Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޕިޔަދަ 8

svetlana Level 110 Stories100 Login
January 25, 2025 10 Mins Read
2 Comments

ރަތްދޫލަ ހުރަސްކޮށް ހޯލް ތެރެއަށް އެ ވަނީ ރާއްޖޭގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ މުއްސަނދި ވިޔަފާރިވެރިއެކެެވެ.މުހިއްމު އެމްޕަޔަރެއް ކަމުގައިވާ އަސްލަމް އިމްޕީރިއަލް އިންޑަސްޓްރީސް (އޭ.އައި.އައި)ގެ ވެރިޔާ ނާއިލް އަސްލަމް ނޫން ދެވަނަ މީހެއް ނޫނެވެ.ގާތުގައި އަންހެނުން އާލިޔާ ހުސައިން ކަޅާއި ހުދުގެ މެކްސީއެއްގައި ހުރިއިރު ކަންފަތާއި ކަރުދޮށް ފަޅުފިލުވާލެވިފައިވަނީ ރަންކުލައިގެ ގަހަނާތަކުންނެވެ.ނާއިލްގެ ދެމަފިރިންގެ ފަހަތުން ވަނީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ނުވާޝް އަސްލަމްއެވެ.ގަދަ ނޫކުލައިގެ ސޫޓެއްގައި ހުރި އިރު ރީތިކަމުން އަންހެންކުދިންގެ ހިތްތައް ކަތިލާނެކަން ޔަޤީނެެވެ.ނާއިލްގެ ދެމަފިރިން ފެނުމާއެކު ގިނަ އަދަދެއްގެ ހާޒިރީން އެ މީހުންނާއި ބައްދަލުކުރުމަށް ޓަަކައި އެ ދިމާލަށް ދިޔައެވެ.އެތަނުން ބައެއް މީހުންގެ ހިތްތަކުގައި އޭ.އައި.އައި އަށް ދިމާވެގެން އުޅޭ މައްސަލަތަކުގެ އަސްލު ދެނެގަތުމުގެ ޝަޢުޤު އުފެދިފައިވީއިރު އަނެއްބައި މީހުންގެ މަޤުސަދަކަށްވީ އެފަދަ މަހުޖަނު އާއިލާއަކާއި ގުޅުން ބަދަހިކޮށް އިއްތިހާދުކުރުމެވެ.

އެ ތަން ފެނި ދުރުގައި ހުރި ފިރާތްއަށް ލޯ ހަނިކޮށްލެވުނެވެ.”މަ ހީކުރީ މިތާ ތިބޭނީ ހުސް ފޮނި މީހުންކަމަށް.އެކަމަކު ބަލާބަ.އެއްވެސް ސެލްފް ރެސްޕެކްޓެއް ނެތި އެންމެން އެ ދަނީ އެ ގޮލާ ކައިރިއަށް.ޕިސް ޕިސް.ދެން ކީކޭ ބުނާނީ”ފިރާތް ކޯކު ތަށި ހުސްކޮށްލަމުން ރޭހާން ކައިރީ ވައި އަޑުން ބުންޏެވެ.”އާނ ދޯ.އެކަމަކު މި ވަގަތު އޭނަ ވެއްޓިފަ އޮތް އަނދަވަޅުން އަރައިގަންނަން އެހީތެރިވެވޭނީ ހަމައެކަނި ފިރޫއަށް.އެ ކުންފުންޏަށް ދިމާވެގެން އުޅޭ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް.ޑާޓާ ބްރީޗެކޯ”ރޭހާން ވެސް ވައި އަޑުން ބުންޏެވެ.ދުރުގައި ތިބި ޔޫލިއާ އާއި ނޯރާއާއި ދެމެދު ދެކެވެމުން ދިޔައީވެސް ނާއިލްއާއި ގުޅޭގޮތުން ހަމަ އެކަހަލަ ވާހަކަތަކެވެ.”ހުއް.ބަލާބަލަ.ރަސްގެފާނު ވަޑައިގަތީމަ އެންމެން ކުރުނީސްކުރަން ތިބި ގޮތް”ނޯރާ ބުންޏެވެ.ނާއިލް ފެނުމާއެކު ޔޫލިއާގެ މޫނުމަތިން ހިސާބަކަށް ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެ ކުލަވަރު ފޮރުވާލިއެވެ.”ނާއިލް އަކީ އަބަދުވެސް ނުހަނު ކަންދައްކަން މޮޅު މީހެއްނު”ޔޫލިއާ މިހެން ބުނެ ދުރަށްް ހިނގައިގަތެވެ.

މީހުންތަކުގެ ކިބައިން ސަލާމަތްވެގެން ނާއިލް ދުރުގައި ތިބި ފިރާތް މެންނާއި ދިމާލަށް މިސްރާބު ޖެހިއެވެ.”ބަލަ އެ ސޮރު އެހެރަ އަންނަނީ”ނާއިލް އަންނަތަން ފެނި ރޭހާން ސިއްްރުން ފިރާތްގެ ކަންފަތްދޮށުގައި ބުންޏެވެ.ނާއިލް އައިސް ހުއްޓުމާއެކު ފިރާތްއަށް ލޯ ހަނިކޮށްލެވުނު ނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.”ފިރާތް ހަސަން.މަގޭ އެކުވެރިޔާ”ނާއިލް ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.ގާލާގައި ބައިވެރިވުމަށް އައިސް ތިބި ހާޒިރީންގެ ތެރެއިން އެހެން މީހުން އެ އަތުގައި ހިފައި ސަލާންކުރުމުގެ ފުރުސަތަކަށް ބަލަ ބަލާ ތިބި އިރު ފިރާތްއަށް އެ އަތަށް ބަލާލެވުނީ ބިރެއް ފެނުނުހެންނެވެ.އޭނާގެ ދެ ލޯ ބޮޑުވެ ނިތްކުރިމަތިން މުތީތަކެއްހެން ދާތިކިތައް ވިދަމުންދިޔައިރު ކައިރީގައި ހުރި ރޭހާންއަށް އެ ކަން ފާހަގަވެ ފިރާތްގެ ކޮނޑުގައި އަތް ބާއްވާލަމުން ލޮލުގެ އިޝާރާތުން ނާއިލްގެ ދިއްކޮށްގެން ހުރި އަތް ދައްކާލިއެވެ.ރޭހާންގެ އިޝާރާތުގެ މާނަ ދޭހަވުމާއެކު ފިރާތް ފުންނޭވައެއް ދޫކޮށްލިއެވެ.އަދި ނާއިލްއަށް ފާހަގަވުމުގެ ކުރިން އޭނާ ފަޅި ސިކުންތެއްގެ ތެރޭގައި އެ މޫނުމަތީގައިވީ ހާސްކަން ފޮރުވާލިއެވެ.”ނާއިލް އަންކަލް”ފިރާތް ހިފަން ނުހިފަން ކަހަަލަ ގޮތަކަށް ހުރެފައި ނާއިލްގެ އަތުގައި ހިފާ ސަލާންކޮށްލިއެވެ.”ކަލޯ ކިހިނެއްތަ؟ޖަލުން މިނިވަންވީތީ މަރުޙަބާ.މަށަށް އޭރުވެސް އެނގުނޭ ކަލޯ އެ ތަނުގަ ދިގު މުއްދަތަކަށް ބެހެއްޓުމުގެ ޤާބިލުކަމެއް އެ ތިބަ ކޮޕުންގެ ކިބަޔަކު ނުހުންނާނެކަން.ވަރަށް އުފާވެއްޖެ ދިމާވީތީ”ނާއިލް ފިރާތްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.އެޔާއެކު ފިރާތްއަށް ލައިގެން ހުރި ސޫޓު މަތިން ކޮނޑުގައި ނާއިލް އަތް ބާއްވާލި ތަންކޮޅަށް ބަލާލެވުނީ އެ ތަނުގައި ނަޖިހެއް ހޭކުނު ފަދައިންނެވެ.”ހެހެ އާނ.އެއީކީ ދެން ބަޔަކު ދިރިއުޅެންދާ ވަރު ތަނެއް ނޫނެއްނު.އެހެންނޫނަސް ޤަދަރުގެ ފަށްތަކުން ގުޅިފައިވާ މީހުންނާއި ދިމާވެދާނެތާ ކޮންމެ ވަގުތަކު ކޮންމެ ތާކުންވެސް”ފިރާތް ސަމާސާ ރާގަކަށް ބުނި ނަމަވެސް އެ އަޅި ދެ ލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ.

“ހެހެ.އާނ ދޯ.ކަލޯ ރަނގަޅު ވަގުތެއްގައޭ ތި މިނިވަންވީ.ފިރޫއަށް މިހާރު އަޑު އިވިފަ ކަންނޭނގެ ދޯ އޮންނާނީ.އަންކަލްއަށް ވަރަށް ބޮޑު ކަމެއް ލައިގަނެގެންނޭ މި އުޅެނީ”ނާއިލް ބުންޏެވެ.ނާއިލްގެ ވާހަކަ އިވިފައި ފިރާތްއަށް ބުމަ އަރުވާލެވުނެވެ.އޭނާ ގާތުގައި ހުރި ރޭހާންއަށް ވަށްކަޅިން ބަލާލަމުން ވާހަަކަ ދައްކަން ފެށިއެވެ.”އެހެންތަ؟އަނެއްކާ ކޮން ކަމެއް ލައިގަނެގެން ތަ ތި އުޅެނީ؟”ފިރާތް ގަސްތުގައި ނޭނގޭ ކަމަށް ހެދިއެވެ.އޭނާ ރޭހާންއަށް ބަލާލިއިރު ރޭހާން ހުރީ އެ މީހުންނާއި ފުރަގަސްދީގެން ފޯނު ކުޅޭކަމަށް ހެދިގެންނެވެ.އެ ހުރި ގޮތުން އޭނާ އެ އުޅެނީ ހިނިގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަން ފިރާތްއަށް ޔަޤީންވުމާއެކު އޭނާގެ ގާތައް ވެސް ހިނިއައި ނަމަވެސް ނާއިލް ހުރުމުން އޭނާ އެ ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ.ފިރާތްގެ ސުވާލު އިވިފައި ނާއިލްގެ ނިތައް ރޫ ގިނަވިއެވެ.އެއަށްފަހު ވަށައިގެން ހޯލުގައި ތިބި މީހުންނަށް ބަލާލިއެވެ.މުޅި ދުނިޔެއަށް ފެތުރިފައި އޮތް ޙަބަރެއް ހަޤީގަތުގައި ވެސް ފިރާތްއަށް ނޭނގެނީބާވައޭ އޭނާގެ ހިތައް އެރިއެވެ.ނުވަތަ ގަސްތުގައި ނޭނގޭ ކަމަށް ހެދެނީހެއްޔެވެ.އަނެއްކާ އޭނާއަށް އެ ވަރުގެ ބޮޑު އެހީއަކަށް އެދެވެން މި އުޅެނީ އެކަމަށް އެންމެ އެކަށީގެންވާ ރަނގަޅު މީހާގެ ކިބައިން ހެއްޔެވެ.މިނުޓެއްވަރު ވަންދެން ވިސްނުމަށް ފަހު ނާއިލްއަށް ބުރަވެވުނީ ފުރަތަމަ ޙިޔާލުގެ މައްޗަށެވެ.އިއްޔެ ޖަލުން ނުކުތް މީހަކަށް މީގެ ދެ ދުވަސް ކުރިން އޭނާގެ ކުންފުނިތަކަށް ދިމާވެގެން އުޅޭ މައްސަލަތަކުގެ ވާހަކަ ނޭނގިދާނެއެވެ.ހަމައެހެންމެ ނާއިލް ދިޔައީވެސް އޭނާއަށް ވީ ވަރަކުން އެ ޙަބަރު ފެތުރުން މަދުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.ނަމަވެސް ފިރާތް އަކީ ބައިވަރު ނެޓްވޯކްތައް އަޅައިގެން އުޅޭ މީހެކެވެ.އެހެންކަމުން ފިރާތްގެ ކަންފަތައް ވާހަކައެއް ނާރާ އޮވެދާނެކަމާއި މެދު ނާއިލްއަށް ޝައްކެވެ. އެހެނެއްކަމަކު ފިރާތްއަށް އެކަން އިނގޭނަމަ އެނގިހުރެމެ ނޭނގޭ ކަމަށް ހަދަންވީ ސަބަބެއްވެސް ނާއިލްއަކަށް ނުފެނުނެވެ.ފިރާތް ކަހަލަ މީހަކު ވާހަކައެއް އަޑެއް ނާހަމޭ ބުނާނީ ހަޤީގަތުގައިވެސް އެ އަޑު ކަންފަތާއި ހަމަޔަށް ނުފޯރާތީވެއެވެ.އެހެންނޫނަސް އޭނާއަށް އެހީއެއް ވެގެން ފިރާތްއަށް ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ.ވިއްޔާ ވާނީ ހުސް ފައިދާއެވެ.ނަމަވެސް އެެއާއި ޙިލާފަށް ނާއިލްއަށް މިއަދު ފިރާތްގެ އެހީ ނުލިބިއްޖެއްޔާމުން އޭނާގެ އުމުރުދުވަހުގެ މަސައްކަތް ފެނަށް ވެގެން ދާނެއެވެ.މީހުންގެ ކުރިމަތީގައި އޭނާގެ އިއްޒަތާއި ޤަދަރު ގެއްލި އޭނާގެ ތަނަވަސްކަމާއި ޝާހީކަން ވެސް ގެއްލިގެން ދާނެއެވެ.އެހެންކަމުން ކިތަންމެ ބޭނުންނުވިޔަސް އޭނާއަށް މި ޖެހުނީ އޭނާގެ ޝަރަފު އެއް ފަރާތްކުރުމަށް ފަހު އޭނާއަށް ވުރެ އެތައް ގުނައެއް ހަގު ނަމަވެސް ފައިސާ އާއި ބާރު އޮތް ވިސްނުން ތޫނު ނުރައްކާތެރި މާފިއާ ޕްރިންސް ފިރާތް ހަސަންގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހާށެވެ.ފިރާތް އަކީ އޭނާގެ ބާރުގެ ބޭނުން ކޮށްގެން ޖަލައް ދިއުމުގެ ކުރިން ނޭއްގާނީ ޢަމަލުތަކެއްގައި ބަދެވިފައި ތިބި ކުއްވެރީންގެ ކުއްތައް މަތި އަޅާ ފޮރުވައިދީފައި ހުރި މީހެކެވެ.ނާއިލް އަކީ ދުވަހަކުވެސް އޭނާގެ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށް ޓަކައި މީހެއްގެ ކިބައިން އެހީއަށް އެދި ސަލާން ޖަހަން ޖެހުނު މީހެއް ނޫނެވެ.ނަމަވެސް ނާއިލް ކަހަލަ މީހަކު ފިރާތް ކަހަލަ “އަބުރެއް ނެތް،”އަންޑަރގްރައުންޑް ތަގް” އެއްގެ ކިބަައިން އެހީއަކަށް އެދުމުން ފިރާތް އެހީވެދިނުން ވާނީ ޙުދު ފިރާތްއަށް ވެސް ލިބޭ ފަޙުރަކަށް ނޫންހެއްޔެވެ.ފިރާތް އަކީ އޭނާގެ މަޖާ މިޒާޖާއި އެކު ވެސް ފޮނި ބާސާ ކެނޑުމުގައި އެއްވަނަ ދަރަޖައިގެ މީހެކެވެ.އޭ.އައި.އައި ބަނގުރޫޓުވުމުން ސަލާމަތް ކުރުމަށް ޓަކައި ފިރާތްގެ މަޖާ،“ފޮނި” މިޒާޖު ގެ ނާޖާއިޒް ފައިދާ ނެގުމަށް ޓަކައި ނާއިލް ހުރީ އަތުރުކުޅި އޮޅާލައިގެންނެވެ.

ފިރާތްއަށް ނޭނގުނަސް ރޭހާންއަށް މިހާރު އެ ޙަބަރު ނޭނގިއެއް ނުހުންނާނެކަން ނާއިލްއަށް ޔަޤީނެވެ.އެހެންކަމުން އޭނާ ރޭހާންއާއި ސުވާލުކުރިއެވެ.”އަލްއުސްތާޒް ރޭހާން.ރޭހާންއަށް އިނގޭނެ ކަންނޭނގެ ދޯ އަޅުގަނޑުގެ ކުންފުންޏާއި ބެހޭގޮތުން ފެތުރިފައި އޮތީ ކޮންކަހަލަ އަޑުތަކެއްކަން”ނާއިލް މިހެން ބުނުމާއެކު ރޭހާން ފިރާތްއަށް ބަލާލިއެވެ.އެޔާއެކު ފިރާތް ނާއިލްއަށް ނުފެންނާނޭހެން ރޭހާންއަށް ލޮލުގެ އިޝާރާތުން އެ ތަނުން ދިއުމަށް އެންގިއެވެ.އެތަނުން ދިއުމަށް ޓަކައި ދައްކާނެ ރަނގަޅު ބަހަނާއެއް ނުވިސްނިފައި ހުރި ވަގުތު އިއްްތިފާޤުން ރޭހާންގެ ފޯނު ރިންގުވާން ފެށިއެވެ.އެއާއެކު އެއްފަހަރު ނާއިލްއަށް އަނެއްފަހަރު ފިރާތްއަށް ބަލާލުމަށްފަހު “އެކްސްކިޔުޒް މީ”އޭ ބުނެ ރޭހާން ފޯނު ކަންފަތުގައި ޖަހައިގެން ދުރަށް ހިނގައިގަތެވެ.ރޭހާން ދިއުމާއެކު ފިރާތް ކަރުކެހިލަމުން ވާހަކަ ދައްކަން ފެށިއެވެ.”އެހެންވީމަ ކޮން ކަހަލަ މައްސަލަތަކެއްތަ ދިމާވެގެން ތި އުޅެނީ؟”ފިރާތް ނާއިލް ކުރެން އެއްސެވެ.”ވެގެން މި އުޅޭ ގޮތަކީ އޭ.އައި.އައި ގެ މައި މަރުކަޒައް މީގެ ދެރޭ ކުރިން ޑާޓާ ބްރީޗެއް ދިމާވީ”ނާއިލް ލޯ ކުޑަ ކޮށްލަމުން ބުންޏެވެ.ފިރާތްއަށް ބުމަ އަރުވާލެވުނު އިރު އޭނާގެ ދެލޮލުން އެ ކަން އިތުރަށް ދެނެގަތުމުގެ ޝަޢުޤުވެރިކަން ފާޅުވިއެވެ.”އެހެންތަ.ހާދަ ދެރައޭ.އެކަމަކު މައި މަރުކަޒުގައި ތި ވަރު ބޮޑު ކަމެއް ހިނގުން ތިއީ އެކްސިޑެންޓަަކަށް ނުވާނެ”ފިރާތް ޝައްކުގެ ރާގަކަށް ބުންޏެވެ.”އެކްސިޑެންޓެއް ނޫނޭ.މުވައްޒަފުންގެ ފަރުވާ ކުޑަކަމުން”ނާއިލް އެއްބަސްވިއެވެ.”ނާޒުކު މަޢުލޫމާތުތައް،މާލީ ރިކޯޑުތައް،ކްލައިންޓުންގެ ތަފްސީލުތައް.މި އެއްޗެހި އެ މީހުންގެ ފަރުވާކުޑަކަމުން ކޮމްޕްރޮމައިޒް ކުރެވިފަ ވަނީ.މި ހުރިހާ ކަމެއް ޕަބްލިކްއަށް އެނގިއްޖެނަމަ އަހަރެންގެ އަބުރާއި ޢިއްޒަތް ގެއްލިގެންދާނެ”ފުން ނޭވައެއް ދޫކޮށްލަމުން ނާއިލް ބުންޏެވެ.އެއިރު ޔޫލިއާ ފޯނެއްގައި ހުރެ އެ މީހުން ކައިރިން ލާފައި ދިޔައެވެ.

“ހޫމް.ދެން ހީވޭތަ އަހަންނަށް އެހީވެވޭނެހެން؟”ފިރާތް ފާޑަކަށް ބުނުމާއެކު ނާއިލް ލޯ ހަނިކޮށްލަމުން ފިރާތްއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.”ފިރާތްއަކީ މި ކަހަލަ ނާޒުކު ހާލަތްތައް ވަރަށް އަމާންކަމާއެކު ހައްލު ކުރާ މީހެއްކަން އެކަކަށް ނޭނގުނަސް އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ.މި ކަމުގެ ފަހަތުގައި ވީ ކުއްވެރިން ހޯދައި އަދި މިއިން އެއްވެސް މަޢުލޫމާތެއް ލީކް ނުވާނެކަން ކަށަވަރު ކުރުމަށް ޓަކައި އަހަންނަށް ފިރާތްގެ ނެޓްވޯކްގެ ބޭނުން އެބަ ޖެހޭ”ނާއިލް ސީދާ ފިރާތްގެ ދެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.އެޔާއެކު ފިރާތްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.”އަހަންނަށް ޔަޤީނުންވެސް އެހީ ވެވިދާނެ.އެކަމަކު ތިއީ ހިލޭ ސާބަހަށް ކޮށްދެވޭ ވަރުގެ ކަމެއް ނޫން”ފިރާތް ބުންޏެވެ.އެޔާއެކު ނާއިލްގެ ކަތުރު ކަށިގަނޑަށް ވާންވިއެވެ.”ހޫމް.ވިސްނިއްޖެ.ބަދަލުގައި ކޯއްޗެއް ބޭނުންވަނީ؟”ނާއިލް އެއްސެވެ.”އޭ.އައި.އައި އެމްޕަޔަރ ގެ ދަށުން ހިންގާ ބޭސް އުފައްދާ ކުންފުނި.ވިޓާކޯ އިންޑަސްޓްރީޒް”ފިރާތް ނާއިލް އާއި ގާތައް ފިޔަވަޅެއް އަޅާލަމުން ބުންޏެވެ.ވިޓާކޯ އޭ ބުނުމުން ނާއިލް ސިއްސައިގެން ގޮސް ދެލޯ ތަންމިނަށް ހުޅުވުނެވެ.”ވިޓާކޯ؟އެއީ އަހަރެންގެ އެންމެ ފައިދާހުރި އެއް ވެންޗާ.ވީ އިރު ވިޓާކޯއެއް ތި ގޮތަކަށް ނުވިއްކޭނެ”ނާއިލްގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ.”އޯކޭ.މައްސަލައެއް ނެތް.ފަހަރެއްގައި އަންކަލްއަށް ހީވަނީ ކަންނޭނގެ ދޯ މި ކްރައިސިސް އަމިއްލައަށް ހައްލުވެދާނެހެން.އައި އޭމް ޝުއާ ޔުއަރ ކޮމްޕެޓިޓާސް ވުޑް ފައިންޑް ދަ ލީކްޑް ޑޭޓާ…އިންޓްރީގިންގް”ފިރާތް މޫނުމަތިން އެއްވެސް އަސަރެއް ދައްކާލުމެއްނެތި ބޯ އަރިކޮށްލަމުން ނުލަފާ ހިނިތުންވުމަކާއެކު ބުންޏެވެ.އެއާއެކު ނާއިލް ފިރާތްއަށް ލޯ އަޅާލިއެވެ.ފަޓްލޫނުގެ ދެ ޖީބަށް ޖަހާފައި އޮތް އޭނާގެ ދެ އަތް ވެސް ދިޔައީ މުށްކެވެމުންނެވެ.”ފިރާތް ތި އެދެނީ ވަރަށް ބޮޑު ބަދަލަކަށް”ނާއިލް ބުންޏެވެ.”ނޫން.އަހަރެން މި އެދެނީ އަހަންނާއި ހަވާލުކުރި މަސައްކަތާއި އެކަށީގެންވާ އަގެއް ހުރި އެއްޗަކަށް.އަހަރެން ކައިރިއަަށް އެހީއަށް އެދި އައީ އަންކަލް.އަހަންނަށް ތި ކުންފުންޏާއި އަންކަލްގެ އަބުރާއި ޢިއްޒަތް ސަލާމަތް ކުރެވިދާނެ.އެކަމަކު އެ ގޮތް ބޭނުންވާނަމަ ޙަރަދުކުރަން ޖެހޭނީ އަންކަލްއަށް”ފިރާތް ލޯ ހަނިކޮށްލަމުން ބުންޏެވެ.

އެ ޖުމްލަތައް އިވިފައި ނާއިލް ފަސްޖެހުނެވެ.ވިޓާކޯ ގެއްލުމަކީ ބޮޑު ގެއްލުމެއް ނަމަވެސް އޭގެ ބަދަލުގައި ޢާއްމުންގެ ކުރިމަތީގައި އޭނާ ނިކަމެތިވެ އޭނާގެ ވިޔަފާރި ބަނގުރޫޓުވުން އެޔަށް ވުރެ މާ ގޯސް ވާނެއެވެ.”މައްސަލައެއް ނެތް”ނާއިލް ދެ ދަތްޕިލަ ޖައްސައި ބާރުކޮށްގެން ހުރެ ބުންޏެވެ.”ކުންފުނި ފިރާތްއަށް ލިބޭނެ.އެކަމަކު ވީހާވެސް އަވަހަކަށް ބްރީޗް ކަންތައް ހައްލުވާން އަހަރެން ބޭނުން”ނާއިލް ބުންޏެވެ.”ހެއްހެއް.އެކަން ކުރެވިއްޖެކަމަށް ބަލާ”ފިރާތް މިހެން ބުނެ ދުރަށް ހިނގައިގަތް އިރު ނާއިލްއަށް އޭނާއަށް މި ކުރެވުނީ ރަނގަޅު ކަމެއް ކަމާއި މެދު ޝައްކު އުފެދުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ހަމަޖެހިލީ ފިރާތްއަކީ އޭނާގެ ބަހުގައި ހިފަހައްޓާ މީހެއްކަން ޔަޤީންވާތީއެވެ.ފިރާތް ނަޖިސް އެއްޗަކާއި ދިމާލަށް ބަލާހެން އޭނާގެ އަތައް ބަލައިލަމުން އަވަސް އަވަހަށް އެއްފަރާތެއްގައި ހުރި ޕައުޑަރ ރޫމްއާއި ދިމާލަށް ހިނގައިގަތީ އެ “ނަޖިސް” ފިލުވާލުމަށެވެ.ފިރާތް މާލަން ދޫކޮށް ދިޔަ މަންޒަރު ނޯރާ އާއި ވާހަކަ އަޅުވާލައިގެން ހުރި ޔޫލިއާއަށް ފެނުނެެވެ.އެއިރު އޭނާގެ ތުންފަތްމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.އޭނާ ފޯނުގައި ހުރެ އެ ދެމީހުން ކައިރިން ލާފައި ދިޔައިރު ދެ މީހުން ދެއްކި ވާހަކަ ފަނޑުކޮށް ނަމަވެސް އޭނާއަށް އަޑު އިވުނެވެ.ޔޫލިއާގެ ނަޒަރު އެއް ދިމާލަކަށް ހުއްޓިފައި ހުރި ތަން ފެނި ނޯރާއަށް ލޯ ހަނިކޮށްލެވުނެވެ.”ޔޫލީ.ކޮން ޙިޔާލެއްގަ؟”ނޯރާގެ އަޑަށް ޔޫލިއާއަށް ސިހިގެން ގޮސް ބަލާލެވުނެވެ.”ޙިޔާލެއް ނުކުރަމޭ ނޯރީ”ޔޫލިއާ އަތުގައި ހުރި ކޯކު ތަށިން އެތިފޮދެއް ބޯލަމުން ބުންޏެވެ.ނޯރާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ދުރުގައި ފޯނެއްގައި ހުރި ރޭހާން ފެނުމުން އޭނާގެ ޙިޔާލު ބަދަލުވިއެވެ.ޔޫލިއާ ގާތުގައި އެބަ އަންނަން ކަމަށް ބުނެ ނޯރާ އިސްތަށިގަނޑު ރީތިކޮށްލަމުން އެ ދިމާލަށް މިސްރާބުޖެހިއެވެ.

ނޯރާ ދިއުމާއެކު ޔޫލިއާ ކޯކުތަށިން ކޯވަރުތައް ބޮމުން މާލަމަށް އައިސް ތިބި ތަފާތު ޝަޙުސިއްޔަތުތައް ދިރާސާކުރަން ފެށިއެވެ.އެހެން ހުއްޓާ ފަސްވަރަކަށް މިނުޓު ފަހުން އާލިޔާއާއި ނުވާޝް ޔޫލިއާ ގާތައް އައެވެ.އާލިޔާ ހިނިތުންވެފައި ޔޫލިއާ އާއި ސަލާން ކުރަމުން ވާހަކަ ދެއްކި އިރު ނުވާޝް ހުރީ ޔޫލިއާ އެހާ ގާތުން ފެނުނު އިރު ރީތިކަމުން ސޮނިވެއްޓިފައެވެ.”ޔޫލިއާ.މާޝާالله.ހާދަ ރީއްޗޭ މިރޭ.ކޮބާތަ“މަންމަ”؟ނާދޭތަ އިވެންޓްގަ ބައިވެރިވާކަށް؟”އާލިޔާ އަކީ މީގެ ކުރިންވެސް ބޭރުގެ އެކި ކަހަލަ އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހަކަށް ވާތީ ރަޝްފާގެ ފަރާތުން ޔޫލިއާ އަށް ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން އާލިޔާ އާއި ބައްދަލުވެފައެވެ.އެހެންކަމުން އާލިޔާ އަކީ އޭނާއަށް އާ މޫނެއް ނޫނެވެ.އާލިޔާ އޭނާގެ“މަންމަ”ގެ ވާހަކަ އެހުމުން ޔޫލިއާ ހިތުގައި ޖެހުނު ނަމަވެސް އެކަމެއް ނުދައްކައެވެ.ދުނިޔޭގެ ނަޒަރުގައި އޭނާއަކީ މަލްޓި މިލިއަނެއަރ ރަޝްފާ ހަސަންގެ ތަބަންނީކުރެވިފައިވީ ހަގު ދަރިފުޅެވެ.ނަމަވެސް ހަޤީގަތުގައި އޭނާއަކީ މީގެ އެކާވީސް އަހަރުކުރިން އޭނާގެ މަންމައާއި މަންމަ ފަރާތު ބޮޑުދައިތަ ނިޔާވި ހާދިސާގައި ދުނިޔެ ދޫކުރި  މީހުންގެ ތެރެއިން ތިންވަނަ މީހާއެވެ.ފިރުޝާން ހަސަންގެ“މަރުވެފައިވާ”ދަރިފުޅެވެ.އޭނާގެ އާއިލާއިން އެ ހަޤީގަތް ފޮރުވާފައި ވަނީ ޔޫލިއާ ރައްކާތެރިކުރުމަށެވެ.އެކަމަށް ޓަކައި ފިރުޝާން އާއި ރަޝްފާ ވަނީ ޙުދު އޭނާއަށް ވެސް އޭނާގެ އުމުރުން ފަނަރަ އަހަރު ވަންދެން އެ ހަޤީގަތް ސިއްރުކޮށްފައެވެ.”އާލިޔާ އާންޓް.އަލްހަމްދުލިއްالله މަންމަ ވަރަށް ރަނގަޅު.އާންޓް ކިހިނެއްތަ؟އައި އޭމް ސޯ ސޮރީ.އައި ރެޑް ދަ ނިއުސް.ވަރަށް ދެރަވި.އުއްމީދުކުރަން އޭ.އައި.އައި އަށް ދިމާވެގެން އުޅޭ މައްސަލަތައް ވަރަށް އަވަހަށް ހައްލު ވާނެކަމަށް”ޔޫލިއާ ކަންބޮޑުވެފައިވީ ރާގަކަށް ބުންޏެވެ.އެއާއެކު އާލިޔާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިދިޔައިރު ނުވާޝްގެ ޖީބުގައި އޮތް އޭނާގެ ދެ އަތް މުއްކެވިގެން ދިޔައެވެ.”ހިހި.ޔޫލިއާއަށް ވެސް އިނގޭނެ ދިރިއުޅުމުގަވެސް އަޕްސް އެންޑް ޑައުންސް އަންނަ ގޮތައް ވިޔަފާރީގަވެސް ހަމަ އެކަހަލަ ދަތި ދުވަސްތައް އަންނާނެކަން.ދެން އިންޝާالله ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބަލަމާ.ބިލިއަނެއަރ އެމްޕަޔަރަކާއި ބެހޭގޮތުންތާ މި ވާހަކަ ދެކެވެނީ”އާލިޔާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.”މިހިރީ އާންޓްގެ ދަރިފުޅު ނުވާޝް.ކުރިން ދިމާވެފައެއް ނެތް ދޯ ދެކުދިން”ޔޫލިއާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ އާލިޔާ މަޢުޟޫ ބަދަލުކޮށްލަމުން ފުރުސަތުގެ ބޭނުން ހިފައި ޔޫލިއާއަށް ނުވާޝް ތަޢާރަފް ކޮށްދިނެވެ.ހޯލަށް ވަނީއްސުރެން އިރު އިރުކޮޅާ ނުވާޝްގެ ނަޒަރު ޔޫލިއާއަށް ހުއްޓެމުން ދިޔަކަން އާލިޔާއަށް ވަނީ ފާހަގަވެފައެވެ.ނުވާޝްގެ އެ ޢަމަލުން އޭނާގެ ޒުވާން ދަރިފުޅުގެ ހިތުގައި އޮތީ ކީކޭކަން އާލިޔާގެ ތަޖުރިބާކާރު ސިކުނޑިއަށް ދެނެގަނެވުނެވެ.އެހެންކަމުން އޭނާ މިރޭ ނުވާޝް ގޮވައިގެން ނޯރާ ދިޔަ ވަގުތު ބަލާފައި ޔޫލިއާ އާއި ވާހަކަ ދައްކަން އެ އައީ ވެސް އެ ދެ މީހުން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނުމުގެ މަޤުސަދުގައެވެ.އެކަމުގެ ސަބަބުން ދެމީހުން ދޭތެރޭގައި ލޯބީގެ ގުޅުމެއް އުފެދި ކައިވެނީގެ ގޮށް ޖަހާލެވިއްޖެނަމަ ޔޫލިއާގެ އާއިލީ ވަނަވަރުގެ ސަބަބުން އޭ.އައި.އައި އަށް ނުހަނު ފައިދާވާނެކަން އޭނާ ދަނެއެވެ.

ޔޫލިއާ ނުވާޝްއަށް ފޫހި ނަޒަރަކުން ބަލާލުމަށްފަހު ސަލާމައް އަތް ދިއްކޮށްލިއެވެ.ނުވާޝް އެތަނަށް ވަނީއްސުރެ އޭނާ ބަލަމުން ދިޔަ ގޮތުން ޔޫލިއާ ހުރީ ނުހަނު އުދަނގޫ ވެފައެވެ.ނަމަވެސް އެ ފަދަ ފިރިހެނުންގެ ނަޒަރުތަކަށް އާދަވެފައި ހުރުމުން ކުރިން ފަހަރު ތަކެކޭ ވެސް އެއްފަދައިން މިފަހަރުވެސް އޭނާ ބެލީ އަޅާނުލާ ވޭތޯއެވެ.ޔޫލިއާ ނުވާޝްއާއި ވާހަކަ ދެއްކީވެސް މަޖުބޫރުވެފައިވާ މީހެއް ފަދައިންނެވެ.”އޯހް އެހެންތަ.ނުވާޝް ކިހިނެތް؟”ޔޫލިއާ އެއްސެވެ.އެއާއެކު ޔޫލިއާގެ ދެލޮލުގެ ތެރެއަށް ގެއްލި ގޮސް ހުސްވެފައި ހުރި ނުވާޝްއަށް ހަމަބިމަށް އާދެވުނެވެ.”ވަރަށް ރަނގަޅު.ޔޫލިއާ ކިހިނެތް؟ވަރަށް ގިނަ ވާހަކަތައް އިވުނު ޔޫލިއާ އާއި ބެހޭގޮތުން.ކުރިން ފެނުނީ ހަމައެކަނި ފޮޓޯތަކުން އެކަމަކު މިހާރު ހަމަ ލޮލުން ފެނުނީމަ އެނގިއްޖެ ޔޫލިއާ ކިހާ ރީތިކަން.މާޝާ الله.ޔޫ ލޫކް ސްޓަނިންގް”ނުވާޝްގެ ދުލުން ބޭރުވެގެންދިޔަ ފަހު ޖުމްލައަކީ ޔޫލިއާއަށް އަޑު އިވި އިވި ފޫހިވެފައި އޮތް ޖުމްލައެކެވެ.ނަމަވެސް އެކަން ނުދައްކާ ހިނިތުންވެލަމުން އެ ތަޢުރީފަށް ޝުކުރު އަދާކުރިއެވެ.”އެނީވޭ…އާލިޔާ އާންޓްގެ ބިޒްނަސް ދަނީ ކިހިނެއްތަ؟”ޔޫލިއާ މަޢުޟޫ ބަދަލުކޮށްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

****

ހޯލްތެރޭގައި މީހުންތައް އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔައިރު ޕައުޑަރ ރޫމް ތެރޭގައި ފިރާތް ދިޔައީ އޭނާގެ އަތުގައި ހޭކިފައި ހުރި“ނަޖިސް” ފިލުވޭތޯ މަސައްކަތް ކުރަމުންނެވެ.”އޭނަ އާއި ސަލާން ކުރި އިރު މަށައް ހީވީ ޝައިތާނަކާއި އެކު އެއްބަސްވުމެއްގަ ސޮއިކުރެވުނުހެން”ލޯގަނޑުން ފިރާތްގެ ހިތްހަމަނުޖެހުން އެކުލެވިގެންވީ މޫނު ފެންނަމުން ދިޔައިރު އޭނާ ދިޔައީ ސިންކު މަތީގައި ހުރި ސައިބޯނި ފުޅި ހުސްވަންދެން އެއަށް ފިއްތައި އަތައް އަޅަމުންނެވެ.”އެއްފަހަރު އެޅުމަކުން އަދި ނުފުދޭނެ”ފިރާތް އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެ އަނެއްކާވެސް އިތުރަށް ސައިބޯނި އަޅައި ދެ އަތް ދެ އަތާއި އުނގުޅަން ފެށިއެވެ.އޭނާ އުޅުނު ގޮތުން ހީވަނީ ކުނިގޮނޑު ތެރެއަށް އަތް ކޮއްޕިގެން އުޅުނު މީހެއްހެންނެވެ.ދެ އަތް ދެ އަތާ އުނގުޅަމުން ދިޔައީ އެހާ ވެސް ބާރަށެވެ.ކޮންމެ އިނގިއްްޔެއްވެސް ވަކި ވަކިން ސާފުކުރަމުން ދިޔައީ އިންފެކްޝަނެއް ފިލުވަން އުޅޭހެންނެވެ.”ކީއްވެގެންތަ މި ސައިބޯނިީގަ ލެވެންޑާ ވަސް ދުވަނީ؟ކާކުތަ މި ތަން ޑިޒައިން ކުރީ؟އަހަންނަށް ބަލާފަ ބުނާނެތަ ފިރާތް ހަސަން ލެވެންޑާ ސައިބޯނި ބޭނުންކުރާނެއޭ؟ނޯ ވޭ.އަހަރެން ބޭނުންވަނީ އިންޑަސްޓްރިއަލް އެއްޗެއް.ބްލީޗް،އެސިޑް،ހިލަ ކަރުދާސް.ވަރިހަމަ ކޮންމެ އެއްޗަކަސް!”ފިރާތް ތުން އޫކޮށްގެން ހުރެ ކުދި ކިޔަމުން ދިޔައެވެ.”ޕިސް.އަދިވެސް ހާދަ ހަޑިއޭ”ފިރާތް ދެ އަތް ސީލިންގައި ހަރުކޮށްފައި ހުރި ފަނޑު އަލިކަމެއްވީ އޮރެންޖް ކުލައިގެ ބޮއްކާއި ދިމާލަށް ދިއްކޮށްލަމުން ބުންޏެވެ.އެއަށްފަހު އަނެއްކާވެސް ފެން އިސްކުރޫ ދޫކޮށްލަމުން އަތް ދޮންނަން ފެށިއެވެ.

****

ދުރުގައި އިސްކޮޅު ވަރުގެ ކުޑަދޮރުތައް ކައިރީ ހުރި ރޭހާން ފޯނު ކޯލު ކުރުކޮށްލީ ފަހަތުން ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ.އަޑުން އެއީ ކަށި ފައިވާނަކަށް އަރައިގެން ހުރި މީހެއްގެ ފިޔަވަޅުތަކެއްކަން ދޭހަވުމާއެކު ރޭހާންއަށް ކައިރިވަމުން އެ އަންނަނީ ފިރިހެނަކު ނޫންކަން ޔަޤީންވިއެވެ.ލޯ ހަނިކޮށްލަމުން އޭނާ ފަހަތް ބަލާލިއިރު އަންހެންވަންތަ ހިނގުމެއްގައި އެ ދިމާލަށް އެ އަންނަނީ ނޯރާ ނޫން ދެވަނަ މީހެއް ނޫނެެވެ.ނޯރާ އައިސް އަރާ ހަމަވަންދެން ރޭހާންއަށް ހުއްޓުން އަރާފައި ހުރެވުނެވެ.”ހައި.ރޭހާން ދޯ.ފޯނުން ވާހަކަ ދެކެވިފަ ހުއްޓަސް އަދި ކިރިޔާދޯ ރަނގަޅަށް މި ދިމާވީ”ނޯރާ ސަލާމައް އަތް ދިއްކޮށްލަމުން ބުންޏެވެ.”ހެހެ.އާނ ދޯ.ޕްލެޝަރ ޓު މީޓް ޔޫ މިސް ނޯރާ”ރޭހާންވެސް ނޯރާގެ ކަފަކޮޅެއްހާ މަޑު އަތުގައި ހިފާލަމުން ސަލާން ކޮށްލިއެވެ.ދެން ހޭދަވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެެވެ.ދެ މީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެއެވެ.ބުނާނެ އެއްޗެއް ނެތީކީއެއް ނޫނެެވެ.ދެ މީހުންވެސް ތިބީ އެކަކު އަނެކަކާއި އެހާ ގާތުގައި ވުމުން ހިތުގައި ފުނިޖެހިފައި ހުރި ވާހަކަތަކުގެ ތެރެއިން ދައްކާނެ ވާހަކަތައް ދުލާއި ހަމަޔަށް ގެންނާނެ ގޮތެއް ނޭނގިފައެވެ.”ސޯ.ކީއްވެ އެފަހުން ނުގުޅީ؟މާ ބިޒީވީތަ؟”އިއްޔެ ހަތަރުދަމު ނިމިގެންދިޔައީ ރޭހާންގެ ކޯލެއްގެ އިންތިޒާރުގަ ހުއްޓާ”އެ ދެ މެދަށް ވެރިވެފައިވީ ހިމޭންކަން ނެތިގެން ދިޔައީ ނޯރާގެ އަޑަށެވެ.”އޯހް.އެހެންތަ.އާނ އެއީ ވީ ގޮތަކީ އިއްޔެއަކީ ވަރަށް ކްްލައިންޓުން ގިނަ ދުވަހެއް.އެއް ގޮތަކަށްވެސް ފޯނުގަ އަތްލާނެ ވަގުތެއްް ނުވި.އެންޑް ޕްލީސް ކޯލް މީ ރެއިން”ރޭހާން ބުންޏެވެ.”އެހެންތަ.އަހަންނަށް ވިސްނޭ ބިޒީކޮށް އުޅެން ޖެހުނީމަ ވާ ވަރު.ހޫމް..ރެއިން.ވަރަށް ރީތި ވަ ނަމެއް.ވާރެއަކީ ރޭހާން މާ ގަޔާވާ އެއްޗަކީތަ ވަ ނަމަކަށް “ރެއިން” ކިޔަނީ؟”ނޯރާ ސަމާސާ ރާގަކަށް ބުންޏެވެ.

“ނޫން އޭގެ އިދިކޮޅު.ސްކޫލް ދުވަސްވަރުން ފެށިގެންވެސް ކްލާސް ބައެއް ކުދިން އޭރު އަހަރެން ވާރޭ ދެކެ ބިރުން އުޅޭތީ ބުލީކުރުމުގެ ގޮތުން ކިޔައި އުޅުނު ނަމެއް އެއީ.އަހަރެން ކުޑަ އިރު އުޅެ ބޮޑުވީ ޔަތީމުޙާނާއެއްގަ.ދެން އެތަނުގަ އުޅޭ ކުދިންނަށް ވަރަށް ގިނައިން އަދަބު ލިބޭނެ.އެގޮތުން އަހަންނަށް ޖެހުނު ވަރަށް ގިނައިން ރޭގަނޑު އަނދިރީގަ ބޭރުގަ ހުންނަން.އިއްތިފާޤުން އެކަހަލަ ގިނަ ރޭތައް ދިމާވީ ހުޅަނގު މޫސުމުގެ ކަޅުފޮއި ވިއްސާރަ ރޭތަކާއި.އެ ރޭތަކުގަ ބޯ ވާރޭ ތެރޭގައި އަހަރެން ހުންނަން ޖެހުނީ ގުގުރާ ވިދަމުން ދިޔައިރު ބިރުގަނެ ފިނިވެ ހީކަރުވާ ހާލު ކެތްކޮށްލައިގެން.އެހެންވެ އަހަރެން ވާރޭ ދެކެ ބިރުގަންނަން ފެށި ގޮތައް ތެމެން ނުކެރުނީ.ދެން ބުލީގެ ޝިކާރައަކަށްވެ އަހަންނަށް ނަފްސާނީ ގޮތުން މާ ބޮޑަށް އަސަރު ކުރަން ފެށީމަ ސްކޫލް ޓީޗަރަކަށް ފާހަގަވެގެން އަހަރެން ކައުންސިލަރ ކައިރިއަށް ގެންދިޔައީ.އެ މީހާ ބުނީ ޕްލޫވިއޮފޯބިއާއޭ”ރޭހާން ކިޔައިދިނެވެ.މާޒީގެ ސަފްހާތަކުން ބައެއް ނޯރާއަށް ކިޔައިދިން އިރު އެ އަޑުގައިވީ ހިތާމައިގެ އަސަރު ނޯރާއަކަށް ސިއްރެއް ނުވިއެވެ.”އޯ އެމް ޖީ.އަހަންނަށް މަޢާފްކުރޭ އެހެން ބުނެވުނީތީ.އަހަރެން ހީކުރީ…”އިޓްސް އޯކޭ ނޯރާ.އެހެންނޫނަސް އަހަންނެއް ނޫންތަ މި ބުނީ ނޯރާ ކައިރީގަ އެހެން ކިޔާށޭ.ތެދައް ބުނަންޏާމުން އަހަންނަށް މިހާރު އެއްވެސް އަސަރެއް ނުކުރޭ އެހެން ކިޔަސް.ބޮޑައް އެއީ ފިރާތްގެ ސަބަބުން”ރޭހާން ލުއި ހިނިތުންވުމަކާއެކު ބުނުމުން ނޯރާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.

“ފިރާތް؟”ނޯރާ ސުވާލުގެ ނަޒަރަކުން ރޭހާންއަށް ބަލާލަމުން ބުންޏެވެ.”އާނ.ފިރޫ އާއި ދިމާވި ފަހުން އޭނަ އަބަދުވެސް އަހަންނަށް ކިޔާނީ “ރެއިން”.ފުރަތަމަކޮޅު އެހެން ކީ އިރު އަހަރެން ދެންމެ މި ކިޔައިދިން ވާހަކައެއް އޭނައަކަށް ވެސް ނޭނގޭނެ.ފިރާތް އެހެން ކީ ބުލީ ކުރުމުގެ ގޮތުން ނޫންކަން އަހަންނަށް އިނގުން އެކަމަކު އޭރުވެސް އަހަންނަށް ވަރަށް އުދަނގޫވި.އެންމެފަހުން އަހަރެން ނޯރާއަށް މި ކިޔައިދިން ގޮތައް ފިރާތްއަށް ވެސް އަހަރެންގެ މާޒީގެ އެ ޞަފްހާ ކިޔައިދިނީ.އެކަމަކު ދެން ވެސް ފިރާތް އެހެން ކިޔުން ހުއްޓައެއް ނުލި.ދެން އަހަރެން ހީކުރީ އޭނާ ގަސްތުގަ އަހަރެންގެ ޒަޙަމްތަކުގައި ލޮނުމިރުސް އުނގުޅަން އުޅެނީ ކަމަށް.އެއްދުވަހު އަހަރެން ވަރަށް ރުޅި އައިސްފަ ހުރެ އޭނަ ކިބައިން ސުވާލުކުރީމަ ބުނީ ރެއިންއަށް މިކަމުން އަރައިގަނެވޭނީ ރެއިން އަރައިގަންނަން މަސައްކަތްކުރީމައޭ.ވާރެއަކީ ރަޙުމަތެކޭ.ވީ އިރު އޭގެ ތެރެއަށް ނުކުމެ ބިރު ގަތުމުގެ ބަދަލުގައި އޭގެ ފިނިކަމުން ހަށިގަނޑަށް ލިބޭ އަރާމު އިޙުސާސްކުރެވޭތޯ ބަލާބަލާށޭ.ބުލީ ކުރުމުގެ ސަބަބުން އަހަންނަށް ލިބުނު ވަނަން“ހަޤީގަތުގައި”ވެސް ވަ ނަމެއްގެ ގޮތުގައި ބަލައިގަނެވޭތޯ މަސައްކަތްކޮށްބަލާށޭ.އަހަންނަށް މާޒީ ޤަބޫލުކުރަން ދަސްކޮށްދިން މީހަކީ އަހަރެން އެ މީހަކަށް އެންމެ އިޙުތިރާމް ކުރާ އަދި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ފިރާތް ހަސަން.އަހަރެންގެ މާޒީ ހަނދާން ނައްތާލުމެއްނެތި ހީލްވާން އެހީވެދިން މީހަކީ އެއީ.ފިރާތް އަބަދުވެސް ބުނާނެ މާޒީ ކިތަންމެ ހިއްޗަސް ޖެހޭނީ ޤަބޫލުކުރާށޭ.އެއީ ތިމާގެ ދިރިއުޅުމުގެ އަސްލޭ”ރޭހާން ބުންޏެވެ.”އެހެންތަ.އެހެންވީމަ ފިރާތް އަކީ އަހަރެން އަޑު އަހާފައި އޮތް ގޮތާއި ޙިލާފަށް އެއްވެސް ކަހަލަ ހިތެއް ނެތް މީހެއް ނޫންތާ”ނޯރާ ބުންޏެވެ.”އާނ.ފިރޫ އަކީ ވަރަށް ހިތްހެޔޮ މަޖާ މިޒާޖެއްގެ މީހެއް.އެކަމަކު މާޒީގަ ފިރޫއަށް ދިމާވި ކަންތައް ތަކަކީ އަހަންނަށް ދިމާވި ކަންތަކަށްވުރެ މާ ދެރަ ކަންތައްތަކެއް”ރޭހާން މިހެން ބުނުމާއެކު ނޯރާގެ ދެ ލޯ ބޮޑުވިއެވެ.”ވާޓް؟”ނޯރާ އެހެން ބުނި އަޑު އިވުމުން ރޭހާންއަށް ބުނަން ނުޖެހޭ އެއްޗެއް ބުނެވިއްޖެކަން ރޭކާލިއެވެ.އޭނާގެ އަނގަ ގަދަ ކަމާއި މެދު އަބަދުވެސް އަމިއްލަ ނަފްސާއި ދިމާލަށް ކުދި ކިޔަ ކިޔާ ހުންނަ ރޭހާންއަށް މިފަހަރުވެސް ހިތާހިތުން އެތައް ފަހަރަކު އަމިއްލަ ނަފްސަށް އެއްޗެހި ކިޔުނެވެ.ފިރާތްއަށް ނޯރާ ކައިރީގައި އޭނާއަށް ބުނަން ނުޖެހޭ އެއްޗެއް ބުނެވިއްޖެކަން އެނގިއްްޖެއްޔާމުން އޭނާގެ ދުލުގައި ތަޅެއް ނޭޅުވިއްޔާ ރަނގަޅެވެ.”ހެހެ.ދެން އެ ވާހަކަ ބާއްވަމާ.އެނީވޭސް.ދެން މި އެކުވެރި ވެވުނީ.އަަހަންނާ އެއްކޮށް ޑިނަރ އަކަށް ދާނަންތަ؟”ރޭހާން ވަގުތުން ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ.އެއާއެކު ނޯރާވެސް ރޭހާން އޭނާ އާއި އެއްކޮށް ކެއުމަކަށް ދާން ބޭނުންވާ ވާހަކަ ދެއްކުމުން އުފާވެފައި ކެއުމުގެ ވާހަކަ ކުރިއަށް ގެންދިޔައިރު ފިރާތް ގެ މާޒީ އާއި ގުޅުވައިގެން ރޭހާން ބުނި ވާހަކަ ހަނދާންވެސް ނެތް ކަހަަލައެވެ.

****

ހިތްހަމަޖެހޭވަރަށް އަތް ދޮވެ ސާފުކުރުމަށްފަހު ފިރާތް ޕައުޑަރ ރޫމުން ނުކުމެ އެނބުރި ހޯލްތެރެއަށް ވަނެވެ.ރޭހާން ކޮބައިތޯ ބަލާލިއިރު ދުރުގައި ނޯރާ އާއި ވާހަކަ ދައްކަން ހުރިތަން ފެނި ފިރާތްއަށް ދެފަރާތައް ބޯ ހޫރާލެވުނެވެ.”މަށާއި ޔޫލިއާ ހަސަންއާއި އަޅުވާ ކިޔާއިރު މި ސޮރު މި ދުވަނީ މަޝްހޫރު މޮޑެލްތަކުގެ ފަހަތުން.ހުރެބަލަ މިރޭ ފަހުން ވަރަކަށް ދިމާކޮށްލާނަން”ފިރާތް އަމިއްލަ ނަފްސައް އިވޭ ވަރަށް ބުނި އިރު ތުންފަތް މަތީގައި ވީ ލާނެތް ހިނިތުންވުމެކެވެ.އެ ދެ މީހުންގެ ކިބައިން ނަޒަރު ވަކިކޮށް ފިރާތްގެ ރީތި ދެލޯ ހޯދަމުން ދިޔައީ އެހެން ފަރާތެކެވެ.ކުއްލިއަކަށް އޭނާގެ ދެ ލޯ ގޮސް ހުއްޓުނީ ހޯލްގެ މެދާއި ހިސާބުގައި ހުއްޓިލައިގެން ތިބި ތިން މީހުންނަށެވެ.ކުއްލިއަކަށް މުޅި ތަން އަނދިރިވެގެން ގޮސް ރަތް ކުލައިގެ އައްޔަކުން ދިއްލުނެވެ.އިރުކޮޅަކުން އެ ފަނޑު އަލިކަމުގެ ތެރެއިން ފެނުނު މަންޒަރުން ފިރާތް ދެ އަތް މުށްކެވި ކަތުރު ކަށިގަނޑަށް ވާންވެގެން ދިޔައެވެ.

****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

svetlana

Level 110 Stories100 Login

An avid reader and storyteller at heart, weaving tales that captivate and inspire. Passionate about exploring the depths of human emotions.crafting worlds that linger in the imagination.Writing is not just a passion—it's my way of breathing life into dreams.

Other Articles

Previous

ފުރަތަމަ ނަޒަރުން (8)

Next

މަލަކާ

Next
January 25, 2025

މަލަކާ

Previews
January 25, 2025

ފުރަތަމަ ނަޒަރުން (8)

2 Comments!

  1. Anonymous says:
    January 25, 2025 at 10:40 pm

    mi part vx hama vr reethi when next

  2. Your fav bab says:
    January 26, 2025 at 6:34 pm

    Very nice !!!!
    I like the fact that the parts you up is pretty long!!!!
    Hehehehehehhehe
    When next

Comments are closed.

Next Episodeޕިޔަދަ10&9←


All Right Reserved!