޏެވެ.އެ ޖުމްލައިން ނުވާޝްއަށް ދެ ބުމަ ގާތްކޮށްލެވުނެވެ.
“ކޮން އާއިލާއެއް؟”ނުވާޝް އެއްސެވެ.ނާއިލް އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އާލިޔާ ވާހަކަދައްކަން ފެށިއެވެ.”އެކަމަކު…. ޔޫލިއާ އެއީ..އެއީ އެ މީހުން ތަބަންނީކޮށްފަ ހުރި …ކުއްޖެއްނު”އާލިޔާ ހާސްކަން އެކުލެވިގެންވީ ރާގަކަށް ބުންޏެވެ.ނާއިލްގެ ރުޅިވެރިކަން ދެކެ ޖެހިލުންވެ ހުރެ އާލިޔާއަށް ވާހަކަ ދެއްކުނީވެސް އަޅަ އަޅައި ގަންނަމުންނެވެ.އެ އަޑު އިވުމާއެކު ނާއިލް އޭނާގެ އަންހެނުންނަށް ބަލާލީ ފިނި ނަޒަރަކުންނެވެ.”ހުއްޓާލާ!އާލިޔާ”ނާއިލް އަމުރުކޮށްލިއެވެ.އެ ހަރުކަށި އަޑު އިވުމާއެކު އާލިޔާއަށް އިސް ތިރިކޮށްލަމުން ތުންފަތުގައި ދަތްއަޅާލެވުނެވެ.ނުވާޝް ކަމެއް ދިރާސާކުރަން އުޅޭ ފަދައިން އެ ދެ މީހުންނަށް ވަކި ވަކިން ބަލާލިއެވެ.އެ ވަގުތު އޭނާގެ ދެ ލޮލުގައި ވިދަމުންދިޔައީ ޝައްކުގެ ވިދުވަރެކެވެ.އެހެނެއްކަމަކު އެ މައުޟޫއާއި ގުޅޭގޮތުން އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.ނުވާޝް އޭނާ އާއި ގުޅުވައިގެން ދެއްކި ވާހަކަތައް ކަންފަތުން ކުނި ނެރެގެން ހުރި ފިރާތްއަށް އަޑު އިވުމާއެކު އޭނާގެ ދެ އަތް މުއްކެވިގެން ދިޔައެވެ.އައި ރުޅީގައި ގޮސް ނުވާޝްގެ މޫނުމައްޗަށް އެތި ފަހަރެއް ވީއްލާލަފާނަމޭ ހިތައް އެރިއެވެ.ނަމަވެސް ފިރާތް ފުންނޭވައެއް ދޫކޮށްލަމުން އެއީ ބޭކާރު ކަމެއްކަމުގައި އަމިއްލަ ހިތައް ވިސްނައިދިނެވެ.އޭނާއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުނުކުރެވޭ މީހުންނާއި ވާދަކުރުމަކީ އޭނާގެ ގޮތެއް ނޫނެވެ.ނާއިލްގެ ދަރިއަކަސް ނުވާޝްއަކީ އޭނާ އާއި އެއްވެސް ގޮތަކުން ވާދަކުރުން ހައްޤުވެެގެންވާ މީހެއް ނޫނެވެ.
ނޯރާ ޔޫލިއާ ގާތައް ދިއުމުން ރޭހާން ހިނގައިގަތީ ފިރާތް ހުރި ދިމާލަށެވެ.”ސޯ….ވަރަށް ރީތި ހުށަހެޅުމެއް މި ފެނުނީ.މަށަށް އޮޅުންފިލުވާލަދީފާނަންތަ ފިރޫ އާއި ޔޫލިއާ އާއި ދެމެދު އޮތް ގުޅުމެއްް؟”ރޭހާން ފިރާތް ކައިރީ ހުއްޓިލަމުން އޭނާގެ އުޅަނބޮށިން ފިރާތްގެ އަތުގެ މުލައްދަނޑީގައި ޖެހިލަމުން ދިމާކޮށްލިއެވެ.އެއާއެކު ފިރާތް ރޭހާންއަށް ލޯ އަޅާލިއެވެ.ނަމަވެސް އޭނާގެ އެ ހަރަކާތުން ރޭހާންއަކަށް އަސަރެއް ނުކުރިއެވެ.”ޑޯންޓް ގިވް މީ ދެޓް ގްލެއަރ.ހީކުރީ ތި ދެ މީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ގޮތް އެއްްވެސް މީހަކަށް ފާހަގަ ނުވާ ކަމަށްތަ.އެ ފަނޑު އަލީގެ ތެރެއިން ދެ މީހުން ފެންނަން ތިބި ގޮތް ވަރަށް ލޯބި.އަހަންނަށް ކަންކަން ރަނގަޅަށް ނޭނގޭނަމަ ޔަޤީނުންވެސް ބުނާނީ ދެ މީހުން ދޭތެރޭގަ ކޮންމެވެސް ކަމެއް އެބަ އޮތޭ.ޕިސް މަގޭ ވެސް މޮޔަކަމުންނޭ އެ ގަޑީ ތި ދެ މީހުންގެ ފޮޓޯއެެއް ނަގަން ހަދާނަށް ނައީ.އޭރުން އެ ވާނީ ފޮޓޯ އޮފް ދި އިޔަރ އަށް”ރޭހާން ލާނެތް ހިނިތުންވުމަކާއެކު ފިރާތް އާއި ދިމާކުރަމުން ދިޔައެވެ.”ޖެލަސް ރެއިން؟”ފިރާތް ނުލަފާ ހިނިތުންވުމަކާއެކު ބުންޏެވެ.”ނޫން.އެކަމަކު އަހަރެން ހިޔެއްް ނުކުރަން ފިރޫ އެގޮތައް އަންހެނަކާއެކު ފެންނާނެ ކަމަށް.އެ ވެސް ޕަބްލިކް ގަ”ރޭހާން މޭ މަތީ ދެ އަތް ހުރަސްކޮށްލަމުން ބުންޏެވެ.”ދެން ކޮންމެ ކަމަކަށް ވެސް ފުރަތަމަ ފަހަރެއް އޮވެއެއްނު”ފިރާތް ދުރު ބަލާލަމުން ބުންޏެވެ.”ހޫމް ތެދެއް.އެކަމަކު އަހަންނަކަށް ހިޔެއް ނުވޭ ދެން ތިބި މީހުންނަށް އެކަން ވިސްނޭނެހެން.ނޯރާވެސް ހާދަ ވަރަކަށް ދިމާ ކުރިޔޭ ތި ދެ މީހުންނާއި.އިނގޭ ދޯ ޔޫލިއާގެ ބެސްޓް ފްރެންޑް”ރޭހާން ދުރުގައި ޔޫލިއާ އާއި ވާހަކަ ދައްކަން ހުރި ނޯރާ ފިރާތްއަށްް ދައްކާލަމުން ބުންޏެވެ.އެއާއެކު ފިރާތްގެ ނަޒަރު އަނެއްކާވެސް ގޮސް ނޯރާގެ ގާތުގައި ހުރި ޔޫލިއާއަށް ހުއްޓުނެވެ.ރޭހާންއަށް ނޭނގުނަސް އޭނާއަށް ހުރީ މީގެ އަހަރުތަކެއް ކުރިން އެ ދެ މީހުންނާއި ވެސް ބައްދަލުވެފައެވެ.މިއަދު އޭނާއަށް އެއީ ކޮން ބައެއްކަން ފާހަގަ ކުރަން އެނގުނަސް ޔޫލިއާމެންނައް އޭނާއަކީ ކާކުކަން އިނގޭ ކަމާމެދު ޝައްްކެވެ.އެ ރޭ މާސްކުގެ ނިވަލުގައި ހުރެ ޔޫލިއާއާއި އެއްކޮށް ނެށި ޒުވާނާއަކީ އޭނާކަން ޔޫލިއާއަށް މިރޭގެ ހަރަކާތްތަކުން ދޭހަވި ބާވައޭ ފިރާތް ހިތައް އެރިއެވެ.ނޫނީ އެ ރޭގެ ހަދާންތައްް ޔޫލިއާގެ ހިތުން ފޮހެވި ދިޔައީ ބާވައެވެ.”އާނ.މަގޭ ވާހަކަ ދައްކާއިރު،މަށައް ވެސް ފެނުނޭ ރެއިން ނޯރާ އާއި އެއްކޮށް ނެށި ތަން.ކަމެއްތަ؟”ފިރާތް ވެސް ދިމާކުރަން ފެށިއެވެ.”ހެހެ ނޫން.އަހަރެން ބުނާނީ ނޯރާ އާއި އަހަންނަކީ…ކަޕްލްއެކޭ”ފިރާތް ރޭހާންގެ ޖުމްލަ މެދުކަނޑާލަމުން ލާނެއް ހިނިތުންވުމަކާއެކު ބުންޏެވެ.
ހޯލްތެރެ ހުސްވާން ގާތްވުމާއެކު ޔޫލިއާ އާއި ނޯރާވެސް އެތަނުން ނުކުތުމަށް ޓަކައި ދޮރާއި ދިމާލަށް ދާން ފެށިއެވެ.”ހީވަނީ ނެށި އިރު ޔޫލީ އާއި ފިރާތް ތިބީ ވަރަށް ހަމަޖެހިފަހެން.އައި ހޭވް ނެވަރ ސީން ޔޫ ޑާންސް ލައިކް ދެޓް ސިންސް…ސިންސް ވެން”؟ޔޫލިއާ ނޯރާގެ ޖުމްލަ މެދުކަނޑާލަމުން އެއްސެވެ.”ޔޫލީގެ ފިފްޓީންތް ބީ ޑޭ މަތިން ހަދާން އެބަހުރިތަ؟އަހަރެން އެބަ ވޭ އެ ރޭ ޔޫލީ ކޮންމެވެސް ކުއްޖަކާ އެއްކޮށް ނެށި ހަދާން.އޭނަ ދިނެއްނު ޔޫލީއަށް ރޯސްއެއްވެސް.މިރޭ ޔޫލީ ފިރާތް އާއި އެއްކޮށް ނެށި މަންޒަރު ފެނުނީމަ އަހަންނަށް ހީވީ ޓައިމް ޓްރެވަލް ކޮށްފަ ޕާސްޓް އަށް ދެވުނު ހެން.ހަމަ އަސްލުވެސް ހީވީ މާޒީގަ ޔޫލީއާއި އެ ޒުވާނާ ނެށިތަން ކުރިމަތިން ފެނުނު ހެން”ނޯރާ ސީރިއަސް ރާގަކަށް ބުންޏެވެ.އެ ބަސްްތަކުން ޔޫލިއާގެ ސިކުނޑީގައި ކޮށްޓާލީ ކުރީގެ ހަދާނެކެވެ.އޭނާގެ ފަނަރަ ވަނަ އުފަންދުވަހަކީ ރަޝްފާ އެ ދުވަސްކޮޅު ޔޫލިއާގެ ހާލަތު ހުރިގޮތުން އޭނާގެ ހިތް އުފާކޮށްދިނުމަށް ޓަކައި ބޭއްްވި ސަޕްރައިޒް ޕާޓީއެކެވެ.ނަމަވެސް ރަޝްފާމެން ހީކުރި ގޮތާއި ޙިލާފަށް އެ އަގުބޮޑު ޕާޓީއާއި މުއްސަނދި މަހުޖަނުންގެ ފަރާތުން ލިބުނު އަގުހުރި ހަދިޔާތަކުން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.އެހެންކަމުން އެ ރޭގެ ބޮޑުބައި އޭނާ ހޭދަކުރީ ފޫހިކަން މަތީގައެވެ.ނަމަވެސް އޭނާ ދުއްވަމުން ދިޔަ ފޫހިކަމުގެ އޮޑީގެ ހުންގާނުގެ މިސްރާބު ބަދަލުކޮށްދިނީ އެ ރޭ އޭނާ އާއި އެއްކޮށް ނެށި އެ ގޮތްނޭގޭ ޒުވާނާއެވެ.އޭނާގެ މާސްކުގެ ނިވަލުގައި ފަރުދާވެފައި ހުރި މޫނު ނުފެނުނަސް އެ އަޅި ކުލައިގެ ދެ ލޯ މަތިން ޔޫލިއާ ދުވަހަކުވެސް ހަދާނެއްް ނުނެތޭނެއެވެ.އެ ރޭ އެ ޒުވާނާގެ ފަރާތުން ލިބުނު ހަދިޔާއަކީ އެ ރޭ އޭނާއަށް ލިބުނު އެތައްް ބައިވަރު ހަދިޔާތަކުގެ ތެރެއިން އެންމެ އަގުބޮޑު ހަދިޔާއެވެ.އެ ރޭ އެ ޒުވާނާ އޭނާގެ އަތުގައި ހިފާލުމުން ކުރެވުނު ރައްކާތެރިކަމުގެ އީހުސާސަކީ ދެވަނަ އެހެން ފަރާތަކާއެކު އޭނާއަށް ނުކުރެވުނު އިޙުސާސެކެވެ.ހަމައެހެންމެ އެ ރޭ ދުވަހަކުވެސް ފިރިހެނަކު ގާތްވުމުން ހިތައް ނުވާ ގޮތްތަކެއް އޭނާގެ ޅަ ހިތައް ވެގެން ދިޔައެވެ.ނަމަވެސް ދެރައީ އެ ޒުވާނާ އެއީ ކާކުކަން އޭނާއަށް ނޭނގުމުންނެވެ.ފޯނު ނަންބަރެއް ކީއްކުރަން ކުޑަމިނުން ޒުވާނާގެ ނަމެއްވެސް އޭނާއަކަށް ނޭނގެއެވެ.އެހެން ހިތައް އެރުމާއެކު ޔޫލިއާގެ ހިތައް މޮޅިވެރިކަން ވެރިވިއެވެ.”ދެން ދުވަހަކުވެސް އަހަންނަށް ތިބާ ފެންނާނެ ބާ؟”އެއީ އަހަރުތަކެއްް ވާންދެން ޔޫލިއާގެ ހިތު ތެރޭގައި ދައުރުވަމުންދާ ސުވާލެކެވެ.
“ޔޫލީ.ކޮން ޙިޔާލެއްގަ؟”ނޯރާ ޔޫލިއާގެ މޫނުމަތީގައި އަތް ހޫރާލަމުން ބުނުމާއެކު ޔޫލިއާއަށް ހަމަބިމަށް އާދެވުނެވެ.އެއިރު އެ މީހުންނަށް ތިބީ ހޯލްގެ ދޮރާއި ހަމަޔަށް އާދެވިފައެވެ.އެއިރު ދޮރުން ބޭރުން ކުރިމަތިން ފެންނަން އޮތް ރަތް ދޫލަ މަތީގައި ފިރާތްމެން ތިއްބެވެ.”ނުކުރަން ޙިޔާލެއް”ޔޫލިއާ އެއްވެސް އަސަރެއް ނެތް ފާޑަކަށް ބުންޏެވެ.”ދެން ކީއްވެ އެއްޗެކޭ ނުބުނީ.ފިރާތްގެ ޙިޔާލުގަ ދޯ.އަސްލުވެސް އަހަންނަށް ފެނުނު އިރު ތި ދެ މީހުން ތިބި ގޮތުން ހީވީ ހޯލްގެ މެދުގައި އަމިއްލަ ވަގުތުކޮޅެއް ހޭދަކުރަން ތިބިހެން”ނޯރާ އަނެއްކާވެސް ދިމާކުރަން ފެށިއެވެ.”އެހެންތަ.އަހަންނަށް ނޯރީމެން ފެނުނު އިރު ހީވީ ނޯރީއަށް ރޭހާންއިން ނަޒަރު ވަކިކޮށްލަން ނޭނގިފަ ހުރިހެން”ޔޫލިއާ ދިމާކޮއްލުމާއެކު ނޯރާގެ ކޯތާފަތް ރަތްވިއެވެ.”ޕިސް.ދެޓްސް ރިޑިކިއުލަސް”ނޯރާ ބުންޏެވެ.”އެހެންތަ.އެކަމަކު ދެ މީހުން ނަށަން ތިބި އިރު ނޯރީގެ މޫނުމަތީގެ ވިދުން ހާދަ ގަދަހެން ހީވިޔޭ”ޔޫލިއާ ބުންޏެވެ.އެއަށްފަހު ދެ މީހުން ރަތް ދޫލަ މަތިން ލާފައި ގޮސް ފިރާތްމެންނާއި އަރާ ހަމަކުރިއެވެ.”ރޭހާން”ޔޫލިއާ ގޮވާލުމާއެކު ރޭހާން އާއި ފިރާތްއަށް އެއްފަހަރަކާ ޔޫލިއާއަށް ބަލާލެވުނެވެ.”ނޯރާ އެބަ ކިޔާ ރޭހާން ވަރަށް ރީއްޗޭ މިރޭ”ޔޫލިއާ ކައިރީ ހުރި ނޯރާއަށް ވަށްކަޅިން ބަލާލަމުން ލާނެއް ހިނިތުންވުމަކާއެކު ބުންޏެވެ.އެއާއެކު ނޯރާގެ އަތުގެ ހަމަލާއެއް ޔޫލިއާގެ ބުރަކަށްޓައް އަރައިގެން ދިޔައެވެ.”އެހެންތަ.އެއީ ތެދެއްތަ ނޯރާ؟”ރޭހާން ޔޫލިއާއަށް ލޯ އަޅައިގެން ހުރި ނޯރާއަށް ބަލާލަމުން އެެއްސެވެ.”ޔަޤީނެއްނު.މަ ވެސް ދުށީމޭ ތި ދެމީހުން ނެށި އިރު ތިބި ގޮތް.ސާދަ ވިލޭރޭގެ ހަނދުގެ ވިދުންވެސް ތި ދެ މީހުންގެ މޫނުތަކުގެ ވިދުމާއި އަޅާ ބަލާއިރު ފަނޑުވާނެ.ދެ މީހުން ވަރަށް ގުޅޭހެން އަހަންނަށް ހީވަނީ”ފުރުސަތުގެ ބޭނުން ހިފައި ފިރާތްވެސް ރޭހާން އާއި ދިމާކޮށްލިއެވެ.”މިހިރަ ޔޫލީއަކީ ވެސް ދިމާކުރަން ދަންނަ އަންހެނެކޭ.ފިރާތް ހަސަން ވެސް ދޯ”ނޯރާ ފިރާތް އާއި ސަލާން ކޮށްލަމުން ބުންޏެވެ.”ގުޅޭ ދެ މީހުން ވީމަ އެހެންތާ ވާނީ”ފިރާތް ވަށްކަޅިން ޔޫލިއާއަށް ބަލާލަމުން އާދައިގެ ގޮތަކަށް ބުންޏެވެ.ފިރާތްގެ ދުލުން އެ ޖުމްލަ އިވުމާއެކު ޔޫލިއާ ގެ ހިތައް ގޮތެއް ވެގެން ދިޔައެވެ.ހަމަ އެހެންމެ އޭނާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ.ފިރާތްގެ ޖުމްލަ އިވުމާއެކު ނޯރާ ލާނެއް ހިނިތުންވުމަކާއެކު ދެން ތިބި ދެމީހުންނަށް ނުފެންނާނެހެން ޔޫލިއާއަށް ބަލާލަމުން އެއްލޯ މަރާލިއެވެ.ނޯރާގެ އެ ހަރަކާތުގެ މާނަ ދޭހަވުމާއެކު ޔޫލިއާ ބެލީ ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް ދަތުރުކުރުމުގެ ކުރިން އަވަހަށް އެ ތަނުން ދެވޭތޯއެވެ.”އެހެމް.ދެން ހިނގާ ދަމާ.ވަރަށް ލަސްވެއްްޖެ މިހާރު.ގޫޑް ނައިޓް ދެ މީހުންނަށްވެސް”ޔޫލިއާ ކަރުކެހިލަމުން ބުނެ ނޯރާގެ އަތުގައި ހިފައިގެން އެ މީހުން އައި ރޯލްސް ރޯއިސް އާއި ދިމާލަށް ދާން ހިނގައިގަތެވެ.”އާނ ދޯ.ނޯރާ ކުރި ތަޢުރީފައް ވަރަށް ބޮޑައް ޝުކުރިއްޔާ”ރޭހާން އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ބުނެ ފިރާތްއާއި ދެމީހުންވެސް ދާން ހިނގައިގަތެވެ.ރޭހާންގެ އަޑު އިވުމާއެކު ނޯރާ ފަހަތް ބަލާލިއެވެ.އެ ވަގުތު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.”ގޫޑްނައިޓް”ރޭހާން ނޯރާއަށް އިވޭ ވަރަށް ބުނެ އެއްލޯ މަރާލުމުން ނޯރާއަށް ލަދުން އިސްތިރި ކޮށްލެވުނެވެ.އެ މަންޒަރު ފެނި ރޭހާންއަށް ހިނިތުންވެވުނެވެ.”ގޫޑްނައިޓް”ނޯރާގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ.އެއަށްފަހު ޔޫލިއާގެ ފަހަތުން އޭނާ ގޮސް ކާރަށް އެރިއެވެ.އެއިރު ރޭހާން އާއި ފިރާތް އައި މޭބެކްވެސް އެ ދެމީހުން އެރުމާއެކު ދުއްވާލެވެ.”ގޫޑްނައިޓް.ކުރިއަށް އޮތް އަހަރުމެންގެ މީޓިންގް މަތިން ހަދާން ނައްތާނުލައްޗޭ.މާދަން އަންނަންވީ ތަނާއި ގަޑި މެސެޖު ކުރާނަން”ޔޫލިއާގެ އަތުގައި އޮތް ފޯނަށް އައި ފިރާތްގެ މެސެޖު ކިޔާލުމާއެކު އޭނާގެ ތުންފަތްމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.”ގޫޑް ލަކް ވިތް ދެޓް މީޓިންގް”ނޯރާ އެއް ލޯ މަރާލަމުން ޔޫލިއާއަށް ބުނުމާއެކު ޔޫލިއާ ތެޅިގަނެފައި ފޯނު ނިއްވާލިއެވެ.”ޕިސް ޕިސް.ސްޓޯކަރ”ޔޫލިއާ ތުން އަނބުރައިލަމުން ބުނުމާއެކު ނޯރާ ހެމުން ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލިއެވެ.
****
ގަނޑުވަރެއްފަދަ ބޮޑު ގެޔެކެވެ.ކަޅުކުލައިގެ ގޭޓެއް ލާފައިވާ އިރު ގޭޓު ކައިރީ ރަން އަކުރުން “އަސްލަމް ވިލާ”ކަނޑާ ނެގިފައި އޮތް ބޯޑެއް ހަރުކުރެވިފައި ވެއެވެ.ގޭގެ ގޭޓުން ވަދެވޭ އިރު އެއްފަރާތެއްގައި ބޮޑު ފަތާ ފެންގަނޑެއް އޮތް އިރު ފެންގަނޑު ކައިރީ ހުދު ކުލައިގެ ބީޗް ޗެއާސްތަކެއް ބެހެއްޓިފައި ހުއްޓެވެ.އޭގެ އަނެއްފަރާތު ކައިރީގައިވަނީ އިށީނދެވޭ ގޮތައް ކަޅު ކުލައިގެ ގަޒެބޯ އަކާއި އައުޓް ޑޯރ ޑައިނިންގް ޓޭބަލްއެކެވެ.އެއާއި ދިހަ ވަރަކަށް ފޫޓު ދުރުގައި ހުރީ ތިން ބުރީގެ ބޮޑު ގެއެކެވެ.ބޭރުގައި ކަޅާއި ހުދުކުލަ ލެވިފައި ވާ އިރު ނުހަނު ޝާހީކަމަށް ދައްކައެވެ.އިރުކޮޅެއް ފަހުން ގޭގެ ގޭޓު ތެރެއިން ވަދެގެން އައި ކަޅު ކުލައިގެ ކާރު ގޯތި ތެރެއަށް މަޑުކޮށްލުމާއެކު އެތެރޭގައި ތިބި ނާއިލްގެ އާއިލާ ފޭބިއެވެ.އާލިޔާ ލައިގެން ހުރި ކެހެރި ކޯޓުގައި ބާރަށް ހިފަހައްޓައިގެން ހުރެ އެތެރެއަށް ވަންނަން ހިނގައިގަތް އިރު ފަހަތުން ނުވާޝްވެސް އަނގަމަތީ އަތް އަޅައިގެން ހުރެ އާފުރަމުން ދިޔައެވެ.ގޭގެ ބޮޑު ދޮރުން އެތެރެވުމާއެކު ނުވާޝް އާއި އާލިޔާ ގޮސް އެ މީހުންގެ ކޮޓަރިތަކަށް ވަނެވެ.އެޔާއި ޙިލާފަށް ނާއިލް ކޮޓަރިއަށް ދިއުމުގެ ޙިޔާލެއް ނުކުރިއެވެ.ލިވިންގް ރޫމް ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައިރު މިރޭގެ ނިދި ވަނީ އޭނާއާއި އެތައް ހާސް މޭލެއް ދުރުގައެވެ.ނާއިލްގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު އޭނާއަށް ވިސްނެމުންދިޔައީ ފިރާތް ކުރި އާދަޔާޙިލާފް ޝަރުތާއި މެދުގައެވެ.ވިޓާކޯ އަކީ ފިރާތްގެ ދާއިރާ އާއި ގުޅުން ހުރި ކުންފުންޏެއްވެސް ނޫނެވެ.ހަމަ ސިކުނޑިއަކުން ވިސްނާލައިފި މީހަކަށް ހަޤީގަތުގައި އެ ކުންފުނިން ނާއިލްގެ އެމްޕަޔަރައް ފައިދާތަކެއް ވިއެއް ކަމަކު ފިރާތްއައް މާ ބޮޑު ފައިދާއެއް ނުކުރާނެކަން ދެނެގަނެވޭނެއެވެ.ފަހަރެއްގައި ހިސާބައް ވުރެ ދަހި ވީ ކަމަށްވެސް ވެދާނެއެވެ.ފިރާތް މެސެޖުގެ ޒަރީޢާއިން ބުނެފައި އޮތީ މާދަން ހެނދުނު އިރު އެރުމުގެ ކުރިން އެ މައްސަލަތައް ހައްލު ކޮށްދޭނެ ކަމަށެވެ.އެހެންކަމުން ނާއިލް ވީ އެންމެ އަވަހަކަށް އެ ކުންފުނި އޭނާގެ ނަންމައްޗަށް ބަދަލުކޮށްދިނުމަށެވެ.ޢާއްމު ގޮތެއްގައި މީހެއްގެ ނަންމައްޗަށް ކުންފުންޏެއްް ބަދަލުކުރުމަކީ ފުދޭވަރެއްގެ ދިގު މަރުޙަލާތަކެއް ކަޑައްތު ކުރަން ޖެހޭ ކަމަކަށް ވިޔަސް ނާއިލް ކަހަލަ ނުފޫޒު ގަދަ މީހަކަށް އެއީ ފެން ފޮދެއް ދިރުވާލުންހާ ފަސޭހަ ކަމެކެވެ.ނަމަވެސް މިފަހަރު އެކަން ކުރުމުގައި އޭނާއަށް މި ވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.އެއީ އެ ކުންފުންޏަކީ އޭނާއަށް ނުހަނު މުހިއްމު މުދަލަކަށް ވާތީއެވެ.އިރުކޮޅެއް އެ ގޮތުގައި ހޭދަކުރުމަށްފަހު ނާއިލް ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލިއެވެ.
****
މާލޭގެ މާފަންނު ސަރަހައްދުގައި ހުރި އެޕާޓްމެންޓެއްގައި ޝަހާން އޮތީ ނިދާފައެވެ.ނައިޓްސްޓޭންޑް މަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ ކަންނެތް ގޮތަކަށް ލޯ ހުޅުވާލަމުން ފޯނަށް ޖަވާބު ދިނީ ނިދި ބުރާންތި ވެފައި ހުރެ ކާކުތޯ ވެސް ނުބަލައެވެ.”ހަލޯ؟”ޝަހާން ނިދި އަޑަކުން ބުންޏެވެ.”ޝަހާން!”ނާއިލްގެ އަޑު ހޮނު ގުގުރިއެއްގެ ސިފައިގައި ޝަހާންގެ ކަންފަތުގައި ޖެހުމާއެކު އޭނާ އެނދުމައްޗަށް ކޮޅަށް ޖެހުނެވެ.”މިސްޓަރ އަސްލަމް.ކަމެއް ގޯސްވީތަ؟ސަރ އޯކޭތޯ؟”ނާއިލް އެހާ ނުގަޑިއެއްގައި ގުޅުމުން ޝަހާން ހުރީ ހާސްވެފައެވެ.”ވީ އެންމެ އަވަހަކަށް ތައްޔާރުވެގެން އަސްލަމް ވިލާ އަށް އާދޭ.އަވަސް!”ނާއިލް އަމުރުކޮށްލަމުން ޝަހާންއަށް އިތުުރު އެއްްޗެއް ބުނާނެ ފުރުސަތެއް ނުދީ ނާއިލް ފޯނު ކަނޑާލިއެވެ.ޝަހާންއަށް ގަޑިން 1:47 ހިނގާފައި ހުރި ތަން ފެނި ކުދި ކިޔަމުން އެނދުން ފައިބައިގެން ގޮސް ތައްޔާރުވާން ފެށިއެވެ.
ޝަހާންއަށް އޭނާގެ ކާރު ފުލް ސްޕީޑްގައި ދުއްވާފައި އައިސް އަސްލަމް ވިލާއަށް ވަދެވުނު އިރު ގަޑިން 2:00 ޖަހައި ބޮޑުވެއްޖެއެވެ.ޝަހާން މި ވަގުތު ހުރި ގޮތް ފެނިއްްޖެ މީހަކު ހީހީ ހަލާކުވާނެކަން ޔަޤީނެވެ.އަވަސްކުރަން ހަދައިގެން އޭނާގެ އިސްތަށިގަނޑު އޮތީ އެ ގޮތް މި ގޮތަށެވެ.ދެ ފަޔަށް ލައްވައިގެން ހުރީ ދެ ކުލައިގެ ދެ އިސްޓާކީނެވެ.އަޅައިގެން ހުރި ޓައީ އޮތީ ދިގުކަމުން ގޮސް ތިރިއަށް އެލިފައެވެ.ޝަހާން ގޯތިތެރެ ހުރަސްކޮށް އެތެރެއަށް ވަނުމާއެކު ނޯކަރަކު އޭނާ ގޮވައިގެން ގޮސް ނާއިލްގެ ސްޓަޑީއަށް ވެއްދިއެވެ.އެއިރު އެތާ ހުރި އޯކް ޑެސްކުގެ ބިއްދޮށުގައި ނާއިލް އިން އިރު އޭނާގެ މޫނުމަތީގައިވީ ޝުޢޫރުތައް ދެނެގަންނަން އުދަނގުލެވެ.”ސަރ.ހުރިހާ ކަމެއްވެސް ރަނގަޅުތަ؟ކޮން ކަމެއް މާ އާޖެންޓްވެގެން މި އުޅެނީ؟”ޝަހާން ފުން ނޭވާތަކެއް ލަމުން ބުންޏެވެ.އެޔާއެކު ނާއިލްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.”އާދޭ ޝަހާން.އިށީނދޭ”ނާއިލް ބުންޏެވެ.”ފިރާތް.އަހަންނަށް ވެދޭ އެހީތެރިކަމުގެ ބަދަލުގައި އޭނަ ބޭނުންވަނީ ވިޓާކޯ”ނާއިލް މިހެން ބުނުމާއެކު ޝަހާންގެ ނިދި މުޅިން ފިލައިދިޔައެވެ.”ވިޓާކޯ އިންޑަސްޓްރީޒް؟އެ ބޭސްއުފައްދާ ކުންފުނިތަ؟އެކަމަކު އެއިން ފިރާތްއަށް ކުރާނީ ކޮން ފައިދާއެއް؟”ނާއިލްގެ ހިތުގައި އުފެދުނު ސުވާލު ޝަހާންގެ ހިތުގައި ވެސް އުފެދުނެވެ.”ތިއީ އަހަންނަށްވެސް ނޭނގިގެން އުޅޭ ސަބަބަކީ.އެ ކުންފުންޏަކީ ހަޤީގަތުގައި އޭ.އައި.އައި ގެ ދަށުން ހިންގިޔަސް އަހަރެންގެ ނަން މަތީގައި އޮތް އެއްޗެއް ވެސް ނޫން”ނާއިލް ބުނި އިރު އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފާޅުވާން ހުއްޓެވެ.”ވިއްކާލަން ކަމަށް ވެދާނެއެއްނު.އެ ކުންފުނި އިންނަނީ ސަރ ގެ….ހުއްޓާލާ!”ނާއިލްގެ އަޑައް ޝަހާން ދިޔައީ އެއްލިގެންނެވެ.ނާއިލްގެ ރުޅިވެރި ނަޒަރާއި ދެލޯ ދިމާވުމުން އޭނާއަށް ހިންދިރުވާލެވުނެވެ.އެއަށްފަހު ބުނެވެން އުޅުނީ ކީކޭކަން ރޭކާލުމާއެކު ޝަހާން އަވަސް އަވަހަށް މަޢާފަށް އެދުނެވެ.”އަހަރެން މިކަމާ ކުރިމަތިލާނަން.ޝަހާން ހުންނަންވާނީ ދެ ލޮލާއި ދެ ކަންފަތް ރަނގަޅަށް ހުޅުވާލައިގެން.މިރެއަށްފަހު ފިރާތްގެ އަހަރެން ބޭނުން ފިރާތްގެ ކޮންމެ ހަރަކާތެއް އިނގެން”ނާއިލް ބުންޏެވެ.”މައްސަލައެއް ނެތް ސަރ.އެކަމަކު ސަރ ހުޝިޔާރުވެގެން ހުންނައްޗޭ.ފިރާތް އެއީ އެހާ ފަސޭހައިން މީހުންނަށް މަޢާފްކުރާ ކަހަަލަ މީހެއް ނޫން”ޝަހާންގެ ޖުމްލަ އިވުމާއެކު ނާއިލް އެއްވެސް އަސަރެއް ނެތް ގޮތަކަށް ހިނިތުންވެލިއެވެ.”އަހަންނަކީވެސް އެހާ ފަސޭހައިން މަޢާފްކުރާނެ މީހެއް ނޫން”ނާއިލް ބުންޏެވެ.
ޝަހާން ސްޓަޑީ ރޫމް ދޫކޮށް ދިއުމާއެކު ނާއިލް ގޮނޑީގައި ހަމަޖެހިލަމުން މޭޒުމަތީގައި އޮތް ކަޅު ކުލައިގެ ފައިލައް ނަޒަރު ހުއްޓާލިއެވެ.ފައިލުގެ ބޭރުގައި“(އޭ.އައި.އައި)ވިޓާކޯ އިންޑަސްޓްރީޒް”މިހެން ލިޔެވިފައި އޮތެވެ.އެ ނަން ފެނުމާއެކު ނާއިލްއަށް މާޒީގެ ހަދާންތަކުގެ ތެރެއަށް ފީނައިގަނެވުނެވެ.ވިޓާކޯ މި ނަން އޭނާގެ ޙިޔާލުތަކުގައި އެނބުރެންފެށީ މާޒީގެ ރޫޙެއްގެ ސިފައިގައެވެ.އެއީ އޭނާ ފަސްއަޅާ ފޮރުވަން މަސައްކަތް ކުރި މާޒީގެ ސަންދޯކުގެ ތެރޭގައި ކަފުންކޮށް ނިންދަވާފައި އޮތް ރޫޙެކެވެ.
****
ޖެހިގެން އައި ދުވަހެވެ.އިރުއޮއްސެމުން ދިޔައިރު ހުޅުމާލޭގެ މަގުތައް އޮތީ ފަނޑު ރަން އައްޔަކުން ދިއްލިފައެވެ.ބުރަ ދުވަހަކަށްފަހު ހޮޓެލްގެ ރޫފްޓޮޕްގައި ޔޫލިއާ އާއި ނޯރާ ތިބީ ހަވީރުގެ ސަޔަށް އިންސާފުކުރާށެވެ.އެ މީހުން އިށީނދެ ތިބި މޭޒުކައިރީ އޮތް ފަތާފެންގަނޑައް އިރުގެ އަލި އެޅިފައިވާ އިރު އެއްވެސް ހުރަހެއް ނެތި ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން މާހައުލުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ.މޭޒުމަތީގައި ދެ ތަށި ކޮފީ ހުރި އިރު ޔޫލިއާ ޢާއްމުކޮށް ކައި އުޅޭ ޗިކަން ސޭންޑްވިޗާއި ނޯރާއަށް އެންމެ ކަމުދާ ބަޓަރ ކްރޮއިސެންޓްސް ވެސް ހުއްޓެވެ.ރަތް ކުލައިގެ ސޫޓެއްގައި އިން އިރު ޔޫލިއާ މިއަދު ވަކިން ރީތިހެން ހީވެއެވެ.މިނިވަންކަމާއެކު ދޫކޮށްލެވިފައި އޮތް އޭނާގެ ބްލޯންޑް ކުލައިގެ އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައިރު އޮއްސެން ތައްޔާރުވަމުން ދިޔަ އިރުގެ އަލި އެ ދޮން މޫނަށް އެޅިފައި ވާ ގޮތުން އޭނާގެ ރީތި މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަހަލައެވެ.ޔޫލިއާ އާއި ޙިލާފައް ނޯރާ ލައިގެން އިނީ މަޑު ނޫކުލައިގެ ކަކުލާއި ހަމަޔަށް ހުރި ބިޑި ހެދުމެކެވެ.ކަޅުކަންގަދަ އިސްތަށިގަނޑު ވަނީ ޕޯނީޓެއިލްއެއް ގޮތައް ފަހަތައް އައްސައި ދޫކޮށްލާފައެވެ.”ސޯ.ރޭގެ ގާލާ…”މާހައުލަށް ވެރިވެފައިވީ ހިމޭންކަން ފޫއަޅުވާލަމުން ނޯރާ ވާހަަކަ ދެއްކިއެވެ.”ސީރިއަސްކޮށް ޔޫލީ.ވަރަށް ރީތި ރޭ ތި ދެ މީހުންގެ ޑާންސް.މަގޭ އަތުގަ އެބަހުރި ވީޑިއޯވެސް.ފޮނުވަންތަ؟”ނޯރާ ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ.އެއާއެކު ޔޫލިއާގެ ލޯ މައްޗަށް ރޭ ގާލާ ތެރެއިން ދެ މީހުން ދިމާވެ ފިރާތް އާއި އެކު“ހޭދަކުރެވުނު”ވަގުތުތައް ފިލްމެއްގެ މަންޒަރުތަކެއްހެން ފެންނަން ފެށިއެވެ.ނުވާޝް އޭނާއާއި ގާތްވާން އުޅުމުން ފިރާތް އެ ދެމެދައް ވަދެ އެކަން ހުއްޓުވި ގޮތެވެ.ފިރާތްގެ ހިއްތައް ކަތިލާ ފަދަ ތޫނު ނަޒަރެވެ.އެ ފިރިހެންވަންތަ ހިނިތުންވުމެވެ.ދެ މީހުން އެއްކޮއް އެއްހަމައެއްގައި ނެށި ގޮތެވެ.ޤަބޫލުކުރަން ބޭނުންނުވިޔަސް ނިމިގެން ދިޔަ ރެއަކީ އޭނާއަށް ވަރަށް ޙާއްސަ ރެއެކެވެ.ރޭ އެވަގުތު އޭނާ ނޭނގޭ ކަމަށް ހެދިނަމަވެސް ނޯރާ ބުނި ފަދައިން އޭނާއަށް ވެސް ހީވީ ޓައިމް ޓްރެވަލްކޮށް މާޒީގެ އެ ސަފްހާގެ ތެރެއަށް އަލުން ވަދެވުނު ހެންނެވެ.ފާސްޓްފޯވާޑަށް ލާފައި ހުރި ވީޑިއޯއެއްހެން ހަޔާތުގެ އޮޑި ނުވަތައް ދުއްވަމުން އޭނާއަށް ފަނަރަ ފުރުނު ރޭގެ ޕާޓީއަށް އަނބުރައި ދެވުނު ހެންނެވެ.ނޭނގޭ ސަބަބަކާއި ހުރެ އެ ރޭ އޭނާއާއި އެއްކޮށް ނެށި ގޮތްނޭގޭ ޒުވާނާއަކީ ފިރާތް ކަމަށް ބުނެ އެ ހިތް ހަރު އަޑުން ގޮވަމުން ދިޔައެވެ.
މިފަދަ ޙިޔާލުތަކެއްގައި އިން ޔޫލިއާއަށް ސިހުން ގެނުވީ މޭޒުމަތީ އޮތް އޭނާގެ ފޯނު ވައިބްރޭޓްވި އަޑަށެވެ.ފިރާތްގެ މެސެޖެއް އައިސްފައި އިނުމުން ޔޫލިއާ ހިތް އަވަސްވެފައިވާ ހާލު އޭތި ހުޅުވާލިއެވެ.”މީޓީންގް މިރޭ އަށެއް ޖަހާއިރު.އެޑްރެސް:މ.މާޖެސްޓީ”ފިރާތް ފޮނުވި ކުރު އެހެން ނަމަވެސް ސާފު ސީދާ އިބާރާތުން ލިޔެފައި އޮތް މެސެޖު ފެނުމާއެކު ޔޫލިއާއަށް ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ.”އޯހޯ ކާކު މެސެޖްކޮށްގެން ތަ ތިހާ ވަރަށް ތި ހެވެނީ؟”ނޯރާ ލާނެތް ހިނިތުންވުމަކާއެކު ޔޫލިއާގެ ކޮނޑުމަތިން ބޯ އަރުވައި ފޯނުގެ ސްކްރީނަށް ބަލައިލަމުން ބުންޏެވެ.”ނޯރީ.ކްލޯސެޓުން އަހަންނައް ރީތި ހެދުމެއް ހޯދައިދީބަ”ޔޫލިއާ އޭނާގެ މޫނުމަތީގައިވީ ހިނިތުންވުން ފޮރުވާލަމުން ބުންޏެވެ.”އޯހް.ހެދުމެއް؟މިރެއައްތަ؟އޯ.އެމް.ޖީ.ނުބުނައްޗޭ ލޯބިވެރިޔާއާއި މީޓްކުރަން ދާ އިރު ލާންވެގެންނޭ.އަނެއްކާ މަށައް ނޭނގި ރޭ ގާލާ ތެރެއިން ޔޫލީ ބިޓެއް ހޯދީތަ؟”ނޯރާ އަނގަމަތީ ދެ އަތް އަޅައިގެން ހުރެ ބުންޏެވެ.”ސާބަސް ނޯރީ.އެއީ މިރޭ ފިރާތްއާއި އެއްކޮށް އެ ގޭގަ އޮތް މީޓިންގްއަށޭ”ޔޫލިއާ މަޑު ހުނުމަކާއެކު ބުންޏެވެ.”އޯހް.އެހެންތަ.މީޓިންގް.އެ ގޭގަ؟ޔޫލީއަށް ހަމަ ޔަޤީންތަ ތިއީ ހަމައެކަނި މީޓިންގްއެެއްކަން؟”ނޯރާ ދިމާކުރާ ރާގަކަށް ބުންޏެވެ.”އެހެންކަމަށް ވެއްޖެއްޔާމުން ޔޫލީ ލާންވާނީ ވަރަށް ރީތި ހެދުމެއް.އެހެންނޫނީ ޔޫލީގެ “ހޯސްޓް”ދެރަ ވާނެއެއްނު”ނޯރާ އެއް ލޯ މަރާލަމުން ބުނުމާއެކު ޔޫލިއާއަށް ކަޅި މައްޗަށް ހިންގާލެވުނެވެ.”ނޯރީ.ޔޫ އާރ އިންކޮރިޖިބަލް”ޔޫލިއާ ތުން އޫކޮށްލަމުން ބުންޏެވެ.”އެންޑް ޔޫ އަރ ގްލޯވިންގް”ނޯރާ ވެސް ދުލެއްނުކުރިއެވެ.ހަވީރުގެ ބާކީ ބައި ދެ މީހުންވެސް ހޭދަކުރީ އެކަކު އަނެކަކާ ދިމާކޮށްް ހުނުމުގައެވެ.ނަމަވެސް ޔޫލިއާއަށް ވިސްނެމުންދިޔައީ ފިރާތްއާއި އެއްކޮށް އޮތް ބައްދަލުވުމާއި މެދުއެވެ.ރޭ ގާލާއަށް ފަހު އަނެއްކާވެސް މިރޭ ފިރާތް އާއި ބައްދަލުވާން އުޅޭތީ ޔޫލިއާގެ ހިތް ދިޔައީ ޝަޢުޤުވެރިކަމާއެކު މެދުކެނޑުމެއްނެތި މިރެއަށްޓަކައި އިންތިޒާރުކުރަމުންނެވެ.
****
ރޭގަނޑުގެ ވަގުތެވެ.އަށެއް ޖަހަން ފަނަރަ މިނުޓަށް ވެފައި ވާ އިރު މާޖެސްޓީ ގޭގެ ލިވިންގް ރޫމުގައި ފިރާތް އިނީ މާލީ ރިޕޯޓުތަކެއް ދިރާސާކުރުމުގައެވެ.
ސީލިންގްގައި ހަރުކުރެވިފައިވީ ޗާންދަލިޔާގެ ރަން އަލިން މުޅި ތަން ދިއްލިފައިވާއިރު ލިވިންގް ރޫމްތެރޭގައި ވަށައިގެން ބޭރު ފެންނަ ގޮތައްް ހުރި އިސްކޮޅުވަރުގެ ބިއްލޫރި ކުޑަދޮރުތަކުން ގޯތިތެރޭ ހެދިފައި ތިބި ހިތްގައިމު ބަގީޗާ ގަސްތައް ފެންނަން ހުއްޓެވެ.ފިރާތްގެ ނަޒަރު އިރު އިރުކޮޅާ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ހުއްޓެމުން ދިޔައިރު އަތުގައި ހުރި ރިޕޯޓުތަކަށް އޭނާގެ ސަމާލުކަން ދެވޭ ވަރެއް ނުވިއެވެ.އޭނާ އިނީ ޔޫލިއާގެ އިންތިޒާރުގައެވެ.ޔޫލިއާ އޭނާއާއި ބައްދަލުކުރަން ބޭނުންވި ސަބަބު ދެނެގަތުމަށްޓަކައި އޭނާ ވަނީ ނުހަނު ޝަޢުޤުވެރިވެފައެވެ.ކުއްލިއަކަށް ފިރާތް ސިއްސައިގެން ދިޔައީ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ އޮތް އޭނާގެ ފޯނު ރިންގުވާ އަޑަށެވެ.ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން އޭނާއަށް ހިނިތުންވެވުނެވެ.”ނާއިލް އަންކަލް.އަންކަލްގެ އެންމެ ފޭވަރައިޓް ބިޒްނަސް ޕާޓްނަރ ގެ ހާލު ބަލައިލަންތަ ތި ގުޅީ؟”ފިރާތް ލާނެތް ރާގަކަށް ބުންޏެވެ.”ފޭވަރައިޓްސް ހުންނަ ވަރަކަށް އަހަރެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން ފިރާތް.އެކަމަކު ފިރާތް އަހަރެން އަތުން ވިޓާކޯ ހޯދީމަ އަހަރެން ހަމަ ބަލައިލާހިތްވީ ކުންފުނީގެ ހާލަތް”ފޯނުން ނާއިލްގެ އަޑު އައީ ހަރުކަށި އެހެން ނަމަވެސް މަޑުމައިތިރި ރާގެއްގައެވެ.”އޯހް.އެހެންތަ.ވަރަށް ބޮޑައް ޝުކުރިއްޔާ ހާލު ބަލައިލަން ގުޅީތީ.ވިޓާކޯ އަކީ އަހަރެންގެ ޕޯޓްފޯލިއޯ އަށް އިތުރުކޮށްލަން ވެގެން ހޯދި ފައިދާހުރި ކުންފުންޏެއް”ފިރާތް މަޑު ހުނުމަކާއެކު ބުންޏެވެ.”ކަޓް ދި އެކްޓް ފިރާތް.އަހަރެންގެ އެމްޕަޔަރ ގެ ދަށުން ހިންގާ ކުންފުނި ތަކުގެ ތެރެއިން ވިޓާކޯއަށް ވުރެ މާ ފައިދާ ހުރި ކުންފުންޏެއް ހޯދުމުގެ ފުރުސަތު ފިރާތްއަށް އޮތް.ވީ އިރު ވިޓާކޯއިން ފިރާތްއަށް ކުރާނެ ފައިދާއެއް އަހަންނަކަށް ނުވިސްނުނު.ފިރާތްގެ ދާއިރާއާއި ގުޅުންހުރި ކުންފުންޏެއް ނެގިނަމަ.ރިއަލް އެސްޓޭޓް،ފައިނޭންސް،ޑިފެންސް.އެކަމަކު އޭގެ ބަދަލުގަ ފިރާތް ސީދާ އަހަރެން ކައިރިން އެދުނީ ވިޓާކޯއަށް.އެއީ ކީއްވެ؟ވިޓާކޯގެ ޙާއްސަކަމަކީ ކޮބާތަ؟”އެ އަޑު އިވުމާއެކު ފިރާތްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.ފޯނުގައި ހިފަހައްޓައިގެން ހުރި އޭނާގެ އިނގިލިތަކަށް ބާރުވެގެން ގޮސް އެ އަތް ތުރުތުރުލާން ފެށިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ފުންނޭވައެއް ދޫކޮށްލަމުން ފިރާތް އޭނާގެ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ.”ސަބަބަކީ ވިޓާކޯ އަކީ ހަމައެކަނި ވިޔަފާރިއަކަށް ނުވާތީ.އިޓްސް ލެވަރެޖް.އެއީ ވަރަށް މުހިއްމު ބޭސްވެރިކަމުގެ މުދާތައް ބޭރުގެ އެކި ޤައުމުތަކަށް ފޯރުކޮށްދޭ ކުންފުންޏަކަށްވެފަ ކުންފުންޏާއި ބެހޭ ސިޔާސީ ގުޅުންތައް ވަރުގަދަވީމަ.ވިޓާކޯގެ ބޯޑް މެމްބަރުންގެ ތެރޭގަ ހިމެނޭ މެޑިކަލް ދާއިރާއާއި ގުޅުންހުރި ވިޔަފާރިވެރިންނާއި،ސިޔާސީ ޝަޙުސިއްޔަތުތަކާއި ރެގިއުލޭޓްރީ އޭޖެންސީތަކުގެ މަތީ ބޭފުޅުން”ފިރާތް އެއްވެސް ހިފެހެއްޓުމެއް ނެތި ބުންޏެވެ.
އަންކަލްއަށް އިނގޭތަ.އަހަރެންގެ ދުނިޔޭގައި ބާރަކީ ހަމައެކަނި ފައިސާއެއް ނޫން.ހުރިހާ އެއްޗަކީވެސް ކޮންޓްރޯލްއާއި ނުފޫޒު.މީހަކު ބޭސް ކަހަލަ ޒަރޫރީ އެއްޗެއް ބޭނުންވިޔަސް އަަހަންނާއި ހިސާބައް އަންނަން ޖެހުމަކީ އަހަންނަށް ލިބޭ ކިހާ ބޮޑު ފަޙުރަކާއި ޝަރަފެއް.ވިޓާކޯ އިންޑަސްޓްރީޒް އަކީ ހަމައެކަނި ކުންފުންޏެއް ނޫން.އެއީ އެތައް މިލިއަން ބައެއްގެ ފުރާނައަށް އަސަރުކުރާ ސިނާއަތެއްގެ ގޭޓްކީޕަރެއް.މިހާރު އަންކަލްގެ ސަބަބުން އެއީ އަހަރެންގެ ބާރުގެ ދަށުގަ އޮތް ތަނެއް”ފިރާތް އެއްވެސް އަސަރެއް ނެތް ރާގަކަށް ބުންޏެވެ.އެ އަޑު ނާއިލްގެ ކަންފަތާއި ހަމަޔަށް ފޯރުމާއެކު މިނުޓެއްވަރު ވަންދެން އޭނާގެ އަނގައިން ބަސްހުއްޓުނެވެ.ހަޤީގަތުގައި އޭނާ މިރޭ ފިރާތްއަށް ގުޅުމުގެ ބޭނުމަކީ ނާއިލްއަށް އެ ކުންފުނީގެ ހަޤީގަތް އެނގިހުރެ ފިރާތް އެ ކުންފުނި ދަމައިގަތުމުގެ މަޤްސަދު ދެނެގަތުމެވެ.ނާއިލްގެ ނަޒަރުގައި އެ ކުންފުންޏަކީ ބޮޑެތި ސިއްރުތަކެއް ރައްކާކުރެވިފައިވާ ޙަޒާނާއެކެވެ.ވީ އިރު އެ ސިއްރުތައް ހޯދުމުގެ ބޭނުމުގައި ފިރާތް އޭނާގެ އަތުން އެ ކުންފުނި ހޯދިކަަމަށްވީނަމަ އެ ވާނީ އޭނާގެ ނިމުމަށެވެ.ނަމަވެސް ފިރާތް އޭނާ އެ ކުންފުނި ބޭނުންވެގެން އުޅުނު ސަބަބު ނުހަނު ތަފްސީލުކޮށް ކިޔައިދިނުމުން ނާއިލްގެ ހިތުގައި ވީ ނުތަނަވަސްކަން މުޅިން ފިލައިގެން ދިޔައެވެ.ވިޔަފާރިވެރިއެއްގެ ނަޒަރުން ބަލާއިރު ފިރާތް އެ ބުނީ އެކަށީގެންވާ ވަރުގެ ސަބަބެއްކަން ނާއިލްއަށް ޔަޤީންވިއެވެ.އެކަން މީގެ ކުރިން އޭނާއަށް ނުވިސްނުނީ ކީއްވެގެން ބާވައޭ ނާއިލް ހިތައް އެރިއެވެ.އަދި ފިރާތްގެ ކިބައިން އެއްވެސް ޝައްކުވާ ޒާތުގެ ކަމެއް ފާހަގަ ނުވުމުން ނާއިލް މިއޮތް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.ދެވަނަ ސިކުންތުގައި ލިބުނު ހިތްހަމަޖެހުމުގައި އޭނާއަށް ހިނިތުންވެވުނެވެ.”ހެހެ.އެހެންތަ.ކަލޯ ހާދަ ތޫނުފިއްޔޭ ދޯ.އާނ އޯކޭ.މަރުޙަބާ ފިރާތް.ތި ކުންފުނިން ފިރާތްއަށް ބޮޑު ފައިދާއެއް ވާނެ ކަމަށް އުއްމީދުކުރަން”މިހެން ބުނެ ނާއިލް ފޯނު ކަނޑާލިއެވެ.އެއާއެކު ފިރާތްގެ ތުންފަތްމަތީގައި ވީ ހިނިތުންވުން ފިލައި ގޮސް އޭނާއަށް ފޯނުގައި ބާރައް ހިފަހައްޓާލެވުނެވެ.”ވަޓްއެވަރ”ފިރާތް ފޯނު ސޯފާމައްޗަށް އެއްލާލަމުން އަނެއްކާވެސް ކުރަން ހުރި މަސައްކަތައް ރުޖޫޢަވިއެވެ.އެ ވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުނެވެ.
****
“ވާއު ޔޫލީ.ޔޫ ލޫކް ސޯ ހޮޓް.ޔޫލީއަށް ހަމަ ޔަޤީންތަ ތިއީ މީޓިންއެއްކަން؟ކޮން ކަހަލަ މީޓިންގްއަކަށްތަ ފެޝަން ޝޯއަކަށް އަރާ ވަރަށް ނަލަހެދިގެން ދާންޖެހެނީ؟”އަށެއް ޖަހަން ތިރީހައްކަ މިނުޓައް ވެފަައި ވާ އިރު ޔޫލިއާ އާއި ނޯރާ ތިބީ ޔޫލިއާގެ ކްލޯސެޓުގައެވެ.ރަތް ކުލައިގެ ކަކުލާއި ހަމަޔަށް ހުރި ބިޑި ހެދުމެއް ލައި ރީތިވެގެން އިސްކޮޅު ވަރުގެ ލޯގަނޑު ކުރިމަތީގައި ޔޫލިއާ ހުރިއިރު އެތާ ހުރި ވެެލްވެޓް ސޯފާގައި ނޯރާ އިނެވެ.”ބިޒްނަސް.ނޯރީ”ރަތް ކުލައިގެ ޑިއޮރ ލިޕްސްޓިކް އަކުން އޭނާގެ ތުންފަތް ފަވާލަމުން ޔޫލިއާ ބުންޏެވެ.”ޔޫލީ.ޕްލީސް.މިރޭ އެ ގެޔަށް ގޮސް ބިޒްނަސްގެ ވާހަކަ ނުދައްކައްޗޭ.ތި ދެ މީހުންގެ އަމިއްލަ ވާހަކަ ދައްކާނީ.ޑޭޓެއްް ގޮތައް.ކީކޭ ޔޫލީ ބުނަނީ؟ފަހަރެއްގަ މިރޭ އެ ގޭގަ….ނޯރީ!!!!”ޔޫލިއާ އަކުރުތަކަށް ދަމާލަމުން އޭނާގެ ނަމުން ގޮވާލުމާއެކު ނޯރާގެ ދިމާކުރުންތައް ހުއްޓުނެވެ.ނަމަވެސް“އޭނާގެ ނަޒަރުން”މިރޭ ފިރާތްއާއި ޔޫލިއާއާއި ދެ މީހުންގެ ބައްދަލުވުން ކުރިއަށް ދާނެ ގޮތް ޙިޔާލަށް ގެނެސްގެން ނޯރާ ހުރީ އަޑިއަށް ހީލަހީލައެވެ.”އަހަންނަނީ ޒާތީ ކަންތައްތަކާއި ޕްރޮފެޝަނަލް ކަންތައް އެއްކުރާ މީހެއް ނޫން”ޔޫލިއާ ނޯރާ އިން ސޯފާ ކައިރީ ހުރި ކަބަޑަކުން ގޫޗީ އަތް ދަބަހަކާއި ހުދުކުލައިގެ ކެހެރި ކޯޓެއް ނަގަމުން ބުންޏެވެ.
“ހޫމް ޔަޤީނެއްނު.އެހެންވީއިރު އަހަންނަކީ ވެސް “ސާފުތާހިރު”މީހެއް.އެކަމް ބުނަން ޔޫލީ.ތި ދެމީހުން ދޭތެރޭ ކަންތައްތައް މާ ބޮޑައް ހޫނުވާން ފަށައިފިއްޔާމުން ޙަބަރެއްް ވައްޗޭ.އޭރުން ދާނަން މިކޮޅުން ފެން ބާލިދީއެއް ހިފައިގެން”ނޯރާ ޔޫލިއާ ލައިގެން ހުރި ކޯޓު އޭނާގެ ކޮނޑުމަތިން ރަނގަޅުކޮއްދެމުން ބުންޏެވެ.”ޕިސް ޕިސް ނޯރީ.ތި ކަހަލަ ކަމެއް ނުވެސް ވާނެ”މިހެން ބުނެ ޔޫލިއާ ދެފަރާތައް ބޯހޫރާލަމުން އެތަނުން ނުކުންނަން ދިޔައެވެ.”ހެއްހެއް.އެނގިދާނެތާ”ޔޫލިއާ ދިއުމާއެކު ނޯރާ އަނެއްކާވެސް ސޯފާގަައި އިށީންނަމުން ފޯނާއި ކުޅެން ފެށިއެވެ.
****
ގޭގެ ބެލް އަޅާލި އަޑައް ގޭގައި ގެންގުޅޭ ނޯކަރަކު ދޮރާއި ދިމާލަށް ދާން ފެށުމުން ފިރާތް އެކަން މަނާކުރިއެވެ.އިންތަނުން ތެދުވެ އޭނާ ލައިގެން ހުރި ކަޅުކުލައިގެ ގަމީސް ރީތިކޮށް އިސްތަށިގަނޑުގައި އަތް ފުނާ އަޅަމުން ހަރު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވިއެވެ.އެއާއެކު ކުރިމަތިން ޔޫލިއާގެ ރީތި ސޫރަ ފެނުމާއެކު ފިރާތް ހުއްޓުން އެރިއެވެ.ރަތް ކުލައިގެ ހެދުން މަތިން ހުދުކުލައިގެ ކެހެރި ޖެކެޓެއް ލާފައި ވާއިރު ޔޫލިއާއާއި ކިތަންމެހާވެސް ގުޅެއެވެ.ބްލޯންޑް އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ އިރު ކަރުދޮށް ފަޅުފިލުވާލެވިފައި ވަނީ ހުދުކުލައިގެ“ޕަރލް ނެކްލެސް”އަކުންނެވެ.އަތުގައި ރަންކުލައިގެ ރޮލެކްސް އެއް އޮތް އިރު ފަޔަށް ލައްވާފައި ވަނީ ކަޅުކުލައިގެ ލޫބޯޓިން ހީލްއެކެވެ.”އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟”ފިރާތް އެއްޗެއް ނުބުނެ ހުރުމުން ޔޫލިއާ ބުމަ އަރުވާލަމުން ވާހަކަ ދެއްކިއެވެ.”އޯހް ނޯ.ކަމް އޯން އިން ޕްލީސް”ފިރާތް ދޮރު ބޮޑައް ހުޅުވާލަމުން ބުންޏެވެ.އެޔާއެކު ޔޫލިއާ އެތެރެއަށް ވަދެ ލައިގެން ހުރި ޖެކެޓު ބާލަައި އަތައް ނެގިއެވެ.”ދީ އަހަރެން އަތައް”ފިރާތް ޔޫލިއާ އަތުން އޭނާގެ އަތްދަބަހާއި ކޯޓު އަތައް ނަގަމުން އެތަނުން ލާފައި ދިޔަ ނޯކަރެއްގެ އަތައް އެ އެއްޗެހި ދީފައި ރައްކާތެރިވުމަށް ބުންޏެވެ.”އާދޭ”ގޭގެ އެކި ދިމަ ދިމާލަށް ނަޒަރު ހިންގަން ހުރި ޔޫލިއާއަށް ފިރާތް ބުނުމާއެކު ޔޫލިއާ ފިރާތްގެ ފަހަތުން ދާން ފެށިއެވެ.”އިށީނދޭ.އެއްޗެއް ބޭނުންތަ؟”ފިރާތް އޭނާ ކުރިންވެސް އިށީނދެގެން އިން ސޯފާގައި ޖައްސާލަމުން ޔޫލިއާއަށް އެއާއި ޖެހިގެން އިން ގޮނޑި ދައްކާލަމުން ބުންޏެވެ.”ނޯ ތޭންކްސް.އެކަމަކު އަހަންނަށް މިތަން އޯކޭ”ޔޫލިއާ ކޮޅައް ހުރެ މޭ މަތީ ދެ އަތް ހުރަސްކޮށްލަމުން ބުންޏެވެ.”އޯކޭ.މައްސަަލައެއް ނެތް.ސޯ ބުނޭ.ކީއްވެ ޔޫލިއާ އަހަންނާއި ބައްދަލުކުރަން އުޅުނީ؟އަހަރެން ޖަލުގަ ހުރިއިރު ރޭހާންއަށް އުނދަގޫކުރާ ހިސާބަށް ދާން ކޮން ކަމެއް އެހާ އާޖެންޓްވީ؟”ފިރާތް ސަމާސާ ރާގަކަށް ބުނި ނަމަވެސް އެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ސީރިއަސް ކަމެެވެ.”ހޫމް.ރަނގަޅު ސުވާލެއް.އާނ ވަރަށް އާޖެންޓް ކަމަކު އަހަރެން ބައްދަލުކުރަން ބޭނުންވީ.ބައްދަލުކުރަން އެއްބަސްވީތީ ވަރަށް ބޮޑައް ޝުކުރިއްޔާ”ޔޫލިއާ ފިރާތް އާއި ގާތައް ފިޔަވަޅެއް އަޅާލަމުން ބުންޏެވެ.”އެއީކީ އެއްވެސް ކަމެއް ނޫން.އެހެންނޫނަސް ޔޫލިއާ ހަސަންގެ އެދުމަކަށް އިންކާރުކުރާކަށް އަހަރެން މިއީ މޮޔައެއް ނޫން ވިއްޔާ”ފިރާތް ލާނެއް ހިނިތުންވުމަކާއެކު ބުންޏެވެ.އެވަގުތު އޭނާ ޔޫލިއާއަށް ބަލަހައްޓަައިގެން އިނީ މުޅިން ތަފާތު ނަޒަރަކުންނެވެ.
“ހޫމް އޯކޭ.ފުރަތަމަ އަހަރެން ކުރަން ބޭނުންވަނީ ސުވާލެއް.އޭ.އައި.އައި ގެ ދަށުން ނާއިލް ހިންގަމުން އައި ވިޓާކޯ އިންޑަސްޓްރީޒްގެ ވެރިއަކީ މިހާރު ފިރާތް ދޯ؟”ރޭ ގާލާގައި ފިރާތް އާއި ނާއިލް ދެއްކި ވާހަކަ ހަދާނަށް ގެންނަމުން ޔޫލިއާ އެއްސެވެ.އެ ސުވާލު އަހާފައި ފިރާތްއަށް ލޯ ހަނިކޮށްލެވުނެވެ.’ވަޓް އެގްޒެކްޓްލީ ޑަޒް ޝީ ވޯންޓް ފްރޮމް މީ؟’އެ ސުވާލު އޮތީ ފިރާތްގެ ހިތު ތެރޭގައެވެ.”އެހެމް އާނ.ކީއްވެ ތިހެން ތި އެހީ.އަދި ޕަބްލިކްއަކަށް ނޭނގޭނެ އެކަމަކު އަހަރެން އޮތީ އެ ކުންފުނި ނާއިލް އަންކަލް އަތުން ގަނެފަ”ފިރާތް ދޮގު ހެދީ އޭނާ ނާއިލް އަތުން ވިޓާކޯ ހޯދި ގޮތް ޔޫލިއާއަށް ސިއްރުކުރުމުގެ ބޭނުމުގައެވެ.ނަމަވެސް ފިރާތްއަށް ނޭނގުނީ ޔޫލިއާ އޭނާއާއި ބައްދަލުކުރަން އެ އައީ ހުރިހާ ހަޤީގަތެއް އެނގިހުރެ ކަމެވެ.”ދެން އިރާދަކުރެއްވުމުން އެ އެމްޕަޔަރ އަށް ދިމާވި މައްސަލަތައް ވެސް ހައްލުވެއްޖެތާ މިހާރު”ފިރާތް ހިނިތުންވެލަމުން ބުންޏެވެ.ނަމަވެސް ފަހު ތަންކޮޅު ބުނި އިރު ލައިގެން ހުރި ކަޅު ކުލައިގެ ޖިންސުގެ ދެ ޖީބުގައި އޮތް އޭނާގެ ދެ އަތް ވަނީ މުއްކެވިފައެވެ.”ހޫމް.ދެނެހުރިން.އެހެންވީމައޭ އަހަރެން ފިރާތްއާއި ބައްދަލުކުރަން ބޭނުންވީ.ވަރަށް ބޮޑައް ޝުކުރިއްޔާ އޭ.އައި.އައި އަށް ދިމާވެގެން އުޅޭ މައްސަލަތައް ހައްލުކޮށް ދިނީތީ”ޔޫލިއާ އެހެން ބުނުމާއެކު ފިރާތް ދިޔައީ ސިއްސައިގެންނެވެ.އޭ.އައި.އައި އަށް ދިމާވި މައްސަލަތައް“އޭނާ”ހައްލުކޮށްދިނުން އެއީ ޢާއްމުންނަށް ސިއްރުކުރެވިފައި އޮތް ކަމެކެވެ.ދުނިޔޭގެ ނަޒަރުގައި އޭ.އައި.އައި ވެއްޓިފައި އޮތް ނުރައްކަލުގެ ހާލަތުން ސަލާމަތްކޮށްދިން ބަތަލަކީ ނާއިލްއެވެ.ވީ އިރު ޔޫލިއާއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟”އާނ.ކިހިނެއް އެނގުނީ؟”ދެން އިތުރަށް ޔޫލިއާއަށް އެކަން ސިއްރުކުރަން އުޅުމުގެ ބޭނުމެއް ނެތްކަން ދެނެގަނެ ފިރާތް އެއްސެވެ.”ރޭ ގާލާ ތެރެއިން ތި ދެމީހުން ދެއްކި ވާހަކަ އަހަރެން އަޑު އެހިން އެހެންވެ”ޔޫލިއާ އޭނާގެ އިސްތަށިގަނޑު އިނގިއްޔައް އޮޅަމުން ބުންޏެވެ.”ހޫމް.އޯކޭ.އެކަމަކު މިހާރު މި ގަޑީގަ ތި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ސީދާ ޕޮއިންޓައް ދޭބަލަ”ހިތްއަވަސްވެފައިވާ ހާލު ފިރާތް ލޯ ހަނިކޮށްލަމުން ބުންޏެވެ.”އޯކޭ.އޯލްރައިޓް”ޔޫލިއާ މިހެން ބުނެ ފިރާތް އިން ސޯފާގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ.”އެ ރޭ ފިރާތް ބުނީމެއްނު މައި މަރުކަޒަށް އެކަހަލަ ކަމެއް ދިމާވުން އެކްސިޑެންޓަކަށް ނުވާނެއޭ.ވެލް….ކޮންގްރާ.ފިރާތްއަށް ހީކުރެވުނީ ރަނގަޅަށް.އެއީ އެކްސިޑެންޓެއް ނޫން.އެކަން ކުރީ އަހަރެން.އޭ.އައި.އައި.އަށް ދިމާވި ހުރިހާ މައްސަލަތަކެއް،އެ ކަންތައްގަނޑުގެ ފަހަތުގައި ވަނީ އަހަރެންގެ އަތް.އެ ހުރިހާ ކަމެއް ކުރީ އަހަރެން!”ޔޫލިއާ ވިހަ ހިނިތުންވުމަކާއެކު ބުންޏެވެ.”އޭނ؟!”އިވުނު އަޑު ޤަބޫލުނުކުރެވިފައި ފިރާތްއަށް ސިއްްސައިގެން ގޮސް އިން ތަނުން ތެދުވެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



mi part vx hama vr reethi when next