ބަދަލުވެ ދިޔަ ހަޔާތް – 4
ދެން ޖެހި ގުގުރި އަދި މާބާރެވެ. ނާޒް ގަތްބިރުން ހައްތަހާ ބޮޑައް ނާޒިމް އާ ކައިރިވެލާ ނާޒިމްގެ ގަމީހުގަ ހިފަހައްޓާލިއެވެ. ނާޒް ގަޔާ ކައިރިކޮށްލެވުނީ ނާޒިމް އަށް ބޭއިހުތިޔާރު ގައެވެ. އެއީ ނާޒިމް ގަސްތުގަ ކުރި ކަމެއް ނޫނެވެ.
ނާޒް މީގެކުރިން އަކީލް ނޫން މީހަކާ އެހާ ގާތްވެފައެއް ނުވެއެވެ. އެހެންކަމުން ނާޒް އަށް ކުރެވުނީ މުޅިން އެހެން އިހުސާސެކެވެ. ނާޒް އުޅުނީ ނާޒިމް އަތުތެރެއިން ސަލާމަތް ވުމަށެވެ. އެކަމަކު ނާޒިމް ހުރީ އެއަށްވުރެ ބާރަށް ނާޒް ގެ ގައިގަ ހިފަހައްޓާލާ މެޔާލާ ފިއްތާލާފައެވެ.
ކުއްލިއަކަށް ނާޒިމް އަށް ކުރެވުނު ކަންތަކުގެ އިހުސާސް ވުމާއެކު ނާޒް ދޫކޮށްލިއެވެ. އަނދިރީގެ ތެރެއިންވެސް ނާޒްގެ ދެލޮލުން ފޭބި ކަރުނަ ނާޒިމް އަށް ފެނުނެވެ. ނާޒިމް އަށް ކުރެވުނު ކަންތަކާ މެދު ވިސްނާލެވުނީ ނާޒް ދުވެފަ އެތަނުން ދިއުމުންނެވެ.
” އޯ. އަހަންނަށް ކީއް މިކުރެވުނީ. ކީކޭ ނާޒް ހިތަށް އަރާނީ ” ނާޒިމް އަށް އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނެވެ. ނާޒިމް އަކީ އެހާ ކެތްތެރިކަން ކުޑަ މީހެއް ނޫނެވެ.
” އަހަންނަށް ހަމަ ޔަގީން އަހަރެން ނެތް ދުވަހެއް ފެނުނަސް ނާޒިމް އަކަށް ނުކެރޭނެ އެހެން އަންހެން ކުއްޖެއް ގައިގަ އިނގިލި ކުރި ޖައްސާލާކަށްވެސް ” މަލްހާ ދުނިޔޭގަ ހުރި އިރު ގެ ހަނދާނެއް ނާޒިމް އަށް އާލާވިއެވެ. އާއެނކެވެ. ނާޒިމްވެސް ހީކުރީ ހަމަ އެގޮތަށެވެ. އެކަމަކު މިހާރު އެކަން މުޅިން ބަދަލު ވެއްޖެއެވެ. ނާޒިމްގެ ހިތްވަނީ އެންމެ ފުރަތަމަ ނަޒަރުންވެސް ނާޒް އަށް ދެވިފައެވެ. ނާޒިމް ހާސްވީ ނާޒް ހިތަށް އަރާނެ އެއްޗަކާ މެދުއެވެ. އަނެއްކާ ނާޒިމް ގެ މިއަމަލުގެ ސަބަބުން ނާޒް މިގެއިން ގޮސްދާނެ ކަމުގެ ބިރު ނާޒިމް އަށް ހީވިއެވެ.
ނޫނެކެވެ. އެހެން ވިޔަކަ ނާޒިމް ނުދޭނެއެވެ. އޭގެ ކުރިން ނާޒް ކައިރިން ނާޒިމް މައާފަށް އެދޭނެއެވެ. މުޅި ރޭވެސް ނާޒިމް އަކަށް ނުނިދުނެވެ. ނާޒް އާ ދޭތެރޭ ވިސްނުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނާޒިމް އަކަށް ނުވިއެވެ. ނާޒް ފަކީރުގެ ހާލަކީވެސް ހަމަ އެއީ އެވެ. ނާޒިމް ކުރި ކަންތަކާ މެދު ވިސްނުން ފިޔަވާ އެހެން ކަމެއް ނާޒް ނުކުރެއެވެ.
ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނީ ކިހާ އިރެއްވަންދެން ކަން ހުރު ނާޒް އަށްވެސް ނޭނގޭނެއެވެ. އެތައް އިރަކު ހިނގުމަށްފަހު ނާޒް ކުޑަދޮރުކައިރިއަށް ހުއްޓި ބޭރު ބަލާލިއެވެ. އެހެން ހުރެހުރެ ވަރުބަލިވުމުން އެނދަށް އަރާ އޮށޯވެ ބާލީހުގަ ބައްދާލިއެވެ. ރުއިމާ ފިކުރު ކުރުން ފިޔަވާ އެހެންކަމެއް ނާޒްގެ ހަޔާތުގަ ނުވަނީ ބާވައެވެ.
އަލަތު ކައިވެންޏަކީ ކޮންމެ ކުއްޖަކުވެސް ހާދަ ފޮނި އުއްމީދަކާއި އެކު ކުރާ ކަމެކެވެ. ނާޒް އާ އަކީލްގެ ކައިވެނި ކުރެވުނީވެސް ހަމަ އެފަދައިންނެވެ. ނާޒް މައިންބަފައިންގެ ނުގަބޫލުގަ ނާޒް އަކީލް އާ ކައިވެނި ކުރީ ހާދަ ފޮނި އުއްމީދަކާ އެކުއެވެ. މުޅި އުމުރު ދެމީހުން އެކުގަ ހޭދަކޮށްލުމަށް ވައުދުތަކާ އަހުދުތައް ވުމަށްފަހުއެވެ. ނާޒް ހީކުރީ އަކީލްގެ އާއިލާއިން ކައިވެނިކޮށްގެން އެންމެ ފުރަތަމަ ގެއަށް ދިޔަ ދުވަހު ކީ މަރުހަބާ އަކީ ހަގީގަތެއް ކަމަށެވެ. ފަހަރެއްގަވެސް އެމީހުންގެ އޮމާން ރީތި ސޫރައިގެ އަޑީގަ ފޮރުވިފައިވާ ނުބައި ސިފަ ނާޒް އަކަށް ނޭނގުނެވެ. އަކީލްގެ ފަރާތުން ނާޒް އަށް ލިބެމުން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބާ އޯގާތެރިކަމާ އަޅާލުމެވެ. އެކަމަކު އަކީލްގެ ވަޒީފާގެ ގޮތުން އަކީލް ގިނަ ވަގުތު އުޅެންޖެހެނީ ބޭރުގައެވެ.
އަކީލް ބޭރުގަ ވާ ވަގުތު ތަކުގަ ނާޒް ފަކީރަށް ޖައްސަމުން ދިޔައީ ކޮންފަދަ ހާލެއް ހެއްޔެވެ؟ ނުކިޔާކަށް އެއްޗެއް ނޯވެއެވެ. އަކީލްގެ މަންމަ ނާހިދާ އާ އަކީލްގެ ދައްތަ އާރިޔާ ގެ ފަރާތުން އިވެމުންދާ ވިހަ ގަދަ ބަސްތަކުން ނާޒްގެ ހިތް ތޮރުފާލާ ފަދަ އެތައް ދުވަހެއް ދެއެވެ. އެކަމަކު ވެސް ނާޒު ދިޔައީ އަކީލް އަށް އެހުރިހާ ކަމެއް ސިއްރުކޮށް އުފަލާ އެކު އުޅެވޭތޯ މަސައްކަތް ކުރަމުންނެވެ. އަކީލް އަށް ކިތަންމެ ސިއްރު ކުރަން ނާޒް މަސައްކަތް ކުރި ނަމަވެސް ނާޒްގެ ހަށިގަނޑައް އަންނަމުން ދިޔަ ބަދަލު އަކީލް އަކަށް ސިއްރެއް ނުވެއެވެ. އެކަމާ ބެހޭގޮތުން އެތައް ފަހަރަކު ސުވާލު ކުރެއެވެ.
އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ނާޒް އެކަން ފޫބެއްދުމުގެ ގޮތުން އެތައް ދޮގުތަކެއް ހަދައެވެ. އެންމެ ފަހަރަކުވެސް އަކީލް ކުރިމަތީ އޭނާގެ އާއިލާ ގޯސްކޮށް ވާހަކައެއް ނުދައްކައެވެ.
ކައިވެންޏަށް ބަރާބަރު އަށްމަސްވީ ދުވަހު އަކީލް އަށް ލިބުނު އުފާވެރި ހަބަރައިގެން އައިގޮތަށް އައިސް ބަދިގެ ތެރޭ ރިހަ ކައްކަން ހުރި ނާޒް އުރާލާ ނާޒްގެ މޫނުގަ ކިސްކޮށްލިއެވެ. އެމަންޒަރު ބަލަން ތިބި އާރިޔާ އާ ނާހިދާ އަށް ތުން އަނބުރާލެވުނީ އެކަކު އަނެކަކަށް ބަލާލާފައެވެ. އެމަންޒަރު ނާޒް އަށް ފެނުނު ނަމަވެސް އަކީލް އަކަށް ނުފެނެއެވެ.
” މަންމާ. ދައްތާ. އަހަރެން އުއްމީދު ކުރި ގޮތަށް އަހަންނަށް މިއޮތީ ފުރުސަތު ލިބިފަ. ލޯފާމް އިން އިތުރަށް ކިޔެވުމުގެ ފުރުސަތު މިފަހަރު މިލިބުނީ އަހަންނަށް. އަހަރު ދުވަހަށް އަހަރެން މިޖެހެނީ މެލޭޝިޔާ އަށް ދާން. މަންމަ އަށް އިނގޭތަ. އަހަރެން ދާނީ ނާޒްވެސް ގޮވައިގެން ” ނާޒް އަށް ބާރަށް ބާލީހުގަ ބައްދާލެވުނެވެ. އަދި ހިތާ ހިތާ ކިޔާލިއެވެ. ” އަހަރެން ގޮވައިގެން ދިޔަ ނަމައެވެ. އެހެން ނޫންނަމަ މިދުވަސް ދެކޭކަށް އަހަންނަކަށް ނުޖެހުނީހެވެ. ނާޒް އަށް ލޯ މަރާލެވުނެވެ. ލޮލުން ފޭދިގެން ދިޔަ ކަރުނަ ތިކި އަތުގެ ނުފުށުން ނާޒް ފޮހެލިއެވެ.
************************************
އެހެން ދުވަސް ދުވަހު ފާއިޒާ އަށްވުރެ ކުރިން ނާޒް ހޭލައިގެން ސައި ތައްޔާރު ކޮށްލައެވެ. އެކަމަކު މިއަދު އަދިވެސް ނާޒްގެ ހަބަރެއް ނުވެއެވެ. އަށެއް ޖަހަންދެން މަޑު ކުރުމަށްފަހު ނާޒްގެ ހަބަރެއް ނުވުމުން ފާއިޒާގޮސް ނާޒް ކޮޓަރީ ދޮރުގަ ޓަކި ޖަހާ ނާޒް އަށް ގޮވިއެވެ. އޭރު ނާޒިމް ވެސް އެކޮޓަރިއާ އަރާ ހަމަވަނީ އެވެ.
ނާޒިމް ހަނދާންވީ ރޭގެ މަތިންނެވެ. އަނެއްކާ އެކަމާ ހުރެ ނާޒް ނުނިކުންނަން އޮތީ ބާވައެވެ. އެހެންކަމުން ނާޒިމް ހޮސްޕިޓަލަށް ދިޔައީވެސް ސައިވެސް ނުބޮއެވެ. ނާޒް އާ ކުރިމަތި ނުލާން ވެގެންނެވެ.
ފާއިޒާ ބަދިގެ ތެރޭ އުޅެނިކޮށް ނާޒް އައިސް ބަދިގެ އަށް ވަނެވެ. ނާޒް ގެ ރޮއިރޮއި ރަތްވެފަ ހުރި ދެލޯ ފެނުމުން ފާއިޒާ ނާޒް އާ ވާހަކަ ދެއްކިއެވެ.
” ދައްތަ ކިތައްފަހަރު ބުނާނީ ތިގޮތަށް ރޮއި ނަހަދާށޭ. ﷲ ރަހުމަތްފުޅުން ނާޒް އަށް ތިއާދެވުނީ ވަރަށް ރަނގަލު އިންސާނެއްގެ ގެއަށް. ދައްތަގެ ހިތެއް ނުބުނޭ ނާޒިމް ދުވަހަކުވެސް ނާޒް މިގެއިން ނެރެ އެއްލާލާނެއެކޭ. ދެން ކީއްކުރަން ނާޒް ރޯންވީކީ ” ނާޒިމްގެ ވާހަކަ ފާއިޒާ ފެށުމުން ނާޒް ރޭގެ މަތިން އަނެއްކާވެސް މާބޮޑައް ހަނދާންވިއެވެ. ނާޒިމް ފެނޭތޯ ދެކޮޅު ހޯދާ ބަލާލެވުނީ އެހެންވެއެވެ.
” މިއަދު ނޭނގެ ކީއްވެކަމެއް. ސައިވެސް ނުބޮއި އެދިޔައީ ހޮސްޕިޓަލަށް ” ނާޒިމް ނެތްކަން އެނގުމުން ނާޒް އަށް ހަމަ ނޭވާ ލެވުނު ކަހަލައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟
” ދައްތާ ރައުލް ސްކޫލަށް ވައްދަނީ ކޮން އިރަކު؟ ” ނާޒް ގަސްތުގަ ނާޒިމް ގެ ވާހަކަ ނުދައްކަންވެގެން މައުލޫ ބަދަލު ކޮށްލިއެވެ.
” އެސޮރުވެސް ދެން ސްކޫލަށް ވަންދަން އުޅެންވީ. ދެއަހަރާ ބައިގަ ދޯ ބޭބީ ނާސަރީ އަށް ވެއްދޭނީ ” ފާއިޒާ ޔަގީން ކޮށްލުމުގެ ގޮތުން ނާޒް ކައިރިން އަހާލިއެވެ.
ނާޒިމް އެއްގެއެއްގަ އުޅުނު ނަމަވެސް ދެދުވަސް ތިންދުވަސް ފާއިތުވެ ދިޔައީ ނާޒިމް އެއްގޮތަކަށްވެސް ނުފެނިއެވެ. ފާއިޒާ ބުނަނީ ނާޒިމް ބިޒީ ކަމުން ގެއަށް ނާންނަނީ ކަމުގައެވެ.
ދުވަސް ފާއިތުވަމުން ގޮސް ތިންމަސް ދުވަސް ފާއިތުވެގެން ދިޔައެވެ. ހުރިހާ ގޮތަކުންވެސް ނާޒް އަކީލް ފަރާތުން މިނިވަން ވީ އެވެ. އެކަން އިނގެނީ ހަމައެކަނި ނާޒް އަށެވެ.
ރޭގަނޑުގެ ވަގުތެވެ. ރައުލް ނިދުމުން ކުރާނެ ކަމެއް ނޯންނާތީ ނާޒް ވަރަށް ފޫހިވެއެވެ. އެހެންކަމުން ކޮޓަރިން ބޭރަށް ނުކުމެ ބެލްކަންޏަށް ނުކުމެލީ ފޫހިވެގެންނެވެ. ފާއިޒާ އަކީ ވެސް ވަރަށް އަވަހަށް ނިދާ މީހެކެވެ.
ނާޒް އަށް އެތާ އިތުރު މީހަކު ހުރި ކަމެއް ކުރިއަކުން ނޭނގެއެވެ. އެނގުނުނަމަ ނާޒް އެތަނަށް ނުވެސް އަންނާނެއެވެ. ކުއްލިއަކަށް ނާޒިމް ފެނުމުން ނާޒް އުޅުނީ އަވަހަށް އެތަނުން ދާށެވެ. އެކަމަކު އޭގެ ކުރިން ނާޒިމް ނާޒް އަށް ގޮވާލިއެވެ.
” ނާޒް މަޑުކޮށްބަލަ. އަހަރެން އެބައޮތް ވާހަކައެއް ބުނަން ” ނާޒިމް އަނެއްކާ ބުނަން އެއުޅެނީ ކޮން ވާހަކަ އެއް ބާވައެވެ. ނާޒު ވަގުތުން ފިނިވިއެވެ. މީހާ ތުރު ތުރު ލާހެންވެސް ނާޒް އަށް ހީވިއެވެ.
” އެރޭ ދިމާވި ކަންތަކަށް އަހަރެން ނިހާޔަތަށް މައާފަށް އެދެން ” ނާޒް އަށް އިސްއުފުލާ ނާޒިމް އަށް ބަލާލެވުނެވެ. އެކަން ހިނގިފަހުން މިހާރު އެތައް ދުވަހެއްވެ ދިޔައީ އެވެ. އެކަމަކު ވެސް ނާޒިމް އަދިވެސް އެކަމާ ވިސްނާކަން އެނގުމުން ނާޒް ހައިރާންވިއެވެ. އަދި އެއަށް ޖަވާބުދޭންވެސް ބޭނުންވިއެވެ. އަނގަހުޅުވާލާފަވެސް ލައްޕާލެވުނީ އެއްޗެކޭ ބުނަން ނުކެރުމުންނެވެ. ދެންވެސް ވާހަކަ ދެއްކީ ނާޒިމް އެވެ.
” ނާޒް ކޮންމެވެސް އެއްޗެކޭ ބުނާނެކަމަށް ވަރަށް އުއްމީދުކުރަން. އައި އެމް ރިއަލީ ސޮރީ ” ނާޒިމް އަނެއްކާވެސް ތަކުރާރު ކޮއްލިއެވެ.
” އެކަމާ އަޅާ ނުލާ. އަހަރެން އެކަން ހަނދާން ނައްތާލިތާ ކިތަންމެ ދުވަހެއް ” ނާޒް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ. އަޑުވެސް ނުކުތީ ކިރިޔާ އެވެ. އަވަހަށް އެތަނުން ދިއުމަށް ނާޒް ހިނގައިގަތެވެ.
” ނާޒް މަޑުކޮށްބަލަ ” ނާޒިމް ބުނަން ބޭނުންވިއެވެ. އެކަމަކު އެހެން ބުނެވުނީ ހިތާ ހިތުންނެވެ. އެއަޑެއް ނާޒް އާ ހަމައަކަށް ނުފޯރިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ނާޒު ބޭނުންވަނީ މިހާރު ވަޒީފާއެއް ހޯދާށެވެ. ކިޔެވީ އޯލެވެލް އާ ހަމައަށް ކަމުން މިޒަމާނަކު ވަޒީފާއެއް ހޯދާކަށްވެސް ފަސޭހައެއް ނުވާނެއެވެ. އެހެންވިޔަސް މަސައްކަތް ކުރުމަކީ އޮންނަ ކަމެކެވެ. އެކަމަކު އެންމެ ކުޑަމިނުން އެއިން ސެޓްފިކެޓް އެއްހާ ހިސާބުވެސް އަތަކު ނެތެވެ. އެހުރިހާ އެއްޗެއް ވާނީ އަކީލް މެންގެ ގޭގައެވެ.
ވަރަށް ހިތްވަރު ކުރުމަށްފަހު ނާޒް އަކީލް މެންގެ ގެއަށް ދިޔައެވެ. ދެތިން ފަހަރަކު ބެލް ޖެހިއިރުވެސް އެކަކުވެސް ދޮރެއް ނުހުޅުވައެވެ. އެމީހުން ކިޔާނެ އެއްޗަކާ މެދު ވިސްނާލުމާއެކު ނާޒް ފިނިވަމުން ދިޔައެވެ. ދޮރު ނުހުޅުވާނެ ކަމަށްބަލާ ހިނގައިގަތްތަނުން ކޮންމެވެސް މީހަކު ދޮރު ހުޅުވިއެވެ. ނާޒްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
( ނުނިމޭ )
One Comment
Comments are closed.
ކުރިމަތީގައި ހުރީ އަކީލް.ހިހީ.ވ ރީތި