ބަދަލުވެ ދިޔަ ހަޔާތް – 3
” ނާޒް އަށް ތިހާލު ޖެހުނު ސަބަބު ކިޔާދެވިދާނެތަ؟ ފާއިޒާ އެދުނެވެ.
ވަގުތުން ނާޒްގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ނާޒް އަށް ގިސްލާ ރޮވެން ފެށިއެވެ. ނާޒްގެ ކޮނޑުމަތީ ފާއިޒާ އަތް ބާއްވާލިއެވެ. އެއާއެކު ނާޒްއަށް ކެތެއް ނުކުރެވުނެވެ. ފާއިޒާގެ ގައިގަ ބައްދާލެވުނީ އަމިއްލަ އިހުތިޔާރަކު ނޫނެވެ. ނާޒް އަކީ ނުދަންނަ ކުއްޖަކަށްވިޔަސް ފާއިޒާގެ ހިތަށްވެސް އަސަރު ކުރިއެވެ.
ފާއިޒާގެ އެހީތެރިކަމާއެކު ނާޒް ކޮޓަރިއަށް ދިޔައެވެ.
” ނާޒް ކިޔާދޭން ބޭނުން ވަގުތަކު ކިޔާދީ. އެކަމަކު އޭގެ ކުރިން ދައްތަ މިކުރާ ސުވާލަށް ޖަވާބުދީ. ނާޒް ވަންނާނެ ގެއެއް މި މާލޭގަ އެބަހުރިތަ؟ ” ނާޒް ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ.
އެންމެ ރަނގަޅު ކަމަށް ބުނެ ފާއިޒާ ނުކުމެގެން ދިޔައީ ސީދާ ނާޒިމް ގާތަށެވެ.
ނާޒިމް ސްޓަޑީ ރޫމްގަ ފޮތެއް ކިޔާލަން އިނެވެ. ފޮތް ކިޔަން އިން ނަމަވެސް ނާޒިމް ގެ ވިސްނުން ދަތުރު ކޮށްފައިވަނީ މުޅިން އެހެން މަންޒިލަކަށެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް ނާޒިމްގެ ހިތްވަނީ ނާޒް އަށް ދެވިފައެވެ. ފާއިޒާ ވަދެ ހުރި ކަމެއްވެސް ނާޒިމް އަކަށް ނޭނގުނެވެ. ފާއިޒާ ދޮރުގަ ދެފަހަރަކު ޓަކި ޖަހާލުމުން ނާޒިމް ސިއްސައިގެން ގޮސް ބަލާލިއެވެ.
” އަނހަ ކީކޭ ދައްތާ. ކަމެއްވީތަ އަނެއްކާ ” ނާޒިމް އަވަސް އަވަހަށް އަހާލިއެވެ.
ފާއިޒާ ދެއްކީ ނާޒްގެ ވާހަކަ އެވެ. ނާޒް ވަންނާނެ ތަނެއް ނެތް ވާހަކަ އެވެ. އިތުރަށް ނާޒް އަށް ވީ ކީއްތޯ އަހާލުމުގެ ޝައުގުވެރިކަން ނާޒިމްގެ ހިތުގަ ވިއެވެ. އެކަމަކު އެވާހަކަ އަމިއްލައަށް ފާއިޒާ ގާތު އަހާލާކަށް ނާޒިމް އަކަށް ނުކެރުނެވެ.
” ދައްތަ އަށް ފެންނަނީ ކިހިނެތް؟ ” ނާޒިމް ބޭނުންވަނީ ނާޒް މަޑުކުރުވާށެވެ. އެކަމަކު އޭގެ ކުރިން ފާއިޒާގެ ހިޔާލު ހޯދުމަކީ އެންމެ މުހިއްމު ކަން ކަމުގައި ނާޒިމް ދެކެއެވެ. ފާއިޒާ އަކީ ނާޒިމްގެ މަންމަ ފަދަ މީހެކެވެ.
” ނާޒް އިނީ ކޮޓަރީ ގައެވެ.
” ނާޒް ދައްތަ މިއައީ ނާޒިމް އާ ވާހަކަ ދައްކާފަ. ނާޒް ގެ އަންނައުނު ތައް ހުންނާނެ އެއްނު ކޮންމެވެސް ތާކު” ފާއިޒާ ގެ ވާހަކަ އަޑުއަހަން ހުރި ނާޒްގެ ކަންފަތުގަ ގުގުމާލީ އަކީލް މަންމަގެ ވިހަ ގަދަ ބަސްތަކެވެ. ގެއިން ނެރެލި ވަގުތު އެންމެ ކުޑަމިނުން ލާނެ ހެދުމެއްހާ ހިސާބު ވެސް ނުގެންދެވޭނެ ކަމަށް ބުނެ ނިކަމެތި ކޮށްލުމަށްފަހު ނެރެލިގޮތް ހަނދާންވުމާއެކު ނާޒް އަށް އެމަންޒަރު ސިފަވަމުން ދިޔައެވެ.
” ދައްތާ. އަހަންނަކަށް ނޭނގެ ތިދައްތަ މެންނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. އެންމެ ކުޑަމިނުން ލާނެ ހެދުމެއްހާ ހިސާބުވެސް އަހަރެންގެ އަތަކުނެތް ” ނާޒް އަށް ރޮވެމުން ދިޔައެވެ. ކުރުގޮތަކަށް ނާޒް ވީ ގޮތް ކިޔާދިން ނަމަވެސް އެމީހުންނަކީ ނާޒްގެ ފިރިމީހާގެ މަންމަ މެން ކަމެއް ނާޒް ނުބުނެއެވެ. ނާޒް ކިޔާދިން ގޮތުން ފާއިޒާ އަށް ވިސްނުނީ ނާޒް މަސައްކަތް ކުރަން ހުރި ގެއިން ނެރެލީ ކަމުގައެވެ. އެކަމަކު ހަގީގަތަކީ މުޅިން އެހެން އެއްޗެކެވެ. އަކީލް މިއަދު ނާޒް އެކަނި ކޮށްލި ނަމަވެސް ނާޒް އަދިވެސް އުއްމީދު ކުރަނީ އަކީލް ކޯސް ނިންމައިގެން އައިސް ހުރިހާ ހަގީގަތެއް އެނގުމުން ނާޒް ހޯދަން އަންނާނެ ކަމުގައެވެ. އެދުވަހަކަށް ނާޒް އިންތިޒާރު ކުރާނެއެވެ. އަކީލް އަކީ ނާޒް ފުރާނަ ފަދައިން ލޯބިވި ފިރިމީހާ އެވެ. އަކީލް އާ އެކު ގެންދިއުމަށް އެދި ނާޒް އެވަރަށް ރުއި މިދުވަސް އަތުވެދާނެ ކަމުގެ ބިރު ނާޒްގެ ހިތުތެރޭ ވުމުންނެވެ. އެކަމަކު އަކީލް އޭނާގެ އާއިލާ އާ ނާޒް ހަވާލު ކޮށްފަ ދިޔައީ އެވަރުގެ ބައެއް ނުތިބޭނެ ކަމަށް ބަލާފައެވެ.
ނާޒްގެ ހިތަށް އަރާ ފައިބަމުން ދިޔަ ހިޔާލްތައް ވިއްސި ވިހާލިވެގެން ދިޔައީ ފާއިޒާގެ އަޑުންނެވެ.
” ނާޒް. ދެން ދެރަނުވޭ. ނާޒް އަށް ބޭނުންވާނެ ހުރިހާ ކަމެއް ދައްތަ ހަމަޖައްސާނަން ” ފާއިޒާ ނުކުމެގެން ދިޔަތަން ބަލަން ހުރި ނާޒް ހިތާހިތުން ނާޒިމް އަށާ ފާއިޒާ އަށް ޝުކުރުވެރި ވިއެވެ.
ހަފުތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ނާޒް ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އެހެން ނަމަވެސް އެކަނިވާ ކޮންމެ ވަގުތަކު އަކީލްގެ ހަނދާންތަކުން ނާޒްގެ ހިތް ރޮއްވާލައެވެ. ނާޒް ގެ ރައްޓެއްސަކަށް ގުޅައިގެން ލިބުނު ނަންބަރަކުން މަންމަ މެންނަށް ގުޅޭތޯ ކުރެވުނު މަސައްކަތް ދިޔައީ ބޭކާރުވަމުންނެވެ. ރަށުގެ އިތުރު މީހަކަށް ގުޅައިގެން އެނގުނު ގޮތުގަ މަންމަމެންވަނީ ބޭބެއާއެކު އިންޑިޔާއަށް ދިރިއުޅުން ބަދަލުކޮށްފަ ކަމެވެ. އެކަމަކު މަންމަމެންނާ ގުޅޭނެ ނަންބަރެއް އަދި އެޑްރެސް އެއްހާ ހިސާބުވެސް ނާޒް އަށް ލިބޭގޮތެއް ނުވިއެވެ.
ކީއްވެކަމެއް ނޭނގެއެވެ. މިހާރަކަށް އައިސް ނާޒް އޭނާގެ މައިންބަފައިން މަތިން ހަނދާންވަނީ މާބޮޑަށެވެ. ވީ ކުޑަ ދުވަސްކޮޅު ތެރޭ ރައުލް އާ ނާޒް އާ ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިއެވެ. ރައުލް ނާޒް އަށް ކިޔާ އުޅެނީ މަންމަ އެވެ. އެކަން ހުއްޓުވަން ނާޒިމް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއެވެ. ނާޒިމްގެ ހިތުގަ ކޮންމެ އެއްޗެއް އޮތް ނަމަވެސް އެކަން ނާޒިމް އަދި އެހެން މީހަކަށް އަންގާކަށް ބޭނުމެއް ނުވެއެވެ. އެހެން ނޫނަސް ނާޒް ގެ ހިތުގަ ވަނީ ކޯޗެއްކަމެއް ނާޒިމް އަކަށް ނުވެސް އިނގެއެވެ.
ހަފުތާ ދެހަފުތާއަށް ވެގެން ދިޔައިރުވެސް ނާޒް އަށް އަދިވެސް ނާޒިމް އާ ކުރިމަތިލާ ވާހަކަ ދައްކާކަށް ނުކެރެއެވެ. ބައެއް ފަހަރު ރައުލް އާ އެއްކޮށް ކުޅެން އުޅޭ އިރު ނާޒިމް ރައުލްގެ ކޮޓަރިއަށް ވަދެ ހަދައެވެ. އެއިން ކޮންމެ ވަގުތަކު ނާޒް ބަލަނީ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދެވޭތޯ އެވެ. ނާޒިމް އަކީ އަބަދުވެސް ބަސްމަދު މީހެއްކަމުން ނާޒިމް އަށް ވެސް ވާ ވަރަކީ ހަމަ އެއީ އެވެ. ދުވަސްވީ ފާއިޒާ އަށް ނާޒިމްގެ ހިތުގަވާ އެއްޗެއް ދެނެ ގަތުމަކީ އުނދަގޫ ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް އެކަން ނޭނގޭ ކަމަށް ހަދައިގެން ފާއިޒާ އުޅެމުން ދިޔައެވެ. ނާޒް އަކީ އަހުލާގީ ގޮތުން ރަނގަޅު ކުއްޖެއްކަން ފާއިޒާ އަށް ގަބޫލު ކުރެވެއެވެ. ނާޒް އަކީ ވަގުތުން ވަގުތަށް ނަމާދު ކުރާ ކުއްޖެކެވެ. ގޭތެރޭގެ ކޮންމެ ކަމެއްގަވެސް ނާޒް ފާއިޒާ އާ އެކު ބައިވެރިވެ އެހީތެރިވެދެއެވެ.
އެހެން ރޭރެއާ ހިލާފަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ރެއެކެވެ. ވިއްސާރަ ވުމުގެ ސަބަބުން ފާއިޒާ ވެސް ރައުލް ނިންދެވުމަށްފަހު ކޮޓަރިއަށް ވަދެ ނިދައިފިއެވެ. އިރުއޮއްސުނީއްސުރެ ވެހެމުން ދިޔަ ވާރޭ އަދިވެސް ތުނިކޮށް ނުލައެވެ. ނާޒިމް އަށް ގެއަށް އާދެވުނު އިރު އަދި ގަޑިން ކިރިޔާ ދިހައެއް ޖަހަނީ އެވެ. އެކަމަކު ގޭތެރެއިން ފެންނަމުން ދަނީ ފަޅުކަމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ.
ނާޒިމް ކޮޓަރިއަށް ދާން ދިޔަ ވަގުތު ކުއްލިއަކަށް އިވެމުން ދިޔަ އަޑުގެ ސަބަބުން އެދިމާލަށް ނާޒިމްގެ ފިޔަވަޅުތައް ބަދަލު ކޮއްލިއެވެ. ގެ ހަދާފަ ވާ ގޮތުން ރައުލްގެ ކޮޓަރި ފިޔަވާ އެހެން ހުރިހާ ކޮޓަރިއެއް ހުންނަނީ ފުރަތަމަ ބުރީގައެވެ. ބެލްކަންޔާ ކައިރިވަމުން ދިޔަ ވަރަކަށް އިވެމުން ދިޔައީ ވާރެއާ އެކުވަމުން އަންނަ މަޑު ގިސްލުމެއްގެ އަޑެވެ. އެއަޑާ ދިމާލަށް ނާޒިމް ހިނގަމުން ދިޔައެވެ.
އެއްފަރާތުގަ ހުރި ތަނބެއްގަ ލެނގިލައިގެން ހުރި ނާޒްގެ ރުއިމުގެ އަޑެވެ. އޭނާގެ ގިސްލުމުގެ އަޑެވެ. ދެއަތުން ހަށަންބަނދެލައިގެން ހުރެ ރޮމުން ދިޔައެވެ. އިރުއިރުކޮޅުން ރުއިމުގެ އަޑު ގަދަވެއެވެ. ނާޒް ހުރި ދިމާލަށް ވިއްސަމުން ދިޔަ ވާރޭ ތިކިތަކުން ނާޒް ތެމެމުން ދިޔައެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ނާޒް ނުވިސްނައެވެ. ނާޒިމް އަށް އެންމެ ފުރަތަމަ ނާޒް ފެނިފައިވަނީ ވެސް ހަމަ އެފަދަ ހާލެއްގަ ވަނިކޮށެވެ. ނާޒްގެ ހިތުގަ އަޅަމުން އެދާ ވޭނަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ނަމައޭ ނާޒިމް ހިތަށް އަރައެވެ. ނާޒްގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަދޭން ނާޒިމް ބޭނުމެވެ. ކިތަންމެ ފަހަރަކު އަމިއްލަ އިހުތިޔާރުން ބޭރުގަ ނާޒިމް އަށް އަތްނެގުނެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އަތްތިރިކޮށްލަނީ ކުރިއަށް ޖެހިލަން ނުކެރިގެންނެވެ.
” އަކީލް. އަހަރެން އަކީލް އާ ނުލާ އުޅޭނީ ކިހިނެތް. އަހަރެން އަކީލް ދެކެ ހާދަ ލޯބިވެއޭ.” މަޑުމަޑުން ރޮވިފައިވާ އަޑަކުން ނާޒް އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ. ނާޒް ވާހަކަ ދެއްކީ ވަރަށް މަޑުން ކަމަށްވުމުން ނާޒިމް އަކަށް މާބޮޑަކަށް ނާޒް ދެއްކި ވާހަކަ އެއް ސާފެއް ނުވިއެވެ. އަޑު އިވޭތޯ ކުޑަކޮށް ކުރިއަށް ޖެހިލި ވަގުތު ޖެހި ގުގުރިއާއެކު ވިދާލި ވިދުވަރުން ނާޒް ސިއްސައިގެން ގޮސް އެނބުރު ވަގުތު ޖެހުނީ ނާޒިމް ގެ މޭމަތީ އެވެ. ނާޒް އަށް އެނބުރިލެވުނުލެއް ބާރުކަމުން އަރިއަޅާލި އެވެ. ނާޒިމް ނުހިފެހެއްޓިނަމަ ނާޒް ވެއްޓުނީސްކަން ގައިމެވެ.
ދެން ޖެހި ގުގުރި އަދި މާބާރެވެ. ނާޒް ގަތްބިރުން ހައްތަހާ ބޮޑައް ނާޒިމް އާ ކައިރިވެލާ ނާޒިމްގެ ގަމީހުގަ ހިފަހައްޓާލިއެވެ. ނާޒް ގަޔާ ކައިރިކޮށްލެވުނީ ނާޒިމް އަށް ބޭއިހުތިޔާރު ގައެވެ. އެއީ ނާޒިމް ގަސްތުގަ ކުރި ކަމެއް ނޫނެވެ.
( ނުނިމޭ )
One Comment
Comments are closed.
ސަޅި